ރަށްފުށުގެ ތަނަވަސް ކަމަށް އައު މަގެއް

ޖަވާދު ގިތެޔޮ މިރުސް ހައްދާ ގޮތް

ޖަވާދަކީ ޒުވާން ދަނޑުވެރިއެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ދުވަސްތަކަކު އުޅުމަށް ފަހު، މިހާރު އޭނާ ކުރާ ކަމަކީ ދަނޑު ހެއްދުމެވެ. ފުވައްމުލަކަށް އުފަން މި ޒުވާނާ، ދަނޑުވެރިކަން ކުރަނީ ނޮޅިވަރަމުގައެވެ. އެތައް ތަޖުރިބާތަކަކަށް ފަހު، ގިތެޔޮ މިރުސް ހެއްދުން މިހާރު އޭނާއަށްވަނީ ފެން ބުއިންފަދަ ކަމަކަށެވެ. ތިރީގައި މިގެނެސްދެނީ ޖަވާދު ގިތެޔޮ މިރުސް ހައްދާގޮތެވެ.

އޮށް އިންދުމާއި އޮށް ފެޅުވުން


ސުވާލު: އޮށް އިންދުމާއި ގަސް ފެޅުމުގައި ބޭނުން ކުރަނީ ކޮށް ގޮތްތަކެއް؟

ޖަވާދު: ގިތެޔޮމިރުހުގެ އޮށް ހޯދަނީ، ވަރަށް ރީތި، ބައްޔެއް ނެތް މިރުހުން. މިގޮތަށް އޮށް ނެގިއަސް، ދަރިން މައިންބަފައިންނާ އެއްގޮތް ނުވާ ގޮތުގެ މަތިން، އިންދި މިރުހާ،  އޮށުން ހެދޭ ގަހުގައި އަޅާ މިރުސް ތަފާތު ވާނެ.  ވަކި ބާވަތެއްގެ މިރުހަކާ އެންމެ އެއްގޮތްކޮށް ގަސް ހެއްދޭނީ މަންމަ ގަހުގެ އޮފިކޮޅެއް ރޯކޮށްގެން. މީހުން ހީކުރާ ގޮތާ ޚިލާފަށް ގިތެޔޮ މިރުސް ގޮފިން ގަސް ހެއްދޭނެ.

އޮށް އިންދުމަށް އެކި ތަކެތި ބޭނުން ކުރެވޭނެ. އަހުރެން ބޭނުންކުރަނީ، އޮށް އިންދުމަށް ތައްޔާރުކޮށްފައި ހުންނަ ޕްލާސްޓިކް ތަބަކެއް ފާޑުގެ އެއްޗެއް. މިވައްތަރުގެ އެއްޗެއް ނެތް ނަމަ، ޕްލާސްޓިކް ފުޅިބުރިތަކެއް ރަނގަޅުވާނެ. އޮށް ފަޅުވަން ވެލީގެ ގޮތުގައި، ބޮބިކުނޑި ބޭނުން ކުރެވޭނެ. އަދި ރޯނާއި، އަވީލާފައިވާ ގެރިގުޔާއި ދިވެހި ކާދު ވެސް ރަނގަޅުވާނެ. އެކަމަކު އަހުރެން ބޭނުން ކުރަނީ ޕީޓްމޮސް ކިޔާ ފަހެއް. މިއީ ފެންހަރުލާ ޗަކަސް ފަހެއް. އޮށްތައް ފަހުގައި އިންދަނީ ބައި އިންޗި (މެދު އިނގިލީގެ ނިޔަފަތީގެ ފުޅާމިން) ހުންނަ ފުންމިނުގައި. ގަސް ފެޅުމުން ފަސްގަނޑަށް ސާފު ފެން ޖަހަން. ހަފަތް ލުމުން އޮށް ފެޅުވި އެތިން ނަގައި އެހެން ކުޑަ އެއްޗެއްގައި އިންދަނީ.

