ޅެންވެރިކަމުގެ ހަވީރެއް އިންތިޒާމުކުރާނޭ ގޮތް

ތަޢާރުފު


ދަރިވަރެއްގެ ގޮތުގައި މަދަރުސާ ފެންވަރުގައި އަޅުގަނޑު އުޅުނު ދުވަސްވަރު، މުދައްރިސުން ކިލާހުގެ ދަރިވަރުންނާ ޙަވާލުކުރާ އެއް މަސައްކަތަކީ، ”ޅެންވެރީންނާ އެކު ހަވީރުކުރުމެވެ.“ އެ ދުވަސްވަރު، ދިވެހި ބަސް އަޅުގަނޑުމެންނަށް ކިޔަވައިދެއްވި އިސް މުދައްރިސް، ޢަލީ ޝަމީމް (ޢައްޑޫ އަލިފުޅު) އެ ލަފުޒު މާނަކުރައްވާ ގޮތަކީ، ޅެންވެރިއެއްގެ ޅެންވެރިކަން ހާމަވާފަދަ ގޮތަކަށް އޭނާގެ ޅެންތަކުގެ ބައިތުތައް ހިމަނައި އޭގެ މައްޗަށް ކުރު ބަޔާނެއް ލިޔުމެވެ. ޢާއްމުގޮތެއްގައި ލިޔެ އުޅެނީ ދޮޅު ޞަފުޙާއެވެ. ފަހަކަށް އައިސް، ޅެންވެރިޔާގެ ކުޑަ ބަޔޯގްރާފީއެއް ނުވަތަ ޒިންދަގީނާމާއެއް ހިމަނައެވެ. ނަމަވެސް، ޅެންވެރިއަކާ އެކު ހަވީރުކުރުމުގެ މާނައިގައި، އޭނާގެ ވަނަވަރާ ބެހޭ ވާހަކަތައް ހިމަނައިގެން ނުވާނޭކަމަށް ”ފަތްތޫރަ“ މަޖައްލާގެ މުޙައްރިރު ޢަބްދުﷲ ޙަމީދު ލިޔުއްވާފައިވާ ލިޔުއްވުމެއް މި ޖުމުލައަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. ދިވެހި ބަސްފޮތުގައި، ހަވީރުކުރުން މާނަކޮށްފައިވަނީ، ”ޅެމަކާމެދު ނުވަތަ ޅެންވެރިޔަކާ މެދު އަދަބީ ގޮތުން ވާހަކަ ދެއްކުން“ މިގޮތަށެވެ. ބަސްފޮތުގައި ނޫނީ މިގޮތަށް މާނަ ލިޔެފައިވާތީ އަޅުގަނޑު ނުދެކެމެވެ. ހަވީރުކުރުން ލިޔާނަމަ، އޭގެ ކުރިއަށް އަބަދުވެސް، ޅެންވެރިއެއްގެ ނަން ލިޔެއެވެ. ނުވަތަ ނަން އިތުރެއް ބޭނުން ކުރެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން، ހަވީރުކުރުމާއި ރޭކުރުމާއި ފަތިސްކުރުމާއި ހެނދުނުކުރުމާއި މެންދުރުކުރުން ފަދަ އެތައް ލަފުޒެއް ވަގުތަށް ނިސްބަތްކޮށް ހެދިދާނެއެވެ. ރޭކުރުމުގެ އެއް މާނަކަމުގައި ބަސްފޮތުގައި ލިޔެފައިވަނީ ”ތިމާގެ ގެ ނޫން ތަނެއްގައި ރޭގަނޑެއް ވޭތުކުރުން“ ކަމަށެވެ. މިފަދަ މާނަތަކުން އިލްހާމުނަގައިގެން، ހަވީރުކުރުމުގެ މާނަކަމުގައި ވާންޖެހޭނީ ހަވީރުގެ ވަގުތު ހޭދަކުރުމެވެ. ރޭކުރުމަކީ ރޭގަނޑުގެ ވަގުތު ހޭދަކުރުމެވެ. ހެނދުނުކުރުމަކީ ހެނދުނުގެ ވަގުތު ހޭދަކުރުމެވެ. މިއީ މިހާރުވެސް ދިވެހިބަހުގައި ބޭނުންކުރާ ގޮތެކެވެ. މިސާލީ ”އިބްރާހީމް އެ ދަތުރުގައި ރޭކުރީ ވޭމަންޑޫ ގައެވެ.“ ވަކި ދަމެއްގައި ތަނެއްގައި ހުރުމަކީ އެ ދަމެއް ކުރުމެވެ. އެއާ ޅެންވެރިކަމާ ގުޅުމެއް ނެތެވެ. މިހެންކަމުން، ”ހަވީރުކުރުން“ މި ލަފުޒުން ޅެންވެރިކަމާ ހުންނަ ގުޅުމަކީ މަޖާޒީ މާނައެއްކަމަށް ޤަބޫލުކުރެވެއެވެ. މިފަދަ މަޖާޒީ މާނައެއްގައި، ރޭކުރުން ވެސް އެހެން މީހަކާ އެކު އެއްދާން ކުރުމަށް ބޭނުން ކުރެއެވެ.

