”އަންނަ އަހަރުން ފެށިގެން ރޯދަމަހަށް ސްކޫލްތައް ބަންދު ކުރެވޭނެ ގޮތްތައް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާތީ“ އެކަމާ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ތަދްބީރުތަކެއް ކުރަމުންދާ ވާހަކަ ޚަބަރުގައި ފާހަގަވެގެން ދިޔައެވެ. މި ފަދަ އެއް ޚަބަރު ތިރިގައިވާ ފޮޓޯއަށް އޮބައިލެއްވުމުން ފެނިވަޑައި ގަންނަވާނެއެވެ.

މިއީ ރަނގަޅު ކަމެއް ތޯއެވެ؟ ނޫނީ، ގޯސް ކަމެއް ތޯއެވެ؟ މިކަމުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯއެވެ؟

މި މަޒުމޫނުގައި އަޅުނގަޑު އަލި އަޅުވާލާނީ، މި މައްސަލައާ ގުޅޭ ގޮތުން ފިކުރު ކުރަން ޖެހޭ ކަންކަމާއި މިކަން ތަންފީޒުކުރަން ހުރި އިޚްތިޔާރުތަކެވެ.

ތާރީޚީ ނަޒަރަކުން މަދަރުސާތަކާއި ރޯދަ މަސް

ރާއްޖޭގައި ސަރުކާރުގެ ފަރާތުން މަތީ ފެންވަރަކަށް ކިޔަވައިދޭން ފެށުނީ 1920 ގެ އަހަރުތަކުގައެވެ. އެ ދުވަސްވަރު ކިޔަވައިދޭ މަދަރުސާތައް ރޯދަމަހަށް ބަންދުކުރެއެވެ. އެކަމުގެ ދަލީލަކީ، ތިރީގައިވާ މަދްރަސަތުއްސަނިއްޔާގެ ޤާނޫނެވެ. އެ ދުވަސްވަރު މަދަރުސާގެ ގަވާއިދުތަކަށް ކިޔަނީ ޤާނޫނުއެވެ.

އެ ގަވާއިދުގައި މަދަރުސާ ބަންދު ދުވަސްތައް ކަމުގައި އަންނަނިވި ދުވަސްތައް ކަމަށް ބަޔާންކޮށްފައި ވެއެވެ.

  1. މުޙައްރަމް މަހުގެ 1 ވަނަ ދުވަސް.

  2. އެ މަހުގެ 9 ވަނަ ދުވަސް.

  3. އެ މަހުގެ 10 ވަނަ ދުވަސް.

  4. ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަސް

  5. ރަޖަބު މަހުގެ ހަ ދުވަސް

  6. ޝައުބާން މަހުގެ 15 ދުވަސް.

  7. ޝައުބާން މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 4 ވަނަ ދުވަހަށް

  8. ހައްޖު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 14 ދުވަހާ ޖެހޭންދެން.

  9. ހުކުރު ދުވަސް.

  10. ޚާއްޞަ ގޮތުން ބަންދުކުރާން ޖެހޭ ދުވަސް ދުވަސް.

އެ ޒަމާނަކީ މީލާދީ އެއްވެސް ދުވަހެއް ބަންދުކުރި ޒަމާނެއް ނޫނެވެ. އެންމެ ބޮޑު ޗުއްޓީއެއް މިއަންނަނީ ރޯދަ މަހުއެވެ.

މި ދައުރު ނިމި އައު ދައުރެއް ފެށުނީ 1961 ވަނަ އަހަރު، ސިލޯނުން ޓީޗަރުން ގެނެސްގެން ކިޔަވައިދޭން ޖެހުމާ ގުޅިގެންނެވެ. އެއްބަސްވުމެއްގެ ދަށުން އަންނަ ބަޔަކަށް ވާތީ، އެމީހުންނަށް ޗުއްޓީ ދޭން ޖެހެނީ، އަހަރު ނިމޭ ކޮޅުގައެވެ. މިއާއެކު، ރާއްޖެއިން ދެމުން އައި އިމްތިޙާނުތަކުގެ ބަދަލުގައި ބޭރުގެ އިމްތިޙާނުތަކުގައި ދަރިވަރުން ބައިވެރިކުރަން ޖެހޭތީ، އަދި އެ އިމްތިޙާނުތައް އޮންނަނީ މީލާދީ ކަލަންޑަރުން ކަނޑައަޅާފައިވާ ދުވަސްތަކެއްގައި ކަމުގައި ވާތީ މި ބަދަލާ އެކު ރޯދަމަހަށް މަދަރުސާތައް ބަންދުކުރުން ހުއްޓުނީއެވެ.

 1970 ގެ އަހަރުތަކުގައި އަޅުގަނޑު މަޖީދިއްޔާގައި ކިޔަވަން އުޅުނު ދުވަސްވަރު، ހެނދުނާއި މެންދުރު ފަހު ކިޔަވައިދެއެވެ. ރޯދަމަހަށް ހަދާ ގޮތަކީ މެންދުރު ފަހު ދަންފަޅި ނުބާއްވަނީއެވެ. އަޅުގަނޑު ހަނދާންވާ ގޮތުން ރޯދަމަހު ކިޔަވައިދެނީ ދުވާލަކު 3 ގަޑިއިރެވެ.

