ހަމަ ކޮންމެ ދިވެއްސަކު ވެސް ވިސްަނަންޖެހޭ ކަމެއް

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތްތެރިކަން

ތަޢާރުފު

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތްތެރި ކަމަކީ އެކަމާ ދޭތެރޭ ކޮންމެ ދިވެއްސެއްވެސް ނުހަނު ހުޝިޔާރުކަމާއި އަޅާލުމާއެކު ވިސްނަންޖެހޭނޭ ކަމެކެވެ. ރާއްޖޭގައި މީހުން އުޅެން ފެށި ފަހުން މިވީ 4000 އަހަރު ދުވަހުގެ ތެރޭގައި މަދު އަހަރުތަކަކަށް މެނުވީ ރާއްޖެއަކީ މިނިވަން ޤައުމެކެވެ. މިގޮތަށް މިކަން ދެމިގެން ގޮސްފައިވާ ބައެއް ސަބަބުތަކަކީ ރާއްޖެ ވަކި ރަށްތަކެއްގެ ގޮތުގައި އެކުލެވިފައިވުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދުރުގައި އަދި ދަތުރުކުރަން ދަތި ފަރުތަކެއްގެ ތެރޭގައި ވުމާއި އެހެން މީހުން ދަހިވެތިވާ ކަހަލަ ”ޚަޒާނާ“ ތަކެއް މިފަސްގަނޑުގައި ނެތުމެވެ. މީގެ އިތުރަށް އެތައް ކަމެއްގައި ދިވެހީންގެ ވަޙްދަތުގެ އެއްގޮތްކަމާއި ބަދަހިކަމުންނާއި ބިދޭސީންނާ ދޭތެރޭ އަބަދުވެސް ދިވެހީން ފާރަވެރިވާ ކަމުންނެވެ. ނަމަވެސް އެއީ ކުރީގައެވެ.

ދުނިޔޭގެ އާބާދީ މިހާރު ވަނީ މީގެ ކުރީ ޒަމާންތަކާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑު ވެފައެވެ. އަވަށްޓެރި ޤައުމުތަކުގެ އާބާދީ، ފަތިންދާ ވަރަށް ފުފިފައި ވެއެވެ. ކުރިން ޚާއްޞަ ހުއްދަތައް ނަގައިގެން ރާއްޖެއަށް އާދެވޭ ބިދޭސީން، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިވަންކަމާ އެކު މަޒާ ނެރެއެވެ. ބައެއް ބިދޭސީން އެތައް ގެއެއްގެ އެތެރިގޭގައި ފިނިހިތް ކުރަން ފަށައިފިއެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޢަދަދު، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ އިތުރު ވެއްޖެއެވެ. ޒިޔާރަތްކުރާ ފަތުރުވެރިން، އާބާދީގެ ތިން ގުނައަށް އިތުރު ވެއްޖެއެވެ. މިއާއެކު، ހިތްވަރު ހުންނަންޖެހޭ ޒުވާނުން މަގުމަތިން ފެންނަނީ ކަޅި ހުއްޓިފައިވާ މަސްތީ ޙާލަތެއްގައި ކާލިއަޅަމުންދާ ތަނެވެ. ގިނަ ބައެއްގެ ވިސްނުންވަނީ ލޮޑު ވެފައެވެ. ކޮންމެ ކަމެއް، ކޮންމެ ގޮތެއް ވަރިހަމަ ވެފައެވެ. އެހެންކަމުން، މި މުހިއްމު މައުޟޫޢުއަށް ކުރުގޮތަކަށް ނަމަވެސް އިންސާފުކޮށްލަން މިއީ ވަރަށް މުނާސަބު ވަގުތެކެވެ.

އާދެ! މި މަޒުމޫނުގައި އަޅުގަނޑު އަލިއަޅުވާލާނީ ދުނިޔެއަށް އަންނަ ބަދަލުތަކާއި ކުދި ޤައުމުތަކުގެ ސަލާމަތްތެރިކަމުގެ މައްޗަށެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތައް ވެސް ހިމެނެއެވެ. އެހެނީ މިފަދަ ޤައުމުތަކުގެ ޤައުމީ ސަލާމަތްތެރިކަމަކީ ބޮޑެތި ޤައުމުތަކާ ތަފާތު މާ ނާޒުކު އެއްޗެކެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަލާލާނީ ކުދި ޤައުމުތަކުގެ ދިފާޢީ ޚާއްޞަ މައްސަލަތަކާއި ރައްކާތެރިވުމަށް ލިބިފައިވާ އިޚްތިޔާރުތަކާއި ދިމާވާ ގޮންޖެހުންތަކާއި މި މުހިއްމު މައްސަލާގައި ކަންކަން ކުރެވިދާނޭ ގޮތްތަކުގެ މައްޗަށެވެ.

އެންމެ ފުރަތަމަ ޤައުމީ ސަލާމަތްތެރިކަމުގެ މާނައާ ދޭތެރޭ ވިސްނާލަމާތޯއެވެ؟ އާދެ! ޤައުމީ ސަލާމަތްތެރިކަމަކީ އެންމެ ޖުމްލައަކުން ކަޑައަޅާ ބުނެވޭނޭ ފިކުރެއް ނޫނެވެ. ކަލިމައިގެ މާނައިގައި މަދުވެގެން ހަތް ޚިޔާލެއް ނުވަތަ ބައެއް ހިމެނެއެވެ. ޤައުމީ ސަލާމަތްތެރިކަމުގެ އެއްބަޔަކީ ޤައުމެއްގެ ޚާރިޖީ ސިޔާސަތު އެ ޤައުމަކުން އެދޭ ގޮތަކަށް ކަޑައެޅުމުގެ މިނިވަންކަން ލިބިގެން ވުމެވެ. ޤައުމަކަށް ބޭނުންވާ ޤައުމަކާ ގާތްކަން ބޭއްވުމުގެ މިނިވަންކަން ލިބިގެން ވުމެވެ. ދެވަނަ ކަމަކީ ޤައުމަކުން ބޭނުން ގޮތަކަށް އެ ޤައުމެއްގެ އެތެރޭގެ ނުވަތަ ދާޚިލީ ކަންތައްތައް ހަމަޖެއްސުމުގެ މިނިވަންކަން ލިބިގެން ވުމެވެ. މި ޒަމާނަކަށް އައިސް އެހެން ޤައުމުތަކުން ކުރާ ޞަނާޢީ ކަންކަމުގެ ސަބަބުން، ކައިރި ޤައުމުތަކަށް ގެއްލުން ލިބެއެވެ. އެހެންކަމުން، ތިމަވެށީގެ ސަލާމަތްތެރިކަމަކީ ޤައުމީ ސަލާމަތްތެރިކަމުގެ ބައެކެވެ. މީގެ ތެރޭގައި ސާފު ވައި ލިބުން ހިމެނެއެވެ. ފެނާއި ކާނާގެ ސަލާމަތްތެރި ކަމަކީ ވެސް ޤައުމީ ސަލާމަތްތެރިކަމުގެ ބައެކެވެ. އެހެން ޤައުމަކަށް ނުވަތަ ބަޔަކަށް ބަރޯސާކޮށްގެން ފެނާއި ކާނާ ހަމައްޖައްސަން ޖެހިފައިވާ ނަމަ، އެއްވެސް ޤައުމަކަށް ޙަޤީޤީ ޤައުމީ ސަލާމަތްތެރިކަން ލިބިގެނެއް ނުވާނެއެވެ. ޤައުމީ ސަލާމަތްތެރިކަމުގެ ފަސްވަނަ އަސާސަކީ ދާޚިލީ ބަޣާވަތްތަކުންނާއި ބޭރުގެ އުދުވާންތަކުން ޤައުމު ރައްކާތެރިވެގެން ވުމެވެ. ޤައުމީ ސަލާމަތްތެރިކަމުގެ ހަވަނަ އަސާސަކީ ބިރު ދައްކައިގެން ކަންތައްތައް ކުރުވުމުން ޤައުމު މިނިވަން ވެގެން ވުމެވެ. ދެން އެންމެ މުހިންމު އަސާސަކީ ޤައުމުގެ ބައެއްް، އަމިއްލައަށް މިނިވަންވެ ވަކިވެގަތުމުގެ ބިރުން ސަލާމަތްވެގެން ވުމެވެ. އާދެ! ދާޚިލީ ހަމަޖެހުމެވެ.

