ގަސް ހެދުމާއި ބިންގަނޑުގެ ހުތްކަން

ގިނަ ގަސް ހެދުމަށް ފަސްގަނޑުގައި ހުތްކަމެއް ހުރުން މުހިއްމެވެ. މި ހުތްކަން ބަލާނެގޮތާއި ހުތްކަން ބަދަލުކުރާނޭ ގޮތަކީ ގަސް ހެއްދުމަށް ލޯބިކުރާ ކޮންމެ މީހަކަށް ވަރަށް މުހިއްމު މަޢުލޫމާތެވެ.

އާދެ! ބިމުގެ ހުތްކަމޭ ތޯއެވެ؟ އެންމެ ފުރަތަމަ ޤަބޫލުކުރަން ވެސް ދައްޗެވެ. ހުތްކަމަކީ ކާއެއްޗެތީގެ ސިފައެއް ކަމަށް ގިނަ މީހުން ވިސްނާއިރު، އެ ރަހަ އާއި ބިންގަނޑާ ގުޅުމެއް ހުންނަ ކަމަށް، އަދި ޚާއްޞަކޮށް، ގަސްހެދުމާ މި ކަމާ ވަރަށް ބޮޑު ގުޅުމެއް ހުންނަ ކަމަށް ކުރިން ވިސްނިފައި ނޯވެދާނެއެވެ.  ނަމަވެސް ޤަބޫލުކުރަންޖެހޭ އެއް ޙަޤީޤަތަކީ، ކޮންމެ އެއްޗެއްގައި ވެސް ރަހައެއް ހުންނަ ފަދައިން، ބިންގަނޑުގައި ވެސް ރަހައެއް ހުންނާނޭ ކަމެވެ. އަދި، ބައެއް މީހުންނަށް ލޮނު ގަދަ ކާތަކެތި މީރުވާ ފަދައިން، ބައެއް މީހުންނަށް ފޮނި ކާތަކެތި މީރުވާ ފަދައިން، ގަސްތަކަށް ”މީރު“ ވާނޭ ކާނާ އެއް ހުންނާނޭ ކަމެވެ. ގަހަށް މީރު ނޫން ކާނާއެއް އެއެއް ނުކާނޭ ކަމެވެ. މިކަމުގެ ސަބަބުން ގަސްތައް އަނަރޫފަވެ ބަލިވާނޭ ކަމެވެ. ކަން ހިނގާގޮތަށް ބަލާއިރު، ލޮނުރަހައާއި ފޮނި ރަހައާއި ކުޅިރަހައަށް ވުރެ ގަސް ހެދުމަށް މުހިއްމު ރަހައަކަށްވަނީ ހުތް ރަހައެވެ.

