ދިވެހިރާއްޖެއަށް ފުދިއިތުރުވާ ވަރަށް ފަތުރުވެރީން އަތުވެދާނެތޯ އެވެ؟

ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފަތުރުވެރީން އަންނަ މިންވަރު ގިނަކަމުން، އެކަމުން ރައްޔިތުންނަށް އުނދަގޫވެ، ރަށުގައި ދިރިއުޅޭ ގެމީން މުޒާހަރާކުރާ ޝަހަރުތައް ވެއެވެ. ފަތުރުވެރީން ބޯކަމުން، ޒިޔާރާތްކުރަން ނުފެންނަ ޝަހަރުތަކުގެ ލިސްޓު އެކި މުއައްސަސާތަކުން ޝާއިއުކޮށް ހަދައެވެ. ފުދި އިތުރުވާ ވަރަށް ފަތުރުވެރީން ޒިޔާރާތްކުރާ ކުރުމަށް އިނގިރޭސިބަހުން ކިޔަނީ ”އޯވަރޓުއަރިޒަމް“ އެވެ. މި ލަފުޒުގެ މާނައަކީ ތަނާ އެކަށީގެން ނުވާ މިންވަރަށް ފަތުރުވެރީން ވަކި މަންޒިލަކަށް ޒިޔާރަތް ކުރުމުން ދެމެހެއްޓެނިވި ގޮތަށް އެ މަންޒިލްގެ ކަންކަން ނުހިންގި، ބައިބޯވެ، ތަނުގެ ތިމާވެއްޓަށް ގެއްލުން ލިބި، ވަޒަންވެރީންގެ ދިރިއުޅުން ދަތިވެ، ފަތުރުވެރީންގެ ތަޖުރިބާ ހިތްގައިމު ނުވުމެވެ.

އޯވަރޓުއަރިޒަމް ނުވަތަ ފުދިއިތުރުވާ މިންވަރަށް ފަތުރިވެރިކަން ގޮސްފައިވާ ޤައުމުތަކުގެ ލިސްޓުގައި އަންނަނިވި މަންޒިލްތައް ހިމެނެއެވެ: (1) ބާސިލޯނާ، (2) މެލޯކާ، (3) ކެނެރީ އައިލަންޑްސް، (4) ވެނީސް، (5) ލިޒްބަން. މީގެ އިތުރަށް ލިސްޓުގައި ހިމެނޭ އެހެން ތަންތަނުގެ ތެރޭގައި އިންޑޮނީސިއާގެ ބާލީ އާއި ތައިލަންޑްގެ ޕުކެޓް އާއި އިންޑިއާގެ ކެރަލާ އާއި ޖަޕާނުގެ ކިޔޯޓޯ ފަދަ ތަންތަން ހިމެނެއެވެ. އިތުރު މަޢުލޫމާތު މި ޖުމުލައަށް އޮބާލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ.

ފަތުރުވެރީންތަކެއް ވެނީސްގެ ޤަނާތެއްގައި (ކެނެލް އެއްގައި). ފަތުރުވެރީން ގިނަ ކަމުން މުޅި ޤަނާތު ވަނީ ތޮއްޖެހިފައެވެ. ވެނީސްގައި މީހުން ދަތުރުކޮށް އުޅެނީ މި ޤަނާތުތަކުގައި ކަމަށް ވާނަމަ، ވަޒަންވެރީންނަށް މިކަމުން ވާނޭ އުނދަގޫ ވިސްނަވާށެވެ. މިކަން ކޮންޓްރޯލްކުރުމަށް ފަތުރުވެރީންގެ އަތުން އިތުރު ފީއެއް ނަގައި، ގޮންޑޯލާގެ ޢަދަދުވަނީ ކޮންޓްރޯލްކޮށްފައެވެ. ޔޫރަޕުގެ އެކި ޝަހަރުތަކުގައި ފަތުރުވެރީން މަދުކުރުމަށް މުޒާހަރާތައް ބާއްވައެވެ.

ދިވެހިރާއްޖެއަކީ ވަކިވަކި ކުދި ރަށްތަކަކުން އެކުލެވިފައިވާ ޤައުމަކަށް ވާތީ، ރާއްޖޭގެ ޙާލަތު އެހެން ޤައުމުތަކާ ތަފާތެވެ. އޯވަރޓޫރިޒަމްގެ މައްސަލަ ރާއްޖޭގައި ނުކުންނާނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފުޅާވުމުންނެވެ. މައްސަލަތައް ދެނެގަތުމަށް، ކައިރި ޤައުމެއްގެ މަޝްހޫރު މަންޒިލެއް ޚިޔާލަށް ގެންނަވާށެވެ. ދެން އަޅުގަނޑު ފާހަގަކުރާ ކަންތައްތަކަށް ފިކުރުކުރައްވާށެވެ.

ބައިބޯވުމާއި ތޮއްޖެހުން

މަންޒިލަކަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ނަމަ، އެތަނުގައި މީހުން ގިނަވެ، ވަޒަަންވެރީންނާއި ޒިޔާރަތްކުރާ މީހުންނަށް އުނދަގޫތައް ދިމާވެެއެވެ. މަގުތައް ތޮއް ޖެހި، ކިޔޫތައް ދިގުވެ، ފަސްމަންޒަރަށް ބޮޑު ބައިގަނޑެއްގެ މީހުން ނާރާގޮަތަށް ތަނެއްގެ ފޮޓޯއެއްވެސް ނުނެގޭނެއެވެ. އެއްވެސް ތަނެއް ފުންކޮށް ބަލައި ޚިޔާލުކޮށްލުމަށް ވަގުތެއް ނުލިބޭނެއެވެ.

