މިސްކިތްތަކާއި ކިލާސްކޮޓަރިތަކުގައި އަޑު ސާފުކުރާނޭ ގޮތް

ތަރުވާޒު:

ފަހަކަށް އައިސް ބިނާ ކުރާ މިސްކިތްތަކުން ފާހަގަ ކުރެވޭ އެއްކަމަކީ، އަޑު ވަރަށް ނުސާފުކަމެވެ. ދައްކާ ވާހަކަ އޮޅުން ފިލަން ދަތިކަމެވެ. މި މައްސަލަ ކިލާސްކޮޓަރި (ކްލާސްރޫމް) ތަކުގަ އާއި ބައެއް ސްކޫލް ހޯލްތަކުން ވެސް ފާހަގަ ވެއެވެ. އަޑު ނުސާފުކަމުން ބައެއް ތަންތަން ބޭނުންކުރަން ދަތިވެއެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، މިކަން މިހެން މެދުވެރިވާ ސަބަބާއި، އެކަން ރަނގަޅުކުރަން ކުރެވޭނޭ ކަންކަމެވެ.

މި މަޒުމޫނު ލިޔެފައިވަނީ ކިޔުންތެރިއެއް ކަމަށްވާ، ގއ. މާމެންދޫ ނައުފަލް މޫސާ ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

ތައާރަފު


ބައެއް މިސްކިތްކަގެ އަޑު ވަރަށް ނުސާފެވެ. ވާހަކަ ދައްކާއިރު، ދައްކަނީ ކޮން ވާހަކައެއްކަން އޮޅުން ފިލަން ދައްޗެވެ. މިކަން ބައެއް ސްކޫލް ހޯލުތަކުގައި (މިސާލެއްގެ ގޮތުން މާލޭގެ އަލަށް ބިނާކުރި ޖަމާލުއްދީނު ސްކޫލްގެ ހޯލުގައި) އަދި ވަރަށް ގިނަ ކިލާސްކޮޓަރިތަކުން ފާހަގަކުރެވެއެވެ. މިސްކިތެއްގައި އަޑު ނުސާފުވުމުން، އަޑު ގަދަކުރިއަސް ދިމާވާ މައްސަލައެއް ޙައްލެއް ނުވާނެއެވެ. މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީކިލާސްކޮޓަރިތަކާއި ހޯލުތަކުގައެވެ. ކިލާހުގައި ދައްކާ ވާހަކަ ސާފުނުވުމުން، ދަރިވަރުންނަށް އުނގެނޭ މިންވަރު ކުޑަވުމާއި ދަރިވަރުން އަވަހަށް ފޫހިވުމާއި، ކިލާހުގެ ސުލޫކު ގެއްލުން ފަދަ ނޭދެވޭ ކަންތައްތައް މެދުވެރިވެއެވެ. މިކަމަކީ، މިތަންތަން ފަރުމާ ކުރާ މީހުންނަށް، ތަނުގެ ބޭނުމަށް ދޭން ޖެހޭ ސަމާލުކަން ކުޑަވުމުން މެދުވެރިވާ ކަމެކެވެ.

މިފަދަ ތަނެއްގެ އަޑު، މަސައްކަތްތަކެއް ކޮށްގެން ސާފުކުރެވިދާނެއެވެ. ނަމަވެސް، މިކަން ކުރުމަށް އަޑާ ބެހޭ ބައެއް މަޢުލޫމާތު އެނގެން ޖެހެއެވެ.

އަޑު


އަޑު އުފެދެނީ ކޮންމެވެސް އެއްޗެއް ތުރުތުރު އެޅުމުންނެވެ. އިންސާނުންނަށް އިވެނީ ވަކިވަރަކަށް ތުރުތުރު އެޅުމުންނެވެ. މާ އަވަސްއަވަހަށް ތުރުތުރު އެޅުމަކުން ނުވަތަ މާ ލަސްލަހުން ތުރުއެޅުމަކުން އަޑެއް ނުއިވެއެވެ. ނަމަވެސް އެހެން ބައެއް ހައިވާނުންނަށް މިފަދަ އިންސާނުންނަށް ނީވޭ އަޑު އިވެއެވެ. އެއްޗެތި ތުރުތުރު އެޅުމަށް އިނގިރޭސިބަހުން ކިޔަނީ ވައިބްރޭޓް ވުމެވެ.

އިންސާނުން އަޑު އުފައްދަނީ ލަގޮނޑީގެ ފަހަތުގައިވާ ގުނަވަނަކުންނެވެ. މިތަނުގައިވާ ދެ ހަންކޮޅެއް ވާހަކަ ދައްކާއިރު ތުރުތުރު އަޅައެވެ. ވައިބްރޭޓް ވެއެވެ. މި ގޮތުން އަޑު އުފެދެއެވެ. މިއަޑު އަނގައިގެ ތެރެއިންނާއި ތުންފަތުން އެކި ސިފައަށް ބަދަލުކުރެއެވެ. ހައެއްކަ އިންޗި ދިގުމިނުގެ ހޮޅިކޮޅެއްގެ އެއް ކޮޅުގައި،  މެދުގައި ރެނދެއް ހުންނަހެން ފުންޕާހަމެއްގެ ހަން އަޅައި އަނެއް ކޮޅުން ފުމުމުން އަޑު އުފެދެނީ އިންސާނާ އަޑު އުފައްދާ ގޮތަށެވެ.

