ތަޢުލީމުގެ އަސަރުތަކާ މެދު

ފިނިފެންމަލުގެ ބަގީޗާ — ހަތްވަނަ ބާބުގެ ފުރަތަމަ ބައި

—1—

ވަޒީރަކަށް ލިބިފައިވާ މޮޔަ ފިރިހެން ދަރިފުޅަކު، ޢިލްމުވެރި އެދުރަކާ ޙަވާލުކޮށް އޭނާއަށް ކިޔަވައިދިނުމަށާއި ޙިކްމަތްތެރިކުރުވުމަށް އެދިއްޖެއެވެ. އެތައް ދުވަހެއް ވީއިރުވެސް، އެދުރުގެ އިރުޝާދަކުން ދަރިވަރަށް އަސަރެއް ނުކުރިއެވެ. އެންމެ ފަހުން އެދުރު މީހާ އެކުއްޖާ އޭނާގެ ބައްޕަގެ ކައިރިއަށް މި ބަހާ އެކު އަނބުރާ ފޮނުވައިފިއެވެ: ”މި ކުއްޖާ ޙިކްމަތްތެރިއެއް ނުވިއެވެ. އަދި އޭނާ އަހުރެން މޮޔަކޮށްފިއެވެ.“

ޠަބީޢަތް އޭގެ ޒާތުގައި ޢިލްމު ލިބިގަތުމަށް ފަހިވެފައިވާނަމަ،
އިރުޝާދުން އަސަރު ކުރެއެވެ.
ކިތަންމެ ވަރަކަށް އޮފު ކުރިއަސް ދަގަނޑު
އޭގެ އަޞްލު ގޯސްކަމުން އޮފެއް ނާރައެވެ.
ހަތް މާކަނޑުން ކުއްތާއެއް ފެންވެރުވިއަސް
ތެތްވުމުން އޭތީގެ ހަޑިކަން ވާނީ ބޮޑެވެ.
ޢީސާ ޢަލައިހިއްސަލާމްގެ ހިމާރު މައްކާއަށް ފޮނުވިއަސް

އަނބުރާ އައުމުން އޭތި ވާނީ ހަމަ ހިމާރަކަށެވެ.

—2—

ޙިކްމަތްތެރި އެދުރަކު އޭނާގެ ދަރިވަރުންނަށް ބުންޏެވެ: ”ބައްޕައިންގެ ދެލޯފަދަ ކުދީންނޭވެ. ކޮންމެވެސް ހުނަރެއް ދަސްކުރާށެވެ. ދުނިޔޭގެ މުއްސަދިކަމަކީ އިތުބާރު ކުރެވޭ ކަމެއް ނޫނެވެ. އަދި ރަނާއި ރިއްސަކީ ނުރައްކާތެރި ތަކެއްޗެވެ. ވަގުން އެ ވަގަށް ގެންގޮސްފާނެއެވެ. ނުވަތަ ޚަރަދުކޮށް ހުސްވެދާނެއެވެ. ނަމަވެސް ހުނަރަކީ ދިރުން ހުރި ފަންވާރާއެކެވެ. އަދި ދާއިމީ މުއްސަނދިކަމެކެވެ. ހުނަރުވެރި މަސައްކަތްތެރިއަކު އޭނާގެ މުދާ ގެއްލިގެން ދިޔަޔަސް އެކަމާ ފަރުވާލެއް ނެތެވެ. އެއީ ހުނަރުވެރިކަމަކީ މުދަލެވެ. އޭނާ ދާ ކޮންމެ ތަނަކު މީހުން އޭނާއަށް އިޙްތިރާމް ކުރާނެއެވެ. ހުނަރެއް ނެތް މީހުން އުޅޭނީ ފާރޮށި ކުނޑި ހޮވާށާއި ދަތީގައެވެ.“

އިޙްތިރާމްކުރި ބައެއްގެ ޤަދަރު ގެއްލުމުން ތަބާވާން ދަތިވެއެވެ.

ފިރުމި އަތަކުން އަނިޔާ ލިބިގަންނަށް އުނދަގުލެވެ.

