އިސްލާމް ދީން ޤަބޫލު ނުކުރާ މީހަކަށް އެ ދީނުގެ މޮޅުކަމުގެ ވާހަކަތައް ދައްކައިގެން ނުވަތަ ޤުރްއާނުން ހެކި ނެރެގެން މާކަ ބޮޑު ކުރިއެރުމެއް ނުހޯދޭނެއެވެ. އެއީ، ގިނަ ފަހަރު، އިސްލާމް ދީން ޤަބޫލު ނުކުރާ މީހާ، ދީނީ ހަމަތަކެއް އަދި އެހެން ދީނެއްވެސް ޤަބޫލެއް ނުކުރެއެވެ. މިފަދަ ބައެއް މީހުންނާ ވާހަކަ ދައްކަން ޖެހެނީ ފިކުރުގެ ހަމަތަކުގެ މަތިންނެވެ. އެމީހުން ބޭނުންވަނީ ލޮޖިކް ނުވަތަ މަންޠިޤްގެ ހަމަތަކުން ދީނުގެ ޙުއްޖަތްތައް ހާމަކޮށްދޭން ށެވެ.

ދީނުގެ ތެދުަކަމާ މެދު، ފިކުރުގެ ހަމަތަކުން އެންމެމޮޅު ފޮތްތަކެއް ލިއެފައިވާ އެކަކީ ޣަޒާލީ އިމާމެވެ.  އޭނާއަކީ ދިވެހިން ކުރިން ވަރަށް މާތްކޮށް ހިތި، އަދި ހުޅަނގުގެ މީހުން މިހާރުވެސް ވަރަށް ބޮޑަށް އޭނާގެ ލިޔުއްވުންތައް ދިރާސާ ކުރާ ފަލްސަފާވެރި އެކެވެ. މިސަބަބަށްޓަކައި އޭނާއަށް ”އިސްލާމް ދީނުގެ ޙުއްޖަތު“ ނުވަތަ އިސްލާމް ދީނުގެ ތެދުކަމުގެ ހެއްކޭ ކިޔާ ލަގަބެއްދީފައި ވެއެވެ. މީގެ 740 އަހަރު ކުރިން، ނަޞާރާ ދީނަށް މީހުން ފުރަގަސްދޭން ފެށުމުން، އެ ދީނުގެ ޢިލްމުވެރިޔަކު (ތޮމަސް އެކީނާސް) ލިޔުނު މަޝްހޫރު ފޮތަކީ ވެސް މި ޣަޒާލީ އިމާމުގެ ފޮތްތަކުން ވަގުލުކޮށްފައިވާ (ހަވާލާނުދީ ނަގުލުކޮށްފައިވާ) ދަލީލުތަކެއްގެ މައްޗަށް ލިޔެފައިވާ ފޮތެކޭ ބުނެއުޅެއެވެ. ޣަޒާލީ އިމާމު ނިޔާވީ މީގެ 900 ވަރަކަށް އަހަރު ކުރިންނެވެ.

ޣަޒާލީ އިމާމުގެ މަޝްހޫރު ފޮތެއް ދިވެހި ބަހަށް ތަރުޖަމާ ކުރާހިތުން ހުއްޓައި، އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ ޖާދުﷲ ޖަމީލު، އެ ފޮތުގެ އިނގިރޭސިބަހުގެ ތަރުޖަމާއެއް ކިޔާލަން ދެއްވައިފިއެވެ. މިފޮތް ކިޔާލުމުން މި ފޮތުގައި ބޭނުންކޮށްފައިވާ ދީނުގެ ތެދުކަމުގެ ދަލީލުތަކުން އީމާންކަން ބަލި ދިވެހި ހިތްތަކަށް ޝިފާއެއް ލިބިދާނެ ކަމަށް ހިތައި މިފޮތް ތަރުޖަމާ ކުރާހިތް އާ ވެއްޖެއެވެ. ޣަޒާލީގެ ޙަޔާތްޕުޅުގެ މައްޗަށާއި އެ ފޮތުގައިވާ ދަލީލުތަކުގެ މައްޗަށް މަދްރަސަތުލް ޢަރަބިއްޔާގެ ދަރިވަރުންނަށް އަޅުގަނޑު ހުށަހެޅި ޕްރެސެންޓޭޝަނެއް މިއޮތީއެވެ.

