ބައިވެރިޔާ ބައްކުރުން

ބައެއް މީހުން، ކައިވެންޏެއްގައި ނުވަތަ އެހެން ގުޅުމެއްގައި ނަމަވެސް، އަނެކާގެ ރައްޓެހިކަން ނުވަތަ އޭނާގެ ހުރިހާ ޝުޢޫރުތަކެއް އަމިއްލަ މިލްކަކަށް ހަދަން ބޭނުންވެއެވެ. އެހެން މީހުންނާ މުޢާމަލާތް ކުރުމަށް ނުވަތަ ރައްޓެހިކަމެއް ބާއްވަން ނޭދެވެއެވެ. މިފަދަ ފިރިއެއް ނުވަތަ އަނތްބެއް ލިބިފައިވާ މީހަކު، އަނެކާގެ ހުރިހާ އަޅާލުމަކާއި އުޅުމެއް ކޮންޓްރޯލްކޮށް، އޭނާގެ އޯގާތެރިކަން އެހެން މީހުންނަށް ބެހިގެން ދިޔަނުދީ ބައްކުރުމުގެ ސަބަބުން ކައިވެނީގެ ނުވަތަ އެކުވެރިކަމުގެ އުފާވެރިކަން ވަރަށް އަވަހަށް ނެތި ދެއެވެ. ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ”ނޭވާ ހާސްވާ“ ކަހަލަ އިޙްސާސްތަކެއް ކުރެވެއެވެ. މި ޝުޢޫރަށް ”ބައްކުރުމޭ“ ކިޔަމާ ހިނގާށެވެ. އާދެ! ބައިވެރިޔާގެ ހުރިހާ ވަގުތަކާއި ސަމާލުކަމެއް އެހެން އެއްވެސް މީހަކާ ހިއްސާ ކުރިޔަ ނުދީ، ތިމާ މިލްކުކުރުމަށް އެދެވޭ އެދުމެވެ. ނުވަތަ ބައްކުރުމެވެ.

ދިވެހި ބަހުން ”ބައްކުރުން“ ޢާއްމުކޮށް ބޭނުންކުރާތީ އަޅުގަނޑަށް އަޑުއިވެނީ މުދާ ފަދަ ތަކެތި އެހެންމީހުންނަށް ނުވަތަ ތިމާއަށް ހޭދަނުކޮށް އެއްކުރުމަށެވެ. މި މަޒުމޫނުގައި ބައިވެރިޔާ ބައްކުރުމުން މާނަކުރަނީ ތިމާގެ ރައްޓެއްސެއް ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާ، އެހެން މީހުންނާ ވާހަކަދައްކާ، ތަންތަނަށް އެކުގައި ގޮސް އުޅުމަށް ނަފުރަތު ކުރުމާ އެކު، އެމީހާގެ ހުރިހާ އޯގާތެރިކަމުގެ އަމާޒަކަށް ތިމާ ވުމަށް އެދޭ އެދުމަށެވެ. މީހަކު، އެހެން މީހަކާ ވާހަކަ ދައްކާލުމަށް ނުރުހޭ ފިރިން ނުވަތަ އަނބިން އުޅެނީ މަދެއްކޮށެއް ނޫނެވެ. މިފަދަ މީހުން ދެކެނީ، މީހެއްގެ ”ބެސްޓް ފްރެންޑް“ އަކަށް ވުމަކީ އެހެން އެންމެންނާ ރުޅިވުން ކަމަށެވެ. ކައިވެންޏާ ހިސާބަށް ނުދާ ގުޅުންތަކުގައި ވެސް މިކަން ފާހަގަ ކުރެވެއެވެ. މި ޝުޢޫރު އުފެދޭ ގޮތާއި އެކަމުގެ ސަބަބުން ކައިވެނި ނުވަތަ ރަޙްމަތްތެރިކަން ހަލާކުވުމުގެ ކުރިން އެޅިދާނެ ފިޔަވަޅު ތަކާ މެދު ވިސްނާލަމާތޯއެވެ.

