ތަޢުލީމުގެ އަސަރުތަކާ މެދު

ފިނިފެންމަލުގެ ބަގީޗާ — ހަތްވަނަ ބާބުގެ ދެވަނަ ބައި

—8—

ސަހަރާގެ ޢަރަތްބެއް އޭނާގެ ފިރިހެން ދަރިފުޅު (ފުތު) ގެ ކައިރީގައި ބުންޏެވެ: ”އޭ ފުތާއެވެ. އަލުން ފުރާނަ އަޅުއްވާ ދުވަހު، ތިބާއާ ކުރެވޭނޭ ސުވާލަކީ، ލިބިގަތީ ކޮން އެއްޗެއް ހެއްޔެވެ؟  ކޮން ދަރިފަސްކޮޅެއްހޭ އެއް ނޫނެވެ. މަޢުނައީ ތިބާއާ ސުވާލު ކުރެވޭނީ ދުނިޔޭގައި އުޅުނު އިރު، ލިބިގަތީ އާޚިރަށް މަންފާކުރުވަނިވި ކޮން ކަމެއް ހެއްޔެވެ؟ ކަލޭގެ ބައްޕައަކީ ކާކުހޭ އެއް ނޫނެވެ.“

ކައުބާގެ އުރަކޮޅުގައި މީހުން ބޮސްދެއެވެ.

މިކަމުން ފަށުވިފަނީގެ ޤަދަރެއް މައްޗެއް ނުވެއެވެ.

[ގެފުޅުގެ އުރަކޮޅު ހަދާފައި ހުންނަނީ ފަށުވިންނެވެ. އޭގައި މީހުން ޤަދަރު ދިނުމުގެ ގޮތުން ބޮސްދެއެވެ. އެހެން ކަމަކު، ފަށުވި އުއި އުފައްދާ ބަޅިނދުގެ ފަނީގެ ޤަދަރެއް މައްޗެއް ނުވެއެވެ.]

އެއް ދުވަސްވަރަކު ޚުލްޤު ރަނގަޅު މާތް މީހަކާ އެކު އަހުރެން ވީމެވެ.

އެކަމުން، އޭނާއަށް ފަދައިން މީހުން އަހުރެންނަށް އިޙްތިރާމް ކުރާތީ ވީމެވެ.

—9—

ފަލްސަފާވެރިންގެ ލިޔުންތަކުގައި ވެއެވެ. ނަގުލަންދާށީގެ ކުދި އެއްޗެތި ވިހަނީއެވެ. މަންމަގެ ބަނޑު ކަމުން ނުކުމެ، ދުވަސްކޮޅަކުން ސަހަރާގެ ތެރެއަށް ދެއެވެ. ހާލީގައި މަންމަ އެތީގައި ތޮށިގަނޑު ހުންނަކަން އެއީ މިކަމުގެ ހެއްކެކެވެ. ޙިކްމަތްތެރި މީހަކަށް އަހުރެން މިވާހަކަ ކިޔައިދިނުމުން އޭނާ ބުންޏެވެ. ”އަހުރެންގެ ހިތަށް ވެސް ޤަބޫލުކުރެވެނީ ތިއީ ތެދެއް ކަމަށެވެ. އެތަކެތީގެ މައިންބަފައިންނާ ދޭތެރޭ ތިގޮތަށް ކަންތައް ކުރާ ނަމަ، ބޮޑެތި ވުމުން އެ އެއްޗެތި ދެކެ ލޯބިވެ އިޙްތިރާމް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟“

ބައްޕައަކު އޭނާގެ ފުތާއަށް އިލްތިމާސް ކުރިއެވެ.
އޭ މާތްވެގެންވާ ގޮލާއެވެ. މި ނަސޭހަތް އަޑުއަހާށެވެ.
”އޭގެ އަޞްލަށް ވަފާތެރިނޫން މީހެއް

