ބަލިކަށިކަމާއި މުސްކުޅި ޢުމުރާ މެދު

ފިނިފެންމަލުގެ ބަގީޗާ — ހަވަނަ ބާބު

—1—

ދިމިޝްޤުގެ ހުކުރު މިސްކިތުގައި، ބަހުސެއްގައި އަހުރެން ވަނިކޮށް ޒުވާނަކު ކުރިއަށް ޖެހިލާފައި، ފާރިސީ ބަސް ދަންނަ މީހަކު އިންތޯ ސުވާލުކުރުމުން އެންމެން އަހުރެންނަށް އިޝާރާތްކޮށްފިއެވެ. ކީއްވެތޯ ސުވާލުކުރުމުން، އޭނާ ބުނީ ސަތޭކަ ފަންސާސް އަހަރުވީ މުސްކުޅިއަކު މަރުގެ ސަކަރާތުގައި ފާރިސީ ބަހުން އެއްޗެއް އެބަކިޔާ ކަމާއި އެއްވެސް މީހަކަށް ކިޔާ އެއްޗެއް ނޭނގޭތީ އޯގާތެރިކަމާ އެކު އަހުރެން އޭނާ ދުށުމަށް ގޮސްދީފާނަންތޯ އެވެ. ފަހަރެއްގައި، އެއީ އޭނާގެ ފަހު ވަސިއްޔަތު ކިޔާދެނީ ކަމަށް ވެސް ވެދާނެކަމަށް ބުންޏެވެ. ބަލިމީހާގެ ބާލީހާ ކައިރިވުމުން އޭނާ ބުންޏެވެ:

”އިރުކޮޅެއްގެ ކުރިން އަހުރެން އަރާމުކޮށްލާނަމޭ ބުނީމެވެ.
އެކަމަކު އާހ އެވެ. އަހުރެންގެ ނޭވާހޮޅި ވަނީ ބަންދު ވެފައެވެ.
ހިތާމަ ހުއްޓެވެ. އިރުކޮޅެއްގެ ކުރިން، ޙަޔާތުގެ ތަފާތު ވަލީމާއިން

އަހުރެމެން ކެއުމުގައި ވީމެވެ. އަދި ބުނީމެވެ: ފުދިއްޖެއެވެ.“

އޭނާގެ ޢިބާރާތްތައް ޢަރަބިބަހަށް ތަރުޖަމާ ކުރުމުން އޭނާގެ ޢުމުރުގެ ދިގުކަމާއެކު، އަޖަލު ހަމަވާތީ ދެރަވެގެން އުޅޭތީ އެމީހުން ހައިރާންވިއެވެ. އަހުރެން އޭނާއަށް ވަނީ ކިހިނެތްތޯ ސުވާލުކުރުމުން ބުންޏެވެ: ”ބުނާނީ ކީކޭ ހެއްޔެވެ؟“

މީހެއްގެ ދަތެއް އުފުރާލާ އިރު،
އޭނާއަށް އިޙްސާސްވާ ތަދު ތިބާ ނުދެކެން ހެއްޔެވެ؟
އޭނާއަށް އަގުބޮޑު ފުރާނަ، ހަށިގަނޑު ދޫކުރާ ވަގުތު

އޭނާގެ އިޙްސާސްތަކާ މެދު ވިސްނާށެވެ.