މި ދެންނެވި ފަދަ، ”ބައްކުރުމުގެ“ ޝުޢޫރު އުފެދެނީ ވަރަށް ޅަފަތުގައެވެ. ބައެއް ފަހަރު، ކުޑައިރު، މައިންބަފައިންގެ އަޅާލުން ކުޑަވެގެން ދިއުމުންނެވެ. މިސާލަކަށް އާއިލާގެ ތެރެއަށް އައު ކުއްޖެއް ވިހެއުމުން، މައިންބަފައިންގެ ހުރިހާ އަޅާލުމެއް އެކުއްޖާއަށް ޚާއްޞަވެގެން ދެއެވެ. ދޮށީ ބައެއް ކުދިންނަށް ކުރިން ދެވުނު އޯގާތެރިކަމާއި ސަމާލުކަން މަދުވެއެވެ. މިގޮތަށް ކަން ޙަޤީޤަތުގައި ނުހިނގިއަސް، އެގޮތަށް ކުއްޖާއަށް ހީވިނަމަ، ”ތިމަންނާއާ މިހާރު ބައްޕައެއް މަންމައެއް އަޅައެއް ނުލައޭ ހުރިހާ ލޯތްބެއް ވެސް ވަނީ ކޮއްކޮ ދެކެއޭ“ ހިތަށް އަރާ އެކަން ޤަބޫލުކޮށްގެން ބޮޑެތިވާ ކުދިން އުޅެއެވެ. އެއީ އެފަދަ ކުދިންނަކީ ޠަބީޢީ ގޮތުންވެސް، ވަރަށް ފަސޭހައިން އަސަރުކުރާ ކުދީންނަށް ވާތީއެވެ. މިފަދަ ކުދިން ބޮޑުވެ މީހަކާ އިނުމުން، ފިރިހެން ކުއްޖަކު ނަމަ، ދަރިއެއް ލިބުމުން އަނބިމީހާ، ދަރިފުޅާ ދޭތެރޭ އުޅޭ ގާތްގޮތުން، ފިރިމީހާ ”ބާކީ“ ވީއޭ ހީވާ ކަހަލަ އިޙްސާސެއް ކުރެވެއެވެ. ނާދިރު ހާލަތްތަކުގައި، އަނބިމީހާގެ ލޯތްބާއި އަޅާލުމަށް، ފިރިމީހާއާ ވާދަކުރާ މީހަކަށް ދަރިފުޅުވަނީ އޭ ވެސް ހިތަށް އަރާފާނެއެވެ. އަދި، އަނބިމީހާ، ފިރިމީހާ އާ ގުޅުން އޮންނަ ގޮތަކުން، ދެން އޭނާއަށް އޮތްގޮތަކީ އެހެން މީހަކާ އިނުމޭ ވެސް ހިތަށް އަރާފާނެއެވެ. އަންހެން ކުއްޖެއް ނަމަ، ފިރިމީހާ ”ބައްކުރުމުގައި“ ހަމަ މިފަދަ އިޙްސާސްތަކެއް ކުރެވެއެވެ. ފިރިމީހާއަށް ވާހަކަ ދެއްކޭނޭ މީހުންނާއި ބޭރަށް ދެވޭނެ ވަގުތާއި ތަންތަނާއި އެކުވެރިން ކަނޑައަޅައެވެ. ކޮންމެއަކަސް، ތަފާތު ސަބަބުތަކާ ހެދި ބޮޑެތިވާ ބައެއް ކުދިންގެ ކިބައިގައި، ”ބައްކުރުމުގެ“ ޝުޢޫރު ވަރަށް ގަދަޔަށް ހުރެއެވެ. އެކުދިން ބޮޑެތިވެ މީހުންނަށް ވެފައިވަނީ ބިރަކާ އެކުގައެވެ: އަހަރެން ލޯބިވާ މީހާ ނުވަތަ ލޯބިކުރާ އެތި އެހެން މީހަކު އަހަރެންގެ އަތުން އަތުލަފާނެއެވެ. މިއީ ވަރަށް ބާރުގަދަ ހިތަށް ތަދުވާ ޝުޢޫރެކެވެ. ކައިވެނީގައި، މިފަދަ ބައިވެރިންނަކީ އަމިއްލަ އެދުން ބޮޑު، ދަހި، ކަންކަން ވަގުތުން ކޮށްދިނުމަށް އެދޭ، އެހެން މީހުންނަށް އިތުބާރު ނުކުރާ މީހުންނަށް ވެއެވެ. އަދި މިފަދަ މީހުންނަކީ އެމީހުންގެ އަމިއްލަ ނަފުސާ ދޭތެރޭ މާބޮޑު ގަދަރެއް ނުކުރާ މީހުންނަށް ވެސް ވެއެވެ. އަނބިމީހާ ނަސަބުން މޮޅުވުމުން ނުވަތަ މާ މުއްސަނދިވުމުން ނުވަތަ ރީތިވުމުން ނުވަތަ ތަޢުލީމީ ގޮތުން މާ މޮޅުވުމުން ނުވަތަ ޢުމުރުން ހަނގުވުމުން، ބައެއް ފިރިންގެ ހިތްތަކުގައި، ބައްކުރާ ޝުޢޫރު އުފެދެއެވެ.