ވަސީލަތްތައް މާބޮޑަށް ބޭނުންކުރުން

ފެނާއި މަގުތަކާއި އެހެންވެސް ތަންތަނާއި އުޅަނދުތައް ފަދަ ތަކެތި މާ ގިނަ މީހުން ބޭނުންކުރަން ފެށުމުން، އެތަކެތި ހުސްވެ، ހަލާކުވެ، އަގުބޮޑުވެއެވެ. އަޑުގަދަވެ، ޖައްވު ނުސާފު ވެއެވެ. ފާޚާނާ އާއި ކުނި އުކާލުމުގެ ޚަރަދު ބޮޑުވެއެވެ. ހަމަ މިއާކު ފަތުރުވެރި ޙަރަކާތްތަަކަށް ބޭނުންވާ އިލެކްޓްރިކް އުފެއްދުން ގިނަ ކުރަން ޖެހި އެކަމުގެ އަޑާއި ޚަރަދު ބޮޑުވެއެވެ.

ޢާއްމު ދިރިއުޅުމުގެ ޚަރަދު ބޮޑުވުން

ފަތުރުވެރީން ގިނަވުމުން، ކާބޯތަކެތި ފަދަ އެއްޗިއްސަށް އޮންނަ ޑިމާންޑް ނުވަތަ އެދުން އިތުރުވުމުން ހުރިހާ ތަކެއްޗެއްގެވެސް އަގުބޮޑުވާނެއެވެ. އެހެން ކަމުން، މަންޒިލްގެ ވަޒަންވެރީން ގަންނަންޖެހޭ ތަކެތީގެ އަގުބޮޑުވެ، ދިރިއުޅުމުގެ ޚަރަދު ބޮޑުވާނެއެވެ. ބޭރުން ރަށަށް އަރާ ބީރައްޓެއްސަކު ހުރެލާނެ ކޮޓަރީގެ އަގު މަތިވާނެއެވެ. އެއީ ހަމަ އެ ކޮޓަރި ފަތުރުވެރިއަކަށް ބޮޑު އަގެއްގައި ވިއްކޭނެތީއެވެ. ނަތީޖާއަކީ ޢާއްމު ފަރުދުން އެ ސަރަޙައްދު ދޫކޮށް ދިއުމެވެ.

މުއްސަނދީންނާއި ފަޤީރުންގެ ފަރަގު ބޮޑުވުން

ރަށެއްގެ ޞުލްޙަ މަސަލަސްކަން ބިނާވަނީ، އެ ރަށެއްގެ އެންމެން ގާތްގަޑަކަށް އެއް ފެންވަރެއްގައި ދިރިއުޅޭނަމައެވެ. އޯވަރޓޫރިޒަމްގެ ސަބަބުން މުއްސަނދިވަނީ ރަށެއްގެ ވަރަށް މަދު ބައެކެވެ. ކުރިން ބަޔާންކުރެވުނު ސަބަބާހެދި، ފަޤީރުކަން ބޮޑުވެއެވެ. ހީކުރާހާ ގިނަ ވަޒީފާތަކެއް ނުއުފެއްދެއެވެ. ފަތުރުވެރީންނަށް ޚިދުމަތްދޭން ގިނައިން ތިބޭނީ އެހެން ތަންތަނުން ހިޖުރަކޮށްގެން އުޅޭ މީހުންނެވެ. ނަތީޖާއަކީ ރަށުގެ ހަމަހިމޭންކަން ގެއްލުމެވެ.

އާސާރުތަކަށް ގެއްލުން ލިބުން

ގިނަ ދުވަސްވެފައިވާ ބައެއް ޢިމާރާތްތައް ފަދަ ތަންތަނަށް ފަތުރުވެރީން ގިނައިން ޒިޔާރަތް ކުރުމުން އެތަންތަނަށް ގެއްލުން ލިބެއެވެ. މިފަދަ އެއް މިސާލީ ކެމްބޯޑިއާގައި ހުންނަ 900 އަހަރުވީ އަންގްކޯރު ފައްޅިތަކަށް ފަތުރުވެރީން ޒިޔާރަތްކުރާ މިންވަރު ބޮޑުވުމުން އެތަނުގައި ހިނގަން އޮންނަ މަގުތަކުގެ މަޑު ގައުތައް ގޭނެމުން ދާ ދެއެވެ. އިޓަލީގެ ޕޮމްޕޭގައި ހުންނަ އާސާރީ ބިނާތަކަށް ފަތުރުވެރީންގެ ސަބަބުން އެކި ގެއްލުން ލިބެއެވެ. މި ސަބަބާ ހުރެ ޕޮމްޕޭއަށް ދެވޭ މީހުންގެ ޢަދަދު ކޮންޓްރޯލް ކޮށްފައި ވެއެވެ.