މިއަދާ ހަމައަށް މިކަން ހިނގަމުންދަނީ މިގޮތަށެވެ. އައި މައިގަނޑު ބަދަލަކީ، މަދަރުސާތަކުގެ ޖާގަ ނެތިގެން، ކިޔަވައިދޭ ގަޑިތައް މަދުކުރުމާއި، އެއް ދަންފަޅިއަށް ކިޔަވައިދިނުމާއި އެ ދުވަސްވަރު އޮތް ފުޅާ އިތުރު ޙަރަކާތްތައް ހަނިވުމެވެ. ހަމަ މިއާއެކު ކަރިކިޔުލަމް ވެސް ހަނިކޮށްލަން ޖެހުނެވެ. އެހެނީ އަޅުގަނޑު ކިޔެވި ދުވަސްވަރު އިސްލާމް އާއި ދިވެހި ނުލައި 9 މާއްދާ ކިޔަވައިދެއެވެ.

ކޮންމެ މީލާދީ އަހަރަކު، ކުރީ އަހަރަށް ވުރެ 10 ވަރަކަށް ދުވަސް ރޯދަމަސް އަންނަލެއް އަވަސް ވާނެއެވެ. އެހެންކަމުން، ކޮންމެ 36 އަހަރަކުން ރޯދަމަސް މީލާދީ އަހަރުގެ ތެރޭގައި ބުރުޖަހަމުން ދާނެއެވެ. އެކި އަހަރު ރޯދަމަސް އަންނާނީ ޓާމުގެ އެކި ދުވަސްވަރު އެވެ.

ރޯދަ މަހަށް މަދަރުސާތައް ބަންދުކުރުމުގެ މަންފާތައް

(1) ރޯދަމަހަށް މަދަރުސާތައް ބަންދުކުރުމުގެ އެންމެ ބޮޑު މަންފާއަކީ މަދަރުސާގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވޭ ގޮތް ވުމެވެ. މި މަފްހޫމަށް އިނގިރޭސި ބަހުން ކިޔަނީ internal efficiency އެވެ. އިންޓާނަލް އިފިޝަންސީ ނުވަތަ ދާޚިލީ ސަމަކާރައަކީ ނިޒާމަކުން އެތަނުގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ވީހާ ވެސް އިސްރާފުކުޑަކޮށް، ނަތީޖާ ނުވަތަ އަސަރު ބޮޑު ގޮތަކަށް ކަންކަން ކުރާ ނިސްބަތެވެ. ތަޢުލީމާ ބެހޭ ވެށީގައި މިއިން މާނަކުރަނީ މުދައްރިސުންނާއި އެހެން ވަސީލަތްތަކަށް ކުރާ ޚަރަދުން، ދަރިވަރުންގެ އުނގެނުން މަތިކުރެވޭ ނިސްބަތަށެވެ. އަޅުގަނޑު މި ދެންނެވި ވާހަކަ، ދޭހަ ފަސޭހަ ގޮތަކަށް ސާދާކުރިއަ ދެއްވާށެވެ. އާދެ! ތަޢުލީމަށް ކުރާ ޚަރަދުގެ އެންމެ ބޮޑުބައެއް ހޭދަވަނީ މުދައްރިސުންގެ އުޖޫރައަށެވެ. ރޯދަމަހުގެ އުޖޫރަ އެހެން މަސްތަކާ ތަފާތެއް ނުވެއެވެ. ނަމަވެސް، މުދައްރިސުން ކިޔަވައިދިނުމަށް ހޭދަކުރަނީ އެންމެ ދެ ގަޑިއިރު ކަމުގައިވާ ނަމަ، ރޯދަ މަހުގެ ގަޑިއަކަށް އުޖޫރަ ޖެހޭ ނިސްބަތް ވަރަށް ބޮޑު ވާނެއެވެ. ނަމަވެސް، އެހެން މަސް މަހު، މުދައްރިސްގެ ޚިދުމަތް ލިބެނީ ހަ ގަޑިއިރު ކަމުގައިވާ ނަމަ، ގަޑިއަކަށް ޖެހޭ ނިސްބަތް ކުޑަ ވާނެއެވެ. އިންޓާނަލް އިފިޝަންސީ އަކީ ޚަރަދު ކުޑަކޮށް، އެންމެ ބޮޑު މަންފާ ލިބޭގޮތަށް ކަންކަން ރޭވުމެވެ.

ދެ ގަޑިއިރު ކިޔަވައިދޭން ސްކޫލް ހިންގުމަށް ވުރެ، ދައުލަތަށް އަދި ދަރިވަރުންނަށް ވެސް އެންމެ ފައިދާ ބޮޑުވާނީ، ރޯދަމަސް ބަންދުކުރުމެވެ.

(2) ވަރަށް ގިނަ ބަޔަކަށް ހީކުރެވިފައި އޮންނާނީ މަދަރުސާތައް ހިންގުމުގެ ބޭނުމަކީ، ދަރިވަރުންނަށް ކިޔަވައި ދިނުން ކަމަށެވެ. ނަމަވެސް، މަދްރަސާއާ ބެހޭ އިޖްތިމާޢީ ޢިލްމުގައި، މަދަރުސާގެ އެއް ބޭނުމަކީ، އެކި މަސައްކަތަށް މައިންބަފައިން ހުސްކުރުމަށްޓަކައި، ކުދީން މައިންބަފައިންނާ ނުލާ ބަލަހައްޓައިދިނުން ކަމަށް ކިޔަވައިދޭނެ އެވެ. މި ސަބަބާ ހެދި، މަދަރުސާ ފަށާ ނިންމާ ގަޑިތަކާއި، ފެކްޓަރީތަކާއި އޮފީސްތައް ފަށާ ނިންމާ ގަޑިތައް ގާތް ކުރުވައެވެ.

