މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ކުޅިބޯކިބަލުގެ ޙަޤީޤީ އަސްލު ރަހަ، މީހުންގެ ހަނދާނުން ކެހިގެން ހިނގައްޖެއެވެ. މާލޭގެ ހޮޓާތަކާއި ކެފޭ ތަކުގައި މިހާރު ގިނައިން ހެދިކާ ހަދަން ތިބެނީ ބިދޭސީންނެވެ. މި މީހުން އެމީހުންނަށް ފެންނަ ގޮތަކަށް ބޯކިބާ ހަދަތެވެ. ދެން ކުރީގެ ރަހަތައް ނުދަންނަ މީހުންނަށް މި އައު ބޯކިބާގެ ރަހަ މީރު ވެގެން އުޅެއެވެ. ޙަޤީޤީ ބޯކިބަލުގެ ރެސިޕީ ގެއްލޭން ކާރިވެއްޖެއެވެ. ކުރީ ޒަމާނުގައި މައިން އެމީހުންގެ އަންހެން ދަރިންނަށް ރަނގަޅަށް ކައްކަން ދަސްކޮށްދެއެވެ. މިޒަމާނުގައި ބައެއް ”ރަނގަޅު“ މައިން، އެކުދިންގެ ”ކިޔެވުމަށް އުނދަގޫ ވެދާނެތީ“ އެކުދިން ބަދިގެޔާ ދުރުކޮށްގެން ގެންގުޅެއެވެ. މިފަދަ ކުދިން ޙަޤީޤަތުގައި ކިޔެވުމަށްވަނީ ދަށެވެ. މިހެން ބުންޏަސް، ކޮންމެ އަންހެނެއް ވެސް ޙަޤީޤީ ކުޅި ބޯކިބާ އަޅަން އެނގޭ ކަމަށް ދަޢުވާ ކުރާ ފަދައެވެ.

މި މަޒުމޫނުގައި އަހުރެން ހުށަހަޅާނީ، އަވަށްޓެރި މަޝްހޫރު ކެއްކުންތެރިއެއްގެ އިރުޝާދާއެކު، ކުޅި ބޯކިބަލުގެ ޙަޤީޤީ ރެސިޕީ ހޯދުމަށްޓަކައި ކުރި މަސައްކަތެއްގެ ނަތީޖާ އެވެ. މި ިއިޝާރާތް ކުރެވުނު އަވަށްޓެރިއަކީ އޭނާގެ ހަވާދުތަކާއި އަސާރަތަކާއި ހެދިކާތަކުގެ ރަހަތަކާއި ވަސް، މާލޭގެ ޖައްވުގައި ހުރަހަށާއި ދިގަށް ފެތުރިފައިވާ މީހެކެވެ. ނަމަކީ ހުދާއެވެ. އެނާގެ ރެސިޕީ އަށް ދިއުމުގެ ކުރިން، ތަޢާރުފުގެ ގޮތުން ގުޅުން ހުރި ބައެއް ކަންކަން ނޯޓު ކޮށްލާނަމެވެ.

timthumb.phpއެންމެ ފުރަތަމަ، ރެސިޕީ އަކީ ކޮބައި ހެއްެޔެވެ؟ ”ރެސިޕީ“ މި ލަފުޒުގެ ޙަޤީޤީ މާނައަކީ ކެއުމާއި ބުޔުމެވެ. އެއީ މީގެ 500 ވަރަކަށް އަހަރު ކުރިން، ބައްޔަކަށް ބޭސް ބޭނުންކުރާނޭ ގޮތް ބުނުމަށް ޑޮކްޓަރުން ބޭނުންކުރި ލެޓިން ލަފުޒެކެވެ. ލަފުޒުން މާނަކުރަނީ ”އަންނަނިވި ބޭސްތައް ކާށެވެ ނުވަތަ ބޯށެވެ“. ބައެއް ޑޮކްޓަރުން މިހާރުވެސް ލިޔެދޭ ބޭސް ސިޓީގެ މަތީގައި ℞ މި ނިޝާން ޖަހާފައި އެ ހުންނަނީ ރެސިޕީއަށް އިޝާރާތް ކޮށެވެ. ޚުލާޞާ ކުރާނަމަ،  ރެސިޕީގެ މާނައަކީ ކާށެވެ/ބޯށެވެ. ލަފުޒުގެ ނިޝާނަކީ ℞ އެވެ. ނަމަވެސް، މީގެ 250 އަހަރު ކުރިން މި ލަފުޒު ”ކާތަކެތި ހަދާނެ ގޮތުގެ އިރުޝާދު“ މި މާނައިގައި ވެސް ބޭނުންކުރަން ފަށައިފިއެވެ.

