ބަސްތައް ލިޔާ ތަފާތު ގޮތްތައް

މި މަޒުމޫނު ސިލްސިލާގެ ބޭނުމަކީ، އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔަން ކިޔަން އެނގޭވަރަށް ކިޔާދިނުމެވެ. ނަމަވެސް މި މައިގަނޑު މަޤްޞަދަށް ދިއުމުގެ ކުރިން ދުނިޔޭގެ އެކި ބަސްބަސް ލިޔެއުޅޭ ތަފާތު ގޮތްތައް ދެނެގަތުމަކީ ބޭނުންތެރި ކަމެކެވެ. ދިވެހިބަސް މިހާރު ލިޔެއުޅޭ ގަބުޅިތާނަ އަކުރަކީ ދެކުނު އޭޝިއާގެ އެންމެ ސައިންޓިފިކް އަކުރުތައް ކަމަށް މަޝްހޫރު ބަހަވީޢިލްމުވެރިއެއް ފާހަގަކޮށްފައި ވެއެވެ. ފަހަރެއްގައި އެއީ ދުނިޔޭގެ އެންމެ މޮޅު އަކުރުތައް ކަމަށް ވެސް ވެދާނެއެވެ. އެއީ ކީއްވެގެން ތޯއެވެ؟

ދިވެހިބަސް ލިޔާ އަދި ކުރިން ލިޔެފައިވާ އަކުރުތަކާ މެދު މަޝްވަރާ ކުރުމުގެ ކުރިން، ބަސްބަސް އާއްމުކޮށް ލިޔާ ގޮތާމެދު މެދު ވިސްނުމަކީ، ބޭނުންތެރިކަމެކެވެ. އެއީ ދިވެހި އަކުރުތަކުގެ ބޭނުންތެރިކަން ވަޒަންކޮށް ބަލައިގަތުމަށާއި ޢާއްމު މަޢުލޫމާތައްޓަކައެވެ.

ލިޔުމަކީ، ބަސްބަހުން ވާހަކަ ދައްކަން ފެށުމަށްފަހު ކުރެވޭނޭ ކަމެކެވެ. ވާހަކަ ނުދައްކާނަމަ، ލިޔާނީ ކޮންއެއްޗެއްތޯއެވެ؟ ބުނެވޭގޮތުގައި، މީގެ 7300 އަހަރު ކުރިން މީހުން ލިޔެ އުޅުނެވެ. މިހާތަނަށް އަދި ފެނިފައިވާ އެންމެ ކުރީގެ ލިޔުމެއް ވަނީ 1993 ވަނަ އަހަރު ޔޫނާނުކަރަ (ގްރީސް) އިން ފެނުނު ދެބުދާރު ގަހެއްގެ ފިލާގަނޑެއްގައެވެ. ރޭޑިއޯކާރބަން ޑޭޓިން ބޭނުންކޮށްގެން ބެލުމުން އެނގެނީ އެ ފިލާގަނޑަށް މަދުވެގެން 7300 އަހަރު ވެދާނޭ ކަމެވެ. އެ ފިލާގަނޑުގެ  ފޮޓޯއެއް ތިރީގައި އެވަނީއެވެ.

cypresstabletofwritingމިފަދަ ހެކިތަކުން އޮޅުން ފިލަނީ އިންސާނުން ބަސް ލިޔަމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމެވެ.  ދުނިޔޭގައި މީހުން ވާހަކަ ދައްކާ ބަސްބަހުގެ ޢަދަދަށް ބަލާއިރު، ލިޔެކިޔުން ހިމެނެނީ ވަރަށް މަދު ބަހެއްގައެވެ. ނަމަވެސް، ލިޔެކިޔުން ހިމެނޭ ބަސްބަހުގައި، ވަރަށް ތަފާތު ގޮތްގޮތަށް މީހުން ލިޔެ އުޅެއެވެ. ލިޔުމަށް ބޭނުން ކުރާ މިހުރިހާ ގޮތެއް، ޢިލްމުވެރިން މައިގަނޑު ފަސް ބަޔަކަށް ނުވަތަ ގިންތިއަކަށް ބަހާލައެވެ. މި ފަސް ބާވަތުގެ ލިޔުން ދިވެހީންނަށް ތަޖުރިބާ ކުރެވިފައިވާނެތީ، ދެން މި ބަޔާން ކުރަނީ މި ފަސް ގޮތުގެ ކުރު ޚުލާސާއެކެވެ. އެ ފަސް ގޮތަކީ އަބްޖަދް ލިޔުމާއި، އެލްފެބެޓް ލިޔުމާއި، ސިލަބްލް އިން ލިޔުމާއި އަބޫޖިދާ ލިޔުމާއި ތަސްވީރުން ލިޔުމެވެ.

