ފުން ފެނުގައި ގިތެޔޮ މިރުސް ހެއްދުން – 1

ފެނުގައި ގަސް ހެއްދުމަކީީ މީގެ 16 ވަރަކަށް އަހަރު ކުރިން ފެށިގެން ރާއްޖޭގައި ކޮންމެވެސް ވަރަކަށް ހިނގަމުން އަންނަ ކަމެކެވެ. ފެށުނު އިރު، މިކަން ވަރަށް ”ވައިގައި ހިފާ“ ޢާއްމު ތަންތަނުގައާއި އޮފީސްތަކާއި މަދަރުސާތަކުގައި މިބާވަތުގެ ނިޒާމުތައްބަހައްޓާފައި ހުރެއެވެ. ނަމަވެސް ފެށުނު އިރު ހުރި ޖޯޝާއި ފޯރި، ގިނަ ދުވަސްވުމުން އެހެން އައު ކަންތައްތަކުގެ ފޯރި ވެެސް  ކެނޑޭގޮތަށް، ކުޑަވެއްޖެއެވެ.  ނަމަވެސް މިހާރުވެސް، ކޮންމެވެސް މިންވަރަކަށް ރާއްޖޭގައި މިކަން ވިޔަފާރީގެ ގޮތުގައި ބައެއް ރަށްރަށުގަ އާއި ރިސޯޓްތަކުގައި ކޮށް އުޅެއެވެ.  އަދި ބައެއް ރަށްރަށުން އުފައްދާ ތަކެތި މާލެއަށް ވިއްކަން ގެނެއެވެ.

ފެނުގައި ގަސް ހެއްދުމަށް ކިޔަނީ ހައިޑްރޯޕޮނިކްސް އެވެ. ހައިޑްރޯގެ މާނައަކީ ފެނެވެ. ޕޮނިކްސް އަކީ ޔޫނާނީ ބަހުން މަސައްކަތަށް ކިޔާނަމެކެވެ. މިހާރަކަށް އައިސް އެތައް ގޮތަކަށް މިކަން ކުރާތީ، ތަފާތު ބާވަތް ބާވަތުގެ ”ޕޮނިކްސް“ ނިޒާމުތައް ހުރެއެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑުގެ ރައްޓެއްސެއް ކުޑަހުވަދޫގައި ކުރި ތަޖުރިބާއަކާއި މާލޭގައި އަޅުގަނޑު ކުރި ވަކި ބާވަތެއްގެ ހައިޑްރޯޕޮނިކްސް ތަޖުރިބާއަކާއި، ތިޔަބޭފުޅުން ޝައުޤުރިވެރިވާނެ ފަދަ  ތަޖުރިބާއެއްގެ ވާހަކައެވެ. ބަޔަކަށް މަންފާއެއް ނެރެން މިކަން ކުރަން އެނގޭނޭ މިންވަރަށް މި މަޒުމޫނުގައި މިކަން ޚުލާޞާކޮށްލާނަމެވެ.

މާލެއާއި ރާއްޖެތެރޭގައި ހައިޑްރޯޕޮނިކްސް މަސައްކަތް ކުރި ފަރާތްތަކުން އެކަން ޢާއްމުކޮށް ކުރީ، ހަތަރު އިންޗީގެ އެސްލޯން ހޮޅި ބޭނުންކޮށްގެން، ހޮޅީގެ ތެރެއިން ފެން ދައުރުކޮށްގެންނެވެ. ހޮޅީގައި ގަސްތައް ޖަހަނީ، އޭގައިކަނޑާފައިވާ ލޯވަޅުތަކަކަށެވެ. ހޮޅީގެ ތެރެއިން ދައުރުކުރާ ފެނުގައި މޫތައް ޖެހޭގޮތަށް އިސްޕަންޖް ނުވަތަ ޕްލާސްޓިކް ތައްޓެއް ފަދަ އެއްޗަކުން ލޯވަޅުތަކުގައި ގަސްތަކުގެ ކަނދު ހިފަހައްޓައިގެންނެވެ. ހޮޅީގެ ތެރެއިން ދަތުރުކުރާ ފެން އެޅެނީ ތިރީގައި ހުންނަ ތާނގިއަކަށެވެ. ތާނގީގެ ތެރޭގައިވާ ޕަންޕަކުން، ހޮޅީގެ ފުރަތަމަ ކޮޅަށް ފެން އަލުން ފޮނުވައެވެ. ހޮޅިތައް ހުންނަނީ ރަހަ އަށެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ.