ދެން ”ބޯކިބާ“ މި ލަފުޒާ މެދު ވިސްނާލަމާ ހެއްޔެވެ! ދިވެހިރާއްޖޭގައި ކާތަކެތި ތައްޔާރު ކުރާނޭ ގޮތާ ބެހޭ ގޮތުން، ލިޔެފައިވާ ކަމަށް އަދި ފެނިފައިވާ އެންމެ އިހުގެ ފޮތަކީ މުޙައްމަދު އަމީން ޝާއިޢުކުރެއްވި ”ކަރުނައާއި ނުލައި ކެއްކުން“ މިފޮތެވެ. އެއީ އޭރުގެ މަދަރުސާ ކުދިންނަށް ކިޔަވާދިނުމަށް އޭނާ އެކުލަވާލެއްވި ފޮތެކެވެ. މިފޮތުގެ ދެވަނަ ބައި، އެމަނިކުފާނު ޚާއްޞަކުރައްވާފައިވަނީ ހެދިކާ އެއްޗެތި ތައްޔާރު ކުރާނޭ ގޮތަށެވެ. ފޮތް ޝާއިޢު ކުރައްވާފައި ވަނީ 15 ފެބްރުއަރީ 1950 ގައެވެ. އެ ފޮތުގައި ބޯކިބާ ކަމަށް ސިފަކުރައްވާފައިވަނީ މިހާރުގެ ގޮތުން ނަމަ، ފޮނި ބޯކިބަލަށެވެ. މިކަމާ ދޭތެރޭ ވިސްނާލަ ބަލާށެވެ.! ބޯކިބަލުގެ މާނަވަނީ ވޭތިވެ ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ބަދަލުވެފައެވެ. އޭރު ބޯކިބާއިން މާނަކުރަނީ ހަމައެކަނި ފޮނި ރަހަ ދޭ  ބޯކިބަލަށެވެ. މިހާރު ބޯކިބަލުގެ ޢާއްމު ދެ ބާވަތެއް ހުރެއެވެ. ފޮނިބޯކިބަލާއި ކުޅި ބޯކިބަލެވެ. އަދި އެހެންވެސް ބާވަތް ބާވަތުގެ ބޯކިބަލެވެ. ބޯކިބަލުން އެ ފޮނިވާނެ ކަމަކަށް އަހުރެމެންގެ ޒަމާނުގައި އިޝާރާތެއް ނުކުރެއެވެ. ބޯކިބަލުގެ މިހާރުގެ މާނައަކީ ފުށް ފިހެގެން ހަދާ ބޯކޮށް ހުންނަ ކާ އެއްޗެކެވެ. މި ބަދަލަށް ނިސްބަތްކޮށް އަހުރެމެންނަށް ކޭކަށް ވެސް ދިވެހި ލަފުޒެއް ހެދިދާނެއެވެ. ”ލުއި ބޯކިބާ“ ކިހިނެތް ވާނެ ހެއްޔެވެ؟ އެހެނީ ”ކޭކު“ މި ލަފުޒުގެ އިހުގެ މާނައަކީ ވަށްކޮށް ހުންނަ ޕާނެވެ. ނަމަވެސް ކޭކު މި ލަފުޒުގެ ކުރުކަމުން އައު ލަފުޒެއް ދެން ”ވައިގައި ހިފާނެ ހެނެއް“ ހިޔެއް ނުވެއެވެ.

ކުޅި ބޯކިބަލާ އެންމެ ގާތް އެއްޗެއްގެ ގޮތުގައި، އަމީންގެ ފޮތުން އަހުރެންނަށް ފާހަގަ ކުރެވުނީ މަސް ފަތަފޮޅި އެވެ. މި ހަދާނެ ގޮތް ވަނީ އެ ފޮތުގެ 22 ވަނަ ޞަފުޙާގަ އެވެ. ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި، މި ނަކަލު ކޮށްލަނީ  އެ ފޮތުގައި ބަޔާން ކޮށްފައިވާ ރެސިޕީ އެވެ. ރެސިޕީގެ އަޞްލު މިންތައް ހުރީ ”ގައު“، ”ލާހި“ މިފަދަ ކުރީގެ ވަޒަން ތަކުންނެވެ. އަހުރެން މިވަނީ، އަލްމަރްޙޫމް ޙަސަން އަޙްމަދު މަނިކު ނެރުއްވި ”ވަނަވަރު“ މި މަޖައްލާގައި އެ ވަޒަންތަކުގެ މިންވަރު ބަޔާންކޮށްފައިވާ ގޮތަށް ބަލައި، މިހާރުގެ ވަޒަންތަކަށް ބަދަލުކޮށްފަ އެވެ.

