ކިޔަވައިދިނުމުގައި މުދައްރިސްގެ އަޑު
The teacher's voice

މުދައްރިސްގެ އަޑަކީ އުނގެނުމަށް މުހިއްމު އަސަރުތަކެއް ކުރުވާ ކަމެކެވެ.

އާދެ! މަދަރުސާގައި އަޅުގަނޑަށް ކިޔަވައިދިން މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ އިރު ބައްދަލުވާ މުދައްރިސުންނާ ދޭތެރޭ ވިސްނާލާ އިރު، އަޅުގަނޑަށް ފާހަގަ ކުރެވޭ އެއްކަމަކީ ރަނގަޅު މުދައްރިސުންގެ އަޑުގައި، ފާހަގަ ކުރެވޭ މުހިއްމު ސިފަތަކެއް ހުންނަ ކަމެވެ. އަޑު އަހާ ހިތްވުމާއި އަޑު އިވޭ ވަރަށް ވާހަކަ ދެއްކުމެވެ. މުދައްރިސް ދައްކާ ވާހަކަ ދޭހަވާން ފަސޭހަ ވުމާއި، މުދައްރިސްގެ އަޑަށް ތިމާގެ ސަމާލުކަން ދާ ކަމެވެ.  ވަކިން ޚާއްޞަކޮށް ތިން ކަމެއް ފާހަގަ ކުރެވެއެވެ. ފުރަތަމަ ކަމަކީ ހުރިހާ ދަރިވަރުންނަށް އިވޭ ވަރަށް އަޑު ގަދަކަމެވެ. ދެވަނަ ކަމަކީ، އަޑު އެއް ހަމައެއްގައި ހުރުމުގެ ބަދަލުގައި، އަޑު މަޑުވެ، ތޫލިވެ، ބަރުވެ، ވާހަކަ ދެއްކުން އަވަސްވެ ލަސްވެ މިފަދަ ބަދަލުތަކެއް އަޑަށް ގެންނަ ކަމެވެ. ތިންވަނަ ކަމަކީ މުދައްރިސް ދައްކާ ވާހަކަ އޮޅުންފިލާ ގޮތް ވުމެވެ.

ކޮންމެ މީހަކު ވެސް ވާހަކަ ދައްކަނީ ކޮންމެވެސް އެހެން މީހަކަށް އެ އަޑު އިއްވާށެވެ. އެހެންކަމުން، މުދައްރިސް ވާހަކަ ދައްކާާނަމަ، ދަރިވަރުންނަށް އެ އަޑު ފޯރު ކުރެވޭނެ ބާރު މިނެއްގައި ވާހަކަ ދައްކަން ޖެހޭނެއެވެ. ކަންފަތް އަބަދު ތޫނުކޮށްގެން މަޑު އަޑެއް އަހަން އިނުމަކީ ސިކުނޑިއަށް ބުރަ ކަމެކެވެ. އެހެން އަޑުތަކަށް ދަަރިވަރުންގެ ނަޒަރު ފަސޭހައިން ދަމައިގަންނަ ކަމެކެވެ. ދަރިވަރުންގެ ސަމާލުކަން، ސިކުނޑީގެ ތެރޭ އެނބުރޭ ޚިޔާލުތަކަށް، އެހެން ކުދިން ކުރާ ކަންތައްތަކަށް ދާކަމެކެވެ. މިގޮތުން، ބައެއް ކުދިން މުދައްރިސް ލައިގެން ހުންނަ ހެދުމުގައިވާ މަލެއްގެ ފިޔަތަކުގެ ކައިރިފަށް ފަވާފައިވާ ކުލައަށް ވިސްނަން އިނދެ ގަޑި ފާއިތުކޮށްފާނެ އެވެ.

