ފަގީރުކަމާއި މުއްސަނދިކަމާ މެދު

ތަރުވާޒު:

ކަލާނގެ ރުއްސެވުން ބޮޑަށް ވަނީ ފަޤީރުންނަށް ހެއްޔެވެ؟ ނުވަތަ މުއްސަނދިންނަށް ހެއްޔެވެ؟

އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ ގުލިސްތާނު ނުވަތަ ”ފިނިފެންމަލުގެ ބަގީޗާ“ މި ފޮތުގެ މިއީ ހަތްވަނަ ބާބުގެ ފަހު ވާހަކައެވެ. ސުވާލުގައި ހިމެނޭ މައްސަލަ ސާފުކޮށްދިނުމަށް، ސަޢުދީ ބޭނުންކޮށްފައިވަނީ ދެމީހެއްގެ ދޭތެރޭ ދެކެވޭ ވާހަކައެވެ. އެކަކީ ދުނިޔޭގެ އެދުންތަކާ ދުރުވެ، ފަގީރުކަން ޚިޔާރުކޮށްގެން، މީހުން ދޭ ތަކެތީން އުޅޭ  ދަރުވޭސީ އެކެވެ. އަނެކަކީ ސަޢުދީ އެވެ. މައްސަލާގައި ދެމީހުން ނެރޭ ހެކިތަކަށް ފަހު، އެމީހުންގެ މައްސަލަ ހައްލުކޮށްދޭތޯ ދަނީ އެންމެ ފަހުން ގާޒީއެއްގެ ކައިރިއަށެވެ.  ސަޢުދީގެ ބަޔާނުގައި ތަރުޖަމާ ކުރަން ދަތި ގިނަ ބައިތުތަކެއް ވެއެވެ. ނަމަވެސް ކޮންމެ ޖުމުލައެއްގައި ވެސް ވަނީ ޙިކްމަތެވެ.

ބޭރުފުށުން ދަރުވޭސީއެއްގެ ސިފަ ޖަހާ، ނަމަވެސް އުޅުމުން އެގޮތް ނުފެންނަ މީހަކު، ޖަމާޢަތެއްގައި ޒުވާބެއް  ފެށީތީ އަހުރެން ދުށީމެވެ. އޭނާ ޝަކުވާތަކެއް ހުށަހަޅައި، މުއްސަނދީންނަށް ނުބައި ބަސް ބުނެއެވެ. އޭނާ ކިޔައެވެ.

 ”އަތްމަތި ދަތިކަމުން އެހެން މީހުންނަށް ރަނގަޅުކޮށް ހިތުމަށް
ދަރުވޭސީންގެ އަތްވަނީ ބަދެވިގެންނެވެ.
ރަނގަޅު ކަންކަންކުރުމުގެ ނިޔަތުގެ ފައި،
މުއްސަނދީން ވިއްޔާ ވަނީ ބިއްދައިގެން ގޮސްފައެވެ.
ދީލަތި މީހުންގެ އަތަކު ފައިސާއެއް ނުހުރެއެވެ.

މުއްސަނދީންގެ ކިބައިގައި ދީލަތިކަމެއް ނުވެއެވެ.“

މުއްސަނދި ގަދަ މީހުންގެ އެހީ ލިބިގެން ބޮޑުވި އަހުރެން، އޭނާގެ މި ބަސްތަކަށް ނުރުހި ބުނީމެވެ: ”މަގޭ ރަނގަޅު ރަޙްމަތްތެރިއާ އެވެ. މުއްސަނދީންނަކީ ފަޤީރުންގެ އާމްދަނީއެވެ. ދަތުރުވެރީންގެ  ކަހަފު ވެއެވެ (ރައްކާތެރިކަން ލިބިގަންނަ ހޮހޮޅަ ފަދަ ތަންތަން ވެއެވެ). މުއްސަނދީންނަކީ އަބްދުލުންގެ (ދުނިޔެއަޅާ އުޅޭ މީހުންގެ) ބަޑަހަ އެވެ. ހާޖީންގެ މަޤްޞަދެވެ. އެމީހުންނަކީ އެހެން މީހުންގެ ސަލާމަތްތެރިކަމަށް ބަރު އުފުލާ ބައެކެވެ. އެމީހުން ޖާފަތްތައް ބާއްވައި، އޭގައި ބައިވެރިވެ، ބަލަދު އަރާމީހުންނާއި ނޯކަރުންނަށް ކާންދެއެވެ. އެމީހުންގެ އޯގާތެރިކަމުން ބާކީވާ ބައި، ހުވަފަތް އަނބީންނާއި މުސްކުޅީންނާއި ތިމާގެ މީހުންނާއި އަވައްޓެރީންނަށް ބަހައެވެ.“

ޒަކާތާއި ވަޢުދުތަކާއި މެހެމާންދާރީ އަށާއި ފަޤީރުންނަށް

ވާރަށާއި ހަދިޔާ އަށާއި ޤުރްބާނީއަށް މުއްސަނދީން ހޭދަކުރަން ޖެހެއެވެ.