ހުތްރަހައިގެ އަޞްލު

ހުތްރަހަ، ގަސްހެދުމަށް މުހިއްމުވާތީ، ސައިންސްވެރިން އެ މިނާނެގެ ގޮތާއި އޭގެ އަޞްލު ހޯދާފައި ވެއެވެ. ހުތްރަހައިގެ އަޞްލު ކޮބައިތޯ ބެލުމުން އެމީހުންނަށް އޮޅުންފިލީ، ހުތްރަހަ އާއި ހައިޑްރޯޖަން  ކިޔާ ގޭހަކާ ގުޅުމެއް ހުންނަ ކަމެވެ.  ހައިޑްރޯޖަން އެކަހެރިގޮތެއްގައި ގިނަ ނަމަ، ހުތްކަން ގަދައެވެ. މަދު ނަމަ ހުތްކަން ކުޑައެވެ. ބިލިމަގު ފަދަ ހުތް އެއްޗެތީގައި، އެކަހެރިގޮތަކަށް ހައިޑްރޯޖަން ގިނައެވެ. ހައިޑްރޯޖަންގެ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ސައިންސްވެރިން ބޭނުންކުރަނީ އިނގިރޭސި އަކުރު އެޗު (H) އެވެ. އެއްޗެއްގައި އެކަހެރި ހައިޑްރޯޖަން ހުންނަ މިންވަރު ނުވަތަ ބާރު (power) ގެ ވާހަކަ ގިނަގިނައިން ދައްކަން ޖެހޭތީ، ހައިޑްރޯޖަން ހުންނަ ނިސްބަތަށް ޕީއެޗް (pH) ކިޔައެވެ. ޕީއެޗް އަކީ އެއްޗެއްގައި އެކަހެރި ހައިޑްރޯޖަން ހުންނަ މިންވަރެވެ. ޕީއެޗް ބަލަނީ 0 އާއި 14 އާ ދޭތެރޭގެ ޢަދަދަކުންނެވެ. ޕީއެޗް އެންމެ ދަށް އެއްޗިއްސަކީ ހުތްކަން އެންމެ ގަދަ އެއްޗިއްސެވެ. ޕީއެޗް ސުމެއްނަމަ، އޭގެ ހުތްކަން އިންތިހާއަށް ގަދަ ވާނެއެވެ. ހުތް އެއްޗެތީގެ ޕީއެޗް އުޅޭނީ އާއްމުކޮށް 0 އާއި 7 އާ ދޭތެރޭގައެވެ. އެއްޗެއްގެ ޕީއެޗް 7 އަށް ވުރެ ބޮޑު ނަމަ، އޭގައި ހުތްރަހަ މަޑުކަމުން ގޮސް އޭގެ އިދިކޮޅު ރަހަ ދޭން ފަށާނެއެވެ. ހުތް ރަހައިގެ އިދިކޮޅު ރަހައަކީ ކޮބައިތޯއެވެ؟ އިނގިރޭސި ބަހުން މި ރަހައަށް ކިޔަނީ އަލްކަލައިން (alkaline) އެވެ. އެއީ ޢަރަބިބަހުން އަޅިއަށް ކިޔާ ލަފުޒުން ހަދާފައިވާ ލަފުޒެކެވެ. ހުތް ތަކެއްޗަށް އިނގިރޭސި ބަހުން އެސިޑް (acid) ކިޔައެވެ.  އަޅިއަކީ އަލްކަލައިން އެއްޗެކެވެ. މީގައި ހުންނަ ރަހައަކީ ހުތްކަން ކުޑަކަމުން، އޭގެ އިދިކޮޅު ރަހައެވެ. ހުތްނޫން، އަލްކަލައިން ނޫން އެއްޗެއްގެ ޕީއެޗް އަކީ 7 އެވެ. މާލޭގައި ދޫކުރާ ވޯޓަރސަޕްލައި ފެނުގެ ޕީއެޗް އަކީ 7 އެވެ. ވާރޭ ފެނުގެ ޕީއެޗް 7 އަށް ވުރެ ދަށެވެ. އެއީ ވާރޭވެހޭއިރު، ޖައްވުގެ ތެރޭގައި ހުންނަ ބައެއް ގޭހާއި ފެން އެކުވެ، ހުތްވަނީއެވެ. އެލްމިނިއަމް  ބަޑިޔާގައި ވާރޭ ފެން ގިނަދުވަހު ބެހެއްޓުމުން އެތެރޭ ގެ ކުލަ ކުޑަކޮށް އަޅިވާގޮތް އެވަނީ ވާރޭފެން ހުތްވީމައެވެ. ބައެއް ގަސްގަހަށް ވާރޭ ފެންދިނުމުން މާރަނގަޅަށް ހެދެނީ ވާރޭފެން ހުތްވީމައެވެ.

