ފުދުންތެރިކަމުގެ މަތިވެރިކަން 2

ފިނިފެންމަލުގެ ބަގީޗާ — ތިންވަނަ ބާބު • ދެވަނަ  ބައި

—16—

މާތް ﷲ ސަލާމް ލެއްވި މޫސާ ގެފާނާ ދަރުވޭސީއަކު ބައްދަލު ވިއެވެ. އޭނާވަނީ އަންނައުނު ނެތުމުން އޮރިޔާންކަން ފޮރުވަން ހަށިގަނޑުގެ އެއްބައި ވަޅުލެވިގެންނެވެ. އޭނާ ދެންނެވިއެވެ: ”ތިމަންނާއަށް ފައިސާކޮޅެއް ދެއްވާތޯ ދުޢާއެއް ކޮށްދެއްވާށެވެ! އަހުރެންވަނީ ބަނޑުފައިގަނެގެން މަރުވާ ވަރުގައެވެ.“

މޫސާގެފާނު ދުޢާފުޅެއް ކުރައްވައި، ދުރަށް ދަތުރުކުރައްވައިފިއެވެ. ދުވަސްކޮޅެއްގެ ފަހުން އެނބުރި ވަޑައިގެންނެވި އިރު، ފެނިވަޑައިގެންނެވީ އޭނާ ހައްޔަރު ކުރެވިފައިވާތީއެވެ. އޭނާގެ ވަށައިގެން ހަޅޭއްލަވަމުންދާ ބަޔަކު ވިއެވެ. ވީގޮތް ބެއްލެވުމުން އެމީހުން ދެންނެވީ، އޭނާ ރާ ބޮއެގެން، ޒުވާބުކޮށް މީހަކު މަރާލައިގެން އެކަމުގެ ބަދަލުގައި އޭނާ ޤަތުލު ކުރެވެނީ ކަމަށެވެ.

މިސްކީނު ބުޅަލަށް ފިޔަ ލިބިގެން ވާނަމަ،
ހުރިހާ ކުރުއްލަވަ ދޫންޏެއްގެ ބިސް، ބުޅާ ފޭރިގަތީހެވެ.
ނިކަމެތި މީހަކަށް ބާރެއް ލިބިއްޖެނަމަ،

ނިކަމެތި އެންމެންގެ އަތް އޭނާ އެނބުރީހެވެ.

 
ހުރިހާ އެންމެން މާތް ﷲ މުދާވެރި ކުރެއްވިނަމަ،

އެމީހުން ދުނިޔެ ފިތުނަ ކުރީހެވެ.

މޮޔަޔާއެވެ. ތިބާ މަރުވާނެ ނުރައްކަލުގެ ތެރެއަށް ވައްދަނީ ކޮން ކަމެއް ހެއްޔެވެ؟

ހިންޏަށް ނު އުދުހެވޭނެ ނަމައެވެ.

ގޮތެއް ނެތް މީހަކަށް ޤަދަރާއި ރިއްސާއި ރަން ލިބިއްޖެނަމަ،

އޭނާގެ ބޮލުގައި ޖެހުމަށް އެދެވިގެން ވެއެވެ.

މިހުރިހާ ވާހަކައެއް ދެއްކި ޙަކީމަކު މިހެއް ނުބުނޭ ހެއްޔެވެ؟

އެންމެ ރަނގަޅު ހިއްޏަކީ ފިޔަނެތް ހިންޏެވެ.

މަތިވެރި ފަރާތުގައި ހުސްނުވާ މާމުއި ހުރި ނަމަވެސް

ދަރިން ވަނީ ހޫނުއަރާ ބައްޔެއްގައެވެ.

ތިބާ މުއްސަންޏަކަށް ނުހައްދަވާ ފަރާތަށް
ތިމާއަށް ރަނގަޅުގޮތް، ތިބާއަށް ވުރެ ބޮޑަށް ދެނެވޮޑިގެން ވެއެވެ.