hydro2Photo credits: 1 & 2

މިބާވަތުގެ ނިޒާމަކީ އެއްވެސް ފެނެއް ބޭރަށް އިސްރާފު ވެގެންދާ ނިޒާމެއް ނޫނެވެ. އެހެންކަމުން މިފަދަ ނިޒާމުތަކަށް ކިޔަނީ ”ކްލޯސްޑް“ ނުވަތަ ބަންދުވެފައިވާ ނިޒާމެވެ. އަދި ޕަންޕަކުން ފެން އަބަދު ދައުރުކުރާތީ، ދައުރުކުރާ ބާވަތުގެ ނިޒާމެއް މެއެވެ. ދެން މިދަންނަވާލަނީ އެސް ލޯނު ހޮޅިން ހަދާ މި ނިޒާމުގެ އިތުރު ތަފްޞީލެވެ.

ހޮޅީގެ ނިޒާމުގެ އިތުރު ތަފްޞީލުތައް

ދެން އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޙިއްޞާކޮށްލާނީ  އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ އުނިމާ މުޙައްމަދު ރަޝީދުގެ، ކިރުކޮޕީ ހެއްދުމުގެ ތަޖުރިބާއެވެ. އުނިމާ ރަޝީދުއޭ ތޯއެވެ؟ އޭނާއަކީ، ”ދިވެހިރާއްޖޭގެ އަޑު“ގައި 23 އަހަރު ވަންދެން އިންޖިނޭރުކަން ކުރެއްވި ބޭފުޅެކެވެ. އިލެކްޓްރޮނިކް އިންޖިނިއަރިން ދާއިރާގައި، ޚާއްޞަކޮށް އަޑު ދުރަށްފޮނުވުމާ ބެހޭ އިންޖިނިއަރިން ދާއިރާއަށް ފުންނާބު އުސް، މަޝްހޫރު ބޭފުޅެކެވެ. އޭނާގެ ދުވަސްވަރު، ދިވެހިރާއްޖޭގެ އަޑު،  ތިޔަ ބޭފުޅުންނަށް އިވިއިވި ހުރި އެއް ސަބަބަކީ އޭނާގެ ހިތްމަތާއި މިންނަތެވެ. އޭނާގެ ކެރުމާއި މުރާލިކަމެވެ. ދެން އެއްދުވަހަކު، ވަޒީފާއަށް އުފާވެރި އަލްވަދާޢުއެއް ވިދާޅުވެ ގެޔަށް ވަޑައިގެންތަނާ، ހައިޑްރޯޕޮނިކްސް ”ހުން“ ޖެހިއްޖެއެވެ. މިހާރު އުނިމާ ރަޝީދަކީ ދަނޑުވެރިކަމުގެ ވިޔަފާރީގައި ހައްދުންމަތީގައި އެންމެ ގަދަޔަށް ފިޔަޖަހާ ގުރަހައެވެ. އެންމެ ބަބުޅާ އުޖާލާ ތަރިއެވެ.

DSC00221އުނިމާ މުޙައްމަދު ރަޝީދު ޤަޞްދުކުރެއްވީ ދ.އަތޮޅު ކުޑަހުވަދޫގައި ކިރުކޮޕީގެ ވިޔަފާރިއެއް ފެށުމަށެވެ. ހިސާބުކިތާބު ހެއްދެވުމުން އޭނާއަށް ވިސްނިވަޑައިގަތީ، މިކަމުން އެކަށީގެންވާ ނަފާއެއް ނެރެވޭނީ 2000 އަކަ ފޫޓުގެ ޖާގައެއްގައި މިކަން ކުރުމުން ކަމެވެ. އެހެންކަމުން، އޭނާ އެފަދަ ނިޒާމެއް ކުޑަހުވަދޫގައި ހަދައިފިއެވެ.  އާދެ! އަށް ނިޒާމެވެ. ތިރީގައި އެވަނީ އޭނާގެ ”ދަނޑުގެ“ ފޮޓޯއެވެ.

