ކޮންމެ މީހަކަށް ވެސް އޮޅުން ފިލާ ގޮތަށް

އިސްކުރާއި ނަޓުން ހިންގާ ލިފްޓް މަސައްކަތް ކުރާ ގޮތް — 2

ލިފްޓާ ބެހޭ ގޮތުން ހުށަހެޅި ފުރަތަމަ މަޒުމޫނުގައި ލިފްޓުގެ މާނައާއި ތާރީޚާއި ބާވަތްތައް ގެނެސްދީފައި ވާނެއެވެ. އެ މަޒުމޫނު ވިދާޅުނުވާ ބޭފުޅުން، ލިފްޓުގެ ތައާރަފާބެހޭ އެ މަޒުމޫނު މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. މި މަޒުމޫނަކީ އެ ލިޔުމުގައި ނަންގެނެވުނު ފަސް ބާވަތުގެ ލިފްޓުގެ ތެރެއިން އިސްކުރާއި ނަޓުން ހިނގާ ލިފްޓު މަސައްކަތް ކުރާގޮތް ބަޔާންކޮށްފައިވާ މަޒުމޫނެވެ.

ދަގަނޑު ބޯލްޓަކާއި ނަޓެއް ދެކެފައިވާ މީހަކަށް ފާހަގަ ކުރެވޭނޭ ކަމަކީ، ނަޓު އެނބުރުމުން، ބޯލްޓުގައި އެ ދުވާކަމެވެ. ކުރިއަށް ނުވަތަ ފަހަތަށް އެ ގެންދެވެއެވެ.

ބޯލްޓަކީ އާދަޔާ ޚިލާފަށް ވަރުގަދަ އެއްޗެއް ކަން ވެސް މީހުންނަށް ތަޖުރިބާގެ މަގުން ފާހަގަކުރެވިފައި ވާނެއެވެ. މިސާލެއްގެ ގޮތުން، ރާއްޖޭގައި ކުރިން ބޭނުން ކުރި ރިޔާކަނޑާ ފޮތި ޖެހި ފަތްޖެހޭ އެނދުގައި ދެފައި ފައްތަރުވާ ތަނަށް ޖަހަނީ ހަތަރުބައިކުޅަ އެއްބައި އިންޗީގެ ޓިނުޖަހާ އިސްކުރެވެ. ނަމަވެސް، މި އިސްކުރު ބިންދައިގެން ގޮސްގެނެއް ނުދެއެވެ. ދަގަނޑުގެ ގަދަކަމަކީ، އެނދުގެ މައްޗަށް ދިހަވަރަކަށް މީހުން އެރިއަސް އެ އިސްކުރެއް ބިންދައިގެން ނުދާނެއެވެ. ދިހަ މީހުން އެރުމުން، އިސްކުރުގެ ކުރިން ހަލާކުވާނީ އެހެން ބައިތަކެވެ.

ބޯލްޓުގައި ހުންނަހެން ތުރެޑް ކަނޑާފައިވާ ދިގު ދަގަނޑު، ބައެއް މީހުންނަށް ރާއްޖެއިން  ފެނިފައިވާނެއެވެ. ކޮންކްރީޓް ކުރާއިރު، ތައްގަނޑުތައް ފިއްތުމަށް މިފަދަ ދަގަނޑު ނުވަތަ ރޮޑް ބޭނުންކުރެއެވެ. ޢާއްމުކޮށް ރާއްޖެއަށް ގެނެސްފައި ހުންނަނީ ދިގުމިނުގައި ހަފޫޓު ހުންނަވަރުގެ ރޮޑެވެ. އެކި ފަލަމިނުގެ ރޮޑު ހުރެއެވެ. މިފަދަ ދިގު ރޮޑަކަށް ނަޓެއް ޖަހައި، ނަޓު ނުވަތަ ބޯލްޓް އެނބުރޭ ގޮތް ހަދަނިކޮށް ނަޓް ދެކޮޅަށް ދުއްވޭނެއެވެ. އިސްކުރާއި ނަޓުން ހިންގާ ލިފްޓްގައި ހުންނަނީ ނަޓުގައި ލިފްޓްގެ ފޮށިގަނޑު (ނުވަތަ ކާރު ނުވަތަ ކެބިން ނުވަތަ ކަމަރާ) ހަރުކޮށްފައެވެ.