މަރުގެ ޚިޔާލުން ފިކުރު ނުކުރުމަށް އަހުރެން އޭނާއަށް ބުނީމެވެ.  ހުވާސް ހުސްވުމުގެ ޚިޔާލު، އޭނާގެ ޠަބީއަތުގެ މައްޗަށް ރެދަލިކުރިއަ ނުދިނުމަށް ބުނީމެވެ. އެއީ ޔޫނާނީ ފަލްސަފާވެރިން ބުނެފައިވާ ފަދައިން މިޒާޖު ރަނގަޅަސް ތާއަބަދަށް އެއީ ދެމިގެން ދާނޭ ކަމެއްކަމަށް އިތުބާރު ނުކުރުމަށާއި ބައްޔެއް ނުރައްކާތެރިއަސް، އެއީ މަރުގެ އިޝާރާތެއް ނޫންކަމަށް ބުނީމެވެ. އަހުރެން އޭނާއާ ސުވާލުކުރީމެވެ: ”ތިބާ ރުހެންޏާ އަހުރެން ޙަކީމެއް ގެނެސްފާނަމަވެ.“ ލޯހުޅުވާލުމަށްފަހު، ހިނިތުންވެލާފައި އޭނާ ބުންޏެވެ:

”ވާދަވެރިޔަކު، މުށިކޮޅެއްހެން ބިންމަތީގައި އޮތްތަން ފެނުމުން
ޤާބިލް ބޭސްވެރިޔާ އޭނާގެ ދެއަތް ދެއަތާ ޖެހިއެވެ.
އޭނާގެ ގޭގެ ބިންގައު ހަލާކުވެގެން ދާއިރު

މާތް މީހާ އޭނާގެ މާލަމުގައި މޮޅު ކުރެހުންތައް އެލުވަނީއެވެ.

އޭނާގެ މުސްކުޅި އަންހެނުން ގައިގައި ކެލާ އުނގުޅާއިރު
އަޖޫޒުވެފައިވާ މީހާ އޭނާގެ އެންމެ ފަހުގެ އުދާސްތަކަށް ހިތާމަކުރަނީއެވެ.
ޠަބީޢަތު ހަމައިން ނެއްޓުމުން
ކިޔެވެއްޔަކުން ބޭހަކުން ކުރާނޭ މަންފާއެއް ނޯންނާނެ އެވެ.“

—2—

މުސްކުޅި ފިރިހެނަކު ޒުވާން އަންހެން ކުއްޖަކާ އިނދެ، ފިނިފެންމަލުން ޒީނަތްތެރިކޮށްފައިވާ ގެއެއްގައި އެކަހެރިކޮށް ވަގުތު ހޭދަކުރެއެވެ. އޭނާގެ ނަޒަރާއި ހިތްވަނީ އެކަނބުލޭގެއަށް އަމާޒުވެގެންނެވެ. ދިގު ރޭތައް އޭނާ ހޭދަކުރީ ނިދުމުގެ ބަދަލުގައި އެކަނބުލޭގެއަށް މަޖާ ވާހަކަތަކާއި ބުއްދިވެރި ހާދިސާތައް ކިޔާދިނުމުގައެވެ. މިގޮތުގެ މަތީން އެކަނބުލޭގެ ލޯބި ހޯދައި ޝަރަމު ފަތަޙަކުރެވޭނޭ ކަމަށް އޭނާ ހީކުރަތެވެ. އެއް ރެއަކު އެކަނބުލޭގެއަށް އެކަނބުލޭގެ ނަޞީބު ވަރަށް ގަދަކަމަށް އޭނާ ބުނެފިއެވެ. އެއީ އޭނާ ކަހަލަ ފައްކާވެ، ކިޔަވައިގެން ހުރި، ދުނިޔޭގެ ތަޖުރިބާ ލިބި ހުރި، މަޑުމައިތިރި، ހޫނާއި ފިނިކަން އިޙްސާސްވެފައިވާ، ރަނގަޅާއި ނުބައި ދަންނަ، ރަޙުމަތްތެރިކަމުގެ ޒިންމާ އެނގޭ، ލޯބީގެ ޝަރުޠުތައް ފުއްދާ، ހެޔޮ، ޚުލްޤު ރަނގަޅު، ވާހަކަ ދެއްކުން ރީތި ފިރިހެނަކު އެކަނބުލޭގެއަށް ލިބުނީތީއެވެ.