ކޮންމެ ގުޅުމެއްގައި ވެސް ދެމީހަކު ބައިވެރި ވެއެވެ. ގުޅުމުގައި ސިފަ ޖެހެނީ މި ދެމީހުންގެ މިޒާޖުންނެވެ. ބައްކުރާ ޚިޔާލު ހުންނަ ފިރިހެނުންނަށް ބައެއް އަންހެނުން ރުހެއެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުޑަ، އަބަދު ލޯބިވެއޭ ބުނާ އަޑު އަހަން ބޭނުންވާ އަންހެނުންނަށް ކަމުދަނީ ގިނައިން ވާހަކަ ދައްކާ، އަމުރުވެރި ފިރިހެނުންނެވެ. މިއީ އަނބިމީހާއަށް ނުކުރެވޭ ކަންކަމެވެ. މިކަމުގެ ސަބަބުން، އެ އަންހެން މީހާއަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިޙްސާސް ކުރެވެއެވެ. އަދި އަންހެންމީހާ އެހެން ފިރިހެނަކާ އަނގައިން ބުނުމުން، ފިރިމީހާ ރުޅިއަންނާތީ، އެކަބުލޭގެދެކެ ލޯބިވާކަން އަންހެން މީހާއަށް ޔަޤީން ވެއެވެ. މިފަދަ އަނބިންނަށް ނޭނގޭ ކަމަކީ، އެ ފިރިހެން މީހާ، އެކަބުލޭގެއަށް ވުރެ ވެސް، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެދާނެ ކަމެވެ. ފިރިމީހާގެ ނަފުސުގެ އިތުބާރު ކުޑަވެދާނެތީ، އޭނާ ބޭނުންވަނީ ސުވާލެއް ނުކުރާ އަނތްބެއް ކަމެވެ. އޭނާގެ ނަފުސަށް އޮންނަ ބަލިކަށި އިތުބާރު “ލޮޅުން” އަރުވާ ނުލާ ފަދަ މަޑުމައިތިރި އަނތްބެކެވެ.

މިދެންނެވި ގޮތަށް ބައްކުރަން ބޭނުންވާ އަންހެނުން ބައެއް ފިރިހެނުން ބޭނުން ވެއެވެ. ގެއަށް އައުން ލަސްވުމުން، އަނބިމީހާ ފޯނުކުރުމުން، ފިރިމީހާއަށް ހިތްހަމަޖެހުމެއް ލިބެއެވެ. ނުވަތަ ވީގޮތެއް ނޭނގިގެން ބަލާފޮނުވުމުން، ނުވަތަ ވާނުވާބެލުމުން އޭނާއަށް މީހަކު ޚުޝާމިދު ކުރީމާ ވާފަދަ އުފާވެރި އިޙްސާސެއް ކުރެވެއެވެ. އަންހެން މީހާ ޙަޤީޤަތުގައި، ފޯނުކުރަނީ ފިރިމީހާގެ އުޅުން ވަކިގޮތަކަށް ބައްޓަންކުރަން ބޭނުންވާތީއެވެ. މިކަން ފިރިމީހާއަށް އެނގޭނަމަ، ފޯނުކުރުމާ ނުވަތަ އުޅޭގޮތް ބެލުމާ ދޭތެރޭ ދެކޭ ގޮތް ތަފާތުވެދާނެ ތޯއްޗެކެވެ.

ބައްކުރުމުގެ ޝުޢޫރުން ޖެހޭ މައްސަލަތައް

ފާރަލާ ވާނުވާ ބެލުމުން، ކައިވެނީގެ ފުރަތަމަ ކޮޅުގައި އުފާވިއަސް، އެ އުފާވެރިކަން ދާދިއަވަހަށް ގެއްލެއެވެ. ބައްކުރާ ފިރިމީހާ، ހަސަދަވެރިވެ، ޝައްކުކުރާ މީހަކަށް ވެއެވެ. އެހެންމީހުންނާ އަޅުވާ ކިޔާ މީހަކަށް ވެއެވެ. އަދި މި މިޒާޖުގެ އަނބިމީހާ ވެސް، ފިރިމީހާއަށް ފާރަލާ މީހަކަށް ވެއެވެ. ނިދުމުން ނުވަތަ އެހެން ވަގުތުތަކުގައި ބައިވެރިޔާގެ ފޯނާ ގުޅާފައިވާ ފަރާތްތަކާއި އައިސްފައިވާ މެސެޖްތައް ބަލާ ހަދައެވެ. ގިނަ ފަހަރު، މިހެން ދިމާވަނީ ބައިވެރިޔާ ގެ ނަފުސުގެ ޤަދަރު މަތިވެގެން ކޮންމެވެސް އައު ކަމެއް ކުރަން އުޅޭ އިރުއެވެ. މިސާލަކަށް އަނބިމީހާ ވަޒީފާއަކަށް ނުކުންނަށް ބޭނުންވާ އިރުއެވެ. ނުވަތަ ކޮންމެވެސް އެއްޗެއް ކިޔެވުމަށް ކިލާހަށް ދާން ބޭނުންވާ ހިނދުއެވެ. މިހެންވުމުން ބައެއް ފަހަރު ފިރިމީހާއަށް ޤަބޫލުކުރެވެނީ އަނބިމީހާ ކުރިންވީ ލޯބި އޭނާދެކެ ނުވަނީ ކަމަށެވެ. އަދި އަނބިމީހާގެ މިފަދަ ޙަރަކާތްތަކަށް ނުރުހެވި، ޒުވާބުކޮށް، އޭނާ މިފަދަ ޙަރަކާތްތަކުގައި ބައިވެރިވުމާއި ދެކޮޅަށް ކަންތައްތައް ކުރެވެއެވެ. އެހެން އަންހެން ކުއްޖަކާ އެކު ކެއުމަކަށް ނުވަތަ އެހެން ވެސް ތަނަކަށް ދާން ނިންމައިފިނަމަ، އެކަން ކެންސަލް ކުރެވޭތޯ މަސައްކަތްކުރެވެއެވެ. ބައްދަލުވުމަކަށް ގޮސްފިނަމަ، ލަސްވެއްޖެއޭ ކިޔާ އެތަނަކަށް ގޮސް، ފިރިމީހާ، އަންހެން ކުއްޖާގެ ރައްޓެހިންގެ ކުރިމަތީގައި ޑްރާމާއެއް ކުޅެފާނެއެވެ. ކަންތައްތައް މި މަރުހަލާއަށް އައުމުން، ބައްކުރާ ފިރިމީހާ، ހަސަދަވެރި ފިރިއަކަށް ބަދަލުވީއެވެ. ދެން އަނބިމީހާއަށް ކުރެވޭ ކަމަކުން، ގޭގައި ”ބަޑިބޭހުގެ ކުޅިވަރު“ ފަދަ ކަމަކާ ލައިގެންފާނެއެވެ.

