މޫދުވިނައިން ހަލުވިދާ ހަދާނޭ ގޮތް

ފިހާރަތަކުގައި ހުންނަ ހަލުވިދާނަރު ހޫނު ފެނަށް އަޅައި ހޫނުކުރުމުން ގިރިގެން ދެއެވެ. ދެން ފިނިވުމުން ފެން އޮލަވެއެވެ. ހަލުވިދާ ފަދަ އޮލަ، އެތެރެ ސާފު، މަޑު ދިޔައަށް އިނގިރޭސިބަހުން ވެސް އަދި ދިވެހި ބަހުން ވެސް ކިޔަނީ ޖެލް އެވެ. ހަލުވިދާނަރަކީ އެއްވެސް ރަހައެއް ހުންނަ އެއްޗެއް ނޫނެވެ. އެހެންކަމުން، ފެން ކެކޭ އިރު، އެއަށް އަޅާ އެއްޗެއްގެ ރަހަ ގަދައަށް ހަލުވިދާގައި ހިފާނެއެވެ.

ހަލުވިދާ އަކީ ޖެލް އެއް ކަމުގައި ވިއަސް، ހަލުވިދާ ނަރަށް ޚާއްޞަ ނަމެއް އިނގިރޭސި ބަހުގައި ވެއެވެ. އެއީ ރަތް ކުލައެއް ހުންނަ މޫދުވިނައަށް މެލޭ ބަހުން ކިޔާ ”އާގަރ-އާގަރ“ އެވެ. ބައެއް މީހުން ”އެއިގާ-އެއިގާ“ ވެސް ކިޔައެވެ. ހަލުވިދާ ނަރު އުފައްދަނީ މޫދު ވިނައިންނެވެ. މިޒަމާނުގައި ހަލުވިދާނަރުގެ ބަދަލުގައި ކުދި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ހަލުވިދާކުނޑި ހުރެއެވެ. އެހެންކަމުން މީގެ ކުނޑިއާއި ނަރަށް އެންމެ ރަނގަޅުގޮތަކީ ހަލުވިދާ ކިޔުމެވެ.

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، ރާއްޖޭގައި، މޫދުވިނައިން ހަލުވިދާ އުފައްދާނޭ ގޮތެވެ. ގިނަ ބަޔަކަށް، ފިހާރަތަކުން ގަންނަ ހަލުވިދއަކީ ރާއްޖޭގެ މޫދުތަކުގައި ގިނައިން ހެދޭ ވިނައަކުން ނަގާ އެއްޗެއް ކަމެއް ނޭނގޭނެއެވެ. ހަލުވިދާ އަކީ އަގުހެޔޮ އެއްޗެއް ކަމުން، ރާއްޖޭގައި އުފައްދައި ވިއްކޭނީ ވަކި ޚާއްޞަ އެއްޗެއްގެ ގޮތުގައެވެ. ކަނޑުގެ ލޮނުގަނޑުން އުފައްދާ ލޮނު ވެސް ވިއްކާ ފަދަ ގޮތަކަށް ބްރޭންޑް ކޮށްގެންނެވެ. ގަންނަ މީހާއަށް ގަނެވުނީ މާމޮޅު އެއްޗެއްކަމާއި އޭގެ ތަޖުރިބާ ތަފާތުވާނޭކަމުގެ ފިކުރު އެމީހާގެ ކިބައިގައި އުފައްދައިގެންނެވެ.