މުޙައްމަދު އަމީން ގެ މަސްފަތަ ފޮޅީގެ ރެސިޕީ

ބޭނުންވާ ތަކެތި:

ameenfathafolhi

”ހަނޑޫ ލާހި 1، މެދުމިނު މަސްގަނޑު 2، ކާށި ½1، ފިޔާ، އިގުރު، މިރުސް، ރަނގަޅަށް ރަހަ ދޭވަރަށް······ އެވަރަކީ ކޮބައިތޯއެވެ؟······ ފިޔާ ގައު ½، ރޯމިރުސް 10، ކުޑަކުޑަ އިނގުރުކޮޅެއް، (މިހާ ވަރަށް ލައްވައިގެން ފުށްގަނޑު މޮޑުއްވާ ބައްލަވާށެވެ. ރަހަތައް ރަނގަޅު ނޫންނަމަ، އުނިއިތުރި ކޮށްލައްވައިފާނު ދޮގެއްތޯއެވެ؟)

ހަދާނެގޮތް – އެންމެ ފުރަތަމައިން ކާއްޓެއްގެ ހުނި ލައްވައިގެން ހަނޑޫކޮޅު ފުޑުއްވަވާލައްވާށެވެ. މަސްކޮޅު ލިއުއްވާށެވެ. ފިޔާ، އިނގިރު، މިރުސް ކޮއްޓަވާށެވެ······ ރަހަ ދޭވަރަށް ހުތް އަޅުއްވައިގެން، ލޮނު ހެޔޮވަރު ކުރައްވަމުން، މަހާއި ފިޔައާއި، އިނގުރާއި މިރުސް އެއްކޮށް ރަނގަޅަށް މޮޑުއްވަވާށެވެ······ މޮޑުއްވެވި މަހާއި، ކާށި ކިބައެއްގެ ހުންޏާއި، ފުޑުއްވެވި ފުށާއި، އެއްކޮށް އަނެއްކައި ރަނގަޅަށް މޮޑުއްވަވާށެވެ······ ބޮޑުމިން ހެޔޮވާވަރަށް ބޯކޮށް ފަތުގައި ޖައްސަވައިގެން، ތަވަޔަކަށް އަޅުއްވައިގެން މަތިން އަންދަވަމުން، ފިއްސަވާށެވެ.“

މި ލިޔެލެވުނީ ކުޅި ބޯކިބަލާ ވަރަށް ވައްތަރު މަސް ފަތަފޮޅީގެ ރެސިޕީއެވެ. ފާހަގަ ކުރެވުނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެންމެ ފުރަތަމަ، ރެސިޕީގައި ހިކަނދިފަތެއް ނުވެއެވެ. ހިކި މިރުހެއް، ރީނދުލެއް ނުހިމެނެއެވެ. މިއީ މާލޭގައި މިހާރު އަޅާ ބޯކިބަލުގައި ޢާއްމުކޮށް ހުންނަ ތަކެއްޗެވެ. ހަނޑުލާއި މަހުގެ މިނަށް ފިކުރު ހިންގާލަ ބަލާށެވެ. 1 ލާހި ހަނޑުލަށް 1 ކިބަ (ދެ ގަނޑު) މަސްލައެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ހަނޑުލާއި މަހުގެ މިން ގާތްގަޑަކަށް އެއްވަރެވެ. އެއް ކިބަ މަސް ރަނގަޅަށް ފުޑުވައި ލާއްސަކަށް އަޅައިފިނަމަ، މަދުވެގެން ހެޔޮވަރުގެ 1 ކިބަ މަހުގައި 1 ލާހި ހުންނާނެއެވެ.