writingsysems12އަބްޖަދް

deadseanameboardލިޔާގޮތްތައް ގިންތިކުރާ ގޮތްތަކުގެ ތެރެއިން އަބްޖަދު ގޮތަކީ، ހަމައެކަނި ފިއްތިއަޑުތައް ނުވަތަ ކޮންސަނަންޓް އަކުރުތައް ފިޔަވައި އެހެން ނިޝާނެއް ނުހިމެނޭ ލިޔުމެވެ. މައް އަބްޖަދު ލިޔާގޮތެއް މިޒަމާނަކު ނުވެއެވެ. އެއާ އެންމެ ގާތް ކުރާ ދެބަހަކީ ޢަރަބިބަހާއި ޔަހޫދީން ލިޔެއުޅޭ އިބްރީ ނުވަތަ ހީބުރޫ އަކުރުތަކެވެ. މިއަކުރުތަކުގައި އުސޫލެއްގެ ގޮތުން ފިއްޔެއް ނުހިމެނޭނެއެވެ. ނަމަވެސް، ހޭލުންތެރި މީހުންނަށް ކިޔަން އެނގެއެވެ. ޢަރަބި ބަސް ލިޔާއިރު ފިލި ޖަހާފައި ހުންނަނީ ޤުރްއާން ފަދަ ބައެއް ލިޔުމުގައެވެ. އެހެން ލިޔުންތަކުގައި، މިސާލަކަށް ނޫހާއި ފޮތްތަކުގައި ހުންނަ ޢަރަބި އަކުރުތަކަކު ފިއްޔެއް ނުހުރެއެވެ. މިސާލެއްގެ ގޮތުން، قدر މިހެން ލިޔުމުން އެއީ ”ޤަދަރު“ ކަން އެނގެއެވެ. އެއްވެސް ފިއްޔެއް ނެތިއެވެ. އަދި ހަމަ އެފަދައިން އެއަކުރުތަކަށް އެއް އަކުރު އިތުރުކޮށް، قدرة ލިޔުމުން އެއީ ޤުދުރަތުކަން އެނގެއެވެ. ލިޔާގޮތް ގިންތިކުރުމާ ބެހޭ ފޮތްފޮތުގައި ހީބުރޫ އާއި ޢަރަބީގެ ގިނަ ލަފުޒުތަކުގެ މަސްދަރުގައި ހިމެނެނީ ތިން ފިއްތި އަޑުކަމަށް ލިޔެފައި ހުރެއެވެ. އަދި މި ދެބަސް ލިޔާ ގޮތަކީވެސް ވެސް ޙަޤީޤީ އަބްޖަދު ނޫންކަމަށާއި ދެބަހުގައި ވެސް، ބައެއް ފިއްތި އަކުރުތައް ލީން އަކުރުތަކުގެގޮތުގައި ބޭނުން ކުރާ ކަމަށް ބުނެއެވެ. މިސާލަކަށް ޢަރަބި ބަހުގައި ވާވު އާއި ޔާ  އާއި އަލިފަކީ ފިލީގެ ގޮތުގައި (ލީންގެ ގޮތުގައި) ވެސް ބޭނުން ކުރާ ތިން އަކުރެވެ. ފިއްޔެއް ނެތި ޢަރަބި ކިޔޭ އެއްސަބަބަކީ މިއީއެވެ. ބަހުގެ ބައެއް ޢިލްމުވެރިން މިގިންތިއަކީ އޮންނަންވާނޭ ގިންތިއެއް ނޫންކަމަށާއި މި ގިންތި ހިމެނެނީ އެލެފެބެޓް ގިންތިކަމުގައި ޒުވާބު ދެއެވެ. އަދި، އަބްޖަދުއަކީ ޢަރަބި ބަހުގައިޚާއްޞަ މާނައެއް ހިމެނޭ ލަފުޒެއް ކަމާއި (އަކުރުތަކަށް ހިސާބު ނަންބަރުދޭ ނިޒާމެއްގެ ނަންކަމާއި) މިނަން އިނގިރޭސިބަހުން ލިޔުމުގެ ގިންތިއަކަށް ކިޔުމީ ރަނގަޅު ކަމެއް ނޫންކަމަށް ބުނެއެވެ.

އެލްފެބެޓް

ލިޔުންތައް ގިންތިކުރާ ގޮތްތަކުގެ ތެރެއިން، އެލްފެބެޓް ގިންތީގައި ހިމަނަނީ ފިއްތިއަޑުތަކާއި ލީން އަޑުތަކަށް ލިޔުމުގެ ނިޝާނެއްވާ، އަދި ފިއްތިއަޑެއް އެކަހެރިކޮށް އޮންނައިރު ކިޔާނެ ވަކިގޮތެއް ކަނޑަނޭޅޭ ލިޔުމުގެ ވައްތަރުތަކަށެވެ. ލެޓިން އަކީ ވެސް އެލްފެބެޓް އެކެވެ. ރަޝިޔާ ބަސް ލިޔަން ގެންގުޅޭ ސިރިލިކް އަކުރުތައް އެލްފެބެޓް ގިންތީގައި ހިމެނެއެވެ.