އަހުރެންނަށް ވީހާ ދުވަހަކު ތިބާގެ ހިތް ބަލަހައްޓާނަމެވެ.
އަނިޔާއެއް ލިބުނުނަމަ،  އަހުރެން ބަދަލުގައި އަނިޔާއެއް ނުދޭނަމެވެ.
ގުރައެއް ފަދައިން ހަކުރަކީ ތިބާގެ ކާނާކަމަށް ވިއަސް

ފޮނި ދިރިއުޅުން ތިބާއަށްޓަކައި އަހުރެން ޤުރްބާން ކުރާނަމެވެ.

ތިބާއަށް ތިލިބުނީ ހުރިތާ ހުންނަން ނޭނގޭ ޒުވާނެއް ނޫނެވެ. ހިތަށް އެރިގޮތަކަށް ކަންތައްތައް ކުރާ، ގޮތް ދޫނުކުރާ، ކޮންމެ ވަގުތަކު އެހެން އުފަލެއް ފަހާދުވާ ޅަފުރާގެ މީހެއް ނޫނެވެ. އެހެން ގެއަކު ކޮންމެ ރެއަކު ނިދާ، ކޮންމެ ދުވަހަކު އައު ރައްޓެއްސެއްގެ ކައިރީގައި ވަގުތު ހޭދަކުރާ އެކި ޚިޔާލުތަކުގެ ނޯޖަވާނެއް ނޫނެވެ.

ޒުވާން ފިރިހެނުން އުފާވެރިވެފައި ބަލައިލާން ރީއްޗެވެ.
އެކަމަކު އެއްވެސް ފަރާތަކަށް ވަފާތެރިއެއް ނޫނެވެ.
ކޮންމެ ވަގުތަކު އެހެން ފިނިފެންމަލަކަށް ލަވަކިޔައިދޭ

ބުލްބުލްތަކުން ވަފާތެރިކަމަށް އުއްމީދު ނުކުރާށެވެ.

މިއާ ޚިލާފަށް މުސްކުޅި މީހުންނަކީ ރަނގަޅު އުޅުމާއި ޙިކްމަތާއެކު ޙަޔާތް ހޭދަކުރާ ބައެކެވެ. އެމީހުންނެއް ޒުވާންކަމުގެ މޮޔަކަމާއި ނުފޫޒަކަށް ނުހެއްލޭނެވެ.

ތިބާއަށް ވުރެ ރަނގަޅު މީހަކު ޚިޔާލަށް ގެނެސް ތިބާގެ ނަޞީބާ ދޭތެރޭ ވިސްނާށެވެ.

އެއީ ތިބާ ފަދަ ހެޔޮ ނަޞީބެއްގައިވާ އެހެން މީހެއްގެ ޚިޔާލެއް ނާންނާނެ އެވެ.

މުސްކުޅި މީހާ ބުންޏެވެ: ”މިގޮތުގެ މަތީން އަހުރެންގެ ވާހަކަތައް ކުރިއަށް ގެންދިޔައީމެވެ. އަހުރެން ހީކުރީ އެކަނބުލޭގެ ހިތް ފަތަޙަކުރެވި، އަހުރެންގެ ޝިކާރައަކަށް އެކަނބުލޭގެ ވީކަމަށެވެ.“

އެކަމަކު ފުން ނޭވާއެއް ލައިފައި، ހިތާމައިގެ ހިތަކާއިގެން އެކަނބުލޭގެ ބުންޏެވެ: ”ތިބާ ތި ދެއްކި ހުރިހާ ލަފުޒެއް، އަހުރެންގެ ވިސްނުމުގެ ތަރާދުން ކިރުމުން، އަހުރެންގެ ޤަބީލާގެ މި ހަރުބަހަށް ވުރެ ލުޔެވެ: ” މުސްކުޅިއަކަށް ވުރެ ޒުވާން އަންހެނެއްގެ އަރިކައްޓަށް ހެރޭ ތީރެއް މާ ރަނގަޅެވެ.“