އިންސާނާ އަޑު އުފައްދާ ގުަނަވަން، ވާހަކަ ދައްކާއިރު ތުރުތުރު އަޅާލެއް އަވަސްކަމުން ލޮލަކަށް ނުފެންނާނެއެވެ. ނަމަވެސް ތިރީގައި އެވާ ފޮޓޯގައި އެވަނީ، އަނގައިގެ ތެރެއަށް ބާވަތެއްގެ ކެމެރާއެއް ލައިގެން މި ގުނަވަން ތުރުތުރުއަޅާ މަންޒަރު ނަގާފައިވާ ފޮޓޯއެކެވެ.

އަޑު ދަތުރުކުރާގޮތް


އަނގައިން ނުކުންނަ އަޑު އިންސާނުންނަށް އިވެނީ ވައިގެ ތެރެއިން ދަތުރުކުރާތީއެވެ. ވައި އުފެދިފައިވަނީ އެކި ބާވަތުގެ ގޭސް މޮލިކިއުލުންނެވެ. މޮލިކިއުލް ކިޔަނީ ގޭހެއްގެ ޠަބީޢީ ސިފަ ހުންނަ އެންމެ ކުޑަ ޒައްރުތަކަށެވެ. މި ގޭސް މޮލިކިޔުލްތައް އަޑު ޖެހުމުން ތުރުތުރު އަޅައެވެ. އެކަތި ތުރުތުރު އެޅުމުން ޖެހިގެންވާ މޮލިކިޔުލް ތުރުތުރު އަޅައެވެ. ދެން މިގޮތުގެ މަތިން އަޑު ވައިގެ ތެރޭގައި ދަތުރުކޮށް، ކަންފަތާ ހަމައަށް އާދެއެވެ. މިގޮތަށް ދަތުރުކުރާއިރު، މޮލިކިޔުލްތައް ޖެހިގެންވާ މޮލިކިޔުލް ކޮށްޕާލިއަސް، އެއްވެސް މޮލިކިޔުލްއެއް އެ ވާތަނަކުން މާ ދުރަކަށް ނުދެއެވެ. އަޑު ދަތުރުކުރާ ގޮތުގެ މިސާލީ، ކިލާހެއްގެ ކުރިމަތީގައި ދަރިވަރުން ސަފެއް ހަދައިގެން ތިބޭއިރު، ސަފުގެ ކުރީ ކުއްޖާ ބާރަށް ކޮށްޕާލުމުން، ސަފުގެ ތެރެއިން ކޮށްޕުން ދަތުރުކޮށް އެންމެ ފަހު ކުއްޖާ އަރިއަޅާލާ ގޮތެވެ. ތިރީގައިވާ ޙަރަކާތްކުރާ ކުރެހުމުގައި އެވަނީ ވައިގެ ތެރެއިން އަޑު ދަތުރުކުރާ ގޮތެވެ.

އަޑު ރިވެލިވުން


މޫދުގައިވާ ތޮށިގަނޑެއްގެ ކައިރީގައި މަޑުކޮށްލުމުން، އަޅުގަނޑުމެންނަށް ފެންނާނީ، ރާޅުތައް އައިސް ތޮށިގަނޑަށް ޖެހުމަށް ފަހު، އެ އެނބުރި އައިކޮޅަށް ނުވަތަ އެހެން ވެސް ދިމާއަކަށް ދާ ކަމެވެ. މިގޮތަށް އެނބުރިދާ ރާޅު އައި ރާޅަށް ވުރެ ކުޑަވާނެއެވެ. ރާޅު، އަޑު ނުވަތަ އަލި ފަދަ އެއްޗެއް ތަނެއްގައި ޖެހި އެނބުރި ދިއުމަށް ކިޔަނީ ރިފްލެކްޓް ވުމެވެ. ރިފްލެކްޓް ވުމަކީ އިނގިރޭސި ބަހެކެވެ. މިހާރަކަށް އައިސް، މިގޮތަށް ވުމަށް ދިވެހިބަހުން ކިޔަނީ ރިވެލިވުމެވެ. މިއީ މި ލަފުޒުގެ ޙަޤީޤީ މާނައެއް ނޫނެވެ. ރިވެލި ޢާއްމުކޮށް ބޭނުން ކުރަނީ ކަނޑަށް އިރުގެ އަލިން އެޅިފައި ހުންނަ ދަޅައަށެވެ.  ކޮންމެ އަކަސް، އަޑު ރިވެލި ވުމަކީ، އަޑު އައިސް ތަނެއްގައި ޖެހުމަށް ފަހު، އަނބުރާ ދިއުމެވެ. ތިރީގައިވާ ޙަރަކާތް ކުރާ ކުރެހުމުން އެ ފެންނަނީ އަޑު ރިވެލިވާތަނެވެ.

އަޑު ނުސާފުވާ ސަބަބު


ތެދު އުސް ފާރެއްގެ ކުރިމަތީގައި ހުރެފައި، ބާރަށް އެއްޗެއް ބުނެފިނަމަ، އެ ބުނި އެއްޗެއް ދެފަހަރު އިވޭނެއެވެ. ފުރަތަމަ  ސީދާ އިވޭ ތިމާގެ އަޑެވެ. ދެވަނަ ފަހަރު، ފާރުގައި އަޑު ޖެހި ރިވެލިވެގެން އައިސް އިވޭ އިވުމެވެ.

