އަބޫ ޙާމިދު އިބްނު މުޙައްމަދުލް ޣަޒާލީ (ابو حامد محمد ابن محمد الغزالی)‎ އުފަންވެވަޑައިގެންނެވީ ފާރިސް ކަރައިގެ ޠޫސްގައި ހިޖްރީ ސަނަދުން 450 (މީލާދީން 1058) ގައެވެ. އޭނާއަކީ ފާރިސް ކަރައިގެ މަޝްހޫރު އިސްލާމީ ޢިލްމުވެރިއެކެވެ. ޤާނޫނީ ޢާލިމެކެވެ. ފިލޯސަފަރެކެވެ. އަދި ސޫފީ އެކެވެ. ފިލޯސަފަރުން ނުވަތަ ފަލްސަފާ ވެރިންނަކީ ދުނިޔޭގެ އެކިކަންކަމާ މެދު ފިކުރުކުރުމަކީ، އެމީހުންގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތް ކަމަށް ބަލައިގެން ވިސްނާ މީހުންނެވެ. ފިލޯސަފީ އަކީ ޔޫނާނީ ނުވަތަ ގްރީކް ބަހުގެ ލަފުޒެކެވެ. އެ ބަހުން ’ފިލޯ‘ އަކީ ލޯބިކުރުމެވެ. ’ސޮފީ‘ އަކީ ޙިކްމަތްތެރިކަމެވެ.  ފިލޯސަފީ އުފެދިފައިވާ މި ދެ ލަފުޒުން ދޭހަކޮށްދެނީ  ޙިކްމަތްތެރިކަމަށް ލޯބިކުރުމެވެ. ފިލޯސަފީއަކީ ޙަޤީޤަތާއި، ޢިލްމާއި، ދެތުމުގެ އަސާސީ ޠަބީޢަތާ ބެހޭ ޢިލްމެވެ. މި ޢިލްމު އަހުލުވެރިންނަށް ކިޔަނީ ފިލޯސަފަރުންނެވެ. ނުވަތަ ފީލްސޫފުންނެވެ.

ޣަޒާލީގެ ބައްޕައަކީ ޣަޒާލީ ފަދައިންސޫފީއެކެވެ. ސޫފީންނަކީ ނުވަތަ ޞޫފީންނަކީ ތަޞައްވަފުގެ އަހުލުވެރިންނެވެ. އެއީ މާތް اﷲ މަޢުރިފާކޮށް ދެނެގަތުމަށްޓަކައި ހިތް ޙަލާޞްކޮށް މަސައްކަތް ކުރާ މުސްލިމް ބައެކެވެ.

ޣަޒާލީގެ ޅައުމުރުފުޅުގައި އޭނާގެ ބައްޕަ އަވަހާރަވެވަޑައިގަތުމުން، ޣަޒާލީ ބެއްލެވީ އޭނާގެ ބައްޕަގެ ރަޙްމަތްތެރިއެކެވެ. މީލާދީން 1070 ވަނަ އަހަރު ޣަޒާލީއާއި އޭނާގެ ކޮއްކޮ ޤުރްއާން އާއި ފިޤްހު ކިޔަަވައި ވިދާޅުވުމަށް ގޫރުގާން އަށް ވަޑައިގަތެވެ. މިއީ ފާރިސްކަރައިގެ އުތުރުގެ ސަހަރެކެވެ. އެ ޝަހަރުގައި އޭނާ ހަތް އަހަރު މަޑު ކުރެއްވިއެވެ.

ފާރިސްކަރައިގެ މަޝްހޫރު ނިޝާޕޫރަށް ޣަޒާލީ ކުރެއްވި  މުހިއްމު ފުރަތަމަ ދަތުރުފުޅު ކުރެއްވީ 1080 ވަނަ އަހަރު، އެމަނިކުފާނުގެ ޢުމުރުފުޅުން 23 ވަނަ އަހަރުފުޅު ގައެވެ. އެފަހަރު އޭނާ މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ، އަބޫލްމާލީ ޖުވޭނީ ގެ ދަރިވަރަކަށް ވެ ވަޑައިގަތެވެ. އަލްޖުވޭނީގެ ނަންފުޅު ހިނގާފައިވަނީ ދެޙަރަމުގެ އިމާމުގެ ނަމުންނެވެ. އަލްޖުވޭނީ 1085 ވަނަ އަހަރު ނިޔާވުމުން، ޚުވާޖާ ނިޒާމުލްމުލްކް ޠޫސީގެ ދަރުބާރަށް ވަޑައިގަތުމަށް ޣަޒާލީއަށް ދަޢުވަތު އެރުވުނެެވެ. ޠޫސީ އަކީ ތުރުކީންގެ ރަސްކަލުންގެ ތެރެއިން އޭރުގެ ސަލްޖޫޤިޔާން ރަސްގެފާނުގެ ބާރުގަދަ ވަޒީރެވެ. ފަހެ ސަލްޖޫޤިޔާން ރަސްކަލުންނަކީ މުޅި މެދުއިރުމަތީގައި ރަސްކަން ހިންގި ދަރިކޮޅެކެވެ. ޔޫރަޕުގެ ފުރަތަމަ ޞަލީބީން މެދުއިރު މައްޗަށް އަރައިގަތީ ވެސް މި ރަސްކަލުންނާ އިދިކޮޅަށެވެ. ނިޒާމުލްމުލްކު ޠޫސީ މަޝްހޫރު ވެފައިވަނީ އޭރުގެ އެންމެ ބޮޑު އިސްލާމީ ތަޢުލީމުދޭ މަރުކަޒު ނުވަތަ ޖާމިޢާ، ބަޣްދާދުގައި ޤާއިމް ކުރެއްވުމުންނެވެ. މަދަރުސާތައް އުފެދިގެން އައީ މިމަރުކަޒު ނަމޫނާއަކަށް ބަލައިގެންކަމަށް ވެއެވެ. މި ޖާމިޢާ އަށް ނަންކިޔާފައި އެވަނީވެސް މި ވަޒީރުގެ ނަންފުޅުންނެވެ.

