mvuligamusplash”އެމްވީ އުލިގަމު“ އަކީ ތާނަ އާއި ލެޓިން އާއި ޢަރަބި އަކުރުތައް ހިމެނޭ ފޮންޓެކެވެ. މިއީ ޒަމާނީ ސިފަތަކެއް ހުންނަ، ސުރުޚީތައް ފަދަ ކުރުލިޔުންތައް ލިޔުމަށް އެކަށީގެންވާ ފޮންޓެކެވެ. ދިގުކޮށް ލިޔަންޖެހޭ ތަކެތި (އިނގިރޭސިބަހުން ނަމަ، ބޮޑީ ޓެކްސްޓް ނުވަތަ މައި ލިޔުންގަނޑު) ލިޔުމަށް މިބާވަތުގެ ޒަމާނީ އަކުރުތައް ކަމަކު ނުދާނެއެވެ.

މި ފޮންޓުގައި ހިމެނޭ ލެޓިން އަކުރުތަކާއި ޢަރަބި އަކުރުތަކާއި ތާނަ އަކުރުތައް ލޮލަށް ފަސޭހަގޮތަކަށް އެއްގޮތްކަމެއް (އެކަމުތު ގޮތެއް ނުވަތަ އެކުލެވުމެއް) ހުންނާނެއެވެ. އަކުރުތައް މާބޮޑަށް ’ހާމަނައިޒް‘ ކޮށްފިނަމަ ނުވަތަ ލޮލަށް ފަސޭހަ ގޮތަށް ގުޅޭގޮތް ހަދައިފިނަމަ، ޢަރަބިއަކުރުތައް ތާނައާ މާ ވައްތަރުވެގެން ދިވެހި އަޑުތަކުން ޢަރަބި ކިޔަން އުޅެފާނެއެވެ. މިހެން މިދެންނެވީ ޢަރަބި ބައެއް އަކުރުތައް ތާނަ އަކުރުތަކުގެ ބައްޓަމާ ވައްތަރު ކަމުންނެވެ. އެހެންކަމުން، ޢަރަބި އަކުރުތަކުގައި ފިލިޖަހާފައިވާނީ ތާނައާ ތަފާތު ގޮތަކަށެވެ. ޢަރަބީގެ ފިލީގެ ބައްޓަމަކީ، އެންމެ ކުރިން މަދީނާގައި ޗާޕުކޮށްފައިވާ  ޚަތިމުގައިވާ ފިލިތަކުގެ ބައްޓަމެވެ. ޙަޤީޤަތުގައި، ޒަމާނީ އަކުރުތަކުން ޢަރަބި ލިޔާއިރު ފިއްޔެއް ނުޖަހާނެއެވެ.

ޢަރަބި އަކުރުތައް ހިމެނޭ ފޮންޓެއް ހެދުމަކީ ވަރަށް ކަވި ކަމެކެވެ. އެއީ ޢަރަބި ލިޔާއިރު އަކުރުތައް ގުޅުވާފައި ހުންނާތީ ކުރިން އޮންނަ އަކުރާއި ފަހުން އޮންނަ އަކުރުގެ ބާވަތުން ލިޔާ ގޮތް ބަދަލު ކުރަން ޖެހޭތީއެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ ޢަރަބި މީމު ލިޔަން ފޮންޓުތެރޭގައި ހިމެނޭ އަކުރުތަކެވެ. ޢަރަބި ކޮންމެ އަކުރެއްގެ މަދުވެގެން ހަތަރު ބައްޓަމެއް ހަދަން ޖެހެއެވެ. ޓައިޕްކުރަމުންދާއިރު، ޖަހާވަރަކަށް ފޮންޓުތެރޭގައި ހިމެނޭ ޕްރޮގްރާމަކުން، ބައްޓަންތައް ބަދަލުކުރަނީއެވެ.   މިކަންވާލެއް އަވަސްކަމުން ޓައިޕްޖަހާ މީހަކަށް ވާގޮތް ފާހަގައެއް ނުކުރެވޭނެއެވެ.

