އަލަށް މި ހަދާ ލަފުޒުތަކާ މެދު

އަލަށް ހަދައިގެން ޢާއްމުކުރަމުންދާ ”އައު“ ދިވެހި ލަފުޒުތަކާ މެދު ދިވެހިބަހުގެ މީހެއްގެ ކައިރީގައި ސުވާލުކުރުމުން އޭނާ ބުނީ ”އަންނަނީ ހިނި“ ކަމަށެވެ. ”އަންނަނީ ހިނި“ މި ޢިބާރާތް،  ވޭތިވެދިޔަ ދެތިންހަތަރު އަހަރުގެ ތެރޭގައި، ޞަރީޙަކޮށް ކަމަކާ މެދު ކޮމަންޓު ކުރަން ނުވަތަ ޚިޔާލެއް ފާޅުކުރަން ބޭނުން ނުވެގެން ބުނާ ޢިބާރާތެއްގެ ގޮތުގައި ކޮންމެވެސް މިންވަރަކަށް މަޝްހޫރުވެފައި ވެއެވެ. މި ޢިބާރާތް މި މާނައިގައި ނިސްބަތްވަނީ ކުރީގެ ރައީސެއްކަމަށް ވާ މައުމޫން ޢަބްދުލްޤައްޔޫމަށް ކަމަށް ވެއެވެ. އަޅުގަނޑަށް މި ޢިބާރާތް ފުރަތަމަ ފެނިފައިވަނީ މި ލިންކް އިންނެވެ.

ދިވެހި ބަސް ކޮންމެވެސް ވަރަކަށް އެނގޭ މީހުން، އަލަށް ހަދައިފައިވާ ލަފުޒުތަކާ މެދު ވިސްނާލުމުން، ފިކުރުގައި އަޅައިގަންނަ ބައެއް ކަންތައްތައް ފާހަގަކުރެވޭނެއެވެ.  މި މަޒުމޫނު ލިޔުމުގައި އަޅުގަނޑުގެ މުރާދަކީ، ދިވެހިބަހުގެ ދަރިވަރުންނަށް، ބަސް ހެދުމުގެ ހަމަތަކާ ބެހޭ ބައެއް ކަންކަން ފާހަގަކޮށްލުމާ އެކު، އަލަށް ހެދި ބައެއް ބަސްތަކުގެ މިސާލުން މައްސަލަތައް ތިލަކޮށްދިނުމެވެ.

ބޭރުބަހެއްގެ ލަފުޒެއްގެ ބަދަލުގައި ނުވަތަ ޢިބާރާތެއްގެ ބަދަލުގައި ބޭނުންކުރާ ކަލިމަތަކަށް ބަސްވާރުން ކިޔަނީ ”ގްލޮސް“ އެވެ. ބައެއް ފޮތްތަކުގައި ދެ ފޮޅުވަތް ދެމެދުގައި ނުވަތަ ހަވާސާގައި ޢާއްމު ނޫން ޢިބާރާތްތަކުގެ މާނަ ނުވަތަ ބަދަލުގައި ބޭނުންކުރެވިދާނޭ ގްލޮސް ލަފުޒު ބަޔާންކޮށްފައި ހުރެއެވެ. ފޮތެއްގެ ނިމޭކޮޅުގައި ލިސްޓެއްގެ ގޮތުގައި މިފަދަ ޢާއްމު ނޫން ލަފުޒުތައް މާނައާ އެކު ބަޔާންކުރާ ނަމަ، މި ލިސްޓަށް ގްލޮސަރީ glossary ކިޔައެވެ. އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި، އަލަށް ހަދާފައިވާ ހުރިހާ ލަފުޒަކީ އަދި ޢިބާރާތަކީ އިނގިރޭސި ބައެއް ލަފުޒުތަކަށް ހަދާފައިވާ ގްލޮސް އެވެ. ކުރިން ހެދިފައިވާ ގްލޮސްތަކުގެ ހަނދާންތައް ނެތިގެން ނުވަތަ އެހެން ސަބަބެއް މެދުވެރިވެގެން، އެއް އިނގިރޭސި ލަފުޒަކަށް ދެފަހަރަކު ދެގޮތަށް އައު ލަފުޒު ހަދާފައި ވެއެވެ. ތިރީގައި އެވަނީ ދިވެހިބަހުގެ އެކެޑެމީގެ ވެބްސައިޓުން ނަގާފައިވާ ”ރިފްލެކްޓް“ މި އިނގިރޭސި ލަފުޒަށް ދެގޮތަކަށް މާނަ ލިޔެފަައިވާ ލިޔުމުގެ އިމޭޖެއް ނުވަތަ ސޫރައެކެވެ

އިނގިރޭސި ލަފުޒުތަކަށް ދިވެހި ލަފުޒު ހަދާ އިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުން، ބަސް ހުށަހަޅާ ފަރާތަށް އިނގިރޭސި ލަފުޒުގެ މާނަ ރަނގަޅަށް ނޭނގުމެވެ. އެހެންކަމުން، ލަފުޒުތައް ދިވެހިބަހަށް ތަރުޖަމާ ކުރުމުގައި ވަރަށް ބޮޑެތި ކުށް ޖެހުމެވެ. އަޅުގަނޑު ހަނދާން ހުންނަ އެއް ކަމަކީ، ސަރުކާރުގެ ޚާއްޞަ އިނާމު ލިބުނު ދިވެހި އަދީބަކު، ”އިންޓަރވިޔޫ“ މާނަ ކުރިއިރު ”ވިޔޫ“ އެއީ މަންޒަރުކަމަށް ހީކޮށް އިސްލާމީ މަރުކަޒުގައި އޮތް ޖަލްސާއެއްގައި ދިގުކޮށް ދެއްކި ވާހަކަ އެކެވެ. ”ވިޔޫ“ އަކީ މަންޒަރުގެ މާނައިގައި ބޭނުން ކުރެވޭ ލަފުޒެއް ކަމުގައި ވިއަސް، ޢާއްމު މާނައަކީ، އަދި ލަފުޒުގެ ޙަޤީޤީ ފުރަތަމަ މާނައަކީ ދުށުމެވެ. ބެލުމެވެ. މަޖާޒީ މާނައެއްގެ ގޮތުގައި، ކަމަކާ މެދު ފެންނަ ގޮތަށް ނުވަތަ ރައުޔު އަށް ވެސް ”ވިޔޫ“ ކިޔައެވެ. ”އިންޓަރ“ ގެ މާނައަކީ ދެމެދު އެވެ. ދެފަރާތެއްގެ ދެމެދު އެވެ. އިންޓަރވިޔޫގެ ލަފުޒީ މާނައަކީ ދެފަރާތެއް އެކަކު އަނެކަކާ ބައްދަލުކޮށް ދުށުމެވެ. މި ޚިޔާލުން ދެފަރާތެއްގެ ދެމެދުގައި ކަމަކާ މެދު ފެންނަ ގޮތަށް އަދި ޙާލަތަށް އިންޓަރވިޔޫ ކިޔަނީއެވެ. ލަފުޒުގެ ޙަޤީޤީ މާނަ އާއި އުފެދުން އެނގުމުން ދިވެހި ލަފުޒެއް ހަދަން ފަސޭހައެވެ. ފަހަކަށް އައިސް ބައެއް މީހުން އިންޓަރވިޔޫ އަކީ ”ބަސްދީ ބަސްގަތުން“ ކަމަށް ކިޔައެވެ. ނަމަވެސް ބަސްދީ ބަސް ގަތުމަކީ، ވާހަކަ ދައްކައިގެން އަނެއް މީހާގެ ހިތުގައި އޮތް އެއްޗެއް ހޯދުމެވެ. މިގޮތަށް ބަސް ގަންނަ އިރު، ސުވާލުކުރާ މީހާ، އޭނާއަށް އެނގޭ ސިއްރުތަކެއް އަނެކާއަށް ކިޔައިދޭން ޖެހެއެވެ. ނުވަތަ ހަދައިގެން ކިޔައިދެއެވެ. މިކަމުން ސުވާލު މުޚާޠަބު ކުރެވޭ މީހާއަށް މީނާއަކީ އިޚްލާޞްތެރިއެއްކަމަށް ހީވެ،  ހިފެހެއްޓުންތައް ކުޑަވެ، އޭނާގެ ސިއްރުތައް ކިޔައިދޭން ފަށައެވެ. ބަސްދީ ބަސްގަތުމަކީ ސިޔާސީންގެ މެދުގައާއި ބައެއް ދޭދޭ މީހުންގެ މެދުގައިކުރެވޭ ނުރަނގަޅު މުޢާމަލާތަކަށް ނިސްބަތްކޮށް ބުނާ މިސާލު ބަހެކެވެ.