ރޯދައަށް ހުރި މީހެއްގެ ތިރީ ތުންފަތް ފަދަ ފަށުފުލެއް
އެކަނބުލޭގެ ފިރިމީހާގެ ފަރާތުން އިޙްސާސްވުމުން ބުންޏެވެ:
”މީނާގެ ގައިގައި ޤަބުރެއް ވެއެވެ.
ޖާދުވީ ކިޔެވެއްޔަކީ ނިދާފައި  ތިބޭ މީހުންނަށް އިއްވާ އެއްޗެކެވެ.

މަރުވެފައިވާ މީހުންނަށް އިއްވާ އެއްޗެއް ނޫނެވެ.“

ނުފުދި ފިރިމީހާގެ ގާތުން ތެދުވާ އަންހެނާ

އެތައް ޒުވާބަކާއި ޖަދަލެއް ކުރެއެވެ.
އަސައެއްގެ އެހީއާ ނުލާ އިންތަނުން ނުތެދުވެވޭ މުސްކުޅި މީހަކު،

އޭނާގެ އަސާ ހިއްލާނީ ކިހިނަކުން ހެއްޔެވެ؟

ކުރުގޮތަކަށް ކިޔައިދޭނަމަ، މި ދެމީހުންގެ ދެމެދުގައި، އެކުވެރިކަމެއް ނެތި ވަރިވެއްޖެއެވެ. އެކަނބުލޭގެ ޢިއްދައިގެ މުއްދަތު ހަމަވުމުން، ޒުވާނަކާ ކައިވެނިކޮށްފިއެވެ. އެމީހާ އަކީ އަތް ހުސް، ރުޅިގަދަ އަނިޔާވެރި މީހެކެވެ. އޭނާގެ ފުށުން އެކަނބުލޭގެއަށް އަނިޔާއާއި ފަޤީރުކަމުގެ ހިތްދަތިކަން މެދުވެރި ވިއެވެ. އެކަމަކު އެކަނބުލޭގެ ބުންޏެވެ: ” ކުރިން އިޙްސާސް ކުރެވުނު އަނިޔާއިން ސަލާމަތްވެ، މި ދާއިމީ ހިތްހަމަޖެހުމަށްޓަކައި މާތް ﷲ ގެ ކިބައަށް ޙަމްދު ހުއްޓެވެ.“

މިއަނިޔާވެރިކަމާއި ދަތިކަމުގައި ވިއަސް
ތިބާ އުފާކޮށްދެވޭތޯ އަހުރެން ބަލާނަމެވެ.
އެއީ ތިބާ ރީތިވީމައެވެ.
ތިބާއާ އެކުވުމަށް، ނަރަކައިގައި އެނދުންވަނީ އަހުރެންނަށެވެ.
އަނެކާއާ އެކު ސުވަރުގޭގައި އުޅުމަށް ވުރެ ރަނގަޅެވެ.
ރީތި މޫނެއްގައިވާ އަނގައިން ދުވާ ފިޔާގެ ވަސް،
ހުތުރު އަތަކުން ދިއްކުރެވޭ ފިނިފެންމަލަކަށްވުރެ ހިތްގައިމެވެ.
ފިނިފެންމަލުގެ އަރަގާއި މީރުވަސް ދުވާ ހުވަނދާއި މޭކަޕުކުރާ ކުލައާއި އަތަރާއި އެދުންވެރިކަން
މި ހުރިހާ އެއްޗަކީ އަންހެނުންނަށް ޒީނަތެކެވެ.
ފިރިހެނުންނަށް އޭނާގެ ފަސްބައި ޒީނަތަކަށް ފުދެއެވެ.

