ކަރިކިޔުލަމް އާ ބެހޭ މަސައްކަތު ބައްދަވުން، 11 ސެޕްޓެމްބަރު 1998 (ތ.ތިމަރަފުށި)

11 ސެޕްޓެމްބަރ 1998 (ރޭގަނޑު – އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލް)

ދިވެހިރާއްޖޭގެ ތަޢުލީމީ މަރުކަޒުގެ ޗީފް ކަރިކިޔުލަމް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅު

މި ޒަމާނުގެ ސައިންސް ވެރިންނަށް އަދިވެސް ނުހޯދޭ އެތައް ސިއްރުތަކެއް ހިމަނުއްވައި / މީގެ 15 ޤަރުނުގެ ކުރިން ކީރިތި ޤުރްއާން ބާވާލައްވައި، ޤިޔާމަތަށް ދާންދެން / ދެމި ހުންނަ މުޢުޖިޒާތެއް ކަމުގައި އެ ޤުރްއާން ލެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަން.

ޢިލްމު ހޯދުމަށްޓަކައި، މުޢުމިނަކު ގެއިން ނުކުމެއްޖެ ނަމަ، އޭނާ އަނބުރާ ވަޒަނަށް ވަންނަން ދެން އޭނާ ވަނީ ﷲ ގެ މަގުގައޭ ޙަދީޘް ކުރެއްވި މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން. އެކަލޭގެފާނުންގެ އާލުންނާއި އަޞްޙާބުން / އަދި މި ޖަލްސާގެ ހުރިހާ ބައިވެރީންނަށް / ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަން. އާމީން.

މިރޭގެ ޝަރަފުވެރި މެހެމާނު، ތިމަރަފުށީ ރަށު އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި އަލްއަޚް އަޙްމަދު ޢަލީ މަނިކު، ރަށުގެ ބޮޑު ކަތީބު އިބްރާހީމް މަނިކު ދޮންމަނިކު، ސީނިއަރ މެޖިސްޓްރޭޓް ޢަބްދުލްވައްހާބު ޙަސަން ފުޅު، ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރ އަލްއަޚް ޢަބްދުﷲ ސަޢީދު، ޢިއްޒަތްތެރި ތިމަރަފުށީ ރައްޔިތުން، ލޮބުވެތި މުދައްރިސުންނާއި ދަރިވަރުން. އައްސަލާމް ޢަލައިކުމް.

އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ އުފާވެރި ވާޖިބެއް ކަމުގައި ދެކެނީ، މި މަސައްކަތު ބައްދަލުވުމުގެ އަމާޒު ކަމުގައިވާ މުދައްރިސުންނަށް، ތަޢުލީމް ކުރިއަރުވާ މަރުކަޒުގެ ނަމުގައި، މަރްޙަބާ ދެންނެވުން. އަޅުގަނޑުމެންނަކީ މިހާރުވެސް ކިޔަވައިދޭ ނުވަތަ ކުރިން ކިޔަވާދިން، ކިޔަވައިދިނުމަށް ލޯބިކުރާ، މުދައްރިސުންނަށް އިޙްތިރާމް ކުރާ ބައެއް. އެހެންކަމުން، އަޅުގަނޑުމެން ތިޔަބޭފުޅުން ދެކެނީ، ކުރިން ބައްދަލުވެފައި ނެތަސް، ރައްޓެހިންގެ ގޮތުގައި،  އަޚުންނާއި އުޚުތުންގެ ގޮތުގައި، އެއް މަސައްކަތެއް ކުރާ، އެއް އަމާޒަކަށް ދަތުރުކުރާ، އެއް ބައެއްގެ ގޮތުގައި.

އެހެންކަމުން، މި ރަށުގެ ރައްޔިތުން، ތިޔަ މުދައްރިސުންނަށް ބަހައްޓަވާ މެހެމާންދާރީ އާއި ހިތްހެޔޮ އަޅާލުމަށްޓަކައި، ތިމަރަފުށީގެ ކުޑަބޮޑު އެންމެންނަށް، އަޅުގަނޑުމެން ވަރަށް އިޙްތިރާމް އާ އެކު ޝުކުރު ދަންނަވަން.  އަދި ޚާއްޞަކޮށް، މި މަސައްކަތު ބައްދަލުވުން އިންތިޒާމް ކުރެއްވުމުގައި، މި ރަށުގެ ރަށު އޮފީހާ، ތަޢުލީމީ މަރުކަޒާއި ރަށްކުރިއަރުވާ ކޮމިޓީ އާއި އަދި އަންހެނުންގެ ކޮމިޓީގެ ޙަރަކާތްތެރި މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް، ތަޢުރީފުކޮށް، ތަރުޙީބް ޝައްކެތް ނެތް. މިރޭ މި ފެށޭ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދާ ބާރަކީ، ޙަޤީޤީ ރޫޙަކީ، ތިމަރަފުށީ ރައްޔިތުން. ތިޔަ އެންމެހާ ބޭފުޅުންނަށް ޝުކުރިއްޔާ!

ތިމަރަފުށީ ރައްޔިތުން މި ބައްދަލުވުމަށް އެހާ އެއްބާރުލުން ދެއްވަނީ / ކީއްވެގެންކަން / އަޅުގަނޑުމެންނަށް އެނގޭ! ތިޔަ ބޭފުޅުންނަށް ވެސް އެނގޭ! އެ ވާހަކަތައް އެ އޮތީ  / މަގުމަތީގައި / ފޮތިތަކުގައި ލިޔެފާ.

މި ޢިލްމީ ޒަމާނުގައި / ބަޔަކު ކަމުފޮޅޭނީ / އެމީހަކު ދަންނަ ޢިލްމަކުން / މަސައްކަތަކުން ނުވަތަ ހުނަރަކުން. މި އަތޮޅު ކުރިއަށ ްދާނީ / ތަރައްޤީ ވާނީ  / މި އަތޮޅުގެ ރަށްތަކުން / ޢިލްމީ ދަރިންތަކެއް އުފެދިގެން. އަޅުގަނޑަށް ހީވަނީ މިކަށް ކޮށްދެވޭނީ މުދައްރިސުންނަށް ހެން. އަޅުގަނޑުމެންގެ، މި ފަސްގަނޑުގެ، އެދުރުން ތަކަކަށް ހެން. އެހެެންކަމުން، މި އަތޮޅުގެ މުދައްރިސުންނަށް ލިބޭ  ކޮންމެ ކުރިއެރުމަކީ / އިތުރަށް ކިޔަވަން ލިބޭ ކޮންމެ ފުރުޞަތަކީ / މިއަތޮޅުގެ ހުރިހާ ކިޔަވާ ކުދިންނަށް ލިބޭ ކުރިއެރުމެއް. މޮޅެތި ކުދިންތަކެއް އުފެއްދޭނީ، ހީވާގި ހުނަރުވެރި މުދައްރިސުންނަށް. ކޮންމެ ކަންވާރަކުން ވެސް، ތިކިތަޅާނީ އެ ކަންވާރުގައި ހުރި އެއްްޗަކުން.

ވީމާ، އަޅުގަނޑުމެންގެ މި މަސައްކަތު ބައްދަލުވުމުގެ އަމާޒަކީ، މިއަތޮޅުގެ މުދައްރިސުން ތާޒާކޮށް، އެމީހުންގެ ހުނަރުވެރިކަން އިތުރުކުރުން. އެމީހުންނަަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މުދައްރިސުންނާއި ވެސް ފައިހަމަކޮށްލެވޭ ބަޔަކަށް ހެދޭތޯ މަސައްކަތް ކުރުން. ކިޔަވާދިނުމުގެ މައިދާންގައި، އެހެން އަތޮޅުތަކާ މުޤާބަލާ ކޮށް، މޮޅުވެވޭ ފަދަ، ޢަމަލީ ބަޔަކަށް ވޭތޯ ބެލުން. އަދި ކޮޅުމަޑުލުގެ މުދައްރިސުން ކިޔަވައިދޭ ކުދިންނަކީ، މުޅި ރާއްޖޭގެ އުދަރެހުން އަރާ، މުޅި ޤައުމު އަށް އަލިފޯރުވާ ތަރިތަކަކަށް ވޭތޯ ބެލުން.