އަޅުގަނޑުގެ ހިތުން ނުފިލާ އަނެއް ދިވެހި ލަފުޒަކީ ”ސިކުނޑީގެޠޫފާން“ އެވެ. މިއީ ކޮން އެއްޗެއް ތޯއެވެ؟ މި ޢިބާރާތުގެ މައްސަލަތައް ދެނެގަތުމަށް، ގިނަ ބަސްބަހުގެ ބައެއް ލަފުޒުގައި އެއް މާނައަށް ވުރެ ގިނަ މާނަ އެކުލެވޭކަން އެނގެން ޖެހެއެވެ. މިކަމަށް ބަސްވާރުން ކިޔަނީ ”polysemy“ އެވެ. ޕޮލީސެމީއަކީ އެއް ލަފުޒެއްގައި ތަފާތު މާނަ ހިމެނިގެންވުމެވެ. ޕޮލީ އަކީ ގިނަ އެވެ. ސެމީ އަކީ އިޝާރާތްތަކެވެ. މިސާލެއްގެ ގޮތުން، ”އާދަ“ މި ލަފުޒުގެ އެއް މާނައަކީ ހަމަތަކެއްގެ މަތީން ކުރަމުން އަންނަ ކަންކަމެވެ. އަނެއް މާނައަކީ ހުއްދަނޫން ތަނަކަށް ވަދެއްޖެ ނަމަ ދޭންޖެހޭ ޖޫރިމަނާ އެވެ. ހުރިހާ ބަހެއްގެ  އެތައް ލަފުޒެއްގައި ޕޮލީސެމީ ހިމެނެއެވެ.  ލަފުޒެއްގައި އެންމެ ޚިޔާލެއް ހިމެނޭނަމަ، ނުވަތަ ޕޮލީސެމިކް ނޫންނަމަ އެފަދަ ލަފުޒަށް ކިޔަނީ މޮނޮނިމް (mononym) އެވެ. ”ސިކުނޑީގެޠޫފާން“ މި ލަފުޒު އެވަނީ އިނގިރޭސި ލަފުޒެއް ކަމުގައިވާ brainstorm ”ދިވެހިކޮށްލާފައެވެ.“ އިނގިރޭސި ބަހުން brain ބްރެއިން ގެ މާނައަކީ ސިކުނޑިއެވެ. ސްޓޯމް storm ގެ ޢާއްމު މާނައަކީ ޠޫފާން އެވެ. ނަމަވެސް ސްޓޯމް މި ލަފުޒަކީ ޕޮލީސެމިކް ލަފުޒެކެވެ. އެ ލަފުޒުގެ އެހެން މާނައެއް ވެއެވެ. ސްޓޯމް ކުރުމަކީ، ކިއްލާއެއް ކޯއްޓޭއެއް ފަދަ ތަނެއް ފަތަޙަކުރަން، ބަޔަކު މަރުވަމުން ދިޔަ ކަމުގައި ވިއަސް، އެތައް ބައެއްވެގެން އަރައިގަތުމެވެ. ކިއްލާއެއް ސްޓޯމް ކުރާއިރު ކިއްލާގައި ތިބޭ މީހުން ދުނި އުކުމާއި ހޫނު ތެޔޮ ޖެހުމާއި މިފަދަ އެތައް ކަމެއް ކުރަމުން ދާނެއެވެ. އަރައިގަންނަ ފަހުލަވާނުން މިކަމަށް ބިރެއް ނެތި، ފާރުމައްޗަށް އެރޭތޯ މަސައްކަތް ކުރަމުންދާނެއެވެ. ތިރީގައި މިވަނީ ކިއްލާއެއް ”ސްޓޯމް“ ކުރާތަން ދައްކުވައިދޭ ކުރެހުމެކެވެ.

ބްރެއިންސްޓޯމް ކުރުމުން ނުވަތަ ސިކުނޑިއަށް މިދެންނެވި ގޮތަށް އަރައިގަތުމުން މާނަކުރަނީ، ބުއްދީގައި ”ހުރިނަމަ ހުރި އެއްޗެއް ހޯދުމަށްޓަކައި،“ ގަދަޔަށް އެކި ރޮނގުރޮނގުން ފިކުރު ހިންގުމަށެވެ. ސްޓޯމްގެ އެއް މާނަ އެނގިގެން ބްރެއިންސްޓޯމް އަކީ ސިކުނޑީގެ ޠޫފާން ކަމަށް ބުނުމުން، އެއިން ދޭހަވާ މާނަ އާއި އަޞްލު މާނައިގެ ތަފާތު ވަޒަންކުރުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަބޭފުޅުންގެ ޚިޔާލުފުޅަށެވެ.

އަލަށް މި ހަދާ ލަފުޒުތައް ހެދުމުގައި ދިމާވެފައިވާ މައްސަލައިގެ ތެރެއިން އެއް ކަމެއް މަތީގައި އެ ދެންނެވުނީއެވެ. އިނގިރޭސި ގިނަ ލަފުޒުތަކަކީ ޕޮލީސެމިކް (އެއް މާނައަށް ވުރެ ގިނަ މާނަ ހިމެނޭ) ލަފުޒުތަކަށް ވާއިރު، އައު ލަފުޒު ހެދެނީ ކޮން މާނައަކަށް ކަމެއް ބަޔާންކޮށްފައި ނުވުމެވެ. އިތުރު ތަފުސީލަށް ދިއުމުގެ ކުރިން، ފަހަކަށް އައިސް ހަދާފައިވާ ލަފުޒުތައް ތިރީގައި ލިޔެލަމެވެ.