ބޭރު އެތައް ފިކުރުތަކަކުން ޣާފިލުވެ ހުރެ، ރަކްޢަތްކޮޅެއް ކުރާ މީހަކަށް

ހެޔޮކަން ކުރުމަށް އެމީހުންގެ ސަފަށް އެރޭނީ ކިހިނަކުން ހެއްޔެވެ؟

ދީލަތިވުމުގައި ފައިދާ ވާނަމަ، އަދި އަޅުކަން ކުރުމުން އުފަކާރައެއް ލިބޭނަމަ، މުއްސަނދީންނަށް އެކަން މޮޅަށް ލިބިގަނެވޭނެއެވެ. ޞަދަގާތްކުރާނޭ ފައިސާ އެމީހުންގެ އަތުގައި ވެއެވެ. އެމީހުންގެ ހެދުންތައް ތާހިރެވެ. ހުރުމަތް ކެނޑޭފަދަ ކަންކަމުން އެމީހުން ދަފަރާ ވެގެން  ވެއެވެ. އަދި ހާސްކަމުން އެމީހުންގެ ހިތްތައް އެކަހެރިވެގެން ވެއެވެ. އަޅުވެރިކަމުގެ މަންފާ ބިނާ ވަނީ ހަލާލު ކެއުމުންނާއި، އަޅުކަން ރީތިވުން ބިނާވަނީ ރީތި ހެދުމުން ކަމަށް ވާނަމަ، ހުސް ބަނޑެއްގެ ކިބައިގައި ބާރެއް ނުވާނެކަން ހާމަވެގެން ވެއެވެ. އަތްމަތި ހުސްނަމަ، ދީލަތި ނުވާނެކަން އެނގެއެވެ. ކަސްތަޅުއެޅުމުން ނުހިގޭނެއެވެ. އަދި ހުސް ބަނޑަކުން ރަނގަޅެއް ނުނިކުންނާނެއެވެ.

މާދަމާގައި ހޭދަކުރާނޭ ފައިސާނެތް މީހާ،
ފިކުރުބޮޑު ހާލުގައި އޭނާ ނިދައެވެ.
ފިނި މޫސުން އަރާމުގައި ހޭދަކުރަން

ހޫނު މޫސުމުގައި ހިނި ކާތަކެތި އެއްކުރެއެވެ.

ފިކުރުބޮޑުކަމުން މިނިވަންވެގެން ވުމާއި ބިކަކަން އެކުވެގެން ނުވެއެވެ. އަދި ފަޤީރުކަމުގައި އަރާމުގައި އުޅުން މުސްތަހީލުވެގެން ވެއެވެ. މުއްސަނދި މީހާ އިރު އޮއްސުމުން އަޅުކަމުގައި ޤަރާރުވެގެން ވެއެވެ. ފަޤީރު މީހާ ރޭގަނޑުގެ ކެއުން ކާނެގޮތާ މެދު ފިކުރުކޮށް ހިނގާ އުޅެއެވެ. އެ ދެމީހުން އެއްގޮތްވާނީ ކިހިނަކުން ހެއްޔެވެ؟

ތަނަވަސްކަން ލިބިގެންވާ މީހާ
އަޅުކަމުގައި މަޝްޣޫލުވެ އުޅެއެވެ.
އެއްޗެއް ނެތް މީހާ، އޭނާގެ ހިތް،

ފިކުރުތަކުން ހާސްވެގެން އުޅެއެވެ.

ފަސޭހަކަމުގައި އަޅުކަން ކުރާ މީހުންގެ އަޅުކަން ޤަބޫލުކުރެއްވުން ގާތެވެ. ސަބަބަކީ، އެމީހުން އަޅުކަން ކުރާއިރު އެކި ކަންކަމަށް ފިކުރު ހިންގުމުގެ ބަދަލުގައި އަޅުކަމަށް ސަމާލުކަން ދޭތީއެވެ. ދެމިހުންނަނިވި ގޮތަކަށް އާމްދަނީ އެއް ލިބެން ފެށުމުން އެމީހުން އަޅުކަމާއިގެން އުޅެތެވެ. ޢަރަބި މީހާ ބުނެއެވެ: ”ފަޤީރުކަމާއި ލޯބިނުވެވޭ އަވަށްޓެރިންގެ ކިބައިން މާތް ﷲ މެދުވެރިކޮށް އަހުރެން ރައްކާތެރިކަން ލިބިގަންނަމެވެ.“ އަދި އެހެން ސުންނަތްވެގެން ބުނުމެއް ވެއެވެ: ”ފަޤީރުކަމަކީ ދެ ދުނިޔޭގެ މޫނު ކަޅުވެގެން ވުމެވެ.“

މިވާހަކަތައް އިއްވުމުން ޖަދަލުކުރާ މީހާ ޖަވާބުގައި ބުންޏެވެ: ”ރަސޫލާގެ މި ވާހަކަ އަޑު އެހިން ހެއްޔެވެ؟ ފަޤީރުކަމަކީ ތިމަން ރަސޫލާގެ ޤަދަރެވެ ”الفقر فخری.“

އަހުރެން ޒުވާބުގައި ބުނީމެވެ. ”ހަމަހިމޭން ވާށެވެ. ދުނިޔޭގެ އަމީރު ފަޤީރުކަމުން އެ އިޝާރާތް ކުރެއްވީ، ހިތް ހަމަ ނުޖެހުނު ކަމުގައި ވިއަސް ތަބާވާންޖެހޭ މައިދާނުގައި ހަނގުރާމަވެރިން އެމީހުންގެ ތަޤްދީރަށް ކެތްތެރިވާ ވުމަށެވެ. އަދި ނަޞީބުގެ ތީރަށް ތަބާވުމަށެވެ. އެއީ އަކީ ފޮތިމަތީ ފޮތި އެޅި ރަނގަޅުކަމުގެ ލިބާސްލައިގެން ސަލާންޖެހުމުން ލިބޭ ކާއެތިކޮޅު ވިއްކާ މީހުންގެ ވާހަކައެއް ނޫނެވެ.

އޭ ގަދަ އަޑު ކިޔާ ހުސް ބެރާއެވެ.
ދަތިކަމުގެ ޙާލަތު އައުމުން،
އަތްމަތި ހުސްނަމަ

ތިބާކުރާނީ ކޮންކަމެއް ހެއްޔެވެ؟

ތިބާއީ ފިރިހެނެއް ނަމަ، ތިބާގެ ދަހިކަމުގެ މޫނު، އާދަމުގެ ދަރީންގެ ކުރިމަތިން އެއްކާރިކުރާށެވެ.

އެއްހާސް މިނާފުއް ހިމެނޭ ތިބާގެ އަތުގައިވާ ތަސްބީހައަށް ބަރޯސާ ނުވާށެވެ.