DSC00207ހައިޑްރޯޕޮނިކް ނިޒާމް ހަރުކޮށްފައި ހުންނަނީ ހިޔާތަނެއްގައެވެ. އެކަމުގެ ސަަބަބުން އަވި މަތަކުރެވެއެވެ. ވާރެއާއެކު ފައިބާ ޖަރާސީމުން ގަސްތައް ރައްކާތެރި ކުރެވެއެވެ. ހިޔާކުރަން ދަމާފައިވާ ޕްލާސްޓިކްގެ ތިރީގައި އަވި ދިނުން އިތުރަށް ކޮންޓްރޯލްކުރަން ކަޅު ހިޔާދަލެއް ވެއެވެ. ގަސްތައް ޅައިރު މާ އަވިގަދަ ވެއްޖެނަމަ، މި ދައު ދަމާލަނިކޮށް ގަސްތަކަށް ބޮޑަށް ހިޔާވާނެއެވެ.

DSC00242ކޮންމެ ނިޒާމެއްގައި ހަ ހޮޅިހިމެނެއެވެ. އެއީ މެދުގައިވާ ގަސްތަކަށް ދެފަރާތުންވެސް ގާތްވެވޭނެ މިންވަރަށެވެ. އަވިން ހޮޅިތައްވާ ހޫނު ކުޑަކުރުމަށް ހޮޅީގައި ހުދުކުލަލައެވެ. ހޮޅީގައި ހުންނަނީ ކޮންމެ އަށް އިންޗިއަކުން ދޮޅު އިންޗި ދިގުހުރަހުގައި ހުންނަ ލޯވަޅެއް އަޅާފައެވެ. ހޮޅިތައް ހުންނަނީ މަސައްކަތަށް ފަސޭހަގޮތަށް ތިން ފޫޓު އުސްމިނުގެ ހަރެއްގައެވެ. އުސްވުމުން ގަސްތަކަށް ބިމުން އަރާ ޖަރާސީމު އަރަން ދަތިވެއެވެ.

DSC00249ކަނާދު (ގަހަށް ބޭނުންވާ ކާނާ ހިމެނޭ އެލްބާރޓް ސޮލިއުޝަން އެޅި) ފެން ހުންނަނީ ތާނގީއެއްގައެވެ. މި ތާނގި ހުންނަނީ ބިމުގައި އެއްބައި ވަޅުލާފައެވެ. މިހެން ހެދުމުން ތާނގި ފިނިކޮށް ހުރެއެވެ. ތާނގި ފިނިކުރަން ބައެއް މީހުން އޭގެ ވަށައިގެން ފަން އޮޅައެވެ. ތިރީގައި ތާނގި ބަހައްޓާ އަނެއް ސަބަަބަކީ، ހޮޅީގެ ފެން ދައުރުކޮށް ތާނގިތެރެއަށް އެޅޭގޮތް ހެދުމެވެ.

DSC00162އޮށް ފަޅުވަނީ އިސްޕަންޖު ގަނޑެއްގައި ދޮޅުއިންޗި ދޮޅު އިންޗި ހުންނަވަރަށް ބައިކޮށް މެދުކަފާލާފައެވެ. ދެން މެދަށް ތިން އޮށް ލުމަށްފަހު، އިސްޕަންޖު ގަނޑު ތެތްކޮށް ބާއްވައެވެ.  ތިން ދުވަސްވުމުން އޮށްފަޅެއެވެ. ހަތް ދުވަސްވުމުން، ކޮންމެ އިސްޕަންޖު ކޮޅެއް، ހޮޅީގައިވާ ލޯވަޅަށް ޖަހައެވެ.

