ތިލަ މޫދުގެ އަޑި މާ ހޫނީ ކީއްވެ؟

ގޮނޑުދޮށުން ފެށިގެން ފަޅުގެ ފުން ހިސާބާ ދެމެދަށް، މެންދުރު ގަޑީގައި މޫދަށް އެރެފި މީހަކަށް ވަރަށް އާދަޔާ ޚިލާފު އިޙްސާސެއް ކުރެވޭނެއެވެ. އެއީ، އަވި ދެނީ މޫދުގެ މައްޗަށް ކަމުގައި ވިއަސް، އެންމެ ހޫނު ވާނީ މޫދުގެ އަޑިއެވެ. މިކަން އޮއި މަޑުވެފައި ވައި ނުޖެހޭ ނަމަ، ވަކިން ބޮޑަށް އިޙްސާސް ކުރެވޭނެއެވެ. ތިލަ މޫދުގެ މައްޗަށް ވުރެ އަޑި ހޫނީ ކީއްވެގެން ހެއްޔެވެ؟

މޫދަށް ހޫނުވަނީ އިރުން، މަތިން ކަމަށް ވާތީ، އެއް ނަޒަރަކުން ބަލާއިރު، އެންމެ ހޫނުވާން ވާނީ މައްޗެވެ. ގަރުދިޔަ ތެއްޔެއް، ކައްކާ އިރު، އެންމެ ހޫނުވާނީ އަޑިއެވެ. ތެއްޔަށް ހޫނު ލިބެނީ އަޑިން ކަމަށް ވާތީ އެވެ.  އަވި ދިނުމުން ތިލަ މޫދުގެ އަޑި ހޫނުވުމަކީ، އޭގައި ވަރަށް މަންފާ ކުރަނިވި ބޭނުންތަކެއް ހިމެނޭ ކަމެކެވެ. މި ހުށަހެޅުމުގައި އަޅުގަނޑު ދަންނަވާލާނީ ތިލަ މޫދުގެ އަޑި ހޫނުވާ ސަބަބާއި މި އުޞޫލު ބޭނުންކޮށްގެން ކޮށްފައިވާ ބައެއް އީޖާދެވެ.

އާދެ! މޫދުގައި ހުންނަނީ ލޮނެވެ. ފެނުގެ ތެރެއަށް ލޮނު ގިރިފައެވެ. ނަމަވެސް ހުރިހާ ހިސާބެއްގެ ހުރިހާ ލޮނެއްގެ ލޮނުކަން ހުންނަނީ އެއްވަރަކަށް ނޫނެވެ. ކޮންމެ މީހަކަށް ވެސް ވިސްނޭނޭ ފަދައިން، ލުއި އެއްޗެއް އޮންނާނީ ފެނުގެ ތެރޭގައި ނަމަ، ބަރު އެއްޗަކަށް ވުރެ މަތީގައެވެ. އެހެންކަމުން މޫދުގެ އެންމެ މަތީ ފަށަލަތަކުގެ ލޮނު ރަހަ އަޑީ ފަށަލަތަކަށް ވުރެ މަޑުވާނެއެވެ. އެއީ މަތީ ފަށަލައިގައި ގިނަ ލޮނު ހުރިނަމަ، ބަރުވެގެން އަޑިއަށް ދާނެތީއެވެ. އެހެން ކަމުން،  ޚިޔާލީ ލޮލަކުން މޫދުގެ އަރިމަތިން ހުރަހަށް ބަލައިފިނަމަ، ލޮނުކަން ހުންނާނީ ތިރީގައިވާ ހޫލައިގައިވާ ފަދައިންނެވެ.