އަޅުގަނޑު މި ދަންނަވާލީ ޤައުމީ ސަލާމަތްތެރިކަމުގެ ބައިތަކެވެ. އެކަމުގެ ސިފަތަކެވެ. މިއިން ކޮންމެ ސިފައަކީ އެއާ ދޭތެރޭ ވަކި މަޒުމޫނެއް ލިއެވޭހާ ވެސް ތަނަވަސް މައުޟޫޢު އެކެވެ. މިއީ 21 ވަނަ ޤަރުނު ކަމުގައި ވިއަސް، އަދި އެތައް ބައެއް މިއީ ތަހުޒީބުގެ ޒަމާނޭ އެއް އަޑަކުން ގޮވިއަސް، ކުރީ ޒަމާންތަކެކޭ އެއްގޮތަށް ދުނިޔޭގައި މިހާރުވެސް ހިނގަނީ އަދި މުސްތަޤްބަލްގައި ހިނގާނީވެސް ޖަންގަލީގެ އުޞޫލެވެ. ސިންގާއެއް މުސަޅެއް ކާލިއަސް، އެކަމާ ދޭތެރޭ ދެބަސްވާނެ، އަރައިރުންވާނެ އެހެން ސިންގާއެއް ނުވާނެއެވެ. އެހެންކަމުން، ދުނިޔޭގެ މިހާރުގެ ސިޔާސީ ޙާލަތަށް ނަޒަރެއް ހިންގާލަމާތޯއެވެ. ޤައުމީ ސަލާމަތްތެރިކަން ދެނެގަތުމަށް މިއީ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

ދުނިޔޭގެ މަސްރަޙާއި ކުދި ޤައުމުތައް

ޔޫ.އެސް.އެސް.އާރު ރޫޅިގެން ދިޔުމާއެކު ދުނިޔޭގައި މިހާރު އެންމެ ބާރު ގަދައީ އެމެރިކާއެވެ. ނަސްލުގެ ގޮތުންނާއި ބަހުގެ ގޮތުންނާއި ދީނީ ގޮތުން، މި މީހުންނާ ތިމާގެ އެތައް ޤައުމެއް ވެއެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި، ކެނެޑާ އާއި އޮސްޓްރޭލިއާ ހިމެނެއެވެ. ތާރީޚް ބުނާގޮތުން، އެމެރިކާ އަކީ މީގެ 400 ވަރަކަށް އަހަރު ކުރިން އިނގިރޭސީން އެ ބައްރަށް އަރައިގަނެ، ބައްރުގެ އަހުލުވެރިން ވީ ވަރަކުން މަރައި ނުވަތަ އަޅުވެރިކޮށް ޤާއިމްކުރި ޤައުމެކެވެ. ފަހުން އެމެރިކާގެ މީހުން އިނގިރޭސި ސަރުކާރާ ދެކޮޅުވެ މިނިވަން ދައުލަތެއް ޤާއިމުކުރިއަސް މިއީ އެއް ގަހެއްގެ ދެ މުލެވެ. ޔުނައިޓަޑް ނޭޝަންސް ފިޔަވައި، ދެން އެންމެ ގިނަ ޤައުމު ބައިވެރިވާ އިއްތިހާދަކީ ޔޫރަޕިއަން ޔުނިއަން އެވެ. ޔޫރަޕަކީ ޘަޤާފީ ގޮތުން އެއް ބާވަތެއްގެ ޤައުމުތަކެއް ހިމެނޭ ބައްރެކެވެ. ކުދި ޤައުމުތައް އަބަދުވެސް ހަނދާން ކުރަންވީ ކުދި ޤައުމުތަކާ ބެހޭ މައްސަލަތަކުގައި މި ޤައުމުތަކުގެ އަޑު ހުންނާނީ އެއް ރާގެއްގައި ކަމެވެ. ރަޝިޔާއިންވެސް އިވޭނީ ހަމަ މިރާގެވެ. މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. ކުދި ޤައުމުތަކުގެ މައްސަލަތަކުގައި އެއް އުޞޫލެއް ގެންގުޅުމަކީ ބޮޑެތި ޤައުމުތަކަށް އެންމެ ފައިދާ ހުރި ގޮތެވެ. އެއީ އެމީހުންގެ މަޞްލަޙަތެވެ.

ޤައުމީ ސަލާމަތްތެރިކަމާ މެދު ވިސްނާއިރު، އަޅުގަނޑުމެން ދެން ނަޒަރުދޭންވީ އިންޑިޔާ އާއި ޗައިނާ އާ މެދުއެވެ. މިއީ ދުނިޔޭގެ ގަދަ ބާރަކަށް ވާނޭ ދެ ޤައުމެވެ. އާބާދީ ބަދަލުވަމުންދާ ގޮތުން، ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އިންޑިޔާގެ އާބާދީ ޗައިނާގެ އާބާދީއަށް ވުރެ އިތުރުވާނޭ ކަމަށް ބުނެއެވެ. ޗައިނާގެ މީހުންގެ ވަޙްދަތު ފަދަ ސަގާފީ އެއްގޮތް ކަމެއް ދުވަހަކުވެސް އިންޑިޔާގެ މީހުންނަށް ނުހޯދޭނެއެވެ. އެހެނީ ތާރީޚީ ގޮތުން، އިންޑިޔާއަކީ އިނގިރޭސީން ވިޔަފާރިކަމު އެބައްރުގެ ބަޔަކަށް ފައިބައި، އެތައް ޤައުމެއް ފަތަޙަކޮށްގެން މޮޑުނު ސަޓަނި ގަޑެކެވެ. އޭގެ ކުރިން، އެއީ މިހާރު އެ އޮތް ގޮތަށް އޮތް އެއް ޤައުމެއް ނޫނެވެ.

ދުނިޔޭގެ މަސްރަޙަށް ދެން އަންނަ ބަދަލަކީ އިސްތިޢުމާރުގެ މާނަ ތަފާތު ވުމެވެ. ކުރީ ޒަމާންތަކުގައި އިސްތިޢުމާރީ ބާރެއް ފަތަޙަ ކުރާ ޤައުމެއްގެ ފަސްގަނޑަށް ފައިބައި އަހުލުވެރިވުމަކީ މުހިންމު ކަމަކަށް ވިއަސް، ނުވަތަ އިސްތިޢުމާރީ ބާރަށް ބޯލަބާ އަޅުވެތި ވެރިޔެއް ބެހެއްޓުމަކީ މަޤްޞަދަކަށް ވިއަސް، މިހާރު އެއީކީ އެހާ މުހިއްމު ކަމެއް ނޫނެވެ. މިޒަމާނުގައި، އިސްތިއުމާރީ ބާރުތައް އެމީހުންގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ފަތަޙަ ކުރާ ޤައުމެއްގައި ތިބޭކަށް ނުޖެހެއެވެ. ފަތަޙަގައި ފައިދާ ތައް ނެގުމަށް މާ ލުއިގޮތްގޮތް ހުރެއެވެ. މި ފައިދާ ނެރެވޭ އެއްކަމަކީ ގްލޯބަލައިޒޭޝަން (ބަވަނަކުރުން) އޭ ކިޔާ ފިކުރެކެވެ. ކުޑަ ޤައުމެއްގެ ޙާލަތުގައި، ގްލޯބަލައިޒޭޝަންގެ މާނައަކީ އަޅުވެތި ކުރެވުނު ޤައުމެއްގެ ރައްޔިތުންގެ އުފެއްދުންތެރިކަމުން، ފައިދާ ހޯދުމެވެ. އެއީ ބާރުގަދަ ޤައުމުން އުފައްދާ ތަކެއްޗާއި ފިކުރީ މުދާ ވިއްކައިގެންނެވެ. ނުވަތަ އެމީހުންނަށް ”ޖިޒީ“ ދޭ ގޮތަށް އަޅުވެތި ވި ޤައުމުގެ ކަންތައްތައް ހިންގުމަށް މަތިކޮށްގެންނެވެ. މިކަން ކާމިޔާބު ކުރުމަށްޓަކައި، އިސްތިޢުމާރުންގެ ބަހާއި އުޅުމާއި ޤާނޫނުތަކާއި އާދަކާދަތައް ކުދި ޤައުމުތަކަށް ވާރޭގެ ގޮތުގައި އޮއްސައެވެ. ހަނގުރާމައެއް ކޮށްގެން އަޅުވެތިކުރުމާ މިގޮތުން އަޅުވެތިކުރުމާ ނަތީޖާގައި ތަފާތެއް ނެތެވެ. މާތުރަ، ފައިދާ ބޮޑީ ފަހު ގޮތުގައެވެ. ކޮންމެ ގޮތެއްގައި ވެސް ބާރުގަދަ ޤައުމުގެ މުއްސަނދިކަން އިތުރުވެއެވެ. އިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމައިން ފައިދާ ލިބެނީ ކޮންބަޔަކަށްތޯއެވެ. ހަނާވަނީ ކޮންބަޔެއް ތޯއެވެ؟ މަތީގައި ދެންނެވުނު މަސްރަޙްގައި، ކުޑަ ޤައުމެއްގެ ޤައުމީ ސަލާމަތްތެރިކަމަކީ ކޮބައިތޯއެވެ؟

ޔޫރަޕުގައިވާ ކުދި ޤައުމުތައް އަބަދުޖެހެނީ ބޮޑެތި ޤައުމުތައް ދުރުގައި ބައިތިއްބުމަށްޓަކައި އެމީހުންގެ ސިޔާސަތުތައް ބަދަލުކުރާށެވެ. އަދި ތިމާގެ ޤައުމަކީ ބޮޑު ޤައުމެއްގެ ބައެއްކަމަށް ދަޢުވާ ކޮށްފާނެތީ އެމީހުންގެ އަމިއްލަވަންތަކަން މަތިކުރެވޭތޯ، ކައިރީގައިވާ ބޮޑެތި ޤައުމުތަކާ ތަފާތު ޤައުމެއްގެ ގޮތުގައި ދެއްކޭތޯ، ޤައުމިއްޔަތު އިތުރުކުރުމަށް މަސައްކަތްތަކެއް އަބަދު ކުރާށެވެ.