ދިވެހިބަހުގެ އެކެޑެމީއިން، އަލަށް ހަދާ ލަފުޒުތައް އެންމެ ބޮޑަށް ޢާއްމުކުރަނީ ސޫރައެއް ނުވަތަ ތަޞްވީރެއް ގެ ގޮތުގައެވެ. އިމޭޖެއްގެ ގޮތުގައެވެ. އެހެންކަމުން، ގޫގުލް ނުވަތަ އެހެން ވެސް އިންޓަރނެޓުން މަޢުލޫމާތު ނަގާ ޕްރޮގުރާމަކަށް ނުވަތަ ”ސާރޗް އިންޖީނަކަށް“ މި ލަފުޒުތަކެއް ”ނޭނގޭނެ“ އެވެ. މި މަޒުމޫނު ލިޔުމުގެ އަޅުގަނޑުގެ އެއް ބޭނުމަކީ، މި ލަފުޒުތައް ގޫގުލް ފަދަ ސާރޗް އިންޖީނަކަށް ހޯދޭނެ ގޮތަށް ތާނަ އަކުރުން ލިޔުމެވެ. ނަތީޖާއަކަށް ވާނީ، ހަފުތާއެއްގެ ފަހުން، އަލަށް ހެދި ލަފުޒެއް ގޫގްލްގައި ޖަހައިފި ނަމަ، މި ވެބްސައިޓަށް އިޝާރާތްކުރުމެވެ. މީހުންނަށް އައު ލަފުޒުތައް ހޯދަން ވަރަށް ބޮޑަށް ފަސޭހަވުމެވެ. ތިރީގައިވާ ބަސްތޫރައިގައި ހިމެނޭ ލަފުޒުތަކުގެ ތާވަލުތަކުގައި ލަފުޒު ހޯދުމަށް ލިޔާނޭ ގޮޅިއަކާއި ތާނައާއި  އިނގިރޭސި އަކުރުން ތަރުތީބު ކުރެވޭނެ ނިޝާނެއް ހިމެނީމެވެ.

ކުރިން ދެންނެވިހެން، ބަސްތޫރައިގެ އައު ލަފުޒުތައް އެންމެ ބޮޑަށް އާއްމުކޮށްފައިވަނީ ބަސްތޫރަ ކިޔާ ތަޞްވީރުތަކެއްގެ ގޮތުގައެވެ. މީގެ ފަސް ތަޞްވީރު މިހާތަނަށް ޢާއްމުކޮށްފައި ވެއެވެ. ”ތޫރަ“ އަކީ ބުލެޓިން ގެ މާނައިގައި ހެދި އައު ލަފުޒެއްކަމަށް މިއިން ބަސްތޫރައެއްގައި ވެއެވެ. އިނގިރޭސިބަހުން ބުލެޓިން ކިޔަނީ ރޭޑިއޯ ނުވަތަ ޓީވީ އިން ފޮނުވާ ނުވަތަ ޗާޕުކޮށްގެން ނެރޭ (ގިނަ ފަހަރު ވަކިތަނަކާ) ބެހޭ ކުރު ޚަބަރަކަށެވެ. މުއައްސަސާއަކުން އެތަނުގެ މެންބަރުންނަށް މަޢުލޫމާތުގެ ގޮތުގައި ޗާޕުކޮށްގެން ނެރޭ ލުއި ”ފޮޅިއަށް“ ވެސް ބުލެޓިން ކިޔައެވެ. ބުލެޓިން އަށް ”ތޫރަ“ އަކީ ރަނގަޅު ލަފުޒެއްތޯއެވެ؟

— — —

ބަސްތޫރަ 1

TERMދިވެހި ލަފުޒު / ޢިބާރާތް
penguinފީނާދޫނި
ladybirdނަލަމަޑި
beetrootރަންގުމޫ
zebraކަފިހިއަސް
chafing fuelއަލިފާން ޖެލް / އަނދަނަ ޖެލް
gelޖެލް
fuelއަނދަނަ
indoorއެތެރެ
outdoorބޭރު
emergencyކުއްލިޙާލަތު
by-electionމެދައިންތިޚާބު
internshipދަސްވެރިކަން
internދަސްވާރު
grievanceޝިކާޔަތު
bulletinތޫރަ
case management procedureމައްސަލަ ކުރިއަށް ގެންދަންވީ ގޮތް
ground floorތިރީ ބުރި
running mateއިންތިޚާބީ ބައިވެރިޔާ
internދަސްވާރު
responseއިޖާބަ
responsiveއިޖާބީ
non responsiveނާއިޖާބީ
flexibleފަހެލި
flexibilityފަހެލިކަން
non flexibleނުފަހެލި
deep stateއަޑީ ސަރުކާރު
ambulanceއެންބިއުލަންސު
sea ambulanceއެންބިއުލާންޗު / އެންބިއުލޯންޗު
onlineއޮންލައިން
milestoneމޭލުގާ / މޭލުދަނޑި
waterfallފެނާރު
planetގުރަހަ
farmingދަނޑުވެރިކަން
farmerދަނޑުވެރިޔާ

ބަސްތޫރަ 2

TERMދިވެހި ލަފުޒު / ޢިބާރާތް
Diversityސިންދަފާތު
Annexއިތުރުވެނި
Linguistic Diversityބަހަވީ ސިންދަފާތު
Cultural Diversityސަގާފީ ސިންދަފާތު
Agricultural produceޒިރާއީ އުފެއްދުންތައް
cropމަތިވަރު
agricultural value additionޒިރާއީ އަގުއެއްކުރުން
value chainއަގުޗޭނު
poultryކޯލި
poultry farmerކޯލިވެރިޔާ
poultry farmingކޯލިވެރިކަން
livestockދިރޭމުދާ
harvestingމަތިވަރުކެނޑުން
value addition އަގު އެއްކުރުން
value addedއަގުއެއްކުރި
added valueއެއްކުރި އަގު
value added taxއަގު އެއްކުރި ވާރު
agricultureޒިރާއަތު
agriculturalޒިރާއީ
classificationގިންތިކުރުން
bullyގަނާ
bullyingގަނާކުރުން
Dog Squadފާރަގެމަ