ކާއެއްޗެތި ބަރުދަން ބަލައިގެން ހެދުން މާ ރަނގަޅުވާނެއެވެ. އެއީ ބައެއް އެއްޗެހި ހުންނަ ގޮތުން، ލާއްސަކުން މިނާނަމަ، އެކި ފަހަރު، އެކި ބަރުދަން އޭގައި ހުރެދާނެއެވެ. ތިރީގައި އެވަނީ ތަންކޮޅެއް ފަސޭހަ ގޮތަކަށް ކުރީގައި ބަޔާން ކުރެވުނު ރެސިޕީ ބަރުދަނުން ބަޔާން ކޮށްފައެވެ.

Recipe1ofAmeenދެން އަހުރެން ބަޔާން ކުރާނީ ހުދާގެ ރެސިޕީއެވެ.

ހުދާގެ ކުޅި ބޯކިބާ ރެސިޕީ

ހުދާގެ ތަޢާރުފެއް ކުރިން ވާނީ ހުށަހަޅާފައެވެ. އޭނާ ކިޔައިދިން ގޮތަށް، ހަލުވާ ހަދާނޭ ގޮތް، ”ދަރުމަ“ މަޖައްލާގައި މީގެ ފަސް ވަރަކަށް އަހަރު ކުރިން ޝާއިޢުކުރެވިފައި ވެއެވެ. އޭނާއަށް އަހުރެން ބުނީމެވެ. މާލޭގައި ހޮޓާތަކަށް ގޮސް އުޅޭ މީހުން، ކުޅި ބޯކިބާ މީރު ކަމަށް މިދުވަސްވަރު ނަންކުރާ ދެތަނެއް ވެއެވެ. އެއްތަނަކީ ގޮދަން ފުށުން ފިހެގެން ވަރަށް ގިނަ ބާވަތްތަކުގެ ކުޅި އަދި ފޮނި ކާތަކެތި ވިއްކާ ފިހާރައެކެވެ. އަނެއް ތަނަކީ، ދެ ހޮޓަލެއް ހިންގާ ބައެކެވެ.  ދެން، އަހުރެން މި ދެ  ފިހާރައިން ބޯކިބާ ގެނެސް އޭނާއަށް ދީފީމެވެ.  އޭނާ ބުނަނީ އޭނާ ހަދާގޮތް ވެސް ބަލާލަމާ ހިނގާށެވެ.

ބޭނުންވާ ތަކެތި:

hudhaarecipe

ހަދާނެގޮތް

ބޯކިބާ އަޅަން ޖެހޭ ދުވަހުގެ ކުރީ ރޭ، ހަނޑޫ ފެނު އަޅާނީއެވެ. ދެން އަނެއް ދުވަހު 10 ޖަހާލާއިރު، ހަނޑޫތައް ރީތިކޮށް ދޮވެލާނީއެވެ. ދެން ދެކާށީގެ ހުނި ގާނާ އޭގެ ކިރު، ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ހުންނަވަރުގެ ތައްޓަކަށް އަަޅައި ބަހައްޓާނީއެވެ. މަސްގަނޑާއި ފުށްގަނޑަށް ވެސް (ފެން ނުލައި) ކިރު ފެލާލާފައި އަޅާލަންވާނެއެވެ. ދެންއެއް ކާށީގެ ހުނި އަޅައިގެން ހަނޑޫތައް ދައިމަތީގައި ނުވަތަ މިކްސަރަކުން ހިމުން ކުރާނީ ވަކިވަކި ފުއްތައް ފާހަގަ ނުކުރެވޭ ވަރަށެވެ. ނަމަވެސް އެންމެ ހިމުންކޮށެއް ނޫނެވެ. ދެން މަސްތައް ސާފުކުރާނީއެވެ. މަސްތައް ސާފުކުރާނީ ހަމާއިކައްޓާއި ވަޅޯ ދިލަ ޖެހިފައިވާ ހިސާބު ނުހުންނަ ގޮތަށެވެ. ދެން މަސްތައް ވަރަށް ތުނިކޮށް ކޮށާލާނީއެވެ. މިހާ ހިސާބަށް ކަންތައްތައް ކުރެވުނު އިރު، ފިޔަޔާއި އިނގުރާއި މިރުހާއި ހިކަނދިފަތް ހުންނަން ވާނީ ހިމުންކޮށް ކޮށާފައެވެ. ދެން ލޮނާއި ރީނދުލާއި ހުތް އަޅައިގެން ވަރަށް ރަނގަޅަށް ފިޔާގަނޑާއި އިގުރާއި މިރުހާއި ހިކަނދިފަތް މޮޑޭނީއެވެ. ހުނިގަނޑު އެއްކޮށްލުމަށްފަހު އަނެއްކާ މޮޑޭނީއެވެ. ދެން މަސްތައް އަޅައިގެން މޮޑެ އެއްވީމާ، ދެން އެވީ އޭގެ ތެރެއަށް ފުއްގަނޑު އަޅާށެވެ.  ރަނގަޅަށް މޮޑުމަށްޓަކައި، ގާތްގަޑަކަށް ދޮޅު ޖޯޑުހާ ފެން އަޅަން ޖެހިދާނެއެވެ. ދެން ލޮނު އަޅައިގެން ރަނގަޅަށް މޮޑޭނީއެވެ. ދެން މިއަށް ފަހު ބޯކިބާ ފިހާ އެއްޗަކަށް އަޅައި އޭގެ މައްޗަށް ކުރިން ވަކިން ނަގާފާއި ހުރި ކިރުކޮޅު އަޅާނީއެވެ. މިހެން ހެދުމުން ފިހެނިމުނީމާ ބޯކިބާގެ މަތި އޮންނާނީ އޮމާންކޮށް މަޑުންނެވެ. ދެން ފިހާނީއެވެ. މި ވަރުގެ ބޯކިބަލެއްގެ އެއް ފުށް 45 މިނެއްޓާ ގާތްކުރާ އިރަކުން ފިހެވޭނެއެވެ.