ސުވާލު: އޮށް ފެޅީމާ އެހެން އެއްޗަކަށް ބަދަލުކުރަން ޖެހޭތަ؟

ޖަވާދު: އާނ! އެއީ އޮށްތަކުން ގަސްފަޅާއިރު ހުންނަނީ އެއް ގަސް އަނެއް ގަހާ ވަރަށް ގާތުގައި، އެެހެންވެ، ކުދި ޕްލާސްޓިކް ތައްޓަކަށް ކާނާހުންނަ ވެލި އަޅައި ގަސްތައް ވަކިވަކިން އިންދަން ޖެހޭ. ކުދި ގަސް ބަހައްޓަނީ ނާސަރީގައި (އަހުރެން ބަހައްޓަނީ ބިންމައްޗަށް ހިމުން އަކިރި އަޅާފައި،  އެއީ ކޫޑި ފަދަ އެއްޗެހިން ގަސް ރައްކާތެރި ކުރުމަށް). ނާރސަރީ އަކީ ފަނޑު އަވި ދޭ ގޮތަށް، ކަޅުދައު ޖަހާފައި ހުންނަ ތަނެއް. ރަނގަޅުވާނެ ކުދި ތިރި އަށިތަކެއް ހަދައިފައި ގަސްތައް ބެހެއްޓޭނަަމަ. އަހުރެން ފެންދެނީ ކޮންމެ ގަހަކަށް ތިން ދުވަހުން އެއްދުވަހު، 200 މިލިލީޓަރު ފެން. އެއީ ކުދި ފެން ހުސްކުރި ފުޅިއަކުން ދެ ގަސް ނުވަތަ ތިންގަހަށް. ކާނާގެ ގޮތުގައި ދެނީ  20-20-20 ފްލޯރަލް ހަފުތާއަކު  އެއް ފަހަރު، 100 އެމްއެލް ކޮންމެ ގަހަކަށް ދެން މި އުމުރުގެ ގަސްތަކަށް ބަލިޖެހިދާނެ ކަމަށް ޖަހާ އެއްވެސް އިންސެކްޓިސައިޑް ނުވަތަ ހަފައިލީ ސޫފި މަރާ ބޭހެއް ބޭނުމެއް ނުކުރަން. ތިރީގައި އެވަނީ އަހުރެން އޮށުން އިންދައި، ކުދި ތަށިތަށީގައި ރުވާފައިވާ ގަސް.

ގަސް ހައްދަން ކައްކާ ތެޔޮ ހުސްކުރި ހަން ތައްޔާރު ކުރުން


ސުވާލު: ގަސްހައްދަން ހަންބުރި ތައްޔާރުކުރަނީ ކިހިނެއް؟

ޖަވާދު: މިހާރު ބުނެވުނު ގޮތަށް ކަންތައްތައް ކުރެވިއްޖެނަމަ، ކުދި ތަށިތަކެއްގައި ގިތެޔޮ މިރުސް ގަސްތައް ހިނދޫ ކުރިތަކެއްލައި ހެދެމުންދާނެ.  ގަހުގައި 8 ފަތްލުމުން އެވީ ބޮޑު އެއްޗަކަށް ބަދަލުކުރަން.

މިރުސް ގަސް ރަނގަޅަށް ނެހެދޭ އެންމެ މައިގަނޑު ސަބަބަކީ އެއަށް ތަފާތު ބަލިތައް ޖެހުން. އެހެންކަމުން، ބަލިޖެހުން ކުޑަކުރުމަށްޓަކައި، ގަސް ހައްދަނީ ކައްކާތެޔޮ ހުސްކުރި ރީނދޫ ހަމުގައި. ބިންމައްޗަކު ނޫން. މި ހަމުގެ މަތި ވަށައިގެން ކަނޑައި ސާފުކޮށްލުމަށްފަހު އެވީ އެއަށް ފަސް އަޅަން. ފުލުގައި އަހުރެން އަޅަނީ ކަތިވަޅިއަކުން ދެ އިންޗި ފަލަމިނުގެ ހަތަރު ލޯވަޅު.