ބަސްތޫރަ 3

TERMދިވެހި ލަފުޒު / ޢިބާރާތް
snackލުއިކާ
monitorމޮނީޓަރު
line leaderސަފުދާރު
quran reciterކިޔެވެނި
greeterސުވާސްތު
snack helperލުއިކާ އެހީތެރިޔާ
cleanerސާފީ
clayމަށި
play doughފުށްމަށި
language cornerބަސް އަށި/ބަސް ދާލަ
number cornerވިޔަ އަށި / ވިޔަ ދާލަ
manipulative cornerހައްލު އަށި / ހައްލު ދާލަ
play cornerކުޅިވަރު އަށި / ކުޅިވަރު ދާލަ
creative cornerއިޖާދު އަށި / އީޖާދު ދާލަ
skill cornerހުނަރު އަށި / ހުނަރު ދާލަ
digitalސުމޭކު
selfieނަފްސީ
reflectionރިވެލި
reflection/reflectingރިވެލިވުން
reflectރިވެލިކުރުން
refractionރިފެރިވުން
refractރިފެރިކުރުން
adventureއާހިތަ
adventurousއާހިތަވެރި
adventurerއާހިތަވެރިޔާ
adventurersއާހިތަވެރީން
contingencyބަދިލީ / އިހުތިމާލީ
contingentބަދލު / އިހތިމާލު
mistބަނަފިނި
outdoorބޭރުވެށި
zebraކަފިހިއަސް
emergencyކުއްލި ޙާލަތު
rampކަތޭރި
core valuesއަރައިހުރި ސިފަތައް
update (n)އަދާހަމަ
update (v)އަދާހަމަކުރުން
innovationއީޖާދު
indoorއެތެރެވެށި
onlineއޮންލައިން
preventionވާކީ
resilienceވިލުން
platformމަންސަ
ecosystemމާހައުލީ ނިޒާމް
environmentalމާހައުލީ
case management procedureމައްސަލަ ކުރިއަށް ގެންދަންވީ ގޮތް
seasonalމޫސުމީ
hall/loungeމާލަން
visionމުހިންމަތް/ ތަޞައްވުރު
astronomersފަލަކީން
extensiveފެތުރެނިވި
extensiveދަގަތަ
hazeދުންފުސް
diffractދިފެރިކުރުން
diffractionދިފެރިވުން
preparednessތައްޔާރުކަން
degradationލަފަސަ
structureބިނާ
baby changing areaތުއްތު ކުދީންގެ ރީތިވެނި
building codeބިނާކޯޑު
non structuralލާބިނާއީ
classificationގިންތިކުރުން
tweetގޮވެލި
kiwiކަނބިލިދޫނި
sun1. އިރު 2. ސޫރުދަ
moonހަނދު

ބަސްތޫރަ 4

TERMދިވެހި ޢިބާރާތް
academic senateޢުލޫމީ ސެނެޓު
accreditއިތުމާދުކުރުން
accreditationއިތުމާދު
accreditation reportއިތުމާދީ ރިޕޯޓު
bilingualދެބައްސަ
black widow spiderކަޅުބަދި މަކުނު
bollardމޫޓު
brown widow spiderމުށިބަދިމަކުނު
caseވޭދަނަ
chancellorޗާންސެލަރު
charterޗާޓަރު
community conferenceވިލީ ސިންތާ
community conferencingވިލީ ސިންތާކުރުން
conferenceސިންތާ
conferencingސިންތާކުރުން
counsellingވަސޭހަތް
counsellorވަސޭހަތްތެރިއާ
countdownގުނާނަ
decadeދަހަރު
deputyވަކީލު
deputy vice chancellorނައިބު ޗާންސެލަރުގެ ވަކީލު
embassyސަފާރާ / އެމްބަސީ
fruit flyމޭވާމެހި
general storeގުދަން / ފިހާރަ
instituteމައުހަދު
juvenile offenderޔަވާންގުނާވެރިޔާ
kioskކިއޮސްކް / މެޝިން
laundryދޮވަތި
lectureދަރެސް
lecturerދާރިސް
librarianކުތުބުދާރު
lingualބައްސަ
maxillaތަލިކަށިގަނޑު
medical storeބޭސް ގުދަން/ ބޭސް ފިހާރަ
monolingualއެއްބައްސަ
multilingualގިނަބައްސަ
national serviceޥަޠަނީ ޚިދުމަތް
passwordފާސްބަސް
peepholeދޮރުކަޅި
procedureއިޖުރާތު / ލުއިފަރުވާ
procedure roomލުއިފަރުވާ ކޮޓަރި
receptionއިސްތިޤްބާލު
rectorއަމީދު
registrarދަފްތާރު
restorative justiceރުޖޫޢީ އިންސާފު
scarecrowކާމާ/ވާފަހާ/ވާފެއްސި/ދަނޑިމާލި
statusހާލަތު
subsidyވިނަވި (ނަން)
tagޓެގު
telemedicine roomދުރުތާފަރުވާކޮޓަރި
tertiaryތިނެވި
tertiary educationތިނެވި ތަޢުލީމު
training centreތަމްރީނު މަރުކަޒު
vice chancellorނާއިބު ޗާންސެލަރު
widow spiderބަދި މަކުނު

ބަސްތޫރަ 5

TERMއަލަށް ހެދި ލަފުޒު/ޢިބާރާތް
antonymއިދި
auditionހޮވެލި
blogބުލޮގު
bridgeދާލަން/ބުރިޖު
bulldozerގެންޑާ
casualtyއަވަތޭރި
casualty medical officerއަވަތޭރި ޑަކުޓަރު
casualty nurseއަވަތޭރި ނަރުސް
corpus (language)ބަސްމާފާނު
dinosaurސާރު
dissertationދެނަބަސް
embassyސަފާރާ/އެންބަސީ
festivalމަހާސަމާ
haemoglobinރަތަނި
home remedyގެވެށި ފަރުވާ
hydrometeorologicalފެންސުމީ
hydrometeorological hazardފެންސުމީ އަރައްކާ
instituteމައުހަދު
investވުނަ
investmentވުނަކުރުން
investorވުނޭރު
laundryދޮވަތި
librarianކުތުބުދާރު
memorandum of understandingފަހުމުނާމާ (ފނ)
monumentހަނދާނީ ބިނާ
networkވިއުގަ
pavilionފަވީލާ
red blood cellsރަތުލޭހަތާ
rhinocerosގެންޑާ
social mediaމީސްމީޑިއާ
social networkއިޖްތިމާޢީ ވިއުގަ /މީސް ވިއުގަ
stakeމަސްލަހަތު
stakeholderމަސްލަހަތުވެރިޔާ
stakeholdersމަސްލަހަތުވެރިން
sub-classއަފިގިންތި
synonymދާދި
telemedicineދުރުތާފަރުވާ
thesisފިކުރާތު
wardޖަނަލު
white blood cellsހުދުލޭހަތާ
wrapރަންދު
wrappingރަންދުކުރުން

ބަސްތޫރަ 6

TERMއަލަށް ހެދި ލަފުޒު
wifiވައިފައި
early warningދުރާ އިންޒާރު
early warning systemދުރާ އިންޒާރީ ނިޒާމު
swimming noodle / pool noodleކަސަރަތު ފޯލި
triageދަނެގަތި
speech therapyކަލާނު ފަރުވާ
therapistފަރުވާވެރިޔާ
therapyފަރުވާ
apprenticeހުނަވަރު
apprenticeshipހުނަވަރުކަން
appointmentމިވާދު
virtual (computing)ދާދިވަރު
ring roadވަށަމަގު
highwayހަލިމަގު
laserލޭޒަރު
profileފުރަމަލަ
boothކުށި
toll boothއަރަދުކުށި
goodwill ambassadorއައިތަ ސަފީރު
morphemeއެކަ
current / contemporaryއާދީ
leaderއިސްވާރު
leadershipއިސްދާނަ / އިސްދާނަކަން
parliamentބަރުލަމާނު
parliamentaryބަރުލަމާނީ
parliamentary systemބަރުލަމާނީ ނިޒާމު
presidentialރިޔާސީ
presidential systemރިިޔާސީ ނިޒާމު
candidate (electoral)ފުރަދާރު
candidacyފުރަދާރުކަން
web (internet)ޖާލު
shortlistކުރުލިސްޓު
shortlistingކުރުލިސްޓުކުރުން
screeningފުރޭނުން
technology (study - machinery and devices)ފަންނިޔާތު