cyrillicscriptދަންނައެވެ. ލެޓިން އަކުރަކީ އިނގިރޭސި އަކުރުތަކެއް ނޫނެވެ. އިނގިރޭސީންނާއި އުތުރު ޔޫރަޕުގެ މީހުން ލިޔެ އުޅުނީ “ރޫނިކް” ނަމަކަށް ކިޔާ އަކުރުތަކަކުންނެވެ. އުތުރު ޔޫރަޕުގެ ޤައުމުތަކަށް ލެޓިން އަކުރު ތަޢާރުފުވީ ނަޞާރާދީން ފަތުރަން އެ ހިސާބުތަކަށް ދިޔަ މީހުންގެ ސަބަބުންނެވެ.

އެލްފެބެޓްގެ ޚާއްޞަ އެއް ސިފައަކީ، ލީން އަޑުތަކާއި ފިއްތި އަޑުތަކަށް އެއްވަރެއްގެ އިސްކަމެއް ލިޔުމުގައިދޭތީއެވެ. މިސާލެއްގެ ގޮތުން

DHIVEHI

މިހެން ލެޓިން އަކުރުން ލިޔެފައި އޮންނައިރު، ލިޔުމުގައި ހިމެނޭ ލީން އަޑުތަކަށް ދީފައިވަނީ ފިއްތި އަޑުތަކާ އެއް ވަރެއްގެ މަތިވެރިކަމެކެވެ. ލީން އަޑުތަކުގެ ނިޝާންތައް، ކުޑަކޮށް ފިއްތި އަޑުގެ މައްޗާއި ތިރީގައި ނުވަތަ އަރިމަތީގައި ޖަހާ ނިޝާންތަކަކަށް ބަދަލުކޮށްފައެއް ނުވެއެވެ.

ސިލަބްލް ލިޔުން

ސިލަބްލް ލިޔުމުގައި، ބޭނުން ކުރާ ނިޝާންތަކަކީ އޭގެ އެންމެ އަކުރެއް ލިޔުމުން ސިލަބްލްއަކަށް ނިސްބަތްވާ ލިޔުމެވެ.  (ތިބާއަށް ސިލަބްލް އަކީ ކޮންއެއްޗެއްކަން މިވަގުތު ހަނދާން ނެތްނަމަ މި ލިންކުން ސިލަބްލް އާ ބެހޭ މަޒުމޫނެއް ކިޔުއްވޭނެއެވެ.) ސިލަބްލް ލިޔުމުގެ އެންމެ ރަނގަޅު އެއް މިސާލަކީ ޖަޕާނު ބަސް ލިޔަން ގެންގުޅޭ އެއްގޮތެވެ. {ޖަޕާނު ބަސް ހަތަރު ބާވަތެއްގެ އަކުރަކުން ލިޔެއެވެ.}

ޖަޕާނު ބަހުގައި 17 ފިއްތި އަޑާއި 5 ލީން އަޑު ހިމެނެއެވެ. އެހެންކަމުން، ކޮންމެ ފިއްތިއަޑެއްގައި ކޮންމެ ލީން އެއް ޖެހިޔަސް، ގިނަވެގެން ވެސް މުޅިއެކު ވާނީ ޖުމުލަ 85 ސިލަބްލް އެވެ. ޖަޕާނު ބަސް ލިޔުމުގައި، ކޮންމެ ސިލަބްލް އަކަށް ވަކި ނިޝާނެއް ވެއެވެ. ސިލަބްލްގެ ނިޝާންތައް މަދުވާނީ، ބަހުގައި ހިމެނޭ ފޯނީމްތައް މަދުނަމައެވެ. ޖަޕާނު ބަހުގައި 22 ފޯނީމު ހިމެނޭތީ ސިލަބްލް ލިޔުން ބޭނުން ކުރެވެނީއެވެ. (ދިވެހި ބަސް ސިލަބްލް ނިޝާންތަކަކުން ލިޔާނަމަ، ބޭނުންކުރަންޖެހޭ ތަފާތު ނިޝާންތައް ވަރަށްގިނަ ވާނެއެވެ. ބޭނުންވާނޭ ފުރިހަމަ ނިޝާންތަކުގެ ޢަދަދަކީ ފިލީގެ އަދަދާއި އަކުރުގެ ޢަދަދު ގުނަކުރުމުން ނުކުންނަ މިންވަރެވެ. ހަމައެކަނި ތާނައިގެ އަސާސީ 24 އަކުރާއި 11 ފިލި ބޭނުންކޮށްގެން ސިލަބްލް ނިޝާންތަކެއް ހަދާނަމަ، 264 ނިޝާން ބޭނުންވާނެއެވެ. މި ހުރިހާ ނިޝާންތައް ހަނދާން ކުރަންވެސް ޖެހޭނެއެވެ.)