ދެލާހީގެ ހަނޑުލުން ހެދެނީ ވަރަށް ބޮޑު ބޯކިބަލެކެވެ. އެހެންކަމުން، ތިރީގައި އެވަނީ ކުޑަ އާއިލާއަކަށް ފުދޭވަރެއްގެ ބޯކިބަލެއް ހަދަން ބޭނުންވާ ވަޒަންތަކެވެ. ބަރުދަނުންނެވެ.

hudhaarecipephotos

ތަޖުރިބާ ކުރުން

image-2c011be0b6a404a6fed1c6b20c78ba85b2fa79c820c580125824b32e4d372926-V

މި ދެ ރެސިޕީ ތަޖުރިބާ ކުރުމުގެ ގޮތުން، ރައްޓެއްސަކު ލައްވާ ދެ ރެސިޕީ އަށް ދެ ބޯކިބާ އަޅުވައިފީމެވެ. މި ދެ ވައްތަރުން ބޯކިބާ ބުރިއެއް ދިހަވަރަކަށް މީހުންނަށް ދީ، ކޮން އެއްޗެއްތޯ މީރީ ސުވާލުކުރީމެވެ. ކަންވީ ވާންވީ ގޮތަށެވެ. ބައެއް މީހުންނަށް މީރުވީ މަސްފަތަފޮޅީގެ ރެސިޕީއެވެ. އަނެއް ބައި މީހުންނަށް  މީރުވީ ހުދާގެ ރެސިޕީއެވެ. ދެން ކުރެވުނު ސުވާލަކީ، މި ދެވައްތަރާ ކުރިން ބަޔާންކުރި މަޝްހޫރު ދެ ފިހާރައަކުން ގަންނަ ބޯކިބާގެ ރަހަ، އަޅާ ކިޔެނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލަށް އެމީހުން ދިން ޖަވާބު، އަހުރެންނަށް ހީވަނީ ތިބާގެ ތަޖުރިބާ އަށް ފަހު ފާޅުވާނެ ހެންނެވެ.

