އެމްވީ އޭ ވަޙީދު

އެއީ 1995 ވަނަ އަހަރެވެ. އަޅުގަނޑު ނިޔު ޒީލެންޑްގައި ކިޔަވަން އުޅެފައި ޗުއްޓީގައި މާލެ އައިސް އުޅުނު އުޅުމުގައި ގޭގައި ހުރި ކަލަންޑަރެއްގެ ލިޔުމަށް ނަޒަރު ހުއްޓިއްޖެއެވެ. އެއީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހުން 1995 ވަނަ އަހަރު ނެރެފައިވާ ކަލަންޑަރެކެވެ. އެ ކަލަންޑަރުގައި ޤުރްއާންގެ އާޔަތްތަކުގެ މާނަ ތާނައިން ލިޔެފައިވަނީ ވަރަށް ރީތި އަތު ލިޔުމަކުންނެވެ. މި އަކުރުތަކަކީ ފިބާއަކުން ލިޔެފައިވާ އަކުރު ތަކެކެވެ. މިއަކުރުތައް ފެނުމުން، އެ އަކުރުތަކުން ފޮންޓެއް ހަދައިފިނަމަ، އެއީ ފިބާއިން ލިޔާވަރުގެ ލިޔުން ލިޔުމަށް ވަރަށް ކަމުދާނެ އަކުރުތަކެއްކަމަށް އަޅުގަނޑަށް ވިސްނުނެވެ.

މި ދުވަސްވަރު ފޮންޓު ހަދަން އަޅުގަނޑު ގެންގުޅެނީ ފޮންޓޮގްރާފަރ 2.0 ކިޔާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހޯދުމާއި މި މަސައްކަތުގައި އަޅުގަނޑަށް އެހީވާ ދެ ފަރާތެއް އުޅެއެވެ. އެއީ ރައީސް އޮފީހުގެ ކޮމްޕިއުޓަރ ސެކްޝަންގައި މަސައްކަތްކުރާ އަޅުގަނޑު ކިޔަވައިދިން ކުއްޖެއްކަމުގައިވާ ޢާރިފް އާއި މަޖީދިއްޔާގައި އޭނާ އުޅުނު ދުވަސްވަރު ކިޔަވަން އުޅުނު ޙަސަން ޝުޖާޢު ކިޔާ ކުއްޖެކެވެ. ޢާންމުކޮށް ތާނަލިޔާ ފޮންޓުތައް ހެދުމުގައި އަޅުގަނޑަށް މި ދެމީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ. ފޮންޓު ހަދަން ހެދިގޮތަކީ ކަލަންޑަރުގައިވާ ލިޔުން ބޮޑުކޮށް އެ ސްކޭންކޮށްގެން އަކުރުތަކުގެ ބައްޓަންތައް ނުވަތަ ކިއްސަރު ކަނޑައަޅަނީއެވެ. މި ބައްޓަންތަކަކީ ހިސާބުގައި ބޭނުންކުރާ ކޮޑްރެޓިކް ބެޒިއަރ ކާރވް ބޭނުންކޮށްގެން ކަޑައަޅާ ބައްޓަން ތަކެކެވެ. ވަރަށް ގިނަ ސްކޫލް ނިންމާ ކުދިންނަށް ކޮޑްރެޓިކް އީކްއޭޝަން ގްރާފު ގަނޑެއްގައި ކުރަހަން އެނގޭނެއެވެ. އަދި އީކްއޭޝަންގެ ކޮއެފިޝަންޓް އާއި އެހެން ބަހާތައް ބަދަލުކުރުމުން އެ ކާރވްގެ ބައްޓަން އެކި ސިފަސިފައަށް ބަދަލުކުރެވޭ ކަން އެނގޭނެއެވެ. ބެޒިއަރ ކާރވްގެ އާދަޔާ ޚިލާފުކަމަކީ، ބައްޓަންގެ ފެށޭކޮޅާއި ނިމޭކޮޅު ކަނޑައެޅިގެން ބަޔާންކުރުމާއެކު ދެން ގެންނަ ބަދަލުތައް ހިސާބުން ބަޔާންކުރެވޭ ކަމެވެ. ބެޒިއަރ ކާރވް އެންމެ ފުރަތަމަ ބޭނުންކުރަންފެށީ ކާރު ހަދާ ކުންފުނިތަކުން ކާރުގެ ތޮށިގަނޑުގެ ބައްޓަން ހިސާބުން ބަޔާން ކުރުމަށެވެ.