މި މަސައްކަތު ބައްދަލުވުމުގައި، ކޮޅުމަޑުލުގެ 13 ރަށަކުން 93 މުދައްރިސުން ބައިވެރިވޭ. މި ހީވާގި ބޭފުޅުންނަށް، މިވާރކްޝޮޕްގައި ކިޔަވައިދޭން ޤަޞްދުކޮށްފައިވަނީ، ދަރިވަރުންގެ ފެންވަރު ބެލުމާ ބެހޭ ހުނަރުތައް. ފެންވަރު ބެލުމަކީ، ކިޔަވައިދިނުމުގެ ބިންގާ. އެހެނީ ކިޔަވައިދިނުމާއި ދަސްވުމާއި މިއީ އެކުއެކީގައި ވާކަމެއް ނޫން. ދަސްވުމަކީ ކިޔަވައިދިނުމުގެ ނަތީޖާއެއް ނޫން. ކިތަންމެ އެއްޗެއް މުދައްރިސަކު ކިޔަވައި ދިނަސް، ކުދިންނަށް އެ އެއްޗެއް ދަސްނުވެ، ނޭނގި ހުރެދާނެ. ދަސްވިވަރު ބެލުމަކީ، ފެންވަރު ބެލުން. ފެންވަރު ބެލުމުން ނޫނީ، މުދައްރިސް ކިޔަވައިދެއްވި އެއްޗެތި ދަރިވަރުންނަށް އެނގުނު ކަމެއް. މުދައްރިސަކަށް ޔަޤީނެއް ނުވާނެ.

އެހެންކަމުން، ފެންވަރު ބެލުން ހަރުދަނާވި ވަރަކަށް، ކިޔަވައިދިނުން ވެސް ހަރުދަނާވާނެ. އަދި ބެލެނިވެރިންނާއި ސްކޫލަށް، ކުދިންނަށް ދޭންވީ އެހީ އެނގި، ކުދިންނަށް މަންފާ ކުރާނެ. ނަތީޖާތައް ރަނގަޅު ކުރެވޭނެ. ކައްކާ ރިހަ ގަޑެއްގެ މޮޅު ދެރަ އެނގޭނީ ރަހަ ބެލީމާ. ރަހަ ބެލުންގޯސް ވެއްޖެނަމަ، ރިހަ މީރުކަމެއް، ނުވަތަ މީރު ނޫން ކަމެއް، ގިނައީ އަދި މަދީ ކޮން އެއްޗެއް ކަމެއް، ހެދުނު ގޯހަކީ ކޮބައިކަމެއް ނޭނގޭނެ.

މި މަސައްކަތު ބައްދަލުވުމުގައި، ދުވާލެއް ހަތަރު ސެޝަން އަށް ބަހައިގެން، 5 ދުވަސް ވަންދެން، 30 ގަޑިއިރު ކިޔަވާ ދިނުމަށް ޤަޞްދުކުރެވިފައިވޭ. އަޅުގަނޑުމެން އެދެނީ، މި މަސައްކަތުގެ ސަބަބުން، މުދައްރިސުންގެ ކިޔަވައިދިނުމަށް، ދަރިވަރުންގެ ކިޔެވުމަށް، ހެޔޮ ބަދަލުތަކެއް އައުން. މިރަށަށް، މިއަތޮޅަށް، ޢިލްމީ ގަދަ ނޫރެއް ފެތުރިގެން ދިޔުން.

އައްސަލާމް ޢަލައިކުމް.