ވަޅޯ މަހާއި ބޯކިބާ

ހުދާ ބުނާގޮތުން، މާލޭގައި ވިއްކަން ހުންނަ ބައެއް ވަޅޯ މަހަކީ ރަނގަޅަށް ރޯ ފިލާފައި ހުންނަ މަހެއް ނޫނެވެ. ޚާއްޞަކޮށް ފެކްޓަރީތަކުން ކައްކާފައި ހުންނަ މަސް ގިނަ ވަގުތު ކައްކާފައެއް ނުހުރެއެވެ. ރަނގަޅަށް ކައްކާފައި ހުރިނަމަ، މަސްގަޑު ބުރިކޮށްލުމުން މެދުގައި އެއްވެސް ރަތްކަމެއް ނުހުންނާނެ އެވެ. ހުންނާނީ ހުދުކޮށްނެވެ. ރަނގަޅަށް ނުކެކޭ މަސް ބުރިކޮށްލުމުން މެދު ރަތްވެފައި މަޑުވާނެއެވެ. އަދި މެދުތެރެ ފުޑުވިގެން ކުޑިވެގެން ދާނެއެވެ. ރަނގަޅު ފޫނުޖަހާ ވަޅޯ މަހަކީ ބޯކިބާގެ އެންމެ މުހިއްމު އެކައްޗެވެ. މާ ހަރުނަމަ، ފެނަށް ލިޔެފައި އަޅައި މަސްތައް މަޑުކުރަން ވާނެއެވެ. މަސްގަނޑުތަކުން ހަމާއި  ކައްޓާއި މާ ހަރުބައިތައް  ވަކިކޮށް ރީތިކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މަސް ލިޔަންވާނީ ވަރަށް ތުނިކޮށެވެ.

smokeboxބޯކިބާގެ ޙަޤީޤީ ރަހަ ނިކުންނާނީ ހަމައެކަނި ވަޅޯ މަސް ބޭނުންކުރުމުންނެވެ. އެއީ ދުމުގައި ހުންނަ ތެލެއް މަހުގައި ޖެހިގެން ނުކުންނަ ރަހައެކެވެ. އެހެންކަމުން ޙަޤީޤީ ބޯކިބާ ރަހަލާ ބޯކިބަލެއް ”ފެލިވަރު“ މަސްދަޅުގައި ހުންނަ މަހަކުން ނޭޅޭނެއެވެ. ކަންދިމާވާގޮތުން މާލޭގައި ދަރު އުނދުނެއް ނުހުންނާތީ، ވަޅޯ މަސް ގަންނަން ލިބުމުގައި ދަތިތަކެއް ވާނަމަ، ތަނޫރަކުން (އަވަނުން) ވަޅޯ މަސް ހެދިދާނެއެވެ. މިކަމަށް ހަދަން ޖެހޭނެ ގޮތަކީ، މަސްދަޅުގެ މަސް، ތަބަކެއްގައި (ޓްރޭއެއްގައި) ބަހައްޓައި ވަޅޯ ކުރާނީއެވެ. ވަޅޯ މަހުގެ ރަހަ ގެނައުމަށް ދުންފޮށްޓެއް ނުވަތަ ”ސްމޯކް ބޮކްސް“ އެއް ތަނޫރުގެ ތެރޭގައި ބަހައްޓަން ޖެހޭނެއެވެ. ދުންފޮށްޓަކީ، ކުދިކުދި ލަކުޑި ކޮޅު ނުވަތަ ދާލިކޮޅު އެޅޭ ގޮތަށް ހަދާފައި ހުންނަ ދަގަނޑު ފޮށްޓެކެވެ. މިފޮށީގައި މަތިގަނޑުގައި ދުން ނުކުންނަން ލޯވަޅުތަކެއް ހުރެއެވެ. ހޫނުވާން ފެށުމުން ދާލިތައް އަނދައި ނުކުންނަ ދުން މަހުގައި ހިފައި ރަނގަޅަށް ވަޅޯވާނެއެވެ.

smoker-box1alusmokerboxދުން ފޮށްޓެއް ނެތްނަމަ، ހުސް ދަޅެއް ނުވަތަ އެލުމިނިއަމް ފޮއިލް ވެސް ރަނގަޅުވާނެއެވެ. އެކި ބާވަތުގެ ލަކުޑިން މިގޮތަށް ދުން އެރުވުމުން ވަޅޯވާ މަހުގައި ލާނީ އެކި ރަހައެވެ. އެންމެ މީރު ރަހަލަނީ ކޮންބާވަތެއްގެ ލަކުޑިންތޯ ތަޖުރިބާ ކުރުމުން އެނގޭނެއެވެ.  ބައެއް މީހުން، ދާލި، ގިނަ އިރުވަންދެން ފެނަށް ލާފައި އެލުމިނިއަމް ފޮއިލް އަށް ލައެވެ. މިހެން ހެނދުމުން، ރޯ ނުވެ ދުން އަރައެވެ.

