2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ 7 ފިލާވަޅު

ވޭތިވެދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މާލޭގައި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގައިފައި ވެއެވެ. އެންމެ ފަހުން ހިނގާފައިވާ ހާދިސާގައި އެކަކު މަރުވެފައި ވެއެވެ. ކޮންމެ މިފަދަ ހާދިސާއަކީ، ކަންކަން ކުރާގޮތް، ކަމާ ބެހޭ ފަރާތްތަކުން ރަނގަޅުކުރުމަށް ލިބޭ ފުރުޞަތެކެވެ. ރައްޔިތުން ރައްކާތެރިކުރުމަށް ޒިންމާވާ ފަރާތްތަކުން، ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކުރުމަށް ލިބޭ ތަޖުރިބާއެކެވެ. މި މަޒުމޫނުގައި އަޅުގަނޑު މި ދަންނަވާލަނީ، އަލިފާނުގެ ހާދިސާތަކުގެ ތަޖުރިބާއިން ވިސްނަން ޖެހޭ ބައެއް ކަންކަމެވެ.

މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. 20 ސެޕްޓެމްބަރ 2019 ދުވަހުގެ ރޭ ހެންވޭރު ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 14 ގެއަކާއި 6 ގުދަން އެނދިކަމަށާއި، އެކަކު މަރުވެ، 400 މީހުން އެހީއަށް އެދި ޑިޒާސްޓަރ މެނެޖްމަންޓް އޮފީހުގައި ރަޖިސްޓްރީވިކަމަށް މި ޚަބަރު ބުނެއެވެ.

ރާއްޖޭގައި ކޮންމެ ތިން ދުވަހަކަށް އަލިފާނުގެ ދެ ހާދިސާ ހިނގާކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ތެރެއިން ގިނަ ހާދިސާ ހިނގަނީ، ކަރަންޓުގެ ސަބަބުން ކަމަށް އަލިފާން ނިވާ ސަރުކާރުގެ ފަރާތުން ބުނެއެވެ. މިދިޔަ ހަފުތާގައި ލިޔުނު މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރީ ކަރަންޓުން އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެކަމުގެ ޙައްލެވެ. އެ މަޒުމޫނު ނުކިޔުއްވާ ފަރާތެއް ވާނަމަ، ތިރީގައިވާ ފޮޓޯއަށް އޮބާލުމުން އެ މަޒުމޫނު ފެނިވަޑައިގަންނަވާނެއެވެ.

މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރާނީ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ޢިމާރާތްކުރުމުގައި ބަލަން ޖެހޭ ކަންތައްތަކެވެ. ގެދޮރު ބިނާކުރުމާ ބެހޭ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކެވެ.

20 ސެޕްޓެމްބަރު ދުވަހުގެ ރޭ ހިނގި ހާދިސާ ތަކުގައި، އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ، އަލިފާން ނިވާ ލޮރީއަށް (ނުވަތަ ފަޔަރ އެންޖިންއަށް) މަގަށް ވަނުމުގައި ދިމާވި ދަތިތައް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ސައިކަލްތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން، ލޮރީއަށް ވަދެވޭނޭ ގޮތް ނުވުމެވެ. މިހެން މެދުވެރިވުމުން، ސައިކަލްތައް މަގުގައިވާ ގެއެއްގެ ބަޔަކަށް ވައްދާ، އެއްކައިރިކޮށް ހެދުމަށް މުހިއްމު އެތައް ވަގުތެއް ބޭކާރުވިކަމަށް ވެއެވެ. މިކަމުގެ ޙައްލަކީ ކޮބައިތޯއެވެ؟

