ހަނުހުރުމުގެ އުފަކާރަ އާ މެދު

ފިނިފެންމަލުގެ ބަގީޗާ — ހަތަރުވަނަ ބާބު

ހަނުހުރުމަކީ (1)  ހިމޭންވެހުރުން، އަދި (2) އަނގަ މަޑުކޮށްގެން ހުރުން ކަމަށް ބަސްފޮތުގައި ވެއެވެ. ހަމަ އެފޮތުގައި އުފަކާރަ އަކީ (1) ފައިދާ، (2) ލާބަ، (3) މަންފާ ކަމަށް ވެސް ވެއެވެ. ”ފިނިފެންމަލުގެ ބަގީޗާ،“ ގެ މި ބާބުގައި ސަޢުދީ ބަޔާންކުރަނީ ކުރު ވާހަކަ ތަކަކުން ބަސްމަދުކުރުމުގެ މަންފާތަކެވެ.

—1—

އަހުރެން ރައްޓެއްސެއްގެ ކައިރީގައި ވާހަކަ ދެއްކުމުގެ ބަދަލުގައި ބަސްމަދުކޮށްގެން ހަނުހުރުން އިޚްތިޔާރުކުރި ވާހަކަ ބުނީމެވެ. އެއީ ރަނގަޅު ވާހަކަތަކާއި ނުބައި ވާހަކަތައް އެކުއެކީގައި އުކާލެވޭ އިރު، ގިނަ ޙާލަތްތަކުގައި ޢަދާވާތްތެރިން ބަލައިގަންނަނީ ނުބައި ވާހަކަތަކެވެ. އޭނާ ޖަވާބުގައި ބުންޏެވެ:

އެއްވެސް ރަނގަޅު ކަމެއް ނުފެންނަ ޢަދާވާތްތެރިއަކީ އެންމެ ނުބައި މީހާއެވެ.
ހަސަދަވެރިކަމުގެ އަޚް، ރަނގަޅު މީހަކާ ގާތެއް ނުވާނެއެވެ.
ރަނގަޅު މީހާއީ ދޮގުހަދާ ނުލަފާ މީހެއްކަމަށް ބުނާނެއެވެ.
ރަނގަޅު އަޚްލާޤަކީ ހަސަދައިގެ ލޮލަށް އެންމެ ނުބައި އުޅުމެވެ.
ސަޢުދީ އަކީ ފިނިފެން މަލެކެވެ. ނަމަވެސް ޢަދާވާތްތެރިންނަށް ކައްޓެކެވެ.
ދުނިޔެއަށް އަލިކަންދޭ ނޫރުގެ ފަންވާރާ ކަމުގައިވާ އިރަކީ
ހިކަނދީގެ ލޮލަށް ހުތުރު އެއްޗެކެވެ.

[އަނދިރިވުމުން ނުކުމެ އުޅޭ ހިކަންޖަށް، އިރުގެ އަލިކަންވަނީ ހުތުރު އެއްޗަކަށެވެ.]

—2—

ސާދާގަރަކަށް 1000 ދީނާރުގެ ގެއްލުންވުމުން، އޭނާގެ ފިރިހެން ދަރިފުޅުގެ ކައިރީގައި އެއްވެސް މީހެއްގެ ގާތުގައި އެ ވާހަކަ ނުދެއްކުމަށް ބުނެފިއެވެ. ދަރިފުޅު ސުވާލުކުރިއެވެ: ”ތިޔައީ ބައްޕަގެ އެދުން ކަމުގައި ވަނީ ނަމަ، އެވާހަކައެއް ނުދައްކާނަމެވެ. އެކަމަކު މިގޮތަށް ކަންކުރުމުގެ ފައިދާ އާއި ގެއްލުން ފޮރުވުމުގެ ބޭނުންތެރިކަން ބުނެދޭން ވާނެއެވެ.“

ސާދާގަރު ޖަވާބު ދިނެވެ: ”އެއީ، މި ބަދުނަސީބު ދެގުނައަށް އިތުރު ވެދާނެތީއެވެ. ފުރަތަމައަށް ފައިސާ ގެއްލުމުން ލިބުނު ގެއްލުމާއި ދެވަނައަށް އަހުރެމެންގެ ބަދުނަސީބަށް އަވަށްޓެރިން ކުރާ އުފަލެވެ.“

ތިބާގެ ހިތާމަތައް ޢަދާވާތްތެރީންނަށް ފާޅުނުކުރާށެވެ.