ގެމީންގެ ނަފްރަތު

ފަތުރުވެރީން ވަކި ސަރަޙައްދަކަށް ގިނައިން ޒިޔާރަތްކުރުމުން އެތަނުގެ ކާބޯތަކެއްޗާއި ހުރުމުގެ ޚަރަދު ބޮޑުވެއެވެ. ޢާއްމުންނަށް ދިރިއުޅޭން ތަންތަން ކުއްޔަށް ހިފަން ދަތިވެއެވެ. ފަތުރުވެރީންގެ ސަބަބުން ގިނަފަހަރު މުއްސަނދިވާނީ ހޮޓާތަކާއި ގެސްޓްހައުސްތައް ބިނާކުރުމަށް ޚަރަދުކުރި މުއްސަނދީންނާއި ކުންފުނިތަކެވެ. އިންވެސްޓް ކުރި މީހުން އެ ސަރަޙައްދުގައި ދިރިވެސް ނުއުޅޭނެއެވެ. ފަޤީރުންނަށް އޮންނާނީ އާދައިގެ ދަށް މުސާރައިގެ ވަޒީފާއެވެ. ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުންނާއި ޢާއްމު ދިރިއުޅުން ދަތިވުމުގެ ސަބަބުން ތަނުގައި ދިރިއުޅޭ މީހުންގެ ނަފްރަތާއި ރުޅިވެރިކަން އުފެދެއެވެ. ބޮޑެތި ކުރޫސް ބޯޓުފަހަރުން ލޮލަށް އުނދަގޫ ވެއެވެ. ގައިޑުންގެ އަޑާއި މުޤައްދަސް ތަންތަނަށް ކުރާ ބޭޙުރުމަތްތެރިކަމުން މި ނަފްރަތު އިތުރުވެއެވެ.

ތިމާވެއްޓަށް ނޭދެވޭ އަސަރުކުރުން

ފަތުރުވެރިކަން ފުދިއިތުރުވާ ވަރަށް ބޮޑުވުމުން، އެކަމުން އުފައްދާ ކުނިން ވަރަށް ރީތިކޮށް އޮންނަ މާހައުލުތައް ހަޑިވެއެވެ. ޤުދްރަތީ ރީތިކަމެއް އޮންނަ ހިސާބެއް ނަމަ، ފަތުރުވެރީންނަށް ހޮޓާ ހަދަނީ މިފަދަ ތަންތަނާ ވަރަށް ގާތުގައި ނުވަތަ އެތަނުގައެވެ. ނަތީޖާއަކީ ރަށުގެ ރައްޔިތުންނަށް އެތަންތަނުން ލިބޭ ހިތްހަމަޖެހުން ނެތިގެން ދިއުމެވެ. އަދި އެތަނުގެ ރީތިކަން ވެސް އުނިވުމެވެ. ތައިލަންޑުގެ ރީތި ފަރެއްކަމަށްވާ މާޔާބޭ އަށް ފަތުރުވެރިކަމުން ލިބޭ ގެއްލުމުގެ ސަބަބުން މުރަކަތައް މަރުވެގެން ދެ އަހަރު ވަންދެން އެތަން ބަންދުކުރިއެވެ. ފަތުރުވެރިކަމުން ތިމާވެށީގެ އެތައް މައްސަލަތަކެއް ދުނިޔޭގެ އެންމެ އުސް ހިމާލިޔާ ފަރުބަދައަށް މެދުވެރިވެފައިވެއެވެ. ތިރީގައި މިވަނީ 2003 ވަނަ އަހަރު ޤުދްރަތީ ހިތްގައިމު ސަރަޙައްދަކަށް ފަތުރުވެރިކަމުންވީ ގޮތް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯއެކެވެ.

އިޖްތިމާޢީ ފޭރާން ދެރަވުން

އިޖްތިމާޢީ ފޭރާމަކީ އިނގިރޭސިބަހުން ދިވެހިބަހުގެ ތެރެއަށް ވަދެެފައިވާ މަޖާޒީ ޢިބާރާތެކެވެ. ފެބްރިކް ކިޔަނީ ފޭރާމަށެވެ. ފޮތިގަނޑަކަށެވެ. އިޖްތިމާޢީ ފޭރާމަކީ، ފޮތިގަނޑެއްގެ އުޔެއް އެތައް އެހެން އުޔަކާ ގުޅި ލާމެހިފައިވާ ފަދައިން، ރަށެއްގެ ފަރުދުންގެ ތެރޭގައި އޮންނަ ގުޅުންތަކަށް ނިސްބަތްކޮށް ބޭނުންކުރާ ޢިބާރާތެކެވެ. އުއިތައް ކައިރި ކައިރީގައި ވާނަމަ ފޮތިގަނޑުގެ ފޭރާން ބަދަހިކަމަށް ކިޔައެވެ. އުއިތައް ދުރުވެފައިވާ ނަމަ، ކިޔަނީ ފޭރާން ދެރަ ކަމަށެވެ. ބަދަހި ފޭރާމެއް އިރާލަން އުނދަގޫވާނެއެވެ. އުއިތައް ކަފާސްވެ، ނެއްޓޭގޮތެއް ނުވާނެއެވެ. އިޖްތިމާޢީ ފޭރާމަކީ ގެމީން އެކަތިގަނޑަކަށް ހަދާ ތެރަހެއް ފަދަ ކަންކަމެވެ. ހަމަ މި ބީދައިން ރަށެއްގެ އަހުލުވެރީން ނުވަތަ ގެމީންގެ ގުޅުންތައް ބަދަހިނަމަ – އިޖްތިމާޢީ ފޭރާން ރަނގަޅު ނަމަ – އެކަކު އަނެކަކާ މުޢާމަލާތްކުރާ މިންވަރު ގިނަވާނެއެވެ. އެކަކު އަނެކަކަށް އެހީތެރިވުން ގިނަވާނެއެވެ. ބަދަހިކޮށް ވިޔެފައިވާ ފޮތިގަނޑަކުން އުއިތައް ނުނެއްޓޭ ފަދައިން، ބޭކާރުވެ، ލާހޫރޭ މީހުން ރަށުގައި މަދުވާނެއެވެ. މިއާ ޚިލާފަށް އިޖްތިމާޢީ ފޭރާން ދެރަނަމަ، ދެކޮޅުވެރިކަމާއި ފިތުނަ އެ ގަމެއްގައި ގިނަ ވާނެއެވެ.