ބައްކުރާ ހިތްވާ ފިރިހެނުން ފަދައިން، އަންހެނުންވެސް އުޅެއެވެ. މިފަދަ އަންހެނަކާ އިނދެގެން ފުރަތަމަ އުޅޭ ދުވަސްކޮޅު މަންމައެއްގެ ރޯލު ކުޅުނީމާ، ފިރިމީހާ އުފާވިއަސް، ދުވަސްކޮޅަކުން، މިކަންކަމަށް ފިރިމީހާ ފަރިތަވެ، އޭނާގެ ނަފުސުގެ ގަދަރު މަތިވެއެވެ. އެހެންކަމުން އަނބިމީހާގެ ”އަޅާލުމުން“ ވަނީ އުނދަގޫ ކަމަށް އިޙްސާސް ކުރެވެން ފަށައެވެ. އުޅޭތަނެއް ބަލަން ދުވާލަކު ހައެއްކަ ފަހަރު ފޯނު ކުރުމުން ކުރިން ކުރެވުނު އިޙްސާސްތައް ނަފުރަތަށް ބަދަލުވެއެވެ. ފިރިމީހާއަށް މި ބަދަލު އަންނަން ފެށުމުން، އަނބިމީހާ ކުރާ ސުވާލުތައް ގިނަވެ، ގެޔަށް ވަންނަ ކޮންމެ ފަހަރަކީ ކޯޓެއްގެ ޤާޟީއަކާ ކުރިމަތިލުން ކަމަށް ވެދެއެވެ.

ބައްކުރާ ބައިވެރިންނާ މެދު ޢަމަލު ކުރާނޭ ގޮތް

ބައިވެރިއަކު މާބޮޑަށް ތިމާގެ ސަމާލުކަން ބައްކުރަން ފެށުމުން ހަސަދަވެރިކަން އިތުރުވެ، ކުރިން ހުރި ލޯބި ކެނޑޭގޮތް މެދުވެރިވެއެވެ. އެމީހުންނަށް ކަންވާގޮތް އެނގުނަސް، އެކަމުން ހިތްހަމަޖެހުމެއް ނުލިބެއެވެ. މިފަދަ މައްސަލަތައް ދިމާވުމުން، ބައިވެރިޔާގެ ބޮލުގައި، ގުޅުން ހީނަރުވިކަމުގެ އިލްޒާމު އެޅުވުމުގެ ބޭނުމެއް ނެތެވެ. ދެމީހުންނަށް ވެސް ކަންވީގޮތް ކޮންމެވެސް ވަރަކަށް އެނގުމަކީ ގުޅުން ރަނގަޅު ކުރުމަށް މަގުފަހިވާނޭ ކަމެކެވެ. ވެދިޔަ ކަމަށް ކޮންމެވެސް އެއް ބައިވެރިއެއް ބޮޑަށް ޒިންމާވާން ޖެހުނަސް ހާލަތު ރަނގަޅުކުރުމަށް ދެމީހުންގެ މަސައްކަތް ބޭނުން ވެއެވެ.