ދުރަށް، ބާރަށް، އަޑު ފޯރުކޮށްލުމުގެ ސިއްރަކީ ”ބަނޑުން“ ވާހަކަ ދެއްކުމެވެ. ކަރުގެ މަސްތަކަށް ބާރުލާފައި ވާހަކަ ދައްކާނަމަ، ދެ ގަޑިއެއް ނުނިމެނީސް، މުދައްރިސްގެ އަޑު ކުރެހި، ދެ ދުވަސް ވަންދެން ވާހަކަ ނުދެއްކޭ ގޮތް ވެދާނެއެވެ. ބަނޑުން ވާހަކަ ދެއްކުމުން އަޅުގަނޑު މި މާނަކުރަނީ، ފުއްޕާމޭގެ ދަށުން ނުކުންނަ ވައި ބޭނުންކޮށްގެން ވާހަކަ ދެއްކުމަށެވެ. ކޮންމެ މީހަކު ވެސް އަޑު ނެރެނީ ފުއްޕާމޭގައި ހުންނަ ވައި، ކަރުގައިވާ ”އަޑުފޮށި“ ތެރެއިން ފޮނުވައިގެންނެވެ. މިގޮތަށް އަޑު ނުކުންނަ އިރު، އަނގައިގެ އެކި ގުނަވަންތަކުން އެ އަޑަށް ތަފާތު ބަަދަލުތައް ގެނުވެއެވެ. ގިނަ މީހުން ފުންކޮށް ނޭވާއެއް ނުލައެވެ. ނޭވާލަނީ ތިލަކޮށް، ފުއްޕާމޭގެ މަތީބައި އެކަނި ފުރޭ ވަރަށެވެ. މިހެން ނޭވާލުމުން، ނޭވާ ކުރުވެ، ޖުމުލަތަކުގެ މެދުން ނޭވާ ހުސްވެ، އަޑު މަޑުވެދެއެވެ. ނަމަވެސް މޮޅު ވާހަކަ ދެއްކުންތެރިން، ޖުމުލައެއްގެ ފަހު ލަފުޒުތަކަށް ބާރުލާފައި ބުނާހާ ނޭވާ ދިގެވެ. މުޅި ޖުމުލަ ބުނެވޭހާ ވައި ފުއްޕާމޭގެ ތެރެއަށް ލާފައި ނޫނީ ޖުމުލަ ބުނާކަށް ނުފަށައެވެ. ރަނގަޅު މުދައްރިސުން، ނޭވާ ހުސްނުކޮށް 40 އާ ހަމައަށް ވާހަކަ ދައްކާ ރާގުގައި ގުނޭހާ ނޭވާ ދިގެވެ. ތިބާއަށް، ކިޔަވައިދޭ އަޑުން ގުނެނީ ކިހާ ހިސާބަކަށތޯ އެވެ؟ ތިބާގެ ނޭވާގެ ދިގުމިން، އިންސާފުވެރިގޮތެއްގައި ވަޒަންކޮށްލައްވާށެވެ. ދިގު ޖުމުލައެއް، ޖުމުލަ ނިންމާ ނުކުތާއާ ހިސާބަށް ކިޔޭހާ ނޭވާ ދިގު ހެއްޔެވެ؟ ބޮޑެތި މަދަރުސާތަކުގެ މާހައުލަކީ އަޑުމަޑު މާހައުލެއް ނޫނެވެ. މި ކާރޫބާރޫގެ ތެރެއިން، ފަހަތު ބަރީގެ ދަރިވަރުންނާ ހަމަައަށް ފޯރާހާ ބާރުމިނުގައި މުދައްރިސަށް ވާހަކަ ދެއްކެން ވާނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ޢާއްމު އާބާދީ އާ އަޅާބަލާއިރު، މުދައްރިސުންގެ އަޑު ހަލާކުވުން، އެހެން މީހުންނަށް ވުރެ %50 މަތިކަމަށް ވެއެވެ. މިހެންވެ، މުދައްރިސުން އަޑު ބޭނުން ކުރުމުގައި ފަރުވާތެރިވެ ރައްކާތެރިވުން މުހިއްމެވެ. މިއޮތީ މިފަދަ ދިރާސާ އެކެވެ.   އެހެން ބައެއް ދިރާސާތަކުން ފެންނަ ގޮތުގައި، ކުރެހިފައި ހުންނަ، ކުރަކި އަޑުން ވާހަކަ ދައްކާ މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް ދަސްވާ މިންވަރު ކުޑައެވެ. ކުދިން ސަމާލުކަންދީ އަޑުއަހާ ހިތްވަނީ ހިތްގައިމު އަޑުން ވާހަކަ ދައްކާ މުދައްރިސުންގެ އަޑެވެ. އަޑު ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • ލަގޮނޑި މަތީގައިވާ އަޑުފޮށީގެ ”ރާރާ“ ނުވަތަ ވޯކަލް ކޯޑްސް ގައި ތެތްކަން ބެހެއްޓުމަށް ގިނައިން ފެން ބުޔުން
  • ބޭނުން ނުވާ ވަގުތު ވާހަކަ ނުދެއްކުން
  • ބައެއް ކަންކަން އިޝާރާތުން ބުނުން. މިސާލަކަށް ކުއްޖެއްގެ ކައިރީގައި އިށީންނަށް ބުނުން.
  • އަޑު ކުރެހެން އުޅޭކަމަށް ހީވާނަމަ، އަޑު މަޑުކޮށް، ލަސްލަހުން ވާހަކަ ދެއްކުން. ދަރިވަރުންނާ ގުޅޭ މަސައްކަތް ޙަވާލުކުރުން