އިނގިރޭސި  ބަހުން، ބޯލްޓު އާއި އިސްކުރަކީ ކުޑަގޮތަކަށް ތަފާތު ކުރާ އެއްޗަކަށްވާތީ، ތުރެޑް ކެނޑިރޮޑަށް ކިޔަން އެންމެ ރަނގަޅުވާނީ އިސްކުރެވެ. ތުރެޑް ކެނޑި ރޮޑުން ދުވާގޮތަށް ހަދާފައި ހުންނަ އެކައްޗަކީ، ރާއްޖޭގައި ތަންކޮޅެއް ކުރިން ބޭނުންކުރި ސެޓެލައިޓް ޑިޝް އަނބުރާ ދުންކަރާހެވެ. ތިރީގައި އެވަނީ އިސްކުރެއް އަނބުރައިގެން ދިގުކޮށް ކުރުކުރެވޭ ދުންކުރާހެވެ. މީގެ ތެރެއިން ސެޓެލައިޓް ޑިޝް ފަރާތް ފަރާތަށް ޖައްސާ ދުންކަރާސް މަސައްކަތް ކުރަނީ ކަރަންޓު މޯޓަރަކުންނެވެ.

ސެޓެލައިޓް ޑިޝްގެ ޖެކް މަސައްކަތް ކުރާގޮތް

 

ސެޓެލައިޓް ޑިޝް އަނބުރާ ޖެކަކީ ރާއްޖެއިން ގިނައިން ލިބެން ހުންނަ އެއްޗެކެވެ. އޭގެ އެއްޗެއް ބޭނުންކޮށްގެން، ކަރަންޓުން ތަކެތި ޙަރަކާތް ކުރާގޮތް ހެދޭނެއެވެ. މީގެ ތެރޭގައި، ދޮރު ހުޅުވާ ލެއްޕުމާއި، ބައެއް ތަކެތި މަތިކޮށް ތިރިކުރުން ހިމެނެއެވެ. މީގެ އެއްޗެއް ރޫޅާލުމުން ފާހަގަ ކުރެވޭނީ ދިގުވާ (ނުކުންނަ) ހޮޅިބުރީގެ އެތެރޭގައިވަނީ ނަޓެއްހަރުކޮށްފައި ކަމެވެ. ނަޓު ހުންނަނީ ތުރެޑް ކެނޑި ރޮޑަކަށް އަމުނާފައެވެ. މި ރޮޑް މޯޓަރަކުން އެނބުރުމުން ދިގުވެ ކުރުވެއެވެ. މޯޓަރުން ރޮޑް އަނބުރާއިރު ލަސްކުރުމަށް ސޯބުތަކެއް މެދުވެރިކުރެއެވެ. ބައެއް ޖެކްގެ ރޮޑް އަނބުރަނީ ދިޔުޅިއެއް ބޭނުންކޮށްގެންނެވެ. ލިފްޓާ ބެހޭ މަޒުމޫނުގެ  ޖެކްގެ ވާހަކަތައް މި ގެނައީ ޢާއްމު ތަކެތި މެދުވެރިކަޮށް އިސްކުރާއި ނަޓުން ތަކެތި ޙަރަކާތް ކުރާގޮތް ދަންނަވާލާށެވެ. މިއިން ޖެކެއްގައި، ފަސްވަރަކަށް މީހުން އުފުއްލާލާހައި ބާރު ހުންނާނެެވެ.

ކާރު ލިފްޓު މަސައްކަތް ކުރާގޮތް

އިސްކުރެއްގައި ނަޓެއް އަނބުރާއިރު، އެއިން ހިފާ ބާރަކީ އާދަޔާ ޚިލާފު ގަދަ ބާރެކެވެ. މިކަން ފާހަގަކުރުމަށް ކާރު ލިފްޓް ކިޔާ އެއްޗެއް މަސައްކަތް ކުރާ ގޮތް ދަންނަވާލާނަމެވެ. ކާރު ލިފްޓަކީ، ގަރާޖު ތަކުގައި ކާރުގެ ތިރި ބެލުމަށް އެ އުފުއްލަން ހުންނަ ހަރެކެވެ. ބައެއް ހަރުގައި ހަތަރު މުޑި ހުރެއެވެ. އަނެއްބައި ހަރުގައި ހުންނަނީ ދެ މުޑިއެވެ. މުޅި ކާރު އުފުއްލާލަނީ މި ދެ މުޑީގެ ތެރޭގައިވާ ދިގު އިސްކުރެއްގައި އެނބުރޭ ބޯލްޓަކުންނެވެ.