ކަލާނގެ މައުރިފާ ނުވާ ދަރުވޭސީ، އޭނާގެ ފަޤީރުކަން ކާފިރުކަމަށް އަރަންދެން އަރާމެއް ނުކުރެއެވެ. އެހެނީ ފަޤީރުކަމަކީ ގާތްގަޑަކަށް ކާފިރުކަމެވެ. ފައިސާ ނެތްނަމަ، އޮރިޔާން މީހަކު އޮރިޔާން ނިވާކުރާނީ ކިހިނަކުން ހެއްޔެވެ؟ އެފަދަ ފަރާތަކަށް އަސީރަކު މިނިވަނެއް ނުކުރެވޭނެއެވެ. އަހުރެމެން ފަދަ މީހުން، އެފަދަ މީހުންގެ ދަރަޖަ ލިބިގަންނާނީ ކިހިނަކުން ހެއްޔެވެ؟ ލިބިގަންނަ އަތް، ދޭ އަތާ އެއްވަރުވާނީ ކިހިނަކުން ހެއްޔެވެ؟ މަތިވެރި ކީރިތި ކަލާނގެ ބަސްފުޅުގައި ސުވަރުގޭގެ އުފާތަކާ ބެހޭ ގޮތުން ވޭ ނޫ ހެއްޔެވެ؟ — އެމީހުންނަށްޓަކައި ސުވަރުގޭގައި ޚާއްޞަ ނިޢުމަތެއް ވެއެވެ — އެއީ ކެއުން ބުޔުމުގެ މިންވަރު ހަމައެކަނި ހޯދުމަށް އުޅޭ މީހުން ތަޤްވާވެރިކަމުގެ ނިޢުމަތުން ދުރުވެގެންވާ ކަން އެންގުމަށެވެ. ހިތް ލުއިވުމުގެ ވެރިކަން ވަނީ، ޔަޤީން ރޯދީގެ ދާއިރާގެ ތެރޭގައެވެ.

ކަރުހިއްކައިގަތުމުގައި ނިދާ މީހާ،

މުޅި ދުނިޔެއަށް ބަލަނީ ފެން އާރަކަށް ބަލާ ގޮތަށެވެ.

ތިބާ ބަލާލި ކޮންމެ ދިމާއަކުން ފެންނާނީ ފަޤީރުކަން ތަޖުރިބާކޮށް، ހިތިކަމުގެ ރަހަ ބެލި މީހުން ބިރެއް ނެތި ތަފާތު ނުރައްކަލުގެ ތެރެއަށް ފުއްމާލާ، އެކަންކަމުގެ ނަތީޖާއާ ކުރިމަތިލާތަނެވެ. އެމީހުން ޔަޒީދުގެ އަދަބަކަށް ބިރެއް ނުގަނެއެވެ. ހަރާމެއް ހަލާލެއް ނުބަލައެވެ.

ކިސަޑުގަޑެއް ކުއްތާގެ ބޮލުގައި ޖެހުމުން
މަސްކަށިގަނޑެއް ކަމަށް ހީކޮށް އުފަލުން ފުމެ އަރައެވެ.
އަދި ދެ މީހަކު ވެގެން ޤަބުރެއް ކޮނޑުގައި ގެންދާއިރު،

ދަހި މީހަކު ހީކުރާނީ އެއީ ކާނާ އެތުރި މޭޒެއް ކަމަށެވެ.

ތަނަވަސްކަމުގެ މިލްކުވެރިޔާ އާ މެދު ކަލާނގެ ބައްަލަވަނީ ރުއްސެވުމާ އެކުއެވެ. އެއީ އޭނާ ކޮށްފައިވާ ރަނގަޅު ކަންތައްތަކުގެ ސަބަބުންނާއި ޙަރާމް ކަންތައްތަކުން އެއްކިބާވެފައި ވާތީއެވެ. އަހުރެން މި މައްސަލަ މުޅިއަކުން ބަޔާނެއް ނުކުރަމެވެ. އަދި ވަކި ދަލީލުތަކެއް ނުގެންނަމެވެ. އަހުރެން މި ބަރޯސާކުރަނީ، ތިބާގެ ކިބައިގައިވާ އަދުލުވެރިކަމަށެވެ. ބުނެބަލާށެވެ. ސަލާން ޖަހާ މީހަކު، އޭނާގެ އަތް މުލައްދަނޑިއާ އެކު ބެދެވިފައިވާތީ ކަލޭ ދުށިންނެވެ. ފަގީރު މީހަކު ހުރަގޭގައި ވާތީ ދުށިން ހެއްޔެވެ؟ މަޢުޞޫމްކަމުގެ ފަރުދާ އިރާލެވިފައިވާތީ ދުށިންނެވެ. ވަގު އަތެއް ބުރިކޮށްފައިވާތީ ދުށިން ހެއްޔެވެ؟ މިކަންކަން މިވަނީ ފަގީރުކަމުން ނޫން ހެއްޔެވެ؟  މުއްސަނދީން މިކަންކަމުގައި ވާތީ ކަލޭ ދުށިން ހެއްޔެވެ؟ ސިންގާގެ ކެރުން ހުރި، ފަގީރު މީހުން، ގެއިން ވައްކަން ކުރަން ހޮހޮޅަ ކޮނެގެން އުޅެނިކޮށް ހިފި، ފައި ތޮރުވިފައިވާތީ ނުދެކެން ހެއްޔެވެ؟ ދަރުވޭސީން ވެސް، އޭނާގެ ޝަހްވަތް ގަދަވެގެން ނުހިފެހެއްޓި ހުތުރު ކަމެއް ކޮށްފާނެއެވެ. އެއީ ޝަހުވަތާއި ބަނޑާ ވަނީ ގުޅިފައެވެ. އެއީ އެއްބަނޑު އެއްބަފާ ދެބެންނެވެ. މިބުނީ އެއީ އެއްބަނޑުން ވިހޭ ދަރިން ކަމަށެވެ. އެއް ކަމެއް ފުދިފައިވާ ނަމަ، އަނެއް ކަމެއްވަނީ ފުދިގެންނެވެ. އެއް ފަހަރަކު ދަރުވޭސީއެއް ޒުވާނަކާ އެކު ހުތުރުކަމެއް ކޮށްގެން، އޭނާ ފަޟީހަތްކޮށްފިއެވެ. އެއަށް ފަހު އޮއްގަލުން ތަޅާ މަރާލާފާނެތީ، އޭނާ ބުންޏެވެ: ”އަތްބަކު ގެންގުޅޭނެހާ ބާރެއް އަހުރެންގެ ނުވެއެވެ. އަދި ކެތްތެރިވާނޭ ހިތްވަރެއް ނެތެވެ. ދެން އެހެންވީމާ އަހުރެން ކުރާނީ ކީއްހެއްޔެވެ؟ لاَ رَهْبَانِيَّةَ فِي الإِسْلاَمِ. އިސްލާމް ދީނުގައި، ދުނިޔޭގެ އުފައުތަކުން އެކަހެރިވެގެން އުޅުމެއް ނެތެވެ.“