ph-scale

ހުތްކަން މުހިއްމުވާ ސަބަބު

ގަހަށް ބޭނުންވާ ހަކަތަ އުފައްދަނީ އަލި ބޭނުންކޮށްގެން ފަތްތަކުންނެވެ. ނަމަވެސް މިކަން ކުރުމަށް ގަހަށް ތަފާތު  އެތައް ބާވަތެއްގެ މާއްދާތަކެއް ބޭނުން ވެއެވެ. މި މާއްދާތަކަށް އަޅުގަނޑު ކިޔާފައިވާނީ ކަނާދެވެ. އިނގިރޭސިބަހުންނަމަ، ނިއުޓްރިއަންޓްސް އެވެ. މި މަޒުމޫނުގައި މިކަމާ ބެހޭ ވަރަށް ގިނަ މަޢުލޫމާތު ވެއެވެ. ގަހަށް ބޭނުންވާ ކަނާދުގެ ގިނަ ބާވަތްތައް، ގަހަށް ލިބެނީ މޫތައް މެދުވެރިކޮށް، ބިންގަނޑުންނެވެ. އާދެ! ގެސް ހެދެމުންދާ ފަހުންނެވެ.  ބިންގަނޑުގެ ހުތްކަން ހުންނަ މިންވަރަކުން، ކާނާގެ އެކި ބާވަތްތައް މުލުން ގަހަށް ލިބުމުގައި ދަތިތަކެއް މެދުވެރިވެއެވެ. ތިރީގައިވާ ޗާޓުގައި އެވަނީ ގަހަށް ބޭނުންވާ އެކި ކާނާގެ އުންސުރުތައް (ނުވަތަ އެލިމަންޓްތައް) މޫތަކުން ބޭނުން ކުރުމަށް ފަސްގަނޑުގެ  ޕީއެޗް ހުންނަން ޖެހޭ މިންވަރެވެ.

Dhivehi-soil-and-water-requirements-image

pharticle

ޗާޓުން ފެންނަ ފަދައިން، ޕީއެޗް 6 އާއި 8 އާ ދެމެދުގައި ހުންނަނަމަ، ބިމުގައި ހުންނަ ނައިޓްރޯޖަން ގަހަށް ބޭނުން ކުރެވެއެވެ. ހުތްކަން މިއަށް ވުރެ ބޮޑު ނަމަ، ނުވަތަ ކުޑަ ނަމަވެސް، ބިންގަނޑުގައި ނައިޓްރޯޖަން ހުއްޓަސް އޭގެ ބޭނުމެއް ގަހަކަށް ނުކުރެވޭނެ އެވެ. ޕީއެޗް 6 އަށް ވުރެ މަތިވުމުން ގަހަށް ދަގަނޑު ހޯދުމަށް ދަތިވެއެވެ. ގަހަށް ބޭނުންވާ ހުރިހާ އުންސުރުތަކެއް އެންމެ ރަނގަޅަށް ލިބެނީ ޕީއެޗް ކިހާވަރެއްގައި ހުރުމުންތޯއެވެ؟ ޗާޓުން ފެންނަގޮތުގައި، ގިނަ އުންސުރުތައް ބިންގަނޑުގެ ހުތްކަން 6.5 އާއި 7 އާ ދެމެދު ހުރުމުން ލިބޭނެއެވެ. ނަމަވެސް އެކި ޖަނަވާރުތަކަށް އެކި ވިޓަމިން އެކި ވަރަށް ބޭނުންވާ ފަދައިން، އެކި ބާވަތުގެ ގަސްތަކަށް ކާނާގެ މިބާވަތްތައް ބޭނުންކުރެވެނީ އެކި މިންވަރުގައި ޕީއެޗް ހުރުމުންނެވެ. އެހެންކަމުން ގަސް ހައްދާ މީހުން ވިސްނަންޖެހޭ އިތުރު ކަމެއް ވެއެވެ. ގަސް ހެދުމަށް ބިންގަނޑުގައި ކާނާ ހަމައެކަނި ހުއްޓަސް ކަމަކު ނުދެއެވެ. ކާނާ ގަހަށް ބޭނުން ކުރެވެނީ އެކި މިންވަރުގައި ބިންގަނޑުގެ ހުތް ކަން ހުރުމުންނެވެ. އަދި އެކި ގަސްގަަހަށް އެކި އުންސުރު ބޭނުންވަނީ އެކި މިންވަރަށް ކަމަށްވާތީ، އެކި ބާވަތުގެ ގަސް ހެދެނީ ބިންގަނޑުގެ  ހުތްކަން އެކި މިންވަރުގައި ހުރުމުންނެވެ.