ތިރީގައި މިވާ ކުރެހުމުގައި ވަނީ ޖަޕާނުބަސް ލިޔަން ގެންގުޅޭ ހިރަގަނަ ކިޔާ އަކުރުތަކުގައި /ކ/ އަޑު ނުވަތަ ކޮންސަނަންޓް ގައި އެކި ފިލިޖަހައި (ލީންގައި) ކިޔުމުން ލިޔާގޮތެވެ. އެއް ނިޝާނާއި އަނެއް ނިޝާނާ ތަފާތުކަން ފާހަގަ ކުރައްވާށެވެ. އަދި ތިރީގައި ލިޔެފައިވާ ތާނައާއި ލެޓިން އަކުރުތައް ލިޔެފައިވާ ގޮތަށް ވިސްނަވާށެވެ. ސިލަބްލް ލިޔުމުގެ އެންމެ އަސާސީ ސިފައަކީ ކޮންސަނަންޓެއް އެކި ފިލީގައި ލިޔާގޮތް މުޅިން ތަފާތު ވުމެވެ. ”ކަ“ ލިޔާ ގޮތާއި ”ކު“ ލިޔާ ގޮތާ އެއްވެސް ގުޅުމެއް ނެތުމެވެ.

japanese-hiraganatokyo-billboards-672x372އަބޫގިޑާ ލިޔުން

މި ގިންތީގައި ހިމެނެނީ، ފިއްތިއަޑުތައް، އެއް އަޑަށްފަހު އަނެއް އަޑެއް ލިޔެ، ލީން އަޑުތައް ފާހަގަ ކުރުމަށް އަކުރުގެ ހަތަރުފަރާތުން ކޮންމެވެސް ފަރާތެއްގައި ކުޑަ ނިޝާނެއް ޖަހާ ލިޔާ ލިޔުމެވެ. ފިއްތި އަޑެއްގެ ނިޝާނުގެ އެއް ފަރާތަށްވުރެ ގިނަ ފަރާތުގައި ވަކި އަޑެއް ރަމްޒުކުރަން ފިލި ޖަހާފައި ވެސް ހުރެއެވެ. އަބޫގިދާ ލިޔުމަކީ ވަރަށް ޢާއްމު ބާވަތެއްގެ ލިޔުމެކެވެ. މިގޮތަށް ލިޔާ ބަސްތަކުގެ ތެރޭގައި ބަންގާޅު ބަހާއި، ދިވެސް އަކުރާއި، ހިންދީ އާއި މަލަޔާޅަމް އާއި ސިންގަޅަ އާއި ތަމަޅައާއި ތައިލަންޑްގެ ބަސް ހިމެނެއެވެ. އަބޫގިދާ  ލިޔުންތަކުގެ އަކުރެއް ވަކިން އޮންނަ އިރު އޭގައި ފިއްޔެއްވަނީ ޖެހިފައެވެ. އެހެން ފިއްޔެއް ނުޖަހާ ހިނދު އެ އަކުރު ކިޔާނީ ވަކިން އޮންނަ އިރު ކިޔާ ގޮތަށެވެ. މިސާލެއްގެ ގޮތުން द މިއީ ހިންދީ ލިޔެއުޅޭ ދޭވަނަގާރީގެ ދާލުގެ އަޑު ނުކުންނަ އަކުރެކެވެ. މިއަކުރުގައި ފިއްޔެއް ނުޖަހާނަމަ، ކިޔާނީ އަބަފިލި ޖެހިފައިވާ ކަމަށް ބަލައި ”ދަ“ މިގޮތަށެވެ. ފިލިޖަހަނީ އަކުރު ގެ ވާތްފަރާތާއި ކަނާތްފަރާތާއި މައްޗާއި ތިރީގައެވެ. /ވ/  އަދި /ހ/ ގެ އަޑު ހިމެނޭ ދެ ފޯނީމަކީ व އާއި ह އެވެ. އެއްވެސް ފިއްޔެއް ނުޖަހާ ލިޔާނަމަ، ލިޔާނީ ވާތްފަރާތުން ކަނާތަށް व ह द މިގޮތަށެވެ. ދެވަނަގާރީ އަކީ ވާތުން ކަނާތަށް ލިޔާ އަކުރުތަކެކެވެ. ފިއްޔެއް ނެތުމާއެކު ކިޔާނީ ”ދަވަހަ“ އެވެ. ފިއްޔެއް ޖެހުމުން އަކުރު އެކަހެރިކޮށް އޮންނައިރު ޖެހިފައިވާ އަބަފިލި އުވުނީއެވެ. ދެން އަކުރު ކިޔާނީ ޖެހުނު ފިއްޔަށް ބަލައެވެ.