ފަތުރުވެރީން ވަކި ސަރަޙައްދެއްގައި ގިނަ ވުމަކީ، އެ ސަރަޙައްދުގެ އިޖްތިމާޢީ ފޭރާން ދެރަވާނޭ ކަމެކެވެ. ބައެއް ފަތުރުވެރީން ނުނިޔަތުގައި ތަންތަނަށް ޒިޔާރަތްކޮށް ހަދަތެވެ. ޑުރަގުވިއްކުމާއި ހަށިވިއްކައި ގަނެ ހެދުމާއި ފިކުރީ އައު ކަންތައްތަކެއް ގަމަށް ވައްދައި ފަރުދުންގެ މެދުގައި އޮތް އިޖްތިމާޢީ ފޭރާން ދެރަކޮށްލުމަކީ އެފަދަ ފަތުރުވެރީންގެ އަމާޒަކަށް ވެފައި ވެއެވެ.

ވަކި އިޤްތިޞާދަކަށް މާ ބޮޑަށް ބަރޯސާވުން

ފަތުރުވެރިކަން ފަދަ ކުއްލިއަކަށް ހުއްޓިދާނެ ވިޔަފާރިއަކަށް ސަރަޙައްދެއްގެ އިޤްތިޞާދު ބިނާކުރުމަކީ، ޤައުމީ ނަޒަރަކުން ބަލާއިރު ކުރަންވާ ވަރުގެ ކަމެއް ނޫނެވެ. އެއީ އެކަމަށް ލޮޅުމެއް އަރައިފިނަމަ، ރައްޔިތުންނަށް ވަރަށް ބޮޑު ތަދަކާ ކުރިމަތިލާން ޖެހޭނެތީއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ބޮޑުކަމުންނާއި ބަރޯސާވާ މިންވަރު ބޮޑުކަމުން އެހެން ސިނާއަތްތައް ދިރުވަން އެދެވޭ މަސައްކަތް އޮންނަނީ ނުކުރެވިފައެވެ. ތިރީގައިވާ ތާވަލުގައި އެވަނީ ޖީޑީޕީގެ ނިސްބަތުން، ފަތުރުވެރިކަމުގެ އާމްދަނީއެވެ. ރާއްޖޭގެ ނަން ވަނީ ދެވަނައިގައެވެ. ހުރުން އެދެވޭ މިންވަރަށް ވުރެ ދިހަ ގުނަ މައްޗެވެ.

ދިވެހިރާއްޖެއާއި އޯވަރޓްއަރިޒަމް

ބައެއް ސިޔާސީން ދިވެހިރާއްޖޭގެ ޓޫރިޒަމް ސިފަކޮށްފައިވަނީ ރަންބިސް އަޅާ ކުކުޅެއްގެ ގޮތުގައެވެ. އެއީ އިހުގެ ޢިބުރަތެއް ހިމެނޭ ވާހަކައެކެވެ. މި ވާހަކަގައިގައި ޙަޤީޤަތުގައި އުޅެނީ ކުކުޅެއް ނޫނެވެ. އަސްދޫންޏެކެވެ. ގޮވިއަކު ގެންގުޅޭ އަސްދޫންޏެއް ކޮންމެ ދުވަހަކު ރަން ބިހެއް އަޅައެވެ. މި ބިސް އޭނާ ބާޒާރަށް ވިއްކައިގެން ބޭނުންވާ ތަކެތި ގަންނަމުން ދިޔައެވެ. މިހެން މިކަން ހިނގާތާ އަހަރެއްހާ ދުވަސްވީ ތަނާ، މީނާގެ ހިތުގައި ދަހިވެތިކަން އިތުރުވެ، ހުރިހާ ބިހެއް އެއް ފަހަރާ ބޭނުންވެ، ބިސްދޫނި ނަގަން އަސްދޫނީގެ ބަނޑު ފަޅާލައިފިއެވެ. އޭނާއަށް ފެނުނީ އަސްދޫނީގެ ބަނޑުގައި އެއްވެސް ރަން ބިހެއް ނުވާކަމެވެ. އަސްދޫންޏަަށް ލިބުނު ޒަޚަމްތަކުން އަސްދޫނި މަރުވެއްޖެއެވެ. އޭގެ ފަހުން އޭނާއަކަށް ރަން ބިހެއް ނުލިބެއެވެ. ދަހިވެތިކަމަކީ ނިޢުމަތްތައް ފަނާ ކުރާ އެއްޗެކެވެ.

މި ވާހަކައިން އަންގައިދެނީ ފައިދާއެއް ލިބޭ ކަމެއް ހައްދުން ނައްޓާވަރަށް ބޮޑުކޮށްފިނަމަ، އެކަމުން ގެއްލުން ލިބިދާނެ ކަމެވެ. މިފަދަ އަނެއް މިސާލަކީ ގެރިން ކިރު ފެލުމެވެ. ގިނަ ކިރު ހޯދަން މާބޮޑަށް ގެރީގެ ކިރަށް ފިތުމުން ކިރު ހުސްވުމަށް ފަހު، ދެން އަންނާނީ ލެޔެވެ.