ގަސް ހައްދާ ފަސް ތައްޔާރުކުރަނީ 2 ކިލޯ މޫދުވިނައަށް، 1 ކިލޯ ގެރިގުޔާއި 2 ކިލޯ ކަޅުވެލި އެއްކޮށްގެން. އެއްކުރުމަށް ފަހު ތިން ދުވަސްވަންދެން ބަހައްޓަން. މޫދުވިނަ ފެނުން ދޮވުމަށްފަހު، އަވީގައި ހިއްކަން ވާނެ. ގެރިގުޔާއި ކަޅުވެލި ވެސް އޭގައިވާ ޖަރާސީމުތައް މަރާލަން، ހޫނުކުރަންޖެހޭ. އެއްގޮތަކީ ވަކި ތަކެތި ހޫނުކުރުމެވެ.

ހޫނުކުރަން ދެތިން ގޮތެއް ހެދިދާނެއެވެ. އެއްގޮތަކީ، ބިއްލޫރި ބޮޑެތި އުނގުރި ޖެހި ފުޅީގައި އަވީގައި އެއްދުވަހު ބެހެއްޓުން. ނުވަތަ އެހެންވެސް ވަށައިގެން ބިއްލޫރި ޖެހި ފޮށިގަނޑެއް (މިސާލީ މަސްކޮށްޓެއް) ފަދަ އެއްޗަކަށް އެޅުން. ދަރު ފަސޭހައިންލިބޭ ނަމަ، ތެލިބުރިއަކަށް އަޅައި 80 އާއި 90 ސެލްސިއަސް އަށް ހޫނުކަން އަރަންދެން ބައިގަނޑިއިރު ވަރު ހޫނުކުރަންޖެހޭ. ގޭގައި މަދު ވެލިކޮޅެއް ނަމަ، ތެތްކޮށް  މައިކްރޯވޭވް ވެސް ކުރެވޭނެ. އަދި ކޭކުފިހާ ތަނޫރަކަށް ވެސް ލައިގެން ހޫނުކުރެވިދާނެ. ނަމަވެސް، ނޮޅިވަރަމުގައި ބޮޑު ދަނޑެއް ކަމުން، އަހުރެން ހަނދާ ގޮތަކީ އެއްކުރުމަށް ފަހު ހޫނުކުރަނީ. އަހުރެން ހޫނުކުރަނީ ފީފާފަޅިއަކަށް އަޅައި ތިރިިން ދަރު އަންދައިގެން.

މިރުސް ރަނގަޅަށް ހެދެނީ ފަސްގަނޑުގެ ހުތްކަން ނުވަތަ ޕީއެޗް. 5.5 އާއި 6.5 އާ ދެމެދުގައި ބަހައްޓައިގެން.  އެހެންކަމުން، ވެލީގެ ހުތްކަން ބަލާ މީޓަރެއް އަހުރެން ގެންގުޅެން. މި ބާވަތުގެ މީޓަރަކީ ރާއްޖޭގެ ކޮންމެ ރަށަކުން ޕޯސްޓު މެދުވެރިކޮށް ގަނެވިދާނޭ އެއްޗެއް. ޕީއެޗް ބަލާ މީޓަރެއްގެ އަގަކީ 60 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގެ އަގެއް. މިއީ އަލީއެކްސްޕްރެސް އިން ވިއްކާ އެއްޗެއް. ޕީއެޗް މަތިނަމަ، ދަށްކުރަން ހަދާގޮތަކީ ކޮށާ ތެތްކޮށް ބަހައްޓާފައި ހުންނަ މިދިލި (ގޮބު، ކަނަމަދު) ގަހުގެ ފަތާއި ދިއްގާފަތް އެޅުން. ތިރިނަމަ، މަތިކުރަން ހަދާގޮތަކީ ފުއްޑަނުން އަޅި އެޅުން.

ވެލިގަނޑު ތައްޔާރުވުމުން، ހަންބުރިއަށް ވެލިއަޅައި ގަސް ޖަހަންވީ.