ގިނަ މުދައްރިސުންނަކީ ވަރަށް ފޫހިގޮތަކަށް ކިޔަވައިދޭ ބައެކެވެ. އެމީހުން ކިޔަވައިދޭ އެއްޗަކާ ދަރިވަރުންގެ ޢާއްމު ދިރިއުޅުމާ އެއްވެސް ގުޅުމެއް ނުހުންނާނެއެވެ. އާއްމު ދިރިއުޅުމާ ކިޔަވައިދޭ އެއްޗަކާ ގުޅާލާކަށް ނޭނގެއެވެ. މި ބައިމީހުން ހަމައެކަނި ޓެކްސްޓް ފޮތުގައިވާ އެއްޗެއްގެ މައްޗަށް ފިލާވަޅުތައް ބިނާކުރެއެވެ. މި ސުންނަތާ އެއްގޮތަށް ކަން ހިނގަމުން ދަނިކޮށް، މަޖީދިއްޔާގައި އަޅުގަނޑު ކިޔަވަން އުޅުނު ދުވަސްވަރު އަޝްރަފް ނަމަކަށް ކިޔާ އޮޅުދޫކަރައިގެ މުދައްރިސަކު ކެމިސްޓްރީ ކިޔަވައިދޭން އަތުވެއްޖެއެވެ. ކެމިސްޓްރީއަކީ ތަފާތު ތަކެތީގެ ސިފަތަކާއި އެކަތި އަނެއް އެއްޗަކާ އެކުވެ ގުޅުމުން ވާގޮތްތަކާ ބެހޭ ޢިލްމެވެ. އަޝްރަފްއަކީ ތަފާތު އެތައް އެއްޗެއް އުފައްދާ ގޮތާއި، އެކަމުގައި ކެމިސްޓްރީގެ ދައުރު ވަރަށް ރަނގަޅަށް އެނގޭ މީހެކެވެ. ފިލާވަޅުތައް ފަށާނީ ވެސް ކޮންމެ ވެސް އެއްޗެއް އުފައްދާފައި ހުންނަ ގޮތާ ބެހޭގޮތުންނެވެ. ދެން އޭގެ ކެމިސްޓްރީ އެވެ.

އޭނާ ކިޔައިދިން ކަންތައްތަކުގެ ތެރެއިން އަޅުގަނޑު ހަނދާން ހުންނަ އެއް ކަމަކީ ހަލުވިދާ ހަދާގޮތެވެ. އޭނާ ބުނީ ހަލުވިދާ ހަދަނީ ވަކި ބާވަތެއްގެ މޫދު ވިނަ އަކުން ކަމާއި އެއީ އެ ވިނަ އުފެދިފައިވާ ސެލްތަކުގެ ބޭރު ފަށަލައިގައި ހުންނަ އެއްޗެއް ކަމެވެ. ދެން އޭނާ ޢާއްމުކޮށް އެނަގާ ވިނަތައް ސިފަކޮށްދިނެވެ. ދެތިން ދުވަހެއްގެ ފަހުން، ކިލާހުގެ ބައެއް ކުދިން، މޫދަށް ގޮސް، އޭނާ ބުނި ފާޑުގެ ވިނަ ނެގިއެވެ. އެ ދުވަސްވަރު، މާލޭގެ ހުޅަނގު ފަރާތުގައި، މާފަންނު ސަހަރާއިން ފެށިގެން އުރަފަތާ ހަމައަށް އޮންނާނީ ވިނަފަޅާފައި އޮންނަ މޫދެވެ. މި ސަރަޙައްދުގެ ދިގުމިނުގައި 600 ފޫޓު ހުންނާނެއެވެ. ފުޅާމިނުގައި 2000 ފޫޓު ހުންނާނެއެވެ. ބައެއް ދުވަސްވަރު، ރާޅާއެކު، ބައެއް ބާވަތުގެ ވިނަ ފުނި ފުންޏަށް ގޮނޑުދޮށަށް ލައްގައެވެ.

ދެން، ހޮވި ވައްތަރުގެ ވިނަ މުދައްރިސަށް ދެއްކުމުން، އޭނާ ބުނީ މިއަށް ކިޔަނީ ޗައިނާ މޮސްކަމާއި މިއީ ހަލުވިދާ އުފައްދަން ވަރަށް ރަނގަޅު ވިނައެއް ކަމެވެ. އޭނާ ބުނިގޮތަށް ކަންތައް ކުރުމުން، އެ ވިނައިން ހަލުވިދާ އުފެއްދުނެވެ. ހެދިގޮތަކީ، ރަނގަޅަށް ދޮވެ، އަވީލައި، ހަފުތާއެއްގެ ތެރޭގައި ހުދުވުމުން، ފެނުކެއްކީއެވެ. ކެއްކި ފެން ހަލުވިދާއަށް ވެއެވެ.

ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި، ވަރަށް ގިނަ ބާވަތުގެ ވިނައިން ހަލުވިދާ ނުވަތަ އާގަރ-އާގަރ އުފެއްދޭނެއެވެ. ތިރީގައި މިވަނީ މިފަދަ ބައެއް ވިނައެވެ. މިކަހަލަ ކިތައް ބާވަތުގެ ވިނަ ތިރަށުގެ މޫދުގައި ހުރޭތޯއެވެ؟

ފޮޓޯގައިވާ ވިނަ ނޫނަސް ގިނަ މޫދު ވިނަތަކުގައި، ހަލުވިދާ އުފެއްދުމަށް ބޭނުންވާ ބައި ހިމެނޭނެއެވެ. ބައެއް ވިނައިގައި މި މާއްދާ ގިނަައީއެވެ. ކުރިން ދެންނެވިހެން ހަލުވިދާ އަކީ ޙަޤީޤަތުގައި މި މޫދުވިނައިގެ ސެލްތަކުގެ ބޭރު ފަށަލައިގައި ހުންނަ ނިކަން ދިގު މޮލިކިއުލްތަކެކެވެ. މޮލިކިއުލް ކިޔަނީ ދޭއް ނުވަތަ އެއަށްވުރެ ގިނަ ޒައްރަކުން އުފެދިފައިވާ އެއްޗެއްގެ ކެމިކަލް ސިފަ ހުންނަ އެންމެ ކުދި ބަޔަށެވެ. ހަލުވިދާ މޮލިކިއުުލްއަކީ ނިކަން ބޮޑު މޮލިކިއުލެކެވެ. ހަލުވިދާގެ ސިފަ އަންނަނީ މިކަމުގެ ސަބަބުންނެވެ. ވިސްނައިގަންނަން ފަސޭހަ އެއްގޮތަކީ އަންނިވި މިސާލުންނެވެ. ފެން މޮލިކިއުލަކީ ޓޭބަލް ޓެނިސް ބޯޅައެއް ކަމަށް ވިސްނަވާށެވެ. ހަލުވިދާ މޮލިކިއުލް އަކީ މިފަދަ 40 ބޯޅަ އިސްފިރޭނު ފަދަ އެއްޗަކުން ގުޅާފައިވާ ބޯޅަތަކެއްކަމަށް ވިސްނަވާށެވެ. ދެން މި ދެބާވަތުގެ ދިވަހަވަރަކަށް ”މޮލިކިއުލް“ ތެއްޔަކަށް އެޅުއްވުމަށް ފަހު އެއް އެތި، އަތުން ނަގަން މަސައްކަތް ކުރައްވާށެވެ. ޓޭބަލް ޓެނިސް ބޯޅަތައް ފަސޭހައިން ވަކިވަކިން އަތުން ނެގޭނެއެވެ. ނަމަވެސް، ހަލުވިދާ މޮލިކިޔުލެއް ނަގަން ހިފައިފި ނަމަ، މުޅި ތެލީގައި ހުންނަ ހުރިހާ ޓެނިސްބޯޅަތަކާ ލާ މެހިފައިވާތީ ނެގޭނީ ހުރިހާ ބޯޅަ އެއްފަހަރާއެވެ. ހަލުވިދާގެ އޮލަކަމުގެ ސިއްރަކީ މިއީއެވެ.

ހަލުވިދާ މޮލިކިޔުލް އަކީ 85 ދަރަޖައަށް ހޫނުކުރުމުން ދިޔާވާ އެއްޗެކެވެ. ގަނޑުވަނީ 32 ވަރަކަށް ދަރަޖައިގައެވެ. އެހެންކަމުން، މޫދުވިނައިން ހަަލުވިދާ ވަކިކުރެވޭނެ ގޮތަކީ 85 ދަރަޖައަށް ނުވަތަ އެއަށް ވުރެ މައްޗަށް ހޫނުކުރުމުންނެވެ. އެއިރުން، މޫދުވިނައިގެ ސެލްތަކުން ހަލުވިދާ މޮލިކިއުލްތައް  ދިޔާވެގެން ފެނުގެ ތެރެއަށް ގިރޭނެއެވެ. ދެން ފެން ފުރާނައިގެން މޫދުވިނަތައް ވަކިކޮށްލަނިކޮށް، ހަލުވިދާ ހެދުނީއެވެ. ދެން އޮންނާނީ ކޮންމެވެސް ގޮތަކުން ހަލުވިދާ އޮލަކޮށް ފިނިކޮށްގެން ނަރަށް ހެދުމެވެ. ނުވަތަ ކުނޑިއަށް ހެދުމެވެ. މަތީގައި ބަޔާން ކުރި ގޮތަށް ހަދައިފި ނަމަ، ރަނގަޅަށް ލޮނާއި ހިތި ނުފިލާ ހުރުމުގެ ސަބަބުން  ހަލުވިދާގައި  ލޮނު ރަހަ އާއި ހިތި ރަހަ ހުރުން އެކަށީގެން ވެއެވެ.  ތިރީގައި މި ބަޔާން ކުރަނީ ހިތިރަހަ ކަނޑުވާ ގޮތާއި ކުލަ ފިލުވާ ގޮތެވެ.

ރާއްޖޭގައި ޢާއްމުކޮށް ވިއްކަން ހުންނަ ހަލުވިދާނަރު ހަދާގޮތް


އެންމެ ފުރަތަމަ، ވިނަތައް، ފެނަށް އަޅައި، ދެތިން ގަޑިއިރުވުމުން،  ވިނަތަކުން ލޮނު ރަހަ ކެނޑެންދެން ފެނުން ދޮންނާށެވެ. ދެން އެއަށް ފަހު، އެއް ހަފުތާ ވަންދެން އަވީލާށެވެ. އެއީ ވިނަތަކުގެ ފެހިކަން ކެނޑި ހުދުވަންދެންނެވެ. އެއަށް ފަހު އެއް ކިލޯ ވިނައަށް ތިން ލީޓަރު ފެން އެޅުމަށް ފަހު، އެއް މޭޒުމަތީ ސަމުސާ ރާހުތް އަޅައި، ތިން ގަނޑިއިރު ވަންދެން މަޑު ހޫނުގައި ފެންގަނޑު އެއް ލީޓަރަށް ކުޑަވަންދެން ކައްކާށެވެ. ދެން މިއަަށްފަހު، އުއި ފޮތިގަނޑަކުން ހޫނުފެން ފުރާނާށެވެ. ހަލުވިދާ ވަނީ މި ހޫނު ފެނަށް ގިރިފައެވެ. ދެން ތަބަކަށް އަޅައި، ގަނޑުކުރާށެވެ. ރަނގަޅަށް ގަނޑުވުމުން ނަގައި، ކެފޭ ވަރުވުމުން ބައި އިންޗި ފުޅާ، ދިގުމިނުގައި އެއް ފޫޓު ހުންނަ ވަރަށް ކަފައި، އެ ކެފިބައިތައް އަވީލާށެވެ. އަވީލުމުން ފެންތައް ވަކިވާނެއެވެ. ދެން އަނެއްކާ ގަނޑުކޮށް، އަވީލާ ހެދުމުން ނުވަތަ ފަހު ފިޔަވަޅު ތަކުރާރުކުރުމުން، ރާއްޖޭގައި ވިއްކަން ހުންނަ ހަލުވިދާނަރު ހަދާ ނިމުނީއެވެ.

މި ދެންނެވުނީ އެންމެ ފުރަތަމަ ހަލުވިދާ ނަރު ހެދިގޮތެވެ. މިގޮތް ހޯދުނީ ޖަޕާނު މީހަކު މީގެ ތިންސަތޭކަ ފަންސާސް އަހަރު ކުރިން، މޫދުން ގެނައި ވިނަތަކަކުން ސޫޕެއް ހަދައި ބާކީބައި ބެހެއްޓުމުން ޖެހިގެން އައި ދުވަހު އެ ހަލުވިދާއަށް ވެފައި ވުމުންކަމަށް ބުނެއެވެ.   މި ޖެލްގެ ބޭނުންތަކާއި ފައިދާތައް މީނާއަށް ވިސްނި، މިކަން މޮޅަށް ކުރާނޭ ގޮތް ތަޖުރިބާތަކަކުން ހޯދީއެވެ.