އެމީހުން ލާހައުލަވަލާ އޭ ބުނިކަމުގައި ވިއަސް ކުރާނީ އުފަލެވެ.

—3—

ބުއްދިވެރި ޒުވާނަކަށް ގިނަ ބާވަތްތަކުގެ ޢިލްމުތައް ލިބިފައި ވިއެވެ. ނަމަވެސް، މީނާގެ ބަސްމަދުކުރުމުން، ޢިލްމުވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިކުރެތެވެ. ނަމަވެސް ގިނަ ވާހަކައެއް ނުދައްކައެވެ. އޭނާއަށް ލިބިފައިވާ ޢިލްމުތަކުގެ ވާހަކަ އެ ބައްދަލުވުންތަކުގައި ޙިއްޞާ ނުކުރަނީ ކީއްވެގެންތޯ އެ ކުއްޖާގެ ބައްޕަ ސުވާލުކުރިއެވެ. ޖަވާބުގައި ޒުވާނާ ބުންޏެވެ: ”އަހުރެން ބިރު ގަންނަނީ އަހުރެންނަށް ނޭނގޭ ކަމަކުން ސުވާލުކޮށް ލަދުގަންނަން ޖެހިދާނެތީއެވެ. މަރުވަޅިއެއް ހަލާކުވެގެން އެއަށް ދެތިން މޮހޮރެއް ޖެހި ސޫފީއެއްގެ ވާހަކަ އަޑު ނާހަން ހެއްޔެވެ؟ މިތަން ފެނުނު ފުލުހަކު އޭނާގެ އަތުކުރީގައި ހިފާފައި އެދުނެވެ: ”އަހުރެންގެ އަހުގެ މޮށްގަނޑުގައި ދަގަނޑު ވަކިތައް އަޅުވައިދޭން ހިނގާށެވެ.“

ތިބާ ނުދައްކާ ވާހަކައަކަށް ބަޔަކު ތިބާއަށް ދައްޗެއް ނުކުރާނެއެވެ.

އެކަމަކު ވާހަކަ ދައްކައިފި ނަމަ، ހެކި ދައްކަން ޖެހޭނެއެވެ.

—4—

އެތައް ބައެއްގެ އިތުބާރު ލިބިގެންވާ ޢިލްމުވެރިއަކު، ކާފަރަކާ ޑިބޭޓެއް ނުވަތަ މުނާޒަރާއެއް ކޮށްފިއެވެ. ނަމަވެސް، މި ކާފަރުގެ ވާހަކަ ތަކަށް ކެތް ނުކުރެވިގެން މުނާޒަރާއިން ވަކިވެ އެކަހެރި ވެއްޖެއެވެ. ޢިލްމުވެރިޔާގެ ބަލާޣަތާއި ޢިލްމާ އެކު، އެ ކާފަރު މީހާ ބަލިނުކޮށްލެވުނީ ކީއްވެގެންތޯ މީހަކު ސުވާލު ކުރުމުން ޖަވާބުގައި ބުންޏެވެ:

”އަހުރެންގެ ޢިލްމުވެރިކަން ވަނީ ކީރިތި ޤުރްއާން އާއި ހަދީސްތަކާއި ޝޭޚުންގެ ބުނުންތަކުގައެވެ. އެ ކަންތައްތަކެއް އޭނާ ޤަބޫލެއް ނުކުރާތާ އަޑެއް ވެސް ނާހައެވެ. އެހެން ވެއްޖެނަމަ، އޭނާގެ މުރުތައްދު ބަސްތައް އަހުރެން އަޑު އެހުމުގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ؟“

އެމީހެއްގެ ބަސްތަކަށް ކީރިތި ޤުރްއާން އާއި ސުންނަތުން ދޭ ޖަވާބުން އަސަރުނުކުރާ މީހާއަށް ދެވޭނޭ އެންމެ ރަނގަޅު ޖަވާބަކީ އެއްޗެއް ނުބުނުމެވެ.