ބައްކުރާ ފިރިއެއް ލިބިފައިވާ އަނބިމީހާއަށް ވިސްނެންވީ އެއް އިރެއްގައި އޭނާގެ ”އަޅާލުމުން“ ތިމަންނާ ހިތްހަމަ ޖެހުނު ކަމެވެ. ކަންތައް މިހިސާބަށް ދިއުމުން އަގައިން ނުބުނުމުން ނުވަތަ ވާހަކަ މަދުކުރުމުން ޙައްލެއް ނުފެންނާނެ ކަމެވެ. ހަސަދަވެރި ވެފައިވާ ފިރިއަކު އެންމެ ބޮޑަށް ބޭނުންވަނީ އޭނާދެކެ އަނބިމީހާ ލޯބިވާ ކަމުގެ އިތުރު ހެކިތަކެވެ. ލޯބިވާކަން ޔަޤީން ކޮށްދޭށެވެ. އަދި ވަޒީފާއަކަށް ނުކުތުމަކީ ނުވަތަ ތަނަކަށް ދިއުމުގެ މާނައަކީ ހިތްހަމަ ނުޖެހޭތީ ނޫން ފިރިމީހާއަށް ޔަޤީން ކޮށްދޭށެވެ. އެއީ ބޭވަފާތެރިވުން ނޫންކަމެވެ. އޮޅުން ފިލުވާ ދޭން ޖެހެނީ ވަޒީފާއަކަށް ނުކުތުމުން ގެޔަށް އިތުރު ފައިސާ ވަންނާނޭ ކަމެވެ. އަދި އަނބިމީހާއަށް މިކަމުން ހިތްހަމަޖެހުމެއް ލިބޭނަމަ، އެކުގައި އުޅެން ފަސޭހަވާނޭ ކަމެވެ. އެއީ ހިތްހަމަޖެހިފައިވާ އަނތްބަކާއި އެކީ އުޅެން ފަސޭހަވާނެތީއެވެ.

ހަމަ މިފަދައިން، އަދި ބައްކުރާ އަނބިމީހާއަށް ވިސްނައިދެވޭތޯ ބަލަންވީ، ފިރިމީހާ އަދިވެސް ލޯބިވާކަމެވެ. ފިރިމީހާ މަސައްކަތްކުރަންވީ އަނބިމީހާއަށް ކުރެވޭ އިޙްސާސްތައް، ސާފުކޮށް އޮޅުން ފިލުވޭތޯއެވެ. ހިތުގައިވާ ޝުޢޫރުތައް ހާމަކުރެވޭތޯއެވެ. އަދި ގޭގައި ޓީވީ ބަލަން އަބަދު އިނުމުގެ ބަދަލުގައި، ކޮންމެވެސް ފައިދާހުރި ކަމަކަށް އަނބިމީހާ ޝައުޤުވެރިކުރެވޭތޯއެވެ. މީގެ އިތުރަށް، ދެމީހުންނަށް ކޮންމެވެސް އެއްބަސްވުމަކަށް އާދެވިދާނެއެވެ. މިސާލަކަށް ހަފުތާއަކު ތިން ދުވަހު، ކަޑައެޅިފައިވާ ވަގުތަކަށް ގެއަށް އައުމާއި އެކުގައި ވަކި ދުވަހަކު ވަކި ކަމެއް ކުރުމަށް، މިސާލަކަށް ހިނގާލަން ދިއުމަށް، އެއްބަސްވެވިދާނެއެވެ.

ޙަސަދަވެރިވުމަށް ޙަޤީޤީ ސަބަބުތައް މެދުވެރިވުން

ވަޒީފާގެ ގޮތުން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ، ތިމާ އެކުއުޅެންޖެހޭ އަނެއް ޖިންސުގެ މީހުން ދެކެ އަނބިމީހާ ނުވަތަ ފިރިމީހާގެ ހިތުގައި، ތިމާއާއެކު ހޭދަ ނުކުރާހާ ވަގުތު ހޭދަކުރާތީ ނުވަތަ އެކުގައި ތަންތަނަށް ދާތީ، ހަސަދަވެރިކަން އެފަރާތްތަކަށް އުފެދެއެވެ. ޖެލަސް ވެއެވެ. ނުވަތަ ”ޖޭ“ ވެއެވެ. ކޮންމެ ދެ ރައްޓެއްސަކު ނުވަތަ ދެމަފިރިއަކުވެސް ޖެހެނީ، މި ދުނިޔެ އެހެން އެތައް ބަޔަކާ ޝެއަރ ކުރަންށެވެ. އެހެން މީހުންނާ އެކު ދުނިޔޭގައި އުޅެންށެވެ. އެހެންކަމުން، ބައެއް ފަހަރު އަޞްލުގައިވެސް ހަސަދަވެރިވާން ނުވަތަ ކަން ބޮޑުވާން ޖެހޭ ހާލަތްތައް އާދެއެވެ. މިއީ ރަސޫލާ ޒަމާނުގައި ވެސް ވެފައި ހުރި ކަންކަމެވެ. ކޮންމެ ފިރިއަކާއި އަނތްބަކަށް ވެސް ދިމާވާ މިފަދަ ދަޅަތަކުގެ މައްޗަށް ވިސްނުން ކުރިއަށް ނެރެން ވާނެއެވެ. ނަމަވެސް ޙަޤީޤަތުގައިވެސް ކަމެއް ހިނގަމުންދާ ނަމަ، ހަސަދަވެރިވުމަށް ވުރެ ބުއްދިވެރީ އެކަމާ ޙިކްމަތްތެރިކަމާއެކު ކުރިމަތި ލުމެވެ. ހަސަދަވެރިވުމަކީ، ތިމާ ލޯބިވާ މީހާ، އެހެންމީހެއްގެ މުށުގެ ތެރެއަށް ފޮނުވާލެވޭނެ ޔަޤީން ގޮތެކެވެ. އަޅާ ޙިކްމަތްތެރި ފިޔަވަޅަކުން ނަތީޖާއެއް ނުނިކުމެއްޖެނަމަ، ދެން ކަން ޙައްލުކުރުމަށް އޮންނާނީ އެހެން ފަރާތެއްގެ އެހީ ހޯދުމެވެ. ނުވަތަ މައްސަލައަކީ ސީރިއަސް މައްސަލައެއް ނަމަ، ވަކިވުމާ މެދު ވިސްނުމެވެ.

މައްސަލަ ދެނެގަތުން

އެއްވެސް އިންސާނަކީ ބަރާބަރު މީހެއް ނޫންކަމުން، ކޮންމެ ފިރިހެނެއްގެވެސް ނުވަތަ އަންހެނެއްގެވެސް ހިތުގައި ބައެއް ފަހަރު، ހަސަދަވެރިކަމުގެ ޝުޢޫރުތައް އުފެދޭ ވަގުތު އާދެއެވެ. ކޮންމެ މީހަކުވެސް ހަނދާން ކުރަންވީ، އެހެން މީހަކު ތިމާގެ މިލްކަކަށް ނުހެދޭނޭ ކަމެވެ. މިހެން ހަދަން މަސައްކަތް ކުރުމުން އެމީހާ ފޭވުން ނޫން އެހެން ގޮތެއް ނުވެއެވެ. އަދި އެއްވެސް މީހެއްގެ ޙަޔާތެއް، އަނެކާއަށް ހިބަކޮށް ނުއެއް ދެވެއެވެ. މިހެން ހަދަން އުޅުމުން މީހާ ހަމައިން ނެއްޓޭގޮތްވުން ނޫން އެހެން ކަމެއް ނުވެއެވެ. މިކަން ހަނދާންކޮށް، ކުރިމަތިވާ ހާދިސާތަކުގައި ކެތްތެރިކަމާއި ސާބިތުކަމާއެކު ޝުޢޫރުތައް ހާމަކޮށް ވާހަކަ ދެއްކުމަކީ އުފެދޭ ހަސަދަވެރިކަން ބާޠިލްކުރަން އެންމެ ރަނގަޅު ފަންޑިތައެވެ.

މީހަކު، ބައްކުރާ ފިރިއަކަށް ނުވަތަ އަނތްބަކަށް ވަނީ ކުޑަ ކުއްޖަކަށް ދުވަސް ކޮޅަކު އުޅުމަށް ފަހުއެވެ. ބައްނުކުރާނެ ފިރިއަކު ނުވަތަ އަނތްބަކު ތަރުބިއްޔަތު ކުރެވޭނީ އަޅުގަނޑުމެންގެ ކުޑަ ކުދިންނަށް އެމީހުން، އެހެން މީހުންނަށް ބަރޯސާ ނުކޮށް މުނިފޫހިފިލުވޭނޭ ފައިދާ ހުރި ކަންތައްތަކެއް ދަސްކޮށްދީގެންނެވެ. ތަފާތު ފައިދާ ހުރި ހޮބީތަކެވެ. އެކަނި ކުރެވޭ ޝައުޤުވެރިވާ ކަންތައްތަކެކެވެ.