ގަހަށް ބޭނުންވާ ކަނާދު ދިނުމާއި ބެލެހެއްޓުން


ސުވާލު: ގަސްތަކަށް ދޭން އެންމެ ރަނގަޅު ކާނާއަކީ ކޮބައިތޯއެވެ؟ ބަލިޖެހުނަނުދޭން އަދި ބަލި ޖެހުމުން ކުރަނީ ކޮން ކަހަލަ ފަރުވާ އެއްތޯއެވެ؟

ޖަވާދު: މިރުސް ގަސް ހަންބުރީގައި ރޯކުރުމަށް ހަންބުރި ބަހައްޓަނީ ބިންމައްޗަށް އަކިރިތަކެއް އަޅާފައި އޭގެ މަތީގައި. މިކަމުގެ ބޭނުމަކީ ބިމުން ހަންބުރިއަށް ފަނިފަކުސަ ވާސިލުވިޔަ ނުދިނުން. ފައިސާ ހުރި ނަމަ ރަނގަޅުވާނީ، އަކިރީގެ ބަދަލުގައި ބިމުން ހިއްލިފައި ހުންނަ އަށްޓެއްގައި ހަންބުރި ބަހައްޓާނަމަ.  މިކަމަށް އެޅިގައު ވެސް ބޭނުން ކުރެވޭނެ. ބޭރު ޤައުމުތަކުގައި ދަގަނޑުން ހަދާފައި ހުންނަ އަށި ބޭނުން ކުރޭ.  ރާއްޖޭގެ ބައެއް ތަންތަނުގައި ބޭނުންކުރަނީ ހިމަ ފަތިތަކެއް ދަގަނޑުލައި ކޮންކްރީޓުން ހަދައިގެން.

ގަހަށް ފެންދެނީ ގަހުގެ ބޮޑުމިނުން ކޮންމެ ތިން ދުވަހުން އެއް ދުވަހު 1 ލީޓަރު ފެން. ގަސް ރޯވުމުން، ގަހަށް ބޭނުންވާ ކަނާދު ދޭންޖެހޭނެ. އެއީ މައިގަނޑު ގޮތެއްގައި ނައިޓްރޯޖަން އާއި ފޮސްފަރަސް އާއި ޕޮޓޭސިއަމް. ކުރުކޮށް ކިޔަނީ އެން.ޕީ.ކޭ. އެކި ކާދުގައި މާކަނާދު ހުންނާނީ އެކި ވަރަށް. ލިޔެފައި ހުންނާނީ ހިސާބު ޢަދަދުތަކެއް. އަހުރެންދެނީ 5– 5 – 20 ގެ ކާދު ކޮންމެ 14 ދުވަހަކުން އެއް ފަހަރު 20 ގްރާމްގެ އޮށް ގިރުވައި.  މި ޢަދަދުތައް ސީދާ ދިމާ ނުވިއަސް، ގާތްކުރާނަމަ، ރަނގަޅުވާނެ.

{ޖަވާދު އެ ބުނި ނަންބަރުތައް އޮޅުންފިލުވައިދީފައިވާ މަޒުމޫނެއް މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ}.

ރުވާތާ 30 ދުވަސް ވުމުން ޢާއްމުކޮށް ރާއްޖެއިން ލިބެން ހުންނަ ޔުނިގްރޯ ގެ 500 ގްރާމް ކޮންމެ ގަހަކަށް އަޅަން. ގަހަށް ބޭނުންވާ ކާދު ދެބަޔަކަށް ބެހޭ. އެއީ ގިނައިން ބޭނުންވާ މާކަނާދާއި މަދުން ބޭނުންވާ ލީކަނާދު. ނުވަތަ މައިކްރޯނިއުޓްރިއަންޓްސް. މި ލީކަނާދުގެ ދިހަ ގްރާމް 20 ލީޓަރު ފެނަށް އަޅައި ކޮންމެ 14 ދުވަހަކުން 250 އެމް އެލް  ކޮންމެ ގަހަކަށް ދެން.