ރޯދަ މަހު ގިނަ ބެލެނިވެރީން ގޭގައި ހޭދަކުރާ ވަގުތު ގިނަ ނަމަ، މަދަރުސާތަކަށް ކުޑަކުދީން ބެލެހެއްޓުމުގެ ޒިންމާ އެންމެ ކުޑަވާނީ މި ދުވަސްވަރު އެވެ.

(3) ރޯދަ މަސް ޗުއްޓީއަށް ހެދުމުން ކުރާނޭ އެހެން މަންފާ ތަކުގެ ތެރޭގައި، ރޫޙާނީ ކަންތައްތަކަށް އިތުރަށް ސަމާލުކަން ދިނުމާއި، އާއިލާއާ ގުޅުން ބަދަހިކުރުމާއި ކެއްކުމުގެ ހުނަރުތައް ހުރިހާ ކުދީންނަށްވެސް ދަސްކުރުމަށް ފުރުސަތު ލިބުމާއި ދީނީ ކަންކަމަށް އިތުރު ފުރުޞަތު ލިބުން ހިމެނެއެވެ.

ރޯދަ މަހަށް މަދަރުސާތައް ބަންދުކުރުމުގެ ގެއްލުންތައް

(1) ދަރިވަރުން މަދަރުސާއަށް ފޮނުވުމުގެ މައިގަނޑު ބޭނުމަކީ އެ ކުދީން ބޮޑުވުމުން ހެޔޮ ލަފާ ދިރިއުޅުމެއް އުޅެން ތަމްރީނުކުރުމެވެ. އެކުދީންގެ ކިބައިގައި ވަކި ހަރުދަނާ އުޅުންތަކެއް، ހަރޮށި ސިފަތަކެއް ހަރުލެއްވުމެވެ. މަސައްކަތްތެރިކަމުގެ ދާއިރާގައި ވަކި އާދަތަކެއް ހިފެހެއްޓުމަށް ތަރުބިއްޔަތު ކުރުމެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ރޯދަމަހަކީ ކަންނެތްކަމާއި ކެއުމުގެ މަހެއް ނޫނެވެ.

މީގެ 50 ވަރަކަށް އަހަރުގެ މާޒީއަށް ބަލައިލިޔަސް، އަޅުގަނޑުމެންނަށް ފާހަގަކުރެވޭނީ، ދިވެހީން ރޯދަމަހު ވެސް، އެހެން މަސްތަކާ މާ ބޮޑު ތަފާތުކުރުމެއް ނެތި، މަސައްކަތުގައި އުޅުނު ކަމެވެ. ދަނޑުވެރިކަމާއި މަސްވެރިކަމުގައެވެ. އަދި އެ ނޫން ވެސް އެހެން މަސައްކަތުގައެވެ. އިސްލާމީ ކިތަންމެ ޤައުމެއްގައި، ރޯދަ ފޯވަހި އޮންނަނީ މިފަދަ ގޮތަކަށެވެ. އެއް ވާނެއްގައި ރާއްޖޭގައި ކުރަމުންދިޔަ މަސައްކަތް ރޯދަމަހަށް ވަރަށް ބޮޑަށް ކުޑަ ކޮށްލީ ވަރަށް ފަހުގެ މާޒީއެއް ގައެވެ. ރޯދަމަހުގެ ފަހު 10 އެއް ބަންދު ކުރާގޮތަށް ނިންމީ މި ރިޔާސީ ދައުރުގައެވެ. ރޯދަމަހަށް މަދަރުސާ ބަންދުކުރުމުގެ ނަތީޖާއަކަށް ވާނީ، ދިވެހި މަސައްކަތް ތެރީންނަށް ރޯދަމަހަކީ ކަންނެތް ކަމާއި ކެއުމުގެ މަހަށް ވުމެވެ. ދިވެހިރާއްޖޭގެ ޕްރޮޑަކްޓިވިޓީ ނުވަތަ މަސައްކަތްތެރީންގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށް ވެގެން ދިއުމެވެ. މިކަމުން އަރައިގެނެވޭނީ ޖީލަކަށް ފަހުއެވެ.