—3—

މުސްކުޅި ރައްޓެއްސެއްގެ މެހެމާންދާރީގައި އަހުރެން އެއް ފަހަރަކު ދިއާބަކަރުގައި ވީމެވެ. އެއް ރެއަކު އޭނާ އަހުރެންނަށް ކިޔާދިން ގޮތުގައި މިހާރު ހުރި ފިރިހެން ދަރިފުޅު ފިޔަވައި އެހެން ކުއްޖެއް އޭނާއަށް ލިބިފައެއް ނުވެއެވެ. އެ ދަރިފުޅު އޭނާއަށް ލިބުނީ ވާދީއެއްގައިވާ  ބަރަކާތްތެރި ގަހެއްގެ ދަށުގައި ދުޢާކުރުމުންނެވެ. އޭނާ އެ ގަސްދޮށުގައި އެތައް ރެއަކު ނަމާދުކުރިއެވެ. އެންމެފަހުން، މާތް ﷲ އެ ދަރިފުޅު އޭނާއަށް ދެއްވައިފިއެވެ.

އެ ދަރިފުޅު އޭނާގެ ރައްޓެއްސެއްގެ ކައިރީގައި ބުނި އަޑު އަހުރެންނަށް އިވުނެވެ: ”އެ ގަސްވީތަން އަހުރެންނަށް އެނގޭނެ ނަމައެވެ. އެއިރުން ބައްޕަ މަރުވޭތޯ ގަސްދޮށުގައި ނަމާދުކުރީމުހެވެ.“

މާތް މީހާ އޭނާގެ ބުއްދިވެރި ދަރިފުޅާ ދޭތެރޭ ފަޚުރުވެރިވާއިރު، ބައްޕަގެ މޮޔަކަމާމެދު ދަރިފުޅު ޝަކުވާ ކުރެއެވެ.

ތިބާގެ ބައްޕަގެ މަހާނަދޮށަށް ޒިޔާރަތް ނުކުރާތާ
އަހަރުތައް ފާއިތުވެގެން ދެއެވެ.
ތިބާގެ ފިރިހެން ދަރިފުޅުގެ ކިބައިން އެކަމަށް އެދޭއިރު،
އޭނާއަށް ތިބާކޮށްދިނީ ކޮން ރަނގަޅެއް ހެއްޔެވެ؟

—4—

ޒުވާންކަމުގެ ބޮޑާކަމުގައި، ގަދަޔަށް ދަތުރުކޮށް، މުޅިން ވަރުބަލިވެގެން ރޭގަނޑުވުމުން އުސް ކުންނަކަށް އަރާ މަގެއްގައި، އަހުރެން އޮށޯވެއްޖައީމެވެ. އަހުރެން ފަދައިން ގާފިލާއާއަކު ދަތުރުކުރާ ބަލިކަށި މުސްކުޅިއަކު އަހުރެންނާ ހަމައަށް އައިސް ބިރުވެރި މަގެއްގައި ނިދަން އޮތީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އަހުރެން ޖަވާބުގައި ބުނީމެވެ: ”ފައިގެ ބޭނުން ގެއްލުމުން އަހުރެން ދަތުރުކުރާނީ ކިހިނަކުން ހެއްޔެވެ؟“

އޭނާ ޖަވާބުގައި ބުންޏެވެ: ”މަޑުމަޑުން ހިނގާ، އިރުއިރުކޮޅާ އަރާމުކުރުމަކީ ދުވެ މުޅީން ވަރުބަލިވުމަށް ވުރެ ރަނގަޅު ގޮތެއްކަމުގައި ބުނާތީ ކަލޭ އަޑެއް ނާހަމު ހެއްޔެވެ؟“

މަންޒިލަށް ދާން ބޭނުންވާ މީހާ އެވެ.
އަހުރެންގެ ނަސޭހަތް އަޑުއަހައި ކެތްތެރިވާށެވެ.
އަރަބި އަހެއް ރޭހެއްގައި ދެފަހަރަކަށް ބާރަށް ދުވެވެއެވެ.
އެކަމަކު ޖަމަލެއް މަޑުމަޑުން ރޭގަނޑާއި ދުވާލު ކުރިއަށް ދަތުރުކުރެއެވެ.