”ދިވެހި“ ލިޔާނީ ފިލިޖަހައިގެން އަންނަނިވި ގޮތަށެވެ दि वे हि. ކުރިން ލިޔުނު ‘ދަވަހަ’ (व ह द) އާ މިއަކުރުތައް އަޅާކިޔުމުން ފިލި ޖެހިފައިވާ ތަންތަން އެނގެއެވެ. އާދެ! އިބިފިލި ޖަހަނީ އަކުރުގެ ކުރީގައެވެ. އެބެފިލި އަކުރުގެ މަތީގައެވެ. ލަފުޒު ލިޔާއިރު އަކުރުތައް ހުންނަނީ ގާތުގައި ލިޔެފައެވެ. ”ދިވެހި“ ލިޔާނީ ގާތުގައި މިގޮތަށެވެ दिवेहि . ދެވަނަގާރީ ލިޔުމަކީ ހަފުތާއެއްގެ ތެރޭގައި ރަނގަޅަށް ދިވެހީންނަށް ދަސްކުރެވޭނޭ ލިޔުމެކެވެ. އަބޫގިދާ ގިންތިއަށް ”އަލްފާސިލަބަރީ“ ވެސްކިޔައެވެ. އެއީ މި ގިންތީގައި އެލްފެބެޓްގެ ސިފައާއި ސިލަބްލް ލިޔުމުގެ ސިފަ ހިމެނޭތީއެވެ.

isdhooloamaafaanu1200ތަސްވީރުން ލިޔުން

ތަސްވީރުން ލިޔުމަކީ ބުނަން ބޭނުންވާ އެއްޗެއް ސިފަވާ ކުރެހުމަކުން ލިޔުމެވެ. މިއީ ވަރަށް ގިނަ ދުވަސްވީ ބާވަތެއްގެ ލިޔުމެކެވެ. އަދި މިހާރުވެސް  އެންމެ ގިނައިން ބޭނުންކުރާ އެއްބާވަތުގެ ލިޔުމެވެ. ޗައިނާ ބަހަކީ ތަސްވީރުން ލިޔާ ބަހެކެވެ. އަދި މިސުރުގެ އަހުރާމްތަކުގައި ހުންނަ ލިޔުމަކީ ވެސް މިބާވަތުގެ ލިޔުމެވެ. ފަހަކަށް އައިސް، ސޯޝަލް މީޑިއާ ގައި މި ބާވަތުގެ ލިޔުން ގިނައިން ބޭނުން ކުރެވެއެވެ. ހިނިތުންވުމަށް 🙂 ފަދަ ނިޝާންތައް ބޭނުން ކުރެއެވެ.

ތަސްވީރުން ލިޔުމަކީ އެންމެ ކުރީގެ ލިޔުމުގެ ބާވަތްކަމަށް ބެލެވެއެވެ. މި ބާވަތުގެ ލިޔުމުގައި ބުނަންބޭނުން ވާ އެއްޗެއް ކުރެހުމުން ދައްކަނީ އެވެ. މިސާލެއްގެ ގޮތުން ކޮފީ ލިބެން ހުރި ވާހަކަ ބުނާނީ ކޮފީޖޯޑެއްގެ ކުރެހުމަކުންނެވެ. ފަހުން މި  ފަދަ ނިޝާންތައް ސާދާ ކުރަމުން އައިސް ފާހަގަ ނުވާ ވަރަށް ބަދަލުވެއެވެ. މިސާލެއްގެ ގޮތުން ސްވިޗެއް ޖައްސާ ނިއްވުމުގެ ނިޝާނަށް ބަލާލަމާތޯއެވެ؟ 1980 ގެ އަހަރުތައް ފެށުމުގެ ކުރިން ކަރަންޓުން ހިންގާ އެއްޗެއް ސްވިޗް ޖެއްސުމަށް އިނގިރޭސި ބަހުން ލިޔަނީ ON އާއި OFF އެވެ.  އެއީ ސްވިޗް އޮން އާއި ސްވިޗް އޯފް އަށް ނިސްބަތްކޮށް ކުރުކޮށް ދެ ލަފުޒު ލިޔަނީއެވެ.  ސްވިޗެއް ”އޮން“ ކުރުމަކީ އެއެއްޗެއް ކަރަންޓާ ގުޅުމެވެ. ”އޯފް“ ކުރުމަކީ ނިއްވާލުމެވެ. 1980 ގެ އަހަރުތައް ފެށުމާއެކު، ކޮމްޕިއުޓަރުތައް ތަޢާރުފުވެއްޖެއެވެ. ކޮމްޕިއުޓަރު މަސައްކަތް ކުރަނީ ހިސާބު ބޭނުން ކޮށްގެންނެވެ. މި ހިސާބުތައް ކޮމްޕިއުޓަރު ގައި ރަމްޒުކުރަނީ ހަމަ އެންމެ ދެ ޢަދަދުންނެވެ. 1 އާއި 0 ބޭނުންކޮށްގެންނެވެ. ސިގްނަލްއެއް ވާނަމަ، 1 އެވެ. ނެތްނަމަ 0 އެވެ. ދެން ފާހަގަ ކުރެވެންފެށީ، ސްވިޗް ތަކުގައި ON ގެ ބަދަލުގައި 1 ޖެހެން ފެށި ތަނެވެ. އަދި ނިއްވާލުމަށް 0 ޖެހެން ފެށިތަނެވެ. ފަހުން ކަރަންޓު އެއްޗެއް ކަރަންޓާ ގުޅާ/ކަނޑާލާ ސްވިޗަށް 10 މި ނިޝާން ޖެހެން ފެށިއެވެ. ދެން މި ދެ ހިސާބުއަކުރު އަންނަނިވި ގޮތަށް ބަދަލުވަމުން އައިސް ޚާއްޞަ ނިޝާނަކަށް ވެފައި ވެއެވެ.