ހަނދާނުން ފޮހެލަން ދަތި މުދައްރިސުންގެ އަޑުގެ ދެވަނަ ސިފައަކީ އަޑު އެއް ހަމައެއްގައި ނުހިފަހައްޓާ ކަމެވެ. މިގޮތުން ތިން ކަމެއް ފާހަގަ ކުރެވެއެވެ. އެއީ ވާހަކަ ދައްކާ ސްޕީޑް ތަފާތުކުރާ ކަމެވެ. ދެވަނަ ކަމަކީ އަޑުގެ ތޫލިކަން ބަދަލުކުރާ ކަމެވެ. ތިންވަނަ ކަމަކީ އަޑުގެ ބާރުމިން ބަދަލުކުރަމުންދާ ކަމެވެ. އަޑުގެ ބާރުމިން ހުރިހާ އިރެއްގައި ވެސް ހުންނަން ޖެހޭނީ ދަރިވަރުންނަށް އިވޭ ވަރަށެވެ. ނަމަވެސް ބައެއް ލަފުުޒުތައް ބުނާއިރު ތަންކޮޅެއް ބާރުކޮށްލަން ވާނެއެވެ. މުދައްރިސް މުހިއްމު ވާހަކައެއް ބުނަން ފެށުމުގެ ކުރިން، އަޑު މަޑުކޮށްލުމަށް ފަހު، ބުނަން އަޞްލު ބޭނުންވާ ވާހަކައެއް ބުނަން ވާނީ ބާރަށެވެ. ދާދިފަހުން، ދިވެހި ޑިގްރީ ކޯހަށް ކިޔަވައި ދެއްވަން ވަޑައިގެން ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއްގެ ގަޑީގައި، ކިލާހުގެ ފަހަތުގައި އަޅުގަނޑު އިނީމެވެ. އޭނާއަކީ މޮޅު ވާހަކަ ދެއްކުން ތެރިއެއް ވެސް މެއެވެ. އޭނާ ހަމައެކަނި ބައެއް ޖުމުލަތައް ތަންކޮޅެއް ބާރަށް ވިދާޅުވީކީ އެކަންޏެއް ނޫނެވެ. ބައެއް ޖުމުލަތަކުގެ ބައެއް ލަފުުޒުތައް — އަދި ކީއްތޯ— މީގެ  އިތުރުން ބައެއް ލަފުޒުތައް ވިދާޅުވާއިރު، ބައެއް އަކުރުތައް ވެސް ވިދާޅުވަމުން ގެންދެވީ އެކި ބާރު މިނުގައެވެ. އެއް ބާރުމިނެއްގައި އިވޭ އަޑަކަށް ފަސޭހައިން މީހުން ހޭނި، އެ އަޑަށް ސަމާލުކަން ނުދެވޭގޮތް ވެއެވެ. އިންޖީނުގޭ ކައިރީގައި ދިރިއުޅޭ މީހުންނަށް، އިންޖީނުގެ ”އަޑު“، ސަމާލުކަން ނުދޭނަމަ އިވޭ ކަމަކަށް ނުވެއެވެ. އިވެނީ އެ ނޫން އެހެން އަޑުތަކެވެ.