— — —

ކުރިއަރާފައިވާ ގިނަ ބަސްތަކަށް ޚާއްޞަ ބަސް ފޮތް ފޮތް ހުރެއެވެ. އެއް ބާވަތަކީ، ލަފުޒެއް އުފެދުނު ގޮތް ބަޔާންކޮށްފައި ހުންނަ ބަސްފޮތެވެ. ލަފުޒެއް އުފެދިފައިވާ ގޮތް އަންގައިދޭ ޢިލްމަށް ކިޔަނީއެޓިމޮލޮޖީ (etymology) އެވެ. އެއީ ކަލިމައެއްގެ ނުވަތަ ލަފުޒެއްގެ އަޞްލާއި ތާރީޚާ ބެހޭ ދިރާސާއެވެ. ބައެއް ބަސްފޮތްތަކުގައި ލަފުޒެއް އެފުދުނުގޮތް ލަފުޒެއްގެ މާނައާ ގުޅިގެން ލިޔެފައި ހުރެއެވެ. އައު ލަފުޒެއް ހަދާއިރު، އެ ލަފުޒު ހެދިގޮތް ބަޔާންކުރުމަކީ، ދިވެހިބަހުގެ އެޓިމޮލޮޖީ ބަސްފޮތެއް ހަދަން ފަހުން އަންނަ ބަޔަކަށް ވަރަށް ފަސޭހަވާނޭ ކަމެކެވެ. ލަފުޒު ބޭނުންކުރަންޖެހޭ ރަނގަޅުގޮތް އޮޅުން ފިލާނޭ ކަމެކެވެ. ނަމަވެސް، ދިވެހި އައު ލަފުޒުތައް ހަދާއިރު، އައު ލަފުޒު ހެދިގޮތާއި ތާރީޚާއި ބޭނުންކުރާނޭ ގޮތް ލިޔެކިޔުމުން ޢާއްމުވެފައި ނެތުމަކީ އެދެވޭ ގޮތެއް ނޫނެވެ. އެންމެ ފަނޑު ދެލިވެސް، އެންމެ ގަދަ ހަނދާނަށް ވުރެ ގިނަ ދުވަހު ދެމި ހުރެއެވެ.

ލަފުޒެއްގައި އަޑުތައް ތަރުތީބުކުރެވޭ ގޮތަކީ އައު ލަފުޒެއް ހަދާއިރު، ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ލަފުޒެއްގައި އަޑުތައް ހުންނަ ގޮތުގެ ޢިލްމަށް ކިޔަނީ ފޮނޯޓެކްޓިކްސް (phonotactics) އެވެ. ތިރީގައިވާ ކުރެހުމަށް އޮބާލުމުން، މިމައުޟޫޢުއަށް އަޅުގަނޑު ލިޔެފައިވާ ކުރު މަޒުމޫނެއް ފެނިވަޑައިގަންނަވާނެއެވެ. މި ވާހަކަ މި ދަންނަވާލީ، އަލަށް ހަދައިފައިވާ ލަފުޒުތަކަށް އަޅުގަނޑު ފާޑުކިޔުމުގެ ނަޒަރަކުން ބަލާލާއިރު، މިކަމަށް ދެން ނުބަލާނެތީއެވެ. ލަފުޒުގެ އަޑުތައް އެބަހެއްގެ އަޑުތަކާ އެކަމުތުވާގޮތަށް ނުވަތަ ހާމަނައިޒް ވެގެން ވުމަށް ކިޔަނީ ޔޫފޮނީ (euphony) އެވެ.

 

— — —

އަލަށް ހަދައިފައިވާ ލަފުޒުތަކަށް ބަލައިލުމެއް


އަލަށް ހަދައިފައިވާ ލަފުޒުތައް ކިޔުމަށް ފަހު، އަޅުގަނޑުގެ ކައިރީގައި އެއް ލިޔުންތެރިއަކު ވިދާޅުވީ އެއީ ”ބޮލުގައި ރިއްސުމެއް“ ކަމަށެވެ. އޭނާ ފާހަގަކުރެއްވި އެއް މައްސަލައަކީ ލަފުޒުތައް ހެދުމުގައި އުޞޫލެއް، އެއްގޮތްކަމެއް ހިފެހެއްޓިފައި ނެތުމެވެ. މިސާލެއްގެ ގޮތުން އިނގިރޭސި ބަހުން ”ޖެލް“ ކިޔާ ލަފުޒަށް، ބަސްތޫރައިގައި ބޭނުންކޮށްފައިވަނީ ޖެލް އެވެ. ނައިބުތުއްތު، އޭނާގެ ”ތާނަލިޔުމުގެ ގަވާއިދު“ ފޮތުގައި ބުނާގޮތުން، ހުވަދޫ ކަނޑުން އުތުރުގެ މީހުން ސުކުން ކުރަނީ ހަމައެކަނި ހަތަރު އަކުރަށެވެ. އެއީ ”އުނިތޮށި“ ނުވަތަ ”ތޫނު އޮށި“ މި ދެ ޢިބާރާތުގައިވާ ހަތަރު އަކުރެވެ. ހުވަދޫ ކަނޑުން ދެކުނުގެ މީހުން މި އަކުރުތަކަށް ލ އިތުރު ކުރެއެވެ. [މި އަކުރުތަކުގައި ސ ނެތް ސަބަބު، އަޅުގަނޑުގެ މި މަޒުމޫނުގައި ވެއެވެ.] އެހެންކަމުން ޖެލް އަކީ ތާނައިގެ އަޑުތަކުގެ ހަމަތަކަށް ފެތޭ އިނގިރޭސި ކުރު ލަފުޒެކެވެ. ދިވެހި ބަހުގެ ތެރެއަށް ލޯނު ލަފުޒެއްގެ ގޮތުގައި ހިމަނަން އެންމެ އެކަށީގެންވާ ލަފުޒެކެވެ. މައްސަލައަކީ، އިނގިރޭސި ލަފުޒެއް ކަމުގައިވާ ”ސެލް“ އަށް ހަތާ ކިޔާފައިވާ ކަމެވެ. އިނގިރޭސިބަހުން ސެލް ކިޔަނީ ކުދި ކޮޓަރިއަށް ކިޔާ ނަމުން ސިފަ ގެނެސްގެން، ގަސްގަހާގެއްސާއި ޖަނަވާރާއި ފުރާނަ ހުންނަ އެހެންތަކެތީގައި ދިރުން ހުންނަ އެންމެ ކުޑަ ބަޔަށެވެ. ބަސްތޫރައިގެ red blood cells އަށް ކިޔާފައިވާ ނަމަކީ ”ރަތް ލޭ ހަތާ“ އެވެ. ގިނަ ދިވެހީންނަށް މި ޢިބާރާތް އަޑުއިވުމުން، ހީވާނީ މޫދުގައި ހުންނަ ހަތާގެ ބާވަތެއްގެ ވާހަކަ ދައްކަނީ ކަމަށެވެ. އަަޅުގަނޑުގެ ނަޒަރުގައި، ޖެލްއަށް ޖެލް ކިއިފައި، ސެލް އަށް ސެލް ނުކިޔެންވީ ސަބަބެއް ނެތެވެ. ލޭގައި ހުންނަ ސެލް ހަތާއާ ސިފަ އެއްގޮތްކަމަށް ވިއަސް %99 ސެލް ހުންނަނީ މިގޮތަކަށް ނޫނެވެ. ޗާޕުކޮށްގެން ވިއްކާ ފޮތެއްގައި ސެލް އަށް ”ދިރު“ މިހެން ކިޔާފައި ވެއެވެ. ދިރުގެ މައްސަލައަކީ ގިނަ ސެލްތަކަކަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު، ދިރުން ބޭނުންކުރަން ޖެހޭ ވަގުތު، އެހެން ދިވެހި ލަފުޒަކާ އޮޅުން އަރާކަމެވެ. ޓާރމިނޯގްރަފީ ގައި، ބަހެއްގައި އޮންނަ ލަފުޒެއް އޭގެ އަޞްލު މާނައާ ތަފާތު ގޮތަކަށް އެހެން އެއްޗަކަށް އިޝާރާތް ކުރުމަށް ބޭނުން ކުރުމަކީ އައު ލަފުޒެއް ހެދުމެއް ނޫނެވެ. ޓާރމިނޯގްރާފީ އަކީ ބަހަވީ ޢިލްމުގައި، އައު ތަކެއްޗާއި ކަންތަކަށް ލަފުޒު ހެދުމާބެހޭ ދިރާސީ ޢިލްމެވެ. މިކަން ކުރާ މީހުންނަށް ކިޔަނީ ޓާރމިނޯގްރާފަރ އެވެ.