ކޮންމެއަކަސް އަކުރުތަކުގެ ބައްޓަންތައް ހަދާފައި އެއަށް ފާޑުކިޔުމަށް ޙަސަން ޝުޖާޢު މެދުވެރިކޮށް ރައީސް އޮފީހުގައި އުޅޭ ރީތިކޮށް ލިޔާކަމަށް ބުނާ މީހަކަށް އައު ބައްޓަން ތަކާއި ކަލަންޑަރުގެ ގަނޑު ފޮނުވައިފީމެވެ. އެ ދުވަސްވަރު ރައީސް އޮފީހަށް މުވައްޒަފުން ނަގަނީ އެހެން އޮފީސްތަކުންނެވެ. އެއީ ހާޒިރީއަށާއި އަތުލިޔުމަށާއި އުޅުމަށް ބަލައި އެކި އޮފީސް އޮފީހުގައި އުޅޭ އެންމެ ރަނގަޅު މުވައްޒަފުންނެވެ. ކޮންމެއަކަސް، ޙަސަން ޝުޖާޢު އަޅުގަނޑާ ފަހުން ބައްދަލުވުމުން، އޭނާ ބުނީ އޮފީހުން ދެއްކި މުވައްޒަފު، އޭދަފުށީ ޢަބްދުﷲ ވަޙީދު، ކަލަންޑަރު ބައްލަވާފައި އެއީ އޭނާގެ އަތުލިޔުން ކަމަށް ވިދާޅުވިކަމަށެވެ.  މިކަން މި މެދުވެރިވީ ހާދަ ރަނގަޅަށޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. ދެން ކޮންމެއަކަސް ޢަބްދުﷲ ވަޙީދު ވިދާޅުވާ ބަދަލުތައް ބައްޓަންތަކަށް ގެނެސް ޢަބްދުﷲ ވަޙީދު ބައްލަވަން ޕްރިންޓް ކުރި ގަނޑުތަކެއް ފޮނުވަނީއެވެ. މިގޮތަށް ޙަސަން ޝުޖާޢު ހައެއްކަ ފަހަރު އަޅުގަނޑާއި ޢަބްދުﷲ ވަޙީދާ ދެމެދު ހިނގާފައިވާނެއެވެ. އޭރު އަޅުގަނޑާ އޭނާއާ ބައްދަލެއް ނުވެއެވެ.  ރައީސް އޮފީހުގެ އެކި ޚާއްޞަ މަސައްކަތްތަކުގައި އުޅުމުގެ ފުރުޞަތު، ވޭތިވެދިޔަ ހަތަރު ރައީސުންގެ ދައުރުގައި  ލިބުމާއެކު މިހާރު އޭނާއާ ބައްދަލުވެ  ރަޙްމަތްތެރި ވެވިއްޖެއެވެ. މި އައު އިޞްދާރު ވަނީ ޢަބްދު ﷲ ވަޙީދު ދެތިން ފަހަރު ބައްލަވާ، އޭނާ ފާހަގަ ކުރެއްވި ބަދަލުތައް އަކުރުތަކުގެ ބައްޓަންތަކަށް ގެނެސްފައެވެ.  ޢަބްދުﷲ ވަޙީދަށް ފަށްފަށުން ޝުކުރިއްޔާ އެވެ!

މި ފޮންޓު އެންމެ ފުރަތަމަ ހަދާ ނިމުނީ 2 ޖަނަވަރީ 1996 ގައެވެ. ދެން 1999 ގައި މި ފޮންޓުގެ ބައްޓަންތައް އަލުން އެޑިޓް ކުރިއެވެ.  މިފަހަރު، 2015 އަހަރުގެ ނޮވެމްބަރު މަހު މިފޮންޓު ވަނީ އައު ޓެކްނޯލޮޖީތައް ބޭނުންކޮށްގެން ކުރިއަށް ވުރެ ފުރިހަމަ ކޮށްފައެވެ. މި ފޮންޓަށް ކިޔަން އަޅުގަނޑު ޤަޞްދުކުރި ނަމަކީ، ޢަބްދުﷲ ވަޙީދުގެ އެހީތެރިކަން އިހުތިފާލުކުރުމުގެ ގޮތުން އޭ–ވަޙީދެވެ. އޭ–ކިޔަނީ ފޮންޓުގެ ނަންތައް ފެންނައިރު އެޕްލިކޭޝަންގެ ފޮންޓު ލިސްޓުގެ ކުރީގައި ތާނަ ފޮންޓުތަކުގެ ނަންތައް ބެހެއްޓުމަށްޓަކައެވެ. އެ ޒަމާނުގެ ކޮމްޕިއުޓަރުތަކުގައި މިހާރު މިހުންނަ ފަސޭހަތަކެއް ނުހުރެއެވެ. ކަންދިމާވާ ގޮތުން، “އޭ” ވަނީ ޢަބްދުﷲ ވަޙީދުގެ ނަމުގެ ފުރަތަމަ އަކުރަށެވެ. ޔުނިކޯޑު ތާނަ ހުރިހާ ފޮންޓެއް،  ފޮންޓު ލިސްޓްގައި ގާތުގައި ބެހެއްޓުމަށާއި ކުރީ އިޞްދާރާއި ތަފާތު ކުރުމަށްޓަކައި މިފަހަރު ނަމުގެ ކުރިއަށްވަނީ “އެމްވީ”  އިތުރުކޮށްފައެވެ.

ތާނައަކުރުތަކަކީ އެކި ސައިޒަށް ޚާއްޞަކޮށްގެން ފަރުމާކުރާ އަކުރުތަކެކެވެ. މި ފޮންޓު ފަރުމާކޮށްފައިވަނީ ފޮންޓު ސައިޒު 16 އާއި 50 އާ ދެމެދަށެވެ. ތިރީގަައިވާ ނިޝާނަށް (އައިކަން އަށް)  “ކްލިކް” ކޮށްލެއްވުމުން ފޮންޓު ޑައުންލޯޑު ވާނެއެވެ.

downloadbig