ރީނދުލާއި ހިކިމިރުހާއި ހިކަނދި ފަތާއި ބޯކިބާ

ރާއްޖެތެރޭގެ ބައެއް ރަށްރަށުން ކެވިފައިވާ ބޯކިބަލުގައި ރީނދޫ ލާފައެއް ނުހުރެއެވެ. އަހުރެން ހަނދާންވާ ގޮތުން، އައްޑޫ ކެއްކުންތެރިންވެސް ބޯކިބަލަކަށް ރީނދުލެއް ނުލައެވެ. އަދި މުޙައްމަދު އަމީންގެ މަސްފަތަފޮޅީގެ ރެސިޕީގައި ރީނދޫ ހިމަނާފައެއް ނުވެއެވެ. ހުދާ ބުނަނީ ބޯކިބާ މީރުވާނީ ރީނދޫ ލުމުން ކަމަށެވެ. މި ތަފާތުން ވަކި ގޮތެއް ނިންމަން އަހުރެން  ދޫކޮށްލާނީ ކިޔުންތެރިންނަށެވެ. ގިނަ ދުވަސްވެފައިވާ ރީނދޫ ނަމަ، ނުބައި ރަހައެއްލާފާނެތީ ވީހާވެސް ތާޒާ ރީނދޫ ބޭނުންކުރުން ރަނގަޅުވާނެ އެވެ.

ހުދާ ބުނާގޮތުން، ވަރަށް ގިނަ ކެއުމުގެ ބާވަތް ތަކަށް ހިިކި މިރުސްލުމުން އޭގައިލާ ރަހަ މީރުވާނެއެވެ. އޭނާ ހިކި މިރުސް ލަނީ އެހެން ވެގެން ކަމަށް ބުންޏެވެ. ނަމަވެސް އެއީ ޙަޤީޤީ ރެސިޕީގައި ހިމެނޭ ގޮތް ކަމެއް ޔަޤީން އެއް ނޫނެވެ.  މުޙައްމަދު އަމީންގެ ރެސިޕީގައި ހިކަދި ފަތެއް ނެތެވެ. ކުރިން ބަޔާން ކުރި މާ ނަން މަޝްހޫރު ބޯކިބަލެއް ގަނެގެން ބެލިއިރު، އެއަށް ހިކަނދިފަތް ކޮށާ އަޅާފައި ހުއްޓެވެ. ހިކަނދިފަތް ބޯކިބަލަށް އަޅަން ޖެހޭނެކަމަށް ހުދާ ވެސް ފާހަގަ ކުރެއެވެ.

ބޯކިބާ ފިހުން

ކަރަންޓު އުދުނަކުން ބޯކިބާ ފިހެފިނަމަ، އޭގައިލާ ރަހަ، ދަރު އުނދުނަކުން ފިހުމާ ތަފާތު ވާނެއެވެ. އެއީ އަހުރެން ކުރިން ފާހަގަކުރިހެން  ދުމުގައި ހުންނަ ތެލާ ހެދިއެވެ. އެހެންކަމުން، ކަރަންޓު އުދުނެއް ބޭނުން ކުރާނަމަ، ރަނގަޅުވާނީ، އުނދުނުގެ ތެރެއަށް ”ދުން ފޮށްޓެއް“  ލައިގެން ފިހުނިއްޔާއެވެ.

އަހުރެންނަށް މި ހުށަހަޅާލެވުނީ ކުޅިބޯކިބާ ހަދާނޭ ގޮތުގެ ކުރު ތަޢާރުފެކެވެ.  މިއީ ކުޅި ބޯކިބަލުގެ ޙަޤީޤީ ރެސިޕީ ނޫންނަމަ، އަދި ޙަޤީޤީ ރެސިޕީ ދަންނަނަމަ،  ކޮމަންޓް ބައިގައި ތިބާ ލިޔެލުމުން ކިޔުންތެރިންނަށް މަންފާ ކުރާނެއެވެ. ބައެއް މީހުން ބުނަނީ ބޯކިބަލުގެ ޙަޤީޤީ ރެސިޕީއެއް ނޯންނަ ކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ބޯކިބާ އަޅަނީ އެކި ގޮތަށް ކަމަށެވެ.

މި މަޒުމޫނަށް މަޢުލޫމާތު ދެއްވި އަލްފާޟިލާ އާއިޝަތު ހުދާ އަށާއި އަޖުމަ ބެލުމުގެ ދެ ރެސިޕީއަށް ބޯކިބާ އަޅުއްވައި ދެއްވި ފަރާތަށް ޝުކުރު ދަންނަވަމެވެ.