ރާއްޖޭގެ ފަސްގަނޑާއި ޕީއެޗް

ދުނިޔޭގެ ގިނަ ޤައުމުތަކުގެ ގިނަ ވެއްޔަކީ ޕީއެޗް ދަށް ހުތް ވެއްޔެކެވެ. ވާރޭފެނަކީ ވެސް ހުތް، ޕީއެޗް 7 އަށް ވުރެ ދަށް ފެނެކެވެ. އެހެންކަމުން، ގިނަ ގަސްގަހާ ގެހި އުފެދިފައިވަނީ ޕީއެޗް ދަށް ވެލީގައި ހެދޭ ގޮތަށެވެ. ރާއްޖޭގެ ވެއްޔަކީ ޕީއެޗް މަތީ ވެއްޔެކެވެ. އަޅުގަނޑު މިހެން މިދަންނަވާ ސަބަބަކީ ރާއްޖޭގެ ފެންގަނޑު ލޮނުކަމާއި ލޮނަކީ ޕީއެޗް މަތި އެއްޗަކަށް ވާތީއާއި ރާއްޖޭގެ ވެއްޔަކީ އަކިރިން އުފެދިފައިވާ ވެއްޔަކަށް ވާތީއެވެ. ބޭރު ޤައުމުތަކުގައި، ޕީއެޗް މާ ދަށްވުމުން މަތިކުރަން ހަދާ އެއް ގޮތަކީ އުވަ ވެއްޔާ އެއްކުރުމެވެ. ފަހެ، ދިވެހި ވެލި، އަންދާލުމުން އުފެދޭ އެއްޗަކީ ވެސް އުވައެވެ. އެހެންކަމާއެކު، އަޅުގަނޑު ބެލިބެލުމުގައި ރާއްޖޭގެ ފަސްގަނޑުގެ ޕީއެޗް ޢާއްމުކޮށް ހުންނަނީ މަތީގައެވެ. ރާއްޖޭގެ ބިންގަނޑު ”ދެރަ“ ކަމަށް ބުނެވޭ އެއް ސަބަބަކީ އެއީ އެވެ. ނަމަވެސް މިއީ ވަރަށް ފަސޭހައިން ރަނގަޅު ކޮށްލެވޭނޭ ކަމެކެވެ.

ފަސްގަނޑުގެ ޕީއެޗް ދެނެގަންނާނޭ ގޮތް

ފަސްގަނޑުގެ ޕީއެޗް ބެލުމަށް ދަނޑުވެރިން ގެންގުޅެނީ ތިން ގޮތެކެވެ. އެއީ ގަހަށްވާ ގޮތުން ދެނެގަތުމާއި، ޕީއެޗް ބަލާ މީޓަރެއް ނުވަތަ ކަރުދާހެއް ހޯދައިގެން އަމިއްލައަށް ބެލުމާއި އަދި ލެބޯރަޓަރީ އަކަށް ފަސްކޮޅެއް ފޮނުވައިގެން ބެލުމެވެ. ބައެއް ބާވަތުގެ ގަސް ހެދިފައި އަނެއްބާވަތެއްގެ ގަސް ނެހެދޭނަމަ، ގަހާއި ޕީއެޗް ނުގުޅުން ގާތެވެ.

