ބާބު 5: ކިޔަވައިދިނުމުން ފޭވުމަށް ފަހު އެކަމަށް އަހުރެން އެނބުރި އައިސަބަބު 1

ތަރުޖަމާ ކުރަމުން އަންނަ ޣަޒާލީ އިމާމުގެ ”ކުށުން ރައްކާތެރިވުން“ މިފޮތުގެ ފަސްވަނަ ބާބު ގެ ފުރަތަމަ ބައި މި ޕޯސްޓްގައި ހިމެނެއެވެ. މިފޮތުގެ ސުރުޚީއިން މާނަކުރަނީ ކުށް ވިސްނުމުންނާއި ނިންމުންތަކުން އިންސާނާ ރައްކައުތެރިވާނޭ ގޮތެވެ. ޣަޒާލީ އިމާމަކީ އިސްލާމްދީނުގެ އެންމެ މަޝްހޫރު އެއް ފަލްސަފާވެރިޔާއެވެ. ދިވެހީން ކުރިން ވަރަށް މާތްކޮށް ހިތައި އޭނާގެ މައްޗަށް ހެޔޮދުޢާކޮށް އުޅުނު ފަރާތެކެވެ.

އޭނާގެ މިފޮތަކީ، ދީން ޤަބޫލު ނުކުރާ މީހުންނަށާއި، އެކިއެކި ޝޭޚުންނާއި ތަފާތު ބާވަތްތަކުގެ ”ޢިލްމުވެރިންނަށް“ ހެސްގަނެގެން އުޅޭ ފަރާތްތަކަށް ދީފައިވާ ވަރުގަދަ ޖަދަލެކެވެ. މިއީ ފަލްސަފާ ފޮތެއްކަމުން، މި ޕޯސްޓް އޮޅުންފިލާނީ މަދު ބަޔަކަށެވެ. ޢުމުރުން 40 ވަރަކަށް އަހަރު ވެފައިވާ މީހުންގެ ތެރެއިން ފުންކޮށް ވިސްނަން އެނގޭ މީހުންނަށެވެ. އެހެން މީހުންނަށް ހީވާނީ ފޮތުގައި ޣަޒާލީ ”ހާސަރު“ ތަކެއް ވިދާޅުވެފައިވާ ހެންނެވެ. ނޫނީ ތަރުޖަމާ ކުރި އަޅުގަނޑަށް އިނގިރޭސި ބަހުން އޮތް ފޮތް، ސާފު ދިވެހިބަހުން ތަރުޖަމާ ކުރަން ނޭނގެނީ ކަމަށެވެ. ފަހު ގޮތް ތެދަކަށް ވެސް ވެދާނެއެވެ.

ފޮތުގެ ކުރީގެ ބައިތަކަށް މި ލިންކުން ދެވޭނެއެވެ. މި ފަސްވަނަ ބާބުގައި ދެކެވެނީ ކިޔަވައިދިނުމުން ޣަޒާލީ ފޭވެވަޑައިގަތުމަށްފަހު އެކަމަށް ރުޖޫޢަވީ ގޮތުގެ ވާހަކައެވެ.

އެކަނިވެރިކަމާއި ޚަލްވަތުގައި ގާތްގަޑަކަށް ދިހަ އަހަރު ކެތްތެރިކަމާއި އެކު ދެމިހުރުމަށް ފަހު، އެތައް ޙަޤީޤަތްތަކެއް އަހުރެންނަށް ވިސްނިއްޖެއެވެ. މިކަންތައްތައް ވިސްނުނީ އެކަމަށް ޟަރޫރަތްތަކެއް ކުރިމަތިވުމުންނެވެ. އެ ކަންތައްތައް އަހުރެން މިތަނުގައި ތަފްޞީލުކޮށް ބަޔާނެއް ނުކުރާނަމެވެ. ނަމަވެސް އެއީ، އަމިއްލައަށް ކުރެވުނު ތަޖުރިބާއިންނާއި ބުއްދީގެ ހަމަތަކުގެ ޢިލްމުންނާއި އީމާންކަން ޤަބޫލު ކުރެވުމުގެ ސަބަބުންނެވެ.

އަހުރެންނަށް ވިސްނުނީ އިންސާނާ އުފެދިފައި ވަނީ ހަށިގަނޑަކާއި ހިތަކުން (ޤަލްބުއިން) ކަމެވެ. ”ހިތުން“ އަހުރެން މި މާނަކުރަނީ އޭނާގެ ރޫޙްގެ  ޙަޤީޤީ ޠަބީޢަތަށެވެ. އެއީ ﷲ މަޢުރިފާކޮށް ދެނެގަންނަ ޖަގަހަ ނުވަތަ މަހަލްއެވެ. ލެޔާއި މަހުން އެކުލެވިފައިވާ، ޖަނަވާރާއި ޤަބުރުގައި ހިމެނޭ ހިތެއް ނޫނެވެ. އަހުރެންނަށް ވިސްނުނީ ދުޅަހެޔޮކަމާއި ބަލިކަން ހަށިގަނޑުގައި ހިމެނޭ ފަދައިން، އިހުބުނެވުނު ހިތުގައި ޞިއްޙަތާއި ފާގަތިކަން ވާކަމެވެ. އަދި ކީރިތި ޤުރްއާންގެ 26 ވަނަ ސޫރަތުގެ 89 ވަނަ އާޔަތުގައިވާ ފަދައިން ”ސަލާމަތްކަމާއިގެން ﷲ ގެ ޙަޟުރަތަށް އައި މީހަކަށް މެނުވީ“ ދިންނެވިގެން ނުވެއެވެ. މިއާ ޚިލާފަށް، އެ ހިތުގައި ބަލިމަޑުކަމެއް ވާ ނަމަ، އެއީ ދާއިމީ، އުޚުރަވީ ޙަޔާތް ހަލާކު ކުރާ ކަމެކެވެ. އެއީ މާތް ﷲ ކީރިތި ޤުރްއާންގެ 2 ވަނަ ސޫރަތުގެ 10 ވަނަ އާޔަތުގައި ”އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް ވެއެވެ.“ މިހެން ވަޙީ ކުރައްވައި ފާހަގަ ކުރެއްވި މީހުންނެވެ.