ގަސް ފޯދުމުން، ގަހަށް ބޭނުންވާ މާކަނާދުގެ ބާވަތް ތަފާތު. ގަހުގެ މި ވޭލާގައި ގިނައިން ބޭނުންވަނީ ޕޮޓޭސިއަމް. ޕޮޓޭސިއަމް ގިނައިން ހުންނާނީ ފަހު ޢަދަދު (އެންމެ ކަނާއަތް ފަރާތުގައިވާ ޢަދަދު) މަތި ނަމަ. ގަހެއް ފޯދުމުން އަހަރެން ދެނީ 17—13— 4.5 ކޮންމެ 14 ދުވަހަކުން 30 ގްރާމް. ތިރީގައި އެވަނީ އަހުރެން ބޭނުން ކުރާ ކާދެއްގެ ފޮޓޯއެއް. ޢަދަަދުތައް އެއްގޮތް ނަމަ، ވަކި ބާވަތެއް އެހާ މުހިއްމެއް ނޫން. ނަމަވެސް ބައެއް ޕެނެޑޯލް އިން އަސަރެއް ނުކުރާ ފަދައިން އެކި ބޭހުގެ ތާސީރު ކުޑަކޮށް ތަފާތުވާނެ. ހަނދާންކުރަން އެންމެ ފަސޭހަ އެއްގޮތަކީ ގަސް ހެދެން ފަށާއިރު، މޫތައް ގަދަ ކުރަން އެންެމެ މުހިއްމީ ނައިޓްރޯޖަން (ފުރަތަމަ ޢަދަދު) މަތީ ކާދު. މަލާއި މޭވާ އަޅާ ދުވަސްވަރު ބޭނުންވަނީ ޕޮޓޭސިއަމް (އެންމެ ކަނާތްފަރާތު ޢަދަދު) މަތީ ކާދު. ޕޮޓޭސިއަމް އަށް ކޭލިއަމް ކުރިން ކިޔާތީ K އަކުރު ނިޝާނެއްގެ ގޮތުގައި މިހާރުވެސް ބޭނުންކުރަނީ.

ސުވާލު: ގަހަށް ޖެހޭ ބަލިތައް މަދުކޮށް ހިފަހައްޓާ، ކަންޓްރޯލް ކުރުމަށް ހަދަނީ ކިހިނެތް؟

ޖަވާބު: ބަލި ކަންޓްރޯލު ކުރުމަށް ދަނޑު ސާފުކޮށް ބޭއްވުމަކީ ވަރަށް ބޭނުންތެރިކަމެއް. ދަނޑުގައި ފެން އެއްވެސް ގޮތަކަށް ހަރުލުމަކީ އެދެވޭ ކަމެއް ނޫން. ތެޔޮ ހަމުގެ ފުލުގެ ދަށަށް އަކިރި އަޅަނީ ވެސް އެހެންވެގެން. ދެން އަނެއް ކަމަކީ، ހިޔާކުރާ ދައު ޖެހުން. ދައު ޖެހުމަށް ބަލި ޖައްސާ ސޫފިތައް އައުން މަދުވޭ. ނަމަވެސް، ތަޖުރިބާއިން އެނގެނީ ހޫނު ގަދަވި ވަރަކަށް މިރުހުގެ ކުޅި ގަދަކަން. ނަމަވެސް، މާ ހޫނު ގަދަވުމުން ފެން ބޭނުންވާ ވަރު ގިނަވޭ އެހެންވެ އެންމެ ރަނގަޅު ގޮތަކީ ދައު ދެމުން.