ބާއްޖަވެރިކަމުގެ އެކުވެރިއަކަށް ނުވާނެއެވެ.“

ފިނި މޫސުމުގައި ބޭރަށް ނުދަނީ ކީއްވެގެންތޯ ނަގުލަންދާއްޓެއްގެ ކައިރީގައި އެހުމުން ޖަވާބުގައި ބުންޏެވެ، ”ހޫނު މޫސުމުގައި ބޭރަށް ނުކުތުމުން އަހުރެންނަށް ލިބެނީ ކޮން ޤަދަރެއް ހެއްޔެވެ؟ އެހެން ވިއްޔާ ފިނިމޫސުމުގައި އަހުރެން ބޭރަށް ނުކުންނަންވީ ކީއްވެ ހެއްޔެވެ؟“

{މިވާހަކައިގައި ބަޔާންކޮށްފައިވާ، ނަގުލަންދާށީގެ ކުދި ތަކެތި އަޞްލު ވިހަނީއެވެ. ކުޑައިރު އެތަކެތި އުޅެނީ މަންމަގެ ބުރަކަށި މަތީގައެވެ. ކުދި ތަކެތި ބޮޑުވަނީ އޭގެ ބޭރު ތޮށި ބަދަލުކޮށްގެންނެވެ.}

—10—

ދަރިއަކު ދުވަހަކު ވެސް ނުލިބޭ، ދަރުވޭސީއެއްގެ އަނބިމީހާ ހައްޔަރުގައި އިނދެ ވިހަން ގާތްވުމުން، ދަރުވޭސީ ދުޢާކުރިއެވެ. ”މަތިވެރި ﷲ އަހުރެންނަށް ފިރިހެން ދަރިއަކު ހަދިޔާކުރައްވާ ނަމަ، އަހުރެންގެ ހުރިހާ މުދަލެއް ދަރުވޭސީންނަށް ހަދިޔާކުރާނަމެވެ. އަތުގައި ބާއްވާނީ މި ލައިގެން ހުރި ފޮތިމަތީ ފޮތިއެޅި ލިބާހެވެ. “

ކަންދިމާވި ގޮތުން ދަރުވޭސީއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އެކަމާ އުފާކޮށް، ވަޢުދާ އެއްގޮތަށް ދަރުވޭސީންނަށް ޖާފަތެއް ދީފިއެވެ. ދުވަސް ގަނޑެއްގެ ފަހުން ސީރިއާ އިން އައި ދަތުރެއްގައި، ދަރުވޭސީ އުޅޭ އަވަށަށް ދެވުމުން އޭނާގެ ހާލުއަހުވާލާ މެދު ސުވާލުކޮށް ހަދައިފީމެވެ. އަވަށު މީހުން ބުނީ ފުލުހުން އޭނާ ޖަލަށް ގެންގޮސްފި ކަމަށެވެ. ސަބަބު އެހުމުން ބުނީ، އޭނާގެ ދަރިފުޅު ރާބޮއި އަމަލުވެގެން މީހަކު ޤަތުލުކޮށް ފިލުމުން، ބަދަލުގައި އޭނާގެ ބައްޕަގެ ކަރުގައި ހިލިހިލާޖަހައި، ފައިގައި ކަސްތޮޅު އެޅުވީއެވެ. އަހުރެން ބުނީމެވެ: ”މި މުޞީބާތަށް އެދި، މަތިވެރި މާތް ﷲ އަށް ދެންނެވީ ޚުދު އޭނާއެވެ.“

އޭ ބުއްދީގެ އަހުލުވެރިޔާ އެވެ. އަންހެނުން ބަލިވެ އިދެ
ހަރުފަ ވިހެއުމަށް ވުރެ،
ނުބައި ދަރިފަސްކޮޅެއް އުފަންކުރުމަށް ވުރެ

ޙިކްމަތްތެރީންގެ ބަހުގައި، ނުވިހެއުން ބުއްދިވެރިއެވެ.