—17—

ބަސަރާގެ ކައިރީގައިވާ ސަހަރާގެ ތެރޭގައި، ޖަވާހިރުވިއްކާ ބައެއްގެ މެދުގައި، ޢަރަތްބަކު އިށީދެގެން އިނދެ ތަފާތު ވާހަކަތައް ކިޔައިދެމުން ގެންދަނިކޮށް އަހުރެންނަށް އަޑު އިވުނެވެ. އޭނާ ކިޔާދިނެވެ: ”އެއް ފަހަރު އަހުރެން ސަހަރާއަށް ގެއްލި، އަތުގައި ހުރި ހުރިހާ ކާއެއްޗެއް ހުސްވެ ދަތިހާލު ކުރިމަތި ވެއްޖެއެވެ. މަރުވާނެކަމަށް ހިތާ އަހުރެން ހިނގަމުން ދަނިކޮށް ކޮތަޅެއް ފެނިއްޖެއެވެ. އޭގައި ގޮދަން ހުރިކަމަށް ހީކޮށް ވީ އުފަލާއި އޭގައިވަނީ މުތްކަން އެނގުމުންވީ ދެރަ އަހުރެން ދުވަހަކުވެސް ހަނދާނަކުން ނުފިލާނެއެވެ.“

ތެތްކަމެއް ނެތް ސަހަރާގައި، ވަޔާއެކު އެތަންމިތަނަށް ދުވާ ވެލިގަނޑުގައި، ފެންބޮވައިގަނެފައިވާ މީހަކަށް  އޭނާގެ އަނގައިގައި ހުރީ މުތް ނުވަތަ ރިދަނލި ކަމުގައި ވިއަސް މިފަދައެވެ. މީހެއްގެ އަތުގައި ކާނެބޯނެ އެއްޗެއް ނެތިފައި، ގައިގެ ވަރު ހުސްވުމުން، އޭނާގެ ކަމަރުގައި ޖަހާފައި ހުރީ މުތް ކަމަށް ވިއަސް ނުވަތަ ތަށިމުށި ކަމުގައި ވިއަސް ވާނޭ ތަފާތެއް ނޯންނާނެ އެވެ.

—18—

ޢަރަތްބަކު ސަހަރާގައި، ކަރުހިއްކައިގެން ހަލާކުވާން ކައިރިވުމުން ބުންޏެވެ: ”މަރުވުމުގެ ކުރިން އަހުރެންގެ އުއްމީދު ޙާޞިލް ވާނެ ނަމައެވެ. އެއީ ކޯރެއްގެ ރާޅުތައް ކަކުލަށް ޖެހުމާއި އަހުރެންގެ ފެންއަޅާ ހަން ފުރާލުމެވެ.“

ހަމަ މި ބީދައިން ދަތުރުވެރިއަކަށް ބޮޑު ބިމަކަށް ގެއްލި ދާނެ ނުދާނެތަނެއް ނޭނގި، ދަބަހުގައި ހުރި ކާނާ އާއި  ގައިގެ ބާރު ހުސްވެފައި ވިއެވެ. ނަމަވެސް އަތުގައި ފައިސާ ހުއްޓެވެ. އޭނާ އެކި މަގުމަގުން ހިނގައި ހަކަތަ ހުސްވެގެން މަރުވެއްޖެއެވެ. މީހުންނަށް ފެނުނީ އޭނާގެ ޤަބުރެވެ. ފައިސާކޮޅު ކުރިމަތީގައި ހުއްޓެވެ. ފައިސާކޮޅާ ޖެހިގެން ބިންމަތީގައި ލިޔެފައި ވިއެވެ: ”މީހެއްގެ އަތުގައި ޖަޢުފަރީގެ ހުރިހާ ރަނެއް ވީނަމަވެސް، ބަނޑުފައިގަނެފައިވާ މީހަކަށް އެއަކުން ކުރާނޭ މަންފާއެއް ނޯންނާނެއެވެ. ސަހަރާގައި އަނދާފައިވާ ފަޤީރަކަށް، ފެނުކެއްކި ސަލަޖަމް އަލުވި ސާފު ރިއްސަށް ވުރެ އަގުބޮޑުވާނެ އެވެ.“