DSC00173ރަޝީދު ވިދާޅުވާ ގޮތުން، އިންދާތާ 25 ދުވަހުގެ ތެރޭގައި ފަތްތައް ކަނޑަން ޖެހެއެވެ. 30 ދުވަސްވުމުން ފަތުގެ މީރުކަން ކޮންމެވެސް ވަރަކަށް ގެއްލެއެވެ. އެހެންކަމުން، ވިޔަފާރީގެ ގޮތުގައި މިކަން ކުރާނަމަ، އަދި އަބަދު ފަތް ލިބެން ހުންނަން ޖެހޭނަމަ، މަދުވެގެން ހަތަރު ނިޒާމު ބޭނުން ވެއެވެ. އެކި ނިޒާމުގައި ގަސްތައް ހައްދާނީ އެކި ދުވަހަށް ”ފޯދޭ“ މިންވަރަށެވެ. މިގޮތުން ކޮންމެ ދުވަހަކު ކަނޑައިގެން ވިއްކާނޭ ފަތް ލިބެންް ހުންނާނެއެވެ. އޭނާ ވިދާޅުވާގޮތުގައި، މިބާވަތުގެ ދަނޑުވެރިކަމުގެ އެންމެ ބޮޑު އުނދަގުލަކީ ކޮންމެފަހަރަކު، އަލުން އޮށް އިންދުމުގެ ކުރިން، ލަށްފިލުވާ ބޭހުން، ހޮޅިތައް ސާފުކުރަންޖެހޭ ކަމެވެ.

މިބާވަތުގެ ނިޒާމެއް ކިޔުންތެރިއަކު ހަދަން ބޭނުން ވެއްޖެނަމަ، އެކަން ކުރާނެގޮތް ރަޝީދު ކިޔުއްވާދެއްވާފާނެ އެވެ. އޭނާއަކީ މީހުންނަށް އުނގަންނައިދެއްވާ ހިތްޕުޅުވާ ބޭފުޅެކެވެ. އޭނާ އަޅުގަނޑަށް ކިޔާދެއްވި، މި މަޒުމޫނުގައި ނުހިމެނޭ ދެތިން ތަފްޞީލެއް ވެއެވެ. އެއީ، ގަސްތައް ޅައިރު، ފެން ދައުރުކުރުވާނެ މިނާއި، ގަސްތައް ހެދެން ފެށުމުން ފެން ހޮޅިތެރޭގައި ހުންނަންޖެހޭ އުސްމިނާއި ވައިގެ މުހިއްމު ކަމާއި ބަލިތައް ދާފަރާ ކުރާނޭ ގޮތެވެ. އެހެންކަމުން، ކިޔުންތެރިއަކު މިކަން ކުރައްވަން ނިންމަފައިނަމަ، އޭނާއާ ގުޅުއްވުން އެދެމެވެ. އެ ތަފްޞީލުތަކަކީ، ތަޖުރިބާގެ ގޮތުން އޭނާ ޙާޞިލްކޮށްފައިވާ ޢިލްމެވެ. އެ މަޢުލޫމާތެއް ފޮތްތަކަކުން ނުފެންނާނެއެވެ. ތިރީގައި މިވަނީ 2004 ވަނަ އަހަރު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސިޒް އިން ތައްޔާރު ކޮށްފައިވާ ވީޑިއޯ އެކެވެ. މި ވީޑިއޯގައި، މީގެ ސިސްޓަމް ހަދާނެގޮތް ދިވެހިބަހުން ސާފުކޮށް ކިޔާދެއެވެ.