ކުރިން ތަފާތު ތަކެއްޗަށް ކިޔާ ލަފުޒުތައް އައު ކަންތައްތަކަށް އިޝާރާތް ކުރަން ބޭނުންކުރުމަކީ، ބަސް ބޭނުން ކުރާ މީހުންނަށް ދޭހަ އޮޅި، ފަހުން ވަރަށް ބޮޑެތި ދެތުމުގެ މައްސަލަތަކެއް ނުކުމެދާނޭ ކަމެކެވެ. އެޔަކީ ބަސް މުއްސަނދިވާ ކަމެއް ނޫނެވެ. ލަފުޒެއްގެ އަޞްލު މާނަ މިގޮތަށް އޮޅުވާލުމަކީ، އޭގެ އާޚިރު ނަތީޖާއަށް ބަލާއިރު ބަހެއްގައި ހިމެނޭ ލަފުޒުތައް މަދުވެ، ބަސް ފަގީރުވާނޭ ކަމެކެވެ. މިސާލެއްގެ ގޮތުން ބަސްތޫރައިގައި ކްރޮޕް (crop) މި ލަފުޒަށް ބޭނުންކޮށްފައިވާ ލަފުޒާ މެދު ވިސްނަވާށެވެ. ކްރޮޕް އަކީ، ބިމުގައި ހައްދާ ގަސްގަހާ ގެހީން އުފެދޭ ބޭނުންކުރެވޭ ތަކެއްޗަށް ޖުމުލަކޮށް އިޝާރާތް ކުރާ ލަފުޒެކެވެ. ކްރޮޕް އަށް ”އަލަށް ހެދި“ ލަފުޒަކީ ”މަތިވަރު“ އެވެ. އެކަމަކު މަތިވަރަކީ ދިވެހި ބަހުގައި މައިގަނޑުގޮތެއްގައި ދިވެހި ރުކުގައި ގަންނަ އެއްޗިއްސެވެ. ބަސް ފޮތުގައި، އެއް ވަރިއަށް ގަސްގަހާގެހީގައި އަޅާ އެއްޗިއްސަށް ވެސް މިހެން ކިޔާކަމަށް ވެއެވެ. ނަމަވެސް އެއް ވަރިއަށް ނާޅާ، ބިމުގެ އަޑިއަށް ފައިބާ ތަކެއްޗަށް ވެސް، އަދި މަންފާއެއް ހޯދުމަށް ހައްދާ، ކައިބޮއި ނޫޅޭ ކަފަ ފަދަ ތަކެއްޗަށް ވެސް ކިޔަނީ ކްރޮޕް އެވެ. އެހެންކަމުން މަތިވަރަކީ، ކްރޮޕް އަށް ގްލޮސްއެއް ނޫނެވެ. އަޞްލު ދިވެހި ބަަހަކީ، އަޅުގަނޑަށް ވިސްނޭގޮތުން ބޯގަ އެވެ. މިކަން އަޅުގަނޑަށް ޔަޤީންވަނީ ކްރޮޕް އަށް ކިޔާ ސިންގަޅަ ބަހުންނެވެ.

ދިވެހި ބަސްފޮތުގައި، ބޯގައަކީ މިސްކިތް މިސްކިތާއި ޒިޔާރަތް ފަދަ މުގައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަސް ކަމަށް ލިޔެފައި ވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިއީ މި ލަފުޒުގެ ޚާއްޞަ މާނައެކެވެ. އިހުގެ ފަތްތަކުގައި މި ޚާއްޞަ މާނަ ދޭހަވާގޮތަށް ލިޔެފައިވުމުން، ބަސް ފޮތުގައި މާނަ ލިޔުނު ފަރާތުން، ލަފުޒުގެ މާނަ އެގޮތަށް ލިޔުނީކަމަށް ލަފާކުރެވެއެވެ. މުޤައްދަސް ތަންތަން ބެލެހެއްޓުމަށް، އޮންނަނީ ކަނޑައެޅިފައިވާ ބިމެއްގައި ހައްދާ އަދި ހެދޭ ތަކެތީން ވަކި މިންވަރެކެވެ. މިކަމަށް ހެކިދޭ ލިޔުމެއް ބެލް ލިޔުއްވި Excerpta Maldiviana މިފޮތުން ފެނިފައި ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ކްރޮޕް އަކީ ބޯގައެވެ.