1. އަލިފާންނިވާ ލޮރީތަކަށް ނުވަދެވޭ ގޮތަށް އުޅަނދުތައް ޕާކު ނުކުުރުން


އަލިފާން ނިވާ ލޮރީތަކަށް ހުޅުފަޅައިގެން ގޮސްފައިވާ ގެއަކަށް އަވަހަށް އާދެވުމަކީ ޖާނާއި މާލަށް ލިބޭ ގެއްލުން ކުޑަކުރެވޭނޭ ކަމެކެވެ. މި މައްސަލައިގެ ހައްލާ ބެހޭ ގޮތުން، އަޅުގަނޑު ކުރިން އެއްފަހަރަކު ވެސް މަޒުމޫނެއް ލިޔެފީމެވެ. ކާރާއި ސައިކަލްތައް ރޭގަނޑާއި ދުވާލު މަގުމަތީގައި އަމިއްލަ ގަރާޖެއް ފަދައިން ޕާކުރުކުރުމުން، އެންމެންނަށް މިލްކުވެގެންވާ މަގުމަތި އެބޭނުން ކުރެވެނީ އަމިއްލަ ފައިދާއެއް ލިބިގަތުމަށެވެ. މިކަމުގެ ސަބަބުން ކާރުބާރު ދަތިވުމުގެ އިތުރަށް ޕަބްލިކް ޖާގައަކުން ޕްރައިވެޓް ބޭނުމެއް ކުރެވެނީއެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން، އަލަށް ހަދާ ގެތަކުގައި، އަމިއްލަ ގޭގެ އެތެރޭގައި ޕާކުރުކުރުމަށް ވަކި މިންވަރެއްގެ ޖާގައެއް ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައި ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ކަނޑައަޅާފައިވާ މިންވަރު މާކުޑައެވެ. އަޅުގަނޑަށް ފެންނަނީ، ޢިމާރާތެއްގައިވާ ކޮންމެ ނިދާކޮޓަރިއަކަށް ސައިކަލެއް ޕާކުކުރެވޭނޭ މިންވަރަށް (14 އަކަފޫޓަށް) ގޭގައި ގަރާޖުކުރާނޭ ތަން ހެދުމަށެވެ. ނަމަވެސް ހިތާމައަކީ، ސަރުކާރުގެ ގަވާއިދު ވެސް ނުހިނގާކަމެވެ. އަޅުގަނޑުމެންގޭގައި ކައިރީގައި މީހަކު އެތައް ބުރިއަކަށް ގެއެއް އެޅީ ސަރުކާރުން ކަނޑައެޅިވަރަށް ގަރާޖެއް ލާފައެވެ. ދެން، ގެއަޅާ ނިމި، ހައުސިންގ މިނިސްޓްރީއިން ގޭގައި އުޅުމުގެ ހުއްދަ ލިބުމުން، ވެރިފަރާތުން ގަރާޖު ބަދަލުކޮށްލީ ސައި ހޮޓަލަކަށެވެ. ސައިކަލްތަކާއި ވެހިކަލްތައް މުޅި ދުވާލު ޕާކުކޮށްފައި އޮންނަނީ އެންމެން ހިނގަން އަދި ދުއްވަން އޮންނަ މަގުގައެވެ. މިގޮތަށް ޢަމަލުކުރާ ފަރާތްތައް ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރެވޭނޭ ޤާނޫނެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވެސް ވެއެވެ. ނަމަވެސް، ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރޭތޯބަލާ ފަރާތެއް ވާހެނެއް ހިއެއް ނުވެއެވެ. އަޅުގަނޑަށް ހީވާގޮތުން، އެތައް ގެއެއް ޢިމާރާތް ކޮށް ދިރިއުޅުމަށް ހުއްދަލިބުމުން މި ދެންނެވި ގޮތަށް ގަވާއިދާ ޚިލާފަށް ޢަމަލުކުރެއެވެ. މިކަންކަން ބަލާނޭ ފަރާތެއް ނެތްނަމަ، މައްސަލަތައް ހައްލެއް ނުވާނެއެވެ. ޢަމަލު ނުކުރާ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމަކީ ބޭކާރު ކަމެކެވެ. ނުހިނގާ، ޢަމަލު ނުކުރާ ޤާނޫނުތައް ހެދުމަށް މަޖިލިހެއް އޮތުމުގެ ބޭނުމަކީ ވެސް ފަހެ ކޮބައިތޯއެވެ؟ މި މައްސަލައާ ބެހޭ ގޮތުން، ގަވާއިދުތަކުގެ މަޢުލޫމާތާއެކު ލިޔެފައިވާ މަޒުމޫނެއް މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ.

އެހެންކަމުން މައްސަލައިގެ ހައްލަކީ، ގެދޮރު ޢިމާރާތްކުރުމުގައި ގަރާޖަށް ބާއްވަން ޖެހޭ ތަނާ ބެހޭ ގަވާއިދު، ބޮލަކަށް ކަނދުރާއަކަށް ނުބަލައި ހިންގުމެވެ. އެންމެންގެ ސަލާމަތަށްޓަކައެވެ.

2. އަލިފާނުގެ ހާދިސާއެއްގައި، ފެންލޮރީ ބާއްވާނޭ ތަން ކުރިން ފާހަގަކުރުން


އަލިފާންނިވާ ލޮރީއަށް ނުވަދެވިގެން، ސައިހޮޓަލެއްގައި ކާންތިބި ބަންގާޅު މަސައްކަތު މީހުންތަކެއް މަގުމަތީގައި ހުރި ސައިކަލްތައް އުފުލައިގެން ހޮޓާތެރެއަށް ވައްދަން ޖެހޭ ޙާލަތެއް އައިސްގެނެއް ނުވާނެއެވެ. ޖާނާއި މާލުގެ ރައްކާތެރިކަމަކީ އެންމެ މުހިއްމު ކަމެއް ދޭންޖެހޭ މައްސަލައެވެ. މި މައްސަލައިގެ ހައްލެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ، އަލިފާން ނިވާ ލޮރީއަކަށް އަބަދުވެސް ދަތުރުކުރެވޭނޭ ފުޅާމިން، ކަނޑައަޅައި، އެ ޖާގަ މަގުގައި ހުސްކޮށް އަބަދުވެސް އޮންނާނޭ ގޮތް ހެދުމެވެ. ބައެއް މަގުތައް ހަނިކަމުން، އެންމެ ކުޑަލޮރީއަށް ވެސް ވަންނަން ދަތިވާނެއެވެ. ފެންހޮޅިއެއް ދިގުވި ވަރަކަށް އެއިން ނުކުންނަ ފެނުގެ ޕްރެޝަރު ކުޑަވެއެވެ.