—19—

ފައިވާނެއް ގަންނާނެ ފައިސާ ނެތިގެން ހިނގާފައި އުޅެން ޖެހުނު ފަހަރު ނޫނީ،  ޒަމާން ދިރިއުޅުމަށް ގެންނަ އަަޑިގުޑަންތަކާއި ތަޤްދީރު ގެންނަ ބަދަލުތަކާ މެދު އަހުރެންގެ އެއްވެސް ޝަކުވާއެއް ނުވެއެވެ. އެކަމަކު ފައިވާނެއް ނެތީތީވެ، ހިތްދަތިކަމާ އެކު އެއް ފަހަރަކު ކޫފާގެ ބޮޑު މިސްކިތަށް ވަންނަނިކޮށް އަހުރެންނަށް ފެނުނީ ދެ ފައިތިލަ ނެތް މީހެކެވެ. ދެން ﷲ އަހުރެންނަށް ދެއްވި މަތިވެރި ނިޢުމަތަށް ޙަމްދާއި ޝުކުރުކޮށް، ފައިވާން ނެތަސް ފައިތިލަ ވީކަމަށްޓަކައި ހިތްހަމަޖައްސައިލީމެވެ.

ބަނޑު ފުރިފައިވާ މީހަކަށް
މޭޒުމަތީގައި އޮތް ވިނަ ފަތަކަށް ވުރެ
ރޯސްކުރި ކުކުޅެއްގެ އަގު ކުޑަވާނެއެވެ.
ފައިސާއެއް ބާރެއް ނެތް މީހަކަށް
އަނދާފައިވާ ޝަލަޖަމް އަލައެއް ވާނީ ރޯސްކުރި ކުކުޅަކަށެވެ.

—20—

ފިނިމޫސުމެއްގައި ރަސްކަލަކު އެއްގަމު ކެޔޮޅުކަމު ނުކުންނަވައިގެން އުޅުއްވަނިކޮށް، މީހުން އުޅޭ ބިސްތީއާ ދުރަށް ވަޑައިގެންނެވި،  އިރު އޮއްސި އަނދިރިވާން ފަށައިފިއެވެ. ރަސްގެފާނަށް ދަނޑުވެރިއެއްގެ ޖިފުޓި ފެނިވަޑައިގެން ވިދާޅުވިއެވެ: ”މިރޭގެ ފިނިން އަހުރެމެން ރައްކާތެރިކަން ހޯދާނީ އެ ގޭގައި މަޑުކޮށްގެންނެވެ.“ ވަޒީރުންގެ ތެރެއިން އެކަކު އެކަމަށް އިންކާރު ކުރެއްވިއެވެ.  ދަނޑުވެރިއެއްގެ ގެއިން ރައްކާތެރިކަން ހޯދުމަކީ ރަސްކަލެއްގެ މަތިވެރި ޤަދަރާ އެކަށީގެންވާ ކަމަކަށް ނުވާތީ ކަމަށް ވިދާޅުވެ، މިހާރު ތިއްބެވި ތަނުގައި ފޭލިގެ ޖައްސަވައި އަލިފާން އަންދައިގެން ހޫނުކުރުން މާރަނގަޅުވާނެކަމަށް ވަޒީރު ދެންނެވިއެވެ.

ދެކެވެމުންދާ ވާހަކަ، ދަނޑުވެރިޔާއަށް އެނގި، ގޭގައި ތައްޔާރުކޮށްފައި ހުރި ކާނާކޮޅެއް ރަސްގެފާނަށް އަރުވާފައި، ޚިދުމަތުގެ ބިންމަތީގައި ބޮސްދެއްވާފައި ދެންނެވިއެވެ: ”ރަސްގެފާނުގެ މަތިވެރި ޤަދަރު އެވަރަށް ތިރި ވާނީކީ ނޫނެވެ. ނަމަވެސް، އެކުގައިވާ ވަޒީރުން ދަނޑުވެރިއެއްގެ ޤަދަރު މަތިވާން ނޭދެވެނީއެވެ.“

ދަނޑުވެރިޔާގެ މި ބަސްތަކަށް ރަސްގެފާނު ރުހިވަޑައިގެން އެ ޖިފުޓީގައި ރޭކުރައްވައި، ހެނދުންވުމުން، ޙުރުމަތުގެ ލިބާސްކޮޅެއް ދަނޑުވެރިޔާއަށް ދެއްވައި ދަތުރަށް ފައްޓަވައިފިއެވެ.