ކެރީބިއަން ޖަޒީރާ ޤައުމުތަކަށް ނަޒަރު ހިންގާލަމާތޯއެވެ؟ މި ޤައުމުތަކަކީ އެތައް ނަސްލެއްގެ އެތައް ޤަބީލާތަކެއްގެ މީހުން ހިމެނޭ ގޮތަށް އުފެދިފައިވާ ޤައުމުތަކެކެވެ. އެހެންކަމުން، ބަޣާވަތެއް އެޤައުމުތަކުގައި ހިންގާފާނެތީ ސަރުކާރުތައް އޮންނަނީ ސިހިފައެވެ. އެމެރިކާއާ ގާތްކަމުން، އެމެރިކާއާއި ދިފާޢީ ބާރުގެ ތަފާތުކަމުން، ހުރިހާ ކަމެއްގައި މިޤައުމުތައް ވަނީ އެމެރިކާގެ އަތްދަށުގައެވެ. އެމެރިކާއިން މި ޤައުމުތައް މުހިއްމީ ކުދި ޤައުމުތަކެއްގެ ގްރޫޕެއްގެ ގޮތުގައެވެ. އެމެރިކާގެ މަޞްލަޙަތަކީ އެމެރިކާއަށް އަދާވަތްތެރި ބާރެއް މި ޤައުމުތަކަށް ނުފޫޒު ފޯރުވިޔަ ނުދިނުމެވެ.

ދެކުނު ޕެސިފިކް ކަނޑުގައި ކުދި އެތައް ޤައުމެއް ވެއެވެ. ބޮޑެތި ޤައުމުތަކުން މިޤައުމުތަކާ ބެހެނީ އެ ޤައުމުތަކުގައި ފައިދާ އެއް ނެގޭފަދަ މުއްސަނދިކަމެއް ވާނަމަ އެވެ. ނުވަތަ، އެ ބާރުތަކާ ޢަދާވާތްތެރި ބާރެއް މިޤައުމުތަކާ ގާތްވެ ގަންނަ ނަމައެވެ. މިފަދަ ޤައުމަކަށް ބޮޑު ބާރެއްގެ ޢުދުވާނަކުން ދިފާޢުވެގަތުމުގެ ޤާބިލްކަން ލިބިފައެއް ނުވެއެވެ. ސަރުކާރު ވައްޓާލުމުގެ ބިރު އޮންނަނީ ހަމައެކަނި ފިޖީ ގައެވެ. ފިޖީގެ ދެބައިކުޅަ އެއްބައި މީހުންނަކީ، މުސްކުޅި އަހުލުވެރިންނާ ތަފާތު ނަސްލެއްގެ އިންޑިޔާ ދަރިކޮޅެއްގެ ބައެކެވެ.

ޖަޒީރާ ކުދި ޤައުމުތައް ވަނީ، ކުރިން ދެންނެވި ޤައުމުތަކަށް ވުރެ ވެސް ނާޒުކުރު ޙާލަތެއްގައެވެ. ހަތިޔާރާއެކު ދިމާކޮށްފި ބަޔަކަށް ޖަޒީރާ ޤައުމެއް ފަތަޙަކުރުމަކީ މާ ބޮޑު ކަމެއް ނޫނެވެ. ކުޑަ ރަށެއް ދިފާޢު ކުރަން ފަސޭހައަސް، އެރަށަށް ބޭނުންވާ ތަކެތި ގެންދިއުމަށްޓަކައި ދަތުރު ފަތުރު ކުރުމަކީ ނުކޮށް ދޫކޮށްލެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން، ފަތަޙަ ކުރަން ފަސޭހަޔަސް، އެ ޙާލަތު ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ޖަޒީރާ ޤައުމުތަކުގެ ވަކި ރަށެއް ނުވަތަ އަތޮޅެއް މައި ޤައުމުން ވަކިވެ މިނިވަންކަން އިޢުލާނު ކުރުމުގެ ބިރު އަބަދުވެސް އޮވެއެވެ. އެހެނީ ވަކި ރަށެއްގެ ނުވަތަ އަތޮޅެއްގެ މީހުންގެ ކިބައިގައި ވަކި އައިޑެންޓިޓީއެއް ނުވަތަ ޤައުމުގެ އެހެން މީހުންނާ ތަފާތު އެއްގޮތްކަމެއް ހުރެއެވެ. މިފަދަ ގޮތަކަށް ރަށެއް ވަކިވެއްޖެނަމަ، ބޮޑެތި ބައެއް ބާރުތަކުން އެ ރަށެއް ނުވަތަ އަތޮޅެއްގެ ”މިނިވަންކަން“ ޤަބޫލުކުރަން އަދި އެފަދަ ”ޤައުމަކަށް“ މަދުދުވެރިވާން އޮންނާނީ ކެތްނެތިފައެވެ. އެހެނީ ބޮޑެތި ބާރުތަކުގެ މަޞްލަޙަތަކީ ކުދި ޤައުމުތައް އަދި ކުދި ނޫން ޤައުމުތައްވެސް ބައިބައިކޮށްގެން ގެންގުޅުމެވެ. މިއީ މީގެ ދެތިން ޤަރުނު ކުރީގެ އެންމެ ކާމިޔާބު އިސްތިޢުމާރީން ކަމުގައިވާ އިނގިރޭސީން އެންމެ ފައިދާ ނެގި އެއް އުކުޅެވެ.

ކުދި ޤައުމުތަކަށް ލިބިފައިވާ އިޚްތިޔާރުތައް

މަތީގައި ދެންނެވުނު މަސްރަޙްގައި ކުދި ޤައުމުތަކަށް ލިބިފައިވަނީ ދެ އިޚްތިޔާރެކެވެ. ފުރަތަމަ އިޚްތިޔާރަކީ އެހެން ހުރިހާ ޤައުމުތައް ހިތްހަމަ ޖެއްސުމަށްޓަކައި ޑިޕްލޮމެޓިކް ”ހަނި ކަނދެއްގެ މަތީގައި ކެނބުމެވެ.“ ހުރިހާ ޤައުމުތައް ރުއްސައިގެން އުޅުމެވެ. މިގޮތަށް ކަންތައްތައް ކުރުމުން ވާހަކައިން ޤައުމުތައް ކުދި ޤައުމުތަކަށް އެހީތެރިވިއަސް، ކަމެއް ޖެހުމުން އަޅާލާނޭ ބައެއް ނުވާނެއެވެ. އަދި ގާތް ބޮޑު ޤައުމެއްގެ ޝައުޤާ މައްސަލަ ޖެހިއްޖެނަމަ، ނުފޫޒާއި ދަތި ކުރުމުގެ ބިރު އޮންނާނެއެވެ. އެންމެން ރުއްސަން ހަދައިގެން އެއްވެސް ޤައުމެއް ނުރުއްސެވޭނެއެވެ. އެހެންކަމުން، ބޮޑެތި ޤައުމުތަކުން ދެކޭނީ މިފަދަ ޤައުމަކާ ގުޅެމެއް ބޭއްވުމަކީ ފައިދާ ހުރި ކަމެއް ނޫންކަމުގައެވެ.

ކުޑަ ޤައުމަކަށް އޮތް ދެވަނަ އިޚްތިޔާރަކީ ބޮޑު ޤައުމަކާ މާ ގާތްވެގަތުމެވެ. މިހެން ހެދުމުން އެމީހުގެ ބައެއް ގެ ގޮތުގައި ފެނިގެން ދާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އިރު ވަށައިގެން ދައުރުވާ ގުރަހައްޔެއް ފަދައިން، ބޮޑު ޤައުމުގެ ސެޓެލައިޓެއްގެ ގޮތުގައި ކުޑަ ޤައުމު ވާނެއެވެ. އަދި ބޮޑު ޤައުމުގެ މީހުން ކުޑަ ޤައުމަށް ހިޖުރަކުރަން ފަށައި، ވަކި ޤައުމެއްގެ ގޮތް، ހައެއްކަ ޖީލުވުމުން ކެނޑިގެން ހިގައިދާނެއެވެ. މިސާލަކަށް، ރާއްޖެއަށް ބިދޭސީން އަންނަމުންދާ ރޭޓަށް ބަލާނަމަ، މީގެ 30 ވަރަކަށް އަހަރު ފަހުން ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުންނީ ބިދޭސީން ކަމަށް ވާނެއެވެ. މިހެން ވުމުން، ދެން އެ ޤައުމަކަށް ވަކި ޤައުމެކޭ ކިޔުމުގެ ޙައްޤު ގެއްލިގެން ދެއެވެ. މިނިވަން ސިޔާސަތެއް ގެންގުޅެވޭނީ ބޮޑު ޤައުމުގެ ޝައުޤަށް އުނިކަމެއް ނުލިބޭ ހިސާބު ދުރުގައެވެ.