ބައެއް ލިފްޓަކީ ހައިޑްރޯލިކް ލިފްޓެވެ. އެއީ ހޮޅިއެއްގައި ތެޔޮ ފިއްތައިގެން މަސައްކަތް ކުރާ ލިފްޓެވެ. ނަމަވެސް، ރައްކާތެރިކަން ބޮޑު ބައެއް ލިފްޓު މަސައްކަތް ކުރަނީ ތުރެޑުކެނޑި ދިގު ރޮޑެއް އަނބުރައިގެންނެވެ. ހަރުގެ ދެ ފަރާތުގައިވާ މުޑީގެ އެތެރޭގައި މި ތުރެޑު ކެނޑި ރޮޑް ވެއެވެ. ރޮޑްގައި ދެކޮޅަށް ދުވާ ބޮޑު ނަޓެއް ވެއެވެ. މި ނަޓުގައި ހުންނަނީ ކާރުގެ ތިރިއަށް ލައްވާނޭ ދެ ކަފި ފައިކައްޓެއް ހަރުކޮށްފައެވެ. ރޮޑް އަނބުރަނީ މޯޓަރަކުންނެވެ. މި މޯޓަރު މުޑީގެ އެތެރޭގައި ހަރުކުރެއެވެ. ކާރު ހިފަހައްޓަނީ ދެ މުޑިން ނުކުމެފައިވާ ދެ ކަފި ފައިކަށިންނެވެ.

ދެމުޑީގައިވާ ކަފިގަނޑު އެއްވަރަކަށް ނެރުމަށް ދެ ރޮޑު އެއްވަރަށް އަނބުރަން ޖެހޭނެއެވެ. މިކަން ކުރަނީ ދެގޮތަކުންނެވެ. އެއްގޮތަކީ ދެ މޯޓަރު އެއްވަރަކަށް ހިންގައިގެންނެވެ. އަނެއްގޮތަކީ ތަޅުންގަނޑު އަޑިން ދެ މުޑީގެ ތެރޭގައިވާ ރޮޑު ގުޅާލުމެވެ. މިކަން ކުރާގޮތް ތިރީގައިވާ ފޮޓޯތަކުން ސާފުވެވަޑައިގަންނަވާނެއެވެ.

މިފަދަ ކާރު ލިފްޓެއްގެ ބާރު ހުންނަ މިންވަރު ދަންނައެވެ. ކާރެއްގެ އެވަރެޖް ބަރުމިނަކީ 1300 ކިލޯ އެވެ. ގިނަ ކާރު ލިފްޓުތަކުން 4000 ކިލޯ އުފުއްލޭނެއެވެ. އެއީ ތިން ކާރުގެ ބަރުމިނެވެ. މިކަމުން، ތުރެޑް ލިޔެފައިވާ ރޮޑެއްގައި ނަޓެއް އަނބުރައިގެން ހިފާ ބަރުމިން ވިސްނައިގަނެވެއެވެ.

ލިފްޓު ދަތުރުކުރާ ރެއިލް ގެ މުހިއްމުކަން


ހައެއްކަ ހަރުފަތް ހިމެނޭ ފަދަ ކުރު ސިޑިއަކުން، އަރައިފައިބަން ދަތި މީހުން ބޭނުން ކުރާ ކުދި ލިފްޓް ހުރެއެވެ. މިފަދަ ލިފްޓަށް ކިޔަނީ ޕްލެޓްފޯމް ލިފްޓެވެ. އެއީ އެ ލިފްޓް ވަށައިގެން ވަރަށް ތިރި ބިތްތަކެއް ހުރެފައި، ތައްޓުގޮތަށް ފިލާއަޅައިފައިވާ ހަމަ އަށްޓެއްހެން އެ ހުންނާތީ އެވެ. ތިރީގައި އެވަނީ މިފަދަ ލިފްޓެއްގެ ފޮޓޯއެކެވެ. ކާރު ޖެކާ ޚިލާފަށް މި ބާވަތުގެ ލިފްޓުގައި، އަށި މައްޗަށް އަރުވާ ތިރިކުރަނީ ތުރެޑް ކެނޑި ރޮޑު އެނބުރުމުގެ ބަދަލުގައި، ނަޓު އަނބުރައިގެންނެވެ. ފޮޓޯއިން ދިޔުޅިއަކުން ވަށް ނަޓު އަނބުރާ މޯޓަރު ފެނެއެވެ.