އެތައް ތަޖުރިބާއަކުން އެނގެނީ، ވަކި އަޑެއްގެ ގޮތުގައި ތިމާ އުފައްދާ އަޑެއް އިވެނީ ފާރާއި ވަކި ދުރުމިނެއްގައި ހުރުމުން ކަމެވެ. ކަންފަތަށް ވަކި އަނޑެއްކަން މޭރުންވަނީ ދެ އަޑެއްގެ ދެމެދުގައި ސިކުންތެއްގެ ދިހަބައިކުޅަ އެއްބައި ހުރުމުންނެވެ. އަޑު ދަތުރުކުރަނީ ރާއްޖޭގައި ގާތްގަޑަކަށް ސިކުންތަކު 350 މީޓަރަށެވެ. އެހެންކަމުން، ފާރެއްގެ ކުރިމަތީގައި ހުރެ އަތްތިލަބަޑިއެއް ޖަހާ ނަމަ، އެ އަޑު ވަކި އަޑެއްގެ ގޮތުގައި އިވޭނީ ފާރާ މަދުވެގެން 17.5 މީޓަރު ނުވަތަ 60 ވަރަކަށް ފޫޓު ދުރުގައި ހުރި ނަމައެވެ. އެހެންނޫނީ ވަކި އަޑެއްގެ ގޮތުގައި އަތްތިލަބަނޑިއެއް ނީވޭނެއެވެ. އުސް ތަނަކާ 200 ވަރަކަށް ފޫޓު ދުރުގައި ހުރިނަމަ، ރިވެލިވާ އަޑު ވަރަށް ސާފުކޮށް ފާހަގަ ކުރެވޭނެއެވެ. ތަނެއްގައި ޖެހި އެނބުރި އަންނަ އަޑަށް އިނގިރޭސިބަހުން ކިޔަނީ އެކޯ އެވެ.

60 ވަރަކަށް ފޫޓަށް ވުރެ ގާތުގައި ހުރި ފާރެއްގެ ކުރިމަތީގައި ހުރެ އަތްތިލަބަޑި ޖެހުމުން ވާނީ ކިހިނަކުން ހެއްޔެވެ؟ މިހެން ހަދައިފިނަމަ، ފާރުގައި ޖެހި އަޑު އަދިވެސް ރިވެލިވާނެއެވެ. ނަމަވެސް ވަކި އަޑެއްގެ ގޮތަކު ނީވޭނެއެވެ. އޭގެ ބަދަލުގައި، ރިވެލި އަޑު އިވޭނީ ދައްކަމުންދާ ވާހަކައާ އެމުނިގެންނެވެ. މިހެންވުމުން، އިވޭ އަޑުގެ ބައެއް ތަންތަން ގަދަވެ، ބައެއް ތަންތަން މަޑުވެ، ލަފުޒުގެ ދެމެދުގައި އަންނަ ހިމޭންކަމުގެ ތެރެއަށް ރިވެލިއަޑު ވަދެ ކިޔާނުކިޔާ އޮޅުން ފިލުވަން ދަތިވާނެއެވެ. ވަށައިގެން ހަތަރު ފާރު ހުރި، އަދި މައްޗާއި ތިރި ހަރު ތަނެއްގައި ހުރެ އަޑެއް އިއްވައިފި ނަމަ، ހަކިބައިން އަޑު ރިވެލިވާނެއެވެ. އަދި ރިވެލިވާ އަޑު އަނެއްކާ ފާރުތަކުގައި ޖެހި އިތުރަށް ރިވެލިވާނެއެވެ. ވަކި އަޑެއްގެ ގޮތުގައި ފާހަގަ ނުވާގޮތަށް ފާރުތަކުން އަޑު ރިވެލިވުމަށް އިނގިރޭސިބަހުން ކިޔަނީ ރިވާބަރޭޓް ވުމެވެ.

ބަންދުވެފައިވާ ތަނެއްގައި އަޑު ނުސާފުވާ ސަބަބަކީ، އަޑު ރިވެލިވާ ގޮތުންނާއި ބޮޑުކަމުންނެވެ.

ރިވެލިވުން ހުއްޓުވުން


ތިރި އާއި މަތި އަދި ހަތަރު ފާރު ހަރުތަކެތިން ހަދާފައިވާ ތަންތަނުގައި އަޑު ނުސާފުވާ ސަބަބަކީ، އެކި ގޮތްގޮތަށް އަޑު ރިވެލިވުމެވެ. ރިވާބަރޭޝަން އެވެ. މިއީ މިސްކިތްތަކުގައި އާއި ކިލާސްކޮޓަރިތަކުގައި ވަރަށް އުނދަގޫ، ބޮޑު މައްސަލައަކަށް ވެފައިވާ ކަމެކެވެ. ބައެއް ތަންތަނުގެ އެދެވޭ ބޭނުން ނުކުރެވޭ ކަމެކެވެ. އިސްލާމީ މަރުކަޒުގެ މަތީބުރީގެ ދެ ފަރާތު ދެ ވަތްގަނޑުންނާއި ފުރުޤާން މިސްކިތުގެ ތިރީބުރިން ވެސް މި މައްސަލަ އަޅުގަނޑަށް ފާހަގަ ކުރެވިފައި ވެއެވެ. އަދި މި ނޫނަސް ކިތަންމެ މިސްކިތަކުން މި މައްސަލަ ފާހަގަ ކުރެވިފައި ވެއެވެ.

