އެމްވީ ތުއްތު ނިއޯ

އަތިރީގޭ ތާނަ ފޮންޓެއް

Version 1.0

އަޕްޑޭޓެއް = އަދާހަމައެއް! :-)

ކުރިން ޢާއްމު ކުރެވިފައިވަނީ އެމްވީ ތުއްތު ނިއޯގެ ރެގިޔުލަރ ފޮންޓެވެ. ރެގިޔުލަރ ފޮންޓަކީ ގިނަ ތަކެތި ލިޔުމަށް  ނުވަތަ މައިގަނޑު (ބޮޑީ ޓެކްސްޓް) ލިޔުމަށް ފަރުމާކޮށްފައި ހުންނަ ފޮންޓެވެ. މިފަހަރު މި ގެނެސްދެނީ  ފެވި ނުވަތަ ބޯލްޑް ފޮންޓެކެވެ. މިއީ ސުރުޚީ ލިޔުމަށް އެކަށީގެންވާ ފޮންޓެވެ.

ފޮންޓާ ބެހޭ ކުރު ތަޢާރަފެއް ތިރީގައި އެވަނީ އެވެ.

27 މެއި 2018

އެއެމްވީ ތުއްތު ނިއޯ އަކީ މިހާރުގެ ކިޔުންތެރިންނަށް ކިޔަން ފަސޭހަ ވާނޭހެން، ތުއްތު ޞާޙިބުގެ ވަޑާންކަށި ނުވަތަ ވަޑިފަތި ތާނައަށް ބަދަލުތަކެއް ގެނެސްގެން އެކުލަވައިލައިފައިވާ ފޮންޓެކެވެ. ވަޑާންކަށި ތާނައަށް ”އަތިރީގޭ ތާނަ“ މިހެންވެސް ކިޔައެވެ. މި ބާވަތުގެ ތާނައާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއް މި ޖުމުލައަށް ކްލިކްކޮށްލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ.

އަތިރީގޭ ތާނައިގެ އެންމެ ބޮޑު އެއް މައްސަލައަކީ ބައެއް އަކުރުތައް މިހާރު ލިޔާގޮތާ ވަރަށް ބޮޑަށް ތަފާތު ކަމެވެ. މިގޮތުން އެންމެ ތަފާތު ބޮޑުކޮށް ފެންނަނީ ފ އާއި ދ އާއި ސ އެވެ. މި އަކުރުތައް ލިޔެފައިވާ ގޮތުން، އިތުރު އުނގެނުމެއް ނެތި އެ އަކުރުން ލިޔެފައިވާ ލިޔުންތައް ކިޔަން ދަތިވާނެއެވެ.

އެހެންކަމުން މިފޮންޓުގައި މިހާރު ލިޔާ ގޮތާ ގާތްކުރާ ގޮތަކަށް، ފ އާއި ދ އަށް ބަދަލުގެނެސްފައި ވާނެއެވެ. އަދި އެހެން ކުދި ބަދަލުތައް ތުއްތު ސާހިބުގެ އަކުރުތަކުގެ އަޞްލާ މާބޮޑަށް ތަފާތު ނުވާގޮތަށް، ”ހަރުކަށި ގޮތް“ ކަނޑާލުމަށް، ކުދި ބަދަލުތަކެއް ގެނެސްފައި ވާނެއެވެ. މި އަކުރުތަކަށް އަޅުގަނޑު ކީ ނަމަކީ، ތުއްތު ޞާޙިބުގެ އުފެއްދުމަށް މާތްކޮށް ހިތުގެ ގޮތުން، އެމްވީ ތުއްތު ނިއޯ އެވެ. ނިއޯ ގެ މާނަ އަކީ ޔޫނާނީ ބަހުން އައު އެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން، މި އަކުރުތަކަކީ ފެވި އަކުރުތަކެއް ނޫނެވެ. މި އަކުރުތައް ފަރުމާކޮށްފައި ވަނީ ޢާއްމު ލިޔުންތައް ލިޔުމަށް، ކުދިކޮށް ލިޔުމުން ރީތިވާ ގޮތަށެވެ.

ތުއްތު ޞާޙިބު ވިދާޅުވިކަމަށް ވަނީ އަކުރުތަކުގައި ފިލިތައް ޖަހާނީ އަކުރު ލިޔުމަށް ފަހުގައި ކަމަށެވެ. މިހާރު އަކުރުތަކުގައި ފިލި ޖަހަނީ މައްޗާއި ތިރީގައި ކަމަށްވާތީ، އަކުރުގެ ފަހަތުގައި ފިލިޖެހުން ވާނީ ވަރަށް ބޮޑު އިންޤިލާބީ ބަދަލަކަށެވެ. މި ފޮންޓުގައި ފިލިޖެހޭނީ އެގޮތަކަށް ނޫނެވެ.