މުއްސަނދި މީހުންގެ ކިބައިގައި ހިތްހަމަ ޖެހުމާއި ހަމަހިމޭންކަން ވަނީ، އެމީހުން ކޮންމެ ރެޔަކު ވަކި ލޯބިވެރިއެއް އަތްދަނޑި މަތީ ބާއްވައި، ކޮންމެ ދުވަހަކު، ހެނދުނުގެ އިރަށް ވުރެ އުޖާލާ  ކުއްޖެއްގެ މަތިން ޚިޔާލުކުރާތީ އެވެ. މި ކުދީންގެ ރީތިކަމުން، ހިނގަހިނގާ ހުރި ސަރޫގަހުގެ ފައިތައް ލަދުން ފިލައެވެ

[ދެން އޮތް ތިން ބައިތު ތަރުޖަމާ ނުކޮށް ދޫކޮށްލަމެވެ.]

މީހެއްގެ ކުރިމަތީގައި، އޭނާ އަށް މީރު ތާޒާ ކަދުރު ހުރިނަމަ،

ގަހުގައިވާ ކަދުރު ކޯޅިތަކަށް ގައު އުކުމުގެ ބޭނުމެއް ނޯންނާނެ އެވެ.

ހުތުރު ޢަމަލުތައް ކުރަންޖެހި، އަތްމަތި ހުސްމީހުން، ޤަދަރުވެރިކަމުގެ ފަސްބައި، ހަޑިކުރެއެވެ.

ބަނޑުފައި ގަނެފައިވާ މީހުން ރޮށި ވަގަށް ނަގައެވެ.

ރުޅީ ގަދަ ކުއްތާއަކަށް މަސްތަކެއް ފެނުމުން،

އެއީ ޞާލިޙުގެ ޖަމަލުގެ މަސްކަމެއް ނުވަތަ ދައްޖާލުގެ ހިމާރުގެ މަސްކަމެއް ނުބަލައެވެ.

އެމީހުންގެ އަގުބޮޑު ޝަރަފު، ބޭހުރުމަތުގެ ވަޔަށް އެއްލާލަމުން، ފަގީރުކަމުގެ ސަބަބުން

ކިތަށް އަބުރުވެރި އަންހެނުން، ހުތުރު ޢަމަލުތަކުގެ ތެރެއަށް ސޮއްސާލާ ހެއްޔެވެ؟

ހާންތިވުމުން ޝަހުވަތުން ދުރުވުމުގެ ހިތްވަރު ދެރަވެއެވެ.

ތަޤްވާވެރިކަމުގެ އަތުން، ފަޤީރުކަން ލަގަން ދަމައިގަނެއެވެ.

——————-

.

އަހުރެން މިގޮތަށް ޒުވާބުދިނުމުން، ދަރުވޭސީގެ އަތުން ކެތްތެރިކަމުގެ ލަގަން ދޫވެ، ދުލުގެ ކަނޑި ދަމައިގަނެ، އެއްޗެތި ކިޔުމުގެ ދަނޑުގައި ބަލާޣަތުގެ އަސް ދުއްވަން ފަށައިފިއެވެ. އޭނާ ބުންޏެވެ:

”މުއްސަނދީންނަށް މަދަހަ ކިޔުމުގައި ތިބާ ހައްދުފަހަނައަޅައި ގޮސްފިއެވެ. ތިބާ ދެއްކި ތާކުންތާކު ނުޖެހޭ ވާހަކަ އަކީ ފަގީރުކަމަށް ޕާދުޒަހަރެއް ކަމަށް މީހުންނަށް ހީވާވަރަށް ނުވަތަ ކޮށާރުގެ ތަޅުދަނޑިކަމަށް ހީވާ ވަރަށް އެމީހުންނަށް ގަދަރުދީފިއެވެ. ޙަޤީޤަތަކީ، އެއީ ބޮޑާކަމާއި ކިބުރުވެރިކަމާއި ނޭއްދާރު ބައެކެވެ. އެމީހުންގެ މަޤްޞަދަކީ، މުދަލާއި ބިން ބައްކުރުމެވެ. އެމީހުންވަނީ ޤަދަރާއި ތަނަވަސްކަމަށް ކަރުހިއްކައިގެންފައެވެ. ބޭހުރުމަތާއެކު ނޫނީ، އެމީހުންނެއް ނިކަމެތީންނަކާ ވާހަކައެއް ނުދައްކައެވެ. އަދި ނުރުހުންތެރިކަމާ އެކު ނޫނީ ފަގީރުންނަށް ނުބަލައެވެ. އެމީހުން ދެކެނީ ޢިލްމުވެރީންނަކީ، ސަލާންޖަހާ ބައެއް ކަމަށެވެ. އެމީހުންނަަށް ލިބިގެންވާ ފާގަތިކަން ނެތީތީވެ، ނިކަމެތީންނަށް އިހާނަތްތެރިކޮށް ހިތައެވެ. އެންމެ އުސް ގޮނޑީގައި އިށީދެ އެހެން އެންމެންނަކީ އެމީހުންނަށް ވުރެ ދެރަބައެއް ކަމަށް ހީކުރަތެވެ. އޯގާތެރިކަމެއް އެއްވެސް މީހަކަށް މުއްސަނދީންނެއް ނުބަހައްޓައެވެ. އަދި ޙިކްމަތްތެރީންގެ މި ބަހަށް އެމީހުން ޣާފިލުވެފައި ވެއެވެ:

ތަޤްވާވެރިކަމުގައި ދަށް، މުއްސަނދިކަމުގައި މަތީ މީހަކީ
ބޭރު ފުށުން ވަރުގަދަ މީހެއް ކަމުގައި ފެނުނަސް، ޙަޤީޤަތުގައި އަތްމަތި ހުސް މީހެކެވެ.
ފައިސާގެ ސަބަބުން، ޙިކްމަތްތެރިއަކަށް ވުރެ ސާދާގަރަކު ބޮޑާ ވެ،

ފިރިހެން ގެރިއެއްގެ ވަސްދުވިއަސް އެއީ ހިމާރެއްގެ ފޫކޮޅު ކަމަށް ދެކޭށެވެ.

އަހުރެން ޖަވާބުގައި ބުނީމެވެ: ”އެމީހުންނަކީ ދީލަތިކަން ލިބިގެން ވާ މީހުންނެވެ. އެހެންވީމާ، އެމީހުންނަށް އިހާނަތްތެރި ބަސްބުނުމީ ހުއްދަވެގެންވާ ކަމެއް ކަމަށް ނުދެކޭށެވެ.“

އޭނާ ޖަވާބު ދިނެވެ:”ތިބާއަށް ވަނީ އޮޅިފައެވެ. އެމީހުންނަކީ ފައިސާގެ އަޅުންނެވެ. އެމީހުން ފަދަ، ވާރޭ ނުވެހޭ ބޯ ވިލާގަނޑެއްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އަދި އިރު ފަދަ ނޫރެއް ލިބި، އެއްވެސް ބަޔަކަށް އަލިނުކުރާ ބައެއްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެމީހުންވަނީ ކެރިފޯރުމުގެ ފިރިހެން އަހަށް ސަވާރުވެގެންނެވެ. ނަމަވެސް އޭގެ ބޭނުމެއް ނުކުރެއެވެ. ކަލާނގެ އަށް ޓަކައި އެމީހުން އެންމެ ފިޔަވަޅެއް ވެސް ހެލި ނުލާނެއެވެ. އަދި އިހާނަތެއް މަސައްކަތެއް ނުކުރުވާ އެންމެ ދިރުހަމެއް ވެސް ނުދޭނެއެވެ. ދަތިކަމާއެކު އެމީހުން މުދައު އެއްކުރެއެވެ. ދަހިވެތިކަމާއެކު އެއަށް ފާރަލައެވެ. އަދި ނުރުހުންތެރިކަމާ އެކު ނޫނީ އެއާ ވަތްކެއް ނުވެއެވެ. އެއީ ބުއްދިވެރި މީހުން މިހެން ބުނާ ފަދައިންނެވެ:

ބަޚީލު މީހެއްގެ ރިހި، އޭނާ ބިމުގެ އަޑިއަށް ދިއުމުން (މަރުވުމުން)،
އެ ރިހި ބިމުން އަރާނެއެވެ.
އުނދަގުލާއި މަސައްކަތުން އެކަކު މުދައު އެއްކުރެއެވެ.

އަދި އިތުރަށް އަންނަ ނަމަ، ދެކަމާ ނުލައި އޭނާ އެ ނަގައިގަނެއެވެ.“

އަހުރެން ޖަވާބުގައި ބުނީމެވެ: ”ސަލާން ޖެހުމުން ނޫނީ ތިބާއަށް، މުއްސަނދީންގެ ތަދުކަން (މުއްސަނދި މީހުންގެ މަދުކަން) ނުއެއް އެނގޭނެއެވެ. އަމިއްލަ އެދުމެއް ނެތީވިއްޔާ، ދަހި މީހަކާއި ދީލަތި މީހެއް ވާނީ އެއްވަރެވެ. ރަންތޯ ރިހިތޯ ބަލަން ގާނާ ހިލަގަނޑަށް ނޫނީ، ރަންކަމެއް ނޭނގޭނެއެވެ. ދަހި މީހުން އެނގޭނީ ސަލާން ޖަހާ މީހުންނަށެވެ.“

އޭނާ އިޖާބަ ދިނެވެ: ”އަހުރެން މި ވާހަކަ ދައްކަނީ ތަޖުރިބާއިންނެވެ. އެމީހުން ގޭ ދޮރުވާނުންނަށް ބޭއަދަބީ ގޮތެއްފޮތެއް ނެތް މީހުން ބައިތިއްބައި، ރަނގަޅު މީހުން ވަނަ ނުދެއެވެ. އަޅުވެރި ރަނގަޅު މީހުންނަށް ގައިގައި ދޮރުވާނުން ހަރުކަށި އަތް ބާއްވައި ބުނެއެވެ، ‘މިގޭގައި އެއްވެސް މީހަކު ނޫޅެއެވެ.’ މިއީ އެމީހުން ތެދުކަމަށް ދައްކާ ވާހަކައެވެ.“

މަޤްޞަދެއް ޚިޔާލެއް ރޭވުމެއް ފިކުރެއް ނެތް މީހަކާ މެދު

އަބުރުވެރިކަމާ އެކު ދޮރުވާނު ބުންޏެވެ: ”ގޭގައި އެއްވެސް މީހަކު ނުވެއެވެ.“

– – – – – –

އަހުރެން މިއަށް ޖަވާބު ދިނުމުގެ ގޮތުން ބުނީ އެއީ މަޢާފުކުރެވޭ ވަރުގެ ކަމެއް ކަމަށެވެ. މުއްސަނދީން ވަނީ ކަންކަމަށް އެދި އަންނަ މީހުންގެ ގިނަ ކަމުން، ނޮހޮރުއްޕާން ވެފައެވެ. ސަލާން ޖަހާ މީހުންގެ ސަބަބުން ދިރިއުޅުން އަހުވައަކަށް ވެފައެވެ. މިހުރިހާ ސަލާން ޖަހާ މީހުންގެ އެދުންތައް، ސަހަރާގެ ކޮންމެ ވެލިފުކަކީ ރަންމުތަކަށް ވީ ނަމަވެސް، ނުފުއްދޭނެކަން ހަމަ ވިސްނޭ ކޮންމެ މީހަކަށް އެނގޭނެއެވެ.