(2) ދަރިވަރުންނަށް ރޯދަ މަހުން ރަނގަޅު ތަރުބިއްޔަތެއް ގެއިން ލިބިދެވޭނެ ހެއްޔެވެ؟ މިއީ ވަރަށް ބޮޑު ސުވާލެކެވެ. ވަރަށް ބޮޑަށް އަޅުގަނޑަށް ލަފާކުރެވެނީ މިހެން ނުވާނެ ކަމަށެވެ. ކުދީން ގިނަ ވަގުތު ހޭދަކުރާނެހެން ހީވަނީ އިސްކިރީން ބެލުމުގައެވެ. މިހާރުވެސް ބައެއް ދަރިވަރުން ހޭލާ ހުންނަ ވަގުތުގެ ދެބައިކުޅަ އެއްބައި އިރު ހޭދަކުރަނީ އިސްކިރީން ބެލުމުގައި ކަމަށް މި ދިރާސާ ބުނެއެވެ.ކަމާ ބެހޭގޮތުން، އިނގިރޭސިވިލާތުގެ ޕާލަމަންޓް އިން ނެރެފައިވާ މި ރިޕޯޓުގެ ނިންމުމަކީ، އިސްކިރީން ބެލުމުން ދަރިވަރުންނަށް ކުރާ މަންފާއަށް ވުރެ އެކަމުން ލިބޭ ގެއްލުން ބޮޑުކަމެވެ. ރޯދަ މަހުގެ ގިނަ ވަގުތު، ނިދުމާއި އިސްކިރީންގައި ހޭދަކުރާ ނަމަ، ރޯދަ މަސް ޗުއްޓީ ކުރުމުން އެދެވޭ ނަތީޖާއެއް ނުނުކުންނާނެއެވެ. ދަރިވަރުންގެ އާބާދީގެ %35< މި އުޅޭނީ މާލޭގައެވެ. މާލޭގެ ވެށީގެ ދަތިކަމުން، މާލޭގެ ގިނަ ކުދީން ތިބޭނީ އެ ކުދީންގެ ހިޔާވަހީގެ ހަތަރު ފާރުގެ ތެރޭގައި ގައިދީންގެ ގޮތުގައެވެ. ޢީދަށް ފަހު ކިޔަވަން ނުކުންނަ އިރު، ދަރިވަރުން ތިބޭނީ ދެތިން ކިލޯ ބަރުވެ، ބަރުހަލިވެފައެވެ.

(3) ރޯދަމަސް ޗުއްޓީވުމުން، އެކަމާ ގުޅިފައިވާ އެހެން ސަބަބުތަކާ ހެދި، ވިޔަފާރިތަކަށް ގެއްލުން ވާނެއެވެ. ނަތީޖާއަކަށް ވާނީ ސަރުކާރަށް ލިބޭ އާމްދަނީ ދަށްވުމެވެ. ގިނަ މީހުންގެ ނަޒަރުގައި، ރޯދަމަހު މަސައްކަތުގެ ވަގުތު ގާތްގަޑަކަށް އެހެން މަސްމަހަށް ވުރެ އެއް ގަޑިއިރު މަދުކޮށް ޢާއްމު ދިރިއުޅުން ކުރިއަށް ގެންދާ ނަމަ، ސަރުކާރުގެ އާމްދަނީ އިތުރުވާނެއެވެ.

(4) ރޯދަމަސް ޗުއްޓީ ކުރުމުން، ކިޔަވައިދޭ ދުވަސްތައް މަދުވާނެއެވެ. މިހެން ވިޔަސް ވެސް، ޑިސެމްބަރު މަހުގައި ޗުއްޓީއެއް ނުދީ ހަމައެއް ނުޖެއްސޭނެއެވެ. މަދުވެގެން އެ ޗުއްޓީ ތިން ހަފުތާ ވަރު ވާންވާނެއެވެ. އެއީ ދަރިވަރުންގެ މައިންބަފައިން ބޭސްވެރިކަމާއި އަދި އެހެން އެކި ސަބަބުތަކާ ހެދި ދަތުރުފަތުރު ކުރަން ރޯދަމަސް ކަމު ނުދާނެތީ ދޭން ޖެހޭ ޗުއްޓީއެކެވެ. އެހެންކަމުން، ދެން ދިރާސީ އަހަރުން ގެއްލޭ ދުވަސްތައް ހޯދާނީ ފަހެ ކިހިނަކުންތޯ އެވެ؟ ރޯދަ މަސް ޗުއްޓީ ކުރުމުގެ ގެއްލުންތަކުގެ ތެރޭގައި ދުވަސް ހަމަކުރަން އަޅާ ފިޔަވަޅުތަކުން ނުކުންނަ މައްސަލަތައް ހިމެނެއެވެ.

ރޯދަމަސް ޗުއްޓީކުރަން ހެދިދާނެ ގޮތް

މަދަރުސާއެއްގައި ކިޔަވައިދޭން އެންމެ ރަނގަޅީ ކިތައް ދުވަހު ތޯއެވެ؟ މި ސުވާލުގެ ޖަވާބަކީ ވީހާ ގިނަ ދުވަހެކެވެ. ތިރީގައި އެވަނީ ބައެއް ޤައުމުތަކުގ ދިރާސީ އަހަރުގެ ދިގުމިން ދުވަހުން ކުރަހާފައިވާ ޗާޓެކެވެ.