ދަތުރަށް ފެއްޓެވިއިރު، ރަސްގެފާނުގެ އަރިހުގައި ތަންކޮޅަކަށް ދަމުން އޭނާ މިހެން ބުނާ އަޑު އިވުނެވެ:

ދަނޑުވެރިއެއްގެ މެހެމާންދާރީ ޤަބޫލުފުޅު ކުރެއްވުމަކުން
ރަސްގެފާނުގެ ޤަދަރާއި ޝައުކަތުން އެކައްޗެއްވެސް އުންޏެއް ނުވިއެވެ.
ތިބާ ފަަދަ ރަސްކަލެއްގެ ހިޔަނި ދަނޑުވެރިއެއްގެ ތާކިހަލަށް އެޅުމުން،
ތާކިހަލުގެ ކުރި އިރާ ހަމައަށް އަރައިގެން ހިނގައްޖެ އެވެ.

—21—

ގިނަ ޢަދަދެއްގެ މުދައު އެއްކޮށްފައިވާ ދަކު ސަލާން ޖަހާ މީހަކާ މުޚާޠަބުކޮށް ރަސްގެފާނެއް ވިދާޅުވިއެވެ:

”ރީބައެއް ނެތި އަހުރެމެންނަށް އެނގެނީ ކަލޭގެ އަތުގައި ޙައްދެއް ނެތް މުދައު ވާކަމެވެ. ދައުލަތަށް މިހާރު ދިމާވެފައިވާ ދައްޗަކާ ހެދި، އަހުރެން އެދެނީ ސަރުކާރަށް ލޯނެއް ދިނުމެވެ. ސަރުކާރުގެ ޙާލަތު ރަނގަޅުވެ ފައިސާ ލިބެން ފެށުމުން ލޯނު އަދާކުރާނަމެވެ.“

ދަކު މީހާ ޖަވާބު ދިނެވެ: ”އަހަރެން ފަދަ، ފުކަކުން ފުކަކުން މުދައު އެއްކޮށްފައިވާ މީހެއްގެ އަތުން ފައިސާ ހޯއްދަވައިގެން މަނިކުފާނުގެ މަތިވެރި އުއްމީދުތަކުގެ އަތް ހަޑިކުރެއްވުމަކީ ރަސްކަލެއްގެ ޙުރުމަތާއި ބާރާ އެކަށީގެންވާ ކަމެއް ނޫނެވެ.“

ރަސްގެފާނު ޖަވާބު ދެއްވިއެވެ: ”ތިކަމާ ކަންބޮޑު ނުވާށެވެ. މި ފައިސާ ޚަރަދުކުރާނީ ކާފަރުންނެވެ.“

ނުލަފާ އަންހެނުންނާ ގުޅުވަން ޖެހޭނީ ނުލަފާ ފިރިހެނުންނެވެ.
ނަޞޯރާއެއްގެ ވަޅު ތާހިރު ނޫނަސް
ޔަހޫދީއެއްގެ ޤަބުރު އެއިން ދޮވުމުގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟
އެމީހުން ބުންޏެވެ: ”އުވަ ފެން ތާހިރެއް ނޫނެވެ.“

އަހުރެން ބުނީމެވެ: ”އުވަފެން މި ބޭނުންކުރަން އުޅެނީ ފާޚާނާ ހޮޅި ބައްދާށެވެ.“

އަހުރެން އަޑުއެހިގޮތުގައި، ދަހި ސަލާންޖަހާ މީހާ ރަސްގެފާނުގެ އެދުންފުޅަށް އިންކާރު ކޮށް، ނުރުހުންތެރިކަން ދެއްކުމުން ގަދަކަމުން އެ ފައިސާގެ މިންވަރު އޭނާގެ އަތުން ނަގަން އަމުރުކުރައްވައި އިންޒާރެއް ދެއްވިއެވެ.

މަޑުމައިތިރި ކަމުން މައްސަލައެއް ޙައްލު ނުވުމުން
އޭނާ ބޭއަދަބަށް ބޯ އަނބުރައެވެ.
އޭނާގެ ނަފުސަށް ޤަދަރެއް ނެތް މީހާއަށް

އޭނާއަށް އެއްވެސް މީހަކު ޤަދަރެއް ދޭނެ ކަމެއް ނެތެވެ.