މާލޭގެ ހަލަބޮލިކަމުގައި އުޅޭ ބައެއް މީހުންނަށް ސާފު އަޑު އިވެނީ ވަރަށް މަދުން ކަމުން، އަޑު ރިވެލި ވިޔަސް ބައެއް މީހުންނަށް އުނދަގުލެއް ނުވެއެވެ. އެއީ ސާފު އަޑު ޢާއްމުކޮށް ނީވޭތީއެވެ. އެހެން ކަމުން، ރާއްޖެތެރޭގެ މިސްކިތްތަކުގަ އާއި ކިލާސްކޮޓަރިތަކުން މި މައްސަލަ ވަރަށް ބޮޑަށް ފާހަގަ ކުރެވޭނެއެވެ.

މި މައްސަލައިގެ ހައްލަކީ ކޮބައިތޯ އެވެ؟ ހަރު ތަކެއްޗަކީ އެ ފޫ އަޅުވާލާފައި އަޑު ދަތުރު ނުކުރާ އެއްޗެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ އަޑުގެ ސުޓޫޑިއޯ ހަދާފައި ހުންނަނީ ހަކިބަ ކޮންކްރީޓުންނެވެ. މިކަމުގެ ސަބަބުން ބޭރުގެ އަޑުތައް އެތެރެއަކަށް ނުވަންނާނެއެވެ. ނަމަވެސް، ތަނުގެ އެތެރޭގެ ހަފަރާތުގައި ހުންނަނީ މަޑު ތަކެތި ޖަހާފައެވެ. އެއީ އަޑު ރިވެލިވިޔަ ނުދިނުމަށެވެ.

ޢަމަލީ ފިޔަވަޅުތައް


ދެން މިބަޔާން ކުރަނީ، ބައެއް ޢިމާރާތްތަކުގައި އަޑު ސާފުކުރުމަށް ކޮށްފައިވާ ބައެއް މަސައްކަތެވެ. އަޅުގަނޑު ދަންނަވާލާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމްކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ބައެއް ތަޖުރިބާއެވެ. އެންމެ ފުރަތަމަ މި މައްސަލަ ފާހަގަ ކުރެވިގެން ރަނގަޅު ކުރަންޖެހުނީ 2002 ވަނަ އަހަރު ޖީބްލޮކްގެ ހޯލުންނެވެ. މިއީ 4000 އަކަ ފޫޓު ހުންނަ ހޯލެކެވެ. ހައްލުކުރީ ސޮފްޓް ބޯޑު ކިޔާ ކަރުދާސް ކުނޑިން ހަދާފައި ހުންނަ އަށް ފޫޓު ހަތަރު ފޫޓު ފިލައެއްގެ މަތީގައި ރީއްޗަކަށް ފޮތި ޖަހައި، ވަށައިގެން ރޫޓަރ ކުރި ފްރޭމެއްލައި، މީގެ 8 ފިލާ ފާރުގައި ހަރުކޮށްގެންނެވެ. އެއީ ޖުމުލަ 256 އަކަފޫޓެވެ. މިކަމުން، ފާހަގަ ކުރެވޭ ވަރަށް އަޑު ސާފުވިއެވެ.

ދެން ހައްލުކުރަން ޖެހުނު މައްސަލައަކީ، އެފް.އެމް.ސީ (މިހާރުގެ ގޮތުން ނަމަ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް) ގެ ސެމިނާރ ރޫމްގައި ކިޔަވައިދޭން ދަތިވާ މިންވަރަށް އަޑު ރިވެލިވުމުގެ މައްސަލައެވެ. މިތަނަކީ، ވިޔަފާރިވެރިންނާއި ހިންގުންތެރިންނަށް ކުރު ކޯސް ހިންގާ ތަނެއްކަމުން، އެތަން ހަދަން ޖެހެނީ ވަރަށް ރީއްޗަށެވެ. ފާރުތަކުގެ ތިރީބައިގައި ޖެހީ، މާލޭގައި ވިއްކަން ހުރި ދެ ފޫޓު ދެ ފޫޓު ގެ ކާޕެޓްއެވެ. މިއީ މިޒަމާނުގައި ވެސް ކާޕެޓް ވިއްކަން ހުންނަ ގޮތެކެވެ. ކާޕެޓް ޖެހީ ތުނި ޕްލައިވުޑް ފިލާގައި  ތަތްކޮށެވެ. ވަށައިގެން ރޫޓަރ ކުރި ފަތިއަޅައެވެ. މަތީގައިޖެހީ އިމްޕޯޓްކޮށްފައި ހުރި ރިވެލިނުވާ ފިލައެވެ. ދެ ފާރު އެއްކޮށް މިގޮތަށް ހެދުމުން ރިވެލިވުން މުޅިންހެން ކެނޑުނެވެ. ކަނާތްފަރާތުގައިވާ ކުރެހުމުގައި އެވަނީ، އެތަނުން ބައެއް ހެދިގޮތް އަޅުގަނޑުގެ ހަނދާނުން ކުރަހާފައެވެ. ކޮންމެ ފާރެއްގައި މި ވައްތަރުގެ އެތައް ބައެއް ވެއެވެ. މިހާރު ސެމިނަރރޫމް ވަނީ އެހެން ބޭނުމަކަށް ބަދަލުކޮށްފައެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސް ގެ އޮޑިޓޯރިއަމްގައި ވެސް، އަޑު ރިވެލިވާވަރުން ކިޔަވައިދޭން ދަތިވިއެވެ. މިކަން ހައްލުކުރަން އަޑު ރިވެލިވާނެ ފާރުތަކުގައި އަޅުގަނޑު ޖެހީ ލޯވަޅު ތޮރުފި ފިލައެވެ. މި ފިލާޖަހާފައިވާ ގޮތް، ތިރީގައިވާ ފޮޓޯއިން ފެނެއެވެ. ފިލާ ޖަހާއިރު، ފާރުގެ ބޮޑުބައިގައި ފިލާހަރުކޮށްގެންނޫނީ މައްސަލަ ހައްލެއް ނުވެއެވެ.