މޫދުގެ ލޮނުކަން ހުންނަނީ މަތިން ތިރިއަށް ބަލާއިރު އެއްވަރަކަށް ނޫނެވެ. އެންމެ މަތީ ފަށަލަތަކުގައި ލޮނުކަން މަޑުވާނެއެވެ. ވާރޭ ވެހެނީ ވެސް މޫދުގެ މައްޗަށް ކަމުގައި ވާތީއެވެ. އަޑީ ފަށަލަތަކުގައި ލޮނުކަން ގަދަވާނެ އެވެ. މަތީ ފަށަލަތަކުގައި ލޮނު ގިނަ ނަމަ، ބަރުކަމުން އަޑިއަށް ދާނެއެވެ. ހަމަ އެހެންމެ، އަޑީ ފަށަލަތަކުގައި ލޮނު މަދުނަމަ، ލުއިވީމާ އެ ފަށަލަތައް މައްޗަށް އަރާނެއެވެ. ޑީސަލް ފަދަ ލޮނަށް ވުރެ ލުއި ތެޔޮ މަތީގައި ހުންނަ ފަދައިންނެވެ. މިއީ ޢާއްމު އުޞޫލެކެވެ.  މިސާލެއްގެ ގޮތުން ޖައްވުގައިވާ ތަފާތު ގޭސްތަކުގެ ތެރެއިން ބިމާ އެންމެ ކައިރީގައި ހުންނަނީ އެންމެ ބަރު ގޭހެވެ. ހައިޑްރަޖަން ފަދަ ލުއި ގޭސް ހުންނަނީ ޖައްވުގެ މަތީ ފަށަލަތަކުގައެވެ.  ފުއްޕާ ހަމަކަށް ހައިޑްރަޖަން އެޅީމާ މައްޗަށް ދަނީ ވެސް ބިމާ ކައިރީގައިވާ ގޭހަށް ވުރެ ގޭސްއެޅި ހަން ލުއިކަމުންނެވެ.

ދިވެހިރާއްޖޭގެ ރަށްތަކަށް ފެން ލިބެނީ ވެސް މި އުޞޫލުންނެވެ. ރަށްތައް ހެދިފައި ހުންނަނީ ވެލިންކަމަށް ވާތީ، ބިންގަނޑުގެ ތެރެއަށް ލޮނުފެން ކަނޑުން ވަދެއެވެ. ވިއްސާރަވުމުން ވެހޭ ވާރޭ، ބިމުގެ ތެރެއަށް ފޭދެއެވެ. ނަމަވެސް ވާރޭ ފެން، ލޮނަށް ވުރެ ލުއިވީމާ، އެ ހުންނަނީ ބިމުގައިވާ ލޮނުގަނޑުގެ މަތީގައެވެ. ވަޅު ބަހައްޓައިގެން ފެން ނަގަނީ، މި ދެންނެވި ލޮނު މަތީގައިވާ ފެން ފަށަލައިންނެވެ. ވާރޭ ނުވެހޭތާ ގިނަ ދުވަސްވުމުން، މި ފެންފަށަލަ ވަރަށް ތުނި ވެއެވެ. އަދި ވަޅުން ފެން ނެގޭ މިންވަރު މާ ގިނަވިއަސް މިގޮތް މެދުވެރިވެއެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައި މި ފެން ފަށަލައިގެ ބޯމިނުގައި ވިއްސަކަށް ފޫޓު ހުރެއެވެ. އަނެއް ބައި ރަށްރަށުގައި މި ފެންފަށަލައިގެ ބޯމިނުގައި ހުންނަނީ ދެތިން އިންޗިއެވެ. ވަޅެއް މި ފަށަލައަށް ވުރެ ފުންކޮށް ފައްތައިފިނަމަ، ވަޅުން ނެގޭނީ ލޮނެވެ.