switchsymbolevolution1ތިރީގައި އެވަނީ ޗައިނާ ބަހުގެ ބައެއް ލަފުޒު އުފެދިފައިވާ ގޮތެވެ.  މި ބާވަތުގެ ލިޔުމުގައި އެއް ނިޝާނަކީ ލަފުޒަކަށް ވެ ދެއެވެ. އެހެންކަމުން، މިބާވަތުގެ ލިޔުން ކިޔާނެ ގޮތް އެނގޭނީ ބަސް އެނގިގެންނެވެ.

basicpicturewritingނިޝާނުން، ތަކެއްޗަށް ކިޔާނެ ނަން ފިޔަވައި، ކަންކަމާއި އެހެން ޚިޔާލުތައް ބަޔާން ކުރެވޭނެއެވެ. ރޫމީންނާއި ޗައިނާ މީހުން ފަހަކާ ޖެހެންދެން، އެކެއް، ދޭއް، އަދި ތިނެއް ލިޔަނީ ވެސް، ދަޑިކޮޅެއް ނުވަތަ ފޯއްޔެއް، ބަޔާން ކުރަން ބޭނުންވާ ޢަދަދާ އެއްވަރަށް ކުރަހައިގެންނެވެ. މިސާލެއްގެ ގޮތުން، ރޫމީން ގެ އެކެއް، ދޭއް، ތިނެއް ލިޔަނީ I, II, III މިފަދައިންނެވެ. ޗައިނާ މީހުން ފޯލިތައް ލިޔަނީ ހުރަހަށެވެ. މާ ބޮޑު ޢަދަދެއް ލިޔަން ޖެހުމުން، ކުރަހަންޖެހޭ ފޯލި ގިނަވާތީ، ޚާއްޞަ ނިޝާންތައް ބޮޑެތި ޢަދަދުތަކަށް ހަމަ ޖައްސައެވެ.  މިސާލެއްގެ ގޮތުން ރޫމީގެ ވިޔަ އަކުރުތަކުގައި ފަހެއް ލިޔަނީ V މި ނިޝާން ބޭނުން ކޮށްގެންނެވެ. ”ދުވުން“ ފަދަ ޚިޔާލުތައް ވެސް ކުރެހުމުން ބަޔާން ކުރެވޭނެއެވެ. މިސާލެއްގެ ގޮތުން ޗައިނާ ބަހުގައި ‘މެދު’ ބަޔާން ކުރަނީ ގޮޅިއެއްގައި މެދު (中) ފާހަގަކޮށްގެންނެވެ. މަދަރުސާއެކޭ ލިޔަނީ ކުއްޖަކު ފުރާޅެއްގެ ދަށުގައި ކުރަހައި ދެއަތް ކުރަހައިގެންނެވެ. އަތުން އަންގާދެނީ އެކުއްޖާއަށް ޢަމަލީ މަސައްކަތް ދަސްކޮށްދޭ ކަމެވެ. މަދަރުސާ ގެ ރަމްޒަކީ ކުއްޖަކަށް ނިސްބަތްވާ މި ނިޝާން (子) ހިޔާވައްސެއްގެ ދަށުގައި ކުރަހައި (冖) މަތީގައި ދެއަތް (⺍) ކުރަހައިގެންނެވެ. މިގޮތަށެވެ (). އިހުގައި މި ނިޝާނުގައި އަތްތައް މާ ވައްތަރުކޮށް ކުރަހާފައި ހުރެއެވެ. ކުރީގެ ނިޝާނަކީ މިއީއެވެ (學) އެވެ. މެދު މަދަރުސާއޭ ބުނަން މެދުގެ ނިޝާން މަދަރުސާގެ ކުރީގައި ލިޔާނީއެވެ (中学). ޗައިނާގެ ބަސް ވެސް ލިޔަނީ ވާތުން ކަނާތަށްކަން ވިސްނެވުން ހުއްޓެވެ. ޔުނިވަރސިޓީކަން ރަމްޒު ކުރާނީ މަދަރުސާ އާ ގެ ކުރިއަށް ބޮޑުމީހެއް، ބޮޑު އެއްޗެއްގެ ނިޝާން ކަމުގައިވާ  大 މިޝާން ލިޔެގެން މިގޮތަށެވެ (大学) . މިހާތަނަށް ތިޔަ ބޭފުޅުންނަށް މި ބާވަތުގެ ލިޔުމުގެ ދަތިތައް ފާހަގަ ކުރެއްވޭނެއެވެ. އާދެ! ޚިޔާލުތައް ގިނަވި ވަރަކަށް ނިޝާންތައް ގިނަވާނެއެވެ. ޗައިނާ ބަހުގައި 100000 އަށް ވުރެ ގިނަ ނިޝާންތައް ވާކަމަށް ބުނެވެއެވެ. ކިޔަވައިގެން