މިރުސް ގަހަކީ ވަރަށް ފަސޭހައިން ބަލިއަރާ ގަހެއް. މި ބަލިތަކުގެ ތެރޭގައި ކުރި ގުރުޑުވުން، އެއިފިޑް އާއި ފަންގަސް ޖެހުން  ފަދަ ކޫޑިތައް ހިމެނޭ. މިކަމަށް އަހުރެންގެ ތަޖުރިބާގައި އެންމެ ރަނގަޅީ ހިތިގަހުގެ އޮށުން ހަދާ ތެޔޮ. މިތެޔޮ ޖަހަނީ 20 ލީޓަރު ފެނަށް 15 އެމްއެލް އަޅައި ކޮންމެ ފަސް ދުވަހަކުން އެއް ފަހަރު. މިގޮތަށް ބޭސް ޖަހަމުންދާނަމަ، ބަލިޖެހުން ވަރަށް ދުރުވާނެ. އިތުރު ބޭހެއް އަހުރެންނެއް ބޭނުމެއް ނުކުރަން. ހިތިގަހުގެ އޮށުގެ ތެޔޮ ވިއްކާ ހަންތަކުގައި އަޅަންވީ ވަރު ލިޔެފައި އޮންނާނެ.

ދަނޑުން މިރުސް (މަޙްޞޫލް ނުވަތަ ބޯގަ) ކެނޑުމާއި ވިއްކުމާއި ފައިދާ


ސުވާލު:  ދަނޑުން މިރުސް ކެނޑުމާއި ވިއްކުމާއި ފައިދާ އާއި މިކަންކަން ހަމަޖެހިފައި އޮންނަނީ ކިހިނެތް؟

އަހުރެންނަށް ބުނެވޭނީ އަހުރެންގެ ތަޖުރިބާ. މިރުސް ގަހަކީ ދިވެހި ރުއް ހެން އެތައް އަހަރެއް ވަންދެން ހެދޭ ގަހެއް ނޫން.

މިރުސް ގަހެއްގެ އުމުރަކީ ގާތްގަޑަކަށް 18 މަސް. މިރުސް އަޅަން ފަށަނީ އޮށް އިންދާތާ 2 މަސް ފަހުން. ވަރަށް ގިނަ މޭވާ ގަސްހެން، މިރުސް ގަހުގައި މިރުސް ގިނައިން އަޅާނީ މިރުސް ހަރުވުމުން ކަނޑާނަމަ. އެހެންވީމާ މިރުސް ކަނޑަން މިލިބެނީ 16 މަސް. ގަހަކުން މަހަކު ކެނޑޭނީ 2 ކިލޯ. ބައެއް ދަނޑުވެރިން މަހަކު ހަތަރު ކިލޯ މިރުސް ގަހަކުން ކަނޑައޭ ބުނާ ވާހަކަ އަޑުއަހަން. ބާޒާރުގައި މިރުސް ކިލޯއެއް ވިކެނީ 160 އާއި 500 ރުފިޔާ އާ ދެމެދުގެ އަގަކަށް. މިރުހުގެ އަގަކީ، 250 ރުފިޔާ ކަމުގައި ވާނަމަ، މަހަކު މިރުސް ގަހަކުން ލިބޭނީ 500 ރުފިޔާ. އަޅުގަނޑު 150 ގަސް ހައްދަން. އެހެންވީމާ، މަހެއްގެ ޖުމްލަ އާމްދަނީ އަކީ 75000 ރުފިޔާ. މަސައްކަތު މީހުންގެ މުސާރައާއި އެހެނިހެން ޚަރަދުތައް ކަނޑާ، ގާތްގަޑަކަށް 20000 މަހަކު މިރުހުން ލިބޭނެ.

މިއީ މާސްޓަރޒް ޑިގްރީއެއް އޮންނަ މީހަކު، ސިވިލް ސާރވިސްގައި ދުވާލަކު 6 ގަޑިއިރު ގަލަންކޮށްޕައިގެން ލިބޭނޭ މުސާރައެއް ނޫން. އެހެންވީމާ، އަހުރެންގެ ހިތަށް އަރާ ޒުވާނުން މިކަމާ ނޫޅެނީ ކީއްވެގެން ބާވައޭ؟ ދަނޑުވެރިކަން ކުރެވޭނީ ބިން އޮންނަ ތަނެއްގައި، ކޮންމެވެސް އިންވެސްޓްމަންޓް އެއް ކޮށްގެން. ނަމަވެސް، މިއީ ވަރަށް ނަފާ ހުރި މަސައްކަތެއް.