މި ފަށަލަ ހުންނަ ސިފައާ ދޭތެރޭ އަދި އެއްފަހަރު ވިސްނަވާލަ ބައްލަވާށެވެ. ގޮނޑުދޮށް ކައިރީގައި މި ފަށަލަ ވަރަށް ތުންޏެވެ. އެއީ މޫދުލޮނުގެ އަސަރު މިހިސާބަށް ކުރާލެއް ބޮޑުވެފައި ވެހޭ ވާރޭ ފަސޭހަކަމާ އެކު މޫދަށް ފައިބާތީއެވެ. މި ހިސާބާ ޚިލާފަށް ރަށުގެ މެދުތެރޭގައި މި ފެން ފަށަލަ ވަރަށް ބޮލެވެ. އެއީ ގިނަ ވާރޭ ފެން މި ސަރަޙައްދަށް ފޭދޭތީ އާއި ގޮނޑުދޮށާ ޚިލާފަށް ލޮނުގެ އަސަރު ކުރާލެއް ކުޑަވީމައެވެ. ބޮޑުވާ ބިއްލޫރި ހުންނަނީ މި ފެން ފަށަލަ އާ އެއް ބައްޓަމަކަށް މެދު ބޯކޮށް ކައިރިފަށް ތުނިކޮންނެވެ. އެހެންވެ، މި ފެން ފަށަލައަށް އިނގިރޭސި ބަހުން ކިޔަނީ ވޯޓަރ ލެންސް އެވެ. ”ފެން ލެންސް“ އެވެ. ބޮޑުވާ ބިއްލޫރިއަށް އިނގިރޭސިބަހުން ލެންސް ކިޔަނީ ބޮޑުވާ ބިއްލޫރީގެ ސިފަ، ރަތްމުގު ފުކެއްގެ ބައްޓަމާ ވައްތަރު ކަމުންނެވެ. މުގަކީ ވެސް ކައިރި ތުނިކޮށް މެދު ބޯކޮށް ހުންނަ އެއްޗެކެވެ. އިނގިރޭސިބަހުން މުގަށް ކިޔަނީ ލެންޓިލްސް އެވެ. މި ލަފުޒު ކުރުކޮށްލާފައި، ލެންސް މިސިފައަށް ހުންނަ ބޮޑުވާ ބިއްލޫރިއަށް ކިޔަނީ އެވެ. އިނގިރޭސި ބަހުން ކުޑަވާ ބިއްލޫރިއަށް ވެސް ލެންސް ކިޔައެވެ. ކުޑަވާ ބިއްލޫރިއަކީ، ދުރު ނުފެންނަ މީހުންގެ އައިނު ހަދާފައި ހުންނަ ބިއްލޫރިއެވެ. އެ ހުންނާނީ މެދު ތުނިކޮށް ކައިރިފަށް ބޯކޮށެވެ. ރަށުގެ ފެން ފަށަލަ ހުންނަ ބައްޓަން މުގު ފުކެއްގެ ބައްޓަމާ ތިބާއަށް ވައްތަރު ތޯއެވެ؟

އާދެ! މައުޟޫޢުއަށް ރުޖޫޢަ ވަމާ ހިންގަވާށެވެ! ތިލަ މޫދުގެ ލޮނުގަނޑުގައި ލޮނު ހުންނަނީ އެކި ފަށަލައިގައި އެކި މިންވަރަށެވެ. އެންމެ އަޑީ ފަށަލަތަކުގައި ލޮނު ގިނަވެފައި ބަރެވެ. މަތީ ފަށަލަތައް ލޮނު މަދުވުމުން ލުޔެވެ. މިގޮތަށް ހުންނަ ފަށަލަތަކަކަށް މަތިން އަވިދިނީމާ ވާނީ ކިހިނަކުންތޯ އެވެ؟