—5—

ޢިލްވެރިއެއްގެ ގިރުވާނުގައި މީހަކު އެލިގަނެގެން އޭނާއަށް އިހާނަތްތެރި ބަސްތައް ކިޔާތަން جالینوس އަށް (ރޫމީ ފަލްސަފާވެރިއަކަށް) ފެނުމުން ބުންޏެވެ: ”ޢިލްމުވެރިޔާ އަކީ ޙަޤީޤީ ޢިލްމުވެރިއެއް ނަމަ، ޖާހިލަކާ ޒުވާބުކޮށްގެން އެ ޙާލަތަކަށް ނާންނާނެ އެވެ.“

ޙިކްމަތްތެރި ދެ ޢިލްމުވެރިންގެ މެދުގައި ޒުވާބެއް ނުހިނގައެވެ.
ޢިލްމުވެރި އަކު، ތަންދޮރު ނުދަންނަ މީހަކާ ޒުވާބެއް ނުކުރާނެއެވެ.
ތަންދޮރު ނުދަންނަ މީހަކު އޭނާގެ ޖާހިލުކަމުން ފެލުނަސް،
ޢިލްމުވެރިޔާ ހިނިތުންވެހުރެ ހިތްހަމަ ޖައްސާލާނީ އެވެ.
ދެ ތަޤްވާ ވެރިޔަކު، އިސްތައްޓަކުން ބަދެވިގެން ވިއަސް
އެ ކެނޑުނަ ނުދީ އުޅެވިދާނެއެވެ.
ޢިލްމުވެރި މީހުން ރުޅިގަދަ މީހުންނާ މެދު ޢަމަލުކުރަނީ މިގޮތަށެވެ.
ނަމަވެސް، ދެ ގޮހޮޅުން ހިލިހިލާއިން އެއްސިއަސް،
އެ ބުރިނުކޮށް ނޫޅެވޭނެއެވެ.

ގޮހޮޅު މީހަކު، އިހާނަތްތެރި ބަސްތަކަކުން މީހަކަށް ހަމަލާދީފިއެވެ. އެ ބަސްތަކަށް ކެތްކޮށް، އޭނާ ބުންޏެވެ: ”ކަލޭ ތިބުނާ ވަރަށް ވުރެ އަހުރެން މާ ގޯހެވެ. އެހެނީ، އަހުރެންގެ ކުށްތައް، އަހުރެންނަށް އެނގޭ މިންވަރަށް ކަލެއަށް އެގިގެން ނުވެއެވެ.“

—6—

سحبان وائل އާ އެއްފަދަ ފަޞާޙަތްތެރިކަމާއެކު (ޔައުނީ އަސަރުކުރާގޮތަށް ބަލާޣަތްތެރިކަމާ އެކު) ވާހަކަ ދެކެވޭ އެހެން އެއްވެސް މީހަކު ނުވާ ކަމަށް ބުނެވެއެވެ. އެއީ ޖަލްސާއެއްގައި އަހަރެއް ވަންދެން ވާހަކަ ދެއްކި އިރު، އެއް ލަފުޒެއް ދެވަނަ ފަހަރަށް އޭނާ ބޭނުންކޮށްފައި ނުވާތީ އެވެ. އެއް މާނައެއް ނެރެން ބޭނުން ވެއްޖަނަމަ، އޭނާ ބޭނުން ކުރަނީ އެހެން ކޮންމެވެސް ޢިބާރާތެކެވެ. މިއީ އަމީރުންނާއި ދީވާނުގެ ބޮޑުންގެ ސިފައެކެވެ. ހިތަށް އަސަރުކުރުވާ ފޮނި ލަފުޒުތަކަކީ ޤަބޫލުކުރެވޭ އެއަށް ޙުރުމަތްތެރިކޮށް ހިތެވޭ އެއްޗެކެވެ.

އެއް ފަހަރު ފޮނި ޢިބާރާތެއް ބުނުމުން ފުދެއެވެ.
ދެވަނަ ފަހަރަށް އެ ތަކުރާރު ނުކުރާށެވެ.