ހަވީރުކުރުމުގެ މާނަ، އެކަހެރިކޮށް އޮންނަ އިރު، ޅެންވެރިކަމާ ގުޅުނީ ކިހިނެތް ވެގެންތޯ އެވެ؟ އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، މިކަން ފެށިފައިވަނީ ޅެންވެރިކަމުގެ ހަވީރުންނެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ، ޕޮއިޓްރީ އީވްނިންގ އިންނެވެ. ޕޮއިޓްރީ އަކީ ޅެންވެރިކަމެވެ. އީވްނިންގ އަކީ ދުވަހެއްގެ މެންދުރުފަހާއި ރޭގަނޑާ ދެމެދުވާ ވަގުތެވެ. ހަވީރެވެ.  ޕޮއިޓްރީ އީވްނިންގ އަކީ ޅެންވެރީންނާއި ޅެންވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ ބައްދަލުވުމެކެވެ. މިފަދަ ބައްދަލުވުންތަކުގައި، އޮންނާނީ އެކި މީހުން ހަދައިފައިވާ ޅެން، ބައިވެރީންނަށް އިއްވުމެވެ. ގިނަ ފަހަރު އިއްވާނީ ޅެންވެރިޔާއެވެ. މިފަދަ ބައްދަލުވުންތައް، ރާއްޖެ ދުށް ޅެންވެރިކަމުގެ ބަހާރު މޫސުމުގައި، މުޙައްމަދު އަމީން ދައުރުގައި، ބޭއްވިފައިވާނޭ ކަމަށް ލަފާކުރެވެއެވެ. ހަވީރުކުރުމުގެ މާނަކަމަށް، ބަސްފޮތުގައިވާ މާނައަކީ، މި ބަޔާން ކުރެވުނު ޅެންވެރީންގެ ހަވީރަށް ނިސްބަތްކޮށް ލިޔެފައިވާ މާނައެއްކަމަށް އަޅުގަނޑަށް ހީވެއެވެ. ޅެންވެރީންނާ އެކު ހަވީރުކުރުމުގެ މިސާލީ މަޒުމޫނެއް، ”ދަރުމަ“ މަޖައްލާގެ ޖަނަވަރީ 2004 ގެ ޢަދަދުގެ 52 ވަނަ ސަފުހާއިން ފެށިގެން ހިމަނާފައިވާނެ އެވެ. އެ މަޒުމޫނު ލިޔެފައިވާނީ ޕާކިސްތާނުގެ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ މުޙައްމަދު އިޤްބާލްގެ ޅެންވެރިކަމާ މެދުއެވެ.

މި މަޒުމޫނުގެ މަޤްޞަދަކީ، ޅެންވެރީންގެ ހަވީރެއް އިންތިޒާމްކުރާނޭ ގޮތް، ކަމުގެ ތަޖުރިބާކާރުންގެ ޢިބްރަތްތަކުގެ އަލީގައި ބަޔާންކުރުމެވެ.  ޅެންވެރިކަން ކުރިއެރުވުމަށް، ޅެންވެރީންގެ ހަވީރަކީ މުހިއްމު ބައްދަލުވުމެވެ. މިކަމުން، ޒުވާން ޅެންވެރީން، ތަޖުރިބާކާރު ޅެންވެރީންނާ ބައްދަލުވެ، ޚިޔާލުބަދަލުކޮށް، ޅެންވެރިކަމުގެ މައްސަލަތަކުގެ ސުވާލާއި ޖަވާބު ހޯދުމަށް މަގުފަހިވެއެވެ. ވަކި ބައިތެއް ފުރިހަމަކުރާނޭ ގޮތް، މޮޅު ޅެންވެރީންގެ ފަރާތުން ދަސްވެއެވެ. ރަޙްމަތްތެރިކަން އާލާވެއެވެ. ޅެންވެރިކަމުގެ ޝައުޤުވެރިކަން އިތުރުވެ، ގިނަ ފަރާތްތަކަކަށް ޅެމެއް ހާމަކުރުމުގެ ފުރުޞަތު ލިބެއެވެ. ޅެންފޮތް ވިއްކުމަށް މަގުފަހިވެއެވެ.

ޅެންވެރީންގެ ހަވީރު، ރޭގަނޑެއްގައި ވެސް ބޭއްވިދާނެއެވެ. އެއިރު ނަމަކަށް ވާނީ ޅެންވެރީންގެ ރޭގަނޑެވެ. ބޭރު ޤައުމުތަކުގައި އައު ބާވަތެއްގެ ޅެންވެރީންގެ ހަވީރެއް ބާއްވައެވެ. މި ބާވަތަށް ކިޔަނީ، ޕޮއިޓްރީ ސްލޭމް އެވެ. މިއީ އިއްވާ އެކި ޅެމަށް، ބައްދަލުވުމުގެ ހާޒިރީން ވަޒަންކޮށް މާކު ދޭ ލުއި މުބާރާތެއް ފަދަ ގޮތަކަށް އިންތިޒާމްކުރާ ކަމެކެވެ. ދިވެހިބަހުން ޕޮއިޓްރީ ސްލޭމްއަށް ޅެންވެރިކަމުގެ ބާޒީ ނުވަތަ ވާދަ ފަދަ ޢިބާރާތެއް ކަނޑައެޅިދާނެއެވެ. ޅެންވެރިކަމުގެ ބާޒީއެއް އިންތިޒާމްކުރާނޭ ގޮތް ފަހުން ދަންނަވާނަމެވެ.

ބައްދަލުވުން އިންތިޒާމުކުރަން އިސްނަގާ ފަރާތް


ޅެންވެރީންގެ ހަވީރަކީ، އެކަން އިންތިޒާމުކުރަން ޚަރަދުތަކެއް ހިނގާ ކަމެކެވެ. މި ޚަރަދު ތަކުގެ ތެރޭގައި، ގާތްގަޑަކަށް ވިހި ފޫޓު ވިހި ފޫޓު ހުންނަ ތަނެއްގައި، ވަށައިގެން ވިއްސަކަށް ގޮނޑި ޖަހައި، މައިކެއް ބޭނުންވާ ނަމަ، އެކަން ހަމަޖައްސުމުގެ ޚަރަދު ހިމެނެއެވެ. މިފަދަ އެއްވުމެއްގެ އެއް ފަރާތެއްގައި، ލުއި ސައެއް ތައްޔާރުކޮށްފައި ހުންނަން ޖެހެއެވެ. މިއާއެކު ބައްދަލުވުމުގައި އެކި ޅެންވެރީން ހުށަހަޅަން ކޮންމެވެސް މީހަކު ހުންނަން ވާނެއެވެ. އެއީ އެމްސީ ނުވަތަ ބައްދަލުވުމުގެ ތަރުތީބާއި ތަޢާރުފު އިއްވާ ފަރާތެވެ. ބައެއް ފަހަރު، ހަވީރު ބޭއްވުމަށް ޚަރަދު ކުރާ ފަރާތަކީ، އެކަމުގައި ބައިވެރިވާ ފަރާތަކަށް ނުވެއެވެ. ގިނަ ފަހަރު، މިފަދަ ފަރާތްތަކަކީ ޚަރަދު ތަކަށް ވުރެ އާމްދަނީ ގިނަ، ޅެންވެރިކަން ދިރުވަން ޝައުޤު ހުންނަ ޙާމީއެކެވެ. އަޅުގަނޑު ދަންނަނީ ދިވެހީންގެ ތެރެއިން މިފަދަ އެންމެ ފަރާތެކެވެ. އިސްނަގާ ފަރާތަކީ ސްޕޮންސަރ ކުރާ ޙާމީއަށް ނުވިއަސް، ކަމަކީ ޚަރަދުތަކެއް ހިނގާ ކަމެކެވެ.