ވިސްނަވާކަށް މާގިނަ އިރެއް ނުނަގާނެ އެވެ. މޫދު ހޫނުވާނެ އެވެ. ނަމަވެސް ސުވާލަކީ އެންމެ ހޫނުވާނީ ކޮން ބައެއްތޯއެވެ؟ އެންމެ ގަދައަށް އަވިދޭނީ އެންމެ މަތީ ފަށަލައަށެވެ. ނަމަވެސް މި ފަށަލައަށް ވައިޖެހޭތީ އެ ފަށަލައިގެ ހޫނުކަން ޖައްވަށް ފަސޭހައިން އަރައިގެން ދާނެއެވެ. ތިރީ ފަށަލަތަކަށް ވެސް އަވި ދޭނެއެވެ. ނަމަވެސް މިފަށަލަތައް ވައިގައި ޖެހިފައި ނުހުންނާތީ، ހޫނުކަން ޖައްވަށް އަރައިގެންނެއް ނުގެއްލޭނެ އެވެ. ނަތީޖާއަކަށް ވާނީ، ތިރީ ފަށަލަތަކުގައި ހޫނު ހަރުލާ ގޮތް ވުމެވެ. އަދި އަވި ދިންވަރަކަށް މި ފަށަލައިގެ ހޫނުކަން ދާނީ ގަދަވަމުންނެވެ. ދެން ތިޔަ ކުރައްވާ ސުވާލަކީ ދަށު ފަށަލަތަކުގެ ހޫނުކަން މަތީފަށަލަތަކަށް ދަތުރުކޮށް ޖައްވަށް އަރައިގެން ގެއްލޭނެ ނޫންތޯއެވެ؟ އާދޭހެވެ! ގެއްލޭނެއެވެ. ނަމަވެސް ވަރަށް ކުޑަކޮށެވެ. އެއީ ތިރީ ފަށަތަކުގައި ލޮނުކަން ގަދަވީމާ، ބަރު އެއްޗެއް މައްޗަށް ނާރާތީ، ހޫނުކަން ގެއްލޭނީ މަތީ ފަށަލަތަކަށް ހޫނު ދަތުރުކޮށްގެންނެވެ. ނަމަވެސް ލޮނުފެނަކީ ވަރަށް ކުޑަކޮށް ހޫނު ދަތުރުކުރާ އެއްޗެކެވެ. މިކަމުގެ ދަލީލަކީ ބަރެއް ހަރުކޮށްގެން އައިސްބުރިއެއް ފެންތައްޓެއްގެ އަޑީގައި ބާއްވާފައި، ތަށީގެ މަތީގައިވާ ފެން،  ފެންކައްކާ ނަރުގަނޑަކުން ކެއްކިއަސް، އައިސްބުރި ހަމަ އައިސްބުރިއެއްގެ ގޮތުގައި ދިޔާ ނުވެ އަޑީގައި އޮންނަ ކަމެވެ. އަރިމަތީގައި އެވެނީ މި ތަޖުރިބާ އެހެން ގޮތަކަށް ކުރާ ގޮތެކެވެ.

ތިލަ މޫދުގެ އަޑި ހޫނުވާ ސަބަބު ދެނެގަތުމަށް ގޭގައި ވެސް ކުޑަ ތަޙުލީލެއް ކޮށްލެވިދާނެ އެވެ. ކުޑަ  ހުސް މަސްކޮށްޓެއްގެ ތެރެއަށް ދިހަ ލީޓަރުގެ ފެން އަޅުއްވާށެވެ. ދެން ބައިކިލޯ ފުއްލޮނު އެޅުއްވުމަށް ފަހު، ރަނގަޅަށް ގިރާލައްވާށެވެ. ކާކުލައިގެ ރަތް ކުލަކޮޅެއް އަޅުއްވާށެވެ. މިއީ ތިލަ މޫދުގެ އަޑީބައެވެ. ދެން ނޫ ކުލައިގެ ކާކުލައިން ދިހަ ލީޓަރު ސާފު ބޯ ފެނުގައި ކުލަ ޖެއްސުމަށް ފަހު، ފިލާކޮޅެއް ރަތް ލޮނުތަކުގެ މަތީގައި ބާއްވައިގެން ދެ ފެން ގަނޑުބަނޑު ނުވާނޭ ގޮތަށް މަޑުމަޑުން ބޯފެން ޓޭންކަށް އަޅުއްވާށެވެ. މި ޓޭންކުގެ މަތީގައި 100 ވޮޓްގެ ހޫނުވާ ވައްތަރުގެ ކުރީ ޒަމާނުގައި ގެންގުޅޭ ކަހަލަ ބޮތްކެއް ދިއްލަވާށެވެ. ނުވަތަ އަވީގައި ބަހައްޓަވާށެވެ. ހައެއްކަ ގަޑިއިރު ވުމުން ފާހަގަ ކުރެއްވޭނެ ކަމަކީ ނޫކުލަ ޖެއްސި ބޯފެނާއި ރަތްކުލަ ޖެއްސި ލޮނުފެން އެކުނުވާކަމެވެ. އަދި ރަތްކުލަ ޖެއްސި ލޮނުފެން އާދަޔާ ޚިލާފަށް ހޫނުކަމެވެ. ހޫނުކަން ހުންނާނީ 80 ސެލްސިއަސް ވަރުގައެވެ. ނޫ ކުލަ ޖެއްސި ފެން ހުންނާނީ ޖައްވުގެ ހޫނުކަމާ އެއް މިންވަރެއްގައެވެ.