އަހުރެންނަށް އެނގުނީ ކަލާނގެ މަޢުރިފާކޮށް ދެނެ ނުގަތުމަކީ ހަލާކުކުރާ ޒަހަރު (ވިހަ) ކަމެވެ. އަދި ހަވާ ނަފުސަށް ތަބަޢަވެގެން އެކަލާނގެއަށް ނުކިޔަމަންތެރިވުމީ މި ބަލި އުފައްދާ ސަބަބު ކަމުގައެވެ. ﷲ މަޢުރިފާކޮށް ދެނެގަތުމަކީ ފުރާނަ ސަލާމަތް ކުރާ ވިހަމައިތިރި (ޕާދުޒަހަރު) ކަމެވެ. ހަށިގަނޑުގެ އެދުންތައް މަތަކޮށް ﷲ އަށް ކިޔަމަން ގަތުމީ ޝިފާ ލިބޭ ބޭސް ކަމެވެ.  އަދި އިތުރަށް އަހުރެންނަށް ވިސްނުނެވެ. ހިތާ މެދު ކަންތައްތައް ކުރަން އޮތް ހަމައެކަނި ގޮތަކީ، އަދި ބަލިމަޑުކަން ދިފާޢުކޮށް ދުޅަހެޔޮކަން ލިބިގަތުމަށް އޮތް މަގަކީ ބޭހެވެ. އެއީ ހަށިގަނޑުގެ ބަލިތަކަށް ޝިފާ ހޯދަން އޮތް ހަމައެކަނި މަގަށް ބޭސް ވާ ފަދައިންނެވެ.

މީގެ އިތުރަށް، ބޭހުން ހަށިގަނޑަށް މަންފާ ކުރަނީ އޭގައިވާ ތާސީރެއްގެ ސަބަބުންނެވެ. މި ތާސީރު، ބުއްދިވެރީންނަށް އެމީހުންގެ އަމިއްލަ ފިކުރަކުން އޮޅުމެއް ނުފިލައެވެ. އެމީހުންނަށް ޖެހެނީ ބޭސްވެރިންގެ ބުނުންތަކަށް އިތުބާރުކުރާށެވެ. އަދި ބޭސްވެރިން ޖެހެނީ، ރަސޫލުންނަށް މިކަމުގައި ބަރޯސާ ވާށެވެ. އެބޭކަލުން ނަބީކަމުގެ ނޫރުން އެ ތަކެތީގެ ސިއްރު ދެނެގަނެފައި ވެއެވެ. ހަމަ މިމަގުން ޟަރޫރަތުގެ ސަބަބުން އަހުރެންނަށް ވިސްނުނީ ރަސޫލުން އަންގަވައިފައިވާ ގޮތަށް ކުރާ އަޅުކަމުގެ ތާސީރު، ބުއްދިވެރީންގެ ބުއްދިވެރި އޮޅުންފިލުވާދިނުމަކުން ނޭނގޭނޭ ކަމެވެ. މިކަމުގައި އޮތް ގޮތަކީ، ރަސޫލުންގެ ހަދީސްތައް ޤަބޫލު ކުރުމެވެ. އެބޭކަލުންނަށް ނަބީކަމުގެ ނޫރުން އެކަމުގެ ތާސީރުތައް އޮޅުންފިލާވަޑައިގަންނަވައެވެ. މިކަންކަމަކީ ފިކުރީގޮތުން ދެނެގަނެވޭނޭ ކަންކަމެއް ނޫނެވެ.

ބޭހަކީ، އޭގައި ހިމެނޭ އެކި ތަކެތި (ފަލަހަ) އެކި މިންވަރަށް އެކި ވަޒަނަށް އެކުލެވިގެންވާ އެއްޗެކެވެ. މިސާލެއްގެ ގޮތުން ބޭހެއްގައި ހިމެނޭ އެއް ބާވަތް، އަނެއް ބާވަތަކަށް ވުރެ (ބަރުދަނުން ނުވަތަ ޢަދަދުން) ދެ ގުނަ ގިނަކޮށް ހިމެނިދާނެ އެވެ. މިގޮތަށް ގިނަ ކުރަނީ ކޮންމެވެސް ގޮތަކުން އޭގެ ތާސީރުގެ މިންވަރު، ސިއްރު ޢިލްމު އޮޅުން ފިލާތީ އެވެ. ހަމަ މިގޮތުގެ މަތީން، ހިތުގެ ބައްޔަށް ބޭހެއް ކަމުގައިވާ ފަރުޟު އަޅުކަމުގައި، އެކި ކަންކަން އެކި މިންވަރަށް ހިމެނިގެން ވެއެވެ. ސަޖިދަ ޖަަހަނީ ރުކޫ ކުރުމުގެ ދެ ގުނަ އަށެވެ. ފަތިސް ނަމާދުގައި ހިމެނެނީ އަސުރު ނަމާދުގެ ރަކްޢަތްތަކުގެ ދެބައިކުޅަ އެއްބައެވެ. މި ތަރުތީބުގައި، ނަބީކަމުގެ ނޫރުން އޮޅުންފިލާވަޑައިގެންފައިވާ، ބޭހުގައި ހިމެނޭ ފަދަ ތާސީރުގެ މިންެވަރުތަކެއްގެ ސިއްރު ނެތި ނުދާނެއެވެ. ފަހެ، މި ތަރުތީބުގައި ޙިކްމަތެއް ވާކަމަށް ބުއްދީގެ ހަމަތަކުން ދައްކަން އުޅެފި ނަމަ، އިންސާނާއަކީ މޮޔަ އަދި ގަބު މީހެއްކަމުގައި ނޫނީ ނުވާނެއެވެ. މި ތަރުތީބަކީ، މާތް ކަލާނގެ  ވަކި ސަބަބުތަކަށް ލައްވައިފައިވާ ސިއްރެއް ނޫންކަމަށާއި އިއްތިފާޤެއް ކަމަށް އިންސާނާ ދުށުމަކީ ވެސް އޭނާގެ ސޭކު އަދި ތަންދޮރު ނުދަންނަކަން ނޫން ކަމަކަށް ނުވާނެއެވެ.