ހަވީރު ބާއްވާތަން


ރާއްޖެތެރޭގައި ނަމަ، ހަވީރެއް ބާއްވަން އެންމެ ރަނގަޅުވާނީ މަދަރުސާއެއްގެ ކިލާސްކޮޓަރިއެކެވެ. ބައެއް މަދު ގޭގޭގައި، ބޭނުންވާ ވަރުގެ ޖާގަ، މެދުގެ ނުވަތަ ބޭރުގެ ފަދަ ތަނަކުން ލިބިދާނެއެވެ. ހަވީރު ބާއްވާ އެހެން ތަންތަނުގެ ތެރޭގައި، ލައިބްރަރީ އާއި އިޖްތިމާޢީ މަރުކަޒާއި ގަސްދޮށް ހިމެނެއެވެ. ކުޑަވަރެއްގެ ޅެންވެރީންގެ ހަވީރަކަށް ހާޒިރުވާނީ ފަނަރަ ވަރަކަށް މީހުންނެވެ. މިއަށް ވުރެ ގިނަ މީހުން އަންނަ ނަމަ، ގޮޑި އިތުރުކޮށް ނުވަތަ ބޮޑު ޖާގައެއް ހޯދަން ޖެހިދާނެއެވެ. ޅެންވެރިކަމުގެ ހަވީރުގައި ގޮނޑި ޖަހަނީ ވަށައިގެންނެވެ. ފިލްމު ދައްކާ ތިއޭޓަރުތަކުގައި ގޮނޑިޖަހާ ގޮތަކަށް ނޫނެވެ. ޖާގަ އާއި ސައިގެ ޚަރަދު ބަލަހައްޓަނީ ކުރިން ދެންނެވިހެން އިންތިޒާމުކުރާ ފަރާތުންނެވެ.

ބޭރު ޤައުމުތަކުގައި، ޅެންވެރީންގެ ހަވީރު، ކެފޭ (ގަހުވަޚާނާ) ތަކުގައި ބާއްވައެވެ. އެއީ އެތަނުގެ ވެރިފަރާތާ ގުޅިގެންނެވެ. މި ޙާލަތުގައި، އެވަގުތެއްގައި ކެފޭގައި އޮންނާނީ ޅެންވެރީންގެ ހަވީރުކަން ބޭރު ދޮރުގައި ލިޔެފައި އޮންނާނެއެވެ. ކެފޭގައި އޮންނަ ހަވީރުތަކުގައި ސައިގެ ޚަރަދު ކުރާނީ ހާޒިރުވާ މީހާ އަމިއްލައަށެވެ. ނުވަތަ ކަމަށް ހިތްވަރުދޭ ފަރާތެކެވެ. ބައެއް ކެފޭތަކުން މިކަމަށް ހިތްވަރުދެނީ، ޢާއްމުންގެ ތެރެއިން ވެސް ބަޔަކު، ޅެން އަޑުއަހަން އެތަނަށް ސައިބޯން އަންނާނެތީއެވެ. ކެފޭގައި ޅެންވެރީންގެ ހަވީރެއް ބޭއްވުމުގެ ފައިދާއަކީ ސަޔާއެކު ޅެން ކިޔުން އެކު އެކީގައި ކުރިއަށް ގެންދަން ފަސޭހަވާނެތީ އެވެ.

އަޑުގަދަ ތަނެއްގައި ބާއްވާ ނަމަ، ނުވަތަ މީހުން ގިނަ ނަމަ، ޅެން ކިޔާ މީހާއަށް މައިކެއް ބޭނުންވެދާނެ އެވެ. ކުޑަ ޖާގައެއްގައި އަޑުގަދަކުރާ ބޭނުންކުރުމުން، އަޑުގަދަކަމުން ބޮލަށް އުނދަގޫވާނެއެވެ. ޅެމުގެ އަސަރު ގެއްލި ދާނެއެވެ.

ޤައުމީ ޔުނިވަރސިޓީ އުފައްދަން އަޅުގަނޑު އުޅުނު ދުވަސްވަރު، އެތަނުގައި، ޔުނިވަރސިޓީގެ މަސައްކަތާ ގުޅޭ ކަމެއްނަމަ، ވަސީލަތްތައް ލުއިގޮތަކަށް ދޫކުރާ އުޞޫލެއް ތަން ހިންގާ ފަރާތުން ފާސްކޮށްފައި އޮވެއެވެ. ހަމައެކަނި ޝަރުޠަކީ، ކަން ރޭވުމުގައި ޔުނިވަރސިޓީ ބައިވެރިވާކަން ހާމަވެގެން އިސްތިހާރު ވެގެން ދިއުމާއި ރާވާކަމުން ތަނުގެ މައިގަނޑު މަސައްކަތަށް ދަތި ނުވުމެވެ. މިފަދަ ގަވާއިދެއް އެހެން މުއައްސަސާތަކުގައި ލިޔެފައި ނެތަސް، ޅެންވެރިކަމުގެ ޙަރަކާތްތަކަށް ހިލޭ ޖާގަ ދޫކުރާ މުއައްސަސާތައް ހުރެދާނެއެވެ.