އަޅުގަނޑު ދެންމެއަކު މި ދެންނެވިފަދަ މަސްކޮށްޓެއް ވަރަށް ބޮޑުކޮށް ޚިޔާލުގައި ހަދަމާތޯއެވެ؟ މިސާލަކަށް ފުންމިނުގައި ދިހަވަރަކަށް  ފޫޓު ހުރެފައި ކޮންމެ ބިތެއްގައި 180 ފޫޓު ބަހައްޓަމާތޯއެވެ؟ މި ފަދަ ކޮށްޓަކަށް ލޮނު އެޅުމަށް ފަހު ދެތިން މަސް ވަންދެން އަވިދޭ ގޮތަށް ބެހެއްޓުމުން އަޑީފަށަތަލަކުގެ ހޫނު ކަން ވަރަށް މައްޗަށް ދެއެވެ. ރޭގަނޑު ވުމަކުން ހޫނުކަމެއް ނުގެއްލެއެވެ. ދުވާލުވުމުން ހޫނުކަން އިތުރުވެއެވެ. މިފަދަ ހޫނު ލޮނުގަނޑަކީ އިރުގެ އަވިން ކަރަންޓާއި ފެން އުފެއްދުމަށް ބޭނުން ކުރާ އެއްޗެކެވެ. ނަމަކަށް ކިޔަނީ ސޯލާ ޕޮންޑެވެ. ލަފުޒީ މާނައަކީ އިރުގެ ފެންގަނޑެވެ. ތިރީގައި އެވަނީ މި ދެންނެވި ބޮޑުމިނުގެ ލޮނުގަނޑެއްގެ ފޮޓޯއެކެވެ.