letter-shapesarabic-ligatureމަތީގައި ދެންނެވުނީ ޢަރަބި ފޮންޓު ހެދުމުގެ އެއް މައްސަލަ އެވެ. ދެވަނަ ކަމަކީ، ޢަރަބި ލިޔާ ގޮތުން، ޖެހިގެން އޮންނަ އަކުރުގެ ބާވަތުން، މުޅިން އެހެން ގޮތަކަށް ދެ އަކުރު ގުޅުވައެވެ. މިސާލެއްގެ ގޮތުން ތިރީގައިވާ ތަސްވީރަށް ނުވަތަ ކުރެހުމަށް ވިސްނަވާށެވެ. ތިރީގައި އެވާ ދެ ލަފުޒުގެ މާނައަކީ އެކައްޗެކެވެ. ނަމަވެސް، ލިޔެފައިވާ ގޮތް ތަފާތެވެ. އެންމެ ކަނާތްފަރާތުގައިވާ ލަފުޒުގައި، ލާމާއި މީމު ވަނީ ދުރުގައެވެ. ނަމަވެސް ގުޅިފައެވެ. ވާތްފަރާތުގައިވާ ލަފުޒުގައި ލާމު ވަނީ މީމުގެ މަތީގައެވެ.  ހަމަ ިމިގޮތަށް ދެ ލަފުޒުގައި ތާ އާއި މީމު ގުޅުވާފައި ވަނީ ތަފާތު ގޮތަކަށެވެ. ކޮމްޕިއުޓަރުން މިކަން ކުރާގޮތަކީ، ލާމާއި މީމު އަދިތާ އާއި މީމު ފަހު ލަފުޒުގައި އޮތްބައްޓަމަށް ހަދާފައިވާ އެކުވި އަކުރެއް ފޮންޓުތެރޭގައި ހިމަނަނީއެވެ. ދެއަކުރު ޖެހިޖެހިގެން އައުމުން، ފޮންޓުން އެ ފަހު ގޮތަށް ހިމެނޭ ބައްޓަމަށް ބަދަލުކޮށްލަނީއެވެ. މިގޮތަށް ދެއަކުރެއް ހިމެނޭ ބައްޓަމަށް އިނގިރޭސި ބަހުން ކިޔަނީ ލިގެޗާރ އެވެ. މިލަފުޒުގެ އަޞްލުމާނައަކީ ގުޅުވުމެވެ. ރީތިކޮށް ޢަރަބި ލިޔާ ފޮންޓެއްގައި، ދެ އަކުރާއި ތިން އަކުރާއި މިގޮތަށް ގޮތަށް 19 އަކުރު ހިމެނޭ ލިގެޗާރ ހިމެނެއެވެ. ރީތިކޮށް ޢަރަބި ލިޔެވޭ ފޮންޓެއްގައި، މަދުވެގެން 1200 ތަފާތު ލިގެޗާރ އާއި އެހެން ނިޝާންތައް ވެއެވެ. ”ޓްރެޑިޝަނަލް ޢަރަބިކް“ ކިޔާ ފޮންޓުގައި ލާމާއި ގުޅުވައިގެން ލިޔެވޭ 29 އަކުރަށް އެކުވިއަކުރު ނުވަތަ ލިގެޗާރ ހިމަނާފައި ވެއެވެ. ޢަރަބި ލިޔަންކިޔަން ދަތުމަށް މިހުރިހާ އަކުރުގެ ބާވަތްތަކެއް ދަސްކުރަން ޖެހެއެވެ. ދިވެހިރާއްޖޭގެ ލިޔަންކިޔަން ދަތުން %97 އަށް ވުރެ މަތިވާ އެއް ސަބަބަކީ، ތާނަ އަކުރުތައް ދަސްކުރަންށާއި ކިޔަން ފަސޭހަ ކަމުންނެވެ. ދަސްކުރަންޖެހޭ ބައްޓަންތައް މަދުކަމުންނާއި އޮޅުމަކަށް ޖާގަނެތުމުންނެވެ.

justification8varietiesoflaamu

 ޢަރަބި ފޮންޓުގެ ކަވި އަނެއް ކަމަކީ، ފިލި ޖަހާއިރު، އަކުރު ހިމެނޭ ތަނުގެ ސަބަބުން، އެއް ފިއްޔެއް މަތިކޮށް ތިރިކުރަން ޖެހޭތީއެވެ. މިސާލެއްގެ ގޮތުންް ތިރީގައިވާ އަކުރުތަކުގެ ފިއްޔަށް ވިސްނަވާށެވެ.

letter-shapes21ފެށޭ އަކުރުގައި (މީމުގައި) ޖަހާފައިވާ އަބަފިލި، ދެން ޖެހިގެންވާ އަކުރުގައި ޖަހާފައިވާ އަބަފިއްޔަށް ވުރެ ތިރިކަން ފާހަގަ ކުރައްވާށެވެ. ހަމަ އެގޮތަށް ތިރީ ފިލި ޖަހާ މިން ވެސް އަކުރުގެ ބާވަތުން ތިރިމިނާއި ޖަހާތަން ތަފާތުކަން ފާހަގަ ކުރައްވާށެވެ. ޢަރަބި އަކުރުތަކުގައި ރީތިކޮށް ލިޔާއިރު ފިލި ޖެހޭ އުސްމިން އެ އަކުރެއްގެ ގޮތުންނާއި އަކުރު އޮންނަ ތަނެއްގެ ސަބަބުން ތަފާތު ވެދެއެވެ. އެހެންކަމުން، ފޮންޓުން ކުރަންޖެހޭ ކަމަކީ، ހުރިހާ ތަނެއްގައި ހިމެނޭ އެކި ބާވަތް ބާވަތްތަކުގެ އަކުރުތަކުގައި، އެކި ފިލިޖަހަންޖެހޭ ގޮތް ތާވަލެއްގައި ފާހަގަ ކުރަނީއެވެ. ދެން ޓައިޕްކުރަމުންދާއިރު، ކޮންމެ ފިއްޔެއް އިސްކްރީންގައި ކުރެހުމުގެ ކުރިން، ތާވަލުން އަކުރުގެ ބާވަތާއި ފިލީގެ ބާވަތާއި އަކުރު އޮތްތަނަށް ބަލައި ފިލި ޖަހަނީއެވެ. މިއީ އަތުން ލިޔާ މީހެއްގެ ރީތި ލިޔުން ކޮމްޕިއުޓަރުން ލިޔަން ދަތިވާ އެއް ސަބަބެވެ.