ކުރިން ހިމެނި ޗާޓުން ފެންނަ ފަދައިން، ދަށް ޕީއެޗް ބޭނުންވަނީ ދަގަނޑާއި މެންގެނީޒް އާއި ބޯރޯން އާއި ކޮޕަރ އާއި ޒިންކު ލިބިގަތުމަށެވެ. އެހެންކަމުން މި ބާވަތްތައް މަދުވުމުގެ އަލާމަތްތަކުން އެކަން ދެނެގަނެ، ފަސްގަނޑުގައި މި ލީކަނާދު ހުންނާނެކަން ޔަޤީންވާނަމަ، ޕީއެޗް މަތީކަމަށް ނިންމިދާނެއެވެ. މިސާލެއްގެ ގޮތުން، ދަގަނޑު މަދުވުމުގެ އަލާމާތަކީ ފަތްތަކުގެ ނާރުތައް ފެހިކަން ހުރެފައި އެހެން ބައިތަކުން ފެހިކަން ކަނޑައިގެން ދިއުމެވެ. ތިރީގައިވާ  ބާވަތެއްގެ ލިބޯގަހެއްގެ ފަތެއްގެ ފޮޓޯއިން ފެންނަ ފަދައިންނެވެ. މިހެންވުމުން، ޕީއެޗް މަތީކަމަށް ނިންމޭނީ ބިންގަނޑުގައި ދަގަނޑު ހުންނާނެކަން ޔަޤީންވާނަމައެވެ. ގަހަކަށް ވަޅުފެން ދިނުމުން ނެހެދިފައި، ވާރޭފެން ދިނުމުން ހެދޭނަމަ، ޕީއެޗް ދަށްކޮށްލަންވީއެވެ. އެއީ ވާރޭ ފެނަކީ  ހުތް އެއްޗެކެވެ.

Default_clip_image004

އަމިއްލައަށް ޕީއެޗް  ބެލުމަށް ދެގޮތެއް ބޭނުންކުރެވިދާނެއެވެ. އެއްގޮތަކީ މަދަރުސާތަކުގައި ސައިންސް ކިޔަވާދޭއިރު ގެންގުޅޭ ޕީއެޗް ކަރުދާސް ބޭނުންކުރުމެވެ. ބެޓެރީ ފެން ވެއްޔާ އެއްކޮށް މީގެ ކަރުދާސްކޮޅެއް އޭގެ ތެރެއަށް ލުމުން ކުލަ ބަދަލުވާނެއެވެ. ދެން އެކުލައިން ޕީއެޗް ދެނެގަނެވޭނެއެވެ.

maxresdefaultއަމިއްލައަށް ޕީއެޗް ބެލުމަށް ހަދާނެ އަނެއްގޮތަކީ ޕީއެޗް މީޓަރެއް ގަތުމެވެ. މިބާވަތުގެ މީޓަރުގެ އެއްކޮޅު ތެތް ބިންގަނޑަށް ހަރާލުމުން އެ މީޓަރުގައިވާ ކަށްޓަކުން  ބިންގަނޑުގެ ޕީއެޗް ދައްކާ އެއްޗެކެވެ. މީގެ ވިއްސަކަށް  އަހަރު ކުރިން މީގެ މީޓަރެއް އަޅުގަނޑު މާލެގެނައީ ދިވެހި 70 ރުފިޔާއަށް އޮސްޓްރޭލިއާއިން ގަނެގެންނެވެ. މިހާރު މިބާވަތުގެ މީޓަރު ބޭންކު ކާޑު ބޭނުންކޮށްގެން ކޮންމެމީހަކަށް ވެސް ގަނެވިދާނެއެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިން އަގަކީ ގާތްގަޑަކަށް ދިވެހި 64 ރުފިޔާއެވެ. ވިއްކަނީ މަޝްހޫރު އަލީއެކްސްޕްރެސް އިންނެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ޕޯސްޓުން ހިލޭ ފޮނުވާދެއެވެ. ތިރީގައިވާ މީޓަރުން ޕީއެޗްގެ އިތުރަށް ބިންގަނޑުގެ ތެތްކަން ވެސް ބެލެއެވެ. އަދި އަލި ލިބޭވަރުވެސް ބެލެއެވެ.