ކެއުމަށް ފަހު ހަލުވާ އެއް ފަހަރު ކެއުމުން ފުދެއެވެ

—7—

ފަލްސަފާވެރިއަކު ބުނެފައި ވެއެވެ: ”އަނެއް މީހާ ވާހަކަދައްކާ ނުނިންމަނީސް، ވާހަކަދައްކަން ފައްޓާ މީހާއީ ކުރެވުނު މޮޔަކަމުގެ މައްޗަށް ހިތާމަ ކުރަން ޖެހޭ މީހެކެވެ.“

އޭ ބުއްދިވެރިޔާ އެވެ.
ވާހަކައެއްގައި ބޮލަކާއި ނިގުލެއް ވެއެވެ.
އެހެން މީހެއްގެ ޢިބާރާތްތަކުގެ ދެމެދަށް ލަފުޒުތައް ނުކޮށްޕާށެވެ.
ހަމަހިމޭންކަން އައުމުން ނޫނީ

ފިކުރާއި ބުއްދިއާއި ވިސްނުން ލިބިފައިވާ މީހުން ބަހެއް ނުބުނެއެވެ.

—8—

މަޙްމޫދު ރަސްގެފާނު، އޭނާގެ އަރިހުގައި ވިދާޅުވީ ކީކޭތޯ ޙަސަން މޭމަންދީގެ އަރިހުގައި ބޮޑުން ސުވާލުކުރައްވައިފިއެވެ. ޖަވާބުގައި ދެންނެވިއެވެ: ”ވިދާޅުވި އެއްޗެއް އަޑެއް ނުއައްސަވަން ހެއްޔެވެ؟“ އެމީހުން ދެންނެވިއެވެ: ”ކަލޭގެފާނުންގެ އަރިހުގައި ވިދާޅުވާ ވާހަކަފުޅުތައް އަޅުގަނޑުމެންނަށް ނު އަންގަވަތެވެ.“ ދެން ޖަވާބުގައި މޭމަންދީ ވިދާޅުވިއެވެ: ”އެއީ އެ ވާހަކަފުޅުތައް އަޅުގަނޑު ހާމަ ނުކުރާނެކަން އެނގިވަޑައިގަންނަވާތީ އެވެ. ވީމާ، އެ ވާހަކަފުޅުތައް ހާމަކުރަން އެދިވަޑައިގަންނަވަނީ ކީއްވެގެންތޯ އެވެ؟“

ކަންކަން ދަންނަ މީހާ އޭނާއަށް އަޑުއިވޭ ވާހަކަތައް ނުފަތުރަތެވެ.
ރަސްގެފާނުގެ ސިއްރުތަކަށްޓަކައި މީހާގެ ބޮލަށް ނުރައްކާ ކުރުމެއް ނެތެވެ.

—9—

ގެއެއް ގަތުމުގެ ވިޔަފާރި ނިންމަން ޖެހިލުން ވެގެން އުޅެނިކޮށް، ޔަހޫދީއަކު ބުންޏެވެ: ”އަހުރެންގެ ކައިރީގައި އެ ގެއާ މެދު ސުވާލު ކުރާށެވެ. އަހުރެންނަކީ ތި ގެ ހުރި ސަރަޙައްދުގައި ދިރިއުޅޭ މީހަކީމެވެ. އެ ގޭގައި މައްސަލައެއް، ހަލާކެއް ނުވެއެވެ.“

އަހުރެން ޖަވާބުގައި ބުނީމެވެ: ”ހަލާކަކީ އެ ގޭގެ އަވަށްޓެރިއަކަށް ތިބާ ވާކަމެވެ. ތިބާ ފަދަ އަވަށްޓެރިއެއް ދިރިއުޅޭ ގެއެއްގެ އަގަކީ ގަނޑުބަނޑުކޮށްފައިވާ ދިހަ ދިރުހަމެވެ. އެކަމަކު، ތިބާ ދުނިޔެ ދޫކުރުމުން، ގޭގެ އަގު އެއްހާސް ދިރުހަމަށް އަރާނެކަމަށް އުއްމީދު ކުރެވެއެވެ.“

