އައު ތާނަ ފޮންޓެއް

އެމްވީ ނަޞްރީ

އެމްވީ ނަސްރީގެ ހިމަ އަކުރުން ލިޔާ ފޮންޓް މީގެ ކުރިންވަނީ ޝާއިޢުކޮށްފައެވެ. އެ ފަހަރު އެ ފޮންޓުގެ ތަޢާރުފުގައި ލިޔެފައިވާ ބަޔާން ތިރީގައި އެވަނީއެވެ. މިފަހަރު މި ގެނެސްދެނީ އެ ފޮންޓްގެ ބޯލްޑް ވައްތަރެވެ. ފެވި އަކުރު ސެޓެވެ. ފެވި އަކުރުތައް ހުންނަގޮތް، ތިރީގައިވާ މަޒުމޫނަށް އިތުރުކޮށްފައިވާނެއެވެ. ނޫކުލައިގެ ބެކްގްރައުންޑެއްގައި ހުދުން ލިޔެފައެވެ.

ފޮންޓް ޑައުންލޯޑުކޮށް އިންސްޓޯލްކުރުމުން މެންޔޫ އިން ފެންނާނީ އެއް ނަމެކެވެ. ބޯލްޑް ވައްތަރު ފެންނާނީ އަކުރުތަކެއް ސިލެކްޓް ކުރުމަށް ފަހު ބޯލްޑް ކުރަން ޖެއްސީމައެވެ.

އެމްވީ ނަސްރީ އަކީ ތުނޑުކެޑި ގަލަމަކުން ތާނަލިޔުނީމާ ހުންނާނޭ ގޮތަށް، އަކުރުތަކުގެ ބައްޓަމުގެ ބައެއް ފަލަކޮށް އަނެއްބައި ހިމަކޮށް ހުންނަ ފޮންޓެކެވެ. މި ފޮންޓުގައި ދެން ހިމެނޭ އާދަޔާ ޚިލާފު ކަމަކީ، ވަކި އަކުރެއްކަން ދެނެގަންނަ ބައްޓަންތައް ބޮޑުކޮށް، އެތައް އަކުރެއްގައި ހިމެނޭ ޢާއްމު ސިފަތައް ކުޑަކުރުމެވެ. މި ޒަމާނުގައި ތާނަ ލިޔާގޮތަށް ވުރެ، އިހުގައި އޮނު ގަލަމުން ތާނަ ލިޔުނީމާ ހުންނަ ގޮތާ މި ފޮންޓު ގެ އަކުރުތައް މާ ވައްތަރު ވާނެއެވެ.

ތާނަ ލިޔުމަށް ގެނެވިދާނޭ އިޞްލާޙުތަކާ ބެހޭ ގޮތުން ކުރިން އަޅުގަނޑު ލިޔެފައިވާ މަޒުމޫނުގައި ހިމެނޭ އެހެން ކަންކަން ވެސް މި ފޮންޓުގައި ހިމެނެއެވެ. އެ މަޒުމޫނު ވިދާޅުނުވާ ބޭފުޅުންނަށް މި ޖުމުލައަށް ފިތާލައްވަނިކޮށް އެ ލިޔުން ކަޝްފުވާނެއެވެ. އެ މަޒުމޫނުގައިވާ ޚިޔާލުތަކުގެ ތެރެއިން އަކުރުތައް ތެދުކުރުމާއި ބައެއް ފިލި ބަދަލުކުރުމާއި، ބައެއް އަކުރު ދޭސީކުރުން ފަދަ ކަންކަން މި ފޮންޓުގައި ހިމެނެއެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭނޭ ކަމަކީ، ށ އާއި ނ ފަދަ އަކުރުތަކުގެ ފައިކޮޅު އާދަޔާ ޚިލާފަށް ކުޑަކޮށްލާފައި ވުމެވެ. މިހެން ހެދުމުން ފޮޅުވަތުގައި ނޫނުގެ ތުޑުތައް ބޮޑުކުރުމަށް ޖާގަ ލިބެއެވެ.