ނިޒާމުގެ ދަރުބާރަށް ޣަޒާލީ ވަޑައިގަތުމުން، އޭނާގެ ޢިލްމީ ހައިބަތު އާ މެދު ވަޒީރު އާސޯޚުވެ ވަޑައިގެން، ބަޣްދާދުގެ ނިޒާމިއްޔާގެ އިސް ޕްރޮފެސަރުކަން އޭނާއަށް ދެއްވިއެވެ. އެއީ 1091 ވަނަ އަހަރު، ޣަޒާލީގެ އުމުރުފުޅުން 33 އަހަރުފުޅު ގައެވެ. ފަހެ، މިފަދަ މަޤާމެއް އެ ދުވަސްވަރު، އަދި ފެންވަރު ރަނގަޅު ޖާމިޢާތަކުން މިހާރުވެސް، މީހުންނަށް ޢާންމުކޮށް ލިބެނީ 50 އަހަރު ވުމަށް ފަހުއެވެ. ނިޒާމިއްޔާގައި ޣަޒާލީ 300 ދަރިވަރުންނަށް ތަޤްރީރު ކުރައްވާ ކަމަށް ވެއެވެ. އޭނާގެ މުނާޒަރާ ތަކާއި ބަހުސްތަކުގެ މޮޅުކަމުން، ޣަޒާލީގެ ނަންްފުޅު އިސްލާމީ ހުރިހާ ޝަހަރަކަށް ފެތުރިގެން ދިޔައެވެ.

ކިޔަވައިދޭތާ ހަތަރު އަހަރު ފަހުން، ޣަޒާލީއަށް ބޮޑު މައްސަލަ އެއް މެދުވެރިވިއެވެ. މި މައްސަލައިގެ އަސަރުތަކަކީ މައިގަނޑު ގޮތެއްގައި ރޫޙާނީ، ދީނީ ކަންކަމަށް ވިއަސް، އެކަމުގެ ސަބަބުން ޣަޒާލީގެ ހަށިކޮޅަށް މާއްދީ ބަލިތަކެއް މެދުވެރިވިއެވެ. މި ”އާލާސްކަންފުޅުގެ“ ސަބަބުން އޭނާ ވަޒީފާ ދޫކުރައްވާ، 1095 ވަނަ އަހަރު ޙައްޖު ވުމުގެ ނަމުގައި ބަޣްދާދުން ނުކުމެވަޑައިގަތެވެ. ޣަޒާލީގެ ދަރިކަލުންނާއި އަނބިކަބަލުންނަށް އުޅުއްވޭނޭ ގޮތް ތަނަވަސް ކޮށްދެއްވުމަށް ފަހު، މުދާތައް ބައްސަވާ ލައްވައި ފަކީރު ސޫފިއެއްގެ އުޅުއްވުން ޚިޔާރު ކުރެއްވިއެވެ. ދިމިޝްޤް އާއި ޤުދުސްއަށް ދަރުތުފުޅު ކުރެއްވިއެވެ. އަދި މަދީނާއާއި މައްކާއަށް 1096 ގައި ވަޑައިގަތުމަށް ފަހު ޠޫސްގައި އެކަނިވެރިކަމުގައި (ޚައުލަތުގައި) އެތައް އަހަރެއް ވަންދެން އުޅުއްވިއެެވެ. ދުނިޔެއަޅައި އުޅުއްވުން ނިންމަވައި، ނީޝާޕޫރުގައި ހުންނަ ނިޒާމިއްޔާގައި، 1106 ވަނަ އަހަރު ދުވަސްކޮޅެއް ވަންދެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެހާރުން އޭނާއަށް އައިސްފައިވާ ބަދަލަކީ ދާއިމީ ބަދަލެކެވެ. ދުނިޔެވީ ދީނުގެ މުދައްރިސަކުން ދީނީ މުދައްރިސަކަށް ބަދަލުވެވަޑައިގަތެވެ. ދީން ކިޔަވައިދޭ މުދައްރިސަކުން، ދީންވެރިކޮށް އުޅޭ މުދައްރިސަކަށް އެނބުރިވަޑައިގަތެވެ. 1111 ގެ ޑިސެމްބަރު މަހު، ޣަޒާލީ ފުރައުއްތަ ވަންދެން، އޭނާ ހުންނެވީ ޠޫސް ގައެވެ. ޢަބްދުއްރަޙްމާން އައްލާމް އަކީ އޭނާގެ ހަމައެކަނި ދަރިކަލުންނެވެ.