ވައު ޖަހައިގެން ގުރައެއް ގާތުގައި ބޭންދިދާނެއެވެ. އޮޅުވިކަން ޔަޤީންވާނީ ވައު ކަނޑާ ދޫނި ދޫކޮށްލުމުންނެވެ. ބުއްދިވެރިއަކު ބުނެފައި ވެއެވެ: ”ކަލާ އެއްޗެއް ދެކެ ލޯބިވާނަމަ، އެ އެއްޗެއް ދާން ދޫކޮށްލާށެވެ. އެ އަނބުރައި އައިސްފިނަމަ، އެއީ ކަލާގެ އެއްޗެކެވެ. ނައިނަމަ، އެއްވެސް އިރެއްގައި އެއީ ކަލާގެ އެއްޗެއް ނޫނެވެ.“

”ޖޭ“ ވާ މީހުންނަށް ދެވޭ ބައެއް އިޖާބައިގެ މިސާލު

ހަސަދަވެރި ފިރިއަކު، އަނތްބަކު ވަޒީފާއަކަށް ނުކުންނަށް ބޭނުންވާތީ، ނުރުހިގެން އެއްޗެއް ބުނެފިނަމަ، އެކަމުގެ އިޖާބައަކަށް މިހެން ނުބުނާށެވެ. “އަހަރެންނަށް އެނގޭ ޢަބްދުﷲ އަހަރެން ވަޒީފާއަކަށް ނުކުންނަށް ނޭދޭ ސަބަބު. އެހެން މީހެއްގެ ފަހަތުން އަހަރެން ގޮއްސާނެތީ ބިރުގަންނަނީ. ތިހިރީ ޖޭވެފައި!” މީގެ ބަދަލުގައި ކެތްތެރިކަމާއި އޯގާތެރިކަމާއެކު ވަޒީފާއަކަށް ނުކުންނަށް ބޭނުންވަނީ މިހާރު ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ ފައިސާ ހޯދަންކަމަށް ބުނާށެވެ. ވަޒީފާއަށް ނުކުންނަށް ބޭނުން އެހެން ކުދި ސަބަބުތައް ދައްކާނީ މިފަދަ ފުރުޞަތެއްގައެއް ނޫނެވެ.

ހަމަ މިފަދައިން ހަސަދަވެރި އަނތްބަކު ފިރިމީހާއާ ދިމާލަށް ”މިހާރު މުޙައްމަދު އަހަރެން ގޮވައިގެން އެއްވެސް ތަނަކަށް ނުދޭ!“ ނުވަތަ ”އަހަރެންނަކަށް އެއްވެސް ސަމާލުކަމެއް ނުވަތަ އަޅާލުމެއް ނުދޭ!“ ބުނެފިނަމަ އަނބިމީހާ އާ ދިމާއަށް ”އަންދައިގަތުމުގެ“ ބަދަލުގައި ކެތްތެރިކަން އިޙްސާސް ކުރާށެވެ. ދެމީހުން ހުސްވަގުތު ހޭދަކުރާގޮތަށް ވިސްނާލާށެވެ. އަދި ދެމީހުން އެކުގައި ހަފުތާއަކު އެއް ފަހަރު ބޭރަށް ދާން ކަނޑައަޅާށެވެ. ނޫނީ ތިމާ ބޭރުގައި އުޅޭއިރު އޭނާ ކޮންމެވެސް ރައްޓެއްސަކަށް ޒިޔާރަތް ކުރަން ނުވަތަ އައު އެއްޗެއް ދަސްކުރަން ދާން ހުށަހަޅާށެވެ.

 މި މަޒުމޫނު އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ ޖަނަަވަރީ 2003 ގެ ’ދަރުމަ‘ މަޖައްލާގައެވެ. މުރާޖަޢާ ކުރުމަށްފަހު، މި އިސްދާރު ޝާއިޢުކުރީ ޖަނަވަރި 2016 ގައެވެ.