[embedyt]https://www.youtube.com/watch?v=GtMVBQbxvdg&width=400&height=250[/embedyt]

ރާއްޖޭގައި ހައިޑްރޯޕޮނިކްސް ވައިގައި ނުހިފީ ކީއްވެ؟

ރާއްޖޭގެ ދަނޑުވެރިން ޢާއްމުކޮށް ފެނުގައި ގަހެއް ނުހައްދައެވެ. އެކިމީހުންގެ ތަޖުރިބާ ތަފާތުވާތީ، ހައިޑްރޯޕޮނިކްސް ބޭނުން ނުކުރަނީ ކީއްވެގެން ކަމާމެދު އެކި މީހުންދޭ ޖަވާބު ތަފާތުވާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި މިކަން އެދޭ މިންވަރަށް ކާމިޔާބު ނުވި މައިގަނޑު ވަނީ ދެ ސަބަބެކެވެ. އެއް ސަބަބަކީ، އެ ނިޒާމު ހެދުމަށް ގަންނަންޖެހޭ ތަކެއްޗާއި ކުރަންޖެހޭ މަސައްކަތުގެ އަގުބޮޑު ކަމެވެ. ފައިދާއެއް ނުކުންނަ މިންވަރަށް މި ނިޒާމު ތައްޔާރު ކުރާއިރު،  މިހާރުގެ އަގުން 30،000 ރުފިޔާ ޚަރަދު ވާނެއެވެ. މިއޮތީ މިކަމަށް ބޭނުންވާ އަސާސީ ތަކެތީގެ ލިސްޓެކެވެ.

ދެވަނަ ސަބަބަކީ، ރާއްޖެއަށް ތަޢާރުފުކުރި ނިޒާމުގައި މައިގަނޑު ގޮތެއްގައި ހެއްދެނީ، އެއް ބާވަތެއްގެ ފަތެކެވެ. އާދެ! ލެޓިސް އެވެ. {މި ލަފުޒު ކިޔާ ދެތިން ގޮތެއް އޮވެއެވެ. ދެކުނު އޭޝިޔާގެ މީހުން ”ލެޓިއުސް“ މިހެން ކިޔައެވެ. އަނެއް ބަޔަކު “ލެޓަސް” މިހެންވެސް ކިޔާ އުޅެވެ.} ލެޓިސް އަށް ލެޓިސް ކިޔަނީ، ލެޓް އަކީ ކިރަށް ކިޔާ ނަމަކަށް ވާތީއެވެ. މިފަތުގެ ދިޔަ ހުންނާނީ ކިރު ހެން ހުދުކުލައިގައެވެ. މިސަބަބަށްޓަކައި މި ފަތަށް ދިވެހިބަހުން ކިރުކޮޕީ ކިޔަމާތޯއެވެ؟

ކިރުކޮޕީ އަކީ ދިވެހިރާއްޖޭގައި ބޭނުންކުރާ ކޮޕީ ފަތާ ޚިލާފަށް ދިވެހި ކާނާގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫނެވެ. މިފަތް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ސޭންޑްވިޗް، ހޭމްބާރގަރ ނުވަތަ ސަޓަނީގެ ތެރެއަށް އަޅަންށެވެ. މި ބާވަތުގެ ކާނާއަކީ، ރާއްޖޭގައި ޢާއްމު ބާވަތެއް ނޫނެވެ. އެހެންކަމުން، ކިރުކޮޕީއަކަށް މާބޮޑު ބާޒާރެއް ނެތެވެ.  ފަތުގެ %90 އަކީ ފެނެވެ.   ހައިޑްރޯޕޮނިކް ނިޒާމުން އަގުބޮޑު، އަދި ޑިމާންޑް ބޮޑު ނުވަތަ މީހުން އެ ގަންނަންބޭނުންވާ ތަރުކާރީއެއް ހެއްދޭނަމަ، ދަނޑުވެރިން އެއަށް ދޭ ސަމާލުކަން އިތުރުވީހެވެ. (ކޮޕީފަތަށް އިނގިރޭސިބަހުން ކިޔަނީ ކޮލާރޑް (collard) އެވެ. ކޮޕީފަތަކީ، ކިރުކޮޕީއާ އަޅާބަލާއިރު، ހަށިގަނޑަށް ނުހަނު މަންފާކުރުވަނިވި މާއްދާތައް ހިމެނޭ ފަތެކެވެ. ބައެއް މީހުން ދުނިޔޭގެ އެންމެ ރަނގަޅު ތަރުކާރީ ފަތްތަކުގެ ތެރޭގައި ކޮޕީފަތް ހިމަނައެވެ.)