—11—

އަހުރެން ކުޑައިރު ތަސައްރުފު ފުދުމަކީ ކޮބައިކަމާ މެދު އެދުރަކާ ސުވާލު ކުރީމެވެ. އޭނާ ބުންޏެވެ: ”ފޮތްތަކުގައި ވަނީ އެއީ ތިންކަމެއް ކަމަށެވެ. އުމުރުން ފަނަރަ އަހަރު ފުރުމާއި، ނިދުމުގައި މަނިބޭރުވުމާއި، ދެ އުކުޅުވަޅު ދެމެދު އިސްތަށި ފެޅުމެވެ. އެކަމަކު ޙަޤީޤަތުގައި، ތަޞައްރުފު ފުދުމުގައި ވަނީ އެންމެ ކަމެކެވެ. އެއީ ހަވާނަފުސަށް އެދުމުގެ ބަދަލުގައި، މަތިވެރި ކީރިތި ﷲ ގެ ރުއްސެވުމަށް އެދުމެވެ. މި ޚިޔާލާތާއި އުޅުން ލިބި ނުގަނެވޭ މީހުންނަކީ، ޙިކްމަތްތެރީންގެ ބަހުގައި ތަސައްރަފު ނުފުދޭ މީހުންނެވެ.“

ރަޙިމުގައި ސާޅީސް ދުވަސްވުމުން،
ފެން ތިއްކަކުން އިންސާނާގެ ސޫރަ ޖެހެއެވެ.
ސާޅީސް އަހަރުވުމުން ވެސް ބުއްދި އާއި ޙިކްމަތް ނުލިބޭ ނަމަ،
ޙަޤީޤަތުގައި އެ ސޫރައަށް އިންސާނެކޭ ނުބުނެވޭނެ އެވެ.
ގަދަވުމަކީ، އޯގާތެރިވުމާއި ދީލަތި ވުމެވެ.
އިންސާނިއްޔަތްތެރިކަން ވަނީ މާއްދީ ސޫރައެއްގައި ކަމަށް ހީނުކުރާށެވެ.
ބަނިޔާދަންކަން މުހިއްމުވަނީ ގަދަކަމަކީ ބޭނުން ނަމަ،
މާލަމުތަކުގައި ރަތާއި ފެހިކުލައިން ކުރެހޭ އެއްޗަކަށް ވާތީއެވެ.
މީހެއްގެ ކިބައިގައި ރަނގަޅު ކަމާއި މޫރިތިކަން ނުވާނަމަ،
ފާރުގައި ވާ ކުރެހުމަކާ އޭނާ އާ ތަފާތަކީ ކޮބައި ހެއްޔެވެ؟
މުޅި ދުނިޔެ މިލްކު ކުރުމަކީ މަތިވެރިކަމެއް ނޫނެވެ.

ކުރެވޭނެ ނަމަ، އެންމެ މީހެއްގެ ހިތް މިލްކު ކުރެވޭތޯ ބަލާށެވެ.

—12—

ޙައްޖުވެރިން ދަތުރުކުރި ގާފިލާއެއްގައި ފަހަތުން ފައި މަގުގައި ދާ ޖަމާޢަތެއްގައި އަހުރެން ވީމެވެ. މިޖަމާއަތުގައި ދެކޮޅުވެރިކަން އުފެދި، ޙައްޤު ހޯދަން އެކަކު އަނެކަކުގެ ބޮލާއި މޫނުގައި ވަކި އަޅައި ރުޅިވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފިއެވެ. ޖަމަލެއްގެ މަތީގައިވާ ކީމިޔާއެއްގައި އިށީދެގެން އިން މީހަކު އެހެން މީހުންނަށް ބުނާ އަޑު އެހީމެވެ. ”ކިހާ ހައިރާން ކުރުވަނިވި ހެއްޔެވެ؟ ރާޒުވާ ގޮޑިއެއްގައި މަނާ ކުރިއަށް ގޮސް މަންތިރިއަކަށް ވެއެވެ. އެކަމަކު ހިނގާފައި ހައްޖަށްދާމީހުން ސަހަރާ ހުރަސްކޮށް ދަތުރުކުރުމުން ވަނީ ކުރިއަށް ވުރެ ނުލަފައެވެ.“

ހިތްދަތިކޮށްގެން މީހުންގެ ހަންގަނޑު އިރާ މީހުންނަކީ އެ ހާޖީންނެވެ.