ފާހަގަ ކުރެއްވެނީ ކޮން ކަމެއް ތޯއެވެ؟ ޖަޕާނާއި ޗައިނާ އަކީ މިހާރު ދުނިޔޭގައި ތަޢުލީމީ ގޮތުން އެންމެ ކުރީގައިވާ ހަތް ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމެވެ. މިކަން އަޅުގަނޑަށް އެނގެނީ، ވަރަށް ގިނަ ޤައުމުތަކުގެ ދަރިވަރުން އެއް ޓެސްޓެއްގައި ބައިވެރިކޮށްގެން ދަރިވަރުންގެ ފެންވަރު ބަލާތީއެވެ. PISA ކިޔާ މި ޓެސްޓް ދެނީ ގްރޭޑް 9 ގެ ދަރިވަރުންނަށެވެ. މި ޓެސްޓުގައި 60 ވަރަކަށް ޤައުމު ބައިވެރިވެއެވެ. ތިން އަހަރުން އެއް އަހަރު ދޭ މި ޓެސްޓް މިހާރު ހިނގަމުން އެބަ ދެއެވެ. އެންމެ ފަހުން 2022 ގައި އޮތް ޓެސްޓުން، އެންމެ މޮޅު 7 ޤައުމުގެ ނަތީޖާ ތިރީގައި އެވަނީއެވެ.

އާދެ! ޔޫރަޕުގެ ހުރިހާ ޤައުމަކުންހެން ބައިވެރިވާ މި ޓެސްޓްގައި އެސްޓޯނިއާ ނޫނީ ގަދަ ހަތެއްގެ ތެރޭގައި ޔޫރަޕުގެ އެއްވެސް ޤައުމެއް ނުހިމެނެއެވެ. ނަންކުރާ ފިންލަންޑް މި ލިސްޓުގެ ގަދަ ފަހަކުން ބާކީވިތާ އެތައް އަހަރެއް ވެއްޖެއެވެ. ވީމާ، ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށް ވަނަވެރި ޤައުމުތަކުގައި ކަންކަންކުރާ ގޮތް ބަލަމާތޯއެވެ؟

ސިންގަޕޫރުގައި މަދްރަސީ އަހަރުގެ ދިގުމިނަކީ 200 ދުވަހެވެ. ޗައިނާގައި 220 ދުވަހެވެ. ސައުތު ކޮރެއާގައި 220 ދުވަހެވެ. ޖަޕާނުގައި 230 ދުވަހެވެ.

ދެން ވިދާޅުވެ ބައްލަވާށެވެ؟ ރާއްޖޭގެ ދިރާސީ އަހަރުގެ ދިގުމިނަކީ ކިތައް ދުވަސް ތޯއެވެ؟ ލަދުވެތިކަމާ އެކު ދަންނަވަން ޖެހެނީ، 175 ދުވަސް ހަމަވަނީ ވެސް މަދު އަހަރެއްގައެވެ. އެއް މައްސަލައަކީ، ތަޢުލީމީ ވުޒާރާއިން 180 ދުވަހަށް ކަލަންޑަރު ހެދިޔަސް، އެކި ރިޔާސީ ދައުރުގައި، ރައީސުން އަހަރުގެ އެތައް ދުވަހެއް ޗުއްޓީ ދުވަސްތަކެއްގެ ގޮތުގައި ކަލަންޑަރު ހަދާ ނިމުމުން ކަނޑައަޅުއްވާތީ އެވެ. ރ. ވަޙީދަށް ފަހު ވަޑައިގެންނެވި ކޮންމެ ވެރިއެއް، އެއް ބޭފުޅަކަށް ވުރެ ޗުއްޓީ ދުވަސްތައް އިތުރުކުރެއްވުމަށް އަނެއް ބޭފުޅަކު ވާދަ ކުރައްވާފައި ވެއެވެ.

އަޅުގަނޑުގެ ހަނދާނުގައި ސަރުކާރުގެ ފަރާތުން ދިރާސީ އަހަރުގެ ދިގުމިނަކީ 200 ދުވަސްކަމަށް ކަނޑައެޅީ ހަމައެކަނި ދެތިން ކޮމިޔުނިޓީ ސްކޫލް ރާއްޖޭގައި ހުރި ދުވަސްވަރުއެވެ. އެއީ 1983 ހިސާބުގައެވެ. އޭގެ ފަހުން، އަހަރަކަށް ވުރެ އަހަރެއް، ކިޔަވައިދޭ ދުވަސްތައް މަދުކުރަމުން ގޮސްފައި ވެއެވެ. ތަޢުލީމީ ދާއިރާގެ މަތީ ފަޑިތަކުގައި އަޅުގަނޑު ހަރަކާތްތެރިވަނީ 1984 އިން ފެށިގެންނެވެ. ތަޢުލީމީ ކަންކަން ހިންގުމާ ބެހޭ ފަންނީ ތަމްރީނާއި ހުނަރާއި މި ދާއިރާއިން ބޭރުގެ ޢިލްމީ ސޮސައެޓީއެއްގެ އިނާމެއް ވެސް އަޅުގަނޑަށް ދީފައި ވެއެވެ. އަޅުގަނޑަށް ލިބިފައިވާ ހުރިހާ ތަޢުލީމާއި ތަމްރީނެއް އެންމެ ޖުމުލައަކަށް ކައްކައި ހިންދާލާ ނަމަ ބުނާނީ، ތަޢުލީމީ މުއައްސަސާއެއް ހިންގާ ވެރިއެއްގެ އެންމެ މުހިއްމު މަޤްޞަދަކަށް ވާންވާނީ ދަރިވަރުންނަށް ކިޔަވައިދެވޭ ވަގުތު (time-on-task) ހިމާޔަތް ކުރުމެވެ. މިއީ އެތައް ދިރާސާތަކެއްގެ، އެތައް ބައެއްގެ ޢިލްމީ އަދި ޢަމަލީ ތަޖުރިބާގެ އަރަގެވެ. ޖަޕާނާއި ޗައިނާގެ ދަރިވަރުންނަށް މަދުވެގެން 220 ދުވަހު ކިޔަވައިދީގެން ނެރެވޭ ނަތީޖާ، 175 ދުވަހު ކިޔަވައިދީގެން ނެރެވޭނޭ ކަމަށް ހީފުޅު ކުރައްވާ ނަމަ، ތިޔަ އުޅުއްވަނީ މި ދުނިޔެއަކު ނޫނެވެ. ތިޔަ އުޅުއްވެވެނީ ”މާސް“ ގައެވެ.