—10—

ޅެންވެރިއަކު، ޅެމެއް ހަދައިގެން ގޮސް ވަގުންގެ ސަރުދާރަކަށް (އަމީރަކަށް) އިއްވުމުން، އޭނާގެ ހެދުން އަތުލައިގަތުމަށް ސަރުދާރު އަމުރުކޮށްފިއެވެ. އޮރިޔާން ހާލުގައި ބޭރުތެރެއަށް ނުކުތް ތަނުން، ކުއްތާތަކެއް އޭނާއާ ދިމާކޮށްލައިފިއެވެ. ގައުބުރިއެއް ކުއްތާތަކާ ދިމާލަށް އެއްލުމަށް ހިތައި، ބިންމަތިން ގައުބުރިއެއް ނެގުމަށް ހިފިއިރު، ފިނިކަމުން އެ ވަނީ ބިމުގައި ހަރުވެފައެވެ. ދެން މިހެން އޭނާ ގޮވާލިއެވެ: ”ތިޔަބައި މީހުންނީ ކޮންފަދަ ނާސި އަންހެނުންތަކެއްގެ ދަރިން ހެއްޔެވެ؟ ކުއްތާތައް ދޫކޮށްލައި، ގައުތައް ބިންމަތީގައި ހަރުކޮށްފިއެވެ.“

މިއަޑު ވަގުންގެ ސަރުދާރަށް އިވުމުން، ހީގަނެފައި ގޮވާލިއެވެ: ”އޭ ފަލްސަފާވެރިޔާއެވެ. އަހުރެންގެ ކިބައިން ކަމަކަށް އެދޭށެވެ.“ އޭނާ ޖަވާބު ދިނެވެ: ”އަހުރެންގެ ހެދުން އަނބުރާ އަހުރެންނަށް ހަދިޔާއެއްގެ ގޮތުގައި ދޭށެވެ. ތިބާގެ ކައިރިން ސަލާމަތް ވުމުން، އަހުރެންނަށް ހަދިޔާއަކަށް ފުދެއެވެ. އަހުރެން އައީ ތިޔަބައި މީހުންގެ ފަރާތުން ހަދިޔާއަކަށް އެދިއެވެ. ހެދުން ނޫން ހަދިޔާއެއް ބޭނުމެއް ނޫނެވެ. އަނިޔާވެރި ނުވާށެވެ.“ މިހެން ބުނުމުން ވަގުންގެ ސަރުދާރު މީނާގެ މައްޗަށް ސަހަރޯވެރިވެ، އޭނާގެ ހެދުން އަނބުރާ ދިނުމަށް އަންގައިފިއެވެ. އަދި ކަންބަޅިކެހެރީގެ ޖުންބާއަކާއި ދިރުހަމްކޮޅެއް އެއަށް ލިއެވެ

—11—

ނުޖޫމީ ޢިލްމުވެރިއަކު، އޭނާގެ ގެއަށް ބޭރުން އަނބުރާ އައިއިރު، ގޭތެރޭގައި ވަގެއްކަމަށް ބެލެވޭ މީހަކު އުޅޭތަން ފެނި، އެކަމާ ރުޅިއައިސް،  އިހާނަތުގެ ބަސްތައް ގޮވައި، އެކަކުގެ ގައިމައްޗަށް އަނެކަކު ވެއްޓި ހިފައި، އޮޅުމާއި އަރައިރުން ހިނގައިފިއެވެ. މިތަން ފެނުނު ދީންވެރި މީހަކު ބުނެލިއެވެ: ”ތިބާގެ ގޭގައި އުޅެނީ ކާކުކަން ނޭނގޭ މީހަކަށް އާސްމާނުގެ އައުޖުގައި (ބޮލުން މަތީ އުޑުގައި) ވަނީ ކޮން ތަރިއެއްކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟“

—12—

ވައުޒުބުނާ މީހަކު، އޭނާގެ ހުތުރު އަޑަކީ ރީތި އަޑެއް ކަމަށް ހީވެގެން، އިރުއިރު ކޮޅުން، ބޭނުމެއް ނެތް ގޮތެއްގައި، ކަރަށް ލޭނާރު އަރާގޮތަށް އަޑުގަދަކުރެއެވެ.