newphmeterd

ޕީއެޗް ބަލަން ހަދާ ތިންވަނަ ގޮތަކީ ވެލިކޮޅެއް ޕްލާސްޓިކް ކޮތަޅަކަށް  އަޅައި ލެބޯރަޓަރީ އަކަށް ފޮނުވުމެވެ. އަޅުގަނޑަށް ލަފާ ކުރެވޭގޮތުން ފުޑް  އެންޑް ޑްރަގް އޮތޯރިޓީއިން ވެސްމިކަން ކޮށްދޭނެއެވެ. މި ޚިދުމަތަށް ކުޑަ އަގެއް ލެބޯރަޓަރީތަކުން ނަގާނެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ދަނޑުވެރިންނަށް ޚިދުމަތްދޭ ޚާއްޞަ ލެބޯރަޓަރީ ހުރެއެވެ. އަދި ރާއްޖެ އެފެންވަރަށް ތަރައްޤީ ނުވަނީއެވެ. ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ޖޯޝާއިފޯރި ހުރި ސަރުކާރާއި މީހުން، ވޭތިވެދިޔަ 50 ވަރަކަށް އަހަރުގެ ތެރޭގައި ފެނިފައިވަނީ ކާޅުއައިނަކުން ހުދުކާޅެއް ފެންނަ ނިސްބަތުންނެވެ.

ފަސްގަނޑުގެ ޕީއެޗް ދަށްކުރާނޭ ގޮތް

ޕީއެޗް ދަށްކުރުމަށް ރާއްޖޭގެ ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ފީވެފައި ހުންނަ ފަތް ވެއްޔާއި އެއްކުރުމެވެ. މިކަމަށް އެންމެ ރަނގަޅު އެއް ފަތަކީ ކާނި ނުވަތަ ކަނަމަދު އަޅާ ގަހުގެ ފަތެވެ. މިފަތަކީ މަސްގެންގުޅޭ މީހުން، ފެންގަނޑުގެ ޕީއެޗް ދަށްކުރުމަށް ޓޭންކަށް ވެސްއަޅާ ފަތެކެވެ. ދެންއޮތްގޮތަކީ ކަށްސަނދުވާނި ފަސްގަނޑަށް އެޅުމެވެ. ކަށްސަނދުވާންޏަކީ އިނގިރޭސިބަހުން ސަލްފަރ ކިޔާ އުންސުރެވެ. މިއީ މާލޭގެ ބާޒާރުން ގަންނަން ލިބޭ ރީނދޫ ކުލައިގެ އުށް ނުވަތަ ފުށެއް ގޮތަށް ހުންނަ އެއްޗެކެވެ. އިހުޒަމާނުގައި މަލާބާރީން ރާއްޖެއަށް ހަމަލާދޭން އަންނައިރަށް ދިވެހީން ބަނޑިބޭސް ހަދަނީ މި ކަށްސަނދުވާންޏާއި ދިއްގާދެއްޔާއި ސޯޑިއަމް ނައިޓްރޭޓް އެއްކޮށްގެންނެވެ. ކަށްސަނދުވާނި އަޅާނީ ބިމުގެ ކޮންމެ އަކަ މީޓަރަކަށް 50 ގްރާމެވެ.  ނަމަވެސް އަޅަންޖެހޭ އަދަދުތައް ބިނާވާނީ ފަސްގަނޑުގެ ޕީއެޗް ހުރި ވަރެއްގެ ގޮތުންތާއެވެ. ރަނގަޅުގޮތަކީ ކޮންމެވެސް ގޮތަކަށް ކުނޑިކޮށް، ގަސް އިންދުމުގެ ކުރިން ވެއްޔާ މޮޑުމެވެ. ކަށްސަނދުވާނީގެ ބަދަލުގައި ޖިޕްސަމްބޯޑުގެ ކުނޑިއާއި ރާހުތްވެސް ބޭނުން ކުރެވޭނެއެވެ.

މަދު ހާލަތެއްގައި ނޫނީ ރާއްޖޭގެ ވެލިގަނޑުގެ ޕީއެޗް މަތިކުރާކަށް ނުޖެހޭނެއެވެ. މިފަދަ ހާލަތެއްގައި ޕީއެޗް މަތިކުރާނީ ފަސްގަނޑާއި ވެއްޔާ އެއްކޮށްގެންނެވެ. އަކަމީޓަރަކަށް 50 ގްރާމް އެއްކުރެވިދާނެއެވެ. ނަމަވެސް މިންވަރު ބިނާވާނީ މަތިކުރަންބޭނުންވާ މިންވަރެއްގެ މައްޗަށްތާއެވެ. ނަމަވެސް މިފަދަ ކަމެއް ކުރެއްވުމުގެ ކުރިން، ޙަޤީޤަތުގައިވެސް ޕީއެޗް މަތިކުރަންޖެހޭތޯ ޔަޤީންކޮށްލެއްވުމަކީ ބޭނުން ތެރިކަމެކެވެ.