މީހުންގެ ގައިގައި ދަތް އަޅާ ހާޖީއަށް ބުނާށެވެ.
ތިއީ ހާޖީއެއް ނޫނެވެ. ޖަމަލަކީ ހާޖީއެކެވެ.

އެ ކަނީ ގަސްގަހުގައި ހުންނަ ކައްޓެވެ. އެކަމަކު އެ ވެސް ބުރަކަށީގެ މަތީގައި މަޖޫރީކުރެއެވެ.

—13—

އަލިފާން ހިފާ ކަރުބޮލަކު އުކަން ދަސްކުރާ މީހަކަށް ޙިކްމަތްތެރިއަކު ނަސޭހަތްތެރި ވިއެވެ: ”ހައި އިން ގެދޮރު ހަދާފައި ހުރި މީހަކު، ތިޔައަކީ ކުޅިވަރަށް ކުރާ ކަހަލަ ކަމެއް ނޫނެވެ.“ [ހައި އަކީ ފަސޭހައިން އަލިފާން ރޯވާ، ފެނާގާތުގައި ހެދޭ ގަހެކެވެ. މި ގަސް، ބިތާއި ފަންގިލުމަށް ބޭނުން ކުރެއެވެ.]

ރަނގަޅު ހާލަތްކަން ޔަޤީން ނޫން ނަމަ، ވާހަކަ ނުދައްކާށެވެ.

ރަނގަޅު ޖަވާބެއް ނުލިބޭނެކަން އެނގޭނަމަ، ސުވާލު ނުކުރާށެވެ.

—14—

ކުޑަ މީހެއްގެ ލޮލުގައި ކުޑަކޮށް ރިއްސަން ފެށުމުން، އަހުގެ މޮށުގައި ދަގަނޑު ފައިވާން (ކަހޫޓީ ނުވަތަ ނާލް) އަޅާ މީހެއްގެ ކައިރިއަށް ފަރުވާއަކަށް ގޮސްފިއެވެ. ހަތަރު މޮށް ހުންނަ ޖަނަވާރުގެ ލޮލަށް އަޅާ ބޭސް މީނާގެ ލޮލަށް އަޅަން ދިނުމުން، ގިނަ ދުވަހެއް ނުވެ، ލޯ ކަނުވެގެން ފަނޑިޔާރު ކައިރިއަށް ޝަކުވާއަށް ގޮސްފިއެވެ. ފަނޑިޔާރު އެއްވެސް އަދަބެއް އޭނާއަށް ނުދީ ބުންޏެވެ: ”މި ކަމުން ލިބިގަންނަން ޖެހޭ އިބުރަތަކީ، މުހިއްމު ކަމެއްގައި، ތަޖުރިބާއެއް ނެތް މީހެއްގެ ކައިރިއަށް ގޮސް ފަހުން ހިތާމަކުރާ މީހާއަކީ ބުއްދިވެރީން ދެކޭ ގޮތުގައި، ބުއްދި ފިލައިފައިވާ މީހެކެވެ.“

ތަންދޮރު ދަންނަ ހެޔޮ ވިސްނޭ މީހަކު
މުހިއްމު ކަންކަން ނިންމަން ކެނާއަކާ ހަވާލެއް ނުކުރާނެ އެވެ.
ވިޔުމުގެ މަސައްކަތުގައި އުޅުނަސް ސާންތިވިޔާ މީހަކު

ފަށުވި ވިޔާ ތަނެއްގެ ނޯކިރީއަކަށް ކަމަކު ނުދާނެއެވެ.