ފުޅާމަގެއްގައި އަލިފާންނިވާ ލޮރީ ބާއްވައިގެން ހޮޅިތަކުން ދިހަ ބުރީ ޢިމާރާތަކަށް ފެންޖެހޭނޭ ދުރުމިން ނުވަތަ ރާސްތާ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅައި، އެފަދަ ލޮރީ އޮންނަންޖެހޭ ތަން އަބަދުވެސް ހުސްކޮށް އޮންނާނޭ ގޮތަށް މަގުގައި ރޮނގުދަމައި ފާހަގަކުރަން ޖެހެއެވެ.

މާ ދުރުގައި ލޮރީ ބާއްވައިގެން އަލިފާން ނިއްވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މިހެންވެ، ގަވާއިދުތައް ހަދަން ޖެހޭނީ އަލިފާން ނިއްވާ ލޮރީއަކުން ގެއެއްގައި ހުޅު ހިފައިފިނަމަ، ނިއްވާލެވޭނޭ އުސްމިނަށެވެ. މިއީ އެހެން ”ސިޓީ“ ތަކުގައި ވެސް ގަވާއިދު ހަދާ ގޮތެވެ. ގަވާއިދު ހެދުމުގައި އިސްކަންދެނީ އެންމެ ފުރަތަމަ ސަލާމަތްތެރިކަމަށެވެ. ތަންތަން ކުއްޔަށް ދީގެން ވެރިމީހާއަށް ކުރާނޭ މަންފާއަކަށް ނޫނެވެ.

މާލޭގެ މަގުތައް ހަދާފައިވާ ހަނިކަން، ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ތަކުރާރު ވެދާނެތީ، މަގުގެ ފުޅާމިނާ ބެހޭ ގޮތުން ޤާނޫނެއް ފާސްކުރަން ޖެހެއެވެ. ޖަޕާނުގައި މަގެއް އެންމެ ހަނިކޮށް ހެދެނީ 15 ފޫޓަށެވެ. ނަމަވެސް މި ފުޅާމިނުގެ  މަގެއް އެންމެ ދިގުކުރެވޭނީ ގާތްގަޑަކަށް 400 ފޫޓަށެވެ. މަގެއް ދިގުވި ވަރަކަށް މަގު ފުޅާކުރަން ޖެހެއެވެ. މިއާ މިފަދަ ކަންކަމާ ބެހޭގޮތުން އަޅުގަނޑު ލިޔެފައިވާ މަޒުމޫނެއް މި ލިންކަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.

3. ގެ އުސްވި ވަރަކަށް އިމުން އެތެރެއަށް ޖައްސަން ޖެހޭ މިންވަރު ބޮޑުކުރުން


މާލޭގެ ހަނި ގޯޅިތަކުގައި، އުސްކޮށް ގެ އެޅުމުން، ފަޔަރ އެންޖިން ނުވަތަ އަލިފާން ނިވާ ލޮރީއަކަށް ވަދެވުނު ކަމުގައި ވިއަސް، އަލިފާން ނިއްވަން ފަސޭހައެއް ނުވާނެއެވެ. މައްސަލައަކީ، ބިންމަތީގައި ތިބެގެން ކޮޓަރިތަކަށް ފެންޖަހަން އުނދަގޫކަމެވެ. ހޮޅިއަކުން ޖަހައިގެން ފެން ކޮޓަރިތަކަށް ވަންނާނީ، ކޮންމެވެސް ކަތިކަމަކާއެކު މަގުމަތިން ފެންޖެހޭނަމައެވެ. ހޮޅި ތެދަށް ބަހައްޓައިގެން ޖަހާނަމަ، ޖަހާ ހުރިހާ ފެނެއް ފައިބާނީ މަގުމައްޗަށެވެ.

ހަނިމަގުތަކުގައިވާ ގެތަކުން އަލިފާން ނިވުމަށް ދިމާވާނެ އެންމެ ބޮޑު އެއް ދައްޗަކީ މިއީއެވެ. އެކަށީގެންވާ ކަތިމިނަކާއެކު، ކޮޓަރިތަކަށް ވަންނާނޭހެން އަލިފާން ހިފައިފައިވާ ތަނަކަށް ފެންޖަހަން ދަތިވާ މައްސަލައެވެ. މަގުހަނިވި ވަރަކަށް އަދި ގެ އުސްވި ވަރަކަށް މި މައްސަލަ ބޮޑުވާނެއެވެ.

މަގުމަތީގައި ތިބެގެން ފެން ޖަހައި އަލިފާން ނިއްވުމަށް، ހަނި ގޯޅިތަކުގައި، ގެދޮރު އުސްކޮށް އަޅަންޖެހޭނީ، އިމުން ބޭރުނުވާގޮތަށް އެތެރޭގައެވެ. މައްޗަށް ބިނާކުރި ވަރަކަށް އެތެރެއަށް ޖައްސަން ޖެހޭ މިންވަރު (އިނގިރޭސި ބަހުން ބުނާނަމަ، ސެޓް-ބެކް) ބޮޑުވާން ޖެހޭނެއެވެ.