ރާއްޖެއަކީ، ދުނިޔޭގެ ނިސްބަތުން ރަސްމީ ބަންދު ދުވަސްތައް ގިނަ ޤައުމެކެވެ. ރާއްޖޭގައި އަހަރަކު 19 ދުވަސް ރަސްމީ ބަންދު ދުވަސްތައް ކަމަށް (ހުކުރު ދުވަސް ނުލައި) ކަނޑައަޅާފައި ވެއެވެ. އެހެން ޤައުމުތަކުގައި ރަސްމީ ބަންދު ދުވަސްތަކުގެ ޢަދަދަކީ 12 ވަރަކަށް ދުވަހެވެ.

ކަންކަން މިހެން ހުރުމާއެކު، ރޯދަމަސް ޗުއްޓީ ކުރުމަށާއި ކޮންމެވެސް މިންވަރެއްގެ ޗުއްޓީއެއް ޑިސެމްބަރު މަހު ދިނުމަށް، ކަމާބެހޭ ފަރާތްތަކަށް އޮތީ ދެ އިޚްތިޔާރެކެވެ. އެއް ގޮތަކީ ހޮނިހިރު ދުވަހަކީ މަސައްކަތު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމެވެ. މިއީ އަކީ އުޞޫލެއްގެ ގޮތުން ނުރަނގަޅު ކަމެއް ނޫނެވެ. އިހު ހާމަކުރި މަދްރަސަތުއްސަނިއްޔާގެ ދުވަސްވަރު، ހޮނިހިރު ދުވަހަކީ ކިޔަވައިދޭ ދުވަހެއްކަން އެ މަދަރުސާގެ ޤާނޫނުން އެނގެއެވެ. ސަނިއްޔާގެ ނަން މަޖީދިއްޔާއަށް ބަދަލުވި އިރުވެސް، ހޮނިހިރު ދުވަހު ކިޔަވައި ދެއެވެ. އަޅުގަނޑުމެން މަދަރުސާއަށް ދިޔަ ދުވަސްވަރުގެ ކުރީކޮޅުގައި، ހަފުތާއެއްގައި ބަންދުވަނީ ހަމައެކަނި ހުކުރު ދުވަހެވެ. ފަހުން ހޮނިހިރު ދުވަސް، އަދި އޭގެ ފަހުން، ހޮނިހިރުގެ ބަދަލުގައި ބުރާސްފަތި ދުވަސް ބަންދުކަމަށް ކަނޑައެޅުނެވެ. ސަރުކާރުގެ އޮފީސްތައް ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ބަންދުކަމަށް ކަނޑައެޅީ ރާޝިދާ ޔޫސުފު ޖެންޑަރ މިނިސްޓަރަކަށް ހުންނެވި މައުމޫން ދައުރުގައެވެ.

ރޯދަ މަސް ޗުއްޓީ ކުރުމުން ގެއްލޭ ކިޔަވައިދޭ ވަގުތުތައް ހޯދުމަށް ދެން އޮތް ހައްލަކީ ކޮންމެ ދުވަހަކު ކިޔަވައިދޭ ވަގުތު ގިނަކުރުމެވެ. މެންދުރަށް މަދަރުސާގެ ކިޔެވުން މެދުކަނޑާލުމަށް ފަހު، މެންދުރު ފަހުން އަލުން ފެށުމެވެ. ކުރިން ދެންނެވި ފަދައިން، މިއީ ވެސް ރާއްޖޭގައި ތަޖުރިބާކޮށްފައިވާ ކަމެކެވެ. އެ ދުވަސްވަރު، މިގޮތަށް ދެވަނަ ފިޔަވަހި، ހަވީރު 3:20 ވަންދެން ކުރިން ގެންދެއެވެ. މި ކަން ކުރުމަށް މިހާރު އޮތް ދައްޗަކީ، ރާއްޖޭގެ ބައެއް މަދަރުސާތަކަކީ، ޚާއްޞަކޮށް މާލޭގެ ގިނަ މަދަރުސާތަކަކީ، ދެ ދަންފަޅިއަށް ހިންގާ ތަންތަނަށް ވާތީ، އެއް ދަންފަޅި ދިގުކުރެވޭނޭ ފުރުޞަތު ނެތުމެވެ.