ކަޅު ދަވާދުލީ ތަކެތި އަވީގައި އޮތުމުން ގަދަޔަށް ހޫނުވާކަން ގިނަ މީހުންނަށް އެނގޭނެއެވެ. ކަޅު ކާރަކަށް ވުރެ ހުދު ކާރެއްގެ އެތެރެ ފިނިވާނެއެވެ. ރާއްޖޭގައި ހުދު ކާރު ގިނަ އެއް ސަބަބަކީ އެއީ އެވެ. ފާރެއްގައި ކަޅު ދަވާދު ލައިފި ނަމަ، އަވި ދިނުމުން އެ ފާރު، ހުދު ފާރަކަށް ވުރެ ބޮޑަށް ދޮންވާނެއެވެ. ހުދު ފާރުތައް ރާއްޖޭގައި ގިނަ އެއް ސަބަބަކީ އެއީ އެވެ. ކުރިން ދެންނެވި ފަދަ ލޮނުގަނޑު ހަދާ އިރު ފެންގަނޑުގެ އަޑީގައި އޮންނަނީ ކަޅު ޕްލާސްޓިކް އަޅާފައެވެ. މިހެން ހެދުމުން ލޮނުގަނޑު އަޑިއަށް ނުފޭދުމާ އެކު، ހޫނުކަން ގަދަވެއެވެ. އަދި ބައެއް މީހުން މިފަދަ ފެންގަނޑަށް ކަޅު ކުލަ އަޅައެވެ. އޭރުން ވެސް ފެންގަނޑުގެ ހޫނުކަން ވަކިން ގަދަވެއެވެ. ހޫނުވަނީ ކިހާ ވަރަކަށްތޯއެވެ؟ ފެންގަނޑުގެ ދަށު ފަށަލައިގެ ހޫނުކަން   80 އާއި 90 ސެލްސިއަސް އަށް އަރައެވެ. ފެން ކެކެނީ 100 ސެލްސިއަސްގައެވެ. 80 ވަރަކަށް  ސެލްސިއަސް ހޫނު މިނުގައި ގިނަ އިރުވުމުން ތަކެތި ރޯފިލާނެއެވެ. ތިރީގައިވާ ޗާޓުން އެ ފެންނަނީ އެކި ފުންމިނުގައި ހޫނުކަން ހުރި ވަރެވެ.

އާދެ! ތި ކުރައްވާ ސުވާލަކީ، 80 ވަރަކަށް ދަރަޖައިގެ ހޫނުކަންހުރި  އެތައް ބައިވަރު ލޮނެއް ލިބުމުން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ތިއީ ވަރަށް ރަނގަޅު ސުވާލެކެވެ.  ބޭނުން ތެރި އެތައް ކަމެއް އެފަދަ ހޫނުން ކުރެވޭނެއެވެ. ހޫނަކީ ހަކަތައެވެ. ހޫނު ލޮނުގައިވާ ހަކަތައިން ކަރަންޓު ވެސް އުފެއްދޭނެއެވެ. އަދި ބޯ ފެނާއި ލޮނު ވެސް އުފެއްދޭނެއެވެ.

ކަރަންޓް އުފައްދަން ހަދާގޮތަކީ، ފަސޭހައިން ގޭހަށްވާ ދިޔައެއް ހޮޅިއަކުން ހޫނު ލޮނު ފޮނުވައިގެން ޓޭންކެއްގައި ހޫނުކުރަނީއެވެ. މި ދިޔަ ހޫނުވުމުން ގޭހަށް ބަދަލުވެއެވެ. ގޭހަށް ދިޔާ ކޮންމެ އެއްޗެއް ބަދަލުވާއިރު ވެސް ވަރަށް ބޮޑަށް ފުފި، ފެން އާތްވަށް ވާހެން ޕްރެޝަރު މަތިވެއެވެ. ދެން މިގޭހުން ޖެނެރޭޓަރަކާ ގުޅާފައިވާ ބުރަފައްޗެއް (ޓާރބައިން އެއް) އަނބުރަނީ އެވެ. މިއަށް ފަހު، ފިނި ލޮނުން ގޭސް ފިނިކޮށް ދިޔައަށް ހަދަނީއެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ ސޯލާ ޕޮންޑުން ކަރަންޓު އުފައްދާ ގޮތެވެ. ފެން އާތްވަށް ވަނީ 100 ދަރަޖައިގައި ކަމުގައި ވިއަސް، މި ނިޒާމުގައި ބޭނުންކުރާ ދިޔަ ގޭހަށް ވަނީ 80 ވަރަކަށް ދަރަޖައިގެ ހޫނުގައެވެ. ދިޔައިގެ ޢާއްމު ނަމަކީ އާރު-114 އެވެ.