ކުދި ޤައުމުތައް އިދާރީ ގޮތުން ހިންގުން

ރެޕްރެޒެންޓޭޓިވް ޑިމޮކްރެސީއެއް ބޭނުންކޮށްގެން ކުޑަ ޤައުމެއް ނުހިންގޭނެއެވެ. އެއީ އެފަދަ ނިޒާމެއް ހިންގުމަށް އޭގެ ޠަބީޢަތުގައި ވަކި އަދަދެއްގެ އާބާދީ ބޭނުންވާތީއެވެ. ދެވަނަ ކަމަކީ، އެފަދަ ނިޒާމެއްގައި ޤާނޫނުތައް ހަދަނީ މަދު ބައެއްކަމުން، އެމީހުން ”ގަނެލުމުގެ“ ބިރު އޮންނާނީ އަބަދުވެސް ދާދީ ގާތުގައެވެ. މިފަދަ ކަމެއް ނުހިނގާނީ، ރައްޔިތުންނަކީ ސަރުކާރާ ދޭތެރޭ ވަރަށް ފާރަވެރި، ހޭލުންތެރި ފޯރުންތެރި ބަޔަކަށް ވާނަމައެވެ. މިފަދަ ޢިލްމީ އާބާދީއެއް ކުޑަ ޤައުމެއްގައި އުފެއްދުމަށް ކުދި ޤައުމުތަކުގައި ފޯރުންތެރިކަމެއް ނުހުރެއެވެ. ތިންވަނަ ކަމަކީ ޑިމޮކްރެސީގައި ހުރިހާ ކަމެއްވެސް ބޭނުން ގޮތަކަށް ބަދަލުކޮށްލެވޭތީ، ކުޑަ ޤައުމުތަކުގެ ވަޙްދަތު ނުވަތަ އެއްގޮތްކަން ގެއްލޭކަމެވެ. ވަޙްދަތު ނަގާލުމަށް، ޤާނޫނުތަކުގެ ގޮތުންނާއި ސަގާފީ ގޮތުން ބޮޑެތި ޤައުމުތަކާ އެއްގޮތްވެ ގަތުމަށް، އެހީ ދޭން ބޮޑެތި ޤައުމުތަކާއި ޖަމާޢަތްތައް ޝައުޤުވެރި ވާނެއެވެ. މިހެންވުމުން، ވަކި ޤައުމެއްގެ ގޮތުގައި އޮތުމުގެ ސަބަބު ގެއްލި، ބޮޑެތި ޤައުމުތަކުގެ ޝިކާރައަކަށް ވެއެވެ. ދުނިޔޭގެ ކުދި ޤައުމުތަކުގައި ކަން ހިނގަނީ މިގޮތަށެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. ކުދި ޤައުމުތަކާ އެންމެ ރަނގަޅު ބާވަތުގެ ޑިމޮކްރެސީ އަކީ ޔޫނާނީ ޑިރެކްޓް ޑިމޮކްރެސީއެވެ. މިކަމަށްވެސް ޢިލްމީ ކެރޭ ރައްޔިތުން ބޭނުން ވާނެއެވެ.

ކުޑަ ޤައުމަކަށް ހުރި ގޮންޖެހުން ތަކާ ކުރިމަތިލުން

ކުދި ޤައުމުތަކުގެ އާދަޔާ ޚިލާފު ސިފަތަކުގެ ސަބަބުން ގިނަ ފަހަރަށް އެންމެ ޙިކްމަތްތެރި ގޮތަކީ ބޮޑެތި ޤައުމުތަކުގެ ދެމެދު ހިނގާ އަރާރުންތަކާ ދުރުގައި ހަނުހިމޭނުން ހުރުމެވެ. ވާހަކަ ދައްކަންވާނީ، ޤައުމުގެ މަޞްލަޙަތުވާ ކަންކަމުގައި އާއި ނުފޫޒު ފޯރުވާ ހަދާނަމައެވެ. ޤައުމުގެ މަޞްލަޙަތާ ނުގުޅޭ ނަމައެވެ. ދެން އޮތް ގޮތަކީ ބައިނަލްއަޤްވާމީ އެއްވުންތަކާއި އެހެނިހެން ޖަމާޢަތްތަކުގައި ޤައުމަށް ވުރެ މާ ބޮޑެތި ކަންތައްތަކާ ދޭތެރޭ އަޑުއުފުލުމެވެ. ސަރަޙައްދީ ޖަމާޢަތްތަކުގައި ބައިވެރިވުމުގެ އިތުރަށް، ސަފާގީގޮތުން ގާތް ޤައުމެއް ދުރުގައި ވިއަސް އެ ޤައުމަކާ ގުޅުންތައް ބަދަހިކުރުމެވެ. މީގެ އަހަރުތަކެއްގެ ކުރިން، ފިޖީގައި ހިންގި ބަޣާވަތެއްގައި އެ ޤައުމުގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅުގެ މީހުންނަށް އަޅާލުމާއި ހިމާޔަތާއި ސަލާމަތްތެރިކަން ލިބުނު ސަބަބުތަކުގެ ތެރޭގައި ބާރުގަދަ ”ބޮޑުބޭބެ“ އެއް ހުރުން ހިމެނެއެވެ.

ބައިނަލް އަޤްވާމީ ޖަމާޢަތްތަކުން ނުފޫޒުގަދަ ފެންވަރުގެ ވަޒީފާތަކުން ކުދި ޤައުމުތަކުގެ މީހުން ވަޒީފާ ހޯދުމަކީ ކުދި ޤައުމުތަކަށް ފައިދާ ހުރި ކަމެކެވެ. އެހެނީ މިފަދަ ޖަމާޢަތްތަކަކީ މާ އިންސާފުވެރިކޮށް ހިގާ ތަންތަނެއް ނޫނެވެ. އިރާޤުގެ ތެޔޮ ވިއްކި ފައިސާތަކަކަށް އ.ދ. އިން ޚިޔާނަތްތެރިވި ވާހަކަ އަކީ އަޅުގަނޑުމެން އަޑުއަހާ ވާހަކައެކެވެ. އ.ދ. ގެ ހިމާޔަތުގައި ތިބި އެތައް ބައެއް ބޮސްނިޔާގައި ޤަތުލުކުރި ވާހަކަވެސް އަޑު އިވެއެވެ. މިފަދަ އެތައް ކަމެއް މި މައުޟޫޢު ދިރާސާ ކުރާ ފަރާތްތަކަށް އެނގޭނެއެވެ. ފަހެ، އެހީ ދިނުމުގެ ”ވިޔަފާރި“ ކުރާ އެއްވެސް ބައިނަލް އަޤްވާމީ ޖަމާޢަތެއް ތަޢައްޞުބާއި ފަސާދައިން ޠާހިރުވެގެން ނުވެއެވެ.

ގިނަ ކާމިޔާބު ކުދި ޤައުމުތަކުގައި ނަފާ ބޮޑު ވިޔަފާރިތައް ހިންގައެވެ. މީގެ ތެރޭގައި އަގުބޮޑު ޚާއްޞަ ތަކެތި ތައްޔާރުކުރުން ހިމެނެއެވެ. އެހެން ޤައުމުތަކާ ގުޅުން ހުރި ”ފައިނޭޝަލް ސާރވިސަސް“ އާދެ! ފައިސާ ގެ މުޢާމަލާތްކުރާ ކުންފުނިތައް ހިންގައެވެ. އާމްދަނީގެ ބިންގާ ފުޅާވުމަކީ އިޤްތިޞާދު ހަރޮށިވާ ކަމެކެވެ. ހަމަ މިގޮތަށް މި ބިންގާ އެކި ބައްރުތަކަށް ފުޅާކުރުމަކީ އެއް ބައްރަކަށް އަތުވެދާނެ ބިންހެލުމަކުން ނުގުޑާ ފަދަ ވަރުގަދަ އިޤްތީޞާދީ ބިންގަލެއް އެޅޭނޭ ކަމެކެވެ. މިފަދަ ކަންކަން ކުރުމަށް، ނާދިރު ހުނަރުތަކަށް ޤާބިލް މީހުން ކުދި ޤައުމުތަކުގައި ތިބުމަކީ ޤައުމުތަކަށް އަންނަ ދަތިތައް ގިރާކުރުން ފަސޭހަ ވާނޭ ކަމެކެވެ. އެފަދަ މީހުން ބިނާކުރުމަކީ ޤައުމީ ސަލާމަތަށް މުހިއްމު ކަމެކެވެ.