މި ފޮންޓު ފަރުމާކުރުމަށް އަޅުގަނޑަށް އިލްހާމު ލިބުނީ، ލެބަނަން ގެ ޢަރަބި ލިޔުންތެރިއެއް ކަމުގައިވާ ނަޞްރީ ޚައްތާރު، ދޭސީކޮށް – ސާދާކޮށް – ޢަރަބި އަކުރުތައް ލިޔެވޭ ޓައިޕްރައިޓަރެއްގެ ފޮންޓެއް ޕޭޓެންޓް ކޮށް ޢާއްމުކުރުމާ ބެހޭލިޔުންތައް ކިޔާފައެވެ.  ފަހުން ލެބަނަން ދޫކޮށް އެމެރިކާއަށް ހިޖުރަކޮށް، އޭނާގެ އަކުރުތައް ޢާއްމުކުރުމަށް ވަރަށް މަސައްކަތް ކުރިއެވެ. ޢަރަބި އައު އަކުރުތަކެއް ފަރުމާކޮށް ޕޭޓެންޓް ކުރީ 1950 ގައެވެ. ތިރީގައި އެވަނީ އޭނާއަށް ދީފައިވާ ޕޭޓެންޓް ލިޔުމެވެ.

ފަހެ ޢަރަބި އަކުރުތަކަކީ ކިޔަން ފަސޭހަ އަކުރުތަކެއް ނޫނެވެ. ދަސްކުރަން ދަތިވާ ސަބަބުތަކުގެ ތެރޭގައި، އަކުރުތައް ގުޅުވާފައި ހުރުމާއި، ފިލީގެ ގޮތުގައި އަދި އަކުރުގެ ގޮތުގައި ބޭނުންކުރާ ނިޝާންތައް ހުރުމާއި ވަކި އަކުރެއް ލިޔެވޭ އެތައް ގޮތެއް އޮތުމާއި ބައްޓަންތައް ކުދިވުން ހިމެނެއެވެ. ނަތީޖާއަކީ ޢަރަބި ބަހުން ވާހަކަ ދައްކާ މީހުންގެ މެދުގައި ލިޔަންކިޔަން ދެތުން ވަރަށް ދަށްވުމެވެ. އެހެންކަމުން، ފަސޭހައިން ދަސްކުރެވޭ ޢަރަބި އަކުރުތަކެއް ފަރުމާކުރުމުގެ މަސައްކަތް އޭނާ ކުރިއެވެ. އޭނާ ދެކޭގޮތުގައި އެންމެ 32 އަކުރުން ޢަރަބި ލިޔެވޭނެއެވެ. އޭނާގެ މައިގަނޑު އެއް ހުށަހެޅުމަކީ، ޢަރަބީގެ އަކުރުތައް ގުޅުވުމުގެ ބަދަލުގައި ވަކިވަކިން ލިޔުމެވެ. މީނާގެ އަކުރުތައް ބޭނުންކޮށްގެން ޓައިޕްރައިޓަރު ވެސް ހެދިއެވެ. ތިރީގައި އެވަނީ އޭނާ އުފެއްދި އަކުރުތަކުގެ ބައްޓަންތަކެވެ.

ނަޞްރީގެ އަކުރުތަކުން ފޮތް ޗާޕުކުރުމަށް، މަޢުދަނުން އަކުރުތައް އިދިފުށަށް ފުއްޕާ  ހަދައިފައިވާ ލެޓަރޕްރެސް ފޮންޓް

ނަޞްރީގެ އަކުރުތައް ހިމެނޭ ޓައިޕްރައިޓަރެއް

ނަޞްރީގެ އަކުރުތައް ޢާއްމުކުރުމަށް، މިއަކުރުންނާއި އާދައިގެ އަކުރުން ކުޑަކުދިންނަށް ހަަދައިފައިވާ ފޮތެއްގެ ޞަފުޙާއެއް.

ނަޞްރީގެ އަކުރުތަކުން ޤުރްއާންގެ ފުރަތަމަ ސޫރަތް (އަލްޙަމްދު) ލިޔެފައި

ފޮންޓު ޑައުންލޯޑުކުރުން


މި ފޮންޓަކީ ޢާއްމު ލިޔުންތައް ލިޔުމަށް އެކަށޭނަ އަކުރުތަކެކެވެ. ނަމަވެސް، މިހާރު ބޭނުންކުރާ އަކުރުތަކާ ތަފާތުކަމެއް ހުންނާތީ އަވަހަށް ކިޔުމަށް އަކުރުތަކަށް ފަރިތަވާން ޖެހެއެވެ. މިހެންވެ ފޮޅުވަތަކަށް ވުރެ ގިނައިން ލިޔާނަމަ، ޢާއްމުވަންދެން، ކިޔުމަށް ދަތިވާނެއެވެ.

މި ފޮންޓް ޑައުންލޯޑު ކުރުމަށް މި ޖުމުލައަށް ފިތާލައްވާށެވެ.

އަޅުގަނޑު ފަރުމާކޮށްފައިވާ އެހެން ބައެއް ފޮންޓު މި ޕޭޖުން ޑައުންލޯޑު ކުރެވޭނެއެވެ.

އެންމެ ފަހުގެ ހަތަރު މަޒުމޫނު