ފިލާގެ ކައިރިން ނަގާފައިވާ ފޮޓޯއިން، ލޯވަޅުތައް ހުރިގޮތް، ފާހަގަ ކުރެއްވޭނެއެވެ. މި ލޯވަޅުތަކުގެ ސައިޒު ހުންނަންވާނީ 3 އެމްއެމް އާއި 8 އެމްއެމް އާ ދެމެދުގައެވެ. ލޯވަޅުތައް މި މިންވަރަށް ހުންނަންޖެހޭ ސަބަބު ބަޔާން ކުރާނަމަ، މަޒުމޫނު ދިގުވާނެތީ މިފަހަރު އެކަމެއް ނުކުރާނަމެވެ. ލޯވަޅުތައް މާ ބޮޑުނަމަ، ރިވެލިވާނީ ވަރަށް ބުން އަޑުތައް އެކަންޏެވެ. ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ކިލާސްކޮޓަރިތަކުގައި އަޑު ރިވެލިވާތީ، އެންމެ ފުރަތަމަ ބިތްތަކުގައި ޖެހީ ވަރަށް ބޮޑު ލޯވަޅުތަކެއް ހުރި ރެޑީމޭޑް ފިލައެވެ. ނަމަވެސް، މިކަމުން އެންމެ ބޮލަށް އުނދަގޫވާ އަޑުތައް ރިވެލިވިއެވެ. އެހެންކަމުން، ފަހުން ޖެހުނީ، ހިމަ ލޯވަޅުއެޅި ފިލައިން ފަންގިފިލައެއް އަޅާށެވެ. ތިރީގައި އެވަނީ އެތަނުގެ ކިލާސްކޮޓަރިއެއްގެ ފަންގިފިލައެވެ.

ރިވެލިވިޔަ ނުދިނުމަށް ފިލާ ހަރުކުރުމަށް އަންދާޒީ ހިސާބު ހުށަހަޅާ މީހުންނަށް މަޢުލޫމާތު ދޭން ކުރެހި ކުރެހުން އަޅުގަނޑުގެ އަތުގައި ވެއެވެ. ތިރީގައި އެވަނީ އެކުރެހުމެވެ. ޕްލައިވުޑް ނަމަ، އެންމެ ތުނި ޕްލައިވުޑް ބޭނުން ކުރުން ރަނގަޅުވާނެއެވެ. ފިލާ ހަރުކުރަންވާނީ މަދުވެގެން ބައި އިންޗި ފާރާ ދުރުކޮށްފައެވެ. ފާރާ ދެމެދަށް ބޮނބިނަރު، އިސްޕަންޖު، ފުޅިމަދު ފަދަ އެއްޗެއް އެޅުން ރަނގަޅުވާނެއެވެ. ފާރާއި ނުވަތަ ސީލިން އާ ދެމެދު ހައެއްކަ އިންޗި ހުންނަ ނަމަ އެއްވެސް އެއްޗެއް ދެމެދަކަށް އަޅާކަށް ނުޖެހޭނެއެވެ. ފިލާ ހަރުކުރާނީ ލަކުޑި އޮނިގަނޑެއްގައެވެ.

ގއ މާމެންދޫ މިސްކިތުގެ ވާހަކަ


ކުރިން ދެންނެވިހެން، މި މަޒުމޫނު އަޅުގަނޑު ލިޔުނީ ގއ. މާމެންދޫ ނައުފަލް މޫސާގެ އެދިވަޑައިގަތުމަކަށެވެ. ނަމަވެސް މި މައްސަލަ އަކީ އެތައް މިސްކިތަކަށް ދިމާވެފައިވާ މައްސަލައެކެވެ. އަޑު ރިވެލިވުމުގެ މައްސަލަ ދިމާވެފައިވާ މިސްކިތުގެ ބައެއް ފޮޓޯ އަޅުގަނޑަށް ނައުފަލް ފޮނުއްވިއެވެ. ތިރީގައި އެވަނީ އެއިން ބައެއް ފޮޓޯއެވެ.

މިސްކިތުގެ ފޮޓޯތައް ބެލުމަށް ފަހު، އަޅުގަނޑަށް ދެންނެވޭނީ އަޑު ރިވެލިވަނީ ވާންވެގެންކަމަށެވެ. މިސްކިތުގެ ތަޅުމުގައި ވަނީ އޮމާން ހަރު ތަށިމުށި ޖަހާފައެވެ. މިއީ އަޑު ފަސޭހައިން ރިވެލިކުރާ އެއްޗެކެވެ. ފާރުތަކުގައި ކުޑަދޮރުތައް މަދެވެ. ރަނގަޅު މިންވަރެއް ކަމަށް މިޒަމާނުގެ ބިނާވެށީގެ މާހިރުން ބުނަނީ ފާރުގެ އޭރިއާގެ ހަތަރުބައިކުޅަ އެއްބައި ގައި ކުޑަދޮރު ހުރުން ކަމަށެވެ. ސިމެންތި ޖެހި ފާރަކީ ވަރަށް ރަނގަޅަށް އަޑު ރިވެލިކުރާ އެއްޗެކެވެ. ދެން ފަންގިފިލައެވެ. ހަމަ އެފަދައެވެ. އެހެންކަމުން، މި މިސްކިތުގެ ހަކިބައަކީ އަޑު ރިވެލިކުރާގޮތަށް ހުރި ތަންތަނެވެ. އަޑު ރިވެލިނުވިއްޔާ ދެރައެވެ. މި މިސްކިތުގައި ކިޔަވާ ކިޔެވެލިން މީހުންގެ ބޮލަށް އުނދަގޫވާނެއެވެ. ކިޔާ ނުކިޔާއެއް ނޭނގޭނެއެވެ. ސަބަބަކީ ހަބިތުން އަޑު ރިވެލިވާތީއެވެ.