—22—

ސާޅީސް އަޅުންނާއި ޚައްދާމުންނާއި ސަތޭކަ ފަންސާސް ޖަމަލުގެ މުދައު ގެންގުޅޭ ސާދާގަރަކާ އަހުރެންނާ ދިމާވިއެވެ. ކީޝްގައިވާ ސަހަރާގެ ބަގީޗާއަކުން އޭނާއާ ބައްދަލުވެގެން އޭނާގެ ގެއަކަށް އަހުރެން ގެންގޮސްފިއެވެ. މުޅި ދަން އޭނާ ހޭދާކުރީ އަހުރެންގެ ކައިރީގައި މިފަދަ ވާހަކަތައް ދައްކާށެވެ:  ”ތުރުކިސްތާނުގައި އަހުރެންގެ ގުދަނެއް ހުރެއެވެ. އަދި ހިންދުސްތާނުގައި އަހުރެންގެ މިފަދަ މިފަދަ މުދައު ވެއެވެ. މިއޮތީ މިވެނި ބިމެއްގެ ފަތެވެ. މިފަތަށް ހެކިވަނީ އެވެނި މިވެނި މީހެކެވެ. އަހުރެން ގަސްދުކުރަނީ ދިރިއުޅެން އިސްކަންދަރިޔާ އަށް ދާށެވެ. އެއީ އެތަނުގެ މޫސުން ރަނގަޅުކަމުންނެވެ.“ މިހެން ބުނެފައި ކުރިން ބުނެވުނު އެއްޗެއް ގޯސްވެގެން ވާހަކަ ކުރިއަށް ގެންދިޔައެވެ: ”ނޫނެކެވެ. އެއީ އެފްރިކާގެ ކަނޑު ރީތިކަމުންނެވެ. ސަޢުދީއެވެ. ދެން އަހުރެން ކުރާނީ އެއް ވިޔަފާރި ދަތުރެވެ. އެއަށް ފަހު އަހުރެންގެ ޙަޔާތުގެ ބާކީބައިގައި ވަކިން އުޅެ އަރާމުކުރާނީއެވެ. އަދި ފުދިފައިވާ ދިރިއުޅުމަކާއިގެން ދިރި އުޅޭނީއެވެ.“

އަހުރެން ސުވާލުކުރީމެއެވެ: ”އެއީ ކޮން ދަތުރެއް ހެއްޔެވެ؟“

ސާދާގަރު ޖަވާބު ދިނެވެ: ”އަހުރެން ފާރިސްކަރައިން ކައްސަނދުވާނި ގަނެގެން ސީނުކަރައަށް އެ ވިއްކާނީއެވެ. އެއީ އެތަނުގައި އޭގެ އަގު ވަރަށް ރަނގަޅުކަމަށް އިވިފައި ވާތީއެވެ. ދެން ސީނު ކަރައިން ތަށިމުށި ތަކެތި ރޫމީންނަށް ވިއްކާ، ރޫމީންގެ އަތުން ޖަރީކުރި ފޮތި ހިންދުސްތާނަށް ވިއްކާނީއެވެ. އަދި ހިންދުސްތާނުގެ އެކަތަ ޙަލްބަށް ވިއްކައި އެތަނުގެ ބިއްލޫރި ޔަމަނަށް ވިއްކާނީއެވެ. ޔަމަނުގެ ސީޓުފޮތި، ޕަރެސް އަށް ގެންދާނީއެވެ. މިއަށް ފަހު، ވިޔަފާރި ދަތުރުކުރުން ހުއްޓައި، އަހުރެން ފިހާރައެއްގައި މަޑުކުރާނީއެވެ.“

މިފަދަ ހާސަރު ކިޔުމުގައި އޭނާ ހޭދަކުރި ވަގުތު ގިނަކަމުން ގައިން ބާރު ހުސްވެގެން އަހަރެންނާ ސުވާލު ކުރިއެވެ: ”ސަޢުދީ އެވެ. ކަލޭވެސް ކަލެއަށް ދިމާވި ކަންތައްތަކާއި ފެނުނު ކަންތައްތަކުން ޚަބަރުކޮށްދީ ބަލާށެވެ.“