ޤައުމީ ކޮންޓެކްސްޓް

ޤައުމީ ކޮންޓެކްސްޓް އިން މާނަކުރަނީ ޤައުމީ ސަލާމަތްތެރިކަމާ މެދު ފިކުރުކުރާ އިރު އެކަމާ ގުޅުވައިގެން ވިސްނަންޖެހޭ އެ ޤައުމަކާ ގުޅުން ހުރި ކަންތައްތަކަށެވެ. މިގޮތުން ރާއްޖޭގެ ކޮންޓެކްސްޓް އަށް ވިސްނާއިރު ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ ދުނިޔޭގެ އެންމެ ބޮޑު ބާރަކަށް ވެދާނެ އެއް ޤައުމުވަނީ ދިވެހިރާއްޖޭގެ ދޮރޯށީގެ ކުރިމަތީގައި ކަމެވެ. އެ ޤައުމަކީ މާ ގިނަ އަހަރުތަކެއް ނުވަނީސް ދުނިޔޭގެ އެންމެ ބައިބޯ ޤައުމަށް ވާނޭވެސް ޤައުމެވެ. ދެން އަޅުގަނޑުމެންނާ އެންމެ ގާތުގައިވަނީ އޮޅުދޫ ކަރައެވެ. މާދުރުން ނަމަވެސް ކައިރިވަމުން އަންނަނީ އިންޑިޔާ އާއެކު ހަނގުރާމެއް ކޮށް ގަދަވި ޗައިނާއެވެ. ވަސީލަތްތަކާއި މުއްސަނދިކަމުން، ބައިނަލްއަޤްވާމީ މަޝްރަޙްގައި ބަޠަލެއްގެ ބައި ކުޅެން ޝައުޤުވެރިވާ ޤައުމެކެވެ. ދެން މި ސަރަޙައްދުގައިވަނީ ދިވެހިރާއްޖެއެވެ. އެފަދަ ޖަޒީރާ އެހެން ޤައުމެއް ކައިރި ހިސާބުގަނޑުގައި ނެތް ޤައުމެކެވެ. ކެރީބިއަން ކަނޑުގައިވާ ޤައުމުތައް ފަދައިން ދިފާޢީ ކަންކަމުގައި އެއްބައިވާނެ، ގުޅުމެއް އުފެއްދިދާނެ އެހެން ކުދި ޤައުމުތަކެއް މި ސަރަޙައްދަކު ނުވެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތްތެރިކަމުގެ ނާޒުކު ކަމާ މެދު ވިސްނަންޖެހޭނީ ހުޝިޔާރު ކަމާ އެކުއެވެ. ރާއްޖޭގެ ދިފާޢީ ތާރީޚް ދެނެގަންނަން ޖެހެނީ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކާ މެދާއި ޢުދުވާންތައް އަތުވެދާނެ މިސްރާބުތަކާ މެދު ހުޝިޔާރު ވަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތްތެރިކަމާ މެދު ވިސްނާއިރު ދެން ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ ބިދޭސީ މަސައްކަތު މީހުން ރާއްޖޭގައި ގިނަ މިންވަރެވެ. ރިޕޯޓްތައް ބުނާގޮތުން 2015 ގައި ރާއްޖޭގެ އާބާދީގެ %30 އަކީ ބިދޭސީންނެވެ. ދިވެހި ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ނުހިމަނާނަމަ، ބިދޭސީގެން ޢަދަދު ދިވެހީންނާ ގާތްގަޑަކަށް އެއްވަރު ވަނީއެވެ. ބިދޭސީ ގިނަ މީހުންނަކީ ގައިގައި ބާރު ހުރި ފިރިހެނުންނެވެ. މާލޭގެ ޙާލަތާ މެދު އަދި މާ ކަންބޮޑުވާން ޖެހެއެވެ. ބިދޭސީ އެންމެން އެއްފަހަރާ އެއް މަޤްޞަދެއްގައި ޤައުމީ ސަލާމަތްތެރިކަމާ ތޮޅެލަން ޤަޞްދުކޮށްފިނަމަ، އެކަން ދިފާޢުކުރުމުގެ އުރަތްޕެއް ރާއްޖޭގެ ކިބައިގައި ވޭތޯއެވެ؟ ވާނަމަ، ވާ ސަލަމާތްތެރިކަމެއް ވަނީ މި މީހުންނަކީ ދެތިން ޤައުމެއްގެ މީހުން ކަމަށް ވުމާއި އެއް ބަހަކުން ވާހަކަ ނުދައްކާ ކަމެވެ. އެކަތިގަޑަކަށް ވާން ދަތި ކަމެވެ. މިއީ ޤައުމީ ނަޒަރުން ބަލާއިރު ރައްކާތެރި ގޮތެއް ކަމަށް ވިއަސް، އެތައް ނަސްލުތަކަށާއި ވަންހަތަކަށް ބިދޭސީން ނިސްބަތްވުމަކީ އެކަމުގައިވެސް ނުރައްކާ ހިމެނޭ ކަމެކެވެ. އާދެ! އެބައިމީހުންގެ ތެރޭގައި އޮންނަ ކޯޅުންތައް ދިވެހި ފަސްގަނޑަށް އިމްޕޯޓް ކުރުމުގެ ނުރައްކަލެވެ. ބިދޭސީން ގިނަވުމުގެ ސަބަބުން ދެން ދިމާވާ މައްސަލައަކީ ޤައުމީ ވަޙްދަތު ނިކަމެތިވުމެވެ. ބިދޭސީން ނިސްބަތްވާ ޤައުމުތަކުން އެޤައުމުތަކުގެ ސަގާފަތާއި ގޮތްތައް ރާއްޖޭގައި ފަތުރަން ކުރާ މަސައްކަތެވެ. ބިދޭސީންގެ އަސާސީ ޙައްޤުތަކުގެ ނަމުގައެވެ.

ޤައުމީ ސަލާމަތްތެރިކަން ކުރިއެރުވުން

ޤައުމީ ސަލާމަތްތެރިކަން ޤާއިމްކުރަން އަޅަން ޖެހޭ ފިޔަވަޅުތަކަކީ އެކަމާ ދޭތެރޭ އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާ އަވަހަށް އަދި ސާބިތުކަމާއެކު ޙަރަކާތްތެރިވާން ޖެހޭ ކަންކަމެވެ. މިގޮތުން އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅަކީ ދިވެހިރާއްޖެ ވަކި ޤައުމެއްގެ ގޮތުގައި ބެލެވޭ ޤައުމިއްޔަތުގެ ކަންތައްތަކަށް އައު ރޯޝަނީ ކަމެއް ގެނައުމެވެ. އެއީ ދިވެހިބަހާއި ދިވެހި އިސްލާމީ ގޮތްތަކާއި ދިވެހި އާދަކާދަތަކެވެ. ދެވަނަ ކަމަކީ ރަށްފުށުގެ މީހުން އެކި ދިމަދިމާއަށް ދަތުރުކޮށް މީހުންނާ އަޚްވެގަތުމަށް ފަސޭހަ ގޮތްތަކެއް މެދުވެރިކުރުމެވެ. ދަތުރުފަތުރުކުރުން ލުއިކުރުމެވެ. މަދްރަސީ ދައުރުގައިވެސް އެކި ސަރަޙައްދުތަކަށް ދަތުރުކުރެވޭ ގޮތް މެދުވެރި ކުރުމެވެ. ތިންވަނަ ކަމަކީ މުއްސަނދިކަމާއި ތަޢުލީމާއި ތަރައްޤީ ހުރިހާ ސަރަޙައްދަކަށް ހަމަހަމަ ގޮތެއްގައި ބެހުމެވެ. ހަތަރުވަނަ ކަމަކީ ބިދޭސީން މަދުކުރުމެވެ. ގިނަ މީހުން ބޭނުންވާ ކަންކަން، މެޝިނަރީ ބޭނުންކޮށްގެން މަދު މީހުންނާއެކު ކުރެވޭނެއެވެ. ކައިރި ޤައުމުތަކުގެ އާބާދީ އިންތިހާއަށް ބޮޑުވަމުންދާ އިރު، ރާއްޖޭގައި ވަކި ޤައުމިއްޔަތެއް ދެމެހެއްޓޭނީ ބިދޭސީން އައުން ކޮންޓްރޯލް ކުރެވޭނޭ ގޮތްތަކެއް ހަދައިގެންނެވެ. ވިސާ ތަޢާރުފު ކޮށްގެންނެވެ. ތަޢުލީމުގެ މިޞްރާބު، މަސައްކަތްތެރިކަމާ ދިމާއަށް ބަދަލުކޮށްގެންނެވެ. މިހެން ނަހަދައިފިނަމަ، އެ ޤައުމުތަކުގެ މީހުންގެ ދިރިއުޅުމަށްވުރެ، ދިވެހީންގެ ދިރިއުޅުން ދަށަށް ގޮސް، އެމީހުން އަންނަން ބޭނުން ނުވަންދެން ބިދޭސީން ރާއްޖެ އަންނާނެއެވެ. މި ނުކުތާ އާ މެދު ވިސްނާލުމަށް އޮސްޓްރޭލިއާ މިސާލަކަށް ނަންގަވާށެވެ. އޮސްޓްރޭލިއާ އަކީ އެ ޤައުމާ ކައިރީގައިވާ އިންޑޮނީޝިއާ އަށް ވުރެ ދިރިއުޅުމުގެ ފެންވަރު މަތި، ދިހަ ގުނަ މީހުން މަދު ޤައުމެކެވެ. އޮސްޓްރޭލިއާގެ ވިސާ ދިނުމުގެ ހަރުކަށި ނިޒާމު، އެ ޤައުމަށް ޒިޔާރަތްކުރަން އުޅެފައިވާ މީހުންނަށް އޮޅިފައެއް ނޯންނާނެއެވެ. ނަމަވެސް، ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމަށް އޮސްޓްރޭލިއާއަށް މި ނޫން ގޮތެއް ނެތެވެ. އެއީ އެ ޤައުމުގެ މަޞްލަޙަތެވެ. ރަށްބޭރު ދޮރޯށި ތަންމިނަށް ހުޅުވާލައިފިނަމަ، ޤައުމަށް އަރައިގަންނާނީ ބައިބޯ އިންޑޮނީޝިއާ އާއި ކައިރި ޤައުމުތަކުގެ މީހުންނެވެ. މި ބިދޭސީން ފުރަތަމަ ކޮޅު ދަށް މުސާރައަށް ކޮންމެ މަސައްކަތެއް ކޮށްދިނުމަށް ވެސް ތިބެނީ ތައްޔާރަށެވެ. ނަތީޖާއަކަށް ވާނީ، އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެކަށީގެންވާ ވަޒީފާ ނުލިބުމެވެ. ވަޒީފާތަކުގެ މުސާރަތައް ދަށްވުމެވެ. ބޭރަށްދާ ޤައުމުގެ ފައިސާ އިތުރުވެގެން ދިއުމެވެ. އަދި، މަސައްކަތްތެރިކަން އޮސްޓްރޭލިއާގެ ޒުވާނުންގެ ތެރެއިން ނެތިގެން ދިއުމެވެ. ދެން ވަޒީފާނެތް ޒުވާނުންނާ ގުޅިގެން އުފެދޭ ހުރިހާ ނުބައިކަމެއް އިތުރުވާނެއެވެ. މަސައްކަތަށްޓަކައި އޮސްޓްރޭލިއާ އަށް ހިޖުރަކުރާ މީހުން ކިރިޔާ ވެސް މަދުވާނީ އޮސްޓްރޭލިއާގެ ދިރިއުޅުމުގެ ފެންވަރު އިންޑޮނީޝިއާގެ ދިރިއުޅުމުގެ ފެންވަރަށް ދަށްވުމުންނެވެ. އެއް ޙާލަތަކަށް ދެ ޤައުމު އައުމުންނެވެ. މިހާރުގެ ހަމަތަކަށް ބަދަލެއް ނުގެނެސްފިނަމަ، މިއީ ދިވެހިރާއްޖެ ވެސް ތަޖުރިބާކުރަން ޖެހޭނޭ ޙާލަތެވެ.