މައްސަލަ ބޮޑުކަމުން، ކައުންސިލުން ބިތެއްގައި ހަރުކޮށްލި ފިލައެއްގެ ފޮޓޯ ނައުފަލް ފޮނުވާފައި ވެއެވެ. ތިރީގައި އެވަނީ އެ ފޮޓޯއެވެ.

މި ފިލާގެ ބޮޑުމިނާއި މުޅި މިސްކިތުގެ ހަކިބައިގެ ޖުމުލަބޮޑުމިން އަޅާކިޔުމުން މިފިލައިން ފާހަގަކުރެވޭ އަސަރެއް ނުކުރާނެކަން، އަޅުގަނޑު ނުދެންނެވިއަސް އެނގިވަޑައިގަންނަވާނެ އެވެ. މިފަދަ ފިލާ ހަރުކޮށްގެން ކިލާސްކޮޓަރިތަކުން ރިވެލިވުން ހުއްޓުވާއިރު، ފިލާގެ އޭރިއާ އާއި ފާރުން ފެންނަބައި ތިރީގައިވާ ފޮޓޯއިން ސާފުވެއެވެ. ފާރުގެ ބޮޑުތަން ފޮރުވިފައިވަނީ އަޑުމަޑުކުރާ ފިލައިންނެވެ.

ކަމަކާ މެދު ފާޑު ކިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ދަތީ މައްސަލައަކަށް ހައްލު ހޯދުމެވެ. އަޑު ރިވެލިވުމުގެ މައްސަލަ ހައްލުކުރުމަށް، ހެދިދާނެ ގޮތަކީ ކޮބައިތޯއެވެ؟

ފޮޓޯއިން ފެންނަހާ ބޮޑު މިސްކިތަކަށް އެކަށީގެންވާ ހައްލަކަށް ވާނީ އަގުހެޔޮ ހައްލެކެވެ. ބޮޑެތި މަޝްރޫޢުތައް ރާވާއިރު ބަލާ އެއް ކަމަކީ އެކަށީގެންވާ އަގެއްގައި އެކަން ކުރުމެވެ. އަޑު ރިވެލިވުން އެކި ތަކެތީން ހުއްޓުވަނީ އެކި މިންވަރަށެވެ. މި ޔޫޓިއުބް ވީޑިއޯގައި، މީހަކު ތައްޔާރީ ތަކެއްޗާއި އެކި ސާމާނުން އަޑު ފޭދިގެންދާ މިންވަރު ވަޒަން ކުރެއެވެ. އޭނާގެ ތަޙުލީލުގެ ނަތީޖާއަކީ އެންމެ ރަނގަޅީ ބޯތުވާލިކަމެވެ. ވީޑިއޯ ބައްލަވާ ލެއްވުން އެދެމެވެ.

އާދެ! ވަށައިގެން ބޯ ދޮރުފޮއްޗެއް އެލުވަނިކޮށް، އަޑު ރިވެލިވުން ވަރަށް ކުޑަވާނެއެވެ. ނަމަވެސް، މިފަދަ ފޮއްޗަކީ އަލިފާން ހިފާ އެއްޗެއްކަމުން، މިއަކީ މިކަމުގެ ޙައްލެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑަށް ފެންނަ އެންމެ އަގުހެޔޮ ހައްލަކީ، މިސްކިތުގެ ފާރުތަކުގައި ވަށައިގެން ފުރޭމުލައި ބައު ކާޕެޓް ނުވަތަ ދޫލަ އެޅުމެވެ. ބައު ދޫލައަކީ ބައެއް މިސްކިތްތަކުން ބާވުމުން އުކާލާ އެއްޗެކެވެ. މާލޭގެ އާ ސަހަރާ މިސްކިތުގައި ދޫލަ ބަދަލުކުރުމަށް ފަހު، ބައު ދޫލަ އޮޅާފައި އެއްލާލާނެ މީހަކު ނުވެގެން ހައެއްކަ މަސްދުވަހު އޮތްތަން އަޅުގަނޑު ދުށީމެވެ. މިފަދަ ބާދޫލަ ހަފޫޓު ދެފޫޓު ހުންނަ ވަރަށް (ނުވަތަ އެހެންވެސް މިނަކަށް) ބުރިކުރުމަށް ފަހު، އޭގެ މަތީގައި، އަގުހެޔޮ ރީތި ކުލައެއްގެ ފޮއްޗެއް ޖަހައި ފުރޭމުވަށައިގެން ލައި، ފާރުގައި މަތިން ތިރިއަށް ހަރުކުރުމުންއަޑު ރިވެލިވުން ވަރަށް ބޮޑަށް މަޑުކުރެވޭނެއެވެ. ކޮންމެއަކަސް ފާރުގެ ބޮޑުބައި، މިއިން ފޮރުވެން ޖެހޭނެއެވެ. ދެން އަޅުގަނޑަށް ފެންނަ އަނެއް ގޮތަކީ، ފުރޭމުގެ ކުރިމަތީގައި، ކުނާ ޖެހުމެވެ. މިވާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.