ރިޒޯޓު ޓުއަރިޒަމް

ރާއްޖޭގެ ޙާލަތުގައި ފަތުރުވެރިކަމަކީ، ޓުއަރިޒަމްއަކީ ވަރަށް ފައިދާ ހުރި ވިޔަފާރިއެކެވެ. މިކަން އަޅުގަނޑަށް އެނގެނީ ރާއްޖޭގެ 30 ވަރަކަށް ރިޒޯޓު ހެދުމަށް އެކި ފަޅުރަށްރަށް ކުއްޔަށް ދިނުމަށް އެކަމާ ބެހޭ ހުށަހެޅުންތައް އަޅުގަނޑަށް ފެނިފައި ވާތިއެވެ. 2000 ވަނަ އަހަރުތެރޭގައި ރިޒޯޓުހެދުމަށް ރަށްތައް ކަނޑައެޅުމަށް ފަހު، ޢާއްމުންގެ ބިޑަށް ހުޅުވާލައެވެ. ދެން އެކި ފަރާތްތަކުން ހުރިހާ މަޢުލޫމާތާއެކު ބިޑަށް ކުރިމަތިލައެވެ. މި ބިޑުތައް ވަޒަންކުރަން ސަރުކާރުން ކޮމިޓީއެއް ޢައްޔަނު ކުރެއެވެ. ދެތިން ފަހަރަކު މި ކޮމިޓީގައި އަޅުގަނޑު ޝާމިލުވެފައި ވެއެވެ. ބައެއް ކޮމިޓީތަކުގެ ރިޔާސަތު ބެލެހެއްޓީވެސް އަޅުގަނޑުކަމުން، އާކިޓެކްޓުންގެ ކުރެހުންތަކާއި ބިޒްނަސް ޕްރޮޕޯސަލްތަކާއި އެހެން އެތައް މަޢުލޫމާތެއް އަޅުގަނޑަށް ދިރާސާކުރަން ޖެހުނެވެ. ގިނަ ބިޑްތަކުގައިވާ ގޮތުން ރިޒޯޓެއް ހެދުމަށް ދާ ޚަރަދު، 5 އަހަރާއި 7 އަހަރުން އެ ދުވަސްވަރު އަނބުރާ ފައިދާގެ ގޮތުގައި ލިބެއެވެ.

ރިޒޯޓުތައް ބިނާކުރުމަށް ވަރަށް ހަރުދަނާ ގަވާއިދުތަކެއް އެކުލަވައިލާފައި ވެއެވެ. އޭގެ ތެރޭގައި ރަށުގައި ޢިމާރާތްކުރެވޭނޭ އުސްމިނާއި ބާއްވަން ޖެހޭ ހުސްތަނާއި އެފަދަ ކަންކަން ހިމެނެއެވެ. މިހެން ކަމުން، ރިޒޯޓު ހެދުމަކުން، ތިމާވެއްޓަށް މާ ބޮޑު އަސަރެއް ނުކުރާނެއެވެ. އަޅުގަނޑު ކުރިން ބަޔާންކުރި އޯވަރޓްއަރިޒަމްގެ މައްސަލަތަކުގެ ތެރެއިން، ދިމާވާނެ ކަންކަމަކީ ފަގީރުންނާއި މުއްސަނދީންގެ ފަރަގު ބޮޑުވުން ފަދަ އިޖްތިމާޢީ މައްސަލަތަކެވެ. ރިޒޯޓްތައް ހިންގުމުގައި ގިނަ ވަޒީފާތަކުގައި އުޅޭނީ ބިދޭސީންނެވެ. މި ރިޒޯޓްތަކަކީ ވަކި ރަށްތަކަކަށް ވާތީ، ޢާއްމު ފަރުދުން ވަނީ ފަތުރުވެރިކަމުގައި ހިމެނޭ ނޭދެވޭ ކަންކަމުން ކޮންމެވެސް މިންވަރަކަށް ދަފަރާވެފައެވެ.  ބައެއް ރަށްރަށުގެ ފިރިހެނުން، ގިނައިން ރިޒޯޓުތަކުގައި ވަޒީފާ އަދާކުރާ ނަމަ، ދަރީން ތަރުބިއްޔަތު ކުރުމުގައި، މައްސަލަތައް ދިމާވެއެވެ. ފިރިއެއް ނެތި އާއިލާގެ ކަންކަން އަނބީން ހަމަޖައްސަން ޖެހުމާއި އާއިލާ ރޫޅުމާއި ފިރިން އަންނައިރު އެމީހުންނާ އެކު ރާއްޖެއާ ނުގުޅޭ ފިކުރުތަކާއި އާދަތައް ރަށަށް ތައާރަފުވެއެވެ. މިހެން ދެންނެވިއަސް ބައެއް ކަހަލަ ހުނަރުތަކާއި ފުނަރުތައް ވެސް އެމީހުންނަށް ރިޒޯޓުތަކުން ދަސްވެއެވެ. މިކަންކަމަކީ، ކުޑަ މައްސަލަތަކެއް ނޫނެވެ. އެހެނީ މުޖުތަމަޢުއެއްގެ އެންމެ ވަރުގަދަ ބިންގަލަކީ ބަދަހި އާއިލާއެވެ.