އަނެއްކޮޅުން ބަލާއިރު، ކޮންމެ ބޭހެއްގައި، މައިގަނޑު (ފަލަހަ) ބައިތަކަކާއި ވަކި އަސަރެއް ނެރުމަށް އެއްކުރާ އެހެން ތަކެތި ވެއެވެ. މިތަކެތި އެއްކުރުމުން ފަލަހައަށް ނުވަތަ މައިގަނޑު އެއްޗަށް ބަދަލުތަކެއް އައުދެއެވެ. ހަމަ މި ހަމައިން، ސުންނަތް ނަމާދާއި ވާރިދުވެފައިވާ އެހެން ކަންކަމުން، ނަމާދުގެ މައިގަނޑު ރުކުންތަކަށް އިތުރު އަސަރެއް ގެނުވައެވެ.

ޖުމުލަ ގޮތެއްގައި ބުނާނަމަ، ނަބީންނަކީ ހިތުގެ ބަލިތަކުގެ ބޭސްވެރިންނެވެ. ބުއްދީގެ ހަމައެކަނި ބޭނުމަކީ މިކަން ދެތުމެވެ. ބުއްދީން ކުރާކަމަކީ، ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ނަބީ ބޭކަލުން ބުނާ އެއްޗެތި ތެދުކަމުގައި ދެއްކުމާއި ނަބީކަމުގެ ނޫރުން ފެންނަ ކަންތައްތައް އާދައިގެ އިންސާނުންނަށް ނުފެންނަކަން ޤަބޫލު ކުުރުވުމެވެ. ކަނު މީހެއްގެ އަތުގައި ހިފައި ނުވަތަ ވޭނުގައި އުޅޭ ބަލިމީހެއްގެ އަތުގައި ހިފައި އޭނާގެ އޯގާތެރި ބޭސްވެރިޔާ އާ ޒިންމާވުމަށް ޙަވާލުކުރާ ފަދައިންނެވެ. އަހުރެމެންގެ ފިކުރުގެ ޙުދޫދަކީ މިއީއެވެ. ބަލިމީހާއަށް ބޭސްވެރިޔާ ކިޔައިދިން ބޭސް އޮޅުންފިލުމުގެ ބޭރުން ފިކުރުގެ ބޭނުމެއް ނެތެވެ.

ދެން ފަހެ، ޚަލްވަތުގަ އާއި އެކަހެރިކަމުގައި އުޅުނު ދުވަސްތަކުގައި، ޟަރޫރަތުގެ ސަބަބުން އަހުރެމެންނަށް ހަމަ ލޮލަށް ފެންނަ ފަދަ ޢިލްމުން އެނގުނު ކަމީ މިއީއެވެ.

އަހުރެމެންނަށް ދެން ފާހަގަ ކުރެވުނީ، ނަބީކަމުގެ އަޞްލާއި އޭގެ ޙަޤީޤަތާއި އަދި ނަބީކަމުން ހާމަކޮށްފައިވާ އުޅެންވީގޮތުގެ ހަމަތަކަށް މީހުންގެ އިޢުތިޤާދު ބަލިކަށިކަމެވެ. އީމާންކަން ކުޑަކަމެވެ. މިކަން މީހުންގެ މެދުގައި ފުޅާކޮށް ފެތުރިފައިވާކަން އަހުރެމެންނަށް ޔަޤީން ވިއެވެ. އީމާންކަން ބަލިކަށިވާ ސަބަބުތަކާ މެދު އަހުރެން ވިސްނުމުން، ފާހަގަ ކުރެވުނީ، އެއީ ހަތަރު ސަބަބަކުން ކަމެވެ.

(ހ) ފަލްސަފާވެރިންނާ ގުޅޭ ސަބަބު

(ށ) ސޫފީންގެ މަގުގައި އުޅޭ މީހުންގެ ސަބަބު

(ނ) ތަޢުލީމުއަށް ތަބަޢަވާ މީހުންނާ ގުޅޭ ސަބަބު

(ރ) ޢާއްމު މީހުން ޢިލްމުވެރިންނޭ ބުނެ ސިފަކުރާ ބައެއްގެ އުޅުމާ ގުޅޭ ސަބަބު.

އަހުރެން ދުވަސްތަކެއް ވަންދެން، ﷲ ގެމަގުން އެއްކިބާވާ ވަކި ވަކި ފަރުދުންނާ ސުވާލުކުރަމެވެ. ސުވާލުކުރަނީ އެމީހުންގެ ޝައްކުތަކާއި އީމާން ކަމާއި އެންމެ ފުން ޚިޔާލުތަކާ މެދުއެވެ. އަހުރެން އެމީހުންނަށް ބުނަމުއެވެ. ”ތިބާގެ ހަލާކަށް ތިބާ މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ މި ދުނިޔޭގެ މުދަލަށް އާޚިރަތް ވިއްކާލުމަކީ ސޭކު ކަމެކެވެ. އާޚިރަތަށް އީމާން ވާ ނަމަ، އާޚިރަތަށް ތައްޔާރުވުމުގެ ބަދަލުގައި، މިދުނިޔެ ގަތުމަށް އާޚިރަތް ވިއްކާލުމަކީ، މޮޔަކަމެކެވެ. މީހުންނެއް ޢާއްމުކޮށްް އެކަތީގެ އަގަށް ދެ އެއްޗެއް ނުވިއްކައެވެ. ނިމުމެއް މުއްދަތެއް ނެތް ދާއިމީ ޙަޔާތަކަށް، ތި މާރުކުރަނީ މި ދުނިޔޭގައި އުޅެން އޮތް މަދު ދުވަސްކޮޅެކެވެ. އަނެއް ކޮޅުން ބަލާއިރު، އާޚިރަތް ދުވަހެއް އޮންނަ ކަމަށް ތިބާ އީމާން ނުވާ ނަމަ، ތިބާއަކީ ކާފަރެކެވެ. ދީނެއް ފެނޭތޯ އުޅެ ބަލާށެވެ. ތިބާ، ތި އާޚިރަތަށް އީމާންކަން ނެތް ސަބަބު ވިސްނައި ގަންނާށެވެ. ތި ސިއްރުކޮށްގެން އުޅޭ ކާފަރުކަން، އެހެން މީހުން ދީނަށް ހުންނަ ލޯތްބަށް އިޙްތިރާމް ކުރުމުގެ ގޮތުން ފާޅު ނުކުރިއަސް، ތިބާގެ ފިކުރު ކޮނެ ބަލައިފި ނަމަ، އެކަމުގެ ސިއްރު ތިބާގެ ފިކުރުގައި ވަޅުލެވިފައި ވާނެއެވެ. ތިބާ ތިހާ ކެރިގެން އުޅޭ ސަބަބަކީ އެއީ އެވެ. ތިއުޅެނީ އެހެން މީހުން ދީނަށް ހުންނަ ލޯބިން ޙުރުމަތް ލިބިގަންނަން ބޭރުފުށުން އެ ވައްތަރު ޖައްސައިގެންނެވެ.“