ޤައުމީ ސަލާމަތްތެރިކަމާ މެދު އެޅިދާނެ ފަސްވަނަ ފިޔަވަޅަކީ ވަކިވެގަތުމަށް މަސައްކަތް ކޮށްފާނެ ކޮންމެ ނުފޫޒެއް ނައްތާލުމެވެ. ޤައުމުގެ އައިޑެންޓިޓީ ވަކި ސަރަޙައްދެއްގެ އައިޑެންޓިޓީއަށް ވުރެ ފުޅާކުރުމެވެ. މާބޮޑު ސަރަޙައްދެއް ވާނަމަ، އެ ސަރަޙައްދެއްގައި އެހެން ހިސާބުގަނޑުގެ މީހުން ވަޒަންވެރި ކުރުވުމެވެ.

ހަވަނަ ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލާނީ ޤައުމީ ސަލާމަތްތެރިކަން ދިފާޢުކުރާ ބާރުތަކުގެ ޙިކްމަތްތެރިކަމާއި ހުޝިޔާރުކަމާއި ދިފާއީ ކުޅަދާނަކަން މަތިކުރުމެވެ. މިއާ ގުޅޭ ހަތްވަނަ ފިޔަވަޅަކީ ސަރަޙައްދުގެ މުހިންމު ހިސާބުތަކުގައި ސަލާމަތްތެރިކަމާ ބެހޭ މަރުކަޒުތައް، މުހިންމު ހަތިޔާރުތަކާއެކު ޤާއިމްކުރުމެވެ. ކަންދިމާވާގޮތުން، ބޭރުބައެއްގެ އަތްދަށުވެ ރާއްޖޭގެ މިނިވަންކަން ގެއްލުނުކަމުގައި ވިއަސް، ގެރިއްލާ ހަނގުރާމައެއް ކޮށް އިސްތިޢުމާރުންނަށް ގޯނާކޮށް ދިގުމުއްދަތަކުން ބަލިކުރެވިދާނޭ ޤާބިލްކަން ރާއްޖޭގެ މުހިއްމު ހިސާބުތަކުގައި އުފެއްދުމެވެ. ޕޯޗުގީޒުން ރާއްޖެއަރައިގަތުމުން އެމީހުން ބަލިކުރައްވައި ރާއްޖެއިން ފައްސާލި، މުޙައްމަދު ތަކުރުފާނުގެ އަމަލުފުޅުތަކުންނާއި، ހޮޅީން ރާއްޖެ އަރައި އަދި ދޮނަކުޅީގައި ކިއްލާއެއް ހެދުމުން އެތަން ނައްތާލި ދޮންބަންޑާރައިންގެ ޢަމަލުފުޅުތަކުން ޢިބްރަތް ނެގުމެވެ.

ޤައުމީ ސަލާމާތްތެރިކަން އިތުރުކުރުމަށް އެޅިދާނެ މުހިއްމު އަށްވަނަ ފިޔަވަޅަކީ، ޤައުމީ ސަލާމާތްތެރިކަމާ މެދު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ. މިކަންކަމާ މެދު ފިކުރުކޮށް ޢަމަލުތައް ރާވާނޭ ޚާއްޞަ މަރުކަޒެއް ނުވަތަ ވިސްނާނޭ ބައެއް ރާއްޖޭގައި އުފެއްދުމެވެ. އެކި އެކި މުޞީބާތްތައް ކުރިމަތިވުމުން ކަންކުރާނޭ ގޮތް ރާވައި ލިއެފައި ބެހެއްޓުމެވެ. އެމެރިކާގެ ހަނގުރާމަވެރިން ކުރާ އެއްކަމަކީ، އެކިއެކި ޤައުމުތަކަށް އަރައިގަންނާނޭ ގޮތް ފަދަ ”ސެނާރިއޯ“ ތައް ހިތައް ގެނެސް އެކަން ތަންފީޒުކުރާނޭ ގޮތް ތަދުބީރު ކުރުމެވެ. ރާއްޖޭގެ ޤައުމީ ރައްކާތެރިކަމާމެދު އަޅުގަނޑުމެން ފަރުވާ ކުޑަ މިންވަރީ މީގެ ދިހަވަރަކަށް މަސް ކުރިން މާލެއިން ފެން ކެނޑުމުން ހަދާނެ ގޮތް ހުސްވުމެވެ. އެފަދަ ޙާލަތަކަށް އެއްވެސް ރޭވުމެއް ނުވެއެވެ. މިކަމާ ބެހޭ ޤައުމީ އިދާރާއެއް ހުރިއިރު އެ ފަރާތުން މިފަދަ ޙާލަތަކަށް ކޮށްފައިވާ ކަމެއް، ލިޔެފައިވާ ތަދުބީރެއް ނެތެވެ. އިޖްތިމާޢީ އަދި ދިފާޢީ ކަންކަމާ މެދު ވިސްނާ ގްރޫޕްތަކަށް ކިޔާނަމެއް އިނގިރޭސި ބަހުގައި އޮވެއެވެ. އެއީ ”ތިންކްޓޭންކް“ އެވެ. މި މަޒުމޫނު ލިޔުމުގެ ކުރިން، ޖަޒީރާ ޤައުމުތަކުގެ ޤައުމީ ސަލާމަތްތެރިކަމާ ބެހޭ ގޮތުން ލިބެން ހުރި ބައެއް ތަކެތި ދިރާސާކޮށް އަޅުގަނޑު ކިޔާ ހެދީމެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނީ އެމެރިކާގެ އެއް ޔުނިވަރސިޓީއެއްގައި ޖަޒީރާ ކުދި ޤައުމުތަކުގެ ޤައުމީ ސަލާމަތްތެރިކަމާ ބެހޭ ކޯހެއް ހިންގާ ކަމެވެ. އަދި ކިއެއްތަ، ދަންނަވަންތޯއެވެ؟ މި މަޒުމޫނުގައި ހިމެނިފައިވާ ބައެއް މަޢުލޫމާތަކީ އެ ކޯހުގެ ”ފޮތްތަކުން“ ހޯދާފައިވާ މަޢުލޫމާތެވެ. ކުދި ޤައުމުތަކުގެ ސަލާމަތްތެރިކަމާ ބެހޭ ގޮތުން މާ ބޮޑު ފިކުރެއް ކުރަން ނުޖެހޭ ބަޔަކު، މިކަމަށް މިހާ އިސްކަންދޭއިރު، އެކަމެއްގައި ދިވެހިރާއްޖޭގެ ދިރުން ހިމެނޭ ކަމަކަށް އަޅުގަނޑުމެން ދޭންޖެހޭ އިސްކަމާ މެދު ފިކުރު ކުރައްވާށެވެ! އަޅުގަނޑުގެ ނަޒަރުގައި ބައެއް ވަޒީފާތަކަށް މީހުންނަށް ވަދެވެނީ ވަކި ދާއިރާއަކުން ސެޓިފިކެޓް، ޑިޕްލޮމާ ޑިގްރީ އޮވެގެން އެކަންޏެއް ނޫނެވެ. ސަރުކާރަށް ވަނުމަށްވެސް އިމްތިޙާނަކުން ފާސްވާން ޖެހެއެވެ. އެހެންނޫނީ ބަވަނަ ވަމުން އަންނަ ދުނިޔެއެއްގައި، ބަނަ ޖައްވެއްގައި، ޤައުމު ކުރިއަށް ގެންދެވޭނީ ކިހިނަކުންތޯއެވެ؟ އެކި ޤައުމުން ކިޔަވައިގެން އަންނަ މީހުންގެ ކިބައިގައި ހުންނާނީ އެކި ޚިޔާލާތެވެ. ޤަބޫލުކުރެވޭނީ އެމީހަކު ކިޔެވި ތަނަކުން ކިޔަވައިދިން އެއްޗިއްސެވެ. ދެން ކަމެއް ފިކުރުކޮށް ހިންގަން ޖެހުމުން، އެކި މީހުން ދަމާނީ އެކި ދިމާއަށެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި، ޤައުމީ ސަލާމަތްތެރިކަން އިތުރުކުރަން ކުރަންޖެހޭ ނުވަވަނަ ކަމަކީ ޤައުމުގައި ”ޑިރެކްޓް“ ޑިމޮކްރެސީ ފުޅާ ކުރުމެވެ. ޑިމޮކްރެސީގެ ދެބާވަތަކީ ރެޕްރެޒެންޓޭޓިވް ޑިމޮކްރެސީ އާއި ޑިރެކްޓް ޑިމޮކްރެސީއެވެ. ރާއްޖޭގައި މިއޮންނަނީ މުޅިންހެން ރެޕްރެޒެންޓޭޓިވް ޑިމޮކްރެސީއެވެ. ޤާނޫނު ހަދާމީހުން ވޯޓުލައިގެން ހޮވުނަސް، ޤާނޫނެއް ހެދުމުގައި ރައްޔިތުންގެ ބައިވެރިވުމެއް ނޯވެއެވެ. ހުރިހާ ކަމެއްހެން ކުރަނީ ރައްޔިތުންގެ ފަރާތުން މެންބަރެކެވެ. މި ނިޒާމުގެ މައްސަލައަކީ ހޮވުމަށްފަހު މެންބަރު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތީއެވެ. އެކި ފަރާތްތަކުން އެ ފަރާތްތަކުގެ މަޞްލަޙަތަށްޓަކައި ވޯޓާއި މެންބަރު ”ގަނެލުން“ އޮންނަނީ ދާދި ގާތުގައެވެ. މެންބަރަށް ރައްޔިތުން ”ފެންނަނީ“ ކެމްޕެއިން ދުވަސްވަރު ފެށޭއިރާއި ނިމޭއިރު އެވެ. ޑިރެކްޓް ޑިމޮކްރެސީއެއްގައި ޤާނޫނުތައް ހެދުމުގައި ރައްޔިތުން ސީދާ ބައިވެރިވެއެވެ. ގްރީކްގައި ކުރިން އޮންނަނީ ޑިރެކްޓް ޑިމޮކްރެސީއެވެ. ސްވިޓްޒަރލަންޑްއަކީ ޑިރެކްޓް ޑިމޮކްރެސީ މިހާރު އެންމެ ފުޅާކޮށް ތަންފީޒުކޮށްފައިވާ ޤައުމެވެ. ރައްޔިތުންގެ މަޖިލިހުން ކޮންމެ ޤާނޫނެއް ފާސްކުރިއަސް، އެއް ލައްކަ މީހުންގެ ސޮއި ހޯދަނިކޮށް އެ ޤާނޫނެއް ތަންފީޒުކުރެވޭނީ ރެފަރެންޑަމް އަކުން ނިންމާ ގޮތަކުންނެވެ. އެއީ ވޯޓުލާންޖެހޭ ޢުމުރުގެ ހުރިހާ ރައްޔިތުންގެ ވޯޓެއް އެ ޤާނޫނާ ބެހޭ ގޮތުން ނަގައިގެންނެވެ.