ނަމަވެސް، މިކަންކަން ހިނގާފައިވަނީ ސަލާމަތްތެރިކަމަށް ބެލުމެއް ނެތިއެވެ. ހަނި ގޯޅިތަކުގައި، އަލިފާން ނިއްވާލަން ދަތިވާހާ އުސްކޮށް ގެއަޅަން ހުއްދަދޭއިރު، އިމުން ބޭރުން މަގުމައްޗަށް ނެރެން ވެސް ހުއްދަދެއެވެ. ފަހަކަށް އައިސް ނުވަ ފޫޓު އުހުން ވިއްސަކަށް ފޫޓާ ހަމައަށް ނެރެވޭނީ ބެލްކަނީ އެއްކަމަށް ގަވާއިދުތަކުގައި ވެއެވެ. ނަމަވެސް، އެއަށް ވުރެ މަތިން، މަގުމައްޗަށް ކޮޓަރިތަކުގެ ފާރުތައް ވެސް ނެރެވެއެވެ. ބޭރު ޤައުމުތަކުގައި އުސްވިވަރަކަށް އެތެރެއަށް ޖައްސަން ޖެހޭ މިންވަރު ގަވާއިދުތަކުން ކަނޑައަޅަނީ، މާލޭގައި ކަންކުރާ ގޮތާ ޚިލާފަށް، ބޮޑުކޮށެވެ.

ބުނާގޮތުގައި، ހުޅުމާލެއަކީ މާލޭގެ ވެސް ބައެކެވެ. ނަމަވެސް މި ދެތަނުގައި ގެދޮރު ބިނާކުރުމުގެ ގަވާއިދުތައް ވަރަށް ތަފާތެވެ. ހުޅުމާލެ އެންމެ ފުރަތަމަ ފަރުމާކުރިއިރު، އެތަނާ މެދު ވިސްނާފައިވަނީ ”މީޑިއަމް ޑެންސިޓީ ހައުސިން“ އަށެވެ. އެއީ މެދު މިނުގެ ގެތަކުގެ ބައިބޯ މިންވަރެވެ. އެންމެ ފުރަތަމަ ދުވަސްވަރު، އުސްކޮށް ހެދެނީ ހަތަރު ބުރިއަށެވެ. އިމުން ބޭރަށް އެއްވެސް ގޮތަކަށް ނުނެރެވެއެވެ. ހުޅުމާލޭގެ ދެ ގޭގެ ދެމެދުގައި ހުސް ޖާގައެއް ބާއްވަން ޖެހެއެވެ. ނަމަވެސް، ފަހަކަށް އައިސް، އަމިއްލަ މީހުންގެ މަންފާއަށް، ސިޔާސީގޮތުން އެކި ނުފޫޒު ހިންގައިގެން ގެއެޅޭ އުސްމިން ބޮޑުކޮށްފައި ވެއެވެ. އެހެން ހަރުދަނާ ގަވާއިދުތައް ވެސް ބަދަލުކޮށްފައި ވެއެވެ. މާލެ ވާނެ ގޮތެއް ވާން ކަމާބެހޭ މީހުން އަތުން ވީއްލާލީކަމަށް، ދޫކޮށްލީކަމަށް، ބައެއް ފަހަރު ހީވެއެވެ.

4. އުސް ގެތަކުގެ ސިޑިތައް ހުންނަންޖެހޭ ގޮތާ ބެހޭގޮތުން ގަވާއިދެއް ތަންފީޒުކުރުން


މާލޭގައި 2019 ވަނަ އަހަރު ހިނގި ބޮޑުހުޅާ ގުޅިގެން، ދަސްވި ފިޅާވަޅުތަކުން، ގެދޮރު އެޅުމުގެ ގަވާއިދުތަކަށް ވެސް ބަދަލުތައް ގެންނާން ޖެހެއެވެ. މިގޮތުން އަޅުގަނޑު  ދެތިން ހަތަރު ބަދަލެއް ފާހަގަކޮށްލާނަމެވެ. އެންމެ ފުރަތަމަ އަޅުގަނޑު ފާހަގަކޮށްލާނީ، ސިޑިތަކުގެ ފުޅާމިނެވެ. މާލޭގެ ދިހަބުރިއަށް ހުންނަ ގޭއްގޭގައިވެސް، ދެ ފޫޓު ހަރުފަތްތަކުގެ ފުޅާމިނުގައި ހުރެފާނެއެވެ. އެއް ފަރާތް ފިޔަވައި، އެހެން ފަރާތެއްގައި އަތްގަނޑެއް ވެސް ނުހުރެދާނެއެވެ. އަލިފާނުގެ ކުއްލި ހާލަތެއްގައި، މިފަދަ ސިޑިއަކުން، ޚާއްޞަކޮށް އަނދިރިނަމަ، އަލިފާން ނިވާމީހުންނަށް އެމީހުންގެ ސާމާނާއެކު، މައްޗަށް އަރަންށާއި ގޭގައި އުޅޭމީހުން ފައިބާން ނިހާޔަތަށް ދަތިވާނެއެވެ. ބޭރު ޤައުމުތަކުގައި، ދިހަ ބުރީގެ ޢިމާރާތްތަކުގެ ސިޑީގެ ހަރުފަތްތަކުގެ ފުޅާމިނުގައި މަދުވެގެން ހަތަރު ފޫޓު ހުންނަން ޖެހެއެވެ. ތިރީ ޢިމާރާތެއް ނަމަ ތިން ފޫޓު ހުންނަން ޖެހެއެވެ. ދެފަރާތުގައި އަތްގަނޑު ހަރުކުރަން ޖެހެއެވެ. ހަރުފަތްތަކުގެ އުސްމިނާއި ފުންމިންވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް ރާއްޖޭގެ މީހުން، ކޮޓަރިތަކުގެ ޖާގަބޮޑުކުރުމަށް، ބޭނުން ނުފުދޭހާ ހަނި، އަދި އަރައިފައިބާން ދަތި ސިޑި ބަހައްޓައެވެ. ތިރީގައި އެވަނީ ސިޑިތަކުގެ ޢާއްމު ގަވާއިދުތަކެވެ.