އަމިއްލައަށް ހަތަރު ފަސް ހަރުފަތް ހުރި މިސްކިތަކަށް މުސްކުޅިން އެރުމަށްޓަކައި، ކުޑަވަރެއްގެ ޕްލެޓްފޯމް ލިފްޓެއް ހެދުމަށް ވިސްނަމާ ހިނގާށެވެ. މިކަމަށް އަޅުގަނޑުމެން ބޭނުން ކުރާނީ ވިއްކަން ހުންނަ އެންމެ ފަލަ ތުރެޑު ކެނޑި ރޮޑެއެވެ. އަޅުގަނޑަށް ހީވާ ގޮތުން ރާއްޖޭގައި ގެންގުޅޭ އެންމެ ފަލަ ރޮޑުގެ ފަލަމިނުގައި ހުންނަނީ 18 މިލިމީޓަރު އެވެ. މިވަރުން އެކަކަށް އެރޭނޭ ލިފްޓެއް ހެދޭނެއެވެ. ރޮޑަށް އަމުނަން ދިގު ނަޓެއް ބޭނުން ވާނެއެވެ. އަށިގަނޑެއް ދަގަނޑުން ހެދުމަށް ފަހު ނަޓުގެ މަތީގައި ރޮޑުހާ ފަލަ ލޯވަޅެއް ތޮރުފާފައިވާ ދަގަނޑު ފޮއްޗެއް ހަރުކުރެވިދާނެއެވެ. ދެން ނަޓުގައި ފުރޮޅެއް ހަރުކޮށް، ދޮންނަ މެޝިނެއްގެ މޯޓަރާއި ދިޔުޅި ބޭނުންކޮށްގެން ނަޓު އަނބުރަނިކޮށް އަށިގަނޑު މައްޗަށް އަރައި ތިރިވާ ގޮތް ހެދޭނެއެވެ. ނަމަވެސް، މިހާ ހިސާބުން މައްސަލައެއް ފާހަގަ ކުރެވޭނެއެވެ. އެއީ އަށިގަނޑު ހިފެހެއްޓިފައިވަނީ ހަމަ އެކަނި ރޮޑުން ކަމަށްވާތީ އަށިގަނޑު ހޫރުމެވެ. މި މައްސަލަ ހައްލުކުރާނީ ކިހިނަކުން ތޯއެވެ؟

އެއްޗެއް ތިރިން ނުވަތަ އަރިމަތިން ކޮށްޕައިގެން މައްޗަށް އަރާއިރު، ވަށައިގެން ހިފެހެއްޓިފައި ނުވާނަމަ، އެ ހޫރޭނެއެވެ. މި މައްސަލަ ހައްލުކުރުމަށް ލިފްޓުތަކުގައި ގިނައިން ބޭނުން ކުރަނީ ހުރަހަށް ބުރިކޮށްލައިފިނަމަ T އަކުރެއްގެ ސިފައިގައިވާ ދިގު ދަގަނޑެކެވެ. ލިފްޓުގެ ކާރު މައްޗަށް އަރައި ތިރިވާއިރު، އެ ދަތުރު ކުރަނީ ކާރުގެ ދެ ފަރާތުގައިވާ  ދެ  T ދަގަނޑުގައި ޖެހިގެންނެވެ. މި ދަގަނޑަށް ކިޔާ ނަމަކީ ގައިޑް ރެއިލް އެވެ. މާނައަކީ ދާނެ މަގުދައްކާ ދަގަނޑެވެ. ނުވަތަ ފަތިގަނޑެވެ. ތިރީގައިވާ ފޮޓޯއިން އެ ފެންނަނީ މިބާވަތުގެ ދަގަނޑެވެ. ލިފްޓު ގޮޅީގެ ދެ  ފަރާތުގައި މި ދަގަނޑު ވަރަށް ތެދަށް ހަރުކޮށްފައި ހުރެއެވެ. ލިފްޓް މައްޗާއި ތިރިއަށް، ސީދަލަށް ދަތުރުކުރުމަށް، އަރިއަރިއަށް ޖެހިދާނެތީ ގައިޑް ރެއިލްގައި ޖެހޭ ތިން ފުރޮޅުލީ ހަތަރު ބައި ހުރެއެވެ. ބައެއް ލިފްޓުގައި، ގައިޑް ރެއިލްގައި ޖެހޭ ބައި ފުރޮޅު ނުލާ ވަރަށް ދޭސީކޮށް ހަދާފައި ހުރެއެވެ. އެއީ ގައިޑް ރެއިލް ވެސް ވަރަށް ދޭސީކޮށް ހަދާފައި ހުންނަ ފަދައިންނެވެ. ގައިޑް ރެއިލްގައި ޖެހޭ މި ބަޔަށް ކިޔަނީ ގައިޑް ޝޫ އެވެ. މާނައަކީ މަގު ދައްކާ ދަގަނޑުގައި ޖެހޭ ބޫޓެވެ.