އަހުރެން ޖަވާބުގައި ބުނީމެވެ: ”ގޫރުގެ ހަމަ ބިމެއްގައި އެއް ފަހަރަކު، ވެރިޔަކު އޭނާ އަރާ އިން ސަވާރީއިން ވެއްޓުނު ވާހަކަ ކަލޭ އަޑުއަހާފައި ވެދާނެއެވެ. އޭނާ ބުނެފައި ވެއެވެ: ”މުއްސަނދި މީހެއްގެ ހަނި ލޯ ފޮރުވޭނީ، ފުދިގެން ވުމުން ނޫނީ ކަށްވަޅުގެ ވެލިންނެވެ.“

—23—

ޙާޠިމް ޠާއީ އޭނާގެ ދީލަތިކަމަށް މަޝްހޫރުވެފައިވާ ފަދައިން، އޭނާގެ ދަހިކަމަށް މަޝްހޫރު ސާދާގަރެއްގެ ވާހަކަ އަހުރެން އަޑުއެހީމެވެ. ބޭރުފުށުން އޭނާގެ މުއްސަނދިކަން ދައްކައެވެ. އެކަމަކު އޭނާގެ ޠަބީޢަތުގެ ނުބައިކަމުން އެއްވެސް މީހަކަށް ފާރޮށި ފުކެއް ދީ ނުވަތަ އަބޫހުރައިރާގެ ބުޅަލަށް ކާއެތިކޮޅެއް އެއްލައި އަދި ހޮހޮޅައިގައިވި އެކުވެރިންގެ ކުއްތާއަށް ކަށިކޮޅެއްވެސް ނުއެއްލީހެވެ.  ކުރުކޮށް ބުނާނަމަ، އެއްވެސް މީހަކަށް އޭނާގެ ދޮރޯށި ހުޅުވިފައި އަދި އޭނާގެ ސުފުރާ ފެތުރިފައި ވަނިކޮށް ފެނިފައެއް ނުވާނެއެވެ.

ވަސްނޫނީ އޭނާގެ ކާނާއިން ދަރުވޭސީންނަށް ވެސް ނުލިބެއެވެ.

އޭނާގެ ރޭގަނޑުގެ ކެއުމުން ބާކީވާ ބައި ލިބެނީ ކުކުޅު ހާލަށެވެ.

އެއް ފަހަރަކު ރޫމީ ކަނޑުގައި، ފިރުއައުނުގެ ބޮޑާކަމާއެކު ދަތުރުކުރަމުން ދަނިކޮށް، ފަހިނޫން ވައެއް ނަވުގައި އަޅައިފިއެވެ. އެއީ މީހުން މިހެން ބުނާ ފަދައިންނެވެ:

ތިބާގެ ހިތާމަވެރި ޙާލަތަށް ވައި ފަހިނުވުމުން ތިބާގެ ހިތަށް ކޮށްދެވޭނީ ކީއްހެއްޔެވެ؟

ހުރިހާ ޙާލަތެއްގައި ނަވަކަށް ވައެއް ފައްސިޔައެއް ނުވާނެއެވެ.

ދުޢާ ކުރުމަށް އޭނާގެ އަތް މައްޗަށް ނެގިއެވެ. ނަމަވެސް އެ ދުޢާ އަކުން މަންފާއެއް ނުކުރިއެވެ. އެއީ ﷲ އަންގަވާފައިވާ ފަދައިންނެވެ: ”ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެ އަށް އީމާންކަން ޚާލިޞް ކުރާ ޙާލުގައި، ﷲ އަށް އެއުރެން ދުޢާ ކުރެތެވެ.“ (އަންކަބޫތު ސޫރަތުގެ 65 ވަނަ އާޔަތުން ބައެއް)

ދުޢާއެއް ކުރަންޖެހުމުން އާދޭސް ކުރުމަށް މައްޗަށް ނަގާ
ތަނަވަސް ކަމުގެ ވަގުތުގައި ކިހިލިފަތްދަށަށް ލާ ފޮރުވާ

ހާޖަތެއް ޖެހުމުން ބޭނުންކުރާ އަތުގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟

އަރާމާއި ރަނާއި ރިހި ހޯދައިދޭށެވެ.
އަދި މިކަމުން ތިބާ މަންފާ ލިބިގަންނާށެވެ.
ތިބާގެ ތަނަވަސްކަމުގެ ޙާލަތު ދެމިއޮތުމަށް

ރަނާއި ރިހީގެ ގަލަކުން އެގެ ރާނާށެވެ.