ތާނަ ލިޔުން މިހާރަށް ވުރެ ކުރިއެރުވިދާނޭ ދެތިން ޚިޔާލެއް ކުރިން ލިޔުނު މަޒުމޫނެއްގައި ހުށަހެޅިފައި ވެއެވެ. އެ މަޒުމޫނު މި ޖުމުލައަށް ކްލިކްކުރައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ. ފިލިޖެހުމާ ބެހޭގޮތުން އެ މަޒުމޫނުގައި ހުށަހެޅުނު ބައެއް ކަންކަން މި ފޮންޓުގައި ހިމެނިފައި ވާނެއެވެ. އެއީ އަންނަނިވި ކަންތައްތަކެވެ:

  1. ތާނަ ލިޔުމުގައި އެންމެ ގިނައިން ޖެހޭ ފިއްޔަކީ އަބަފިއްޔެވެ. ތާނަ ލިޔުމެއްގައިވާ ފިލިތައް ގުނާއިރު، ކޮންމެ ހަތަރު ފިއްޔަކުން އެއް ފިއްޔަކީ އަބަފިއްޔެކެވެ. އެހެންކަމުން މި ފިލި ލިޔާގޮތް ސާދާކޮށްލަނިކޮށް ލިޔުން އަވަސް ވެފައި ރީތިވެދާނެ އެވެ. ކުރިން ދިވެހި ލިޔެ އުޅުނު ދިވެސް އަކުރުން ލިޔާއިރު އަބަފިއްޔެއް ނުޖަހައެވެ. ދިވެސް އަކުރެއްގައި ފިލިނުޖަހާ ވާނަމަ، ބަލަނީ އަބަފިލި ޖެހިފައިވާ ކަމަށެވެ. އަބަފިލި މުޅިން ނެތް ނަމަ، މިހާރުގެ ކިޔުންތެރިންނަށް ދަތިވާނެތީ، ވަރަށް އާދައިގެ ގޮތަކަށް އަބަފިލި ޖެހުމަކީ ރަނގަޅު ކުރިއެރުމަކަށް ވެދާނެއެވެ. އެންމެ ބޮޑަށް ސާދާކޮށް ލިޔެވޭ ނިޝާނަކީ ތިއްކެކެވެ. އެހެންކަމުން އަބަފިލި ލިޔެވޭނީ ތިއްކެއްގެ ގޮތުގައެވެ. އާބާފިއްޔަކީ ދެ ތިއްކެވެ. ތާނައިގެ ބައެއް އަކުރުތަކުގައި ތިކި ހިމެނޭތީ، އަކުރުތަކުގެ ތިކިތަކާއި ފިލީގެ ތިކި އޮޅިދާނެތީ،  އަކުރުގެ ތިކިތައް ވަނީ އަކުރާ ވަރަށް ގާތުގައެވެ.
  2. ތާނައިގެ މައްޗާއި ތިރީގައި ފިލިޖަހާތީ، ފޮޅުވަތެއްގެ ފުޅާމިން ބޮޑުވެ، އަކުރުތައް ކުދިވެ، ކިޔަންދަތިވެ، ޞަފުޙާއެއްގައި ލިޔެވޭ ފޮޅުވަތުގެ ޢަދަދު މަދުވެއެވެ. މި ފޮންޓުގައި އިބިފިލި ޖެހޭނީ އަކުރުގެ މަތީގައެވެ. އިބިފިލިކަން ފާހަގަ ކުރަން، ފިލީގެ މަތީގައި ހިމަ ރޮނގުބުރިއެއް ދަމާލާފައި ވާނެއެވެ. މިގޮތަށް ޢަރަބި ބަހުގައި ފިލި ޖަހައެވެ. މިސާލެއްގެ ގޮތުން މުދައްރިސާ ލިޔާއިރު، مُدَرِّسَة، ރާގެ މަތީގައިވާ ތަސްދީދު (ނުވަތަ ޝައްދާ) ގެ ތިރީގައި އިބިފިލި ޖެހިއަސް ނުވަތަ މަތީގައި ލިޔެފައިވާގޮތަށް ރާގެ ތިރީގައި ޖެހިޔަސް ކިޔާނީ އެއްގޮތަކަށެވެ. އީބީފިލި ލިޔާނީ ރޮނގުބުރިއެއްގެ ތިރީގައި ދެތިކި ޖަހައެވެ. ސްރީ ލަންކާގެ ޤައުމީ އަރުޝީފުގައިވާ ދިވެހި ރާދަވަޅިއެއްގައި އަލިފު ސުކުނަށް ފަހު އިބިފިލި ޖަހާފައި ވަނީ ތަސްދީދެއްގެ ތިރީގައި އިބިފިލި ޖަހައެވެ. އަކުރުގެ ތިރީގައި އިބިފިލި ޖަހާފައި ނުވާތީ އިހުގެ މީހުން މިގޮތަށް އިބިފިލި ބޭނުންކުރިކަން ޔަޤީން ވެއެވެ.
  3. އޯބޯފިއްޔަކީ އެހެން ފިލިތަކަށް ވުރެ މާ އުސް ފިއްޔަކަށް ވާތީ، މި ފިއްޔަށް ޖާގަދޭން، ދެ ފޮޅުވަތް ދެމެދު ދޫކުރަންޖެހޭ ދުރުމިން ބޮޑެވެ. ނަމަވެސް، މިފިލި ފޮޅުވަތެއްގައި ބޭނުން ކުރަނީ ވަރަށް މަދު ފަހަރަކު އެވެ. ފޮންޓުގައި އޯބޯފިލި ވަނީ ވަރަށް ބޮޑަށް ދޭސީކޮށްފައެވެ. ސިމްޕްލިފައި ކޮށްފައެވެ. އެހެން ފިލިތަކާ އެއްވަރު ކުރުމަށް އޯބޯފިލީގެ ގޮތުގައި ބޭނުންކޮށްފައި ވާނީ، އެ ފިލީގެ ފެށޭކޮޅުގެ ބައްޓަމެވެ.