ކާޅުގެ ވަކިވުމުގެ ހޭރުން އެއީ އޭނާގެ ލަވައިގެ ތާލުކަމަށް ތިބާއަށް ހީވާނެއެވެ. އަދި އެންމެ ހުތުރު އަޑަކީ ހިމާރުގެ އަޑުކަމަށް ވާ އާޔަތް އޭނާ އާ ގުޅޭ ކަމަށް ހީވާނެއެވެ. ابـوالفوارس ފެލުމުން ا صطخر فارس ފަރުބަދަ ހެލިގަންނަހެން ހީވާކަމަށް ބުނާ ބައިތު އޭނާއާ ގުޅެއެވެ.

އޭނާގެ މަތިވެރި މަޤާމަށް ކުރާ ޤަދަރެއްގެ ސަބަބުން އެ ހިސާބުގަނޑުގެ މީހުން އޭނާއަށް އެއްޗެއް ނުބުނެ ކެތްތެރިވެގެން އުޅެތެވެ. މިހެން ކަން ހިނގަމުން ދަނިކޮށް، މި ވައުޒުބުނާ މީހާއަށް ސިއްރު ހަސަދަވެރިކަމެއް އޮންނަ އެހެން ޢިލްމުވެރިއަކު އެ ސަހަރަށް ޒިޔާރަތެއް ކޮށް މީނާއަށް ބުނެފިއެވެ: ”އަހުރެންނަށް ތިބާ ހުވަފެނަކުން ފެނިއްޖެއެވެ. ރަނގަޅަށް އެކަން ނިމިދާށިއެވެ.“

”ކަލެއަށް ފެނުނީ ކޮން ހުވަފެނެއް ހެއްޔެވެ؟“

”އަހުރެންނަށް ހުވަފެނުން ފެނުނީ ތިބާގެ އަޑުގެ ހުތުރުކަން ނެތިގޮސް، މީސްތައް ވައުޒުތައް އަޑުއަހާ ހިތްވީތީއެވެ.“

މި ލަފުޒުތަކާ މެދު ވައުޒު ބުނާ މީހާ އިރުކޮޅަކު ވިސްނާލުމަށް ފަހު ބުންޏެވެ: ”ތިބާއަށް ތި ފެނުނީ މާތް ހުވަފެނެކެވެ. އެއީ އަހުރެން އުނި ސިފަތައް އަހުރެންނަށް ތިބާ އަންގައިދިނީތީ އެވެ. އަހުރެންގެ އަޑާ މީހުން ނުރުހޭ ކަން އަހުރެންނަށް އެނގިފައިވެއެވެ. އަދި އަޑު ހަރުކޮށް ކިޔެވުމުން މީހުން އަހުރެންނާ ހިތްހަމައެއް ނުޖެހެއެވެ. މިހެންވެ، ދެން މީގެ ފަހުން މީހުންނާ އަހުރެން ވާހަކަ ދައްކާނީ މަޑުމައިތިރިކަމާ އެކުއެވެ.

އަހުރެންގެ ނުރަގަނޅު ސިފަތައް ރަނގަޅުކަމަށް ދެކޭ މީހުންގެ ގާތްކަމަށް އަހުރެން ހިތްހަމައެއް ނުޖެހެއެވެ.
އަހުރެންގެ ކުށްތައް އެމީހުން ދެކެނީ މާތް އަޚްލާޤާއި ފުރިހަމަކަމުގެ ގޮތުގައެވެ.
އަހުރެންގެ ކަށިތައް އެމީހުންނަށް ވަނީ ފިނިފެންމަލާއި ހުވަދުމަލަށެވެ.
ބުނާށެވެ. އަހުރެންގެ އައިބުތައް ހާމަކޮށްދޭނޭ، ކެރޭ އަވަސް ހަތުރު ކޮބައި ހެއްޔެވެ؟
މީހެއްގެ އައިބުތައް އެ މީހަކަށް ކިޔައިނުދޭނަމަ، އޭނާއަށް ހީވާނީ އައިބުތަކަކީ ގުނަވަންތަ ކަންކަންހެނެވެ.

