އެމްވީ އޮޒްވޯލްޑް

އެމްވީ އޮޒްވޯލްޑް އަކީ މަޝްހޫރު އިނގިރޭސި ފޮންޓަކާ އެކުލަވާ ގޮތަށް ހަދައިފައިވާ ތާނަ ފޮންޓެކެވެ.

ފަހަކަށް އައިސް، ވެބްސައިޓްތަކުގައި ބޭނުންކުރުމަށް”ގޫގްލް“ އިން ހިލޭ ބޭނުން ކުރެވޭ ފޮންޓްތަކެއް ހަދާފައި ވެއެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ، ގޫގްލްގެ ވިޔަފާރި ކުރިއެރުވުމެވެ. މިގޮތުގެ މަތިން ވަރަށް ލުއި މަސައްކަތަކާ އެކު ވެބްސައިޓްތަކުގައި ބޭނުންކުރެވޭ 800 ވަރަކަށް ލެޓިން އަކުރުތައް ހިމެނޭ ފޮންޓްތައް ގޫގްލް އިން ޢާއްމުކޮށްފައި ވެއެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު ފޮންޓަކީ ”އޯޕަން ސޭންސް“ ކިޔާ ފޮންޓެކެވެ. ތިންވަނައަށް އެންމެ މަޝްހޫރު ފޮންޓަކީ ”އޮޒްވޯލްޑް“ ނަމަކަށް ކިޔާ ފޮންޓެކެވެ. ތިރީގައި އެވަނީ މި ފޮންޓްގެ ލިޔުންކޮޅެކެވެ.

މަތީގައިވާ ސޫރައިން ފާހަގަ ކުރެއްވޭނޭ ފަދައިން، އެ ފޮންޓް ބޭނުންކޮށްފައިވާ ވެބްޕޭޖްތައް 292 ބިލިއަން ފަހަރު ބަލާފައި ވެއެވެ. މި ފޮންޓަކީ ވާރނަން އެޑެމްސް ކިޔާ މީހެއްގެ އުފެއްދުމެކެވެ. އޭނާއަކީ ހިލޭ ބޭނުންކުރުމަށް ފޮންޓް ހެދި ފަރާތެކެވެ. މިހާރު އޭނާ ވަނީ ނިޔާ ވެފައެވެ.

ބޮޑެތި ކުންފުނިތަކުން އުފައްދާ ފޮންޓްތައް ބޭނުންކުރާ ނަމަ، އެ ފޮންޓްތައް ޖެހެނީ ގަންނާށެވެ. ނަމަވެސް ގޫގްލް ފޮންޓްތަކުގެ ރަނގަޅުކަމަކީ އަގެއް ނުދައްކައި އެ ބޭނުންކުރެވޭ ކަމެވެ. މިހެންވަނީ ގޫގްލް ފޮންޓްތަކަކީ ޙަޤީޤަތުގައި، މަޝްހޫރު ފޮންޓްތަކާ ވަރަށް ވައްތަރުގޮތަކަށް ތަފާތު ނަމެއްގައި ހަދައިފައިވާ ފޮންޓަށް ވާކަމެވެ.

އެއް ފަހަރު އިނގިރޭސި ވެބްޕޭޖެއް ބަލަމުން ދިޔައިރު،  މި ފޮންޓް ”ޕުލް ކޯޓް“ އެއްގައި ބޭނުންކޮށްފައިވާ ތަން ފެނި، އެ ފޮންޓް އަޅުގަނޑަށް ރީތި ވެއްޖެއެވެ. ޕުލް ކޯޓް ކިޔަނީ ވެބްޕޭޖެއްގެ ލިޔުންގަނޑުގައި ނަޒަރު ދަމައިގަންނަ ގޮތަށް، ގޮޅިއެއްގެ ތެރޭގައި ނުވަތަ އެހެން ވެސް ގޮތަކަށް ފާހަގަވާ ގޮތަށް ލިޔެފައިވާ ޢިބާރާތަށެވެ. ތިރީގައި ލިޔުންގަނޑުގައިވާ ޕުލް ކޯޓް ފާހަގަ ކުރައްވާށެވެ.

ދެން އަޅުގަނޑު ގަސްތުކުރީ އޮޒްވޯލްޑް ފޮންޓްގެ އަކުރުތަކުގެ ބައްޓަންތަކާ އެކުލަވާގޮތަށް ތާނަ ލިޔެވޭ ފޮންޓެއް ފަރުމާ ކުރާށެވެ. ތިރީގައި އެވަނީ މި ފޮންޓުން ލިޔެފައިވާ ލިޔުންކޮޅެކެވެ. ގިނަ އަކުރުތައް ލެޓިން އާދައިގެ އަކުރުތަކާ އުސް މިން އެއްގޮތްވާނެއެވެ. އޮސްވޯލްޑް އަކީ ހަނި އުސް އަކުރުތަކެކެވެ. ތާނަ ކިޔަން އެނގޭ މީހަކަށް މި އަކުރުން ލިޔެފައިވާ ތަކެތި ކިޔަން އެނގޭނެއެވެ.

މިފަދަ ޚާއްޞަ ގޮތްގޮތަށް ފަރުމާކޮށްފައިވާ އަކުރުތައް ބޭނުން ކުރަންވާނީ ވިއްސަކަށް ލަފުޒަށް ވުރެ ދިގުނުވާ ޢިބާރާތް ލިޔުމަށެވެ. ދިގުވެއްޖެނަމަ، ކިޔަން ވިސްނަންޖެހޭ ވަރުން ސިކުނޑި ވަރުބަލި ވާނެއެވެ. ބޮޑީ ޓެކްސްޓް ނުވަތަ ލިޔުމެއްގެ މައިގަނޑު ލިޔަން މިއަކީ އެކަށީގެންވާ އަކުރުތަކެއް ނޫނެވެ.

މިފަހަރު މި ގެނެސްދިނީ އޮޒްވޯލްޑްގެ ނުފަވާ ހިމަ އަކުރުތަކެވެ. ފެވި ނުވަތަ ބޯލްޑް އަކުރުތައް އެހެން ފަހަރަކުން އިރާދަކުރެއްވިއްޔާ ހުށަހަޅާނަމެވެ.