— — —

އިސްވެ ބަޔާން ކުރެވުނު ގޮތަށް ވުރެ މޮޅަށް ހަލުވިދާ ހަދާނޭ ގޮތް


މޫދުވިނަތައް ވަހާއި ލޮނު ރަހަ ކެނޑެންދެން ސާފު ފެނުން ދޮވުމަށް ފަހު، އަށްޓެއްގެ ނުވަތަ ކުނަލެއްގެ މަތީގައި ހަފުތާއެއް ވަންދެން އަވީލާށެވެ. މިއަށް ފަހު، އަނެއްކާ ސާފު ފެނުން ވަހާއި ރަހަ ކެނޑެންދެން ދޮވުމަށް ފަހު، ކޮންމެ ލީޓަރެއްގެ ފެނަށް އެއް ސައިސަމުސާ ރާހުތް އެޅި ފެނުން ދޮވެ، މަޑު ރީނދޫކުލައެއް އަރައި މުޅިން ހިކެންދެން އަވީލާށެވެ.

މިއަށް ފަހު، ހުރިހާ ވަހެއް ރަހައެއް ކެނޑެންދެން ސާފުފެނުން ދޮންނާށެވެ. ދޮވުމަށް ފަހު، ކޮންމެ 50 ގްރާމް ތެތް ވިނައަށް 500 ލީޓަރު ފެނުގެ މަގުން، ފެން އަޅައި، 85 ދަރަޖައަށް ވުރެ ހޫނު މަތި ނުވާ ވަރަށް ހޫނުކުރާށެވެ. ހޫނުކުރަންވާނީ، ކުޑަ އަޅިބޮނޑިއެއް ފެނަށް ލައިގެންނެވެ.

ކައްކާ ނިމުމުން، ސާފު ފެނުން ދޮވެ، ފެނުގައި ބަހައްޓައިގެން ފަސްގަނޑިއިރު އަވީލާށެވެ. މިއަށް ފަހު ފެން ބަދަލުކޮށް، ރޭގަނޑު ފިނީގައި ބެހެއްޓުމަށް ފަހު، އަނެއް ދުވަހު އެވީ ކައްކާށެވެ.

މޫދުން ނަގާފައިވާ ވިނަ. އެތައް ބާވަތެއްގެ ވިނައިން ހަލުވިދާ ހެދޭނެއެވެ.

ރަހަ ކަޑުވަން ވިނަ ފެނަށް އަޅާފައި

އަވީގައި ޖެހުމުން ވަރަށް ގިނަ ތަކެތީގެ ކުލަ ވެއްޓެއެވެ.

ކުރިން ބަޔާން ކުރެވުނު ފިޔަވަޅުތައް އެޅުމަށް ފަހު، ދެން އެވީ މޫދުވިނަ އެޅި ފެން ކައްކާށެވެ. ކައްކަން އެންމެ ރަނގަޅުވާނީ ޕްރެޝަރ ކުކަރ ކިޔާ މަތި ޖެހި ތެއްޔެވެ. މިބާވަތުގެ ތެލި ނެތްނަމަ، އާދައިގެ ތެއްްޔެއްގައި ދެ ގަނޑިއިރުވަންދެން ކައްކައި، ހޫނުކޮށް ހުއްޓައި އުއި ފޮތިގަނޑަކުން ފެން ފުރާނާނީ އެވެ. މިހާރު ވިނަތަކުގެ ސެލްތަކުގައި ހުރި އާގަރ ހުންނާނީ ފެނަށް ގިރިފައެވެ. ދެން މަތިޖަހާ ބެހެއްޓުމުން ހައެއްކަ ގަނޑިއިރު ވުމުން ގަނޑުވާނެއެވެ. ދެން އެވީ، ކުރިން ބަޔާން ކުރެވުނު ގޮތަށް އައިސް އަލަމާރިއެއްގެ ގަނޑުކުރާ ބަޔަށް ލައި، ދެން އެއަށް ގަނޑުވުމުން ނަގާށެވެ. މިހެން ހެދުމުން ހަލުވިދާ އާއެކުވެފައިވާ ސާފު ފެން ދިޔާވާނެއެވެ.  މި ފެން އުކާލުމަށް ފަހު، ބޭނުން ނަމަ، ހަލުވިދާތައް ފުޅިއަކަށް އަޅައި މަތިޖަހައިގެން އައިސް އަލަމާރީގައި ގެންގުޅެވޭނެއެވެ. ނޫންނަމަ، އަވީލައި ހިއްކައިގެން ކުރިން ބަޔާން ކުރިގޮތަށް، ނަރު ނުވަތަ ހަލުވިދާ ކުނޑި ހެދޭނެއެވެ.