—15—

މާތް މީހެއްގެ ދަރިއެއް ނިޔާވުމުން، އޭނާގެ މަހާނައިގައި ލިޔާނީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ: ”ކީރިތި ފޮތުގެ އާޔަތްތައް މިފަދަ ތަނެއްގައި ލިޔުމަށް ވުރެ އޭގެ ޤަދަރު މަތިވެރިވެގެން ވެއެވެ. ވަގުތުގެ ދަތުރުކުރުމުން އެ ލިޔުންތައް ހަލާކުވާނެއެވެ. އޭގެ މަތީގައި މީހުން ހިނގާނެއެވެ. ކުއްތާތައް އެއަށް ހީސްލާނެއެވެ. އެއްޗެއް ލިޔަން ޖެހޭނަމަ، މިހެން ލިޔާށެވެ.“

ވާވާ އެވެ. ބަގީޗާގައި ގަސްތައް ފެޅި ކޮންމެ ފަހަރަކު
އަހުރެންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ.
އެކުވެރިޔާއެވެ. ކުރިއަށް ހިނގާފައި ދާށެވެ.

އަހުރެންގެ ވެލީން ރަބީއު މޫސުމުގައި ގަސްތައް ފަޅާތަން ފެންނާނީ އެއިރުންނެވެ.

—16—

މުއްސަނދި މީހަކު އޭނާގެ އަޅެއްގެ ދެފަޔާއި ދެ އަތް ބަނދެ އަނިޔާ ކުރާ މަގަކުން ދީންވެރި މީހަކަށް ދެވިއްޖެއެވެ. އެމީހާ ބުންޏެވެ: ”ދަރިފުޅާއެވެ. ތިބާ ފަދަ އިންސާނަކު، ކުޅަދުންވަންތަ މަތިވެރި ﷲ ތިބާއަށް އަޅެއްގެ ގޮތުގައި ދެއްވައި އޭނާގެ މައްޗަށް އަމުރުކުރުމުގެ ބާރު އެކަލާނގެ ދެއްވައިފިއެވެ. ﷲ އަށް ޝުކުރުކޮށް، އެ މީހާއަށް އަނިޔާވެރި ނުވާށެވެ. ޤިޔާމަތް ދުވަހަށް އަލިވިލޭއިރު، ތިބާއަށް ވުރެ އޭނާގެ ޤަދަރުވެރިވެފައި، ތިބާ ލަދުވެތިކަމުގައި ވުމަކީ އުފާވާނޭ ކަމެއް ނޫނެވެ.

އަޅެއްގެ ކަމެއްގައި މާ ބޮޑަށް ރުޅި އިސް ނުކުރާށެވެ.
އޭނާއަށް އަހުވަ ދައްކައި، އޭނާގެ ހިތް ހިތާމަވެރި ނުކުރާށެވެ.
އެހެނީ އޭނާ އުފެއްދީ ތިބާގެ ބާރަކުން ނޫނެވެ.
ތިބާއަށް ލިބިފައިވާ ބާރާއި ބޮޑާކަމާއި އަމުރުވެރިކަން ދެމި އޮންނާނީ
ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
ތިބާއަށް ވުރެ މާ މަތިވެރި ފަރާތެއް ވެއެވެ.
އަރުސަލާން އާއި އަގޯޝްގެ ވެރި ފަރާތާއެވެ.

ތިބާގެ މައްޗަށް ބާރުއޮތް ފަރާތް ހަނދުމަނެތި ނުކުރާށެވެ.