މަތީގައިވާ ކުރެހުމުގައި ނުވާ ދެތިން ހަމައެއް ވެއެވެ. މީގެ ތެރެއިން އެއް ހަމައަކީ ރާއްޖޭގެ ގެދޮރު ފަރުމާކުރާ މީހުން އަޅާނުލާ ހަމައެކެވެ. ރާއްޖޭގެ ގަވާއިދުތަކުގައި ނުހިމެނޭތީއެވެ. މިހަމައަކީ، އެނބުރިގެން އަރާ ސިޑިއެއް ނަމަ، ހަރުފަތުގެ އެންމެ ހަނި ހިސާބުގެ ފުންމިނުގައި 6 އިންޗި ހުންނަން ޖެހުމާއި ހަނިފަރާތާ ޖެހިގެން 12 އިންޗި ދުރުގައި ހަރުފަތުގެ ފުންމިނުގައި މަދުވެގެން 10 އިންޗި ހުރުމެވެ. ތިރީގައިވާ ކުރެހުމުން މި މިންތައް ފާހަގަކުރެއްވޭނެއެވެ. މާލޭގައި މިގޮތަށް ހުންނަ ސިޑީގެ ހަރުފަތުގެ އެއްކޮޅު ހުންނަނީ ވަރަށް ތޫނުކޮށެވެ. ބައެއް ހަރުފަތުގެ ހަނި ހިސާބުގައި ބޮޑުވާ އިނގިލިވެސް ނޭޅޭނެއެވެ.

ސިޑިބަރިއަށް އަލިވާގޮތަށް އިމަރޖެންސީ ބޮކި ހަރުކޮށްފައި ހުންނަން ޖެހެއެވެ. ގޭގައި ހުޅުރޯވުމުން، ގިނަ ފަހަރު ކަރަންޓު ކަނޑާލައެވެ. ރޭގަނޑު ނަމަ، ކަރަންޓު ކެނޑުމުން ދިއްލޭ ބޮކި، ސިޑިގޮޅީގައި ނުވާނަމަ، ފައިބަން ވަރަށް ދަތިވާނެއެވެ. މިހެންވެ، ސިޑިގޮޅީގައި އިމަރޖެންސީ ބޮކި ހުރުމަކީ ވެސް ރައްކާތެރިކަމަށް ލާޒިމްކަމެކެވެ. ގިނަ މީހުންނަށް މިހާރުވެސް ވިސްނޭނޭ ފަދައިން، ގޭގައި ހުޅުރޯވުމުން، ލިފްޓެއް ބޭނުމެއް ނުކުރެވޭނެއެވެ. ތުކި! އަލިފާން ނިވުމަށްޓަކައި ބޭނުންކުރެވޭ ލިފްޓް ހުރެއެވެ. މިފަދަ ލިފްޓަށް ވަދެވެން ޖެހޭނީ، އެއް ގަޑިއިރުވަންދެން ރޯނުވާ ދޮރުފަތެއްލީ ކުޑަ ކޮޓަރިއެއް ނުވަތަ ޖާގައެއްގެ ތެރެއިންނެވެ. ލިފްޓަށް ކަރަންޓު ދިނުމަށް ވަކި އިންޖީނެއްވެސް ހުންނަން ޖެހެއެވެ. އަޅުގަނޑަށް ހީވާގޮތުން މިގޮތަށް ހަދާފައި ހުންނަ އެއްވެސް ލިފްޓެއް ރާއްޖޭގައެއް ނުހުރެއެވެ.

ރާއްޖޭގައި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން ކުރަންޖެހޭ އެއްކަމަކީ، ޢިމާރާތްތަކުގައި ސިޑިތައް ހުންނަންޖެހޭ ހަމަތަކެއް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅައި ތަންފީޒުކުރުމެވެ.