—5—

ހިތްގައިމުކޮށް ވާހަކަ ދައްކާ މުރާލި އުޅުންރީތި ފިރިހެން ކުއްޖަކު އަހުރެމެންގެ ޖަމާޢަތުގައި ވިއެވެ. މޮޅިވެރިކަން އޭނާގެ ހިތަށް ދުވަހަކުވެސް ވަދެފައި ނުވެއެވެ. އަދި އޭނާގެ ތުންފަތް، ހިނިތުންވުމުން ބަންދުވެފައި ނުވެއެވެ. ޒަމާންތަކަކަށް ފަހު، އޭނާއާ މަގުމަތިން ދިމާވިއެވެ. އޭރު އޭނާ މީހަކާ އިނދެ ދަރިން ލިބިފައި ވިއެވެ. އޭނާގެ މަޖާކަމުގެ މޫ ބުރިކޮށްލާފައި ވާތީ އަހުރެންނަށް ފެނުނެވެ. އަދި މޫނުމަތިން ފެނުނު ހިތްގައިމު ކަމުގެ ފިނިފެންމާ ވަޅޯވެފައި ވިއެވެ. އަހުރެން އޭނާގެ ކައިރިން ހާލު އަހުވާލުއަހައި އައިސްފައިވާ ބަދަލާބެހޭ ގޮތުން ސުވާލުކުރީމެވެ. ޖަވާބުގައި އޭނާ ބުންޏެވެ: ”ކުޑަކުދިން އަހުރެންނަށް ލިބުމުން ކުޑަކުދިން އުޅޭގޮތަށް އުޅުން ދޫކޮށްލައިފީމެވެ.“

ވަގުތު އަހުރެންގެ ބުޅި އިސްތަށިގަނޑު ބަދަލުކޮށްލުމުން ޒުވާންކަން ކޮބައިހެއްޔެވެ؟
ވަގުތުގެ ދައުރުވުމަކީ ކަންކަންވާގޮތް ބެލޭ ފާރަވެރިއެކެވެ.
ދުވަސްވުމުން، ކުޑަކުދީން އުޅޭ ގޮތަށް އުޅުން ދޫކޮށްލާށެވެ.

ޒުވާނުންނަށް ސަމާސާކުރުމާއި ކުޅުން ދޫކޮށްލާށެވެ.

މުސްކުޅިވެފައިވާ މީހެއްގެ ފަރާތުން ޒުވާނެއްގެ މަޖާކަން ނުހޯދާށެވެ.
އާރުގައި ހުރި ފެން ދިއުމުން އަނބުރައި އެ ފެނެއް ނާދެއެވެ.
ގޮވާންކަނޑާ ދުވަސްވަރު ދަނޑަކަށް އައުމުން

ޅަކުރާތަކެއްހެން ވަޔާއެކު ގަސްތަކެއް ނުހެލޭނެއެވެ.

ޒުވާންކަމުގެ ދުވަސްވަރު ފާއިތުވެއްޖެ އެވެ.
އާހ އެވެ. ހިތަށް އަރާމުދިން އެ ދުވަސްވަރެވެ.
ސިންގާގެ ވަކިތަކުގެ ބާރު ހިނގައްޖެއެވެ.

މިހާރު އަހުރެމެން ހިތްހަމަ ޖައްސާލަނީ ޕަނީރުންނެވެ.