ފިލި ޖެހުމަށް ގެނެވިދާނޭ އިޞްލާޙުތަކުގެ ތެރެއިން ފޮންޓުގައި ހިމަނާފައި ނުވާ އެއްކަމަކީ ފިލިތަކުގެ ހަމަތައް އެއްގޮތް ކުރުމެވެ. ތާނަ ލިޔާއިރު ކުރުފިއްޔެއް ދަމަން އެ ފިލި ދެފަހަރު ޖަަހަނީ އެވެ. މިގޮތަށް ދަމާކަން އެންގުމަށް ދެފަހަރު ފިލި ޖެހުމުގެ ބަދަލުގައި ދަމަންޖެހޭކަމަށް އިޝާރާތް ކުރަން ނިޝާނެއް ބޭނުން ކުރެވިދާނެ އެވެ. މި ފޮންޓުގައި އަޅުގަނޑު އެކަން ކޮށްފައި ނުވަނީ މި ބަދަލުގެ ސަބަބުން ކިޔުންތެރިންނަށް ދަތިވެދާނެތީ އެވެ. ބޮޑެތި ބަދަލުތައް ގެންނަން ރަނގަޅީ ލަސްލަހުންނެވެ.

އެމްވީ ތުއްުތު ނިއޯ އިން ލިޔެފައިވާ މަތީގައިވާ ލިޔުންކޮޅަށް ނަޒަރު ހިންގަވާ ލެއްވުމުން، ފާހަގަ ކުރެއްވޭނީ، އަކުރުތައް ވަރަށް ބޮޑަށް ފާޅުވާ ކަމެވެ. އެއީ ފިލިތައް ކުދިކަމުންނެވެ. އެހެންކަމުން، މި އަކުރުތަކަށް ފަރިތަވުމުން ކިޔަން ފަސޭހަ ވާނެއެވެ. އަދި ލިޔާއިރު ފޮޅުވަތުގެ ފުޅާމިން ޢާއްމު ތާނަ އަކުރުތަކުން ލިޔުމަށް ވުރެ، ނިސްބަތުން ހަނިކުރެވޭނެއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ޞަފުޙާއެއްގައި ގިނަ ފޮޅުވަތް ލިޔެވޭނެއެވެ. ކިޔަން ފަށައިގަންނަ އިރު، އިބިފިއްޔާއި އީބީފިލި ކުޑަކޮށް އޮޅޭނެއެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެކަމަށް ލޯ ހޭނޭނެއެވެ.

އަޅުގަނޑުގެ އުއްމީދަކީ ތާނަ ލިޔުމާއި ކިޔުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މި ފޮންޓު ވައިގައި ހިފުމެވެ. ބައެއް ކަންކަން ފެތުރެނީ އެކަމުގެ ބޭނުންތެރިކަން ފާހަގަ ކުރެވިގެން، ބޭނުން ކުރުން ޢާއްމުވުމުންނެވެ. މީގެ ވިއްސަކަށް އަހަރު ކުރިން އެކި ބާވަތުގެ ތެދަށް ހުންނަ އަކުރުތަކެއް އަޅުގަނޑު ފަރުމާކުރީމެވެ. އެ އަކުރުތައް ރަސްމީ ކަމެއްގައި ބޭނުން ކުރާނޭ ކަމަށް އަޅުގަނޑު ހިޔެއް ނުކުރަމެވެ. ނަމަވެސް، ކީރިތި ޤުރްއާން އާ ބެހޭ މަރުކަޒު ހުޅުވިރޭ، އެތަނަށް ވަންއިރު އަޅުގަނޑަށް ފެނުނީ، އެތަނުގައިވާ ލައުހާތަކެއް (ލޯގަނޑުތަކެއް ނުވަތަ ފިލާގަނޑުތަކެއް) ލިޔުމަށް އެ ފޮންޓުތައް ބޭނުންކޮށްފައިވާތީ އެވެ. މި ފޮންޓު ވެސް ކަމުދާނެ ބަޔަކު ވެސް އުޅެދާނެ އެވެ.

މި ފޮންޓު ގެ ދެ ބާވަތް ހިމެނޭ ފައިލް ޑައުންލޯޑު ކުރެއްވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާ ލައްވާށެވެ!

އެހެން ފޮންޓް ތަކާ ބެހޭ ޞަފުޙާއަށް ވަޑައިގަތުމަށް އޮބާލައްވާ!
ވެބްސައިޓްގެ ފިހުރިސްތަށް ވަޑައިގަތުމަށް އޮބާލައްވާ!