ރާއްޖޭގެ ބޮޑެތި ފަޅުތަކުން ކުޑަ ކާރުޚާނާއެއް ހިންގުމަށް މޫދު ވިނަ ލިބޭނެއެވެ. ބައެއް ޤައުމުތަކުގައި ހަލުވިދާ ހެދުމަށްޓަކައި، ފަޅުގައި ވައު ދަމައިގެން މޫދުވިނަ ހައްދައެވެ. މިއީ ރާއްޖޭގައި ވެސް ކުރެވިދާނޭ ކަމެކެެވެ.

ހަލުވިދާގެ ބޭނުންތައް


ހަލުވިދާއަކީ ގިނަ ބޭނުންތަކެއް އެކުލެވޭ އެއްޗެކެވެ. ހަލުވިދާއިން ހަދާ ޖެލީތަކާއި އެހެނިހެން ކާ ތަކެއްޗަށް ގިނަ ބަޔަކު ވަރަށް ފަރިތަވާނެއެވެ. މިތަކެތީގައި ތެރޭގައި އައިސްކްރީމް ވެސް ހިމެނެއެވެ. އައިސްކްރީމްގައި ހުންނަ އޮލަކަން ގެނައުމަށް ހަލުވިދާ ބޭނުން ކުރެއެވެ. ކޭކު، ޑޯނަޓް، ޗީޒުކޭކު ފަދަ ތަކެތި ހެދުމަށާއި އެތަކެތީގެ ބޭރު ޒީނަތްތެރިކުރުމަށް ވެސް ހަލުވިދާ ބޭނުން ކުރެއެވެ. ހަލުވިދާއަކީ މައިގަނޑު ގޮތެއްގައި ފައިބަރު ކިޔާ ގޮހޮރުން ހަޖަމު ނުކުރެވޭ އެއްޗެކެވެ. އެހެންކަމުން، ބައެއް މީހުން ހިކެން ވެގެންނާއި، ބަނޑު ހަރުވުމުން ހަލުވިދާ ޢާއްމުކޮށް ކައި އުޅެއެވެ. ބަނޑުފައިވުން ކެނޑުނަސް، ފަލަވުމެއް އެ ކާނާއަކު ނުވާނެއެވެ.

ދިވެހީން އެންމެ ފަރިތަ ނުވާނީ، އޯކިޑް ފަދަ ގަސްތައް ޓިޝޫ ކަލްޗަރ އިން ގިނަކުރުމަށާއި ލެބޯރަޓަރީ ތަކުގައި، ތަފާތު ޖަރާސީމު ގިނަކުރަން ކުރާ ހަލުވިދާގެ ބޭނުމަށެވެ. ޖަރާސީމާ ބެހޭ އެއްވެސް ލެބޯރަޓަރީއެއް ހަލުވިދާ އާ ނުލާ ހިންގުމަށް ދަތިވާނެއެވެ. ދަތްތައް ޖަހާއިރު، ހިރުގަނޑުގެ ބައްޓަން ނެގުމަށް ވެސް ހަލުވިދާ ބޭނުން ކުރެއެވެ. އަދި މި ނޫނަސް އެތައް ބޭނުމެއް ހަލުވިދާއިން ކުރެއެވެ.

— — —

އެންމެ ފަހުގެ މަޒުމޫނުތައް