  1. މީހަކު ބުނެފާނެއެވެ: ”ތިބުނާ ކަންކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަންކަމަށް ވާނަމަ، ތި ކަންކަމަށް އެންމެ ފަރުވާ ބަހައްޓައިގެން ތަބަޢަވާނީ ދީނީ ސުވާލުތަކަށް ފާގަތި މީހުންނެވެ. އެކަމަކު މަތިވެރި މަޤާމުތަކުގައި ތިބި މަޝްހޫރު މީހުންނެއް ނަމާދެއް ނުކުރެއެވެ. އަނެކަކު ރާ ބޮއެ އެވެ. އަނެއް މީހަކު ޔަތީމުންގެ މުދަލާއި ވަޤުފު މުދައު ކައެވެ. އަނެކަކު ރައްޔިތުންގެ މުދައު ކައިި މަނަޢަކުރެވިފައިވާ ކަންތައްތަކުން އެއްކިބައެއް ނުވެއެވެ. އަދި އަނެއް މީހަކު ރިޝްވަތު ނަގައި ޙުކުމް ކޮށް ވަގު ހެކިބަސް ދެއެވެ. މިގޮތުން އެތައް ކަމެކެވެ.“

    ދެވަނަ މީހަކު ބުނަނީ އޭނާގެ ކިބައިގައި ސޫފީ ޢިލްމު ވާކަމާއި އޭނާ އެ މަގުގައި ކުރިއަރާފައިވާ މިންވަރުން ފަރުޟު ކަންތައްތަކަށް ވުރެ މަތީ ދަރަޖައެއްގައި ވާކަމަށެވެ.

    އަދި ތިން ވަނަ މީހަކު ދިނީ أهل الإباحة ގެ ޝައްކު ހިމެނިގެންވާ ޖަވާބެވެ. [މިބައި މީހުންނަކީ ސޫފީންގެ މަގުން އެއްކިބާވެ، ޝަހުވާނީ އެދުންތައް ހުއްދަކޮށްގެން އުޅޭ ބައެކެވެ.]

  2. ތަޢުލީމީއްޔާގެ ޕާޓީއާ ބައްދަލުވެފައިވާ ހަތަރުވަނަ މީހަކު ބުނާނީ: ”ޙައްޤު ތެދަކީ ދެނެގަންނަން އުނދަގޫ އެއްޗެކެވެ. ޙައްޤު ދެނެގަތުމަށް އޮތް މަގު ވަނީ ބަންދުވެގެންނެވެ. އަދި ޙައްޤު ތެދާ މެދު ދެބަސްވުންތައް އެހާ ގިނަައެވެ. އެއް މަޒުހަބެއް އަނެއް މަޒުހަބަކަށް ވުރެ މޮޅުވެގެން ނުވެއެވެ. ފިކުރުން ދައްކާ ހެކިތައް ފުށުއަރައެވެ. އަދި އެކި ރައުޔު ދޭމީހުންގެ ރައުޔުތަކަށް އިތުބާރެއް ނެތެވެ. ތަޢުލީމަށް ހަރުކޮށް ގޮވާލާ މީހުން، އެހެން ބުނަނީީ ހެކިތަކެއްގެ މައްޗަށް ބަރޯސާވެއެއް ނޫނެވެ. ޝައްކުގެ ތެރެއިން އަހުރެން ޔަޤީންކަން ހޯދާނީ ކިހިނަކުން ހެއްޔެވެ؟“

  3. އަދި ފަސްވަނަ މީހަކު ބުނެފައި ވެއެވެ: ”އަހަރެން އަޅުކަން ކުރަނީ ކޮންމެހެން އެހެން މީހުން ކޮޕީ ކުރާކަށް ނޫނެވެ. އަހުރެން ފަލްސަފާ ކިޔަވަައިފައި ވެއެވެ. އަހުރެންނަށް ނަބީކަން އެއީ ޙަޤީޤަތެއްކަން އެނގެއެވެ. އަދި ނަބީކަމުން ޙާޞިލުވެފައިވަނީ ޙިކްމަތާއި ބޭނުންތެރި މަޞްލަޙަތުކަން އެނގެއެވެ. އަހަރެންނަށް ވިސްނޭގޮތުގައި، އަޅުކަމުގައި ހިމެނޭ ކަންކަމުގެ ހަމައެކަނި ބޭނުމަކީ، ޢާއްމު މީހުންގެ މެދުގައި ހަމަޖެހުން އޮތުމަށާއި ދޭދޭ މީހުން ޒުވާބުކޮށް ތަޅާފޮޅާ ހެދިޔަ ނުދިނުމަށާއި އެމީހުންގެ ނަފުސުގެ އެދުންތަކަށް (ޝަހުވަތަށް) އެމީހުންގެ ލަގަން ދޫކޮށް ނުލުމެވެ. އެކަމަކު އަހުރެންނަކީ ޝަރްޢީ ހަނި އިންތަކުގައި ފިތޭނޭ ތަންދޮރު ނުދަންނަ ޢާއްމު މީހެއް ނޫނެވެ. މިއާ ޚިލާފަށް އަހުރެންނަކީ ޙިކްމަތްތެރިއަކީމެވެ. އަހުރެން ތަބަޢަވަނީ ޙިކްމަތަށެވެ. އެހެންކަމުން، އަހުރެން ކޮންމެެހެން އެެހެން މީހުން އުޅޭ ގޮތަށް އުޅޭކަށް ނުޖެހެއެވެ.“