މަތީގައި އެވަނީ ލިފްޓެއްގެ މަތިން ނަގާފައިވާ ފޮޓޯއެކެވެ. މި ލިފްޓުގައި ގައިޑް ރެއިލް އެހެރީ އެއް ބިތުގައެވެ. ރާއްޖޭގައި ހުންނަ ހުރިހާ ލިފްޓެއްގައި ހެން ހުންނަނީ އެންމެ ދޮރެކެވެ. އެއް ދޮރުން ވަދެ އަރިމަތީގައިވާ ދޮރަކުން ނުކުމެވޭ ގޮތަށް ހުންނަ ލިފްޓު ހުރެއެވެ. މިފަދަ ލިފްޓުގޮޅިއެއްގައި،  ކާރުގެ ދެފަރާތުން ގައިޑް ރެއިލްގައި ޖައްސައިގެން ކާރަކަށް ދަތުރެއް ނުކުރެވޭނެއެވެ. ކުދި އަދި އަރިމަތީގައި ވެސް ދޮރެއް ހުންނަންޖެހޭ ލިފްޓުތަކުގައި، ދެ ގައިޑްރެއިލް ހުންނަނީ އެއްފަރާތުގައެވެ. މަތީގައިވާ ފޮޓޯގައިވާ ފަދައިންނެވެ. ވިސްނާލުމުން، މިހާލަތުގައި ގައިޑް ރެއިލްގައި ލިފްޓު ހިފަހައްޓާގޮތް ފާހަގަކުރެވެއެވެ.

އިސްކުރާއި ނަޓުން މަސައްކަތް ކުރާ ލިފްޓު


މަޒުމޫނުގެ މިހާ ހިސާބަށް ކިޔުއްވި ބޭފުޅުންނަށް  އިސްކުރާއި ނަޓުން މަސައްކަތް ކުރާ ލިފްޓު ހަދައިފައި ހުންނަ ގޮތް އޮޅުން ފިލާވަޑައިގަންނަވާނެއެވެ. މިޒަމާނުގެ ހުރިހާ ލިފްޓެއްގައި އަނބުރަނީ ނަޓެވެ. އިސްކުރު ނުވަތަ ތުރެޑު ކެނޑި ރޮޑެއް ނޫނެވެ. މި ބާވަތުގެ ލިފްޓެއްގެ މައިގަނޑު ބައިތައް ތިރީގައި އެވާ ފޮޓޯގައި އެވަނީއެވެ.

އިސްކުރާއި ނަޓުން ހިންގާ ލިފްޓުގެ ފައިދާތައް (އުފަކާރަތައް)