އަޅުގަނޑުގެ ނަޒަރުގައި ޤާނޫނު އަސާސީ ފާސްކުރުމާއި ބަދަލުކުރުން އޮންނަން ޖެހޭނީވެސް ރެފަރެންޑަމަކުންނެވެ. 2015 ވަނަ އަހަރު ދިވެހިރާއްޖެ ތަޖުރިބާކުރަމުން މިދަނީ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ކުޅޭކުޅޭ ގޮތަށް ސިޔާސީ ސަބަބުތަކަށްޓަކައި ޤާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތައް ގެންނަމުންދާތަނެވެ. މެންބަރުން ވޯޓުލަނީ  ރައްޔިތުންނާ މާ ބޮޑު މަޝްވަރާ ކުރުމެއް ނެތިއެވެ.

ޑިރެކްޓް ޑިމޮކްރެސީގައި، ވަކި އަތޮޅެއްގެ ނުވަތަ ރަށެއްގެ ކަންތައްތައް ނިންމުމުގައި އެ އަތޮޅެއްގެ ނުވަތަ ރަށެއްގެ ރައްޔިތުންގެ ބައިވެރިވުން އޮންނާނެއެވެ. ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ފާސް ކުރެވުނަސް އެޤާނޫނަކީ ރާއްޖެއާ އެކަށީގެންވާ ޤާނޫނެއް ނޫނެވެ. އެ ތަންފީޒުވެގެން ގޮސްފައިވަނީ ވެސް އެކަށީގެންވާ ގޮތަކަށް ނޫނެވެ. 2015 ވަނަ އަހަރު އައިރު، ލާ މަރުކަޒީ އުޞޫލުވަނީ އެއް ހަމައަކުން ބަލާއިރު ނެތި ގޮސްފައެވެ. އަތޮޅު އަދި ރަށު ކައުންސިލްގެ ބާރުތައް ކަނޑައި ފައިސާގެ ގޮތުން ދަތިކުރުމުންނާއި ބާރުތައް ބައްކޮށްގެން މައި ސަރުކާރުން، ސިޔާސީ ސަބަބުތަކަށްޓަކައި، ޑިރެކްޓް ޑިމޮކްރެސީގެ އަސަރު، މުޅިންހެން، ހިންގުމުގެ އޮނިގަނޑުން ވަނީ ފިލުވާލާފައެވެ. ޑިރެކްޓް ޑިމޮކްރެސީ އޮންނަނަމަ، އަތޮޅެއް ނުވަތަ ރަށެއް ބަޣާވަތް ހަދައިގެން ޤައުމުން ވަކިވާކަން ނޫޅޭނެއެވެ. ރަށާއި އަތޮޅުގެ މީހުންނަށް އެމީހުންނާ ސީދާ ބެހޭ ކަންކަމުގައި ބާރުވެރިކުރެވިފައިވާ ކަން އެމީހުންނަށް އިޙްސާސް ކުރެވޭނެއެވެ.

ރައްކާތެރިކަންވަނީ ހޭލުންތެރިކަމުގަ އެވެ.  އެހެންކަމުން ޤައުމީ ސަލާމަތާ މެދު ފާރަވެރިވެ، ހޭލުންތެރިވާ އަދި ދިފާޢީ ޤާބިލް ރައްޔިތެއް އުފެއްދުމަކީ ޤައުމީ ސަލާމަތާ ބެހޭ ގޮތުން ކުރަންޖެހޭ ދިހަ ވަނަ ކަމެވެ. ކުދިކުދި ޤައުމުތަކުގައި، މިސާލަކަށް ސިންގަޕޫރާއި ސްވިޓްޒަރލޭންޑްގައި، ޤައުމުގެ ފިރިހެން ކޮންމެ ރައްޔިތަކަށް ދިފާޢީ ތަމްރީނެއް ދެވެއެވެ. މިދުވަސްވަރު ވަނީ ބައެއް މީހުންނަށް، އެމީހުންގެ ކިބައިގައި ހަރުދަނާ ކަމާއި ފިރިހެންވަންތަކަން އަށަގަންނުވާ ދުވަސްވަރަކަށެވެ. ހުނަރުތައް އާލާކުރާ ދުވަސްވަރަކަށެވެ. ރާއްޖޭގައި މިކަން މިފެންވަރަށް ނުގެންދިޔަ ޔަސް، ސިޔާސީ ތަޢަޞުބަށް ވުރެ އުސް ހަރުފަތެއްގައި ވިސްނާ، ދިފާޢީ ކަންކަމަށް ލޯ ހުޅުވިފައިވާ، އެކަންކަމުގެ ފިކުރު ހުރި ހޭލުންތެރި ރައްޔިތެއް އުފެއްދުމަކީ ރާއްޖޭގެ ދުރު މުސްތަޤްބަލްގެ ސަލާމަތަށް ބޭނުންވާ ކަމެކެވެ. އެއީ ސިފައިންގެ އިތުރުންނެވެ. މިކަން ތަންފީޒުކުރުމަށް ހުރި ހުރަސްތަކަކީ، ރާއްޖޭގެ ޤާނޫނީ އަދި ތަޢުލީމީ ނިޒާމެވެ. ސިފައިންގެ ތަމްރީނުގައި ވެސް ހައެއްކަ މީހުންވަނީ މަރުވެފައެވެ. އެކަމާ ޒިންމާވާ ބަޔަކާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ. މިހިނގާ 2015 ވަނަ އަހަރު، ސިފައިގެން ގުދަނުން ހަތިޔާރުތަކެއް ވަނީ ސިފައިން ވަގަށް ނަގާފައެވެ. ސްކޫލްތަކުން ދަރިވަރުންނެއް ތަރުބިއްޔަތެއް ނުކުރެވެއެވެ. އެކަށީގެންވާ ހަރުދަނާ ސުލޫކެއް ޤާއިމްކުރަން ހުރަސް އަޅާ ޤާނޫނުތައް ރާއްޖޭގައި ވެއެވެ.