އެއް ފަހަރަކު ދިމިޝްޤުގައި ބޮޑު އޮޅުންބޮޅުން ގަނޑެއް ފެށިއްޖެއެވެ.
ކޮންމެ މީހަކު ވެސް އޭނާގެ އަރާމު ޒާވިޔާއިން ފިލައިފިއެވެ.
ދަނޑުވެރިންގެ ކިޔަވައިގެން ތިބި ކުދީން
ރަސްގެފާނުގެ ވަޒީރުންނަށް ވެއްޖެއެވެ.
ވަޒީރުންގެ މޮޔަ ދަރީން

ފަކީރުންގެ ގޮތުގައި ދަނޑުވެރިންގެ ކައިރިއަށް ގޮސްފިއެވެ.

ތިބާގެ ބައްޕަގެ މުދާ ވާރުތައިން ލިބިގަންނަން އެދޭނަމަ، އޭނާގެ ޢިލްމުވެރިކަން ހޯދާށެވެ.

އޭނާގެ ފަރާތުން ތި ވާރުތާވާ މުދާ އެންމެ ދިހަ ދުވަހުން ޚަރަދުކޮށް ހުސްވެދާނެއެވެ.

—3—

ޢިލްމުވެރިކަމަށް މަޝްހޫރު އެދުރެއްގެ ކައިރިއަށް ރަސްކަލެއްގެ އަމީރެއް (ދަރިއެއް) ކިޔަވަން ދެއެވެ. އެދުރު މީހާ މި ކުއްޖާގެ ގައިގައި ތަޅައި ހަރުކަށިކަމާ އެކު ކަންތައްތައް ކުރެއެވެ. އަމީރަށް ކެތް ނުކުރެވިގެން ރަސްގެފާނުގެ އަރިހުގައި ޝަކުވާކޮށްފިއެވެ. ރަސްގެފާނު އެ ކުއްޖާފުޅުގެ ގަމީސް ބާލުއްވައި ބައްލަވައި، ރަސްގެފާނުގެ ހިތްޕުޅުގައި ރަޙުމް ހިނގައި އެދުރު ގެންނަވައި ވިދާޅުވިއެވެ: ”ތިމަން ރައްޔިތުންގެ ދަރީންނަށް ނުހިތާހާ ހަރުކަށިކަމާ އެކު ތިބާ އަހުރެންގެ ދަރިފުޅާ މެދު ކަންތައްތައް ކުރަނީ ކީއްވެ ހެއްޔެވެ؟“ އެދުރު ދެންނެވިއެވެ: ”ޢާއްމު ހުރިހާ މީހުން ވެސް އެކަކު އަނެކަކާ މުޢާމަލާތް ކުރާއިރު، އޯގާތެރިކަމާއެކު ވާހަކަ ދެއްކުން ހެޔޮވެގެން ވެއެވެ. ނަމަވެސް، މިގޮތަށް ކަންތައް ކުރުން ރަސްކަލުންނަށް ބޮޑަށް ލާއިޤުވެގެން ވެއެވެ. އެއީ ރަސްކަލުން ކުރައްވާ ކަންތައްތަކާއި ދައްކަވާ ވާހަކަފުޅަކީ އެންމެން އެއަށް ބަސްބުނާ ވާހަކަދައްކާ ކަންތައްތަކެވެ. އެކަމަކު ޢާއްމުން ކުރާ ކަންތައްތަކާއި ބުނާ ބަހަކީ އެ އަސަރު ހުންނަ ކަންކަމެއް ނޫނެވެ.“

ދަރުވޭސީއަކު ނޭކަށޭނެ ސަތޭކަ ކަންތައް ކުރިއަސް

އޭނާގެ އެކުވެރިންނަށް ސަތޭކައަކުން އެއްކަން ވެސް ނޭނގޭނެއެވެ.
އެކަމަކު ރަސްކަލަކު، ސަމާސާއެއްގެ ގޮތުގައި ކުރާ އެންމެ ކަމެއް،

އެއް ޤައުމުން އަނެއް ޤައުމަށް ދައުރުކުރެއެވެ.

”ޝާހީ އަމީރުގެ އެދުރަށް ވާޖިބުވެގެން ވަނީ އެ ކުއްޖާގެ އުޅުން ހަރުދަނާކޮށް މާތް ކުރުމެވެ. މާތް ﷲ ޢާއްމު މީހުންގެ ދަރީންނަށް ވުރެ، ރީއްޗަށް އެ ގަސް ހެއްދެވުން އެދިއެވެ.“

އަޚްލާޤު ރަނގަޅު ކުރުމަށް އަދަބެއް ނުލިބި ބޮޑުވާ ކުއްޖާގެ ކިބައިގައި،

ހަރުދަނާ އަޚްލާޤެއް ނުހުންނާނެ އެވެ.
ފެހިކޮށް ހުންނަ އޮފިގަނޑެއް ހިތަށް އަރާގޮތަކަށް ލަންބާލެވެއެވެ.