  1. މި ބާވަތުގެ ލިފްޓުގެ އަގު، އެހެން ލިފްޓުގެ އަގުތަކަށް ވުރެ ދެބައިކުޅަ އެއްބައި އަގުހެޔޮވާނެއެވެ.
  2. ލިފްޓު ވިއްކަނީ އެ ދަތުރުކުރާ ގޮޅިއާއެކު އެވެ. އެހެންކަމުން، މި މި ބާވަތުގެ ލިފްޓު ހަރުކުރުމަށް ކޮންކްރީޓުން ލިފްޓު ވަޅެއް ނުވަތަ ގޮޅިއެއް ހަދާކަށް ނުޖެހޭނެއެވެ.
  3. ލިފްޓުގެ އެތެރެ ފެންނަ ގޮތަށް ވަށައިގެން ބިއްލޫރި ޖަހައި އާއްމުކޮށް ވިއްކައެވެ. އެހެންކަމުން ޢާއްމު ތަންތަނުގައި މި ބާވަތުގެ ލިފްޓު ބެހެއްޓުމުން ނޭދެވޭ ކަމެއް ހިނގާނަމަ، ވަށައިގެން ތިބި އެންމެންނަށް އެތަން ފެންނާނެއެވެ.
  4. ގިނަ ލިފްޓުތައް ވައުކެނޑި ނުވަތަ އެހެންވެސް ސަބަބެއް މެދުވެރިވެގެން ވެއްޓިދާނެތީ، ލިފްޓު ގޮޅީގެ ތިރީގައި ހަތަރު ފަސް ފޫޓު ފުންމިން ހުންނަ ވަޅުގަނޑެއް ހުރެއެވެ. މި ވަޅުގަނޑުގައި އިސްފިރޭނުން ނުވަތަ އިސްޕަންޖުން ނުވަތަ ތެލުން މަސައްކަތް ކުރާ ކުއްލި ޖެހުން މަޑުމައިތިރި ކުރާ ޝޮކް އެބްޒޯބަރެއް ހުރެއެވެ. މިބާވަތުގެ ލިފްޓަށް މި ބަޔާން ކުރެވުނު ވަޅުގަނޑު ނުވަތަ ޕިޓް ބޭނުމެއް ނުވާނެއެވެ. އެއީ ކަރަންޓު ކެނޑިއްޖެނަމަ، ލިފްޓު ހުއްޓޭނީއެވެ. އެ ނުއެއް ވެއްޓޭނެއެވެ. ދެން ލިފްޓުގެ އެތެރޭގައިވާ މީހުން އަތުން ނަޓު އަނބުރައިގެން މަތިކޮށް ތިރިކުރެވޭނެއެވެ. ކަރަންޓު ކެނޑިއްޖެނަމަ ބެޓެރީން ހިނގާގޮތަށް ވެސް މި ބާވަތުގެ ލިފްޓު ހަދައިފައި ހުރެއެވެ.
  5. މި ބާވަތުގެ ލިފްޓު ވަރަށް ކުޑަ ތަނެއްގައި ބެހެއްޓެއެވެ. މަތީގައިވާ ކުރެހުމުގައި އެވަނީ ދެމީހަކަށް އެރޭވަރުގެ ލިފްޓެއް ބެހެއްޓުމަށް ބޭނުންވާ ޖާގައެވެ. އެއީ ގާތްގަޑަކަށް ތިން ފޫޓު ތިންފޫޓުގެ ޖާގައެކެވެ.
  6. ހަލާކުވާނެ ބައިތައް މަދުކަމުން، މި ބާވަތުގެ ލިފްޓަކީ މަރާމާތު މަދު އެއްޗެކެވެ.

އިސްކުރާއި ނަޓުން ހިންގާ ލިފްޓުގެ ގެއްލުންތައް (ހިތިކާރަތައް)

  1. މި ބާވަތުގެ ލިފްޓު ދަތުރުކުރާނީ ރާއްޖޭގައި ޢާއްމުކޮށް ހުންނަ ލިފްޓު ދަތުރުކުރާ ވަރުގެ ދެގުނަ ލަހުންނެވެ.
  2. އިސްކުރާއި ނަޓުން ހިންގާ ލިފްޓު ހުންނަނީ އުސްވެގެން ހަތަރުބުރިއަށް އެރޭ ވަރަށެވެ. އެއީ އެ ތުރެޑު ކެނޑި ރޮޑު އެންމެ ދިގުކޮށް ހުންނަ ވަރެވެ. ޢާއްމުކޮށް ގެންގުޅޭ ރޮޑުތަކުގެ ފަލަ މިނަކީ ދެ އިންޗި ބައެވެ. މިވަރުން ހަތަރުބުރިއަށް ވުރެ އުހަށް އަރާނަމަ ގުދުވުން ގާތެވެ. އޭރުން ޖެހޭނީ ރޮޑު ފަލަކުރާށެވެ. އެހެނީ ރޮޑު ހަރުކުރެވޭނީ އޭގެ ދެކޮޅުން އެކަންޏެވެ. މެދުތެރޭގައި ނަޓު ދުވާތީ އެ ރޮޑު މެދުތެރެއިން ހަރެއް ނުކުރެވޭނެއެވެ.
  3. އިސްކުރާއި ނަޓުން ހިންގާ ލިފްޓު އުފައްދާ މައިގަނޑު ކުންފުނިތަކުގެ ތެރޭގައި ސައިބްސް އާއި އަރިޓްކޯ ހިމެނެއެވެ. ލިފްޓާ ބެހޭ އިތުރު މަޢުލޫމާތު މި ލިންކުންނާއި މި ލިންކުން ލިބިވަޑައިގަންަނަވާނެއެވެ.