އެންމެ ބޮޑު އެއް މައްސަލައަކީ، ޓޫރިޒަމްއަށް މާބޮޑަށް ބަރޯސާވެ މުޅި އިޤްތިޞާދު އޭގެ މައްޗަށް ބިނާވެއްޖެނަމަ، އެހެން ފައިދާހުރި ދާއިރާތައް ތަރައްޤީކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމެވެ. މިކަމުގެ އެންމެ ވަރުގަދަ ޙުއްޖަތަކީ ދިވެހިރާއްޖެއަކީ ދެވަނައަށް އެންމެ ބޮޑަށް ޓޫރިޒަމަށް ބަރޯސާވާ ޤައުމަށް ވާކަމެވެ. މިކަމުން އަންގައިދެނީ އެހެން ދާއިރާތައް ތަރައްޤީކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމެވެ. ރާއްޖޭގައި 500 ރިޒޯޓް ހަދައިފިނަމަ އެކަމުގެ ނަތީޖާ ކިހިނެއްވާނެތޯ އެވެ؟ އަލިމަސް (ޑައިމަންޑް) އެއީ އެންމެ އަގުބޮޑު ޖަވާހިރެވެ. އަލިމަހުގެ ވިޔަފާރިކުރާ ފަރާތްތަކާއި މަޞްނޫޢީ އަލިމަސް އުފައްދާ ފަރާތްތަކުގައި ގިނަ ޢަދަދަކަށް އަލިމަސް ގުދަންކޮށްފައިވާ ކަމަށް ވެއެވެ. ނަމަވެސް ބާޒާރުގައި އަގު ވެއްޓިދާނެތީ، އެ ފޮރުވާފައި ހުންނަނީކަމަށް ވެއެވެ. އަހަރަކު ބާޒާރަށް މި ނެރެނީ އަގު ހިފެހެއްޓޭ މިންވަރަށެވެ. މިގޮތުގައި ގިނަ ފައިދާތަކެއް ވެއެވެ.

ގެސްޓްހައުސް ފަތުރުވެރިކަން

2010 ގައި ރާއްޖެއަށް އަލަށް ގެސްޓްހައުސް ފަތުރުވެރިކަން ތަޢާރުފު ވިޔައެވެ. މިއީ ވަކި ހަމަތަކަކުން އެކަން ކުރިއަރުވައިފި ނަމަ، އެކަމުގެ ގެއްލުމަށް ވުރެ ފައިދާ ބޮޑު ކަމެކެވެ. އެއް ދުވަސްވަރެއްގައި، ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ވަންނަނީ އެންމެ ހަތް ޖީބަށް ކަމަށް މުފައްކިރުން ވާހަކަ ދައްކަތެވެ. ރިޒޯޓްތަކުގެ ވެރީންނަކީ ގިނަ ފަހަރު ބިދޭސީންނެވެ. ގިނަ މުވައްޒަފުންނަކީ ބިދޭސީންނެވެ. އެހެންކަމުން، ރިޒޯޓް ފަތުރުވެރިކަން ވެފައި އޮންނަނީ ބޭރު ބައެއްގެ ހިތްއުފާކުރުމަށް، ބޭރު މީހުން ވަޒީފާގައި ގެންގުޅެމުން، ބޭރު ބަޔަކު ރާއްޖޭގެ ރަށްތަކުގައި ހިންގާ ވިޔަފާރިއަކަށެވެ. މި ވިޔަފާރިން ރާއްޖޭގައި ހަރުލަނީ “މުއްސަނދީން ކައިބޮއެ އުޅޭ ސުފުރާއިން ވެއްޓޭ ކާނާކޮޅުތަކާއި އެމީހުން ޤަޟާޙާޖާ ކުރާ އެއްޗިއްސެވެ.”

ގެސްޓްހައުސް ވިޔަފާރިން ބޭރު ފައިސާ ރާއްޖޭގެ ވަކި ރަށްރަށަށް ސީދާ ލިބޭ ގޮތް މެދުވެރިވިއެވެ. ދޭސީ އާދައިގެ ވިޔަފާރިވެރީންނަށް މިއީ ކުރެވޭ ވަރުގެ ކަމެއް ކަމުގައި ވިއެވެ. ނަމަވެސް މިކަން ހަރުދަނާކޮށް ހިންގުމަށް އެކަށީގެންވާ ގަވާއިދުތަކެއް ހެދިފައެއް ނުވެއެވެ. ނަތީޖާއަކީ އޯވަރޓްއަރިޒަމްގެ ކަޅުވިލާތައް އުދަރެހުން ފެންނަން ފެށުމެވެ. ފޮޓޯއަށް ފިތާލެއްވުމުން ރިޕޯޓް ފެނިވަޑައިގަންނަވާނެއެވެ.

ގެސްޓްހައުސް ގަވާއިދުގައި ވަރަށް ގިނަ މައްސަލަތައް ހުރިކަމަށް އަޅުގަނޑަށް ފެނެއެވެ. އެތައް ކަމެކެވެ. އޯވަރޓްއަރިޒަމްގެ ނުރައްކައުތަކުން ގެމީން ދަފަރާކުރަން، އަޅުގަނޑު މިހުށަހަޅަނީ މިހާރުން މިހާރަށް އިޞްލާޙްކުރަންޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ބައެއް ކަންކަމެވެ. މި ކަންކަން ހުށަހެޅުމުގައި އަޅުގަނޑުގެ މަޤްޞަދަކީ، މާފުއްޓަށް ވީގޮތް އެހެން ރަށްތަކަށް ވިޔަ ނުދިނުމެވެ. މާފުށީގައި މިހާރު 50 ގެސްޓް ހައުސް ހުރިކަމަށް މި ޚަބަރު ބުނެއެވެ. ބައެއް ގެސްޓްހައުސްގައި 130 ކޮޓަރި ހުންނަ ކަމަށް މި ޚަބަރު ބުނެއެވެ.  130 ކޮޓަރި ހުންނަ ތަނަކީ ވެސް ގެސްޓް ހައުސް އެއް ތޯއެވެ؟

(1) މިހާރަށް ވުރެ ހަރުދަނާކޮށް ފަތުރުވެރީން ތިބޭ ތަންތަން ކަނޑައެޅުން. ބައެއް ޤައުމުތަކުގައި މިފަދަ ތަންތަން ހަތަރު ފަސް ބަޔަކަށް ގިންތި ކުރެއެވެ. މިސާލަކަށް ސައުތު އެފްރިކާގައި މެހުމާނުން ތިބޭ ތަންތަން ކަނޑައަޅަނީ 7 ބަޔަކަށެވެ. އެއީ:

(ހ) ކޭމްޕްކުރާ ތަންތަން

(ށ) ހޯމްސްޓޭ ފަދަ ބެޑްބްރެކްފަސްޓް ތަންތަން

(ނ) ގެސްޓް ހައުސް

(ރ) ބެކްޕެކް ކުރާ މީހުންގެ ސަރާ

(ބ) އަމިއްލައަށް ކައްކައި ކައިބޮއެ އުޅޭ ސެލްފް ކޭޓަރިން ތަންތަން

(ޅ) ހޮޓެލް

(ކ) ރިޒޯޓް

ސައުތު އެފްރިކާގައި ގެސްޓް ހައުސް އެއްގައި އެންމެ ގިނައިން ބެހެއްޓޭނީ 16 ކޮޓަރިއެވެ. 16 އަށް ވުރެ ގިނަ ނަމަ، އެއީ ހޮޓަލެކެވެ. ހޮޓަލެއްގެ ޖާގަތަކާއި ވަސީލަތްތައް ގެސްޓް ހައުސްއަކަށް ވުރެ މާބޮޑަށް ފުރިހަމަވާން ޖެހެއެވެ. ތަންތަނުގެ ސައިޒު ބޮޑުވުމާއި އިތުރު ފަސޭހަތައް ހުންނަން ޖެހެއެވެ.

(2) ރަށެއްގެ ސައިޒުންނާއި އާބާދީން ގެސްޓް ހައުސް ކޮޓަރިތަކުގެ ޢަދަދު ކަނޑައެޅުން. އަޅުގަނޑަށް ފެންނަ ގޮތުގައި، 1000 މީހުންގެ އާބާދީ އެއް އޮތް ރަށެއްގައި 1000 އެނދުގެ ގެސްޓް ހައުސް ހުރުމަކީ އެދެވޭ ކަމެއް ނޫނެވެ. ރަށް ކުޑަ ނަމަ، ބައިނަލްއަޤްވާމީ މިންގަނޑަކީ ކޮންމެ 1000 މީހަކަށް 35 އެނދު ހުރުމެވެ. މި ނޫން ގޮތަކަށް ގެސްޓް ހައުސް ބިނާކުރާނަމަ،  އެކަން ކުރަންވާނީ ޢާއްމުން ދިރިއުޅޭ ހިސާބު (ބަސްތީ) އާ މާ ދުރުގައެވެ. އެ ދުރުމިން އޮންނަންވާނީ ކަނޑައެޅިފައެވެ.

(3) ގެސްޓް ހައުސްތައް ބިނާކުރެވޭނޭ ސަރަޙައްދު ކަނޑައެޅުން. މިގޮތަށް ވަކި ޢިމާރާތްތަކެއް ވަކި ސަރަޙައްދެއްގައި ބިނާކުރެވޭގޮތް ހެދުމަށް ކިޔަނީ ޒޯންކުރުމެވެ. ޒޯންކުރުމުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރީންގެ ސަބަބުން ޢާއްމު ދިރިއުޅުމަށް ކުރާ ނުހޮރުއްޕާނުން ގެމީން ޙިމާޔަތް ކުރުމެވެ. ސަރަޙައްދުގެ އިތުރަށް އެހެނިހެން ކަންކަން ބަދަލު ނުކުރާނަމަ، ގެސްޓްހައުސް ހުންނަ ކޮންމެ ރަށެއް މަޑުމަޑުން މާލެ ފަދަ ކޮންކްރީޓް ޖަންގައްޔަކަށް ބަދަލުވާނެއެވެ. ޢިމާރާތްކުރުމުގެ އުސޫލުތައް ކަނޑައަޅަން ދަތިނަމަ، އެންމެ ފަސޭހަ އެއްގޮތަކީ ހުޅުމާލޭގެ ފޭސް 1 އެންމެ ފުރަތަމަ ފަރުމާކުރި އިރު ބޭނުންކުރި ގަވާއިދު ގެސްޓްހައުސް އެޅުމަށް ބޭނުންކުރަން ފެށުމެވެ. ރާއްޖޭގެ ރިޒޯޓެއްގައި ވަކި އުސްމިނަކަށް ވުރެ މައްޗަށް ތަނެއް ބިނާ ނުކުރެވޭއިރު، ރަށުގެ މަލަމަތި ހަޑިވާގޮތަށް ގެސްޓް ހައުސް އުހަށް ބިނާ ކުރެވެނީ ކީއްވެގެ ތޯއެވެ؟

(4) ގެސްޓް ހައުސް އާއި ހޯމްސްޓޭ ގަވާއިދު އަލުން މުރާޖަޢާކުރުން. މިހާރުގެ ގަވާއިދުގައި ވަރަށް ބޮޑެތި ކުށްތައް ހިމެނެއެވެ. މިސާލެއްގެ ގޮތުންތިރީގައިވާ މާއްދާއަށް ބައްލަވާށެވެ.