ދަނޑުވެރިކަން ކުރުމަށް ހުރި ހުރަސްތައް


ސުވާލު: ދަނޑުވެރިކަން ކުރުމަށް ދިމާވާ ދަތިތަކަކީ ކޮބާ؟

ޖަވާބު: އަހުރެންނަކީ މި މަސައްކަތުގެ ތެރެއަށް ވަރަށް ފަހުން ވަން މީހެއް. އަހަރެންނަށް ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި، އެއް ކަމަކީ ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވަރަށް އަގުބޮޑުވުން. މިސާލެއްގެ ގޮތުން ޕްލާސްޓިކަށް ނަގާ ޓެކްސް ބޮޑުކަމުން، އެހެން ޤައުމުތަކުގައި އަގުހެޔޮކޮށް ދަނޑުވެރީންނަށް ލިބެން ހުންނަ ތަކެތި މި ޖެހެނީ ހަތަރުގުނަ  އަގު ބޮޑުކޮށް ގަންނަން. މި މަސައްކަތުގެ ފައިދާ ނޭނގޭތީ މަސައްކަތު މީހުން ނުލިބޭ މައްސަލައަކީ ވެސް މައްސަލައެއް. މަދަރުސާތަކުން ދަނޑުވެރިކަން ކުރިއަރުވަން އިސްކަން ދޭނަމަ، ޒުވާނުން މިކަމުގެ ތެރެއަށް ވަނީސް.

ދެން އަހުރެންނަށް ފާހަގަ ކުރެވޭ އަނެއް ކަމަކީ، ދަނޑުވެރިކަމުގެ އެކި ކަންކަމަށް ޖެހޭ ބަލިތަކާއި ބައެއް ތަހުލީލުތައްކުރަން ލެބޯރަޓަރީ އެއް ނެތުން. ސަރުކާރުގެ ފަރާތުން ދަނޑުވެރިކަމާ ބެހޭ ލެބޯރަޓަރީއެއް ޤާއިމްކޮށް އަގުހެޔޮކޮށް ޚިދުމަތް ފޯރުކޮށްދޭނަމަ، ދަނޑުވެރިކަމަށްއ ރޯޝަނީކަމެއް އަންނާނެ. ދަނޑުވެރިކަމުގެ އަސާސީތަކެތި ސަރުކާރުގެ ފަރާތުން އަގުހެޔޮކޮށް ވިއްކާ ނިޒާމެއް ޤާއިމްކުރަނިކޮށް ވެސް ދަނޑުވެރިކަން ކުރިއަރާނެ.

ކުރުކޮށް ބުނާނަމަ، ބުނެވޭނީ ދަނޑުވެރިކަމަކީ ސަރުކާރުގެ ފަރާތުން އަޅާލުންތެރިކަން ކުޑަ، ދިވެހިރާއްޖޭގެ ސެކިޔުރިޓީއަށް މުހިއްމުކަން ބޮޑު މަސައްކަތެކޭ.

އަދި އެންމެ ފަހުން އަހުރެން ފާހަގަ ކޮށްލަން ދަނޑުތަކުގެ ސެކިޔުރިޓީ. ދާދި އިހަކަށް ދުވަހު އަހުރެންގެ ދަނޑުން 40 ކިލޯ މިރުސް ބަޔަކު ވަގަށް ކަނޑައިފި. ދަނޑުތަކުން ވައްކަން ކުރުމާއި ދަނޑުތަކަށް ގެއްލުން ދިނުން ހުއްޓުވުމަށް ރަށު ކައުންސިލްގެ ދައުރު ވަރަށް ބޮޑު. މިއީ ކަމާބެހޭ ވެރިން ވިސްނައި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެއް.

އެންމެ ފަހުގެ ހަތަރު މަޒުމޫނު