5. ސިޑިގޮޅިތައް ހުންނަން ޖެހޭ ގޮތަށް ޚާއްޞަ ގަވާއިދުތަކެއް ތަންފީޒުކުރުން


20 ސެޕްޓެމްބަރުގައި ހިނގި އަލިފާނުގެ ހާދިސާގައި، އެކަކު މަރުވެފައި ވެއެވެ. އޭނާ މަރުވާން ދިމާވި ގޮތާ ބެހޭ ގޮތުން، ބައެއް ވާހަކަތައް އަޅުގަނޑަށް އިވިފައި ވިއަސް، އަޞްލު ސަބަބެއް ނޭނގެއެވެ. އަޅުގަނޑުގެ ހިތަށް އަރަނީ، އޭނާއަށް ސިޑިގޮޅިން ނުފޭބުނީ ކީއްވެގެން ބާވައެވެ؟  ލަފާކުރެވޭ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ނުކުމެވޭ ވަރަށް ވުރެ ބޮޑަށް އަލިފާން ހިފާފައި ވުމެވެ. އަދި ގާތުގައި އަލިފާނާ މުޤާބަލާ ކުރާނޭ ފެން ހޮޅިއެއް ނެތުމެވެ. ބޭރު ޤައުމުތަކުގެ ގަވާއިދުތަކުގައި، ސިޑި ގޮޅިއަކީ ވަރަށް ރައްކާތެރިކޮށް ހަދާފައި ހުންނަންޖެހޭ ތަނެކެވެ. އެތަނަށް ވަދެވެން ހުންނަ ހުރިހާ ދޮރާއި ދޮރުފަތް އެއް ގަނޑިއިރުވަންދެން އެއް ފަރާތުން ހުޅު ޖެއްސިއަސް މުޅިން ރޯވެގެން ނުވާނެއެވެ. މިފަދަ ދޮރާއި ދޮރުފަތަށް ކިޔަނީ އަލިފާން ދޮރެވެ. ފަޔަރ ޑޯރ އެވެ. ދައުލަތުގެ ޚަރަދުގައި ހަދާ ބައެއް ޢިމާރާތްތަކުގައި މިފަދަ ދޮރުލައެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި މުހިއްމީ އަމިއްލަ ގެތަކުގެ ސިޑިގޮޅިތަކުގައި މިފަދަ ދޮރާއި ދޮރުފަތް ލުމެވެ. އަލިފާނުގެ ހާދިސާތައް ގިނައިން ހިނގާނީ އަމިއްލަ ތަންތަނުގައި ކަމަށް ލަފާކުރެވެއެވެ. ފަޔަރ ޑޯ އާއި އިމަރޖެންސީއެއްގައި ނުކުންނަންޖެހޭ ހުރިހާ ދޮރެއް ހުޅުވެން ޖެހޭނީ ބޭރަށް ދިއުމަށް ފަސޭހަވާ ގޮތަށެވެ.

އަލިފާނުގެ ހާދިސާތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމަށް، އުސް ޢިމާރާތްތަކުގެ ސިޑިގޮޅިތަކުގައި ފަޔަރޑޯ ހަރުކުރުމާއި، ސިޑިގޮޅީގައި އިމަރޖެންސީ ބޮކި ހަރުކުރުމަށް ގަވާއިދުތައް ހަދަން ޖެހެއެވެ.

6. ނިދާކޮޓަރިން ނުކުންނާނޭ އިތުރު ދޮރެއް ހުރުން


ބޭރު ޤައުމުތަކުގެ ގަވާއިދުތަކުގައި ނިދާ ކޮންމެ ކޮޓަރިއެއްގައި، އަލިފާން ހިފައިފިނަމަ ނުކުމެވޭ އެއް ކުޑަދޮރު ހުންނަން ޖެހެއެވެ. މިއީ ބައިނަލްއަޤްވާމީ ހަމައެކެވެ. މި ކުޑަދޮރަށް ކިޔާ ނަމަކީ އިގްރެސް ވިންޑޯ އެވެ. އިގްރެސް ގެ މާނައަކީ ނުކުންނަ މަގު ނުވަތަ ނުކުތުމެވެ. މި ކުޑަދޮރުގައި ހަތަރު ސިފައެއް ހުންނަން ޖެހެއެވެ.

  • ހުޅުވޭ ޖާގައިގެ ފުޅާމިނުގައި މަދުވެގެން 20 އިންޗި ހުންނަން ޖެހޭނެއެވެ.
  • ހުޅުވޭ ޖާގައިގެ އުސްމިނުގައި، މަދުވެގެން 24 އިންޗި ހުންނަން ޖެހޭނެއެވެ.
  • ހުޅުވޭ ޖާގައިގެ ބޮޑު މިނުގައި މަދުވެގެން 5.7 އަކަފޫޓު ހުންނަން ޖެހޭނެއެވެ.
  • އިގްރެސް ކުޑަދޮރުގެ ތިރީ އޮޅި ތަޅުމަށް ވުރެ 44 އިންޗި އުސްވެގެން ނުވާނެއެވެ.

އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، ކޮންމެ ނިދާކޮޓަރިއެއްގައި ކުއްލި ޙާލަތެއްގައި ނުކުމެވޭނޭ ފަދަ އިގްރެސް ކުޑަދޮރެއް ހުރުމަށް ގަވާއިދުތަކުން މަޖުބޫރުކުރަން ޖެހެއެވެ.