މާތް ރަސްކަލާނގެ ޞަލާވާތާއި ސަލާމް ލެއްވި ދުނިޔޭގެ އަމީރަށް ނިސްބަތްވާ ބަސްފުޅެއްގައި ވެއެވެ. އަލުން ދިރުއްވާ ދުވަހު ތަޤްވާވެރި އަޅުވެރިޔާ ސުވަރުގެ ވައްދަވައި، ހަވާ ނަފުސުގެ އެދުންތަކަށް ދީލާލައި، އިސްރާފުކުރުމުގެ ވެރިޔާ ނަރަކައަށް ލައްވާ ޙާލަތްހާ ހިތާމަވެރި ޙާލަތެއް ނުވެއެވެ.

ތިބާގެ ޚިދުމަތުގައި އުޅޭ އަޅުމީހާއަށް
ހައްދެއް ނެތް ރުޅިވެރިކަން ނުބާލާށެވެ.
އޭނާ އާ ދޭތެރޭ އޯގާތެރިކޮން ހިތާށެވެ.
ޤިޔާމަތް ދުވަހު، އޭނާ މިނިވަނެއްކަމުގައި ހުރެފައި،
އޭނާގެ ސާހިބަކަށް އުޅުނު މީހާ ހިލިހިލާގައިވާތަން ފެނުމަކީ

ބޮޑުވެގެންވާ ލަދުވެތިކަމެއް ކަމުގައި ނޫނީ ނުވާނެއެވެ.

—17—

އެއް އަހަރަކު ދިމިޝްޤުގެ ބަޔަކާ އެކު، އަހުރެން ބަލްކުން ޤާފިލާއެއްގައި ދިޔައީމެވެ. ދަތުރުގެ މަގުގައި ފޭރޭމީހުން ގިނަ ކަމުން، އަހުރެންމެންނާ އެކު ދިއުމަށް ރައްކާތެރިކަމުގެ ގޮތުން ޒުވާނަކު ދާގޮތަށް ހަމަޖެއްސީމެވެ. އޭނާއަކީ ދުންޏާއި އައްޑަނައިގެ މާހިރެކެވެ. އެތައް ހަތިރާޔާރެއް އޭނާ ފަރިތަކަމާ އެކު ބޭނުން ކުރެއެވެ. ދިހަ މީހުންނަށް ދަމާނުލެވޭ ދުނި އޭނާ ދަމައެވެ. ބިންމަތީގައިވާ އެއްވެސް ހިފުންތެރިއަކަށް އޭނާގެ ބުރަކަށި ބިންމައްޗަކު ނުޖެއްސެއެވެ. އެކަމަކު އޭނާއަކީ މުއްސަނދި، ހިޔަލުގައި ބޮޑު ކޮށްފައިވާ، ދުނިޔޭގެ ތަޖުރިބާ މަދު މީހެކެވެ. ހަނގުރާމައިގެ ބެރުގެ އަޑު އޭނާގެ ކަންފަތަށް އިވިފައެއް ނުވެއެވެ. އަދި އަސްވާރުންގެ ކަނޑީގެ ވިދުވަރުން އޭނާގެ ލޯ ތަރަތަރަޖަހާފައެއް ނުވެއެވެ.

ޢަދާވާތްތެރިއެއްގެ އަތްދަށުގައި އޭނާ ހައްޔަރު ވެފައެއް ނުވެއެވެ.

ދުނީގެ ވާރެއެއް އޭނާގެ ވަށައިގެން ވެހިފައެއް ނުވެއެވެ.

އަހުރެން މި ޒުވާނާއާ އެކު ދުވެފައި ދިޔަ ފަހަރަކު އޭނާގެ އަތުގެ ބާރުން ކުރިމަތީގައި ހުރި ކޮންމެ ބިތެއް ވައްޓާލައެވެ. އަދި މުށުގެ ބާރުން ފެންނަ ކޮންމެ ބޮޑު ގަހެއް ލުއްސާލައެވެ. އަދި ފޮނިކަމާއެކު ބުނެއެވެ.