ކަލާނގެއެއް ވާކަމަށް ޤަބޫލުކުރާ އިލްހިއްޔީނު ފަލްސަފާވެރިންގެ މަޒުހަބު ދަސްކުރާ ފަރާތްތަކުގެ އިސްލާމްކަމުގެ ފަހު ބަހަކީ މިއީ އެވެ. މިކަން އިބްނު ސީނާ އާއި އަބީނަޞްރުލްްފަރާބީ ގެ ފޮތްތަކުން ތިބާއަށް އޮޅުން ފިލާނެއެވެ.

މިބައިމީހުންނީ އިސްލާމް ދީނަށް އަދަބުވެރިކަމާއެކު ކަންކަންކުރާ މީހުންނެވެ. އެމީހުންގެ ތެރެއިން މީހަކުު، ޤުރްއާން ކިޔަވައި، ޖަމާޢަތަށް ނަމާދަށް ގޮަސް، ހުކުރު ކޮށް، ޝަރީޢާއާ މެދު މަތިވެރި ބަސްތަކުން ވާހަކަ ދައްކާތީ ތިބާއަށް ފެނިދާނެއެވެ. ނަމަވެސް އޭނާ ރާބުޔުމަކުން އެއްކިބައެއް ނުވާނެއެވެ. އަދި އެހެން ފާސިޤު ނުބައި ޢަމަލުތަކުން ދުރަކަށް ނުޖެހޭނެއެވެ. މީހަކު އޭނާއާ ސުވާލުކޮށްފާނެ އެވެ: ”ނަބީކަމަކީ ޞައްޙަ ކަމަކަށް ނުވާ ނަމަ، ކަލޭ ނަމާދުކުރަނީ ކީއްވެ ހެއްޔެވެ؟“ މިފަދަ ސުވާލަކަށް އޭނާ ޖަވާބު މިގޮތަށް ދީފާނެ އެވެ: ”އަހުރެން ނަމާދުކުރަނީ ހަށިގަނޑުގެ ކަސްރަތަކަށެވެ. އެއީ އަހުރެން އުޅޭ ރަށުގެ އާދައެކެވެ. އަދި އެކަން ކުރަނީ އަހުރެންގެ މާލަށާއި އާއިލާގެ ރައްކަލަކަށެވެ.“ ނޫނީ މިގޮތަށް ވެސް އޭނާ ޖަވާބު ދީފާނެއެވެ: ”ޝަރީޢަތަކީ ޞައްޙަ އެއްޗެކެވެ. އަދި ނަބީކަމަކީ ޙަޤީޤަތެކެވެ.“ ދެން އެ ބުނި އެއްޗަކާ ވިއްދައި ސުވާލު ކުރެވިދާނެ އެވެ: ”ތިޔަހެން ވިއްޔާ ކަލޭ ރާބޮނީ ކީއްވެ ހެއްޔެވެ؟“ މި ސުވާލަށް އޭނާ މިފަދަ ޖަވާބެއް ދީފާނެ އެވެ. ”ރާ ނަހީ ކުރައްވާފައިވަނީ އެ ބުޔުމުން ހަސަދަވެރިކަމާއި ރުޅިވެރިކަމަށް މަގު ދައްކާތީ އެވެ. އަހުރެންނަކީ ޙިކްމަތްތެރި މީހެއް ކަމުން، އެ ކަންކަމުން އަހުރެންނަށް ދުރުހެލިވެވިދާނެ އެވެ. އެހެންވެ، އަހުރެން ރާބޮނީ އަހުރެންގެ ފިކުރު ތޫނު ކުރުމަށެވެ.“ މިފަދަ މީހަކު، ﷲ އަށް ވަޢުދުވީމޭ މިވެނި އެވެނި ކަންކަން ކުރުމަށާއި، ޚާއްޞަކޮށް، ޝަރީޢާގައިވާ ކަންކަން ހިންގުމަށް ހިތްވަރުދިނުމަށާއި އަދި ޢާއްމު އަޅުކަމުގައި ފަރުވާ ބެހެއްޓުމަށާއި އުފަލަށް ރާ ނުބުޔުމަށާއި ބޭހެއްގެ ގޮތުގައި ނުވަތަ ޝިފާ ލިބިގަތުމަށް ނޫނީ ރާ ނުބުޔުމަށް އިބްނު ސީނާގެ ފޮތެއްގައިވެޔޭ ބުނެފާނެ އެވެ. އީމާންވެގެންނޭ މިތިބީ ބުނާ މީހުންގެ އީމާން ކަމުގެ ޙާލަކީ މިއީ އެވެ. އެމީހުން ރާބުޔުމަށް އިސްތިސްނާ އުފައްދަނީ އެވެ. މީގެ ތެރެއިން ކިތަންމެ ބަޔަކު މަގުފުރެދުނީ އެމީހުން ކިޔެވި އެއްޗަކުންނެވެ. ނުވަތަ ކިޔެވި އެއްޗަކާ އިދިކޮޅަށް ނެރުނު ޒުވާބުގެ ބަލިކަށިކަމުންނެވެ. މި ޒުވާބުގައި  މައިގަނޑު ގޮތެއްގައި ހިމެނެނީ ޖޯމެޓްރީ އާއި މަންތީޤް ނުވަތަ ލޮޖިކަށް އިންކާރު ކުރުމާއި އެހެން ޢިލްމުތަކަށް އިންކާރު ކުރުމެވެ. ނަމަވެސް މި ޢިލްމުތަކުގައި ބޭނުންތެރި ތެދު ވެއެވެ.