ޝަބްނަމްގެ ތިކިތަކުން ވެވެއް ނުފުރޭ ފަދައިން،

މުއްސަނދީގެން ދަހިކަމުގެ ލޮލެއް ނުފުރޭނެއެވެ.

ޙާޠިމް ތާއީ (ވަރަށް ދީލަތި މީހެއް) އުޅުނީ ސަހަރާގައެވެ.

އޭނާ ސަހަރެއްގެ ދިރިއުޅުނު ނަމަ، ސަލާންޖަހާ މީހުންގެ އުނދަގުލުން ސަލާމަތެއް ނުވީހެވެ.

ތައިޔަތު ގައި އަންނަނިވިގޮތަށް ބަޔާންވާ ފަދައިން، އޭނާގެ ގަމީސް އެ ސަލާންޖަހާ މީހުން ދަމައި އިރާ ހަދާނެއެވެ:
އެހެން މީހުންގެ އެދުންތައް ފުއްދާދޭ މީހެއްގެ ފަދައިން، އަހުރެންނަށް ނުބަލާށެވެ.

ފަޤީރެއްގެ އަތުން ލިބޭނޭ އިނާމެއް އިމްތިޔާޒެއް ނޯންނާނެއެވެ.

– —————————-

ދަރުވޭސީ ބުންޏެވެ: ”އެމީހުންގެ ޙާލަތާ މެދު އަހުރެން ސަހަރޯވެރިވަމެވެ.“

އަހުރެން ޖަވާބުގައި ބުނީމެވެ: ”ނޫނެކެވެ. ތިބާ އެމީހުންގެ މުދަލާ ދޭތެރޭ ހަސަދަވެރި ވަނީއެވެ.“

މިގޮތުގެ މަތިން އަހުރެމެން އެކަކު ބުނާ އެއްޗަކަށް އަނެކަކު ވިއްދައި ޒުވާބެއް ނެރެމުން ދިޔައީމެވެ. އޭނާ ކުރިއަށް ޖައްސާ ކޮންމެ މަނަލަކަށް އަހުރެން މަގު ބަންދުކޮށް، ބޮނދަށް ސައިކިޔާ ކޮންމެ ފަހަރަކު، މަންތިރިިން އެ ދިފާޢުކޮށް އޭނާގެ އަތުގައިވާ ފައިސާ ހުސްވަންދެން ޖުވާ ކުޅެ، ގޮށީގައިވާ ހުރިހާ ތީރެއް ޖަހައި، މިއަރައިރުމުގައި، ހުސްކޮށްފިއެވެ.

ވިސްނާށެވެ! ވާހަކަ ދެއްކުން ތެރިއަކު ހަމަލާ ދިނުމުން
އައްޑަނަ އެއްލައިނުލާށެވެ.އޭނާގެ ކިބައިގައި،

ދެއްކުންތެރި ބަލާޣަތް ނޫން އެހެން އެއްޗެއް ނުވެއެވެ.

ތިބާގެ ދީނާއި މަޢުރިފާ ހާމަ ކުރާށެވެ.
ސުޖާއިން ވާހަކަ ދައްކާ ވާއިޒަކު ދޮރޯށި ކައިރީގައި ހަތިޔާރުތައް ދައްކައެވެ.

ނަމަވެސް ކިއްލާގައި އެއްވެސް މީހަކު ނޫޅެއެވެ.

އެންމެ ފަހުން އޭނާއަށް ޖަދަލުގައި ބުނާނޭ އެއްޗެއް ނެތި ހުސްވެއްޖެއެވެ. މިގޮތުގެ މަތިން ބަލިވުމުން، ހަމަ ނުޖެހޭ ވާހަކަ، މިފަދަ ތަންދޮރު ނޭނގޭ މީހުން ކަން ކުރާ ފަދައިން، ދައްކަން ފަށައިފިއެވެ. އެއީ ހުށަހަޅާ ބުރުހާނަށް ދައްކާނޭ ދަލީލެއް، ވާހަކައެއް ނޭނގުމުންކުރާ ކަމެކެވެ. ބުދުހަދާ އާޒިރަށް ފިރިހެން ދަރިފުޅު ދައްކާ ހުއްޖަތަށް ޖަވާބު ދެވެން ނެތުމުން، ދެކޮޅުވެރިކަމުގެ ހިލިހިލާގަނޑު ތަޅުވާ ފަދައިންނެވެ. އެންމެ ފަހުން އާޒިރު ދަރިފުޅާ ތިމާއަށް ބުނީ ތިބާ އަހުރެން ބުނާގޮތް ނުހަދައިފިނަމަ، ހިލައިން ތަޅާ މަރާނޭ ކަމަށެވެ. އޭނާ އަހުރެންނަށް އިހާނަތްތެރިކޮށް ހިތިއެވެ. އަހުރެން އޭނާއާ ހަރުކޮށް ވާހަކަ ދެއްކީމެވެ. އޭނާ އަހުރެންގެ ގިރުވާނުގައި ހިފިއެވެ. އަހުރެން އޭނާގެ ދަތްދޮޅިދަށުގައިވާ ޖީބުގައި ހިފީމެވެ.  އޭނާ އަހުރެންގެ ގައި މައްޗަށް ވެއްޓިގަތެވެ. އަހުރެން ވެސް އެހެން ހެދީމެވެ.މީހުންގަނޑު އަހުރެމެންގެ ފަހަތުން ހެމުން ދުވެ އާދެއެވެ.ދުނިޔޭގެ އާސޯޚުވުމުގެ އިނގިލި ދަތްތަކުގެ މަތީގައި، އަހުރެމެން ބުނިއަދި އަޑު އެހި އެއްޗަކުން އެޅުނެވެ.