މީގެ ފަސް އަހަރެއްގެ ކުރިން، ބޭރުގެ ޢިލްމުވެރިޔަކު މާލޭގެ މައިދާނެއްގައި ދިން ތަޤްރީރެއްގައި، ދިވެއްސަކު ދީން ޤަބޫލުނުކުރާކަމަށް، ވަގުތުން ދުރަށް ދައްކަމުންދިޔަ ޓީވީ ހެކިކޮށް، މުރުތައްދު ވިއެވެ. މި މައްސަލާގައި، ހައެއްކަ ދުވަސް ފަހުން،  އޭރުގެ އސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު،  އަޅުގަނޑާ ފޯނުން ގުޅުއްވައި އޭނާއަށް ނަޞޭޙަތް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެކަމުން އޭރު ދުރުވެގަތަސް، އަޅުގަނޑަށް ފެނުނީ ދިވެހީންގެ ވަޙްދަތަށްޓަކައި އަޅުގަނޑުގެ ފަރުދީ އަދި ޤައުމީ ވާޖިބެއް އޮތް ކަމަށެވެ. މި ފޮތް ތަރުޖަމާ ކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. ފޮތަކީ އޭގައި، ދިވެހި ބަހުގައި ވަކި ލަފުޒެއް ނުހިމެނޭ އެތައް  ޚިޔާލެއް ހިމެނޭ ފޮތެކެވެ. ފޮތަކީ ފަލްސަފާ ފޮތެކެވެ. ފޮތުގެ އަޞްލު އޮތީ ޢަރަބި ބަހުންނެވެ. އެ ފޮތް އިނގިރޭސި ބަހަށް ދެތިން މީހުން ތަރުޖަމާކޮށްފައި ވެއެވެ. އެ ތަރުޖަމާތައް އަޅުގަނޑަށް ލިބިފައި ވެއެވެ. މީގެ ތެރެއިން އެ ތަރުޖަމާއަކީ ޢަރަބި ޢިލްމުވެރިއެއް ޣަޒާލީގެ ފޮތުގެ މައްޗަށް ލިޔެފައިވާ ތަފްސީރެކެވެ.  އަޅުގަނޑަކީ ތަޢުލީމުގެ ފަލްސަފާ، ޔުނިވަރސިޓީ ފެންވަރުގައި ކިޔަވައި، އެ މާއްދާ ކިޔަވާ ދިނުމަށް މުޤައްރަރެއް އެކުލަވާލައި، ޤައުމީ ޔުނިވަރސިޓީގައި އެ މާއްދާ ކިޔަވާދީފައިވާ މީހެއްކަމުން،  ފަލްސަފާގެ ހުޅަނގުގެ މަޞްދަރުތައް އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން، މިފޮތް ތަރުޖަމާ ކުރުމަށް ހިތްވަރު ލިބުނީއެވެ.  މިފަދަ ފަލްސަފާ ފޮތްތަކުގެ އެންމެ ބޮޑު މައްސަލައަކީ، ސާޅީހަކަށް އަހަރު ނުވާ  އަދި ބުއްދި ފުރިހަމަނުވާ މީހުންނަށް، މި ބާވަތުގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ މުހިއްމު ވާހަކަތަކުގެ ދޭހަ ދަތިކަމެވެ. ފިލޯސަފަރުންނަކީ، ގިނަ ފަހަރު ޢުމުރުން ދުވަސްވެ، ދުނިޔޭގެ ހަމަތަކާއި ފިކުރުގެ މަތީ ކުންނުތަކަށް އެރި، ބުއްދި ފާގަތި ވެފައިވާ މީހުންނެވެ. މި މަސައްކަތުން މަދު ނަމަވެސް ދިވެހި ބަޔަކަށް މަންފާއެއް ކޮށްފިނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްވީއެވެ.