ބައެއް މީހުންނަށް ރީތި ފޮންޓެއް (މިފަހަރު އާދައިގެ އަކުރުތަކާ އެކުލަވާ ބޯލްޑް ފޮންޓާއި އެކު)

އެމްވީ އިލްހާމް ބޯލްޑް ފޮންޓް

  1. މި ފަހަރު އެމްވީ އިލްހާމް މިހުށަހަޅަނީ، އާދައިގެ ލިޔުމުގެ އިތުރަށް ބޯލްޑް ނުވަތަ ފެވި އަކުރުތަކާއެކުއެވެ. ފެވި އަކުރުތައް ފަރުމާކޮށްފައި ވަނީ، އާދައިގެ އަކުރުތަކާ ދާދި އެއްގޮތަކަށެވެ. ނަމަވެސް، ފަލަ ގަލަމަކުން ލިޔުމުން، އަކުރުތަކުގެ ބަށްޓަންތަކަށް އަންނަ ބަދަލުތައް ގެނެސްފައި ވާނެއެވެ. މިގޮތުން، އަކުރުތަކުގެ ފައިކޮޅުތައް ކުރުވުމާއި، އަކުރުތައް ގާތްވުން ހިމެނެއެވެ.
  2. ތިރީގައި އެވަނީ އާދައިގެ އަކުރުންނާއި ފެވިއަކުރުން ލިޔެފައިވާ ލިޔުންކޮޅެކެވެ.sampleofmixedilham
  3. ދެ ފޮންޓް ”އިންސްޓޯލް“ ކުރުމަށް ފަހު، ވާރޑް އިން ލިޔާނަމަ، ބޯލްޑް އަށް ފިތާލުމުން އަކުރުތައް ފެވޭނެއެވެ.

އެކި މީހުންނަށް އެކި ތަކެތި ރީތިވާ ފަދައިން، އެކި މީހުންނަށް ރީތިވަނީ އެކި އަކުރުތަކެވެ. އެކި ފޮންޓެވެ. އިލްހާމްއަކީ، ބައެއް މީހުންނަށް ރީތި ފޮންޓެކެވެ. މިފޮންޓަކީ، ބޮޑީ ޓެކްސްޓް ނުވަތަ ޞަފުހާއެއްގެ މައިގަނޑު ލިޔުމަށް އެކަށީގެންވާ ފޮންޓެކެވެ. ބޮޑު އަކުރުން ލިޔުމަށް މާ ރަނގަޅެއް ނުވާނެއެވެ.

މި ފޮންޓަށް ”އިލްހާމް“ ކިޔުނު ގޮތް ދަންނައެވެ. 1980 ގެ ފަހު އަހަރު ތަކުގައި، ސަރުކާރުގެ ސްކޫލްތަކުގައި ކޮމްޕިއުޓިންގ ތަޢާރުފު ކުރީ އަޅުގަނޑެވެ. މުޤައްރަރުތައް އެކުލަވާލައި ކިޔަވައިދޭނޭ ސާމާނުތައް ހޯދައި، ދެތިން އަހަރު ކިޔަވައިދިނީ މެވެ. އެއީ މަޖީދިއްޔާ ސްކޫލްގައެވެ. އެ ދުވަސްވަރު، ކޮމްޕިއުޓަރުތައް މަދުކަމުން، އަމީނިއްޔާ ސްކޫލްގެ ކުދިން ކިޔަވަން އަންނަނީވެސް މަޖީދިއްޔާ އަށެވެ. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގައި، ދަރިވަރުން ބައިވެރިވާއިރު، ކޮމްޕިއުޓަރުން ކޮށްފައިވާ މަސައްކަތެއް ނުވަތަ ޕްރޮޖެކްޓެއް އިމްތިޙާނު ހިންގާ ފަރާތަށް ހުށަހަޅަން ޖެހެއެވެ. މިގޮތުން، އެއް ފަހަރަކު، އަމީނިއްޔާ އިން ކިޔަވަން އައި އެއް ކުއްޖަކަށް އަޅުގަނޑު ޙަވާލުކުރި މަސައްކަތަކީ ތާނަ ފޮންޓެއް ހެދުމެވެ. މި ދަރިވަރުގެ ނަމަކީ ”އިލްހާމް“ އެވެ. ކަންދިމާވާ ގޮތުން، މި ކުއްޖާގެ ބައްޕައަކީ މަދަރުސާ ދައުރުގައި އަޅުގަނޑުގެ ރައްޓެއްސެކެވެ. އެކުއްޖާގެ ބައްޕަގެ އެދުމަކަށް  އޭނާ ވިހެއުމުން ކިޔާނޭ ނަން ވެސް ހުށަހެޅީ އަޅުގަނޑެވެ. އިލްހާމްގެ މާނައަކީ ”އިންސްޕިރޭޝަން“ އެވެ. އާދެ!  އެހެން މީހުން ކޮޕީކުރަން ބޭނުންވާ، ނުވަތަ އެހެން މީހުންނަށް މަޤުބޫލު  މީހާއެވެ. އަނެއް މާނައަކީ، ކަމެއް ކުރުމަށް ޚިޔާލު އުފައްދާ ފަރާތް ނުވަތަ އެއްޗެވެ.

ފޮންޓު ހެދުމަށް ބޭނުން ކުރި އަޞްލު ލިޔުމަކީ، އެ ދުވަސް ވަރު ނޮވެލްޓީއިން ޗާޕުކޮށްގެން ވިއްކާ، މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ”ދުރޫސުލްއަޚްލާޤު“ މި ފޮތުގައިވާ ލިޔުމެވެ. ތިރީގައި އެވަނީ އެފޮތުގެ ޞަފުޙާއެއްގެ ފޮޓޯއެކެވެ.

dhuroosulakhlaaq1ތިރީގައި އެވަނީ މި ފޮންޓުން މަތީގައިވާ ބަޔާނުގެ ފުރަތަމަ ޕެރެގުރާފު ލިޔެފައެވެ. ކޮމްޕިއުޓަރުން އަކުރުތައް ލިޔާއިރު ހުރިހާ އަކުރެއް ހުންނަނީ އެއްގޮތަކަށެވެ.

ilhamsample

ފޮތުގައިވާ އަޞްލު ލިޔުން ލިޔެފައިވާ ފަރާތާ އަޅުގަނޑު ވަނީ ބައްދަލުވެފައެވެ. އޭނާއަކީ، އެ ދުވަސްވަރު ނޮވެލްޓީ ޗާޕުޚާނާގައި ވަޒީފާ އަދާކުރި،  ވަނަމަކަށް ”ދޮންބެ“ ކިޔާ ލިޔުން ރީތި ކާތިބެކެވެ. އެ ދުވަސް ވަރު، އަޅުގަނޑު ގްރޭޑް 6 އާއި 7 އަށް ލިޔުނު ހިސާބު ދެފޮތް ޗާޕުކުރަން ގޮސް އުޅުމުގެ ތެރޭގައި އޭނާއާ ބައްދަލުވީ އެވެ.

1990 ގެ ފަހުކޮޅުގައި، ރާއްޖެއަށް ”އެކްސެންޓް އެކްސްޕްރެސް“ ތަޢާރުފުކުރިއިރު، މިފޮންޓު ވަނީ ބައްޓަންތައް އަލުން ރީތިކޮށް ނެރެފައެވެ. މިފަހަރު ”އެމްވީ އިލްހާމް“ ގެ ނަމުގައި މިނެރެނީ، ފުރަތަމަ ނެރުނުތާ 20 އަހަރު ފަހުން، މިޒަމާނުގެ ކޮމްޕިއުޓަރުތަކުގައި ބޭނުން ކުރެވޭ ގޮތަށެވެ. މި ފޮންޓުގައި ލެޓިން އަކުރުތައް ތާނައާ ގުޅޭ ސައިޒެއްގައި ހިމެނިފައި ވެއެވެ. އަދި، އަކުރުތަކުގައި ފިލި ޖެހޭނީ އަކުރުތަކުގެ މެދުގައެވެ. މިފަދަ އެތައް އިޞްލާޙުތައް ހިމެނެއެވެ.  ”އޯޕަންޓައިޕް“ ފަސޭހަތައް ހުންނާތީ، ދޮންބެގެ ލިޔުމާ މިފަހަރު މާ ވައްތަރު ވާނެއެވެ. ތާރީޚަށް މާތްކޮށް ހިތުމުގެ ގޮތުން، އިލްހާމްގެ ނަންވަނީ ބަދަލުނުކޮށެވެ.

އަންނަ ހަފުތާގައި، މި ފޮންޓުގެ ބޯލްޑް ނުވަތަ ފެވި އަކުރުތައް ޢާއްމު ކުރަން އުއްމީދު ކުރަމެވެ.

އެމްވީ އިލްހާމްގެ އާދައިގެ އަދި ފެވި ފޮންޓް ޑައުންލޯޑު ކުރެއްވުމަށް މި ލިންކަށް ”ކްލިކް“ ކޮށްލައްވާށެވެ.

Click to download MV Ilham Regular and Bold Fonts

 fancy-page-divider-with-shadow

ތިބާއަށް މި ފޮންޓު ކަމުދިޔަނަމަ، އަޅުގަނޑު ފަރުމާކޮށްފައިވާ އެހެން ބައެއް ފޮންޓު ވެސް ތިބާއަށް ރީތިވެދާނެއެވެ. މި ޖުމުލައަށް ކްލިކްކުރައްވަނިކޮށް ފޮންޓް ޕޭޖު ހުޅުވޭނެއެވެ.