ހިކި ގޮތްޕެއް ތެދުކުރެވޭ ހަމައެކަނި ގޮތަކީ އަލިފާނުން ހޫނުކުރުމެވެ.“

މި ބަސްތަކަށް ރަސްގެފާނު އުހައުކުރައްވައި، އެދުރުގެ ތަރުބިއްޔަތާ މެދު ހިތްހަމަޖެހިވަޑައިގެން ޢިއްޒަތުގެ ހެދުންކޮޅެއް ދެއްވައި އަދި އިނާމު ދެއްވައި އޭނާގެ ދަރަޖަ މަތިކުރައްވައިފިއެވެ.

—4—

މަޣްރިބު ކަރައިގެ ޤައުމަކުން އަހުރެންނަށް އެދުރަކާ ދިމާވިއެވެ. އޭނާގެ މޫނުމަތީގައި އުފާވެރިކަމެއް ނުވެއެވެ. ވާހަކަ ދެއްކުން ހުތުރެވެ. ރުޅި ގަދައެވެ. މީހުންނަށް ދަތިކުރެއެވެ. ކެތްތެރިކަމެއް ނުވެއެވެ. އޭނާ ފެނުމުން މުސްލިމުން ނަފްރަތު ކުރާނެއެވެ. އޭނާ ޤުރްއާން ކިޔަވާ އަޑުއަހާ މީހަކު ހިތާމަ ކުރާނެއެވެ. މި މީހާގެ އަނިޔާވެރިކަމުގެ އަތްދަށުގައި މައުސޫމު ފިރިހެން ކުދިންނާއި ޅަދޮނޅު އަންހެން ކުދިންނަށް ދަތިކަން ލިބިގެން ވިއެވެ. އޭނާގެ ކުރިމަތީގައި ކުޑަކުދީންނަކަށް ހޭކަށް ނުކެރެއެވެ. ވާހަކަ ދައްކައިފިނަމަ، އެ ކުދީންގެ އޮމާން ކޯތާފަތްމަތީގައި ޖަހައި ހިކި ފައިތައް އަނދަގޮޑިއަށް ލައެވެ. ވާހަކަ ކުރުކުރުމުގެ ގޮތުން ބުނަމެވެ. މީނާގެ ޢަމަލުތައް ހުންނަ ގޮތުން، އޭނާގެ ނުބައިކަން ފެތުރި، ވަޒީފާއިން އޭނާ ވަކިކޮށް އެހެން މީހަކު އެ މަޤާމަށް ލައިފިއެވެ.

އަލަށް ވަޒީފާދިން މީހަކީ ދީންވެރި، ރަނގަޅު، ޙިކްމަތްތެރި އެދުރެކެވެ. އޭނާ ވާހަކަ ދައްކަނީ ބޭނުމެއް ޖެހިއްޖެ ނަމައެވެ. ކުއްޖަކަށް ހާނިއްކާ ކުރާނޭ ޙާލަތެއް އޭނާއަކަށް ދިމަލެއް ނުވެއެވެ. ފުރަތަމަ އެދުރަށް އޮތް ބިރު ގެއްލި، ދަރިވަރުން މީނާގެ މަލާއިކަތީ ސިފަތަކުގެ މައްޗަށް ހޭނި އިފްރީތުންހެން އެއް ކުއްޖަކު އަނެއް ކުއްޖަކާ ދޭތެރޭ އުޅެން ފަށައިފިއެވެ. އެދުރުގެ ބަނިޔާދަން އަޚްލާޤަށް އިތުބާރުކޮށް، ކިޔެވުމަށް ސަމާލުކަން ނުދީ، ކުޅިވަރުގައި އުޅެތެވެ. މާދަމާއަށް ހަދަން ދީފައި އޮންނަ ފިލާވަޅު ލިޔެފައިވާ ވޮށުފިލާ އެކަކު އަނެކަކުގެ ބޮލުގައި ޖަހާ ފަޅާ ހަދަތެވެ.