7. އަލިފާން ނިވާނޭ ނިޒާމުގެ ގަވާއިދު ބަދަލުކުރުން


20 ސެޕްޓެމްބަރ 2019 ގައި ހިނގި ފަދަ މައްސަލަތައް ހިނގިޔަ ނުދޭން، ކޮންމެ ގެއެއްގައި، ޚާއްޞަކޮށް އުސް ގޭގޭގައި، އަލިފާންނިވާ ފުޅިއާއި ފެން ލިބޭނޭ ގޮތް ހަމަޖައްސާފައި ހުންނަން ޖެހެއެވެ. އަލިފާން ނިވާ ފުޅިއެއް ކޮންމެ ގޭބިސީއެއްގައި ހުރުމުގެ މުހިއްމު ކަމުގެ ވާހަކަ ކުރީ މަޒުމޫނުގައި ބަޔާން ކުރެވިއްޖެއެވެ. މި ފަހަރު، ބަޔާން ކުރާނީ، ފެންހުރުމުގެ މުހިއްމު ކަމުގެ ވާހަކައެވެ.

ސަރުކާރުގެ ގިނަ ޢިމާރާތްތަކާއި އަމިއްލަ ބައެއް ޢިމާރާތްތަކުގައި މިހާރުވެސް އަލިފާން ނިވަން ހޮޅިއަޅައެވެ. މިހޮޅީގެ ކޮޅު ހުންނަނީ މަގުމައްޗަށް ނެރެފައެވެ. މަގުމަތީ ފާރުގައި ކޮޅުނުކުމެފައިވާ ފޮށީގައި DRY RISER މިހެން ލިޔެފައި ހުރެއެވެ. މި ޢިބާރާތުގެ މާނައަކީ މައްޗަށް ފެން އަރުވާ ހިކި (ފެން ނެތް) ހޮޅިއެވެ. ހޮޅީގެ ކޮޅުތައް ކޮންމެ ބުރިއެއްގައި ހުރެއެވެ. މިއީ 18 މީޓަރުން (ހަބުރިން) 50 މީޓަރަށް (16 ވަރަކަށް ބުރިއަށް) ބިނާ ކުރާ ތަންތަނުގައި ހުންނަން ޖެހޭ ނިޒާމެކެވެ. މި ހޮޅީގެ ބޭނުމަކީ ފެން ލޮރީ އައިސް މަގުމަތީގައި ހުރި ކޮޅާ ގުޅުމުން ހުރިހާ ބުރިއަކަށް ފެން ލިބޭ ގޮތް ހެދުމެވެ. ކޮންމެ ބުރިއެއްގައި ދުރަށް ފެން ގެންދެވޭނެ ޕްލާސްޓިކް ހޮޅިއެއް މި ފަލަ ހޮޅިއާ ގުޅާފައި ހުރެއެވެ. ގަވާއިދުގައި އޮންނަ ގޮތުން ފެން ފޮނުވައިގެން ކޮންމެ އަހަރަކު އެއް ފަހަރު މި ނިޒާމު ޓެސްޓު ކުރަން ޖެހެއެވެ. ކޮންމެ ހަ މަހަކުން ކަމެއް ވެފައިހުރިތޯ ބަލަން ޖެހެއެވެ. ބައެއް ތަންތަނުގައި މި ހޮޅިތަކާ ޕަންޕުތައް ގުޅާފައި ހުރެއެވެ.

އަޅުގަނޑަށް މި ނިޒާމުގެ ބޮޑު ދެ މައްސަލައެއް ފާހަގަކުރެވެއެވެ. އެއްކަމަކީ، ގޭގެ ތަނެއްގައި ރޯވެއްޖެ ނަމަ، މި ހޮޅީގައި ފެން ނެތުމުން އަލިފާން ނިވަން ބޭނުން ނުކުރެވޭ ކަމެވެ. ބޭނުން ކުރެވޭނީ އަލިފާން ނިވާ ލޮރީ އައިސް ހޮޅީކޮޅާ ފެން ގުޅުމުންނެވެ. އެހެންކަމުން، ޢިމާރާތެއްގައި ރޯވެ އެތައް އިރެއްވާއިރުވެސް، އެ ނިއްވާލާކަށް އަމިއްލައަށް ކުރެވޭނޭ ކަމެއް ނޯވެއެވެ. އަނެއް މައްސަލައަކީ، ގަވާއިދުގައި އަހަރަކު އެއްފަހަރު ޓެސްޓްކޮށް އަދި އެއަށް ވުރެ ގިނައިން ޗެކްކުރަން ޖެހުނަސް އެކަން ނުކުރާ ކަމެވެ. ޢިމާރާތުގެ ބުރިތަކުން އިސްކުރުތައް ދޫކޮށްފައި ހުއްޓަސް ނޭނގޭނެއެވެ. އެހެންކަމުން މިވަނީ އޭގެ މަންފާ ނުލިބޭ ބޭކާރު އެއްޗަކަށެވެ. މިއަށް ވުރެ އަޅުގަނޑަށް ރަނގަޅީ، ފެން އަބަދުވެސް ހުންނަ ހޮޅިއެވެ. މި ހޮޅީގެ މަތީކޮޅު ގުޅާފައި ހުންނާނީ އަބަދުވެސް ފެން ހުންނަ މަތީބުރީގައިވާ ތާނގިއަކާއެވެ. ތާނގިން ފެން ހުސްވެއްޖެނަމަ، އަލިފާން ނިވާމީހުންނަށް ފެން ފޮނުވޭނޭ ކޮޅެއް މަގުމައްޗަށް ނެރެފައި ހުރެއެވެ. މި ހޮޅީކޮޅަށް ކިޔަނީ WET RISER (މައްޗަށް ފެން ފޮނުވާ ފެންހުރި ހޮޅި) އެވެ. ފަހުން މިދެންނެވި ބާވަތަކީ، އަބަދުވެސް ތައްޔާރަށް ބޭނުންކުރެވޭ ގޮތަށް ހުންނަ އަލިފާން ނިވާ ނިޒާމެކެވެ. މާލޭގެ ކާރުބާރުބޮޑުކަމުންނާއި ގެތައް ގިނަކަމާއި އުސްކަމާއި މަގުތައް ހަނިކަމުން އަޅުގަނޑަށް ރަނގަޅު ކަމަށް ފެންނަނީ ފަހުން މިދެންނެވި ނިޒާމެވެ.