ބޭނުމާއި ލިފްޓުގެ ބާވަތް ގުޅުން


ހުރިހާ ބާވަތެއްގެ ލިފްޓަކީ ހަމަ ކޮންމެ ބޭނުމަކަށް އެންމެ އެކަށީގެންވާ  ލިފްޓެއް ނޫނެވެ. އެކި ބާވަތުގެ ލިފްޓު އެކި ކަންކަމާ މާ ބޮޑަށް ގުޅެއެވެ. މިގޮތުގެ މަތިން ދެތިން ބުރިއަށް ގޭތެރޭގައި ބެހެއްޓުމަށް އިސްކުރާއިނަޓުން ހިންގާ ލިފްޓަކީ ވަރަށް އެކަށީގެންވާ އަގުހެޔޮ ލިފްޓެކެވެ. ޚާއްޞަކޮށް ލިފްޓު ބެހެއްޓުމުގެ ޚިޔާލު، ގެ ހަދާނިމޭ ފަހުން އަންނަ ފަރާތްތަކަށެވެ.

ބައެއް ފަހަރު ނޭނގުމުގެ ސަބަބުންނާއި އެހެން ކަންތައްތަކާ ހުރެ ކަމަށް އެކަށީގެންނުވާ ލިފްޓު ބައެއް ތަންތަނުގައި ބަހައްޓައެވެ. މިސާލެއްގެ ގޮތުންނާއި ޢިލްމު ފެތުރުމުގެ ގޮތުން އަޅުގަނޑު މި ދަންނަވާލަނީ މާލޭގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި  (ރަސްފަންނުގައި) ބޮޑުތަކުރުފާނު މަގު ހުރަސްކޮށް މަގުގެ މަތިން ހިނގާނޭ ހަނި ފާލަމެއް އަޅައި މަގުގެ އިރުމަތީ ފަރާތުގައި ބަހައްޓާފައިވާ ލިފްޓެއްގެ ވާހަކައެވެ. އެއީ އެ ފާލަން ހުރަސްކޮށް މޫދުމަތީގައިވާ ފިހާރަތަކަކަށް ދިއުމަށެވެ. ތިރީގައިއެވާ ފޮޓޯގެ ވާތްފަރާތުގައި އެވަނީ އެ ލިފްޓެވެ. މި ލިފްޓު ބެހެއްޓުނީ ރައީސް ޔާމީން ދައުރުގައެވެ.

މިތަނުގައި ބަހައްޓާފައިވާ ލިފްޓަކީ ބޭނުމަށް އެންމެ އެކަށީގެންވާ ލިފްޓެއް ނޫނެވެ. ބަހައްޓާފައި އެވަނީ ދިހަވަރަކަށް ބުރިއަށް ހަދާފައި ހުންނަ ޢިމާރާތްތަކުގައި ވެސް ބަހައްޓާފަދަ ވައުޖަހައިގެން ކާރު މަތިކޮށް ތިރިކުރާ ލިފްޓެކެވެ. ކަމަށް ނޭކަށޭނެ އަގުބޮޑު ވައްތަރެކެވެ. ސާދަވަރަކަށް ފޫޓުގެ އުސްމިނަށް އެރުމަށް ބަހައްޓާފައިވާ ލިފްޓަށް، މެޝިނު ގަނޑު ބަހައްޓާނޭ ކޮޓަރިއެއް ލިފްޓު ގޮޅީގެ މަތީގައި ހަދައިފައި ވެއެވެ. އިތުރު ޚަރަދެކެވެ. ކުޑަ އަގަކުން މި ބައި ނުލައިހުންނަ ބާވަތުގެ ލިފްޓެއް ބެހެއްޓޭނެއެވެ. އަނެއް މައްސަލައަކީ، އަދި އެންމެ ބޮޑު މައްސަލައަކީ، ލިފްޓުގެ އެތެރެ ނުފެންނަ ކަމެވެ. އެހެންކަމުން، ލިފްޓުގެ އެތެރޭގައި ހިނގާކަމެއް ބޭރުންދާ މީހުންނަށް ނުފެންނާތީ ލިފްޓަށް ވަނުމަށް ޖެހިލުން ވާނެއެވެ. ތިންވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ، މި ލިފްޓު ބަހައްޓާފައިވަނީ ފާލަން ހުރަސްކޮށް ދާންޖެހޭ ގޮތަށް ކަމަށް ވާތީއެވެ. ފާލަމުގެ ހުޅަނގު ފަރާތުގައި ބެހެއްޓިނަމަ، ބޭނުމާއި ކަމާ ގާތްވާނެއެވެ.