މުސްކުޅި އަންހެނަކު އޭނާގެ އިސްތަށިގަނޑު ކަޅުކޮށްފިއެވެ.
އަހުރެން އޭނާއަށް ބުނީމެވެ: ”ބޯދާ ޒަމާނުގެ ކުޑަ މަންމަ އާ އެވެ.
އޮޅުވާލުމުގެ ގޮތުން ތިބާގެ އިސްތަށިގަނޑު ކަޅުކޮށްފީމެވެ.
އެކަމަކު ބަޅުވެފައިވާ ބުރަކަށި ދުވަހަކު ވެސް ތެދުކުރެވޭނެ ހެއްޔެވެ؟“

—6—

ޅައުމުރުގެ މޮޔަކަމުގައި، އަހުރެންނަށް އެއް ދުވަހަކު މަންމަ އާ ދިމާއަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. މަންމަ ހިތާމައިގެ ހިތަކާއިގެން ކަނެއްގައި އިށީދެ، ކަރުނައަޅަމުން ބުންޏެވެ: ”ކަލޭ އަހުރެންނަށް ހަރުކަށި ތިވަނީ، ކަލެއަށް ކަލޭގެ ޅަދުވަސްވަރު ހަނދާން ނެތުނީ ހެއްޔެވެ؟“

މިނިކާވަގެއް އުފުލާލައިފައި ބިމަށް ޖެހިތަން ފެނުމުން،
މުސްކުޅި އަންހެން މީހާ އޭނާގެ އެތެއްގެ ހަށިގަނޑު ލިބިފައިވާ ފިރިހެން ދަރިފުޅާ ދިމާއަށް،
މިހެންބުނީ ހާދަ ރީތިކޮށެވެ:
”ތިބާގެ ޅައިރު ތިބާ ހަނދާން ހުންނާނޭ ނަމައެވެ.
އަހުރެންގެ އަތްދަނޑިމަތީގައި އެއްވެސް ބާރެއްނެތި ވީ ދުވަސް ހަނދާން ހުންނަ ނަމައެވެ.
މި ދުވަހު ތިބާ އަހުރެންނާ ދިމާއަށް ހަރުކަށްޓެއް ނުވާނެއެވެ.
މިއަދު ތިބާއަކީ ސިންގާއެއް ފަދަ ގަދަ ފިރިހެނެކެވެ.
އަހުރެންނީ މުސްކުޅިވެފައިވާ އަންހެނަކީމެވެ.“

—7—

ބަޚީލު ދަހި މީހެއްގެ ފިރިހެން ދަރިއެއް ބަލިވުމުން ރައްޓެހީން ނަދުރެއްގެ ގޮތުގައި ޤުރްއާން ކިޔެވުމަށް ނުވަތަ ޖަނަވާރެއް ކަތިލައި މަސްބެހުމަށް ނަސޭހަތް ދީފިއެވެ. ކުޑަކޮށް ވިސްނާލާފައި އޭނާ ޚިޔާރުކުރީ ޤުރްއާން ކިޔެވުމަށެވެ. އެއީ އޭނާގެ ބަކަރި އައިނު ދުރުގައި ވާތީ ކަމަށް ބުންޏެވެ. މިވާހަކަ އަޑުއެހި ދީންވެރި މީހަކު ބުންޏެވެ. އޭނާ ޤުރްއާން ކިޔެވުން ޚިޔާރު ކުރީ އެއީ ދުލުކުރިން ކުރާކަމަކަށް ވާތީއެވެ. ފައިސާ ވަނީ ހިތުގެ އަޑީގައެވެ.

ދީލަތިކަމާއެކު ޞަދަޤާތް ކުރާ މީހަކު
ނަމާދުގައި ކަރު ލެނބުމުން މަންފާއެއް ކުރާނެއެވެ.
އެންމެ ފައިސާ ފޮއްޗަކަށްޓަކައި ކިސަޑުގައި ހިމާރެއްހެން އޭނާ ހައްޔަރުވެ ހުރެދާނެއެވެ.

ނަމަވެސް އަލްޙަމްދު ކިޔުމަށް ބުނެފިނަމަ، ސަތޭކަ ފަހަރު އެ ކިޔާނެއެވެ.