ޅެންވެރީންނަށް ހަވީރަށް ދަޢުވަތު ދިނުން


ޅެމެއް އިއްވާނެ މަދުވެގެން އެއް ޅެންވެރިއެއް ނެތި، ޅެންވެރީންގެ ހަވީރެއް ނުބޭއްވޭނެއެވެ. ރަނގަޅު ކަމަކީ، ހަވީރަކަށް އައުމަށް އެދެފި ނަމަ، ގިނަ ޅެންވެރީން އެކަމަށް އިޖާބަދޭކަމެވެ. ޅެން އިއްވަން އެއް ހަވީރަކު ގިނަ ބަޔަކަށް ފުރުޞަތު ނުލިބުނަސް، އެހެން ޅެންވެރީންގެ ޅެންތައް އަޑުއަހަން ގިނަ ޅެންވެރީން ޝައުޤުވެރިކަން ހުރެއެވެ. ހަވީރު އޮންނަ ދުވަސް ކައިރިވުމުން، އޮންނަ ތާރީޚް ހަނދުމަކޮށްދޭން ޖެހޭނެއެވެ.

އިސްތިހާރުކުރުން


އެއްވެސް މީހަކު ރަހަ ނުބަލާނޭ މީރު ކެއުމެއް ތައްޔާރުކުރުމުގެ ބެނުމެއް ނޯންނާނޭ ފަދައިން، މީހުން ހާޒިރުނުވާ ޅެންވެރީންގެ ހަވީރަކީ ރަނގަޅު ހަވީރެއް ނޫނެވެ. އިސްތިހާރުކުރުމުގައި އެންމެ މުހިއްމު ކަމަކީ އަނގަބަހުން މީހުންނަށް ދަޢުވަތު ދިނުމެވެ. ނަމަވެސް މި ދުވަސްވަރު، ސޯޝަލްމީޑިއާ ގެ ރޯލު މުހިއްމުވާނެއެވެ. ހަވީރު އޮންނަ ދުވަހުގެ ހަތަރު ހަފުތާގެ ކުރިން ބައެއް ޅެންވެރީންނާ ވާހަކަ ދައްކައި، ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަންވާނެއެވެ. ޅެންވެރިކަމުގެ ހަވީރަށް އަންނަ މީހުންގެ އަތުން ވަނުމަށް ފައިސާއެއް ނެގުމަކީ އެދެވޭ ކަމެއް ނޫނެވެ. ނަމަވެސް، ކޮންމެހެން ނަގަން ޖެހިއްޖެ ނަމަ، ނަގަންވާނީ ވީހާ ވެސް ކުޑަ މިންވަރެކެވެ. މިގޮތުން ނަގާ މިންވަރު އިސްތިހާރުގައި ހިމަނަންވާނެ އެވެ. ޅެންވެރިކަމުގެ ހަވީރު ބޭއްވުމާ ބެހޭ ފޮތްތަކުގައި ލިޔެފައި ހުންނަނީ ވަނުމުގެ އަގަކަށް ދިވެހި ފައިސާގެ ނިސްބަތުން ނަމަ ފަސް ރުފިޔާ އަށް ވުރެ ގިނަކޮށް ނުނެގުމަށެވެ. އެންމެ ރަނގަޅު ގޮތަކީ ވަނުމަށް ފައިސާ ދައްކަން ނުޖެހުމެވެ.

ޅެން ކިޔުމާއި ވަގުތު


ޅެންވެރީން ތަޢާރުފުކުރުމަށް ހުށަހަޅާނޭ ފަރާތެއް ހަމަޖައްސަން ޖެހޭނެއެވެ. ތައާރުފުގައި ބައްދަލުވުން ބޭއްވޭ ސަބަބާއި ޅެންވެރީންގެ ކުރު ތަޢާރުފެއް އިއްވާނެއެވެ. އަދި ޅެންތައް އިއްވާނޭ ތަރުތީބު ކުރިން ކަނޑައެޅިފައި ވާން ވާނެއެވެ. އެ ތަރުތީބު ޅެން ކިޔާ މީހުންނަށް އެނގެން ޖެހޭނެއެވެ. މިކަމަށް ނަގާ ވަގުތު 10 މިނެއްޓަށް ވުރެ ދިގުވެގެން ނުވާނެއެވެ. އެއްވެސް ފަރާތަކަށް ޅެމެއް ކިޔަން ހައެއްކަ މިނެއްޓަށް ވުރެ ގިނަ ވަގުތު ދީގެން ނުވާނެއެވެ. ޅެމެއް ކިޔުމުގެ ކުރިން ޅެމުގެ ތަޢާރުފެއް ހުށަހަޅަން ވާނެއެވެ. ފޯނާއި ޓެބްލެޓް ފަދަ ތަކެތި ބަލައިގެން ޅެން ނުކިޔުމަށް ތަޖުރިބާކާރުން ނަސޭހަތްތެރި ވެއެވެ. ޅެން ކިޔާނީ ހިތުން ނުވަތަ ކަރުދާސްގަނޑެއް ބަލައިގެންނެވެ. ބައެއް ޅެންވެރިކަމުގެ ހަވީރުގައި، މީހަކު ފަސްމިނެއްޓަށް ވުރެ ގިނައިރު ވާހަކަ ދައްކާ ނަމަ، ކުޑަ ރަނގަބީލެއް ޖަހައެވެ. ޅެންވެރިކަމުގެ ބައްދަލުވުމެއްގެ މުޅި ދިގުމިން، ސަޔާއެކު ދޮޅުގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެއެވެ. މިއަށް ވުރެ ދިގުވާނަމަ، އެވީ ދެވަނަ ބައްދަލުވުމަކަށް ބައެއް ޅެން އިއްވުން ލަސްކުރާށެވެ.