އެދުރުމީހާ މާބޮޑަށް ދޫކޮށްގެން އުޅޭނަމަ،

ކުޑަކުދިން ބާޒާރުގައި އެކަކު ގައިމަތިން އަނެކަކު ފުމޭނެއެވެ.

ދެ ހަފުތާއެއްގެ ފަހުން އެ މިސްކިތް ކައިރިން ލާފައި ދިޔައިރު، އަހުރެންނަށް ފެނުނީ ކުރީގެ އެދުރު، މީހުން އެދިގެން އަނެއްކާ ވަޒީފާއަށް ގެނެސްފައިވާ ތަނެވެ. އަހުރެން މިކަމާ ހިތްހަމަ ނުޖެހިގެން ބުނީމެވެ. ”ލާ ހައުލަ އެވެ!“ މީހުން ކުރެން މަލާއިކަތުންގެ އެދުރަކަށް އިބިލީސް ލީ ކީއްވެގެންތޯ ސުވާލުކުރީމެވެ. ދުނިޔޭގެ ހަމަތަކުގެ ތަޖުރިބާ ލިބިގެންވީ މީހަކު، އަހުރެންގެ ސުވާލުގެ އަޑުއަހައި، ބުންޏެވެ: ”މި ހަރުދަނާ ބުނުން ކަލޭ އަޑު ނާހަން ހެއްޔެވެ؟“

ރަސްކަލަކު އޭނާގެ ދަރިކަލުން މަދަރުސާއަކަށް ފޮނުއްވިއެވެ.
އޭނާގެ އުނގަށް ރިހިން ހަދައިފައިވާ ވޮށުފިލައެއް ލެއްވިއެވެ.
އޭގައި ރަން އަކުރުން މިހެން ލިޔެވިގެން ވިއެވެ:

”ބައްޕައެއްގެ ލޯތްބަށް ވުރެ މުދައްރިސެއްގެ ހަރުކަށިކަން ރަނގަޅުވެގެން ވެއެވެ.“

—5—

ދީންވެރި މީހެއްގެ ފުތަކަށް (ފިރިހެން ދަރިއަކަށް) އޭނާގެ ބޮޑުބޭބެއިންގެ ފަރާތުން ގިނަ މުދައުތަކެއް ވާރުތައިން ލިބިއްޖެއެވެ. މުދާ ލިބުމުން ވިސްނުމެއް ފިކުރެއް ނެތި ހޭދަކޮށް، ނުކުރާ ފާފައެއް ނުބޯ ރަލެއް ނެތެވެ. އަހުރެން އޭނާއަށް ނަސޭހަތުގެ ގޮތުން ބުނީމެވެ:

”އަހުރެންގެ ފުތާއެވެ. އާމްދަނީ އަކީ ކޯރެއްގެ ފެން ފަދައިން ދަތުރުކުރާ އެއްޗެކެވެ. ޚަރަދަކީ އެ ފެނުން އެނބުރޭ އުޑިއެއް ފަދަ އެއްޗެކެވެ. މިހެން ބުނީ، ޚަރަދުތައް ބޮޑު ކުރަން ޖެހޭނީ، އާމްދަނީ ދެމިހުންނަނިވި ގޮތަކަށް ލިބޭ މީހުންނޭ ބުނަންށެވެ.

ދެމިހުންނަނިވި އާމްދަނީ އެއް ނުލިބޭނަމަ، ޚަރަދުތަކަށް ފަރުވާތެރިވާށެވެ.
އެއީ ކަލާސީނުން މިހެން ބުނާތީއެވެ:
”ފަރުބަދަ ތަކަށް ވާރޭ ނުވެހޭ ނަމަ،

ދިޖުލަތު ކޯރު އެއް އަހަރުން ހިކޭނެއެވެ.“

”ޙިކްމަތްތެރިކަން ކުރިއަށް ނެރެ ހަރުދަނާ ވާށެވެ. ކުޅިވަރާ ދުރުވާށެވެ. ތިބާގެ މުއްސަނދިކަން ހުސްވެދާނެއެވެ. އެއިރުން ދައްޗަށް ތިބާ ހުށަހެޅި، ހިތާމައިގައި ތައުބާވާނެއެވެ.“