ދެން އެކި މީހުންގެ މެދުގައި އީމާންކަން ބަލިކަށިވެފައިވާ ސަބބުތަކާއި ބަލިކަށިވެފައިވާ މިންވަރާ ދޭތެރޭ އަހުރެން ވިސްނީމެވެ. އަދި ޚުދު އަހުރެންގެ އީމާންކަން ނިކަމެތިވެފައިވާ ކަން ދިރާސާކޮށް ޝައްކުތައް ފިލުވައިލުމުގައި ޤަރާރުވީމެވެ. ފަހެ އެބައިމީހުންގެ ޢިލްމާއި ގޮތްތައް ދިރާސާކުރަން ހޭދަކޮށްފައިވާ ވަގުތާއި ހަކަތައިގެ ސަބަބުން އެމީހުންގެ ފިކުރުގައި ޖެހިފައިވާ ކުށްތައް ދެއްކުމަކީ ފެން ބުޔުމަށް ވުރެ ފަސޭހަ ކަމަކަށް އަހުރެންނަށް ވެފައި ވިއެވެ. އަހުރެން މި މާނަކުރަނީ ސޫފީންނާއި ފަލްސަފާވެރިންނާއި ތަޢުލީމިއްޔާ ގެ މީހުންނާއި މޮޅު (متوسمين) ޢިލްމުވެރިން ނަށެވެ. މިކަންކަމާ މެދު ފިކުރު ހިންގުމުން އަހުރެންގެ ވިސްނުމަށް އުފަންކުރެވުނު ޚިޔާލަކީ ”މިއީ މި ދުވަސްވަރަށް ޚާއްޞަ ވެފައިވާ ބަދަލުވުމެއް ނެތް ސިފައެކެވެ. އެހެންކަމުން، އެކަނިވެރިކަމާއި ޚަލްވަތުގައި ވުމުން ތިބާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ އެހެނީ ބަލި މުޅި ހަށިގަނޑަށް ފެތުރިއްޖެއެވެ. ބޭސްވެރިޔާ ބަލިވެއްޖެއެވެ. އިންސާނުންނަށް އެމީހުންގެ ހަލާކުގެ ތުންފަތް މައްޗަށް އައުދެވިއްޖެއެވެ.“ އަހުރެންގެ އަމިއްލަ ނަފުސަށް އެހިނދު މި ޚިޔާލު އައެވެ. ”މި ކުށުގެ ޒަމާނުގައި، ބާޠިލުކަމުގެ ދައުރުގައި، ބަނަކަމުގެ މި ވިލާގަނޑު އެއްފަރާތްކޮށް، މި އަދިރިކަން އަލިކުރަން ތިބާ މަސްޣޫލުވާނީ ކޮން އިރަކުން ހެއްޔެވެ؟ އެމީހުންގެ ބާޠިލު ގޮތްތަކުން ޙައްޤަށް މީހުން ގެންނަން އުޅުނަސް، ޒަމާނުގެ މީހުން ތިބާއަށް އެކުގައި ދެކޮޅުވެރިކަން ހާމަކުރާނެއެވެ. އެމީހުންނާ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ މިކަން ކުރެވޭނީ ވަގުތާއި އެހީތެރިއެއްގެ އެހީއާއި، ދީންވެރި ބާރުގަދަ ވެރިއެއް މަތިވުމުންނެވެ. ނޫންނަމަ، އެމީހުންގެ މެދުގައި ތިބާ ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟“

އަހުރެންނަށް ޤަބޫލު ކުރެވުނީ އެކަހެރިކަމާއި ޚަލްވަތުގައި ޤަރާރުވެ ހުރުމަކީ، މާތް ﷲގެ ޙަޟުރަތުގައި، އަހުރެންނަށް ހުއްދަކަމެއް ކަމެވެ. އެއީ ޙައްޤު ތެދު، ޙުއްޖަތުން އަހުރެންނަށް ދެއްކުމަށް ނުކުޅެދުންތެރިވެގެން ވާތީ އެވެ. ނަމަވެސް މަތިވެރި ﷲ އިރާދަކުރެއްވީ ސީދާ ޒަމާނުގެ ރަސްގެފާނު ސަންޖަރުގެ ވެރި ފަޚުރުލްމުލްކު ހިތްޕުޅު، މިކަމަށް ލެއްބެވުމަށެވެ. އެއްވެސް ބޭރު ފަރާތެއްގެ ބާރަކާ ނުލައެވެ. އެ ރަދުން އަމުރުކުރެއްވީ ނީޝާޕޫރަށް ވަގުތުން ވަޑައިގަތުމަށެވެ. އެއީ އަހުރެން ނެތުމުގެ ސަބަބުން ޒަމާނަށް އައިސްފައިވާ ބޭއީމާންކަން ނައްތާލުމަށެވެ.  އެ އަމުރަށް ނުކިޔަމަންތެރި ވެއްޖެނަމަ، އަހަރެންގެ ޤަދަރު ގެއްލިދާ ފަދަ މިންވަރަށް ރަދުންގެ އަމުރު ހަރުކައްޓެވެ. އަހުރެންނަށް ފަހުމްވީ، އެކަހެރިކަމާއި ޚަލްވަތުގައި އިނުމަށް އޮތް ސަބަބުތައް ގެއްލިއްޖެ ކަމަށެވެ. ”އެކަހެރިވެގެން އުޅުމުގެ ބޭނުމަކީ ކަންނެތް ކަމާއި ލުއިކަމަށް އޮތް ލޯތްބަށްވުމަކީ ނުވަތަ ރޫޙާނީ ބާރަށް އެދޭ އެދުންކަމަށް އަދި ދުނިޔެވީ ކަންކަމުން ވަކިވުން ކަމަށް ވެގެން ނުވާނެއެވެ. ތިބާގެ ނަފުސަށް އެކަހެރިކަން ހަލާލުކޮށްގަތީ، މީހުން ޞިއްޙަތަށް އެނބުރި ގެނައުމަށް އޮތް ދަތިކަމުގެ ސަބަބަކުން ނޫނެވެ.“