80 ވަރަކަށް ދަރަޖައިގެ ހޫނުން ހިންގާ އިންޖީނު ހުންނާނެކަން ވިސްނުމަށް ގެންނަން ފަސޭހައެވެ. އެއީ އިސްޓީމުން ނުވަތަ ފެނުގެ އާވިން ހިންގާ ރޭލު ހުންނާތީއެވެ. މިހާރުވެސް އެމެރިކާގައި އުފައްދާ ކަރަންޓުގެ %90 އުފައްދަނީ އާވިން ހިންގާ އިންޖީނުންނެވެ. ބޮޑެތި ހުރިހާ އިންޖީނުގެއަކީ އާވިން ބުރަފައްޗެއް (ޓާރބައިންއެއް) އަނބުރައިގެން ހިންގާ އިންޖީނުން ކަރަންޓު އުފައްދާ ތަންތަނެވެ. ފެން އާތްވަށް ވަނީ 100 ދަރަޖައިގައެވެ. ނަމަވެސް އެހެން ބައެއް ތަކެތި މާ އަވަހަށް އާތްވަށް ވެއެވެ. މިސާލަކަށް ކޯލާވޯޓަރު އާތްވަށް ވެގެން ދާލެއް މާ އަވަހެވެ. ގައިގެ ހޫނުން ވެސް ބައެއް ސެންޓު އާތްވަށް ވެގެން ދެއެވެ.

އަވީގެ ހޫނު ހިފަހައްޓާ ލޮނުގަނޑުން ނުވަތަ ސޯލާ ޕޮންޑުން ބޯ ފެންވެސް އުފެއްދިދާނެއެވެ. މަތީގައިވާ ފޮޓޯގައި އެވާ ލޮނުގަނޑުން ބޯ ފެން ވެސް އުފައްދައެވެ. މި ކަންކުރާ ގޮތަކީ ލޮނުގަނޑުގެ ހޫނުން މޫދު ލޮނު ކައްކާ އެއިން އުފެދޭ އާވި ފިނިކުރަނީ އެވެ. ދެން މި އާވި ފެނަށް ބަދަލުވެއެވެ.  މިގޮތަށް އުފައްދާ ފެން، ރާއްޖޭގައި ޢާއްމުކޮށް ވިއްކާ ފުޅީފެނަށް ވުރެ މީރުވާނެއެވެ.

ދެން ތިކުރައްވާ ސުވާލަކީ 80 ދަރަޖައިގައި ފެން ކެކޭނެ ހެއްޔެވެ؟ ޖަވާބަކީ އާއެކެވެ. ފެން 30 ދަރަޖައިގެ ހޫނުން ވެސް ކެއްކިދާނެއެވެ. ފެން ކެކޭ ހޫނުމިން ބިނާވަނީ އޭގެ މަތީގައިވާ އޮބުމަށް، ފިއްތުމަށް ނުވަތަ ޕްރެޝަރަށެވެ. އަހުރެމެން މިއުޅޭ ހިސާބު ބިންމަތީގައި ޖައްވުގެ ޕްރެޝަރު ހުންނަ ގޮތުން 100 ދަރަޖައިގައި ފެން ކެކެނީއެވެ. ފިއްތުން މައްޗަށް ޖައްސައިފިނަމަ، ފެން ކެކޭ ހޫނުމިން މަތިވާނެއެވެ. ޕްރެޝަރު ކުޑަކޮށްފިނަމަ، ފެން ކެކޭނީ މާ ދަށް ހޫނުމިނެއްގައެވެ. ބާޒާރުގައި ޕްރެޝަރ ކުކަރ ކިޔާ ވަރަށް ބާރަށް މަތި ޖެހޭ ތެއްޔެއް ވިއްކަން ހުރެއެވެ. މިއީ އަވަހަށް އަގުހެޔޮކޮށް ކެއްކުމަށް ގެންގުޅޭ ތެއްޔެކެވެ. މިފަދަ ތެއްޔެއްގައި ފެން 120 ދަރަޖައިގައި ކެކެއެވެ. ހޫނު ގަދަވީމާ، ވަރަށް އަވަހަށް ތަކެތި ރޯފިލާނެއެވެ. ފަރުބަދަމަތީ ރަށްރަށުގައި، ވައިގެ ޕްރެޝަރު ދަށެވެ. ބައެއް އުސް އަވަށް ތަކުގައި ފެން ކެކެކީ 80 ވަރަކަށްދަރަޖައިގައެވެ. ދަށް ފިނިހޫނުމިނެއްގައި ފެން ކެކެންޏާ، ކާތަކެތި ރޯފިލާނީ ގިނައިރު ކައްކައިގެންނެވެ.