ދުންމާރީގެ އަޑުންނާއި ރަލުގެ މަސްތުން އަހުރެންގެ ބަސް އޭނާ އަޑު ނާހައި، މުސްތަޤްބަލްގެ ދަތިތަކާ ހުރެ މިއަދުގެ ހަމަހިމޭންކަން ކިލަނބުކުރަން ނުވާނޭ ކަމަށް ބުއްދިވެރިން ނަސޭހަތްތެރިވާ ކަމަށް ބުންޏެވެ:

ނަސީބާއި ތަނަވަސްކަމުގެ އަހުލުވެރިން
ހިތާމައިގެ ބިރަށް ދެރަވާންވީ ކީއްވެ ހެއްޔެވެ؟
ދާށެވެ. އަދި މަޖާ ކުރާށެވެ. ހިތް އުފަލުގައިވާ ޔާރެވެ.

މާދަމާގެ ހިތްދަތިކަން  މިއަދު ކާކަށް ނުވާނެއެވެ.

ޚަރަދުތައް އަހުރެން މަތަކުރާނީ ކިހިނަކުން ހެއްޔެވެ؟ ދޫދިނުމުގެ އެންމެ އުސް ގޮނޑީގައިވަނީ އަހުރެންނެވެ. ދީލަތިކަމުގެ ގޮށް ޖަހައިފައި ވީމެވެ. ޢާއްމުން ދައްކާ ވާހަކަތަކުގެ މައުޟޫޢުއަކަށް އަހުރެންގެ ދީލަތިކަން ވެއްޖެއެވެ.

ދީލަތިކަމާއި ލިބަރަލިޓީއަށް މަޝްހޫރުވި މީހާ
އޭނާގެ ދިރުހަމްތަކުގައި ތަޅެއް އަޅުވާކަށް ނުވާނެއެވެ.
އަވަށުގައި އޭނާގެ ރަނގަޅުކަމުގެ ނަން ފެތުރުމުން

ދޮރުފަތް ޖަހައި އެކަމެއް ބަންދެން ނުކުރެވޭނެއެވެ.“

ނަސޭހަތް އަޑުނާހައި، އަހުރެންގެ ހޫނު ނޭވާއިން ފިނި ދަނގަޑަށް އަސަރެއް ނުކުރިކަން އެނގުމުން، އަހުރެންގެ މޫނު އޭނާގެ ރައްޓެހިކަމުގެ ފަރާތުން ފޭކޮށް ނަސޭހަތް ދިނުން ހުއްޓާލައިފީމެވެ. އެއީ ފަލްސަފާވެރިން މިހެން ބުނެފައި ވާތީއެވެ: ”ތިބާއަށް އެނގޭ އެއްޗެއް އަންގާށެވެ. ބަލައިނުގަނެފިނަމަ، ތިބާގެ ކުށެއް ނެެތެވެ.“

ބުނާ ބަސް އަޑުނާހާނެކަން އެނގުނުކަމުގައި ވިއަސް، ބުނާށެވެ.
ތިބާއަށް އެނގޭ ރަނގަޅު ވާހަކަ އާއި ނަސޭހަތް ދޭށެވެ.
ދާދިއަވަހަށް ގަމާރު ގޮލައަކާ ތިބާއާ ދިމާވެދާނެއެވެ.
އޭނާގެ ދެފައި ޤައިދުކުރެވިފައިވާ މީހަކާ ބައްދަލުވެދާނެއެވެ.
އެއް އަތުން އަނެއް އަތުގައި ޖަހާ އޭނާ ބުނާނެއެވެ: ”ހިތާމަ ހުއްޓެވެ.

އާލިމްގެ ނަސޭހަތް އަހުރެން އަޑުއެހި ނަމައެވެ.“

މަދު ދުވަސްކޮޅަކަށް ފަހު، އޭނާގެ އުޅުމެއް ނެތް ދިރިއުޅުމުގެ ނަތީޖާ ފެނުނެވެ. އޭރު އޭނާ އިނީ ލިބާހެއްގެ ފޮތީމަތީ ފޮތިއަޅަންށެވެ. އަދި ބިމަށް ވެރޭ ފާރޮށިކުނޑި ހޮވަންށެވެ. އަހުރެންގެ ހިތުގައި އޭނާގެ ނިކަމެތި ޙާލަތަށް ރަޙުމް އުފެދުނެވެ. އެހެންވެ އޭނާގެ އެތެރޭ ފާރުތައް ނުކަހަން ވެގެން، އަދި އެއަށް ލޮނު ނާޅަންވެގެން އަމިއްލައަށް ބުނީމެވެ.