ފަހެ މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. ”މީސްތަކުން ތިމަންމެން އީމާން ވެއްޖައީމޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަން ރަސްކަލާނގެ އިމްތިޙާނު ކުރެއްވީމެވެ“(19:1).  އަދި މާތް ރަސްކަލާނގެ އެކަލާނގެ އެންމެ މަތިވެރިކުރެއްވި ރަސޫލާއަށް އަންގަވައިފައި ވެއެވެ. [ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް ރަސޫލުންތަކެއް ދޮގުކޮށްފައި ވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ ރަސޫލުން ކެތްކުރެއްވިއެވެ. އަދި ތިމަން ރަސްކަލާނގެ ނަޞްރުވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާކުރިއެވެ. އަދި ﷲގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެއްވާނެކަމަށް ކުރައްވާފައިވާ ވަޢުދުގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއް ނެތެވެ. ހަމަކަށަވަރުން، ކުރީގެ ރަސޫލުންގެ ޚަބަރުތައް ކަލޭގެފާނާ ހަމަޔަށް އައިސްފައިވާކަން ކަށަވަރެވެ“(6:34). އަދިވެސް މަތިވެރި ﷲ ވަޙީކުރައްވާފައި ވެއެވެ.” يس. ޙިކްމަތްތެރި ޤުރްއާން ގަންދެއްވައި ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ. ސީދާވެގެންވާ މަގެއްގެ މަތީގައެވެ. އެ ފޮތަކީ ޢަޒީޒްވަންތަ، ރަޙީމްވަންތަ ރަސްކަލާނގެ ބާވާލެއްވި ފޮތެވެ. އެއުރެންގެ ކާބަފައިންނަށް އިންޒާރުކުރައްވާފައި ނުވާ ބަޔަކަށް ކަލޭގެފާނު އިންޒާރު ކުރެއްވުމަށް ޓަކައެވެ. ފަހެ، އެއުރެންނީ ޣާފިލުވެގެންވާ ބައެކެވެ. ހަމަކަށަވަރުން އެ އުރެންކުރެ ގިނަ މީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު ޙައްޤުވެއްޖެކަން ކަށަވަރެވެ. ފަހެ، އެއުރެން އީމާނެއް ނުވާނެތެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެއުރެންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް އަންނަ ހުއްޓެވެ. ފަހެ، (އޭގެ ސަބަބުން) އެއުރެންގެ ބޯތައް ވަނީ އުފުލިގެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. އަދި ކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ކަލޭގެފާނު އިންޒާރު ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެން ވެއެވެ. އެއުރެން އީމާނެއް ނުވާނެތެވެ. ކަލޭގެފާނު އިންޒާރު ކުރައްވާކަން ކަށަވަރީ، ޤުރްއާން އަށް ތަބަޢަވެ، ޣައިބުގައި ރަޙްމަތްވަންތަ ރަސްކަލާނގެ ކިބައަށް ބިރުވެތިވާ މީހާ އަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު ދެއްވާށެވެ!“ (1-36:11).

މި މައްސަލައިގައި، ހިތުގެ ކަންކަމުގެ ޢިލްމަށް ފާގަތި އަދި ފުންކޮށް ކަންކަން ވިސްނުމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކާ އަހުރެން މަޝްވަރާ ކުރީމެވެ. އެމީހުން އިއްތިފާޤުވީ އެކަހެރިކަމުގެ ޒާވިޔާ (ކަން) ދޫކޮށް ޚަލްވަތުން ނުކުތުމަށެވެ. އަހުރެންގެ ނިންމުން ގަދަކުރީ އަހުރެންނަށް ފެނުނު އެތައް ހުވަފެނަކުންނެވެ. އެ ހުވަފެންތަކުގައި ރަނގަޅު އެތައް ބައެއް މި ނިންމުމަކީ ނަތީޖާ ރަނގަޅުވާނެ ނިންމުމެއްކަމަށް އަހުރެންނަށް ޔަޤީންކަން ދިނެވެ. އަދި މިއީ ރަނގަޅު ކުރިމަގެއް ވާނެ ކަމެއް ކަމަށް އިޝާރާތް ލިބުނެވެ. ކޮންމެ ޤަރުނަކު އެކަލާނގެ ދީން މާތް ﷲ އިހްޔާ ކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައި ވެއެވެ. {މިތަނުގައި ޣަޒާލީ އެ އިޝާރާތް ކުރައްވަނީ މަޝްހޫރު ހަދީސަކަށެވެ. އެ ހަދީސްގައި ރަސޫލާ ވިދާޅުވިކަމަށް ވަނީ މާތް ﷲ މި އުއްމަތުގެ ދީން އިހްޔާ ކުރެއްވުމަށް (ތާޒާ ކުރެއްވުމަށް) ކޮންމެ 100 އަހަރަކު މީހަކު ފޮނުއްވާނެ ކަމަށެވެ. ޣަޒާލީ މިނިންމުމެއް ނިންމެވީ ހިޖުރައިން 5 ވަނަ ޤަރުނު ފެށެން ވަރަށް ކައިރިވެފައި ވަނިކޮށެވެ.} އަހުރެންގެ އުއްމީދު ގަދަވީ މިފަދަ އެތައް ކަމެއްގެ ސަބަބުން އަހުރެން ކުރިމަތިލާ މަސައްކަތް ފަހިވާނެކަމަށް ބެލެވިގެންނެވެ.