ތިބި މީހުން ބޭނުން ކުރަނީ ގާތްގަޑަކަށް 8000 ބާވަތުގެ ނިޝާން ނުވަތަ ކުރެހުމެވެ. ނޫސްކިޔަން އެނގުމަށް ބޭނުންވަނީ ގާތްގަޑަކަށް 3000 ތަފާތު ނިޝާނެވެ. ނަމަވެސް، މި ނިޝާންތަކުގައި ހަމަތަކެއް ހުރުމާއެކު، މި  ކުރެހުންތައް ދަސްކުރުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. އެންމެ ފުރަތަމަ ތަސްވީރުން ލިޔަން ފެށިކަމުގައި ވިއަސް، ޒަމާންތަކަކަށްފަހު، އެކި ކުރެހުންތަކަށް އަޑުތައް ނިސްބަތް ކުރެވެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ނިޝާންތައް ”އަކުރުތަކަކަށް“ ބަދަލު ވެއެވެ. ފަހެ، ޗައިނާ ބަހުގެ %5 ނިޝާންތަކަކީ ތަޞްވީރު ކުރެހުންތައް ކަމަށާއި ބޮޑު ބަޔަކީ ފޮނެޓިކް (ކިޔާގޮތުގެ) ނިޝާންތަކެއްކަމަށް ލިޔެފައި ހުރެއެވެ. މިސުރުގެ އަހްރާމުގައިވާ ލިޔުންތައް ވެސް މިފަދައެވެ. މި ލިޔުމަށް ކިޔަނީ ހިއެރޯގްލިފިކްސް އެވެ. މި ލިޔުމުގައި ތަޞްވީރުން ފެންނަ އެއްޗަކާއި އަޑުތައް ހިމެނޭ ގޮތަށް ރަމްޒުތައް އެއްކޮށްފައި ހުރެއެވެ.  މި ލިޔުންތައް އެންމެ ފުރަތަމަ ދެނެގަންނަން އުޅުނު މީހުންނަށް މިކަން ނުވީ، އެ ކުރެހުންތަކަކީ އެ ތަޞްވީރުތައް ނިސްބަތްވާ އެއްޗަށް އިޝާރާތްކުރާ ކަމަށް ހީކުރުމުގެ ސަބަބުންނެވެ. އެހެންނަކުން ނޫނެވެ. ކޮންމެ ނިޝާނަކުން މައިގަނޑު ގޮތެއްގައި ރަމްޒުކޮށްދެނީ އެ އެއްޗެއްގެ ނަން ފެށޭ ފިއްތި ނުވަތަ ކޮންސަނަންޓު އަޑެވެ. ”ދިވެހި“ މި ލަފުޒު ހިއެރޯގްލިފިކްސް އިން ލިޔުމަށް އެންމެ ފުރަތަމަ ކުރަހާނީ ދާލަކުން ފެށޭ އެއްޗެކެވެ. މިސާލަކަށް ދޮރެކެވެ. ދެން ވާވުން ފެށޭ އެއްޗެކެވެ. މިސާލަކަށް ވެލައެކެވެ. ދެން ހާއަކުން ފެށޭ އެއްޗެކެވެ. މިސާލަކަށް ހަރުފައެވެ. ދެން ޖައްސަޖައްސައިގެން މިކުރެހުންތައް ކުރެހުމުން ”ދވހ“ ލިޔެވޭނެއެވެ. އެއީ ތިރީގައިވާ ކުރެހުމުގައިވާ ފަދައިންނެވެ. ފިލިތައް ކޮބައިތޯއެވެ؟ އާދެ! ފިއްޔެއް މި ލިޔުމުގައި ދެނެގަންނަނީ ވަށައިގެންވާ ލިޔުންތައް ނިސްބަތްވާ އެއްޗެއްގެ ގޮތުންނެވެ. ކުރެހުމުން އިޝާރާތް ކުރާ އެއްޗަށް ސީދާ ނިސްބަތްކުރާ ނަމަ، ކުޑަކުޑަ ރޮނގުބުރިއެއް އެ ކުރެހުމެއްގެ ތިރީގައި ދަމާލައެވެ. މި ބާވަތުގެ ލިޔުންތައް ފަހަކަށް އައިސް ކިޔަން އެނގޭގޮތް މެދުވެރިވީ، ތިން ބަހުން ލިޔެފައިވާ ހަޖަރު ރަޝީދު (ރޮސެޓާ ސްޓޯން) ކިޔާ ހިލައެއް މިސުރުގެ ސަހަރަކުން ފެނިގެންނެވެ.