އެކި މަޢުޟޫޢުތަކަށް ބާއްވާ ޅެންވެރީންގެ ހަވީރު


ދެންނެވުމުގެ ބޭނުމެއް ނޯންނާނޭ ފަދައިން، ޅެންވެރީންގެ ހަވީރު އެކި މައުޟޫޢުތަކަށް ބޭއްވިދާނެ އެވެ. ޤައުމީ ޅެމާއި ދީނީ ޅެމާއި ލޯބީގެ ޅެމާއި ވާހަކަ ޅެމާއި އަދި މި ނޫން ވެސް އެހެން ތީމު ނުވަތަ މައުޟޫޢުތަކަށެވެ. ވަކި މައުޟޫޢުއަށް ޅެންވެރީންގެ ހަވީރެއް ބާއްވާ ނަމަ، އެކަން ހުރިހާ ބައިވެރިވާ ފަރާތްތަކަށް ކުރިން އެނގެން ޖެހޭނެއެވެ.

މައިކު ހުޅުވާފައިވާ ޅެންވެރިކަމުގެ ރެއެއް


ޅެންވެރިކަމުގެ ހަވީރެއްގައި، ހަމަ ކޮންމެ މީހަކަށް ޅެން ކިޔުމުގެ ފުރުޞަތު ފަހަރެއްގައި ނުލިބިދާނެއެވެ. ބައެއް ޤައުމުތަކުގައި، އަލަށް ޅެން ހަދާ މީހުންނަށް އަމާޒުކޮށް ޅެންވެރިކަމުގެ ހަވީރު ނުވަތަ ރޭގަނޑު ބާއްވައެވެ. މިފަދަ ފުރުޞަތެއްގައި، ހާޒިރީންގެ ތެރެއިން ބޭނުން ކޮންމެ މީހަކު އޭނާގެ ޅެމެއް ނުވަތަ އެހެން މީހެއްގެ ޅެމެއް މައިކުގެ ކައިރިއަށް ގޮސް މީހުންނަށް އިއްވިދާނެއެވެ. މިފަދަ ބައްދަލުވުންތަކަށް ކިޔަނީ މައިކު ހުޅުވާފައިވާ ޅެންވެރިކަމުގެ ހަވީރު ނުވަތަ ރޭގަނޑެއެވެ. މިއިން މާނަކުރަނީ މައިކްރޮފޯނު ގުޅާފައިވާ އަޑުގަދަކުރާއެއް ބޭނުންވާ މީހަކު ޅެމެއް ކިޔުމަށް ހުރި ކަމެވެ.

މިފަދަ ފުރުޞަތެއް، ޅެންވެރިކަމުގެ ހަވީރެއްގެ ފަހު ދިހަ މިނެއްޓުގެ ތެރެއަށް ފެއްތިދާނެއެވެ. ނުވަތަ، ހުޅުވިފައިވާ މައިކު ހުންނަ ހަވީރެއް ނުވަތަ ރެއެއް ވަކިން ބޭއްވިދާނެ އެވެ. ކޮންމެ މޮޅު ޅެންވެރިއަކު ވެސް، ޅެންވެރިކަން ފައްޓަނީ އެންމެ ޅެމެއް ހެދުމުންނެވެ. ފުރަތަމަ ފުރުޞަތު ފަހިކޮށްދިނުމަކީ ޅެންވެރިކަމުގެ އައު ޖީލެއް ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ ކަމެކެވެ.

ޅެންވެރިކަމުގެ ހަވީރުތަކުގައި ކުރާ އަނެއްކަމަކީ، ކުރެހުންތެރީންނަށް ދަޢުވަތު ދިނުމެވެ. އެމީހުން، ހާޒިރީން ތިބި ގޮތަށް އަތު ކުރެހުން ކުރަހާ ހަދައެވެ.