އަހުރެން ނީސާޕޫރަށް ދިއުމުގެ ދަތުރު މަތިވެރި މާތް ﷲ ފަހިކޮށްދެއްވީ ހިޖުރީ ގޮތުން 499 ވަނަ އަހަރުގެ ޛުލްޤައިދާ މަހުއެވެ (ޖުލައި، 1106މ.). އަހުރެން ބަޣްދާދުން ދަތުރަށް ފެށީ 488 ވަނަ އަހަރުގެ ޛުލްޤައިދާ މަހު (ނޮވެމްބަރ، 1095މ.) ގައެވެ. އެހެންކަމުން، އެކަހެރިކަމުގައި އަހުރެން ހޭދަކުރި މުއްދަތު 11 އަހަރަށް ދިގުވެގެން ގޮސްފައި ވެއެވެ. މިކަން އިރާދަކުރެއްވީ މަތިވެރި ﷲ އެވެ. މިއީ މާތް ﷲ ކަންކަން ތަޤްދީރު ކުރައްވާ ގޮތުގެ ޢަޖާއިބު ކުރުވަނިވި މިސާލެކެވެ. އެހެނީ އެކަހެރިކަމުން ވަކިވުމުގެ އެއްވެސް ފިކުރެއް އެކަހެރިކަމުގައި ހޭދަކުރި ދުވަސްތަކުގައި އަހުރެންގެ ހިތުގައި ނުވެއެވެ. ހަމަ މިގޮތުގެ މަތިން ފުރަތަމަ ކޮޅުގައި، ބަޣްދާދު ދޫކޮށްލައި، އަހުރެންގެ ވަޒީފާއިން ވަކިވުމުގެ އެއްވެސް ފިކުރެއް، ވެދާނެ ކަމެއްގެ ގޮތުގައި، އަހުރެންގެ ހިތަށް އަރާފައެއް ނުވެއެވެ. އެކަމަކު މާތް ﷲ އީ ހިތްތަކާއި ޙާލަތްތައް ފުރޮޅުއްވާ ރަސްކަލާނގެ އެވެ. ހަދީސްގައިވާ ފަދައިން، އީމާންވެގެންވާ މީހާގެ ހިތްވަނީ ރަޙްމާންވަންތަ ރަސްކަލާނގެ ދެ އިނގިލިފުޅު ދެމެދު ގައެވެ.

ޢިލްމު ފަތުރަން އަހުރެން އެނބުރި އައި ކަމަށް އަމިއްލައަށް ޤަބޫލު ކުރެވުނަސް، އެކަމެއް އަހުރެންނެއް ނުކުރަމެވެ. އެނބުރި ދިއުމަކީ ކުރީގެ ޙާލަތަށް ރުޖޫޢަވުމެވެ. ކުރިން އަހުރެން ފެތުރީ ދުނިޔޭގެ ކާމިޔާބު ހޯދުމަށް ބޭނުންވާ ޢިލްމެވެ. ބަހުންނާއި ޢަމަލުން މީހުންނަށް ދުނިޔޭގެ މަންފާއަށް ބޭނުންވާ ޢިލްމު ހޯދުމަށް އައުމަށް އަހުރެން ގޮވީމެވެ. އެއީ އަހުރެންގެ މަޤްޞަދާއި ނިޔަތެވެ. ނަމަވެސް މިހާރު އަހުރެންގެ ކިޔަވައިދިނުން ދަސްކޮށްދެނީ ދުނިޔެވީ ޢިއްޒަތް ދޫކޮށްލުމަށެވެ. އަހުރެން އޮޅުންފިލުވާ ދެނީ މުހިއްމު ކަންކަމުގެ ތަރުތީބުގައި، ދުނިޔެވީ ކާމިޔާބުގެ ދަށް އަގެވެ. މިއީ އަހަރެންގެ ނިޔަތާއި ޤަޞްދާއި އެދުމެވެ. މާތް ﷲ މިކަން ދެނެވޮޑިގެން ވެއެވެ. އަހުރެންގެ އެންމެ ބޮޑު އެދުމަކީ އަހުރެންނާއި އެހެން މީހުން ކުރިއަށް ވުރެ ހެޔޮލަފާ ވުމެވެ. އަހުރެންނަށް މި މަޤްޞަދު ޙާޞިލްވާނޭ ކަމެއް ނޭނގެއެވެ. އަދި މިކަން ޙާޞިލްވުމުގެ ކުރިން އަހުރެން މަރުނުވާނޭ ކަމެއް ނޭނގެއެވެ. ވަރުގަދަ އީމާނާއި ޔަޤީން ކަމާއެކު އަހުރެންނަށް ފެނިފައިވާ ފެނުންތަކުން އެނގެނީ މާތް ﷲ ނޫނީ މަތިވެރި ކުޅަދުންވަންތަ ކަލާނގެއެއް ނުވާކަމެވެ.  އަހުރެންގެ ހަށިގަނޑު ޙަރަކާތް ކުރަނީ އަމިއްލައަކަށް ނޫނެވެ. އަހުރެންގެ ހަށިގަނޑު ޙަރަކާތް ކުރުވަނީ މާތް ﷲ އެވެ. މަސައްކަތް ކުރަނީ އަހުރެން އަމިއްލައަކަށް ނޫނެވެ. މާތް ﷲގެ އިރާދަފުޅުން އަހުރެން މަސައްކަތް ކުރަނީ އެވެ. އެހެންވެ، އެކަލާނގެ ފަރާތްޕުޅުން އަހުރެން އެދެނީ އެންމެ ފުރަތަމަ އަމިއްލަ ނަފްސު އިޞްލާޙު ވުމަށެވެ. ދެން އަހުރެން މެދުވެރިވެ އެހެން މީހުން އިޞްލާޙުވުމަށެވެ.  އެކަލާނގެ އަހުރެންނަށް ހިދާޔަތު ދެއްވައި އަހުރެން މެދުވެރިކޮށް އެހެން މީހުންނަށް ހިދާޔަތު ދެއްވުމެވެ. އަހުރެންނަށް ޙައްޤު ތެދު މަގު ދައްކަވައި، އެ މަގުން ހިނގުން އިރާދަ ކުރެއްވުމެވެ.  އަހުރެންނަށް ބާޠިލް ދައްކަވައި ބާޠިލުން ފޭވުމަށް އިރާދަކުރެއްވުމެވެ.

މިއީ މިފޮތުގެ އެންމެ ފަހު ބާބެވެ. ނަމަވެސް، އަދި މި ބާބެއް ނުނިމެއެވެ. ދެން އޮންނާނީ މި ބާބުގެ އެންމެ ފަހު ބައެވެ.

އެހެން ބާބުތަކަށް ދިއުމަށް ކްލިކްކޮށްލައްވާ!

ވެބްސައިޓްގެ ފިހުރިސްތަށް ދިއުމަށް ކްލިކްކޮށްލައްވާ!