މާލޭގެ ޙާލަތަށް ރިއާޔަތްކޮށް، ޢިމާރާތްތަކުގައި ހުންނަ އަލިފާން ނިވާ ނިޒާމުތައް އަލުން މުރާޖަޢާ ކުރުމަކީ އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރެވޭނޭ ކަމެކެވެ.  މާލެއަކީ ދުނިޔޭގައި ދެވަނައެއް ނުވާ ބައިބޯ  ގޯޅިތައް ހަނި، ޢިމާރާތްތައް ގިނަ ރަށެކެވެ. ބޭރުގެ އުޞޫލުތައް މިތަނަށް ކަމު ނުގޮއްސާނެއެވެ.

މާލޭގެ ޙާލަތަކީ ދުނިޔޭގެ އެހެން އެއްވެސް ވެރިކަން ކުރާ ރަށަކަށް ދިމާވެފައި ނުވާ ޙާލަތެކެވެ. މާލެއަކީ ދުނިޔޭގެ އެންމެ ބައިބޯ، ވެރިކަންކުރާ ރަށެވެ. ޖައްވު ހޫނުވުމުގެ ސަބަބުން، އެއަރ ކޮންޑިޝަން ކުރާ ތަންތަން ވަނީ ގިނައެވެ. މިކަމުން ޖައްވުވަނީ އިތުރަށް ހޫނެވެ. މަތީ ކަރަންޓު ބޭނުންކުރާ ތަކެތި ދަނީ ގިނަވަމުންނެވެ. ގެތައް ބިނާކުރުން އުސްވަމުންނެވެ. މިއާއެކު، ގިނަ ގޯޅިތަކަށް އަލިފާން ނިވާ އެންޖިނެއް ވެއްދޭހާ ޖާގައެއް ނެތެވެ. މިޙާލަތަށް، މާލޭގެ ނާދިރު ދިރިއުޅުމަށް  ބޭނުންވަނީ އެހެން ޤައުމުތަކުގެ ގަވާއިދުތަކަށް ވުރެ ހަރުދަނާ ގަވާއިދުތަކެކެވެ.

މި މަޒުމޫނުގައި މި ދަންނަވާލެވުނީ، މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާއިން، ގެދޮރު ބިނާކުރާގޮތުގެ ގަވާއިދުތަކަށް ގެންނަންޖެހޭ ބައެއް އިސްލާހު ތަކެވެ. އިޝާރާތް ކުރެވުނު ހާދިސާގައި އެކަކު ނިޔާވެފައި ވެއެވެ. އޭނާ ނިިޔާމަވިގޮތުން، ދިރިތިބީން ފިލާވަޅުތަކެއް ލިބިގަންނަން ޖެހެއެވެ. އެއިރުން، އެ ހިތްދަތި ހާދިސާއިން، ރަނގަޅެއް ވެސް ނުކުތީއެވެ. ހިނގާދިޔަ ހާދިސާއަކީ، އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގުން މަދުކުރުމަށް، ގަވާއިދުތައް އިޞްލާޙުކުރުމަށް ލިބުނު ފުރުޞަތެއް ކަމަށް ބަލަމާތޯއެވެ.

މާތް ﷲ އަލިފާނުގެ ސަބަބުން ނިޔާވި ފަރާތަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ! ގެއްލުން ހުރި މުސީބާތްތަކުންނާއި އާފާތްތަކުން ދިވެހީން ރައްކާތެރިކުރައްވާށިއެވެ. އާމީން.

މި މަޒުމޫނަކީ ތިބާ ޝައުޤުވެރިވި ލިޔުމަކަށް ވާނަމަ، ގެދޮރު އެޅުމާ ބެހޭ  ތިބާ ޝައުޤުވެރިވާނެ އެތައް މަޒުމޫނެއް މި ލިންކްގައި ވެއެވެ.

އެންމެ ފަހުގެ މަޒުމޫނުތައް