Sulphur-500g-e1432021212181

އެކި ގަސް ހެދުމަށް ޕީއެޗް ހުންނަންޖެހޭ މިންވަރު

ސައިންވެރިން އެކި ބާވަތުގެ ގަސްތައް ރަނގަޅަށް ހެއްދުމަށް ފަހު، ބިންގަނޑުގައި ހުރި ޕީއެޗް ބަލާފައި ވެއެވެ. ތިރީގައި އެވަނީ އެކި ބާވަތުގެ ގަސް ހެދުމަށް ޕީއެޗް ހުންނަން ޖެހޭނޭ ކަމަށް އެމީހުން ބުނާ މިންވަރެވެ.

 

ޕީއެޗް 6.0ޕީއެޗް 6.75ޕީއެޗް 7.5
ބަށިމާނަކަމަދު (އާމަންޑު)އެސްޕެރެގަސް
ބްލެކްބެރީއާފަލުއެވޮކާޑޯ
ބްރަސްލް ސްޕްރައުޓްފަތާތޮޅިދިގުތޮޅި
ޗިކަރީވެޔޮތޮޅިބީޓްރޫޓް
އަލަނާސިއެހެނިހެން ތޮޅިބޮޑިކޮޕީ
ކެރެޓްބޮޑިކޮޕީފޮނިމިރުސް (ކެޕްސިކަމް)
ޗިކަރީޒުވާރިކޯލިފްލާވަރ
ކޭލްލޮނުމެދުސެލަރީ
މުގުގްރޭޕްފުރުޓްވިލާތުޖޭމު (ޗެރީ)
ރެވިހޯސްރެޑިޝްކަންބާ
ރާސްބެރީލީކްމޭބިސްކަދުރު
ރުބާބުލިބޯލޮނުމެދު
ރައިޒައިތޫނިލީކް
ސްޓްރޯބެރީއޮރެންޖްލެޓިސް (ކިރު ކޮޕީ، ލެޓިއުސް)
ރަނަރބީންޕާރސްލީތޫތު
ރޯސްމޭރީޕީ (ފެހިތޮޅި)މަޝްރޫމް
ޓާރނިޕްޕީޗްރެވި
ތައިމްޕެއަރފިޔާ
ރެޑިޝްބަރަބޯޕީޗް
ޕާސްނިޕްސޯޔާބީންއަސޭމިރުސް
މެރޯވިލާތުބަށި (ޓޮމާޓޯ)ރެޑިޝް
ކޭލްފޮނިޒުވާރިސްޕިނިޗް
ގޫސްބެރީޓާރނިޕްޕްލަމް

ތާވަލުގެ ދެތަނެއްގައި އެއް ނަމެއް ޖެހޭ ސަބަބަކީ އެއް ތަރުކާރީއެއް ނުވަތަ މޭވާއެއް، އޭގެ ބާވަތުން އެކި ޕީއެޗް ހުންނަ ވެލި ބޭނުންވާތީއެވެ. މިސާލަކަށް ވިލާތުބަށީގެ ކިތަންމެ ބާވަތެއް ހުރެއެވެ. އޭގެތެރެއިން އެއް ބާވަތް ރަނގަޅަށް ހެދެނީ ޕީއެޗް މަތީ ވެލީގައެވެ.

މަތީގައިވާ ތާވަލަށްވުރެ ދިގު ތާވަލެއް މިއޮތީއެވެ.

DividerTransparent-1-

މިމަޒުމޫނު އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ ނޮވެމްބަރު 2002 ގައި ނުކުތް ދަރުމަ މަޖައްލާގައެވެ. މިލިޔުމަކީ އޭގެ މުރާޖަޢާ އެކެވެ.