މާލޭގައި އަޑު ރިވެލިވުން މަޑުކުރާ ފިލާ ވިއްކަން ހުރެއެވެ. އެއީ ކަރުދާސް ކުނޑިން ހަދައި، ހިމަ ލޯވަޅުތަކެއް އަޅާފައި ހުންނަ ފިލައެކެވެ. މިއީ ވަރަށް ފަސޭހައިން ހަލާކުވާ އެއްޗެކެވެ. އެހެންކަމުން ޖަހާނަމަ، ވަށައިގެން ލަކުޑި ފުރޭމެއް ލާންވާނެއެވެ. އަގު މާ ހެވެއް ނުވާނެއެވެ. ފިލާ ކުރިން ވިއްކަނީ ރެއިންބޯ ފިހާރައިންނެވެ. ފިލާގެ ނަމަކަށްކިޔަނީ އެކޫސްޓިކް ޓައިލް އެވެ.

ހީކުރާ ގޮތާ ޚިލާފަށް ހަރުތަކެތީން ވެސް، ރިވެލިކަނޑާ ޕެނަލް ނުވަތަ މަޅު ހަދާފައި ހުރެއެވެ. ޓިނުންނާއި އެލްމިނިއަމާއި ލަކުޑިންނެވެ. މިފަދަ ތަކެތީން ރިވެލިކަނޑާ މަޅު ހަދާގޮތަކީ އޭގައި ހިމަ ލޯވަޅުތަކެއް ތޮރުފުމެވެ. ތިރީގައި އެވަނީ ލަކުޑި ރިވެލިކަނޑާ މަޅުތަކެކެވެ. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރި އަޅުގަނޑުގެ ރައްޓެއްސަކު މިފަދަ މަޅުތައް އެތަނުގެ އިސްޓޫޑިއޯގައި ބޭނުން ކުރުމަށްހެދިއެވެ. މިކަން ކުރާގޮތަކީ ތުނި ޕްލައިވުޑް އެއްގައި، އެއް އިންޗި އެއް އިންޗިން ރޮނގުދަމާ، ކޮންމެ ރަސްގެވާތަނެއްގައި 5 އެމްއެމްގެ ކައްޓަކުން ލޯވަޅެއް އަޅަނީއެވެ. ރަނގަޅު ގޮތަކަށް ވާނީ  ދެލޯވަޅުން އެއް ލޯވަޅު 8 މިލިމީޓަރުގެ ކައްޓަކުން ތޮރުފުމެވެ. ދެން ފިލާގައި ކުލަލައި، ފުރޭމުކޮށް ފާރާއި ފިލައާ ދޭތެރޭ  އިންޗިއެއް ހުންނަހާ ވަރަށް ހަރުކުރަނީއެވެ. މޮޅަށް ކުރާނަމަ، ފާރާއި ފިލައާ ދެމެދަށް އިސްޕަންޖު ލައެވެ.

އަޅުގަނޑު މި ލިޔުނު ވާހަކަތަކުގައި  ފާރުގައި ރިވެލިކަޑާ މަޅު ހަރުކޮށްގެން، ރިވެލިވުން މިސްކިތުން މުޅިން ކެނޑޭނޭ ކަމަކަށް ނުދަންނަވަމެވެ. ސަބަބަކީ، މިސްކިތުގެ ހޯލު ބޮޑު ކަމާ އެކު ފަންގިފިލައިން ރިވެލިވާ އަޑު ކެނޑޭނޭ ގޮތެއް ނެތުމެވެ. އެހެންކަމުން، ފަންގިފިލައާއި ތަޅުމާ ދެމެދު އަޑު ރިވެލިވެ ރިވާބަރޭޝަން ހުންނާނޭކަމަށް ވިސްނޭތީއެވެ. ވީމާ، ފަންގިފިލައަށް ބަދަލެއް ނުގެނެސް މުޅީން އަޑު ރަނގަޅުވާނެކަމަކަށް ނުފެންނަނީއެވެ. ތަޖުރިބާތަކުން ފާހަގަ ކުރެވެނީ ބޮޑެތި މާލަންތަކުގައި، ފަންގިފިލައާއި ތަޅުމާ ދޭތެރޭ އަޑުރިވެލިވެ ”ތާށި“ ވާކަމެވެ. އެއީ ތިރީގައިވާ ކުރެހުމުން ފެންނަ ފަދައިންނެވެ.   ކުރެހުމުގައި ދޭސީކުރުމަށް ހައެއްކަ އަޑު ކުރަހާފައި ވިއަސް، އަދަދު ނުކުރެވޭ ވަރަށް އަޑު ރިވެލިވާނެއެވެ.