ނަވުގައި ޣަރަޤުވެ މަރުވި ސާދާގަރުގެ ތިމާގެ މީހުންތަކެއް މިސުރުގައި ވިއެވެ. އެމީހުންނަށް ވާރުތައިން ލިބުނު މުދަލުން ތަނަވަސްކަން ލިބުމުން ބައު އަންނައުނުތައް އިރާލާފައި ވަޅުލައި، ފަށުވިއާއި ދަމިއާރީ ފޮތިން އަންނައުނުތައް އައު ކޮށްފިއެވެ. ހަމަ އެ ހަފުތާގައި އޭގެ ތެރެއިން މީހަކު ބާރަށް ދުވާ އަހަކަށް އަރައިގެން ދަނިކޮށް އަހުރެން ދުށީމެވެ. އޭނާގެ ކައިރީގައި ބުރުސޫރަ ރީތި ޣުލާމެއް ވިއެވެ. އަހުރެން ބުނީމެވެ: ”ވާ ވާ އެވެ! ސާދާގަރު އޭނާގެ ތިމާގެ މީހުން ގާތަށް ދުނިޔެއަށް އަނބުރާ އަންނާނޭ ނަމައެވެ. އޭނާގެ މުދައު ތިމާގެ މީހުންނަށް ލިބުނީމާ ވާ ދެރަ، ތިމާގެ މީހުން މަރުވުމުން ވާ ދެރައަށް ވުރެ ފުންވާނެއެވެ.“

ރައްޓެހިކަމެއް ކުރިން އޮންނާތީ އަހުރެން އަހުގައި އިން މީހާގެ އަތުކުރިއަށް ދަމާލާފައި  ބުނީމެވެ.

”ކާލާށެވެ! އެ ދަކުމީހާ އެއްކޮށްފައި ނުކައި ދިޔަ ތަކެތި ކާލާށެވެ.“

—24—

ބަލިކަށި މަސްވެރިއެއް، ދައު އެއްލިތަނާ ދަލުގައި ޖެހުނު ބޮޑު މަހެއް އެ ދައު ހިފައިގެން ފިލައިފިއެވެ. ކުޑަކުއްޖަކު ފެންބަލާ ކޯރެއްގެ އޮއިގަނޑު ދޮށަށް ދިޔަތަނާ، އެ ކުއްޖާ އޮޔާއެކު ގެންގޮސްފިއެވެ.

ދަލުގައި ކޮންމެ ފަހަރަކު މަހެއް ޖެހި ހިފެއެވެ.

މިފަހަރު، މަސް ގެންދިޔައީ ދަލެވެ.

އޭނާއާ އެކު އުޅުނު މުސްކުޅި މަސްވެރިން، އެހާ ބޮޑު މަހެއް އަތުނުލެވި ފިލިތީ އެކަމާ ހިތާމަކޮށް ވާހަކަ ދައްކަން ފެށުމުން އޭނާ ބުންޏެވެ: ބޭބެއިންނޭވެ. ކުރާނީ ކީއްހެއްޔެވެ؟ މިއަދަކީ އަހުރެންނަށް ނަޞީބުވެރި ދުވަހެއް ނޫނެވެ. ނަމަވެސް، މަހަށް ނަޞީބުވެރި ދުވަހެކެވެ.

ޙިކްމަތް: ނަޞީބެއް ނެތި، ދިޖުލަތު ކޯރުން މަސްވެރިއަކަށް މަހެއް ނުހިފޭނެއެވެ. އަޖަލުހަމަ ނުވާނަމަ، މަހެއް އެއްގަމަކު މަރެއް ނުވާނެއެވެ.