މި ޢަރަބި އަކުރުތަކުގެ ގިނަ ބައްޓަންތަކަކީ އަޅުގަނޑު ކުރެހި ބައްޓަން ތަކެއް ނޫނެވެ. އަޅުގަނޑު ކުރަހާފައިވާނީ މަދު ބައްޓަންތަކެކެވެ. ޢަރަބި ގިނަ ބައްޓަންތަކަކީ މޮރިޓޭނިއާގެ މުޙައްމަދު ޙަސަން ކިޔާ މީހެއް ކުރަހާފައިވާ ބައްޓަންތަކެކެވެ. ނަމަވެސް، މީނާ ވެސް މި ބައްޓަންތައް ކުރަހާފައިވަނީ އެހެން ޢަރަބި ފޮންޓުތަކުގެ ބައްޓަންތައް ބަލައިގެންނެވެ. ތާނަ އަކުރުތަކާއި ފިލިތައް ކުރަހާފައިވަނީ އަޅުގަނޑެވެ. އަދި، އިނގިރޭސި އަކުރުތައް ތާނައާ ވައްތަރުކުރަން ބަދަލުކޮށް، މަދީނާގައި ޗާޕުކޮށްފައިވާ އެންމެ ކުރީގެ  ޚަތިމުގައިވާ ފިލިތައް ހިމެނީ އަޅުގަނޑެވެ. މި ޢަރަބި ފިލިތައް ތާނަ ފިލިތަކާ ތަފާތުކުރީ އަކުރުތަކާއި ފިލިތައް މާބޮޑަށް އެއްގޮތްވެ، އެކުލަވައިފިނަމަ، ކިޔަން ދަތިވެދާނެތީއެވެ. މި ފޮންޓުހެދުމުގެ މަޤްޞަދަށްވީ، ޢަރަބި އަކުރުތައް ކޮމްޕިއުޓަރުން ޕްރޮސަސް ކުރާ ގޮތް ދަސްކޮށް ފަރިތަވުމެވެ.  މިއީ މުސްތަޤްބަލްގައި ޢަރަބި ހިމަނައިގެން ހަދަން ގަސްދުކުރާ ފޮންޓެއް ހެދުމަށް ތަމްރީނެކެވެ.

sampleuligamupageފޮންޓުގެ ދެފޮޅުވަތް ދުރީ، ކީރިތި ޤުރްއާން ލިޔުމުގައި ބޭނުންކުރާ ވަޤުފް ނިޝާންތައް ހިމަނާފައިވާތީއެވެ. ޙަޤީޤަތުގައި މިބާވަތުގެ ފޮންޓަކުން ކީރިތި ޤުރްއާން އެއް ނުލިޔާނެއެވެ. ނަމަވެސް، ފޮންޓު ޓެސްޓުކުރުމަށްޓަކައި، ކީރިތި ޤުރްއާން ފަދަ ތަފާތު ނިޝާންތައް ގިނަ ލިޔުމެއް، ބޭނުންކުރުމަކީ ފޮންޓުގެ ތެރޭގައިވާ ތާވަލުތައް ބަރާބަރަށް މަސައްކަތް ކުރޭތޯ ބެލުމަށް މުހިއްމު ކަމެކެވެ. މިއޮތީ ޓެސްޓުކުރުމަށްޓައި، ބަޤަރާ ސޫރަތް މި ފޮންޓުން ލިޔެފައެވެ. ޢަރަބި ލިޔުން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އަދިވެސް ރަނގަޅުކޮށްލަންވީ ކަންތައްތައް ފާހަގަ ކުރެއްވޭ ނެއެވެ.

މިއީ ތާނައިން ލިޔުމަށް ފަރުމާކުރެވިފައިވާ ފޮންޓުތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. ސުރުޚީ ލިޔުމަށް އެކަށީގެންވާ ޢަރަބިއަކުރުތައް ވެސް ހިމެނޭ ފޮންޓެކެވެ.

މި ފޮންޓު ޑައުންލޯޑު ކުރުމަށް މި ޖުމުލައަށް ކްލިކްކުރައްވާށެވެ!