ތަޅުމުގައި، މުށިޖަހާފައިވާތީ، ހެދޭނޭ މާގިނަ ގޮތެއް ނުވެއެވެ. އެހެންކަމުން، އަޑު ރިވެލިވިޔަ ނުދިނުމަށް ހަދަންވީގޮތަކީ ފަންގިފިލައަށް ބަދަލެއް ގެނައުމެވެ. އުސް ފަންގިފިލާގައި، ތިރިއަށް އެލޭ ގޮތަށް ތުނި ލޯވަޅުއެޅި ފިލާ، ފޮތި ފަދަ ތަކެތި އެލުވައެވެ. ތިރީގައިވާ ކުރެހުންތަކުން ފެންނަ ފަދައިންނެވެ. މިތަކެތި އެލުވުމުގެ ބޭނުމަކީ ރިވެލި ދަށްކުރުމާއެކު އެއް ދިމާއަކަށް އަޑު ރިވެލިވިޔަ ނުދިނުމެވެ. ފަންގިފިލާގެ އޮމާންކަން، ހަމަހަމަކަން، ތާންކަން ކަނޑާލުމެވެ.

މަތީގައިވާ ގޮތަށް ކަންކުރުމަށް މާމެންދޫ މިސްކިތުގައި ދަތިވެދާނެއެވެ. އެއީ ފަންގިފިލާގެ ތިރިކަމުންނާއި މިކަމަށްދާނޭ ޚަރަދު ބޮޑުކަމުންނެވެ. އެހެންކަމުން، މި މައްސަލައިގެ ދެން އޮތް ޙައްލަކީ ތަންތަނުން ފަންގިފިލާ ތިރިކޮށް ހަމަކޮށް ނުބޭއްވުމެވެ. ހަދާ ނިމިފައިވާ ފަންގިފިލައެއް ކަމުން، މިހާރު މިކަން ކުރާނަމަ، ޚަރަދު ބޮޑުވާނެތީ، ރިވެލިކަނޑާގޮތަށް ލޯވަޅު އެޅި ފިލާ ފަންގިފިލާގައި ހަރުކުރެވިދާނެއެވެ. ފޮތިޖެހި ލުއި ފިލައެއް ވެސް ރަނގަޅުވާނެއެވެ. ފިލާ ހަރުކުރާގޮތްތައް ތިރީގައިވާ ފޮޓޯތަކުން ފެނެއެވެ.

ނިންމުން


މި މަޒުމޫނުގައި އަޅުގަނޑު މި ދަންނަވާލީ، ހާމަނޫން ތަނެއްގައި އަޑު ރިވެލިވާ ސަބަބާއި އެކަން ޙައްލު ކުރާނޭ ގޮތެވެ. މައިގަނޑު ގޮތެއްގައި، ކިލާސްކޮޓަރިތަކާއި މާލަން ފަދަ ތަންތަނުގައި އަޑުރިވެލިވެ، ކިޔާނުކިޔާ ސާފުނުވަނީ އޭރިއާ ބޮޑު ފާރުތައް ހުރުމާއެކު ފާރުތަކާއި ފަންގިފާ ހަދާފައި ހުންނަ ތަކެތި ހަރުވެފައި އޮމާންވުމުންނެވެ. ޢިމާރާތްތައް ފަރުމާކުރާއިރު، އަޑު ރިވެލިވުމަށް ސަމާލުކަން ދިނުމުން މި މައްސަލައެއް ނުނުކުންނާނެއެވެ. ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި، އޮމާން ބޮޑެތި ބިތްތައް ނުބެހެއްޓުމަށް ސަމާލުކަން ދެވިދާނެއެވެ. އެފަދަ ބިތެއް ހުންނަ ނަމަ އެ ބިތުގެ ބައެއް ބޭރަށް ނެރެ ނުވަތަ އަޑިއަށްް ވައްދާ ހެދިދާނެއެވެ. މިއީ ލޮލަށް ވެސް ރީތިވާނޭ ކަމެކެވެ. ފަންގިފިލާ އަޅާއިރު، ކޮންމެވެސް ގޮތަކަށް ގޮޅި ޖަހައި، ބައެއް ތަންތަން އެހެން ތަންތަނަށް ވުރެ ތިރިކުރެވިދާނެއެވެ. މިފަދަ ގޮތެއް ނެތް ނަމަ، ރިވެލިދަށްކުރާ މަޅު ނުވަތަ ޕެނަލް އޮމާން ހާމަ ތަންތަނުގައި ހަރުކުރެވިދާނެއެވެ.

އަޑު ރިވެލިވުމުގެ މައްސަލަ ކިލާސްރޫމްތަކާއި ހޯލްތަކުގައި ބޮޑުކަމުން، ޤައުމީ ޔުނިވަރސިޓީ ޤާއިމްކުރުމުގައި އަޅުގަނޑު އުޅުނު ދުވަސްވަރު، ފަހުން ހަދާ ޢިމާރާތްތައް ހަދަނީ އަޑު ރިވެލިވިޔަ ނުދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ. މިގޮތުގެ މަތީން ތިރީގައި އެވަނީ، ހިތަދޫ ކެމްޕަހުގެ ކިލާސްކޮޓަރިއެކެވެ. ކޮންކްރީޓް ޝީޓްގައި ފުޓުނި އަޅައި ކުލަލުމުން އަގުހެޔޮވާނެކަން އެނގުނު ކަމުގައި ވިއަސް، ތިރީގައި އެވަނީ ރިވެލިދަށް ކުރާ ޓައިލްސް ޖަހާފައެވެ. މި ކިލާސްރޫމްތަކުގައި ރިވެލިވުމުގެ މައްސަލައެއް ނުނުކުމެއެވެ. ކަމެއް ވިޔަ ނުދިނުން، އެކަމެއް ވުމުން ހައްލުކުރަން އުޅުމަށް ވުރެ ހާސްބައި ރަނގަޅެވެ.

އެންމެ ފަހުގެ މަޒުމޫނުތައް

— — —