collardvarietiesއަޅުގަނޑަށް ވިސްނޭގޮތުގައި، ބައެއް ކަންކަމަށްކިރުކޮޕީ މަދުން ބޭނުން ކުރިއަސް އެކަށީގެންވާ މަންފާއެއް ދަނޑުވެރިންނަކަށް އެއަކުން ނުނެރެވޭނެއެވެ. އެއީ އެ ބޭނުންކުރާ މިންވަރު މަދުކަމުންނާއި، ފަސޭހައިން ތާޒާކަން ގެއްލޭތީއާއި، އަދި ވިއްކޭނޭ އަގު ކުޑަކަމުންނެވެ. މި ނިޒާމުގައި ކަންބާވެސް ހެއްދެއެވެ. ނަމަވެސް، ކަންބާ އެކަށީގެންވާ ގޮަތަކަށް ބިންމަތީގައި ވެސް ހެއްދެއެވެ. ހައިޑްރޯޕޮނިކްސް ނިޒާމުން ގިތެޔޮ މިރުސް ހެއްދިދާނެ ހެއްޔެވެ؟

ފުން ފެނުގައި ގަސް ހެއްދުން

އެސްލޯން ހޮޅީގައި ތަފާތު ބާވަތް ބާވަތުގެ ގަސްތައް ހައްދަން ފަސޭހައެއް ނޫނެވެ. މުޅިންހެން މި  ނިޒާމުން ހައްދާފައި ހުއްޓާ ފެންނަނީ ކިރުކޮޕީއެވެ. ތަފާތު ބައެއް އެހެން ބާވަތްތައް ހައްދަނީ އެހެން ނިޒާމުތަކުގައެވެ. މީގެ ތެރޭގައި ހިމެނޭ އެއް ނިޒާމަކީ ފުން ފެނުގެ ނިޒާމެވެ. އިނގިރޭސި ބަހުންނަމަ، ޑީޕް ވޯޓަރ ކަލްޗަރ އެވެ. މިގޮތާ އިދި ނިޒާމަކީ ތިލަ ކަނާދު ފަށަލަައެއްގައި ގަސް ހެއްދުމެވެ. އިނގިރޭސި ބަހުންނަމަ، ނޫޓްރިއަންޓް ފިލްމް ޓެކްނިކެވެ.

2003 ވަނަ އަހަރު އެއްފަހަރަކު، ހަނިމާދޫއަށް ދެވުނު ދަތުރެއްގައި، އެތަނުގެ ބޮޑު ފެހިގެއެއްގައި ހައިޑްރޮޕޮނިކް ނިޒާމުން ދެތިން ބާވަތެއްގެ ގަސް ހައްދާފައި ހުއްޓަތީ ފެނުނުވެ. އެއީ 1 ފެބްރުއަރީ 2003 ވަނަ ދުވަހު އެވެ. މީގެ 14 ވަރަކަށް އަހަރު ކުރިންނެވެ. މިއީ ސަރުކާރުން ފެށި މަޝްރޫޢުއަކާ ގުޅިގެން ހިންގަން ފެށިތަނެކެވެ. ރާއްޖޭގައި ހައިޑްރޯޕޮނިކް ނިޒާމްތައް ޢާއްމުވީ މި މަޝްރޫޢު އާ ގުޅިގެންނެވެ. ތިރީގައި އެވަނީ އޭރު އެތަނުގެ ކަންތައްތައް ހުރިގޮތުގެ ހަނދާންތައް އައުވާނޭ ފޮޓޯއެވެ.

hani1

DSCF0081

ހަނިމާދޫގައި ގަސްހައްދާތަން ފެނުމުން، އަޅުގަނޑުވެސް މިތަޖުރިބާ ކޮށްލަން ބޭނުން ވެއްޖެއެވެ. އެހެން ނިޒާމަކުންނެވެ. އާދެ، ފުން ފެނުގެ ނިޒާމުންނެވެ. ފުން ފެނުގެ ނިޒާމަކީ ތިރީގައިވާ ނިޒާމެވެ.