ހޫނު ހިފެހެއްޓިފައި ހުންނަ ލޮނުގަނޑުން  މޫދު ލޮނު ކައްކަން ހަދާ ގޮތަކީ، އެއްޗަކަށް މޫދު ލޮނު އަޅައި، ހޫނު ލޮނު އޭގެ ތެރެއިން ދައުރުކޮށްގެން ހޫނުކުރަނީއެވެ. ދެން ލޮނު އެޅި އެއްޗާ ޕަންޕެއް ގުޅައިގެން ލޮނުގަނޑުގެ މަތީގައި ހުރި ވައި ދަމައި ހުސްކުރަނީ އެވެ. މިހެން ހެދުމުން ލޮނު ކެކެން ފަށައެވެ. އާވީގެ ގޮތުގައި އަރަނީ ސާފު ފެނެވެ. ދެން މިފެން ފިނި ހޮޅިއެއްގައި ޖައްސައި ފެނަށް ހަދަނީއެވެ. އެއްވެސް އެއްޗެއް ނެތުމުން އިނގިރޭސިބަހުން ކިޔަނީ ވެކިޔުމް އެވެ. خواء  އެވެ. މިފަދަ ޕަންޕަން ކިޔަނީ ވެކިއުމް ޕަންޕެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ޢާއްމު އެއްޗެކެވެ. ލޮނު އަޅާފައި ހުރި އެއްޗެއްގެ މަތީގައި ހުރި ވައި ހުސްކުރި ވަރަކަށް، އެ ކެކޭލެއް އަވަސް ވާނެއެވެ. އަދި ދަށް ހޫނެއްގައި ކެކޭނެއެވެ. ބިއްލޫރި ފުޅިއެއްގެ މެދަށް ފެން އަޅާފައި، އެއާ ވެކިއުމް ޕަންޕެއް ގުޅައިގެން، ހޫނު ނުކޮށް (ޖައްވުގައި ހުންނަ ހޫނުމިނުގައި) ފެން ކެކެނިކޮށް އަޅުގަނޑު ދުށީމެވެ. އެހެންކަމުން 80 ދަރަޖައަށް ހޫނު ލޮނު، ކެއްކުމަކީ ދާދި ފަސޭހަ ކަމެކެވެ. މި ވީޑިއޯ އިން 45 ދަރަޖައިގައި ފެން ކެކެނިކޮން ފެނެއެވެ.

ތިރީގައި އެވާ ފޮޓޯއިން އެ ފެންނަނީ ހޫނު ލޮނުގަނޑެއްގައިވާ ހޫނު ބޭނުންކޮށްގެން ބޯފެން އުފައްދާ މެޝިނެކެވެ.

ރާއްޖޭގެ ރަށެއްގެ ފަޅުން ބައެއްގައި ވަށައިގެން ތޮށްޓެއްލައި، ސޯލާ ޕޮންޑެއް ހަދައިފިނަމަ، އެ ރަށަށް ބޭނުންވާ އެންމެ މުހިއްމު ދެ އެއްޗެއް ކަމުގައިވާ ފެނާއި ކަރަންޓް އަވިން އުފެއްދިދާނެއެވެ. މިގޮތަށް މިކަން ކުރާނެ ޓެކްނޯލޮޖީ މިހާރު ވެސް ލިބެން އެބަހުއްޓެވެ.