 – – – – –  –

އަހުރެމެން އެންމެ ފަހުން ނިންމީ މި މައްސަލައިގައި ގޮތެއް ނިންމުމަށް މުސްލިމުންގެ ގާޒީއެއްގެ ކައިރިއަށް ގޮސް އޭނާ ކޮންމެ ގޮތަކަށް މައްސަލަ ނިންމިއަސް އެގޮތަކަށް ރުހި އެއްބަަސްވުމަށެވެ. ގާޒީ މައްސަލައިގައި ފައިސަލާކޮށް މުއްސަނދި މީހަކާއި ފަޤީރަކާ ހުރި ތަފާތާ މެދު މިކުރެވޭ އަޑުލުން ހިމޭންކުރާނީއެވެ. މިގޮތަށް ރާވައި، ގާޒީގެ ކައިރިއަށް ދިއުމުން، އޭނާ އަހުރެމެންގެ ހާލަތު ދެކި، ޖަދަލުގައި ދެފަރާތުން ދައްކާ ހުއްޖަތްތައް އަޑުއަހައި، ގިރުވާނުގެ ތެރެއަށް ބޯބާނައި އިރުކޮޅެއް ވަންދެން ފިކުރު ހިންގައި އެންމެ ފަހުން އަހުރެންނަށް ބުންޏެވެ:  ”ކަލޭމެންނޭވެެ. މުއްސަނދީންނަށް މާތް ބަސްތައް ބުނެ، އިހާނަތްތެރި ބަސްތައް ދަރުވޭސީންނަށް ބުނެ ހެދި މީހުންނޭވެ. ކަލޭމެނަށް އެނގެން ޖެހޭ އެއްޗަކީ، ފިނިިފެންމާ ހުންނަ ތަނަކު ކަށިވެސް ހުންނާނޭ ކަމެވެ. އަދި، ރަލާއި ގުޅިގެން މަސްތުވުން ވާކަމެވެ. ހަޒާނާތައް ބަލަހައްޓާނީ ހަރުފަކަމެވެ. އަދި ރަން މުތް ހުންނަ ވިލެއްގައި، މީހުން ކާލާނެހާ ބޮޑެތި މިޔަރު އުޅޭނޭ ކަމެވެ. ދުނިޔޭގެ އުފާތައް ނިންމާ އެއްޗަކީ މަރުގެ ކަށިކަމެވެ. އަދި މަކަރުވެރި ސައިތާނުން، ސުވަރުގޭގެ އުފާތަކަށް ހުރަސްއަޅާނޭ ކަމެވެ. ރަޙުމްގެ ވެރި ފަރާތް ހޯދާ މީހާއާ ހަމައަށް ހަތުރެއްގެ އަނިޔާވެރިކަން ނުފޯރުމުން ކުރާނީ ކީއްހެއްޔެވެ؟ހަޒާނާ އާއި ހަރުފައާއި ފިނިފެންމަލާއި ކައްޓާއި ހިތާމައާއި އުފާވެރިކަން ވަނީ ގުޅިފައެވެ.

ބަގީޗާގެ ތެރޭގައި މީރުވަސް ދުވާ ބޮކަރާއި އެކު، ފީ ހޯލި ހުއްޓާ ނުދެކެން ހެއްޔެވެ؟ހަމަ އެފަދައިން، މުއްސަނދީންގެ ތެރޭގައި، ޝުކުރުވެރި މީހުންނާއި ލާދީނީ މީހުން އުޅެއެވެ.އަދި ހަމަ އެފަދައިން، ދަރުވޭސީގެން ބުރުގައި، ކެތްތެރި މީހުންނާ ކެތް ނެތް މީހުން އުޅެއެވެ. ޝަބްނަމްގެ ކޮންމެ ތިއްކެއް މުތަކަށް ވާނަމަ،ބާޒާރުވާނީ ނާށިހެން މުތުން  ފުރިގެންނެވެ. އެންމެ މަތިވެރި ކީރިތި ފަރާތުގެ ގާތުގައިވަނީ، ދަރުވޭސީންގެ ޚުލްޤުހުރި މުއްސަނދީންނެވެ.އަދި މުއްސަނދީންގެ ޚިޔާލުހުރި ދަރުވޭސީންނެވެ.މުއްސަނދީގެން ތެރެއިން އެންމެ މަތިވެރި މީހަކީ، ދަރުވޭސީންނަށް ހަމްދަރުދީ ވާ މީހާއެވެ. އަދި ދަރުވޭސީންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ، އެންމެ މަދުން މުއްސަނދީންނަށް ބަލާ މީހާއެވެ.ﷲ އަށް ވަކީލުކުރާ މީހާއަަށް، އެކަލާނގެ އެހީތެރިކަން ފުދިގެން ވެއެވެ.“. . . . . .