މިދެންނެވި  ދިހަ ކަންތައްތަކުގެ އިތުރަށް ޤައުމީ ސަލާމަތްތެރިކަމާ ބެހޭ އެތައް ކަމެއް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ދާޚިލީ ހަމަޖެހުމެވެ. އެހެނީ ދާޚިލީ ހަމަޖެހުން ނެތްނަމަ، ޤައުމު ނިކަމެތިވެ، ޤައުމީ ސަލާމަތްތެރިކަން ކުޑަވާނެއެވެ. ދާޚިލީ ހަމަޖެހުމުގައި ސިޔާސީ ހަމަހިމޭންކަން ހިމެނެއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އަޅުގަނޑަށް އަޑުއިވުނީ ދިވެހީންގެ ސިޔާސީ ކޮހުންތަކެއް، ސްރީލަންކާގައި ތިބޭ ބިދޭސީ ސަފީރުންގެ އޮފީސްތަކަށް ވަދެ، ރާއްޖޭގެ ދާޚިލީކަންކަމާ ބެހުމަށް ދަޢުވަތުދިން ވާހަކަ އެވެ. ބޭރު ބައެއްގެ މަދަދުވެރިކަން އޮންނާނީ ރާއްޖޭގެ ދާޚިލީ ކަންކަން އެބަޔަކު އެދޭ ގޮތަކަށް އެބައެއްގެ މަޞްލަޙަތާ އެއްގޮތަށް ބަދަލުކުރުމަށެވެ. މިފަދަ ކޮހުންނަކީ ޤައުމީ ޣައްދާރުންކަމަށް ނޫނީ ނުވާނެއެވެ. ޤައުމުގެ ޤަދަރާއި ކަރާމާތް ނަގާލުމަކީ މި އެކާވީސް ވަނަ ޤަރުނުގެ ތެރޭގައި، ބޭރުގެ ފަރާތްތަކާ ގުޅިގެން ޤައުމަށް ޢަދާވާތްތެރި އެތައް ދިވެހިން ކުރާ ކަމެކެވެ. ހިތަށް އަންނަނީ ދިވެހީންގެ މިނިވަންކަން ގެއްލެން ދިމާވި ގޮތްތަކެވެ. ހޮޅީންގެ ދަށަށް ރާއްޖެ ދިޔަ ގޮތެވެ. އައްޑޫ ބަޣާވަތުގައި ރާއްޖޭގެ ”ދޫނިތައް ދިރާސާ ކުރުމަށް“ އިނގިރޭސީން އަތޮޅުތަކަށް ދިޔަ ގޮތެވެ. ޕިޗޯރީންނާއި ތަމަޅައިން ރާއްޖެ އައި ގޮތެވެ. މިބާވަތުގެ ޢަމަލުތައް ފެންނަނީ ސިޔާސީ ފަރާތްތަކުން އެކަންޏެއް ނޫނެވެ. މީގެ ދެތިން އަހަރު ކުރިން އެއްހާހަކަށް މީހުން ބައިވެރިވި ޞިއްޙަތާ ބެހޭ ޖަލްސާއެއްގައި އަޅުގަނޑު ބައިވެރިވީމެވެ. ރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރު، ބައިވެރީންނަށް މުޚާޠަބު ކުރަން ލިބުނު ފުރުޞަތު ބޭނުންކުރީ، ޞިއްޙަތާ ބެހޭ ވާހަކަ ދެއްކުމަކަށް ނޫނެވެ. ރާއްޖޭގެ ދާޚިލީ ހަމަނުޖެހުމުގެ ވާހަކަ ދައްކައިގެން އަމިއްލަ މުންޑު ނަގާ ބޮލުގައި އެޅުމަށެވެ. އަމިއްލަ ޤައުމު ފަޟީޙަތްކޮށް، އަގުވައްޓާލުމުން އޭނާގެ ވަޒީރުކަމާ ދޭތެރޭ ބައިވެރީން ހީކުރާނީ ކީކޭތޯއެވެ؟ އޭނާ އަކީ ޤައުމީ ވަޒީރެއްތޯއެވެ؟ މިފަދަ ކޮހުންގެ ތެރޭގައި ރާއްޖޭގެ ޑިރެކްޓަރ ޖެނެރަލުން ފެންވަރުގެ މީހުން ވެސް ހިމެނެއެވެ. ބިދޭސީ ބައެއްގެ ކުރިމަތީގައި އަޅުގަނޑުމެން އެންމެންވެސް ވާންވާނީ އަޅުގަނޑުމެންނަކީ ރާއްޖޭގެ ސަފީރުން ކަމުގައެވެ.

މި މައުޟޫޢުއާ މެދު ވިސްނާއިރު، ހަނދާންކުރަންވީ އަނެއްކަމަކީ، ބޭރުގެ އެހީއެވެ. މިއީ ވެސް މިކަމުގައި ހެވާއި ނުބައި ހިމެނޭ ކަމެކެވެ. ބޭރުގެ އެހީއާ ނުލައި ބައެއް ކުދި ޤައުމުތަކުގެ ޙާލަތު ވަރަށް ދަށްވާނެއެވެ. ނަމަވެސް، ވިސްނަން ޖެހޭ އެއްކަމަކީ މިކަމުގެ ސަބަބުން، މީހުންގެ ހިތްތަކުގައި އަމިއްލައަށް މަސައްކަތް ކޮށްގެން ކާމިޔާބު ހޯދުމުގެ އެދުންވެރިކަން ކުޑަވުން އެކުލެވޭ ކަމެވެ. އަދި ބައެއް ކަންކަމަށް ބޭރުން ލިބޭ އެހީއަކީ ފޮރުވިފައިވާ ނޭދެވޭ އެދުންތަކަކާއެކު ބޭރުގެ ފަރާތްތަކުން ދޭ އެހީއެވެ. އެހީދޭ ފަރާތްތަކުގައިވެސް، ދެވޭ އެހީގެ ސަބަބުން ފަޤީރުކަން ބޮޑުވުމާ ނުވަތަ ކުޑަވުމާ މެދު ޝައްކު އުފެދި ބަހުސް ހިނގައެވެ. ބައެއް އެހީގެ ސަބަބުން، ޤައުމުގެ ތެރޭގައި ފިތުނަ އުފެދެއެވެ. ނަމަވެސް، އަޅުގަނޑު އެންމެ ކަންބޮޑުވަނީ ޤައުމުގެ ޢިއްޒަތުއްނަފްސު އާ ދޭތެރޭގައެވެ. ދިމާވާ ކޮންމެ ކަމެއްގައި، އަމިއްލަ އެއްވެސް ޤުރްބާންވުމެއް ނެތި، ބޭރުގެ އެހީއަށް އެދުމަކީ ކޮންފަދަ ކަމެއް ބާވައެވެ؟ ހިތަށް އަންނަނީ ޙުސައިން ޞަލާޙުއްދީނުގެ ބައިތެކެވެ.

ލަދެއްނެތި އަތްދިމާކުރުމީ، ތިމާގެ އެދުންތަކާ މެދުގައި،
ހިނގާ ގޮސް އަނެކަކުގެ ގާތަށް، ކަމެއްތޯ ހުތުރު ނުވެދާނޭ

ހިތުގައި އުފެދޭ ވަހުމްތައް ފިލަނީ އަޅުގަނޑު އެމީހަކާ ދުވަހަކުވެސް ބައްދަލުވެފައި ނުވާ އަދި އޭނާއާ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާ އަޅުގަނޑުގެ ”ރައްޓެއްސެއްގެ“ ތާއީދުގެ ސަބަބުންނެވެ. މުޙައްމަދު އަމީންގެ ”ދިވެހި ދަރިއެއްގެ ޢަޒުމްއެއް“ ގެ މި ބައިތުންނެވެ.

ކެރިފޯރުމޭ އިނގޭ ތެދޭ  ބޭރުގެ އެހީ އަކާ ނުލައި
ކެރިގެން މަސައްކަތާ އެކީ  ބޭނުން ފިކުރު ކުރާނަމޭ.

ޝައްކެތް ނެތެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތްތެރިކަމަކީ ނާޒުކު އެއްޗެކެވެ. ދިވެހި ޤައުމުގެ މިނިވަންކަން ހިމާޔަށް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެކެވެ. ކޮންމެ މީހަކަށްވެސް ލިބިފައިވާ ފިކުރާއި ޢިލްމާއި ތަޖުރިބާގެ ސަބަބުން މިކަމާ ދޭތެރޭ ދެކޭގޮތް ތަފާތު ވެދެއެވެ. މި މުހިއްމު މައްސަލާގައި އަޅުގަނޑަށް ކުރެވިފައިވާ ބައެއް ޚިޔާލު މިދަންނަވާލެވުނީއެވެ. ތިބޭފުޅާގެ ޚިޔާލު ތަފާތުވާން ޖެހޭނެއެވެ. ވަﷲ އަޢުލަމް!

ހިތުގައި ހިގާ ގަދަ އެދުމަކުން ނަފުސާ ދުލަށް ކެތް ނުވެގެން
ހިތުގައި މިވާ ގޮތްވުން އަދައި ގޮވަމޭ އެކީ ރޫޙާ ދުލުން.
މުޙައްމަދު އަމީން.