2eaa04a3ac0e6729a907ed9c85849d91އާދެ! ފުންފެނުގައި ގަސް ހައްދަނީ، ބޮޑު ކަންވާރަކަށް ނުވަތަ ފޮއްޓެއް ފަދަ އެއްްޗަކަށް ފެން އަޅައިގެންނެވެ. އަޅުގަނޑު ބޭނުންކުރީ ރީނދޫ ކުލައިގައި ހުންނަ ކައްކާ ތެޔޮ ހުސްކުރި ހަމެވެ. ފެންމަތީގައި ބާއްވަނީ ފުޅިމަދު ފިލާގަނޑެކެވެ. އޭގައި ލޯވަޅުތަކެއް ތޮރުފާފައި ހުރެއެވެ. މިލޯވަޅުތަކަށް ޖަހަނީ ކުދިކުދި ޕްލާސްޓިކް ފެންބޯ ތަށިތަކެކެވެ. ނުވަތަ މިޒަމާނުގައި ގެންގުޅޭ ޔޯގާޓު ހުސްކުރި ތަށިތަކެކެވެ. މިތަށިތަކުގައި ހުންނަނީ ލޯވަޅުތަކެއް އަޅާފައެވެ. ދެން ތަށިތަކަށް ކުދިކުދިކޮށްކޮށާފައި ހުރި ބޮބިއަޅައި ގަސް ރުވަނީއެވެ.  އެންމެ ފުރަތަމަ ދެތިން ބާވަތެއްގެ އޮށް ހޯދައި، ގަސްތައް ފަޅުވައިފީމެވެ.  އަޅުގަނޑު  ހައްދަން ފެށީ، ކިރުކޮޕީއާއި، ބޭސިލް ނުވަތަ ކެއްކުމުގައި ބޭނުންކުރާ ފޮނި ގަނދަކޯޅިއާއި ވިލާތު ބައްޓެވެ. އާދެ! ޓޮމާޓޯއެވެ. ގަސްތައް އޮށުން ފަޅުވަނީ ތެންމާފައި އޮންނަ އިސްޕަންޖު ގަނޑެއްގައެވެ. ތިރީގައި އެވަނީ އެ ތަޖުރިބާގެ ފޮޓޯތަކެވެ.

DSC00020

DSC00022މޫތަކަށް ވައިގައި ހުންނަ އޮކްސިޖަން ބޭނުން ވެއެވެ. މިކަން ކުރަނީ، މަސްޓޭންކަށް ލާ ބާވަތުގެ ޕަންޕެއް ހަމުގެ ތެރެއަށް ލައިގެންނެވެ. ފޮޓޯއިން ހަމުގެ ތެރެއަށް ލާފައިވާ ވައިހޮޅި ފެނިވަޑައިގަންަނަވާނެއެވެ. ދެން ފެންގަނޑަށް އަޅަނީ، ގަސް ހެދުމަށް ބޭނުންވާ ހުރިހާ ކާނާގެ ބާވަތް ހިމެނޭ ކުނޑިއެކެވެ. މި ކުނޑި ވިއްކަން ހުންނަނީ ”އެލްބާރޓް ސޮލިއުޝަން“ މި ނަމުގައެވެ. އަޅުގަނޑު ގަތް އިރު، އެލްބާރޓް ސޮލިއުޝަން ޕެކެޓެއް ލިބެނީ ސާޅީހަކަށް ރުފިޔާ އަށެވެ.

ނަތީޖާ:

ދުވަސްކޮޅެއް ވީތަނާ، އަޅުގަނޑު ބޭނުން ނުވާތީ، ކިރުކޮޕީ ގަސްތައް އުކާލައިފީމެވެ. އަޅުގަނޑު އަމާޒުކުރީ، ފޮނި ގަނދަކޯޅި ވެސް ނަހައްދާ ހަމައެކަނި ވިލާތުބަށި ހެއްދުމަށެވެ. ދެތިން މަސްވީއިރު، ގަސްތައް ވަރަށް ބޮޑަށް ހެދި އޭގައި ވިލާތުބަށި އަޅަން ފަށައިފިއެވެ. ނަމަވެސް، މިގަސްތަކަށް ހަފުތާއަކު 60 ރުފިޔާގެ ފެން ޚަރަދުވާކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އެއީ ކޮންމެ ދެ ހަފުތާއަކުން ދެ ހަމުގައިވާ ހުރިހާ ފެނެއް އުކާލާ އައު ފެންއަޅަން ޖެހޭތީއާއި، އަވީގެ ސަަބަބުން ގަސްތަކަށް ބޭނުންވާ ފެން ގިނަކަމުންނެވެ. އެހެންކަމުން، އަޅުގަނޑަށް ވިސްނުނީ މާލޭގައި ހައިޑްރޯޕޮނިކްސް އިން ވިލާތުބަށި ހެއްދުމަކީ ހަމަޖެހޭ ކަމެއް ނޫންކަމެވެ. އާދެ! ތިން މަސްދުވަހުގެ ތެރޭގައި 360 ރުފިޔާގެ ފެން ޚަރަދު ވާނެއެވެ. ނަމަވެސް ހެދިފައިވާ ގަސްތަކުގައި އަޅާފައިވާ ވިލާތުބަށިތައް ވިއްކައިގެން އެ އަގެއް ނުލިބޭނެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ، މާލޭގައި މިކަން ކުރުމަކީ އިޤްތިޞާދީގޮތުން ދެކޮޅު ޖެހޭނޭ ކަމެއް ނޫނެވެ. ނަމަވެސް، އުފަލަކަށް ހައްދަން ބޭނުންނަމަ އެކަން ކުރެވިދާނެއެވެ. އަދި  ފެން ގަންނަން ނުޖެހޭ ރަށްތަކުގައި މިއީ ވިޔަފާރީގެ ގޮތުގައި ކުރެވިދާނޭ ކަމެކެވެ.  އަގުބޮޑު އެއްޗެއް ހައްދަން މިއީ ރަނގަޅު ނިޒާމަކަށް ވެދާނޭ ކަމެއް ކަމެވެ.

މުޙައްމަދު ޖަމީލުގެ ގިތެޔޮ މިރުސް ނިޒާމު

ރާއްޖޭގައި ހައްދާ ތަކެތީގެ ތެރެއިން، ބަރުދަނުގެ ގޮތުން އެންމެ އަގުބޮޑު މަންފާ ބޮޑު އެއްޗަކީ ގިތެޔޮ މިރުހެވެ. ވަރަށް އަގުހެޔޮ ހައިޑްރޯޕޮނިކް ނިޒާމެއްގައި ގިތެޔޮ މިރުސް ރާއްޖޭގައި ހައްދައިފިއެވެ. މިކަން ކުރީ، އައްޑޫ އަތޮޅު ހިތަދޫއަށް މަޝްހޫރު ފިޒިކްސް ޓީޗަރެކެވެ. އާދެ! މުޙައްމަދު ޖަމީލެވެ. އެކި ފާޑުގެ ތަޙްލީލުތައް ކުރުމަކީ އޭނާގެ ޠަބީޢަތުގައި ހުންނަ ސިފައެކެވެ. އެއްފަހަރު އޭނާއަށް ހައިޑްރޯޕޮނިކްސް ”ހުން“ ޖެހިގެން، ގިތެޔޮ މިރުސް ހައްދާ ހިތް ވެއްޖެއެވެ. ތިރީގައި މިދަންނަވަނީ އޭނާ އެކަން ކުރިގޮތެވެ.

ނަމަވެސް، މަޒުމޫނު މާދިގުވުމާ ގުޅިގެން އޭނާގެ ތަޖުރިބާތައް އަޅުގަނޑު ތިޔަބޭފުޅުންނަށް ގެނެސްދޭނީ އެހެން ފަހަރަކުންނެވެ.

ފެނުގައި ގިތެޔޮ މިރުސް ހެއްދުމާ ބެހޭ މަޒުމޫނުގެ ދެ ވަނަ ބައި

ގަސް ހެއްދުމާއި ދަނޑުވެރިކަމާ ބެހޭ އެހެން މަޒުމޫނުތައް