—8—

މުސްކުޅިވެފައިވާ ފިރިހެނަކު ކައިރީގައި، އޭނާ މީހަކާ ނީންނަނީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ބުނީ ޢުމުރުން ދުވަސްވީ އަންހެނުންނާ މެދު އޭނާ ހިތްހަމަ ނުޖެހޭތީ ކަމަށެވެ. މުދާވެރިއެއް ކަމަށްވާތީ، ޒުވާން ކުއްޖަކާ ނީންނަނީ ކީއްވެގެންތޯ އެހުމުން ބުންޏެވެ: އަހުރެން ދުވަސްވެ މުސްކުޅިވެފައިވާ މީހަކު މުސްކުޅި އަންހެނަކު ބޭނުން ނުވާއިރު، ޒުވާން އަންހެން ކުއްޖަކު އަހުރެންނާ އުޅޭނީ ކހިނަކުން ހެއްޔެވެ؟ އަހުރެންނަކީ އަޖޫޒުވެފައިވާ މީހަކީމެވެ.

އުމުރުން ހަތްދިހަ ވެފައިވާ މީހަކު ލައްވާ އެންދާންކުރަން ނާރާށެވެ.
ކަނުކަމަށް ބަލައި އެކަބުލޭގެއަށް ބޮސްދީފައި ނިދާށެވެ.
އެކަބުލޭގެ ބޭނުންވާނީ ބާރެވެ. ރަނެއް ނޫނެވެ.
ދިހަ މަނުގެ މަހަށް ވުރެ، އެއް ދަތުރު އެދެވިގެން ވެއެވެ.

—9—

މި ދުވަސްވަރު، ގިނަ ދުވަސްވެ އަޖޫޒުވެފައިވާ މީހެއް،
އޭނާގެ މުސްކުޅި ބޮލަށް މީހަކާ އިނުމުގެ ޚިޔާލު އަތުވެއްޖެއެވެ.
ރީތި ކުޑަ އަންހެން ކުއްޖަކާ އޭނާ އިނދެފިއެވެ. ނަމަކީ ޖަވާހިރެވެ.

މީހުންގެ ލޯތަކަށް އޭނާގެ ޖަވާހިރުތައް އެޅިފޮށި ފޮރުވިއެވެ.

އާދަކޮށް ވާހެން ކާވެނީގެ ރޭ ކަންތައް ގަނޑެއް ހިނގައިފިއެވެ.
އެންމެ ފުރަތަމަ ހަމަލައާއެކު ޝޭޚުގެ ގުނަވަން ނިދައިފިއެވެ.
އޭނާ ދުނި ދެމިއަސް އަމާޒަކަށް ނުދިޔައެވެ.

 ގަޔަށް ހެޔޮވަރު ބޯ ލިބާހެއް އެކަތަ ތިނޯހަކުން ނޫނީ ނުފެހޭނެއެވެ.

އޭނާގެ ރައްޓެހީންނަށް ޝަކުވާކޮށް، އެމީހުންނަށް ހެކި ދެއްކިއެވެ.
އޭނާގެ ފަރުނީޗަރު ވަނީ އެކަމަނާ  މުސްކުޅިންނަށް ކުރާ ބޭއިޙްތިރާމުން ހަލާކުވެފައެވެ.

އެ ދެމީހުންގެ ދެމެދުގައި އަރައިރުމާއި ތަޅާފޮޅުން ހިނގައި، މައްސަލަ ގާޒީއަށް އައުމުން ސަޢުދީ ބުންޏެވެ:

”ފާޅުކުރެވުނު ދެކޮޅުވެރިކަމާއި ނުބައިކަމާއެކު ވެސް، ކުށްވެރިއަކީ އަންހެންކުއްޖާ އެއް ނޫނެވެ.
ތިވަރަށް ތުރުތުރު އަޅާ އަތަކުން ތިބާ ޖަވާހިރެއްގައި ހިފާނީ ކިހިނަކުން ހެއްޔެވެ؟“