މިހެން ބުނެ ގާޒީ އޭނާގެ ހިތްހަމަ ނުޖެހުމުގެ މޫނު އަހުރެންނާ ދިމާއިން ދަރުވޭސީ އާ ދިމާލަށް އަނބުރައި ބުންޏެވެ:  ”މުއްސަނދީންވަނީ ނުބައި ނުލަފައި ކަމުގައި މަސްޣޫލުވެގެން ކަމަށް، އުފާތަކުން މަސްތުވެގެން ކަމަށް ތުހުމަތު ކުރާ މީހާއެވެ. ބައެއް މީހުންނީ ތިބާ ބުނި ފަދަ، އުނި  ފިކުރުތަކުގެ މީހުންނެވެ. އަދި ލިބިފައިވާ ނިޢުމަތްތަކަށް ނާޝުކުރުވެރި މީހުންނެވެ. ބައެއް ފަހަރު އެމީހުން މުދާ ބައްކޮށް، މީހުންނަށް ނުދީ ކައި އުޅެއެވެ. މިސާލެއްގެ ގޮތުން، ވާރޭ ނުވެހި ނުވަތަ ފެންބޮޑު ވެއްޖެ ނަމަ، އެމީހުންގެ އަމިއްލަ ބާރަށް ވަކީލުކޮށް، ދަރުވޭސީގެން ނިކަމެތިކަމަށް އަޅަައެއް ނުލާނެއެވެ. ﷲ އަށް ބިރެއް ނެތި އެމީހުން ބުނާނެއެވެ:

އިތުރު މީހަކު، ކާން ނުލިބިގެން މަރުވެއްޖެ ކަމަކު
އަހުރެންނަށް ކާނާއިން ބައެއް ލިބިގެން ވެއެވެ.
ފެން ބޮޑުވުމަކުން އަސްދޫންޏަކަށް

ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟

ކީމިޔާގައި އިނދެ ޖަމަލުގައި ދަތުރުކުރާ އަންހެން މީހާ،

ސަނާގެ ވެލިގަނޑަށް ގަނބައިގަންނަ މީހުންނަށް ހުންނާނީ ކޮން ފަރުވާލެއް ހެއްޔެވެ؟

ގޮތްނެތް މީހުން، އެމީހުންގެ ރަޖާ ގަނޑު ފޮރުވައި ބުނެއެވެ.

އިންސާނީ ދަރިފަސްކޮޅު ނެތުމުން ވާނީ ކީއްހެއްޔެވެ؟

 – –  – – – – – –

ތިބާ ތި ބުނި ވައްތަރުގެ މީހުން ދުނިޔޭގައި އުޅެއެވެ. އަދި އެމީހުންނާ ތަފާތު، ދީލަތިކަމުގެ ސުފުރާ ފަތުރައި، ތިޔާގިކަމުގެ މުށް ހުޅުވާލައި، ﷲ ގެ ޢަފޫކުރެއްވުމާއި ރީތިނަން ހޯދަން އެދޭ މީހުން އުޅެއެވެ. އެމީހުންނީ މި ދުނިޔެއާއި ޖެހިގެން އޮތް ދުނިޔެ ލިބިގެންވާ މީހުންނެވެ. އެއީ މިހާރުގެ ރަދުން، ޕާދުޝާހުގެ ރައްޔިތުން ފަދައިންނެވެ. އެ ރަދުންނަކީ، ﷲ ގެ ރަހްމަތްފުޅުގެ އެހީ ލިބިގެންވާ، ޤައުމުތައް ފަތަޙަކުރައްވާ، އެކިއެކި ޤަުއުމުތަކުގެ މައްޗަށް އަމުރު ހިއްގަވާ، އިސްލާމުންގެ ސަރަޙައްދު ދިފާޢުކުރައްވާ، ސުލޭމާނުގެފާނުންގެ ރަސްކަން ވާރުތަވެގެންވާ، ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން މި ހިނދު އެންމެ ކީރިތި، މުޒައްފަރު ވަައްދީނު އަތާބަކު އަބޫބަކުރު ސަޢުދު ބިން ޒަންގީ އެވެ. މާތް ﷲ އޭނާގެ ދުވަސްތައް ގިނަކުރައްވައި، އޭނާގެ ހަނގުރާމައިގެ ދިދަތަކަށް ނަޞްރު ދެއްވާށިއެވެ.

ތިބާގެ އަތުގެ ދީލަތިކަން އިންސިންނަށް މިންވަރު ކުރެއްވި ބައްޕައަކު
އޭނާގެ ދަރިންނަށް އޯގާތެރިކަމެއް ނުދައްކައެވެ.
ދުނިޔެއަށް ރަޙްމަތެއް ލެއްވުން އިރާދަކުރައްވައި،

އެކަލާނގެ އޯގާވަންތަކަމުން ތިބާ ދުނިޔޭގެ ރަދުންނަށް ހެއްދެވިއެވެ.“

މިގޮތުގެ މަތީން ގާޒީ އޭނާގެ ވާހަަކަ ދިގުކޮށް އަހުރެމެން އުއްމީދުކުރި ވަރަށް ވުރެ ދުރު ހިސާބުތަކަށް އޭނާގެ ބަލާޣަތުގެ އަސް ދުއްވައިފިއެވެ. އަހުރެމެން،  އޭނާގެ ނިންމުމަށް ތަބާވެ، ކުރެވުނު ކަންތައްތަކަށް ހިތާމަކޮށް، އެކުވެރިކަމުގެ މަގުން ހިނގަން ގަސްދުކޮށް، އެކަކު އަނެކަކުގެ ފައިގައި މަޢާފުކުރުމުގެ ގޮތުން އަތްބާއްވައި، މޫނާއި ބޮލުގައި ބޮސްދީ، އަންނަނި ދެ ބައިތު ކިޔާ މި ޖަދަލު ނިންމާލައިފީމެވެ.

އޭ ދަރުވޭސީއެވެ. ދުނިޔެ އެނބުރޭ އެނބުރުމާ މެދު ޝަކުވާ ނުކުރާށެވެ.
އެހެނީ ތި ފިކުރުގައި ތިބާ ނިޔާވެއްޖެ ނަމަ، ތިބާ ވާނީ ބަދު ނަސީބުވެރިއަކަށެވެ.
އޭ މުއްސަނދި މީހާއެވެ.  ތިބާގެ ހިތާއި އަތް ކާމިޔާބުވުމުން،

ކައި އުޅެ ދީލަތިވާށެވެ. ތިބާއަށް ދުނިޔެއާއި އާޚިރަތް ފަތަޙަވެއްޖެއެވެ.

އެންމެ ފަހުގެ މަޒުމޫނުތައް

— — —