ބަޠަލުންގެ ކޮނޑު ދެކޭނޭ އެތެއް ނެތީ ހެއްޔެވެ؟

ފިރިހެނުންގެ ގޮށްމުށް ދެކޭނޭ ސިންގާއެއް ނެތީ ހެއްޔެވެ؟

މި ގޮތަށް އޭނާ އުޅެނިކޮށް، ހިންދީންގެ ދެ ވަގުންގެ ބޯ އަހުރެމެންނަށް ހަމަލާދޭން، ގަލެއްގެ ފަހަތުގައި ފިލާފައި ތިބެ ހިއްލާލިތަނާ ފެނިއްޖެއެވެ. އެކަކުގެ އަތުގައިވަނީ މުގުރެކެވެ. އަނެކަކުގެ އަތުގައިވަނީ ސާޅަނގައެކެވެ. އަހުރެން ޒުވާނާއަން ބުނީމެވެ: ”ތި މަޑުކުރަނީ ކީއްކުރަން ހެއްޔެވެ؟“

ކަލޭގެ ކިބައިގައިވާ ކެރުމާއި ބާރު ދައްކާލާށެވެ.

އެހެރީ އަމިއްލަ ފައިގެ މަތީގައި ކަށްވަޅަށް ހިނގާދާ ޢަދާވާތްތެރި އެކެވެ.

އަހުރެންނަށް ފެނުނީ ޒުވާނާގެ އަތުން ވާގި ނެތިގެން ދުންޏާއި ތީރުތައް ބިންމައްޗަށް ވެއްޓުނު ތަނެވެ. އޭނާގެ ކަށިތައް ގުޑުގުޑު އަޅާ ތަނެވެ.

ދަހަނާ ތޮރުފާ ތީރު އުކާ މީހަކަށް އިސްތައްޓެއް ފަޅިކޮށްލެވުނަސް

ޢަދާވާތްތެރިން ހަމަލާ ދޭ ފަހަރު، އޭނާގެ ފައި ބިންގަނޑުގައި ހަރަކާތް ކުރާނެ ހެއްޔެވެ؟

 

އެހެން ގޮތެއް ނެތިގެން، އަހުރެމެންގެ ފޮށިތަންމައްޗާއި މުދަލާއި ހަތިޔާރާއި އަންނައުނު ހިންދީންނަށް ދީފައި، ފުރާނައާއިގެން ސަލާމަތް ވެއްޖައީމެވެ.

މުހިއްމު ކަންތައްތަކުގައި ތަޖުރިބާ ހުރި މީހަކަށް ބަރޯސާވާށެވެ.
އެއީ އޭނާގެ ވަލުން ސިންގާއެއްގެ ކަރުގައި ދަންމަޅި އެޅުވޭ ފަދަ މީހެކެވެ.
ބާރުގަދަ މުލައްދަނޑިއަކާއި އެތެއްގެ ހަށިގަނޑު ލިބިފައި ވިއަސް
ޒުވާނެއް ނަމަ، ޢަދާވާތްތެރިއަކާ ޖެހުމުގެ ބިރަށް އޭނާގެ ހުޅުތައް ބިނދޭނެއެވެ.
މުޤާބަލާއެއްގެ ކުރިން، ހަނގުރާމައެއްގެ ހޫނުކަން އެނގެނީ އެކަން ތަޖުރިބާކޮށްފައިވާ މީހަކަށެވެ.

ޤާނޫނީ މައްސަލައެއްގެ ޙައްލު، ޝަރީއަތް ދަސްކޮށްފައިވާ މީހަކަށް އެނގޭ ފަދައިންނެވެ.