މި ގަވާއިދުގައި އެނދެއްގެ ދިގުމިން ކަމަށް އެ ބުނަނީ 6 ފޫޓެވެ. ޙަޤީޤަތަކީ، ހުރިހާ ގޮދަޑިއެއް ހަދާފައި ހުންނަނީ 6 ފޫޓު 3 އިންޗި ހުންނަ ދިގުމިނުގައެވެ. 75 އިންޗި ހުންނަ ދިގުމިނުގައެވެ. މަތީގައިވާ މިނަށް އެނދު ބަހައްޓައިފިނަމަ، އެއަށް ފެތޭ ގޮދަނޑިއެއް ބާޒާރަކުން ގަންނާކަށް ނުލިބޭނެއެވެ.

ފާޚާނާއެއް އެންމެ ކުޑަވެގެން ހެދޭނީ 30 އަކަފޫޓުގައެވެ. ދެން ބާކީ އޮންނާނީ އެނދާއި ތަކެތި ބަހައްޓަން 90 އަކަ ފޫޓެވެ. މިއީ ޑަބަލްބެޑެއް ބަހައްޓާ ކޮޓަރިއަކަށް ވަރަށް ކުޑަ ތަންކޮޅެކެވެ. މިފަދަ ތަންތަނުގައި ހުންނަން ވާނީ ކްއީން ސައިޒުގެ އެނދެވެ. އެފަދަ އެނދެއް ބަހައްޓާފައި އަލަމާރި ބެހެއްޓުމަށް ފަހު، މަތީގައިވާ މިންގަނޑަށް ފެތޭ ކޮޓަރިތެރޭގައި އުޅެން ޖެހޭނީ ފާރުގައި ތަތްވެގެންނެވެ.

އަޅުގަނޑަށް ހީވާގޮތުން އެންމެ ރަނގަޅު ގޮތަކީ، ފާޚާނާ ނުލައި 120 އަކަފޫޓު ހުރުމެވެ. 120 އަކަ ފޫޓަކީ ވެސް، ކްއީންސައިޒް އެނދެއް ބެހެއްޓުމަށް ފަހު، މެހުމާނަކު އުޅެން ކުޑަ ޖާގައެކެވެ. ގިނަ ހޮޓާތަކުގެ ކޮޓަރީގެ އޭރިއާގައި ފާޚާނާ އާ އެކު 200 އާއި 300 އަކަ ފޫޓު ހުންނާނެއެވެ. ވަގުތީ ގޮތުން މީހަކު މަޑުކޮށްލާ ތަނެއް، ދާއިމީކޮށް މީހުން އުޅޭ ކޮޓަރިއަކަށް ވުރެ ތަނަވަސް ވާން ވާނެއެވެ. އެހެނީ ދާއިމީކޮށް އުޅޭ މީހާ އުޅެން އެހެން އެތައް ޖާގަތަަކެއް ގެއެއްގައި ވެއެވެ. ގެސްޓް ހައުސް ގަވާއިދުތައް މުރާޖައާކުރަންޖެހޭ މި ނޫން އެތައް ސަބަބެއް ވެއެވެ.

ރަންބިސް އަޅާ ކުކުޅުގެ ބަނޑު ފެޅުން

ފަތުރުވެރިކަމުގެ ސިޔާސަތުތަކާއި ގަވާއިދުތައް ކުރިމަތިން ފެންނަމުންދާ މަންޒަރުތަކަށް ރިއާޔަތްކޮށް މުރާޖަޢާ ނުކުރާނަމަ، ދިވެހީންނަށް ކުރިމަތިވާނީ ގޮވިކަލޭގެ ރަންބިސް އަޅާ ދޫނީގެ ބަނޑުފެޅުމުން މެދުވެރިވި ގޮތެވެ. ދަހިވެތިކަމުގައި ޖަޒުބާތުގައި، މުސްތަޤްބަލަށް ބެލުމެއް ނެތި، ލިބިފައިވާ ނިޢުމަތެއް ނުޙައްޤު މިންވަރަށް ބޭނުންކުރަން އެދުންވެރިވުމުން ވީގޮތެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހިންގުމާއި، ގެސްޓް ހައުސް ހިންގާ ރަށެއްގައި، ދިވެހީންގެ ބަޔަކު ވަޒަންވެރިވެގެން އުޅުމުގެ ތަފާތު އެނގުމަކީ އޯވަރޓުއަރިޒަމް ދެތުމެވެ. ރާއްޖޭގެ މަދު ބައެއް ރަށްރަށް  މި ޙާލަތަށް މިހާރު ވެއްޓިއްޖެކަމަށް ނޫސްތަކުން ބުނެއެވެ.

ދިވެހިއްޔަތާ ބެހޭ މަޒުމޫނުތައް

މުޅި ވެބްސައިޓްގެ ފިހުރިސްތު