essential-hieroglyphicsމިސުރުގެ އަހުރާމްތަކުގައި ބޭނުންކުރި މިލިޔުމުގައި 1000 އަށް ވުރެ ތަންކޮޅެއް ގިނަ ތަފާތު ކުރެހުންތައް ހިމެނެއެވެ. ޗައިނާގެ ލިޔުމަށް ވުރެ މާ ބޮޑުތަން މަދު އެހެން ނޫންތޯ އެވެ؟ ހިއެރޯގްލިފިކްސް އިން އަލިފުބާ ހިމެނޭ ލިޔުމަކަށް ބަދަލުވާން ވަރަށް ފަސޭހަވާނެ އެހެންނޫންތޯއެވެ؟ ހިއެރޯގްލިފިކްސް ލިޔުމަކީ އަބްޖަދު ލިޔުންކަމަށް ބައެއް މީހުން ބުނަނީ ކީއްވެގެންތޯއެވެ؟

hieroglyphics1200

rosettastone2ތަޞްވީރުންލިޔުމަކީ ހަމައެކަނި ޗައިނާ އާއި މިސުރުގައި ބޭނުން ކުރި ބާވަތުގެ ލިޔުމެއް ނޫނެވެ. މިބާވަތުގެ ލިޔުން، އެހެން ބަސްބަސް ވެސް ލިޔުމަށް ބޭނުން ކޮށްފައި ވެއެވެ. އަދި މިހާރުވެސް ބޭނުން ކުރަމުން ދެއެވެ.

އަޅުގަނޑަށް މި ދަންނަވާލެވުނީ ލިޔަންގެންގުޅޭ ނިޒާމުތައް ގިންތިކުރަން ގެންގުޅޭ ފަސް ގޮތެވެ. މި ފަސް ގިންތިއަކީ، ލިޔާގޮތްތައް އެކި ގުރޫޕްތަކަށް ބަހާލުމަށް ގެންގުޅޭ ހަމައެކެވެ. ގިންތިކުރުމަކީ، އަބަދުވެސް މައްސަލަ އުޅޭ ކަމަކެވެ. އެކި ބަސްބަހުގެ ލިޔުން، އެކި ބަހުގެ އިލްމުވެރިން ގިންތިކުރާ ގޮތުގައި ތަފާތުތައް ހުރެއެވެ. މިސާލެއްގެ ގޮތުން ބައެއް ޢިލްމުވެރިން ތާނަ ގިންތިކުރަނީ އަބޫގިޑާ އެއްގެ ގޮތުގައެވެ. އަޅުގަނޑަށް ތާނަ ގިންތިކުރެވެން އުޅެނީ އެލްފެބެޓް ލިޔުމެއްގެ ގޮތުގައެވެ. ޗައިނާ ބަސް ލިޔާ އަކުރުތައް ބައެއް މީހުން ގިންތިކުރަނީ ސިލަބަލް ލިޔުމެއްގެ ގޮތުގައެވެ. މިފަދަ މައްސަލަތަކާ ހެދި، ބަހަވީ ޢިލްމުވެރިން މި ބަޔާން ކުރެވުނު ގިންތިތަކާ ތަފާތު ގިންތިތައް ހުށަަހަޅާފައި ވެއެވެ. މިގޮތުން މި ބަޔާން ކުރެވުނު ފަސް ގިންތިން ބައެއް ގިންތި އިތުރު ގިންތިތަކަށް ބައިކުރެއެވެ.

އަޅުގަނޑު މިއުޅެނީ އެވޭލާ އަކުރާއި ތާނަ އަކުރު ލިޔަންކިޔަން އެނގޭވަރަށްއޮޅުން ފިލުވާދެވޭތޯއެވެ. ނަމަވެސް މި މަޒުމޫނު މާ ދިގުވާތީ މިހާ ހިސާބުން ފުރަތަމަބައި  ކުރުކުރީމެވެ. މި ސިލްސިލާގެ ދަށުން ދެން ލިޔާ މަޒުމޫނެއްގައި އަޅުގަނޑު ބަޔާންކުރާނީ  ދިވެހިބަހުގެ ޤަދީމީ ލިޔުންތައް ލިޔެފައިވާ އަކުރުތަކުގެ ވާހަކައެވެ.

DividerTransparent-1-

ތިބާއަށް މި މަޒުމޫނު ޝައުޤުވެރިކަން ހުރި އެއްޗަކަށް ވި ނަމަ، ދިވެހި ބަހާ ބެހޭ ގޮތުން ލިޔެފައިވާ މި މަޒުމޫނުތަކާއި އަކުރުތަކާ ބެހޭ ގޮތުން ލިޔެފައިވާ މި މަޒުމޫނުތައް ވެސް ކަމުގޮައްސާނެއެވެ.