ޅެންވެރިކަމުގެ ހަވީރުގައި ޅެން  ”ކުޅުން“


ޅެން ކުޅުމަކީ، ހާޒިރުވެތިބި މީހުން ޝައުޤުވެރިވާ ފަދަ ގޮތަކަށް އެމީހުންގެ މުނިއަވަސްވިލުވުމަށް ޅެމެއް ޙަރަކާތާއެކު ހުށަހެޅުމެވެ. ލަފުޒާއި ހަރަކާތާ ގުޅުވައިގެން ހުށަހެޅުމެވެ. ޅެން ޕާރފޯމްކުރުމެވެ. މިއީ ވޭތިވެދިޔަ 50 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރިއަރަމުން އަންނަ ކަމެކެވެ. ރާއްޖޭގައި މިގޮތަށް ޅެން ހުށަހަޅަނިކޮށް އަޅުގަނޑަށް އަދި ފެނިފައެއް ނުވެއެވެ. ތަޖުރިބާކުރުމުގެ ގޮތުން މިއީ ކުރަން ރަނގަޅުކަމަކަށް ވެދާނެއެވެ.

ޅެން ކުޅޭއިރު،  ޅެން ކިޔާ މީހާއަށް ކުރަމުންދާ އަސަރުތައް އޭނާގެ ހަރަކާތުންނާއި އަޑު ގެންގުޅޭގޮތުން ފެންނަމުން ދާނެއެވެ. ކުޅެން ޚިޔާރުކުރާ ޅެމަކީ، މީހާއަށް ޝައުޤުވެރިވާ ޅެމަކަށް ވާން ޖެހޭނެއެވެ. އެހެން މީހެއްގެ ޅެމެއް ހުށަހަޅާނަމަ، އެކި ލަފުޒުތައް ކިޔާގޮތް ރަނގަޅަށް ކަށަވަރު ކުރަންވާނެއެވެ. ލިޔުމުން ބަލައިގެން ވާހަކަ ދައްކާ މީހުން ފަދައިން، ޅެން ކުޅޭއިރު، ޅެމުގައި ލަސްކުރަންވީ ތަންތަނާއި ހުއްޓުންތަކާއި ބާރުލާންވީ ތަންތަން ޅެން ލިޔެފައިވާ ގަނޑުގައި ފާހަގަކުރަން ޖެހޭނެއެވެ. ބައެއްގެ ކުރިމަތީގައި އެއްޗެއް ކިޔާއިރު އަވަސްކުރެވުމަކީ ޠަބީޢީ ކަމެކެވެ. އެހެންކަމުން، ލަސްލަހުން ކިޔުމަށް ކުރިން ފަރިތަކުރަން ޖެހޭނެއެވެ. ޅެން ”ކުޅުމާ“ ބެހޭ އިތުރު އުކުޅުތައް މިކަމާ ބެހޭ ޚާއްޞަ ފޮތްފޮތުގައި ވާނެއެވެ. ތިރީގައިވާ ވީޑިއޯގައި، ޅެމެއް އޯޕަން މައިކު ބައްދަލުވުމެއްގައި ހުށަހަޅާތަން ފެނިވަޑައިގަންނަވާނެ އެވެ. މިވީޑިއޯއިން މިކަން ކުރާ ގޮތް ފެނެއެވެ. ކަންކުރާގޮތް ދެނެގަންނަން އިނގިރޭސި ބަސް އެނގޭކަން ނުޖެހެއެވެ. ތިޔަ ބޭފުޅުންގެ ސަމާލުކަން ދެއްވަންވީ ވީޑިއޯގެ 2:47 ގައި ފެށޭ ބަޔަށެވެ.

ޅެންވެރިކަމުގެ ބާޒީ ނުވަތަ ޕޮއިޓްރީ ސްލޭމް އިންތިޒާމްކޮށް ހިންގުން


ޅެންވެރިކަމުގެ ބާޒީ އަކީ (ޕޮއިޓްރީ ސްލޭމް އަކީ) 1984 އިން ފެށިގެން އެމެރިކާގައި ފެށުނުކަމެކެވެ. މިކަން މިހާރު އެހެން ޤައުމުތަކަށް ފެތުރިފައި ވެއެވެ. މިއީ ޅެންވެރީންގެ ހަވީރަށް ވާދަވެރިކަމެއް ގެންނަ ބައްދަލުވުމެކެވެ. މިކަމުގައި ކަން ކުރާ ގޮތަކީ، ބައްދަލުވުން ހުށަހަޅާ ފަރާތުން، ހަމަ ވަގުތުން ކަނޑައަޅާ ހާޒިރީންގެ ތެރެއިން ފަސް ބައިވެރިއަކު ފަޑިޔާރުންނަށް ހަދަނީ އެވެ. ޅެން ކިޔާ  މީހުންގެ ޅެންތަކަށް ފަނޑިޔާރުން 0 އާއި 10 އާ ދެމެދުގެ މާކުހެއް ދެއެވެ. މާކު ތައް ލިބުމުން، އެންމެ މަތީ މާކު އާއި އެންމެ ދަށް މާކު އުނިކޮށް މެދު ތިން ޢަދަދު އެއްކުރުމުން، އެއީ ޅެމަށްލިބުނު މާކުހެވެ. އެހެންކަމުން، އެންމެ މައްޗަށް ޅެމަކަށް ލިބޭނީ 30 އެވެ. އެންމެ ދަށުން ލިބޭނީ 0 އެވެ.