ދަރިވަރުންނަށް އިއްވަން، ދަރިވަރުންގެ ސަމާލުކަން ހޯދަން މުދައްރިސް ވާހަކަ ދައްކާއިރު، ވިސްނަންވީ އަނެއް ކަމަކީ އަޑުގެ ތޫލިކަން ނުވަތަ ބުން ކަމެވެ.  ކުދިކުދި އިސްޕީކަރުލީ ރޭޑިއޯ އާއި ބޮޑެތި އިސްޕީކަރުލީ ރޭޑިއޯގެ އަޑުގެ ތަފާތު ފާހަގަ ކުރީމު ދޯއެވެ؟ މިހާރަކަށް އައިސް ލިބެން ހުންނަ ކުޑަކުދިން ކުޅޭ ގުރާ ނުވަަތަ ބުދު، ބައެއް ލަފުޒު ބުނާގޮތަށް ހަދާފައި ހުރެއެވެ. މިފަދަ ތަކެތީގެ އަޑު ވަރަށް ތޫއްޔެވެ. އަޑުގައި އެއްވެސް ރީތިކަމެއް ނުހުރެއެވެ. ގުދުރަތީ ސިފައެއް އަމުދުން ނެތެވެ. ސަބަބަކީ، ސިއްރަކީ، އިންސާނާ ޢާއްމުކޮށް ވާހަކަ ދައްކާއިރު އަޑު ތޫލިވެ، ބުންވެ، ތޫލިވެ މިގޮތަށް، މޫދުގެ ދިޔަވަރު ހެން އަޑު ބަދަލުވަމުން ނުދާކަމެެވެ. ނަމަވެސް ބައެއް މީހުން ވާހަކަ ދައްކަނީ ހަމަ އެކަނި ބަރުކޮންނެވެ. ނުވަތަ ތޫލިކޮށް އެކަންޏެވެ. ގިނަ ފަހަރު، މީހާ ނުތަނަވަސް ވުމުން، އަޑު ތޫލިވާގޮތް ވެއެވެ. އަޑު އަހާ ހިތް ކެނޑެއެވެ. ބެޓެރީ ލައްވާ ގުރައެއް ގޮވާހެން ހީވެ އެވެ. ތިމާގެ އަޑުގެ ތޫލިކަން ތިމާގެ ކޮންޓްރޯލުގެ ދަށަށް ގެނެސް، ދިޔަވަރުހެން އެއް ހަމައެއްގައި ނުބަހައްޓައި، ބަރުކޮށް ތޫލިކޮށް ހެދުމަކީ ދަރިވަރުންނަށް އަޑު އަހަން ފަސޭހަވާނޭ ކަމެކެވެ. އެއްވެސް ކަމެއް ނުވަތަ އެއްޗެއް އެއްގޮތެއްގައި ހުރުމަކީ، އިންސާނާގެ ސަމާލުކަން އެއަށް ގެއްލޭނޭ ކަމެކެވެ.

ހަމަ މި ބުނެވުނު ބީދައިން، ވާހަކަ ދައްކާ އިސްޕީޑް ނުވަތަ އަވަސް ލަސްމިނަކީ ވެސް ދަރިވަރުންގެ ސަމާލުކަން ހޯދުމަށްޓަކައި، ބަދަލުކުރަން ޖެހޭ ކަމެކެވެ. އަޅުގަނޑުގެ ހަނދާނުގައި ހުންނަ ކާމިޔާބު ކިތަންމެ މުދައްރިސުންނެއް ވާހަަކަ ދައްކާއިރު، ބައެއް ޖުމުލަތައް އަވަސް އަވަހަށް ބުނެ، އަނެއް ޖުމުލަތައް ބުނަނީ ލަސް ލަހުންނެވެ. ދަރިވަރުންގެ ސަމާލުކަމަށް ބޭނުންވާ ލަފުޒުތައް ބުނުމުގެ ކުރިން ހަމަހިމޭން ސުކޫތެއް ގެނެއެވެ. މުހިއްމު ވާހަކައެއް ބުނުމަށްފަހު، ހަމަ ހިމޭން ވަގުތުކޮޅެއް ގެނެއެވެ.