—18—

މުއްސަނދި މީހެއްގެ ދަރިއެއް، އޭނާގެ ބައްޕަގެ މަހާނަ ދޮށުގައި އިނދެ ދަރުވޭސީއެއްގެ ދަރިއަކާ އަރާރުންވެ ބުނެއެވެ: ”އަހުރެންގެ ބައްޕަގެ ސަންދޯއް ހަދައިފައިވަނީ ހިލައިންނެވެ. އޭގައިވާ ލިޔުންގަނޑު ފުރިހަމައެވެ. ބިސްތާނުގައި ޖަހާފައި އެވަނީ ސަންގުމަރުމަރު ހިލަ، ފެހިކުލައިގެ ހިލައާ ތުތިމަސް ވާގޮތަށެވެ. އެކަމަކު ކަލޭގެ ބައްޕަގެ މަހާނަ ދެކެބަލާށެވެ؟ އޭގެ ދެކޮޅުގައި އެވަނީ ދެ އީޓުކޮޅެވެ. މައްޗަށް އެއޮތީ ކިސަޑު އުކާފައެވެ.“ ދަރުވޭސީގެ ދަރި މި އަޑު އަހަން އިނދެފައި ބުނެލިއެވެ. ”ތި ބަރު ހިލަތަކުން ކަލޭގެ ބައްޕައަށް ފޮޅާލާފައި ތެދުވެވޭ އިރު، އަހުރެންގެ ބައްޕަ ސުވަރުގެއަށް ވަންތާ އެތައް އިރެއްވެދާނެ އެވެ.“

ބުރަކަށި މައްޗަށް ލުއި ބަރެއް އަރުވާފައި ވާ ނަމަ،
ހިމާރެއް ވެސް ފަސޭހައިން ކުރިއަށް ދަތުރުކުރެއެވެ.
ފަޤީރުކަމުގެ ބަރު ހިފައިގެން ކުރިއަށް ދާ ދަރުވޭސީ
މަރުގެ ދޮރޯއްޓާ ހަމައަށް ދަނީ ލުއި ހިނގުމަކާ އެކުއެވެ.
އެކަމަކު ތަނަވަސްކަމާއި މުއްސަނދިކަމާއި ފަސޭހައިގައި އުޅުނު މީހާ
މިކަންކަމުގެ ސަބަބުން މަރުވަނީ ދަތީގައެވެ.
ކޮންމެ ހާލަތެއްގައި ވެސް، އޭނާގެ ކަސްތޮޅުތަކުން ސަލާމަތްވާ ހައްޔަރުގައިވާ މީހާ

އަމީރެއް ހައްޔަރުގައި ވުމަށް ވުރެ ވާނީ ހިތްހަމަޖެހުމުގައި ކަމަށް ބެލެވެއެވެ.

—19—

ޙިކްމަތްތެރިއެއްގެ ކައިރީގައި އަހުރެން ސުވާލުކުރީމެވެ. އަންނަނިވި ބުނުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ: ”ދެ އުކުޅުވަޅު ދެމެދުގައިވާ ޖަޒުބާތަކީ ޢަދާވާތްތެރިއެއް ކަމަށް ތިބާ ބަލާށެވެ.“

އޭނާ ޖަވާބުގައި ބުންޏެވެ: ”އަދާވާތްތެރި އަކާ މެދު މާތްކޮށް ހިތައި އޭނާ ރުއްސުމުން ރަޙްމަތްތެރިއަކަށް ބަދަލުވެއެވެ. އެކަމަކު ޖަޒުބާތަށް ކާންދިނުމުން އޭގެ ދެކޮޅުވެރިކަން ތިބާއާ ދޭތެރޭ ވާނީ ހައްތާ އިތުރެވެ.“

މަލާއިކަތުންގެ މަތިވެރި ޠަބީޢަތް މީހަކަށް ލިބެނީ މަދުން ކެއުމުންނެވެ.
އެކަމަކު، ހައިވާނެއްހެން ކެއުމަށް ދަހިވެތިވުމުން، ގަލެއްހެން ބިމަށް އޭނާ ވެއްޓެއެވެ.
އެއެއްޗެއްގެ އެދުންތައް ފުއްދުމުން ތިބާއަށް އެ އެތި ތަބާވެއެވެ.

ނަމަވެސް ޖަޒުބާތަށް ތަބާވެއްޖެ ނަމަ، ތިބާއަށް އަމުރުކުރާނީ އެއެވެ.