ދިވެހި ބަސްފޮތުގައި، ލަފުޒުތަކުގެ މާނަ ލިޔުމުގައި ކުށް ޖެހިފައިވާކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. ދިވެހި ބަސްފޮތް އެކުލަވާލަން ފެށީ 1365 ވަނަ އަހަރު (މ. 1946) ވަޒީރުލްމަޢާރިފު ކަމުގައި މުޙައްމަދު އަމީން ހުންނެވި ދުވަސްވަރުއެވެ. ފެށުނު ކޮޅުގައި ވަރަށް ފޯރި އާ އެކު މަސައްކަތް ކުރިއަށް ގެންދެވުނަސް، ފަހަކަށް އައިސް، އަދި އަމުދުން އޭގެ ހައެއްކަ އަހަރު ފަހުން އޭނާ ނިޔާވުމާ ގުޅިގެންނާ އެކު، ބަސްފޮތުގެ މަސައްކަތް ވަޅުޖަހާގޮތް ވިއެވެ. މިވާހަކަ، މަލިމް މޫސާ މާފަތްކަލޭގެފާނު ލިޔުއްވި ”ދިވެހިބަހުގެ ރަންތަރީ“ގައި ލިޔުއްވާފައިވަނީ މިގޮތަށެވެ: ”އެކަމަކު އެ ކަންތައް [ބަސްފޮތް އެކުލަވާލުމުގެ މަސައްކަތް] ކުރެވެމުންދާ އިހްމާލުކަމުން އަޅުގަޑުގެ ޙަޔާތުގައި އެފޮތް މީސްތަކުންގެ މެދަށް ނެރެވޭނެކަމަކަށް ނުފެނެއެވެ. މިހެން ކަމުން އަޅުގަނޑު ޤަޞްދުކުރަނީ، މިފަދަ ކަމަކަށް އެކަށީގެންވާ މީހަކު ކަމުގައި ނުވިޔަސް، ދުނިޔޭގައި ހުރެ ވެވުނު މިންވަރަކުން ދިވެހިބަހަށް ކުޑަ ޚިދުމަތު އެއް ކޮށްލުމަށެވެ.“ މަލިމް މޫސާ ގެ ވާހަކަފުޅުން އެ މަސައްކަތް އިހްމާލުކަމާއެކު ކުރެވޭކަން ފާހަގަކުރެވެއެވެ. މި އިހްމާލުކަން އެތައް ލަފުޒެއް ބަސްފޮތުގައި ހިމެނިފައި ނެތުމާއި މާނަ ލިޔުމުގައި ކުށްޖެހިފައިވާނޭ ކަމަށް އިޝާރާތް ކުރެއެވެ. އެހެންކަމުން ބަސްފޮތުގައިވާ މާނަތަކަކީ، މުޅީން ޞައްޙަ މާނަތަކެއްކަމަށް ލަފައެއް ނުކުރެވެއެވެ.

މިވާހަކަ މި ދަންނަވާލީ ބަސްތޫރައިގައި އިނގިރޭސިބަހުން farmer މި ލަފުޒަށް ދަނޑުވެރިޔާ ލިޔެފައި ވާތީއެވެ. އަޅުގަނޑަށް ވިސްނޭގޮތުން ދަނޑުވެރިޔާ އަކީ، ދަނޑުގެ ވެރި ފަރާތެވެ. ދަނޑުގައި ތަކެތި ހައްދާ މީހުންނަށް އަޅުގަނޑަށް ހީވަނީ ކިޔަނީ ގޮވި ހެންނެވެ. ތެދެކެވެ. ދިވެހި ބަސްފޮތުގައި، ގޮވި ކިޔަނީ ގެރިބަކަރި ޖަމަލު ފަދަ ޖަނަވާރު ގެންގުޅޭ މީހާއަށް ކަމަށް ލިޔެފައިވެއެވެ. މިހެން ލިޔެފައިވަނީ ސިޔަރަތު ފަދަ މުހިއްމު ފޮތްތަކުގައި، މި މާނަ ދޭހަވާގޮތަށް ލިޔެފައިވާތީކަމަށް ލަފާކުރެވެއެވެ. ސިންގަޅަ ބަހުން ދަނޑުވެރިޔާއަށް ކިޔާނަމަށް ވިސްނާލުމުން އަޅުގަނޑު މި ދެންނެވި އެއްޗެއްގައި ބުރަދަނެއް ހުންނަކަމަށް ޤަބޫލުކުރެއްވޭނެއެވެ.

ބަސްތޫރައިގައި ހިމެނޭ ލަފުޒުތަކުގައި ދާޚިލީ އެއްގޮތްކަމެއް (އިންޓާރނަލް ކޮންސިސްޓަންސީ) ނެތް ކަމަށް އަޅުގަނޑު ބުނާ އެއް ސަބަބަކީ، އިނގިރޭސި ލަފުޒެއް ކަމުގައިވާ livestock އަށް ދިރޭ މުދާ ކިޔާފައިވާ ކަމެވެ. އިނގިރޭސިބަހުގައި ލައިވްސްޓޮކް ގެ ތެރޭގައި ހިމެނެނީ ދަނޑެއްގައި ގެންގުޅޭ ދޫންޏާއި ޖަނަވާރުތަކެވެ. ލައިވްސްޓޮކްގެ ތެރޭގައި މީހުން ކެއުމަށް ބޮޑުކުރާ މަހެއް ނުހިމެނޭނެއެވެ. ނަމަވެސް ދިރޭމުދާ ތެރޭގައި، މި ތަކެތީގެ އިތުރުން ގަސްގަހާގެހިވެސް ހިމެނޭކަމަށް ދޭހަވެއެވެ. ދެން ކުކުޅު އަސްދޫނި ފަދަ ތަކެއްޗަށް ނިސްބަތްކޮށް ހަދައިފައިވާ ”ކޯލި“ އަށް ވިސްނަވާށެވެ. poultry އަކީ ކޯލި އެވެ. އެކަމަކު، poultry farmer އަކީ ކޯލިވެރިޔާއެވެ. ބަސްފޮތުގައި ގޮވީގެ މާނަ ހިމެނޭގޮތުން، ރަނގަޅު ލަޒުކަށް ވާންވާނީ ކޯލިގޮވި އެވެ.