—25—

އަތާއި ފައި ބުރިކޮށްލާފައިވާ މީހަކު، ހާސްފައެއް މަރާލައިފިއެވެ. [ހާސްފަޔަކީ ވަރަށް ގިނަ ފައި ހުންނަ ފަންޏެކެވެ.] މީނާއާ ގާތުން ދިޔަ ދީންވެރި މީހަކު ގޮވާލިއެވެ: ”سبحان الله އެވެ. އެއްހާސް ފައި ވީ ކަމަކު، އަޖަލު ހަމަވުމުން، އަތެއް ފައެއް ނެތް މީހެއްގެ ކިބަޔަކުން އެއަކަށް ސަލާމަތެއް ނުވެވުނެވެ.“

ފުރާނަ ގެންދާ ޢަދުއްވު ފަހަތުން ޖެއްސުމުން، ފިލަން ދުވާ މީހާގެ ފައި ނަޞީބު ހައްޔަރު ކުރެއެވެ
މަޑުމަޑުން އައިސް ޢަދުއްވު ފައި ހަމަކުރުމުން، ކަޔާނުގެ ދުނި ނެގުމުގެ ބޭނުމެއް ނެތެވެ.

—26—

ފަލަ ސޭކު މީހަކު އަގުބޮޑު ޖުއްބާއެއް ލައިގެން، ބޮލުގައި މިސުރު ކީއްތާނީގެ ފަގުޑިއެއް އަޅައިގެން ޢަރަބި އަހެއްގެ މަތީގައި ދުއްވާފައި ދަނިކޮށް އަހުރެން ދުށީމެވެ. މީހަކު ސުވާލު ކުރިއެވެ: ”ސަޢުދީއެވެ. މި  މޮޔަ ޖަނަވާރުގެ މަތީގައި އަޅާފައިވާ ޖަރީކުރި ފޮތިގަނޑާ ދޭތެރޭ ހީވަނީ ކިހިނަކުން ހެއްެޔެވެ؟“ އަހުރެން ޖަވާބު ދިނީމެވެ: ”އެއީ ރަން ފެނުން ވަކިދަމާފައިވާ ފަދަ ލިޔުމުކެވެ.“

އެއީ މީހުންގެ ތެރެއިން ހިމާރެކެވެ.
ހޭރޭ ކުޑަ ކަންބަޅިއެއް ފަދައެވެ.
މި ޖަނަވާރުގައި އިންސާނެއްގެ ސިފަ ހުއްޓޭ ނުބުނެވޭނެ އެވެ.
ބޭރުފުށުން އޭނާ ލައިފައިވާ ޖުއްބާއާއި އޭނާގެ ފަގުޑިއާއި ބޭރުގެ ރީތިކަން ފިޔައެވެ.
އޭނާއަށް ލިބިފައިވާ މާލާއި މުދައު ހޯދާ ބަލާށެވެ.
އޭނާގެ ލޭ ނޫނީ ޙައްޤުން ހޯދާފައިވާ އެއްވެސް އެއްޗެއް ނުވާނެއެވެ.
މަތިވެރި މީހަކު ފަޤީރު ވުމުން އޭނާގެ ޤަދަރު ކުޑަވީކަމަށް ހީ ނުކުރާށެވެ.
އެކަމަކު ޔަހޫދީ އަކު ރިހި އޮޅިއަކަށް ރަން މޮހޮރު ޖެހުމުން
އޭނާ ޤަދަރުވެރި ވާނޭ ކަމަށް ހީ ނުކުރާށެވެ.

—27—

ވަގަކު ސަލާން ޖަހާ މީހަކަށް ބުންޏެވެ: ”މަގުމަތިންދާ ގޮތެއްނެތް ކޮންމެ މީހަކާ ދިމާލަށް، ރިހި ފުކެއް ލިބޭތޯ އަތްދިއްކުރާކަށް ލަދެއް ނުގަނޭ ހެއްޔެވެ؟

އޭނާ ޖަވާބު ދިނެވެ: ”ރިހިފުކެއް ލިބޭތޯ އަތްދިއްކުރުމަކީ، އެ އަތް ކަނޑާލުމަށް ވުރެ ދެބައި ރަނގަޅު ކަމަކެވެ.“