”މަސްތުގެ އާވާރާގައި ވެފައިވާ މޮޔަ މީހާ،
އަންނަ ދައްޗަކަށް ފަރުވާލެއް ނުހުންނާނެ އެވެ.
ބަހާރު މޫސުމުގައި ފަތްތައް ބިމަށް އޮހޮރުވާލުމުން،

ފިނި މޫސުން އައުމުން ފައިބާނޭ ފަތެއް ގަހަކު ނުހުންނާނެ އެވެ.“

—6—

ރަސްކަލަކު އޭނާގެ އަމީރަކު އެދުރެއްގެ ކައިރިއަށް ފޮނުވައި ވިދާޅުވިއެވެ: ”އަމިއްލަ ދަރިއެއް ފަދައިން ކިޔަވައިދޭށެވެ.“ ދުވަސްތަކެއް ވަންދެން އަމީރަށް ކިޔަވައިދޭން އުޅެ އެއްވެސް ނަތީޖާއެއް ނުނެރެވުނެވެ. އެކަމަކު، އެދުރުގެ ދަރީން އެތައް ހުނަރެއް ދަސްކޮށް ބަލާޣަތްތެރިކަމުގެ ގޮތުން ވަރަށް މޮޅުވެއްޖެއެވެ.  ރަސްގެފާނު މިކަމާ ހިތްޕުޅާނުވެ، ވީ ވަޢުދާ ޚިލާފުވެ ބޭވަފާތެރިވެފައި ވީތީ، އެދުރަށް އަދަބުދިނުމަށް ނިންމުމުން ދެންނެވިއެވެ. ”މާތް ރަސްގެފާނެވެ. ދެވޭ އިރުޝާދު އެއްގޮތެވެ. ނަމަވެސް ދެބައިމީހުންގެ ޠަބީޢަތް ތަފާތެވެ.“

ރިއްސާއި ރަން ގައުތަކުގެ ތެރެއިން ފެނުނު ކަމުގައި ވިއަސް
ހުރިހާ ގަލެއްގައި ރަނެއް އަދި ރިއްސެއް ނުހުރެއެވެ.
މުޅި ދުނިޔެއަށް ކާނޫބުގެ (ވަކި ތަރިއެއްގެ) އަލި ލިބެއެވެ.
ނަމަވެސް ބައެއް ހިސާބުތަކުގައި އުފެދެނީ ގޯންޏަށް ކަމުދާ ހަމެވެ.

އަނެއް ބައިތަންތަނުގައި އަދިމެވެ.

—7—

ޢިލްމުވެރި ޕީރަކު އޭނާގެ މުދީރަށް ބުނި އަޑު އެހީމެވެ: ”ރިޒުޤު ހޯދުމަށް މީހަކު ފިކުރު ކުރާ ވަގުތު، ރިޒުޤު ދެއްވާ ކަލާނގެ ހަނދުމަކުރުމަށް ހޭދަކުރާ ނަމަ، މަލާއިކަތުންގެ ދަރަޖައަށް ވުރެ މަތީ ދަރަޖައަކަށް އޭނާ މަތިވީހެވެ.“

ތިބާގެ ޙާލަތު ނިކަމެތިކަމުގައިވީ އިރު
ކަލާނގެ އޯގާވަންތަކަން ލިބިގެންވިއެވެ.
ތިބާ މަނިތިއްކެއްގެ ގޮތުގައި، އިޙްސާސެއްނެތި ވަޅުލެވިފައި ވަނިކޮށް،
ތިބާއަށް ރޫޙެއް ދެއްވައި، ޠަބީޢަތަކާއި ފިކުރަކާއި ޢަގުލް ދެއްވިއެވެ.
ތިމާގެ އަތުގައި ފަސް އިނގިލި ލެއްވިއެވެ.
ކޮނޑުގައި ދެ މުލައްދަނޑި ހަރުކުރެއްވިއެވެ.
އެދުންތައް ނިކަމެތި މީހާއެވެ. މިކަންކަން ފުރިހަމަ ކޮށްދެއްވި ކަލާނގެ

ތިބާއަށް ރިޒުޤު ދެއްވުމަށް ހަނދުމަފުޅުނެތިވޮޑިގެންވާނޭ ހެއްޔެވެ؟