ބަސްތޫރައިގައި ވާ ވަކި ލަފުޒުތަކަށް ކޮމަންޓް ކުރުމަކީ ކޮޅުންލާނޭ ކަމެއް ނޫނެވެ. ދިހަ އަހަރަށް، decade އަށް، ކިޔާފައިވާ ”ދަހަރު“ އަށް ވިސްނާލަމާތޯއެވެ؟ މި ލަފުޒު އަޑު އިވޭ މީހާއަށް ކުރެވޭނީ ކޮންމެވެސް ހަރަކާ ބެހޭ ޚިޔާލެކެވެ. ލަފުޒުތައް ކުރުކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ނަމަވެސް އަހަރަކީ އެ ލަފުޒު ކުރުކުރުމުން މާނަ ގެއްލޭނޭ ލަފުޒެކެވެ. އަޅުގަނޑަށް ހީވާގޮތުން، ރަނގަޅު ލަފުޒަކަށް ވާންވާނީ ދަސްއަހަރު އެވެ. ”ދަސް“އަކީ ވެސް ކުރުކުރެވޭނޭ ލަފުޒެއް ނޫނެވެ. ދިހަ އަހަރުގެ މުއްދަތަށް އެހެން ދިވެހިބަހާ ގާތް ބަސްބަހުން ކިޔާ ނަންތަކަށް ނަޒަރު ހިންގާލާއިރު، ދަސް މި މޮނީމް ކޮންމެވެސް ސިފައެއްގައި ހުރިހާ ލަފުޒެއްގައިހެން ހިމެނެއެވެ. ކުރުކުރުމަށް ދީފައިވާ ސަމާލުކަން ބޮޑުކަމުން، ބަސްތޫރައިގައިވާ ބައެއް އައު ލަފުޒުތަކުގެ މާނަ އޮޅެއެވެ. މިސާލެއްގެ ގޮތުން  އެންޓަނިމް antonym އާއި ސިނޮނިމް synonym އަށް ލިޔެފައިވާ ލަފުޒަށް ވިސްނަވާލަ ބައްލަވާށެވެ. ލަފުޒެއްގެ އިދިކޮޅު މާނަ ހިމެނޭ ލަފުޒަށް އިނގިރޭސިބަހުން ކިޔަނީ އެންޓަނިމް އެވެ. މިސާލެއްގެ ގޮތުން ރީތީ ގެ އެންޓަނިމް އަކީ ހުތުރު އެވެ. ބަސްތޫރައިގައިވަނީ މި ލަފުޒަށް ”އިދި“ އެވެ. ހަމައެކަނި އިދި އިން އަޞްލު ލަފުޒުގެ މާނަ ނުކުމޭތޯއެވެ؟ އިނގިރޭސި ލަފުޒު އެކުލަވާލާފައިވަނީ ދެ މޮނީމް އެއް ބޭނުންކޮށްގެންނެވެ. އިދިކޮޅުގެ މާނަ ހިމެނޭ ”އެންޓަ“ އާއި ލަފުޒުގެ މާނަ ހިމެނޭ ”ނިމް“ ބޭނުންކޮށްގެންނެވެ. އެއް މާނައެއް ހިމެނޭ ލަފުޒަށް ކިޔާ ސިނޮނިމް އަށް ކިޔާފައިވަނީ ”ދާދި“ އެވެ. ދާދި ގެ މާނައަކީ ވަރަށް އެވެ. ދާދި އެއީ ސިނޮނިމް ކަމަށް ނިންމޭނީ ކޮން އުޞޫލަކުން ބާވައެވެ؟

އައު ބަސްތަކާ މެދު ފާހަގަކުރެވޭ އެއްކަމަކީ، ކަންކަން އަލުން ކުރަންޖެހޭ މައްސަލައެވެ. 1980ގެ ދުވަސްވަރު، ޢާއްމުކޮށް ގްރޭޑް 7 ގެ ފެންވަރަށް ހިސާބުގައި ހިމެނޭ ހުރިހާ ޚާއްޞަ ލަފުޒުތަކަށް ދިވެހި ލަފުޒުތައް ހެދިއެވެ. މި ލަފުޒުތަކުގެ ތެރޭގައި އިދި ޢަދަދު ބޭނުންކޮށްފައިވަނީ ޢަދަދެއްގެ އިދިކޮޅު ޢަދަދަށެވެ.  1990 ގެ ފަހު އަހަރުތަކުގައި ގްރޭޑް 7 ގެ ފެންވަރަށް ސައިންސްގައި ހިމެނޭ ހުރިހާ ޚާއްޞަ ލަފުޒުތަކަށް ދިވެހި ލަފުޒުތައް ހެދިއެވެ. މިގޮތުން ލިޔެފައިވާ ފޮތުގެ ދެލިކޮޕީ އަޅުގަނޑު ދުށީމެވެ. އެކަން ކޮށްފައި ވަނީ އެއިރު ދިވެހިބަހަށް ފާގަތި އެތައް ބަޔަކާ މަޝްވަރާކޮށްގެންނެވެ. މިހާރު މި ފެންނަނީ ހަމަ އެ ލަފުޒުތަކަށް އަނެއްކާ ލަފުޒު ހަދަމުންދާ ތަނެވެ. ޝާއިޢުކުރުމާއި ފޮތްތެރިކަން ދަށްކަމުން ކުރި ކަންތައްތައް އަލުން ކުރާތަނެވެ. ފަހަތަށް ފިޔަވަޅެއް ކުރިއަށް ފިޔަވަޅެއް އަޅާތަނެވެ.

ބަސްތޫރައިގައި ހިމެނޭ ގިނަ ލަފުޒުތަކަށް ވިސްނާލުމުން، އަޅުގަނޑުގެ ހިތަށް ބައެއް ސުވާލުތައް އަރައެވެ. މި ބަސްތައް ހެދުމުގައި ބައިވެރިވާ ކިތައް މީހުން ދިވެހި ބަސްފޮތް އެއްކޮޅުން އަނެއް ކޮޅަށް ކީބާވައެވެ؟ އިނގިރޭސި ލަފުޒަކަށް ބަސްހެދުމުގެ ކުރިން، އިނގިރޭސި ލަފުޒު އުފެދިފައިވާ ގޮތާއި އޭގެ ތާރީޚް ދިރާސާކުރި ބާވައެވެ؟ އަޅުގަނޑު މި ދެންނެވި ކަންތައްތަކަކީ، މަސައްކަތުގެ ބާވަތުން ކަންކުރާ ބަޔަކަށް ލާޒިމްކުރާ ކަންތައްތަކެވެ. އެނގިހުރި އެއްޗެއްގެ މައްޗަށް ބިނާކޮށް، ހޯދާ ނުބަލައި، ދިވެހިބަހާ ބެހޭގޮތުން ގޮތްތައް ނިންމުމަކީ އެންމެ އެދެވޭގޮތެއް ނޫނެވެ. ކޮންމެއަކަސް، އަޅުގަނޑުގެ ނަޒަރުގައި، ބަސްތޫރައިގައި ހިމެނޭ ގިނަ ލަފުޒުތަކުގައި ބޮޑެތި މައްސަލަތައް ވެއެވެ. މި މަޒުމޫނު 2500 ލަފުޒަށް ކުރުކުރާތީ ތަފްޞީލުތަކަށް ދާނޭ ތަނެއް ނެތެވެ. ބަސްތޫރައިގައިވާ މަދު ލަފުޒެއް ނޫނީ، ޒަމާންތަކަށް ދެމިގެންދާނޭ ކަމަށް، ވައިގައި ހިފާނޭ ކަމަށް، ލަފައެއް ނުކުރެވެއެވެ.

— — —

ޒިމްބާބުއޭގެ ބަހެއް ކަމަށްވާ ޝޯނާ އަށް އައު ލަފުޒު އެއްކޮށްފައިވާ ހަމަތަކާ ބެހޭ ގޮތުން މީހަކު ހަދައިފައިވާ ޕީ.އެޗް.ޑީ ދިރާސާއެއްގައި، އައު ލަފުޒު އުފައްދާގޮތާ ބެހޭ ގޮތުން ބަސްވާރުން ގެންގުޅެފައިވާ ހަމަތަކުގެ ބަޔާނެއް ހިމެނެއެވެ. އަޅުގަނޑު ފުރަތަމަ ޤަޞްދުކުރީ މި މަޒުމޫނުގައި އެ ހަމަތައް ޚުލާޞާކޮށްލާށެވެ. ނަމަވެސް، މާ ދިގުވާތީ އެބައި ނުހިމެނީއެވެ. ޝައުޤުވެރިވާ ފަރާތްތަކުން، މި ލިންކުން އެ ޕީއެޗްޑީ ތީސިސް ހޯދޭނެއެވެ.

އެންމެ ފަހުގެ މަޒުމޫނުތައް