މިފަދަ ތަނަކަށް އެންމެ އެކަށީގެންވަނީ ހައިޑްރޯލިކް (ތެލުން ހިންގާ) ނުވަތަ އިސްކުރާއި ނަޓުން ހިންގާ ވަށައިގެން ބިއްލޫރި ޖެހި ލިފްޓެކެވެ. އެއީ މާ އަގުހެޔޮ ވައްތަރެކެވެ. ތިރީގައ އެވަނީ މިފަދަ ލިފްޓެއްގެ ފޮޓޯއެކެވެ.

އެއް ނަޒަރަކުން ބަލާއިރު މަގު ހުރަސްކޮށް މަތިން ހިނގާގޮތަށް ފާލަމެއް ހެދުމަކީ ބޭނުން ކަމެއްނޫނެވެ. މިފަދަ ކަންތައްތައްވަނީ ޚަރަދު ބޮޑު އިސްރާފަށެވެ. ފާލަން ހުރަސްކޮށް މޫދުގައިވާ ތަނަށް ދިއުމަށް އެތަނާ ގާތުގައި ފަސޭހަ ސިޑިއެއް ހުރުމުން ފުދޭނެއެވެ. މަގު ހުރަސްކޮށް ފާލަން ހެދުމުން، ފާލަމުގައި ބައެއް ދުއްވާ ތަކެތީގައި ޖެހެއެވެ. ތިރީގައި އެވަނީ އެ ފާލަމުގައި ދުއްވާ އެއްޗެއް ޖެހި ހަލާކުވެފައިވާ ތަނެވެ. މިފަދަ ފާލަމެއް ހަދަން ކޮންމެހެން ޖެހިގެން ހަދާނަމަ، އެންމެ ރަނގަޅުވީހީ 16 ފޫޓުގެ އުސްމިނުގައި ހެދި ނަމައެވެ. އެއީ މާލޭގައި ދެބުރި ބަސް ދުއްވާ ވާހަކަ ވެސް އެއް ފަހަރަކު ދެކެވިފައި ވާތީ، މިފަދަ ބަސް ދަތުރުކުރަން އެ އުސްމިން ބޭނުންވާތީއެވެ.

ރަސްފަންނުގައި ލިފްޓު ބެހެއްޓިތާ އަހަރުވީ އިރުވެސް، އެ ހިނގަނިކޮށް ފެނުނު މީހަކާ އަޅުގަނޑާ ބައްދަލުވެފައެއް ނުވެއެވެ. އެހެންކަމުން ދެން އެންމެ ރަނގަޅުވާނީ، އެ ލިފްޓުން ކޮންމެވެސް އެހެން ބޭނުމެއް ކުރިއްޔާއެވެ. އެއީ، ލޮނުކައިރީގައި ގިނަ ދުވަހު ކޮންމެ ފަދަ އެއްޗެއް ބެހެއްޓުމުންވެސް ވަރަށް އަވަހަށް ހަލާކުވާތީއެވެ. ރައްޔިތުންގެ ފައިސާ އާ ދޭތެރޭ އަމާނާތްތެރިވާން ވާނީ، އަމިއްލަ ފައިސާ އާ ދޭތެރޭ އަމާނާތްތެރިވާ ވަރަށް ވުރެ ބޮޑަށެވެ. އެ ފައިސާގައި ހުރިހާ ދިވެހީންގެ ޙިއްޞާއެއް ވާނެތީއެވެ.