ހަވީރެއްގެ އެންމެ މޮޅު ޅެމަކީ އެންމެ ގިނަ މާކު ލިބުނު ޅެމެވެ. ބައެއް މީހުން ދެކޭގޮތުގައި، މިއީ ޅެންވެރިކަން ޑިމޮކްރެސީ ވުމެވެ. މީގެ ކުރިން ޅެމެއްގެ އަދި ޅެންވެރިއެއްގެ މޮޅުކަން ކަނޑައަޅަނީ އެހެން ޅެންވެރީންނެވެ. ނުވަތަ އޭނާގެ ޅެންތަކުގެ ގިނަ ކަމެވެ. ނަމަވެސް، ޅެންވެރިކަމުގެ ބާޒީގައި، ހާޒިރީގައި ތިބި އެ ހަވީރެއްގައި ޅެން ނުކިޔާ ފަސް މީހަކު ފަޑިޔާރުންނަށް ވެއެވެ. އެމީހުންނަކީ ޅެންވެރީންނަށް ނުވި ނަމަވެހެވެ.

ޅެންވެރިކަމުގެ ބާޒީ ވެފައިވަނީ މަދަރުސާ ދަރިވަރުން ވެސް ޝައުޤުވެރިކަން ހުންނަ ކަމަކަށެވެ. އެކުދީންގެ ޚިޔާލުތައް ހުށަހަޅާ ވަޒަންކުރުމަށް ފުރުޞަތެއް ލިއްބައިދޭ ކަމަކަށެވެ. ކުރީ ޒަމާންތަކާ އަޅާބަލާ އިރު، ޅެންވެރިކަން ހީނަރުވަމުންދާ ދުވަސްވަރެއްގައި، ޅެންވެރިކަމުގެ މި ވާދަކުރުން ވެފައިވަނީ، މި އޮއިވަރު އިދިކޮޅަށް އަނބުރާލައި، މީހުން ޅެމަށް ޝައުޤުވެރި ކުރުވާ ކަމަކަށެވެ.

ނިންމުން


މި މަޒުމޫނުގައި އަޅުގަނޑު މި ހުށަހެޅީ، ޅެންވެރިކަމުގެ ހަވީރެއް އިންތިޒާމުކުރާނޭ ގޮތާއި، ބޭރު ޤައުމުތަކުގައި ޅެންވެރިކަން ދިރުވަން މަސައްކަތްކުރާ ފަރާތްތަކުން މިހާރަކަށް އައިސް ހިންގާ ބައެއް ޙަރަކާތްތަކެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، ހިނދޫ ކުރިތަކަކާ އެކު ދިވެހި ޅެންވެރިކަން ހެދިގަންނާނޭ ބަހާރަކަށް ދިވެހިބަސް އިންތިޒާރުކުރަމުން ދަނީ ހޫނު މޫސުމެއްގައި ޤުލްޒާރެއް ފިނި ފެނަށް އެދޭފަދަ ގޮތެއްގައެވެ. މި އެދުން ފުދެން އޮތީ، ދިވެހި އާ ޒުވާނުންތަކެއް، އެހެން ޤައުމުތަކުގައި ޅެންވެރިކަން ދިރުވަން ކުރާ މަސައްކަތްތަކުން ފިލާވަޅުތަކެއް ނަގައިގެންނެވެ. ދެމެހެއްޓެނިވި ގޮތަކަށް އައު ޙަރަކާތްތަކެއް ފަށައިގެންނެވެ.

މި މަޒުމޫނަކީ އަދި އެޑިޓްނުކުރާ ދެލިކޮޕީއެކެވެ. ދިވެހި ބަހާ ބެހޭ ގޮތުން ލިޔެފައިވާ އެހެން މަޒުމޫނުތައް މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ.

އެންމެ ފަހުގެ ހަތަރު މަޒުމޫނު