މަދަރުސާގެ ޓާމުތަކަށް ބަދަލު ގެނައުން

ރޯދަ މަސް ޗުއްޓީކުރުން ފަހިވާނެ އެއްގޮތަކީ މަދަރުސާތަކުގެ ޓާމުތައް ގިނަކުރުމެވެ. އެކަމުގެ މަންފާއަކީ، ދިރާސީ އަހަރު ބައިކުރެވޭ ބައިތައް ގިނަ ވުމުން، ރޯދަމަސް ނުލައި ކިޔަވައިދޭ ދުވަސްތަކަށް، ޓާމެއް ފައްތަން ފަސޭހަވުމެވެ. ރާއްޖޭގެ މަދަރުސާތަކުގައި އެންމެ ކުރިން އޮތީ ހަތަރު ޓާމެވެ. އެއަށް ފަހު ތިން ޓާމެވެ. 2000 ގެ އަހަރުތަކުން ފެށިގެން، މިހާރު މި އޮންނަނީ ދެ ޓާމެވެ.

އަޅުގަނޑު ކުރިން ބަޔާން ކުރި ފަދައިން ދުނިޔޭގެ 60 އަށް ވުރެ ގިނަ ޤައުމުގެ ކުދިން ހަދާ PISA ޓެސްޓުން އެއްވަނައަށް 2022 ގައި އައީ ސިންގަޕޫރެވެ. ސިންގަޕޫރުގެ ދިރާސީ އަހަރުގައި ކިތައް ޓާމު އޮންނާނެތޯ އެވެ؟ މިއޮތީ އެ ޤައުމުގެ ދިރާސީ ކަލަންޑަރެވެ.

އާދެ! ސިންގަޕޫރުގައި ދިރާސީ އަހަރު އޮންނަނީ ހަތަރު ޓާމަށް ބަހާފައެވެ. ކޮންމެ ޓާމަކަށް ފަހު ކުރު ޗުއްޓީއެއް ދެއެވެ. ބައެއް ފަހަރު އެއީ ހަފުތާ އެކެވެ. މިއީ ދިވެހިރާއްޖޭގައި ހަތަރު ޓާމު އޮތް އިރު އޮތް ގޮތް މެއެވެ. ބޮޑު ޗުއްޓީ އޮންނަނީ ޑިސެމްބަރު މަހުއެވެ.
އެހެން މިސާލެއް ނެގުމުގެ ގޮތުން، މެލޭޝިއާ ނަގަމާ ތޯއެވެ؟ އެއީ ސިންގަޕޫރާ ޖެހިގެން އޮންނަ އިސްލާމީ ޤައުމެކެވެ. އެ ޤައުމުގެ ދިރާސީ އަހަރު ބަހާފައިވަނީ ކިތައް ޓާމަށް ތޯއެވެ؟

ރާއްޖޭގެ މިހާރުގެ ހާލަތްތަކަށް ބަލައި، އަޅުގަނޑަށް ހީވަނީ ދިރާސީ އަހަރު ތިން ޓާމަށް ނުވަތަ ހަތަރު ޓާމަށް ބަދަލުކުރުމަކީ ވަރަށް ބޭނުން ތެރިކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން، މީލާދީ ކަލަންޑަރުން ޖެހިޖެހިގެން ހުންނަ ޗުއްޓީ ދުވަސްތަކާއި ޓާމު ބަންދުތައް ގުޅުވަން ފަސޭހަ ވާނެއެވެ. އަދި ހޮނިހިރު ދުވަހު ކިޔަވައިދޭ ނަމަ، ނުވަތަ ދުވަހަކު މިހާރަށް ވުރެ ގިނަ އިރު ކިޔަވައިދޭ ނަމަ، ހަފުތާއެއް ހާ ދުވަހުގެ ޗުއްޓީ ދޭތެރެ ދޭތެރެއިން ލިބުމަކީ ދަރިވަރުންނާއި ބެލެނިވެރީންނާއި މުދައްރިސުންނަށް ލޮޑުކަން ފިލުވަލަދޭ، އަރާމަކަށް ވާނެއެވެ.

ނިންމައިލުން

މި މަޒުމޫނުގައި މި ބަޔާންކުރެވުނީ، ރޯދަ މަހަކީ، ޗުއްޓީ މަހަކަށް ހަދާ ނަމަ، ކަންތައްތައް ރާވަން ހުރި އިޚްތިޔާރު ތަކެވެ. ރޯދަ މަސް ޗުއްޓީ ކުރުމަކީ، ތަޢުލީމީ ދާއިރާގެ އިންޓާނަލް އިފިޝަންސީ ނުވަތަ ކުރާ ޚަރަދުން ލިބޭ ނަތީޖާ ރަނގަޅުވާނޭ ކަމެކެވެ. އެއީ ރޯދަމަހު މިހާރު ކަންކުރާ ގޮތަށް ބަލައެވެ. މި ނަތީޖާ ނެރެވޭނޭ އަނެއް ގޮތަކީ ރޯދަމަހު ކިޔަވައިދޭ މިންވަރު ގިނަކުރުމެވެ. މިއީ މެލޭޝިއާ ފަދަ ޤައުމުތަކުގައި މިކަން ތަރުތީބުކޮށްފައިވާ ގޮތެވެ.