ކަމެއްގެ ބޮޑުކަން ބައެއް ފަހަރު ބިނާވަނީ އެ ބުނާ ގޮތުންނެވެ. މިސާލަކަށް ނިކަން އަވަސް އަވަހަށް ނިކަން ކުޑަ މިންވަރެއް ކަމަށް ދޭހަވާގޮތަށް ”ތިރީސް މިލިއަން“ ކިޔާލަ ބަލާށެވެ. ދެން ”ތިރީސް ލައްކަ“ އެ ޢަދަދާ މެދު އާޝޯޚުވެފައިވާ ބޮޑު ޢަދަދެއްހެން ހީވާކަހަލަ ގޮތަކަށް ކިޔާލަ ބަލާށެވެ. އަހާ މީހުންނަށް ހީވާނީ ތިރީސް ލައްކަ، ތިރީސް މިލިއަނަށް ވުރެ ބޮޑު ކަމަށެވެ. އެއްޗެއް ބުނަން ބޭނުން ކުރާ ލަފުޒުތަކަށް ވުރެ އެ އެއްޗެއް ބުނާ ރާގުންނާއި ގޮތުން ފޯރުކޮށްދެވޭ މެސެޖްގެ ބުރަދަން އެތައް ގުނައެއް ބޮޑު ކަމަށް ބައެއް މީހުން ބުނެއެވެ.

ކިލާހެއްގެ ބެކްގްރައުންޑުން އަބަދު އިވެމުންދާ އަޑެއް ހުއްޓުމުން މީހުންގެ ސަމާލުކަން ލިބެނީ ހަމަހިމޭން ޖައްވެއްގައި އަޑެއް އިވުމުން ސަމާލުކަން ލިބޭ ފަދައިންނެވެ. ވާހަކަ ދައްކަމުން ގޮސް މުހިއްމު ވާހަކައެއް ބުނަން ބޭނުން ވީމާ، ހަމަ ހިމޭންކަމުގެ ވަގުތުކޮޅެއް (ނުވަތަ ފާރިސީ ބަހުން ނަމަ ސުކޫތެއް) ގެނައުމުން އަޑުއަހަން ތިބޭ ދަރިވަރުންގެ ސަމާލުކަން އިތުރުވަނީ އެހެން ވެގެންނެވެ. މި ސުކޫތު ގެންނަ އިރު، ހުރިހާ ދަރިވަރުންގެ މޫނަށް ބަލާލުމަކީ، ދެން ބުނާ ޖުމުލައަކަށް ވަކިން ސަމާލުކަން އިތުރުވެގެން ދާނޭ ކަމެކެވެ. މުހިއްމު ޚިޔާލެއް ހުށަހެޅުމަށް ފަހު، ލަސްކޮށްލުމުގެ ބޭނުމަކީ، އަޑުއަހަން ތިބޭ ކުދިންނަށް އިވުނު އެއްޗެއް އެ ކުދިންގެ ބޮަލަށް ވަންނާނޭ ފުރުސަތު ދިނުމެވެ. އެކަމާ ފިކުރުކޮށްލަން ހިނދުކޮޅެއް ދިނުމެވެ. ބޮޑެތި ޖަލްސާތަކުގައި ތަޤުރީރުކުރަން ލިޔެފައި ހުންނަ ކަރުދާހުގައި، ހުއްޓާލަންވީ ތަންތަން ފާހަގަ ކޮށްފައި ހުރެއެވެ. އެއީ، ޖަލްސާތަކުގައި ވާހަކަ ދެއްކުމަކީ، ނުތަނަވަސް ކަމެއް ލިބޭ ކަމެއް ކަމުން، މާ އަވަސް އަވަހަށް ވާހަކަ ދެއްކި ދާނެތީ އެވެ. ހާސް ވެފައިވާ މީހުން ވާހަކަ ދައްކާ އިރު ފާހަގަ ކުރެވޭ އެއް ކަމަކީ، އަވަސް އަވަހަށް ވާހަކަ އަމުނާލާ ކަމެވެ. ނަމަވެސް ދަރިވަރުންނަށް އެއްޗެއް އޮޅުންފިލުވައިދޭން ވާހަކަ ދައްކާ އިރު، ވާހަކަ ދެއްކުން އަވަސްކޮށްގެން ކަމަކު ނުދާނެއެވެ.

މޮޅު މުދައްރިސުން ދައްކާ ވާހަކަ ފަސޭހައިން ދޭހަ ވެއެވެ. ބުނި އެއްޗެއް އޮޅުން ނުފިލައިގެން ދެވަނަ ފަހަރަށް އަހާކަށް ނުޖެހެއެވެ. މި ކަމުގެ އެއް ސަބަބަކީ، ލަފުޒުތައް އޭގެ މަޚްރަޖައިގައި ބުނާކަމެވެ. އިނގިރޭސި ބަހުން ވާހަކަ ދެއްކިއަސް، އަޑުތައް ހުންނަނީ ޢާއްމުކޮށް ކިޔާ ގޮތަށެވެ. ބައެއް މުދައްރިސުން ވާހަކަ ދައްކާއިރު، ފިޒިކްސް އަށް ފިޖިކްސް އޭ ކިޔާފާނެއެވެ. ނުވަތަ މަޒުމޫނަށް މަލުމޫނޭ ކިޔާފާނެއެވެ. ބުނަންވީ މަޚްރަޖައިގައި ވާހަކަ ނުދައްކާނަމަ، ދަރިވަރުންނަށް ދޭހަވުން އުނދަގޫ ވެދެއެވެ.

އެއްޗެއް ބުނަން ބޭނުންކުރާ ލަފުޒުތައް، ތިން ގޮތަކުން ނުބައިވެދާނެ އެވެ. ފުރަތަމަ ގޮތަކީ، ބައެއް އަކުރު އެއްގޮތަކަށް ވެސް ނުކިޔުމެވެ. މިސާލަކީ، ހެޓް ކިޔުމުގެ ބަދަލުގައި އެޗް ގެ އަޑު ނުކިޔާ އެޓް ކިޔުމެވެ. އަނެއް ގޮތަކީ، އަކުރުގެ އަޞްލު އަޑުގެ ބަދަލުގައި އެހެން އަޑެއް ކިޔުމެވެ. މިސާލަކަށް ކޮތަރު ކިޔަން ޖެހޭ ތާކު ކޮތަޅު ކިޔުމެވެ. ތިންވަނަ ކުށަކީ އަކުރުގެ އަޞްލު އަޑާ ގާތްވިކަމުގައި ވިއަސް، އަޑު ފުރިހަމަ ނުވުމެވެ. ޝީނުގެ ބަދަލުގައި ށީނު ކިޔުމެވެ. މުދައްރިސުން ހަނދާން ކުރަންވީ، ދިވެހި ބަހުގައި، އަދި އިނގިރޭސި ބަހުގައި ވެސް، ލަފުޒުތަކަށް މާނަ ދެވެނީ އޭގައި ހިމެނޭ ސުކުން އަޑުތަކުގެ (ނުވަތަ ކޮންސޮނަންޓް އަޑުތަކުގެ) ސަބަބުން ކަމެވެ. ފިލިތަކުން ނެރެނީ އަޑެވެ. އަކުރުތައް ފުރިހަމައަށް ނުކިޔެނީނަމަ، ބުނާ އެއްޗެއް ދޭހަވާން ދަތިވާނެއެވެ. އަޑު ނެރެނީ އަނގައިގެ އެތައް ގުނަވަނަކުންނެވެ. އެ ގުނަވަންތައް ބޭނުންވާ ގޮތަށް ޙަރަކާތްތެރި ކުރުމުން ނޫނީ، ފުރިހަމަ އަޑެއް ނުނިކުންނާނެ އެވެ.

އިންސާނާގެ ސިކުނޑިން މިނެއްޓަކު 500 ލަފުޒު ދޭހަކުރާ ކަމަށް ވެއެވެ. އެކަމަކު ވާހަކަ ދެކެވެނީ މިނެއްޓަކު ގާތްގަޑަކަށް 150 ލަފުޒެވެ. ނަތީޖާއަކަށް ވާނީ ވާހަކައެއް އަޑުއަހަމުން، އެހެން ކަމަކާ ފިކުރު ކުރާނޭ ވަގުތު ލިބުމެވެ. ދަރިވަރުން މި ވަގުތު ބޭނުން ކުރާނީ، ކޮންމެވެސް އެހެން ފިކުރެއް ކުރާށެވެ. އެ ފިކުރުތަކަށް ހުސްވެ، މުދައްރިސް ދައްކާ ވާހަކައަށް ރުޖޫޢަ ވެވޭނީ މުދައްރިސްގެ އަޑުގައި، ހިތް ދަމައިގަންނަ ޖާދޫއެއް ހުންނަ ނަމަ އެވެ.

މުދައްރިސަށް، އަދީ ކީއްތޯ، ކޮންމެ މީހަކަށް ވެސް އޭނާގެ އަޑު އޭނާއަށް އިވެނީ ކޮލުގެ ކަށިގަނޑު އަންނަ ތުރުތުރު އެޅުން ތަކަކުންނެވެ. އަމިއްލައަޑު އިވެނީ ވައިގެތެރެއިން ލާފައި ދަތުރުކޮށް ކަންފަތަކުން ނޫނެވެ. އެހެންކަމުން، ތިމާއަށް ތިމާގެ އަޑު އިވޭ ގޮތް، އެހެން މީހުންނަށް އިވޭގޮތާ ތަފާތު ވާނެއެވެ. ގިނަ ފަހަރު، ތިމާއަށް ބަރުކޮށް ވާހަކަ ދެއްކޭކަމަށް ހީވިއަސް، ދެއްކޭނީ ތޫލިކޮށެވެ. މި ސަބަބާ ހެދި، ތިމާގެ އަޑުގެ ރެކޯޑިންގ އެއް އެންމެ ފުރަތަމަ ފަހަރަށް އިވުމުން، ހައިރާން ވެއެވެ. އެ އިވެނީ ތިމާގެ އަޑުކަން ޤަބޫލުކުރަން ދަތިވެއެވެ.

ކާމިޔާބު މުދައްރިސުންނަކީ، އެމީހުންގެ އަޑު، ވަކި ހަމައަކަށް ހާނައިގެން ވާހަކަ ދައްކާ ބައެކެވެ. ބައެއް މީހުންނަށް ޠަބީޢީ ގޮތުން މިކަން ލިބިފައި ވިއަސް، މިއީ ހަމަ ކޮންމެ މުދައްރިސަކަށް ލިބިގަނެވޭނޭ ހުނަރެކެވެ. މޮޅު މުދައްރިސަކަށް ވުމަށް، ވަކި ހަމައަކަށް އަޑު ގެންގުޅެން ދަސްކުރުމަކީ، ވަރަށް ބޭނުންތެރި ކަމެކެވެ.

މި ޖުމުލައަށް ކްލިކްކޮށްލައްވަނިކޮށް، މުދައްރިސުން ތަމްރީނުކުރުމަށް ބޭނުން ކުރެވިދާނެ މިއަށް ވުރެ ތަފްޞީލީ މަޒުމޫނެއް ފެނިވަޑައިގަންނަވާނެ އެވެ.   މި މަޒުމޫނުގެ އެންމެ ފުރަތަމަ ޝާއޢުކުރެވިފައިވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަން އިން  ނެރުނު ”ފަނާރު“ މަޖައްލާގެ ޢަދަދެއްގައެވެ.

ތަޢުލީމާ ބެހޭ ބައެއް ލިޔުންތަކަށް ވަޑައިގަތުމަށް އޮބާލައްވާ!
ވެބްސައިޓްގެ ފިހުރިސްތަށް ވަޑައިގަތުމަށް އޮބާލައްވާ!