—13—

ސިންޖާރުގެ މިސްކިތެއްގައި ބަންގި ގޮވާ މީހެއްގެ އަޑުގެ ސަބަބުން، އެ ހިސާބުގަނޑުގެ އެންމެންނަށް އުނދަގޫވެފައި ވިއެވެ. މިސްކިތުގެ ވެރި، ޢަދުލުވެރި، ދީންވެރި އަމީރަށް މިކަން ބޮޑުވެގެން، މުދިމަށް ނުބައި ބަހެއް ބުނަށް ބޭނުން ނުވެގެން ބުންޏެވެ: ”އޭ ރަޙްމަތްތެރިއާ އެވެ! މި މިސްކިތުގެ ކުރީގެ މުދިމުންނަށް އަހުރެން ދެނީ މަހަކު ފަސް ދީނާރެވެ. އެކަމަކު، ކަލާ އެހެން ސަހަރެއްގެ މިސްކިތަކަށް ދަނިކޮށް އަހުރެން ދިހަ ދީނާރު ދޭނަމެވެ.“ މިކަމާ މުދިމު އެއްބަސްވެގެން އެހެން ސަހަރަކަށް ހިނގައްޖެއެވެ.

ދުވަސްކޮޅެއްގެ ފަހުން، މުދިމު އައިސް އަމީރަށް ދެންނެވިއެވެ: ”ތިބާ މި މިސްކިތުން އަހުރެން އެހެންތަނަކަށް ދިއުމަށް ދިހަ ދީނާރު ދިނުމުން އަހުރެންނަށް ވީ ގެއްލުމެވެ. މިހާރު މިއުޅޭ ސަހަރުގެ މީހުން އެހެން ސަހަރަކަށް އަހުރެން ދާނަމަ، ވިހި ދީނާރު ދޭން ބުނެފިއެވެ. އެކަމަކު އެކަމަށް އަހުރެން އެއްބަހެއް ނުވަމެވެ.“ އަމީރު ހިނިތުންވެލާފައި ބުންޏެވެ: ”އެކަމަށް އެއްގޮތަކަށް ވެސް އެއްބަސް ނުވާށެވެ. އެއީ އެމީހުން ކަލާ އެހެން ސަހަރަކަށް ދާނަމަ، ފަންސާސް ދީނާރު ދޭން ވެސް އެއްބަސް ވާނެއެވެ.“

ކަލާގެ ހުތުރު ހަޅޭކުގެ ތާލެއް ނެތް އަޑުން ހިތް ކެހޭގޮތަށް،
ކޯރާޑިއެއް ބޭނުންކޮށްގެން ހިލަގަނޑަކުން

އެއްވެސް މީހަކަށް ކިސަޑެއް ނުކެހޭނެއެވެ.

—14—

އަޅުވެރިއަކު ދިޔަ މަގުމަތިން، މީހަކު ވަރަށް ހުތުރު އަޑަކުން ބާރަށް ކީރިތި ގުރްއާން ކިޔަވާ އަޑު އިވިގެން އޭނާގެ މުސާރައާ މެދު ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ: ”މުސާރައެއް ނެތެވެ.“ އަޅުވެރިޔާ އަނެއްކާ ސުވާލުކުރިއެވެ: ”ތިޔަހެން ވިއްޔާ، ތިޔަހާ އުނދަގުލެއް ތި އުފުލަނީ ކީއްވެ ހެއްޔެވެ؟“

”މާތް ﷲ ގެ ރަޙްމަތަށް އެދިއެވެ.“ ޤުރްއާން ކިޔަވަމުން ދިޔަ މީހާ ޖަވާބު ދިނެވެ. އަޅުވެރިޔާ ބުންޏެވެ: ”ތިޔަހެން ކިޔަވަން ހެޔޮ ނުވާނެއެވެ. ތިގޮތަށް ޤުރްއާން ކިޔަވާނަމަ، ދީނުން ފުރިހަމަކަން ގެއްލޭނެއެވެ.“

އެންމެ ފަހުގެ ހަތަރު މަޒުމޫނު