ރޯދަ މަސް ޗުއްޓީ ކުރާނަމަ، އެކަން ކުރަން އޮތީ ދެގޮތެކެވެ. އެއް ގޮތަކީ، ގެއްލޭ ގަޑިތައް ހަމަކުރުމަށް ހޮނިހިރު ދުވަހު ކިޔަވައި ދިނުމެވެ. މިއީ ރާއްޖޭގެ ތާރީޚްގައި އައު ކަމެއް ނޫނެވެ. ދެން އޮތް ގޮތަކީ، ދުވާލަކު ކިޔަވައިދޭ ގަޑި ގިނަ ކުރުމެވެ. މިކަން ކުރުމަށް ދަތިވާ އެއް ސަބަބަކީ، ބައެއް މަދަރުސާތައް ދެ ދަންފަޅިއަށް ހިންގާ ކަމެވެ.

ރޯދަ މަސް ޗުއްޓީ އަށް ހެދުން ފަހިކުރުމަށް ރާއްޖޭގެ ދިރާސީ އަހަރު ހަތަރު ޓާމަށް ނުވަތަ ތިން ޓާމަށް ބައިކުރުމަކީ މަންފާ ހުރި ކަމަކަށް ވާނެއެވެ. އެކަމުން އަހަރުގެ ދިގު ބަންދުތަކާ ޓާމު ޗުއްޓީ ގުޅުވަން ފަސޭހަ ވާނެއެވެ.

މި މަޒުމޫނު ލިޔުމުގެ ތެރޭގައި އަޅުގަނޑަށް ވިސްނުނު ދެތިން އިތުރު ކަމެއް ފާހަގަ ކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ، ރާއްޖޭގައި ކިޔަވައިދޭ ދުވަސްތައް ގިނަ ކުރުމުގެ މުހިއްމު ކަމެވެ. ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކާ އެއް ސަފަކަށް އައުމަށް މަދުވެގެން 200 ދުވަހަށް ދިރާސީ އަހަރު ދިގު ކުރުމެވެ. މަތީ ތަޢުލީމުގައި، ކިޔަވައިދޭން ޖެހޭ މުއްދަތް އޮންނަނީ 150 ދުވަސް ކަމުގައި ކަނޑައަޅާފައެވެ. އެއީ އިމްތިޙާނުތަކާއި އެހެން ކަންކަން ކުރާ ދުވަސްތައް ނުލައެވެ. ދިވެހި ވުޒާރާގެ ދިރާސީ ކަލަންޑަރުގައި، ކިޔަވައިދޭ ދުވަސްތަކުގެ ޢަދަދު (އިމްތިޙާނުތަކާއި އެކި ޚާއްޞަ ދުވަސް ފާހަގަކުރަން ވެގެން ގެއްލޭ ދުވަސްތައް އުނިކޮށް) ފާހަގަކޮށްލުމަކީ ވަރަށް ފައިދާ ހުރި ކަމެއް ކަމަށް ފެނެއެވެ. މިހާރު ފާހަގަކޮށްފައި ހުންނަނީ މުދައްރިސުން ނުކުންނަން ޖެހޭ ދުވަހުގެ ޢަދަދެެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ ރާއްޖޭގެ ރަސްމީ ޗުއްޓީ ދުވަސްތައް މަދުކުރުމެވެ. ބައެއް ދުވަސް ދުވަސް މަދުކުރުމަށް (މ. މަޖިލިސް ހުޅުވާ ދުވަސް ކެންސަލްކުރުމަށް) ޤާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭނެއެވެ. އަހަރުގެ ތެރެއިން މަދުވެގެން 5 ވަރަކަށް ރަސްމީ ބަންދު ދުވަސް މަދުކޮށްލުމަކީ އެދެވޭ ކަމެއް ކަމަށް ފެނެއެވެ. މިގޮތުން ނޮވެމްބަރު 3 ރަސްމީ ބަންދަކަށް ނުހަދައި ފާހަގަކުރާ ގޮތަށް ނިންމިދާނެއެވެ. ނޮވެމްބަރު 11 ވަނަ ދުވަސް ފާހަގަކުރުން ނޮވެމްބަރު 17 އަށް ބަދަލުކުރެވިދާނެ އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، ރާއްޖޭގެ މަސައްކަތް ތެރީންގެ ޕްރޮޑަކްޓިވިޓީ ނުވަތަ އުފެއްދުންތެރިކަން މަތިކުރުމަށް ޗުއްޓީތައް މަދުކުރުމާ އެކު، މަސައްކަތް ކުރާ ގަޑި އިތުރު ކުރުމެވެ. ރާއްޖޭގައި މި ޢަމަލުކުރަނީ ބަޙްރައިންއާއި ޤަޠަރު ފަދަ ތެލާއި ގޭހުގެ މުއްސަނދިކަން އޮންނަ ޤައުމުތަކުން ޢަމަލުކުރާ ގޮތަށެވެ.  ޙަޤީޤަތަކީ، ދިވެހިރާއްޖެއަކީ ވަރަށް ވަސީލަތްތައް މަދު ފަޤީރު ޤައުމެކެވެ. ވޭތިވެދިޔަ ވިއްސަކަށް އަހަރު، ދިވެހީންގެ އިސްރާފުބޮޑު ދިރިއުޅުން ފަންޑުކުރީ ލޯނު ނަގައިގެންނާއި ހަރުމުދާ ވިއްކައިގެންނެވެ. މިއީ އަކީ ދެމެހެއްޓޭނެ ކަމެއް ނޫނެވެ.

ހުރިހާ ސުރުޚީތައް ހިމެނޭ ޞަފުޙާ