ކޮންމެ މީހަކަަށް ވެސް އޮޅުން ފިލާގޮތަށް

ނަމާދު ވަގުތުތަކުގެ ސައިންސް

 

ނަމާދު ގަޑިތައް ހަނދާނުގައި ބެހެއްޓިދާނެތޯއެވެ؟ އާދެ! ހިތްޕުޅަށް އަރާ ޚިޔާލުފުޅުތައް އަޅުގަނޑަށް ވިސްނެއެވެ. ”މިއީ ކީއްކުރަން ކުރަންވީ ކަމެއް ހެއްޔެވެ؟ ކޮންމެ މީހެއްގެ އަތުގައިހެން މިހާރު ފޯނެއް އޮވެއެވެ. ފޯނުން ނަމާދު ވަގުތުތައް ފަސޭހަކަމާއެކު ބަލާލެވެއެވެ. އެހެންކަމުން، ނަމާދު ވަގުތުތައް ފަދަ ގަޑިތައް ހިތުގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ބޭނުން ކަމެއް ނޫނެވެ.“ މި ޚިޔާލުފުޅުތަކަށް އަޅުގަނޑު ދޭންޖެހެނީ ވަރަށް ދިގު ޖަވާބެކެވެ. ނަމަވެސް ކުރުކޮށްލުމުގެ ގޮތުން ދަންނަވަމެވެ.

agevsintelligenceހަށިގަނޑުގެ އެއްވެސް ގުނަވަނެއްގެ ބޭނުން ނުކުރާނަމަ، އެގުނަވަނެއް ވާވެގެން ދެއެވެ. އޭގެ ބާރުތައް ކެނޑެދެމުން ދެއެވެ. ގިނަ މީހުންގެ ދަސްކުރުމުގެ ބާރު 25 އަހަރު ވުމަށް ފަހު ދަނީ ދަށަށެވެ. މިގޮތަށް ދަސްކުރުމުގެ ބާރާއި ބުއްދި، އައު ތަކެތި ދަސް ނުކުރާކަމުގައި ވަނީ ނަމަ، ހައްތާ ދާނީ ދަށަށެވެ. ބައެއް މީހުން ޢުމުރުން 50 ވަރަކަށް އަހަރުވުމުން ތަކެތި ހަނދާންކުރަން ދަތިވެ، ކުރިން ހަނދާން ހުރި ތަކެތި ހަނދާނުން ފޮހެވިގެން ދެއެވެ. ނަމަވެސް، ހަށިގަނޑުގެ ގުނަވަންތައް ބޭނުންކުރާނަމަ، އެ ގުނަވަނަކަށް މަސްއަރައި އެ ގުނަވަނެއްގެ ބާރު ގަދަވެއެވެ. ސިކުނޑިއަކީ ވެސް މިފަދަ އެއްޗެކެވެ. އެހެންކަމުން، ސިކުނޑިގެ ކަސްރަތަށްޓަކައި އައު ތަކެތި އަބަދުވެސް ދަސްކުރަމުން ދާން ޖެހެއެވެ. އައު ކަންތައްތަކާ ދޭތެރޭ ފިކުރުކޮށް ތަކެތި ހަނދާން ކުރަން މަސައްކަތް ކުރަން ޖެހެއެވެ. ފިކުރު ރަނގަޅު މީހުންނަކީ ތަކެތި ހަނދާންކުރަން މަސައްކަތް ކޮށް ގިނަތަކެތި ހަނދާނުގައި ބަހައްޓާ މީހުންނެވެ. ފިކުރު ކުރަނީ ހަނދާނާއެކުއެވެ. ހަނދާން ނެތްނަމަ، ފިކުރެއް ނުކުރެވޭނެއެވެ.

އަޅުގަނޑު މި މަޒުމޫނުގައި ދަންނަވާލާނީ، ފަލަކީ ޢިލްމުގެ ބޭނުންތެރި މަޢުލޫމާތުތަކެއް ހިމެނޭ ގޮތުން، ނަމާދު ވަގުތުތައް ހިތުގައި ބަހައްޓާނޭ ގޮތެވެ. ކަލަންޑަރުތަކުގައިވާ ވަގުތުތަކާ ވަރަށް ގާތްކުރާ މިންވަރަށެވެ. ދެން މި ބަޔާނަށްފަހު، ޖަމާޢަތުގެ ނަމާދުތަކުގެ ގަޑިތަކަށް ބަދަލެއް ގެނައުމުގެ ވާހަކަ އެވެ. އެއީ ޖަމާޢަތުގެ ނަމާދު ތައް ފަސޭހަކުރުމަށްޓަކަ އެވެ. ގިނަމީހުން ޖަމާޢަތު ގައި ބައިވެރިވުމަށްޓަކަ އެވެ. އަޅުގަނޑު މިކަމުގައި ހަމަ ދައްކާނީ މަސްޖިދުއްނަބަވީގައި ނަމާދުކުރާ ވަގުތުތަކަށް ޙަވާލާ ދީއެވެ. އަދި އެއަށްފަހު، ދުނިޔޭގެ ދައުރުވުން އާއްމުކޮށް އެނގުމުގެ  މުހިއްމުކަމުގެ ވާހަކައެވެ.

ކޮންމެ އެއްޗެއްވެސް ހަނދާނުގައި ފަސޭހައިން ބެހެއްޓުމުގެ ދެތިން ގޮތުގެ ތެރެއިން އެއް ގޮތަކީ އެއެއްޗެއްގައި ހިމެނޭ ޕެޓަންތައް ހަނދާން ކުރުމެވެ. ޕެޓަން އަކީ ފަނުން ނުވަތަ ފަންތޮށިން ވިޔާ ތޮށަލީގައ ހުންނަ ދުޅަތައް ފަދައިން ތަކުރާރުވުން ތަކެއް ހުރުމެވެ.  ބައެއް މީހުން ހީކުރަނީ ކޮންމެ އަހަރެއްގެ ނަމާދު ވަގުތުތައް އެހެން އަހަރުތަކާ ތަފާތު ކަމަށެވެ. ނަމަވެސް އެކަންވަނީ އެހެންނެއްނޫނެވެ. ނަމާދު ވަގުތުތައް ބެލުމަށްޓަކައި، ކޮންމެ އަހަރެއްގެ މީލާދީ ކަލަންޑަރުވެސް ރަނގަޅުވާނެއެވެ. އެއީ މިދިޔަ އަހަރާއި މިއަހަރުގެ ނަމާދު ވަގުތުތަކެއް ތަފާތެއް ނުވާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ޖުލައި 26 ވަނަ ދުވަހުގެ ނަމާދުވަގުތުތައް، 2015 އަހަރާއި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަދި މިގޮތަށް ކުރީ އަހަރުތަކާއި ފާއިތުވީ އަހަރުތަކުގައި އެއްގޮތް ވާނެއެވެ. ނަމާދުގެ ވަގުތުތައް ތަފާތުވަނީ އެތައް ޒަމާނަކަށް ފަހުއެވެ. އެހެން ކަމުން، ހުރިހާ އަހަރެއްގެ ނަމާދު ވަގުތުތައް ހަނދާން ކުރަން، ހަނދާން ކުރަންޖެހެނީ އެއް އަހަރެއްގެ ނަމާދު ވަގުތުތަކެވެ.

ނަމަވެސް އެއްއަހަރުގެ ނަމާދު ވަގުތުތަކަކީ ވެސް ހާދަހާ ގިނަ މަޢުލޫމާތެވެ! އަހަރެއްގައި 365 ދުވަސް އޮންނައިރު، އަދި ދުވާލެއްގައި 5 ނަމާދު އޮންނައިރު، މި ވާހަކަ ދެކެވެނީ 365×5=1825 ވަގުތު ހިތުގައި ބަހައްޓާ ވާހަކަ ތޯއެވެ؟ ނޫނެކެވެ. އެންމެ އަށެއްކަ ވަގުތާއި ތާރީޚް ހަނދާނުގައި ބަހައްޓަނިކޮށް މުޅި އަހަރުގެ ނަމާދު ވަގުތުތަކުގެ ތާވަލުތައް އެއްކޮށް ހަނދާން ބެހެއްޓޭނެއެވެ. ކުޑަކުދިންނަށް 1 އިން ފެށިގެން 12 އަށް ގުނަކުރާ ނަވަތަ ވެސް ހަނދާން ކުރެވޭ ނޫން ހެއްޔެވެ؟ ނަމާދު ވަގުތުތައް ހަނދާން ކުރުމަކީ މިއިން އެއް ނަވަތަ ހަނދާންކުރުން ހާ ފަސޭހަ ކަމެކެވެ.

ނަމާދު ވަގުތުތަކުގައި ޕެޓަންތަކެއް ނުވަތަ ތަކުރާރުވާ ކަންތައްތަކެއް ހުރެއެވެ. ވަގުތުތަކުގެ ތާވަލަށް ބަލާލުމުން ފާހަގަ ކުރެވެނީ، ފަތިސް ނަމާދުވަނީ (އެންމެ ލަސްވެގެން)، އިރު އެރުމުގެ 71 މިނެއްޓު ކުރިންކަމެވެ. އަހަރުގެ ހުރިހާ ދުވަހަކު އެވެ. އެހެންކަމުން، އިރު އަރާ ވަގުތު އެނގުމުން ފަތިސް ނަމާދުގެ ވަގުތު އެނގޭނެއެވެ.

ހަމަ މިގޮތަށް ފަތިސް ނަމާދު ވަގުތާ ޢިޝާ ނަމާދުގެ ވަގުތާ ގުޅުމެއް ހުރެއެވެ. ފަތިސް ނަމާދު ވަގުތާ އިރުއެރުމާ ދެމެދުގެ މުއްދަތަކީ، މަޣްރިބު ނަމާދާއި ޢިޝާ ނަމާދާ ދޭތެރޭ އޮންނަ މުއްދަތެވެ. އެހެންކަމުން، އިރު އޮއްސޭ ވަގުތު އެނގުމުން ޢިޝާ ނަމާދުގެ ވަގުތު އަޅުގަނޑުމެންނަށް އެނގޭނެއެވެ. ހަމަ ހުރިހާ ދުވަހަކު އެވެ. ތިން ނަމާދުގެ ވަގުތު، އާދެ! ފަތިސް ނަމާދާއި މަޣްރިބު ނަމާދާއި ޢިޝާނަމާދުގެ ވަގުތު، ހަމައެކަނި އިރު އަރާއިރާއި އިރު އޮއްސޭއިރު އެނގުމުން ހަނދާން ކުރެވޭނެއެވެ. ދެން އޮތް މެންދުރު ނަމާދާއި އަސުރު ނަމާދުގެ ވަގުތަކީ ވެސް ”އިރުގެ ދައުރުވުމަށް“ ބަލައި ކަޑައަޅާފައިވާ ވަގުތުތަކެއް ކަމުން، އެ ނަމާދުގެ ވަގުތުތައް ވެސް …… އާދެ! ޢަޞްރު ނަމާދުގެ ވާހަކަ ދެއްކުމުގެ ކުރިން، އިރު އަރާއިރާއި އިރު އޮއްސޭއިރު ހަނދާން ކުރާނެ ގޮތް ވިސްނަމާތޯއެވެ؟

އަހަރުތަކެއްގެ އަންނަ ކޮންމެ ދުވަހެއްގެ އިރު އަރާއިރާ، އޭގެ ކުރީ ދުވަހު އިރު އެރިއިރާއި އަންނަންއޮތް ދުވަހުގެ އިރު އަރާނެ އިރާ ގުޅުމެއް ހުރެއެވެ. އަޅުގަނޑު ތިރީގައިވާ ކުރެހުމުގައި ޗާޓުކޮށްފައި އެވަނީ އަހަރެއްގެ އެކި ދުވަސް ދުވަހު އިރު އަރާއިރެވެ. އެ ކުރެހުމަށް ވިސްނަވާ ލައްވާށެވެ. އާދެ! ދުނިޔެ އިރުވަށައިގެން އެނބުރޭއިރު އެނބުރެނީ ސީދާ ވަށް މަދާރެއް ނުވަތަ އޯބިޓެއްގައެއް ނޫނެވެ. މިއާއެކު ދުނިޔެ ދައުރުވަނީ ކައްޗަށް ހުންނަ ނާރެހެއް ނުވަތަ ތަނޑިއެއްގައެވެ. މި ސަބަބުތަކާ ހެދި، އިރު އަރަނީ ކޮންމެ ދުވަހަކު އެއް ވަގުތެއްގައެއް ނޫނެވެ.  ކުރެހުމުން ފާހަގަ ކުރެއްވޭނޭ ފަދައިން، އަދި، އެނގިވަޑައިގަންނަވާނޭ ފަދައިން، އެކި ދުވަހު އިރު އަރަނީ އެކި ވަގުތުގައެވެ.  އަހަރު ދުވަހަށް އިރު އަރާ ވަގުތު ޗާޓެއްގައި ކުރެހުމުން، އެ ޗާޓު ހީވަނީ ކަނޑުގެ ދެ ރާޅެއް ހެންނެވެ. ދެ ރާޅުގެ އެންމެ އުސް ދިމާލަށް ކިޔާނީ ބާނީގެ ހުޅިއެވެ. އެއް ރާޅުގެ ހުޅި ވަރަށް އުހެވެ. ދެ ހުޅި ދެމެދުގައި އަޑިއަށް ގޮސްފައިވާ ބަޔަށް ކިޔާނީ ރާޅުގެ ބަނޑެވެ. ނުވަތަ ފޫރެސް އެވެ.  އެއް ބަނޑު ވަރަށް އަޑިއެވެ. އެންމެ އުސްކޮށްއެވާ ހުޅިއަކީ އިރުއަރާލެއް އެންމެ ލަސް ދުވަހެވެ. އެ ދުވަސް ދިމާވަނީ ފެބްރުއަރީ މަހުގެ 4 އާއެވެ. އެންމެ އަވަހަށް އިރު އަރާ ދުވަހަކީ ދެރާޅުގެ ދެމެދުވާ އެންމެ ފުން އަޑި ބަނޑެވެ. އެއީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހެވެ. ދެން ޗާޓުގައި އެހެން ދުވަސްތައް ފާހަގަކޮށްފައި އެވަނީއެވެ. ޗާޓު ހަރުފަތްބަރިއެއްގެ ގޮތަށް އެ ފެންނަނީ ނަމާދު ވަގުތު  ލިޔެފައި ހުންނަނީ ހިސާބުންދައްކާ ސިކުންތުތައް ގާތްކުރާ މިނެއްޓަށް ލިޔާތީއެވެ.  ދުނިޔެ އެނބުރެނީކީ ބައެއް ގަޑީގެ ސިކުންތު ހިގާގޮތަށް ކުއްލި ކުއްލިއަކަށް ނޫނެވެ. އޮމާންކޮށެވެ.

sunrisetablemodified

sunrisetimeinword

މިފަދަ ޗާޓެއްގެ އެންމެ އާދަޔާ ޚިލާފު ކަމަކީ، މި ހަތަރު ވަގުތު އެނގުމުން މުޅި ޗާޓު ކުރަހާލެވޭ ކަމެވެ. ބައްޓަމަށް ވިސްނާ ގުރާފު ގަނޑެއްގެ ތިރީގައި ދުވަސްތައް ޖަހާ މިހަތަރު ޕޮއިންޓް ފާހަގަކޮށްލުމަށް ފަހު، ޗާޓު ކުރަހާލައިފި ނަމަ، ދެ މިނެއްޓުގެ ކުށެއް ނެތި ވެސް ޗާޓު ކުރަހާލެވޭނެއެވެ. އެއީ ބައްޓަމުގެ އާދަޔާ ޚިލާފު ފަސޭހަ ކަމެވެ. އަޅުގަނޑު ތިރީގައި ދުވަސް ޖަހާފައިވަނީ ޖަނަވަރި 1 އެއީ އެކެއްކަމަށް ބަލައިގެންނެވެ. ތިބާއަށް މަހާއި ދުވަސް ވެސް ޖެއްސެވިދާނެއެވެ.

އިރު އޮއްސޭ ގަޑިވެސް ހަމަ މިގޮތަށް ކުރަހާލެވޭނެއެވެ. ކުރެހުމުން ތިބާއަށް ފާހަގަ ކުރެވޭނީ އެއީ ވެސް ދެ ރާޅެއްގެ ގޮތަށް ދެ ހުޅިއާއި ދެ އަޑިގަނޑު ހިމެނޭ ޗާޓެއް ކަމެވެ. އެންމެ ލަހުން އިރު އޮއްސޭ ދެ ދުވަސްވަރުގެ މެދުދުވަހަކީ 20 ފެބްރުއަރީ އާއި 17 ޖުލައި އެވެ. އެންމެ އަވަހަށް އިރު އޮއްސޭ ދެ ދުވަސްވަރުގެ މެދު ދުވަސްތަކާއެކު ތިރީގައި ފާހަގަކޮށްފައި އެވަނީއެވެ. މިފަހަރު މި ޗާޓު ކުރަހާފައިވަނީ ރޮނގެއްގެ ގޮތުގައެވެ.

sunsettimeinwordsunsettimeinwordtable

ނަމާދުގެ ހުރިހާ ވަގުތުތައް ދެނެވަޑައިގަތުމަށްޓަކައި ހަނދުމަފުޅު ކުރައްވަން ޖެހޭނީ، އިރު އަރާއި އިރު އޮއްސޭ ޖާޓު ކުރަހަން ބޭނުންވާ ކުރިން ދެންނެވުނު 8 ވަގުތާއި ދުވަހެވެ. މި ހިސާބުތަކުން އަޅުގަނޑުމެންނަށް ދުވާލުގެ އެންމެ ދިގު ދުވަހާއި އެންމެ ކުރު ދުވަސް ހޯދޭނެއެވެ. އެ ހޯދާނެ ގޮތަކީ ކުރިން ކުރެހި ދެ ޗާޓު އެކަތި މަތީގައި އަނެކަތި ބާއްވަމާތޯއެވެ. މިފަހަރު އަޅުގަނޑު އެހެރީ ދުވާލު ނޫން ވަގުތުތައް ކަޅުކޮށްފައެވެ. ދުވާލު އެހެރީ ހުދުކުލައިގައެވެ. އިރުއަރާ ވަގުތު އަންގައިދޭ ޗާޓުވަނީ ތިރީގައެވެ. ފާހަގަ ކުރެވެނީ ކޮން ކަމެއްތޯއެވެ؟

nightandday

ނަމާދުގެ ހުރިހާ ވަގުތުތައް ދެނެވަޑައިގަތުމަށްޓަކައި ހަނދުމަފުޅު ކުރައްވަން ޖެހޭނީ، އިރު އަރާއި އިރު އޮއްސޭ ޖާޓު ކުރަހަން ބޭނުންވާ ކުރިން ދެންނެވުނު 8 ވަގުތާއި ދުވަހެވެ. މި ހިސާބުތަކުން އަޅުގަނޑުމެންނަށް ދުވާލުގެ އެންމެ ދިގު ދުވަހާއި އެންމެ ކުރު ދުވަސް ހޯދޭނެއެވެ. އެ ހޯދާނެ ގޮތަކީ ކުރިން ކުރެހި ދެ ޗާޓު އެކަތި މަތީގައި އަނެކަތި ބާއްވަމާތޯއެވެ. މިފަހަރު އަޅުގަނޑު އެހެރީ ދުވާލު ނޫން ވަގުތުތައް ކަޅުކޮށްފައެވެ. ދުވާލު އެހެރީ ހުދުކުލައިގައެވެ. އިރުއަރާ ވަގުތު އަންގައިދޭ ޗާޓުވަނީ ތިރީގައެވެ. ފާހަގަ ކުރެވެނީ ކޮން ކަމެއްތޯއެވެ؟

ދުވާލު އެންމެ ދިގު ދުވަހަކީ ހުދުބައި އެންމެ ފުޅާވާ ދުވަހެވެ. އެންމެ ފުޅަލީ އަހަރުގެ މެދު ތެރެ އެހެން ނޫންތޯއެވެ؟ އާދެ ޖޫން 7 އިން ފެށިގެން ޖުލައި 7 އަށް ދުވާލުގެ ދިގުމިނަކީ ގާތްގަޑަކަށް 12:25 މިނެއްޓެވެ. ދުވަސް އެންމެ ކުރު ދުވަސްވަރަކީ ޑިސެމްބަރު މަހާއި ޖަނަވަރީ މަހުގެ ކުރީ ކޮޅެވެ. އެއީ 11:56 މިނެއްޓެވެ. ނަމާދު ވަގުތުތައް ސިކުންތުން ޖަހާފައި ނުހުންނާތީ އެންމެ ދިގު އަދި ކުރު ވަކި ދުވަހެއް ނަމާދު ވަގުތުތަކަކުން ފާހަގައެއް ނުކުރެވެއެވެ. ދުވާލުގެ ވަގުތު އެންމެ  ކުރު ދުވަހަކަށް ވާން ޖެހޭނީ 2016 ވަނަ އަހަރު ގައި ޑިސެމްބަރ 21 ވަނަ ދުވަހެވެ. އެދުވަހު އިރު ހުންނާނީ ފެންނަ އިރު އެންމެ ދެކުނުގައެވެ. އެންމެ ދުވާލު ދިގު ދުވަހަކަށް ވާން ޖެހޭނީ ޖޫން މަހުގެ 20/21 ވަނަ ދުވަހެވެ. މި ދުވަހު އިރު ހުންނާނީ ފެންނައިރު އެންމެ އުތުރުގައެވެ. މި ދުވަސްދުވަހަށް ”އިރު ހުއްޓި“ ހުންނަ (ސޯލްސްޓިސް) ދުވަސްކަމަށް ކޔައެވެ. އިރުގެ ”ދަތުރު“ ގެ ކޮޅުބަދަލުވާއިރު ހުއްޓި ހުންނަހެން ހީވާތީ މިހެން ކިޔަނީއެވެ. ކޮމާކޯޅިއެއްގެ ތެރޭގައި އިރުގެ ދުވުމުގެ ވާހަކަ މި ލިޔަނީ އިންސާނުންނަށް އިރު ދުވާހެން ހީވިއަސް ދުވަނީ ދުނިޔެކަމާއި އިރު ހުންނަނީ ގާތްގަޑަކަށް ހުންނަ ތަނުގައިކަމަށް ވާތީ، ދުވުމޭ މި ލިޔަނީ މަޖާޒީ މާނައެއްކަމަށް އިޝާރާތް ކުރުމަށެވެ. ދުނިޔޭގެ މެދުތެރޭ ސަރަޙައްދުގައި ރާއްޖެ އޮންނާތީ ދުވަހާއި ރޭގަނޑު ވަރަށް އެއްވަރެވެ. އުތުރަގައި ނުވަތަ ދެކުނުގައި ހުންނަ ޤައުމުތަކަށް ދުވާލާއި ރޭގަނޑުގެ މުއްދަތު ވަރަށް ތަފާތުވެއެވެ. ދުނިޔެ ބައިކުރަން ދަމާ ރޮނގު ނުވަތަ ޚައްޠު އިސްޠަވާ ނުވަތަ އީކްއޭޓަރު މަތީގައި މާލެ އޮންނަ ނަމަ، އިރު އީކްއޭޓަރު މައްޗަށް އަރާ އިރު، ރޭގަނޑާއި ދުވާލުގެ މުއްދަތު އެއްވަރު ވާނެއެވެ. މިގޮތަށް އިރު އީކްއޭޓަރު މައްޗަށް އަރާ ދުވަހަށް ކިޔަނީ އިކްއިނޮކްސް އެވެ. މިއަހަރު މިދުވަސް ދިމާވަނީ މާރޗްގެ 20 ވަނަ ދުވަހާއި ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހާއެވެ. ނަމަވެސް މާލެ އޮންނަނީ ހަތަރު ވަރަކަށް ޑިގްރީ އުތުރުގައި ކަމުން މާލެއަށް، ރޭގަނޑާއި ދުވާލު އެއްވަރު ވަނީ (ދުވާލުގެ މުއްދަތު 12 ގަޑިއިރު ވެފައި ރޭގަނޑުގެ މުއްދަތު 12 ގަޑިއިރަށް ވަނީ) ފެބްރުއަރީ މަހުގެ ފުރަތަމަ ހަތަރު ދުވަހާއި ނޮވެމްބަރު މަހުގެ 3 އިން ފެށިގެން 8 އަށެވެ. މިހިސާބުތައް ކުރުމަށް އަޅުގަނޑު ގެންގުޅުނު މާލެއަށް ހަދާފައިވާ އެކްސެލް ޝީޓް މި އޮތީއެވެ. މިއީ ގިނަ ބަޔަކު އިތުބާރު ކުރާ ”މޫންސައިޓިން“ އިން ޑައުންލޯޑުކޮށްފައިވާ މާލޭގެ ނަމާދު ވަގުތު ތަކެކެވެ. ނަމަވެސް މި ގަޑިތަކާއި ސަރުކާރުން ގެންގުޅޭ ގަޑިތަކާ ތަފާތެއް ހުރެއެވެ. އެވާހަކަ ފަހުން ދަންނަވާނަމެވެ.

ފަތިސް ނަމާދުގެ ވަގުތާއި ޢިޝާނަމާާދުގެ ވަގުތު

އިރާ އަރާ ވަގުތު އެނގޭނަމަ، ފަތިސް ނަމާދުގެ ވަގުތު އެނގިދާނެއެވެ. އެއީ އިރު އެރުމުގެ 71 ވަރަކަށް މިނެއްޓު ކުރިއެވެ. ނަމަވެސް، މި ވަގުތު އެކި މޫސުމަށް ބަލައި 8 ވަރަކަށް މިނެއްޓު އަވަސް ކުރެއެވެ (ދަންވަރަށް ޖައްސައެވެ.) އެހެންކަމުން، އިރު އަރާ ވަގުތުގެ 71 މިނެއްޓު (1 ގަޑިއާއި 11 މިނެއްޓު) ކުރިން ބަންގި ގޮވަނިކޮން ނަމާދު ވަގުތު ނުޖެހެނީސް ބަންގި ގޮވިކަމަކަށް ނުވާނެއެވެ. އަވަހަށް ފަތިސްވާކަމަށް ބަލަނީ ޖޫން މަހާއި ޑިސެމްބަރު މަހުގެ ދުވަސްވަރުއެވެ. އެއީ ކުރިން ބަޔާންކުރެވުނު ”އިރުހުއްޓޭ“ ދުވަސް ވަރުއެވެ. އަހަރުތެރޭގައި ފަތިސް ނަމާދު 71 މިނެއްޓަށް ވުރެ ދިގުވާ ގޮތް ތިރީގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.

variation of dawnއިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީ އިން ޝާއިޢުކުރާ ނަމާދުވަގުތުތަކުގައި، ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ ގަޑި ޖަހާފައި އޮންނަނީ އެއްވަރަކަށެވެ.  އެހެން ގޮތަކަށް ދަންަނަވާނަމަ،  ޖަނަވަރީ 1 ވަނަ ދުވަހު ޢިޝާ ނަމާދުވަނީ އިިރު އޮއްސުމަށްފަހު 1 ގަޑިއާއި 17 މިނެއްޓު ކުރިން ކަމުގައިވާނަމަ، ފަތިސްވަނީ އެ ދުވަހު އިރު އެރުމުގެ ހަމަ 1 ގަޑި 17 މިނެއްޓު ކުރިންނެވެ.  އެހެންކަމުން ފަތިސްނަމާދާއި ޢިޝާނަމާދުގެ ވަގުތު ހަނދާންކުރަން ފަސޭހައެވެ.

މެންދުރު ނަމާދުގެ ވަގުތު

މެންދުރުގެ ނަމާދު ފެށެނީ އިރު މެދުޖެހުމަށް ފަހުއެވެ. އާދެ! ކޮޅަށް ހުރި އެއްޗެއްގެ ހިޔަނި އެ އެއްޗެއްގެ އިރުމަތީ ފަރާތުން ފެންނަން ފެށުމުންނެވެ. މި ވަގުތު ދިމާވާނީ ދުވާލުގެ ވަގުތުގެ މެދާއެވެ. އެހެންކަމުން، އިރު އަރާއިރާއި އިރު އޮއްސޭއިރު އެނގޭނަމަ، މިވަގުތު ހިތުން ހިސާބު ކޮށްލެވޭނެއެވެ. މިސާލެއްގެ ގޮތުން، ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު، އިރު އަރަނީ 6:18 ގައެވެ. އިރު އޮއްސެނީ 18:22 ގައެވެ. އެހެންކަމުން ދުވާލުގެ ދިގުމިނަކީ 12 ގަޑިއިރާއި 4 މިނެއްޓެވެ. މީގެ ދެބައިކުޅަ އެއްބަޔަކީ 6 ގަޑިއިރާއި 2 މިނެއްޓެވެ. އިރު އަރާގަޑިއަށް މި ވަގުތު އެއްކުރަނިކޮށް އިރު މެދުޖެހޭ ވަގުތު އެނގޭނެއެވެ. އާދެ! އެއީ 6:18 އަށް 6:02 އެއްކުރުމުން ވާ ވަރެވެ. 12:20 އެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ އިރު މެންދުރު ނަމާދުގެ ވަގުތު ކަމަށް ލިޔެފައިވަނީ 12:24 އެވެ. މިގޮތަށް ކުޑަ ހިނދުކޮޅެއް ފަހަތަށް ޖައްސާފައިވާ ސަބަބަކީ، އިރު މެދުޖެހުމަށްފަހު ހިޔަނި އިރުމަތީ ފަރާތަށް ޖެހުނުކަން ޔަޤީން ކުރުމަށެވެ. ސީދާ އިރުމެދު ޖެހޭ ވަގުތަކީ ނަމާދު މަނާ ވަގުތެކެވެ. އިރު މެދުން ފިލަން ދެ މިނެއްޓެއްހާ އިރު ދެއެވެ. ބައެއް ތާވަލުތަކުގައި މެންދުރު ނަމާދު ވަގުތު އިރު މެދުޖެހޭ ވަގުތަށްފަހު، 5 މިނެއްޓު ލަސްކޮށް ލިޔެފައި ހުރެއެވެ. ދުވާލުގެ ދިގުމިން އެނގޭގޮތަށް އަޅުގަނޑު ކުރިން ހިމެނި ޗާޓުގައި މެންދުރުނަމާދުގެ ވަގުތު ކުރަހައިފިނަމަ، އަޅުގަނޑުމެންނަށް ކުރެހޭނީ، ހުދުބައިގެ ސީދާ މެދުގައި ކުރެހޭ ގުދު ރޮނގެކެވެ. އެހެންކަމުން ިމިއީ ހަނދާން ކުރަން ފަސޭހަ ކަމެކެވެ. {ނޯޓު: މި ދެކެވެނީ މާލެއަށް ނަމާދުވާ ވަގުތުތަކުގެ ވާހަކައެވެ. އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގެ ނަމާދު ވަގުތުތައް ތަފާތުވާނެ އެވެ. ވަކި ރަށެއްވާ ތަން ޖަހައި އެ ރަށަކަށް ރަނގަޅު ނަމާދު ވަގުތުތައް އިންޓަނެޓުން ޑައުންލޯޑު ކުރެވޭނެއެވެ.}

ޢަޞްރު ނަމާދާއި މަޣްރިބު ނަމާދުގެ ވަގުތު

އަސުރު ނަމާދުގެ ވަގުތު ޖެހެނީ ކޮން ވަގުތަކު ތޯއެވެ؟ ކުރީގެ ދިވެހި ފޮތްތަކުގައި ލިޔެފައި ހުންނަނީ ކޮޅަށް ހުރި އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރު ވުމުންނެވެ. ނަމަވެސް، މިއީ ސީދާ އިރު ބޯމަތިން ދާނަމައެވެ. ތިރީގައިއެވާ ކުރެހުމުން ފެންނަ ފަދައިން، މި ވަގުތު ދިމާވަނީ ދުވާލުގެ އިރު ހަތަރުބައިކުޅަ ތިންބަޔަށް ދަތުރުކުރުމުންނެވެ. އިރު އޮއްސެން ގޮސް، 45 ޑިގްރީ ނުވަތަ ދަރަޖައާ ހަމައަށް ދިއުމުންނެވެ. ދުވާލުގެ ދިގުމިން އެނގެނިކޮށް، އަސުރުނަމާދުގެ ވަގުތު ބަރާބަރަށް ހިސާބު ކުރެވޭނެއެވެ. އެއީ ދުވާލުގެ ހަތަރުބައިކުޅަ ތިން ބައި ހިސާބުކުރުމަށް ފަސޭހަވާނެތީއެވެ.

pathofsun

ނަމަވެސް، މިކަމުގެ ތަފްޞީލުތަކަަށް ވަނުމުން އެނގެނީ އަސުރުނަމާދުގެ ވަގުތު ޝާފިޢީ މަޒުހަބާއި މާލިކީ މަޒުހަބާއި ހަންބަލީ މަޒުހަބުގައި ބަލަނީ ސީދާ ތެދަށް ހުރި އެއްޗެއްގެ، މެންދުރުވާ ވަގުތު ހުންނަ ހިޔަނީގެ ދިގުމިނާއި،  އެ އެއްޗެއްގެ ދިގުމިނާ އެއްކުރުމުން އަންނަ މިންވަރަށް ހިޔަނި ދިގުވުމުން ކަމެވެ. އެހެންކަމުން، އަސުރުވާނީ ދުވާލުގެ ހަތަރުބައިކުޅަ ތިންބައި ފާއިތުވުމަށްފަހު، އަދި އިރުކޮޅަކުންނެވެ. އެއީ މެންދުރު ގަޑީގައި ކޮޅަށް ހުރި އެތީގެ ހިޔަނި ހިމަނަން ޖެހޭތީއެވެ. މިއީ އެއް ހަމައަކުން ބަލާއިރު ރަނގަޅު އުޞޫލެކެވެ. އުތުރުގެ ޤައުމުތަކުގައި ނުވަތަަ ދެކުނުގެ ޤައުމުތަކުގައި މެންދުރު ވާއިރުވެސް، އެއްޗެއްގެ ހިޔަނި އެއާ އެއްވަރު ވެދާނެއެވެ. އެއީ ކުރެހުމުން ފެންނަ ފަދައިން އިރު އަރާ އޮއްސޭ ދަނޑި ދަނޑިއަކީ ދެކުނު ޤައުމުތަކުގައި  އުތުރު ފަރާތަށް ކުޑަކޮށް ޖެހިފައިވާ ދަނޑި ދަނޑިއެވެ. މިކަންކަން ހިމަނައިގެންއަސުރުވާ ވަގުތު ހިސާބު  ކުރެވިދާނެއެވެ.

Asr Formula

މިފޯމިޔުލާގައި D އަކީ އިރުގެ ޑިކްލިނޭޝަން އެވެ. L އަކީ ލެޓިޓިއުޑެވެ. t އަކީ އެކެކެވެ.  ނުކުންނަ ނަތީޖާ މެންދުރު ވަގުތާ އެއްކުރުމުން ރަނގަޅު އަސުރު ވަގުތު އަންނާނެއެވެ. އަޅުގަނޑު މިކަން މިފާހަގަކޮށްލީ ކަމުގެ އުނދަގޫކަން ފާހަގަކޮށްލަން ވެގެންނެވެ.

އެހެންކަމުން، އަސުރު ނަމާދު ވަގުތު ހަނދާކުރަން އެންމެ ފަސޭހަ ގޮތަކީ މެންދުރު ނަމާދަށް ފަހު 3:25 މިނެއްޓު ފަހުން ކަން ހަނދާންކުރުމެވެ. މި އަށް ވުރެ މި ނަމާދުގެ ވަގުތު މާރޗް މަހާއި ސެޕްޓެމްބަރު މަހުގެ ދުވަސްވަރު ކުރުވާނެއެވެ. ނަމަވެސް ވަގުތު ވަދެއްޖެކަން ޔަޤީންކުރަން އެންމެ ލުއިގޮތް މިދެންނެވީއެވެ. އަޞުރުނަމާދު ވަގުތު ބަލާ ގޮތާ މެދު މަޒުހަބުތަކުގެ މެދުގައި ތަފާތެއް ހުރެއެވެ. އެންމެ ފަސޭހަގޮތަކީ މާތް ﷲ ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ކަންތައްތައް ކުރެއްވިގޮތެވެ.

މަޣްރިބު ނަމާދު ވަނީ  އިރު އޮއްސުމުން ކަމުން  މިއީ ބަލަން އެންމެ ފަސޭހަ ވަގުތެވެ.

ނަމާދުގެ ވަގުތު އެކި ތާވަލުތަކުގައި ތަފާތުވުން

މާލޭގައި ގެންގުޅޭ ނަމާދު ވަގުތުތަކާއި އިންޓަރނެޓުން ޑައުންލޯޑު ކުރާ ވަގުތުތައް ކުޑަކޮން ތަފާތެވެ. ސަރުކާރުން ހައްދަވާފައިވާ ނަމާދު ވަގުތުތައް އެންމެ ބޮޑަށް ތަފާތުވަނީ ޢިޝާ ނަމާދުގައެވެ. ޑައުންލޯޑުކުރާ ތާވަލުތަކުގައި ޢިޝާނަމާދު ވަގުތު ވަނީ މަޣްރިބު ނަމާދަށް ފަހު ބަރާބަރު 1 ގަަޑިއިރު ފަހުންނެވެ.  ހުރިހާ މޫސުމެއްގައި މެއެވެ. އެކަމަކު ރާއްޖޭގައި ގެންގުޅޭ ތާވަލުގައި ޢިޝާނަމާދު ވަނީ އެކި މޫސުމުގައި އެކި އިރުއެވެ. ޢިޝާ ނަމާދު ވަގުތު ކަޑައަޅާފައިވަނީ ފަތިސް ނަމާދުގެ ވަގުތަށް ބަލައެވެ. ފަތިސް ނަމާދު ވަގުތާއި އިރުއެރުމާއި ދެމެދު އޮންނަ މުއްދަތު، މަޣްރިބު ނަމާދާއި ޢިޝާނަމާދާ ދޭތެރެއަށް ދޫކުރެއެވެ. ހަމަ އެއްވަރަކަށެވެ.  ދެން ފާހަގަ ކުރެވެނީ ފަތިސް ނަމާދުވާލެއް ރާއްޖޭގައި ގެންގުޅޭ ތާވަލުގައި 4 މިނެއްޓު އިރު ދަން ކަމެވެ. އެހެން ނަމާދު ތަކުގައި ވެސް 1 މިނެއްޓު ވަރުގެ ތަފާތު އެބަހުއްޓެވެ. މިކަންކަމަށް އިންސާފުކުރަން އަޅުގަނޑު ދޫކޮށްލާނީ ކަމާބެހޭ ފަރާތްތަކަށެވެ. ތަފާތުތައް ދެނެގަތުމަށް އަޅުގަނޑު ބޭނުންކުރި އެކްސެލް ޝީޓް މިއޮތީއެވެ.

ކުރީ ޒަމާންތަކުގައި މާލޭގައި ދެބުރި ތިންބުރި ގެ ހުންނަނީ ވަރަށް މަދުންނެވެ. އެންމެންހެން އުޅެނީ ބިންމަތީގައެވެ. ނަމާދު ވަގުތުތައް ވެސް ހަދާފައި ހުންނަނީ އެކަމަށް ބަލައެވެ. ނަމަވެސް މިހާރު ބައެއް ގޭގެ އުސްކަމުން، މަގުމަތީގައި ހުރެފައި މަތި ބަލާލުމުން ބޮލުގައި އޮންނަ ތާކިހާ ވެއްޓޭއިރުވެސް، ގޭގެމަތީ ބުރިއެއް ނުފެނެއެވެ. އެހެންކަމުން، 10 ވަނަ ބުރީގައި އުޅޭ މީހަކަށް ިމި ނަމާދު ވަގުތުތައް ކަމުދާނެތޯއެވެ؟ މައްޗަށް އެރިވަރަށް ފަތިސް ވުމާއި އިރު އެރުން އަވަސްވެއެވެ. އިރު އޮއްސުމާއި ރަތްވިލާ އޮނބުން ލަސް ވެއެވެ.

ނަމާދުގެ ހުރިހާ ވަގުތެއް އެނގޭ ޗާޓެއް

namaadhuburuނަމާދުގެ ހުރިހާ ވަގުތަކާއި އެ ވަގުތުތަކުގެ ގުޅުންތައް ދައްކާދޭ ޗާޓެއް ހެދި ދާނެ ހެއްޔެވެ؟ މަދަރުސާއެއް ކެމްޕަހެއް ފަދަ ތަނެއްގެ ފާރުގައި، ފަސް ވަރަކަށް ފޫޓު ފުޅާމިނުގައި ”ބެނަރ“ ގޮތަށް ޕްރިންޓްކޮށް ބެހެއްޓުމަށް މިއީ ހާދަ ރަނގަޅު އެއްޗަކަށް ވާނެއެވެ.  މިފަދަ ޗާޓެއް ފެނުމުން ދަރިވަރުންނާއި އެހެން މީހުންނަށް ނަމާދުގެ ވަގުތުތަކުގައި ހުންނަ ގުޅުންތައް ފާހަގަ ކުރެވޭނެއެވެ. އަދި ހިސާބު ޢިލްމުގެ މުހިއްމު ކަންތައްތަކެއް ވެސް ދަސްވާނެއެވެ. މިހެން ހިތަށް އަރައި އަޅުގަނޑު ކުރެހި ޗާޓެއްގެ ފޮޓޯ މިވަނީއެވެ.  އަހަރުގެ ކޮންމެ ދުވަހެއްގެ ނަމާދު ވަގުތުތައް އެނގޭ ގޮތަށް މިޗާޓު ހެދޭނެއެވެ. އަދި ހުރިހާ ނަމާދު ވަގުތެއް ވެސް މިޗާޓުގައި ދެއްކޭނެއެވެ. އަޅުގަނޑު އެހެރީ ސާދާކުރުމުގެ ގޮތުން ހަމައެކަނި (ރަތް ކުލައިން) އިރު އަރާއިރާއި (ނޫ ކުލައިން) އިރޮއޮއްސޭއިރު ކޮންމެ ފޮއެ ދުވަހަކުން ފާހަގަކޮށްފައެވެ. މެންދުރު ނަމާދުގެ ރޮނގު ދެމޭނީ ރަތްރޮނގާއި ނޫ ރޮނގާ ސީދާ ދެމެދުންނެވެ. ކިޔުންތެރިއަކު މިފަދަ ޗާޓެއް ފުރިހަަމަކޮށް ހަދަން ބޭނުންފުޅު ވެދާނެތީ މި އޮތީ މި ކުރެހުން ކުރެހި ކޮރެލްޑްރޯ ފައިލެވެ.

ނަމާދު ވަގުތުތައް ހިސާބުން ކުރުމާއި ލޮލުން ބަލައިގެން ހޯދުން

މާތް ﷲ  ޞަލާވާތާއި ސަލާމް ލެއްވި އިތުރު އެކަލޭގެފާނުންގެ ދުވަސްވަރުގައި، ނަމާދު ވަގުތުތައް ކަޑައަޅަނީ ލޮލުން ފެންނަ ތަޖުރިބާތަކުގެ (މުޝާހަދާގެ) މައްޗަށެވެ. މިއީ އަޅުގަނޑުގެ ނަޒަރުގައި މިކަން އޮންނަންވީ ގޮތެވެ. އަދި، ލަފާކުރެވޭ ގޮތުގައި މިގޮތްވާނީ، ސުންނަތް ގޮތަށެވެ. އެހެނީ އިތުބާރު ކުރެވޭ ގަޑިއެއް އީޖާދުކުރީ އެކަލޭގެފާނުން ސުވަރުގެވަޑައިގެންތާ 1000 ވަރަކަށް އަހަރު ފަހުންނެވެ. މިއާއެކު، އިސްލާމް ދީނުގައި ނަމާދުކުރުން ފަދަ އާއްމުކަމަކަށް އުނދަގުލުން ހޯދޭ ވަގުތުތަކެއް ހަމަޖެއްސުމަކީ އެ ދީނުގެ ލުއިފަސޭހަ ކަމާ ތަޢަރުޟު ވާނޭ ކަމެކެވެ.

ޝަރީޢަތުގައި، ހިސާބަށް ބަރޯސާކުރަން ޖެހޭނީ، މުޝާހަދާގެ ނުވަތަ ލޮލަށް ފެންނަ ފެނުމާ ހިސާބުތައް ދިމާވާނަމައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އިސްކަންދޭން ޖެހޭނީ، ލޮލުން ފެންނަ ފެނުމަށެވެ. ފަލަކީ ހިސާބުތަކުގެ މައްޗަށް ބިނާކޮށް ނަމާދު ވަގުތުތައް ކަޑައެޅުމުގެ މައްސަލަތަކުގެ މިސާލެއްގެ ގޮތުން، އަޅުގަނޑު ދެތިން ފޮތުން މީހުން ކޮށްފައިވާ ތަޖުރިބާތަކުގެ ނިންމުން ބަޔާންކޮށްލާނަމެވެ.

falsedawn

physicsofdawn

ފަތިސް ނަމާދު ވަގުތުކަމަށް ބެލެވެނީ އިރުމަތީ އުދަރެހުގައި ފުޅާކޮށް އެއްކޮޅުން އަނެއްކޮޅަށް އަލި ދެމުމުންނެވެ. މިއީ ޙަޤީޤީ ފަތިހެވެ. ތެދު ފަތިހެވެ. ނުވަތަ ޞުބުޙުއްޞާދިޤެވެ (True dawn : الفجر الصادق). މީގެ ކުޑަ ހިނދު ކޮޅެއްގެ ކުރިން، މައްޗަށް ދަޑިއަކަށް އަރައިގެންދާ އައްޔެއް ފެތުރެއެވެ. މި އަލި ވައްތަރުވާނީ ޒިއުބެއް ނުވަތަ ހިޔަޅެއްގެ ކެހެރިދިގު ނިގުލަކާއެވެ. މިއީ ޙަޤީޤީ ނޫން ފަތިހެވެ (False dawn : الفجر الكاذب). މި ދެފަތިހުގައި އަލި ހުންނަ ގޮތް މަތީގައިވާ ފޮޓޯގައި އެވަނީއެވެ.

ސައިންސް ކިޔަވާފައިވާ ފަރާތްތަކަށް  މި ދެއަލި ތަފާތުވާ ގޮތް ކުރެހުމުން އެގިވަޑައިގަންނަވާނެއެވެ.  ދިވެހިން ނުލިޔުނަސް ތިބާ އޯ ލެވެލް ފެންވަރަށް ފިޒިކްސް ކިޔަވާވިދާޅުވެފައިވާނަމަ،  އެކަންވާގޮތް ވިސްނިވަޑައިގަންނަވާނޭ ކަން ޔަޤީންއެވެ. ވާގޮތަކީ، އިރުގެ ދޯދިތައް ”ރެފްރެކްޓް“ވަނީއެވެ. ރެފްރެކްޓް ވުމަކީ އަލި ދަތުރުކުރަމުން އައިސް ދުނިޔޭގެ ޖައްވުގައި ޖެހުމުން އޭގެ ދުވެލި ދަށްވެ، ލެބޭގޮތް މެދުވެރިވުމެވެ.

udharesdhuvaaluއިސްލާމީ ބައެއް ޤައުމުތަކުގައި، ފަތިސް ނަމާދު ވަގުތު ވާކަމަށް ބަލަނީ އިރު އުދަރެހާ ދެމެދު ހުންނަ އޭންގަލް އަށް ނުވަތަ ދަރަޖައަށް ބަލައެވެ. މިއީ އެންމެން އެއްބަސްވާ އޭންގަލްއެއް ނޫންކަން ތިރީގައިވާ ތާވަލުން އެނގެއެވެ. މިއިން ކޮންމެ ގުރޫޕަކަށް ބައެއަތު ހިފާ ޤައުުމުތަކުން، އެ ބަޔަކު ކަޑައަޅާ އޭންގަލްއަކަށް ނަމާދު ވަގުތު ކަޑަައަޅަނީއެވެ.

މިޞްރު: °19.5؛  އުއްމުއަލް ޤުރާ ކޮމިޓީ: °19؛ މުސްލިމް ވާރލްޑް ލީގް: °18

ދެން ތިރީގައި މިދަންނަވާލަނީ ކުރީގެ ފަލަކީ ޢިލްމުވެރިން މި ދަރަޖަ ކަޑައެޅި މިންވަރެވެ.

 

oldastronomers

ޔަޤީންކަމާއެކު އެނގޭ އެއްޗަކީ، ފަލަކީ ޢިލްމު ވެރިންގެ މެދުގައި ވަރަށް ބޮޑު ޚިލާފު އެބަހުރިކަމެވެ. ދިވެހިރާއްޖޭގައި މި އޭންގަލް ކަމަށް ބަލަނީ ގިނަ ދުވަސް ދުވަހު 18 ޑިގްރީ އެވެ. އެއީ ދިވެހިރާއްޖޭގެ ފަތިސް ނަމާދު ފެށޭއިރުކަމަށް ބަލަނީ އިރު އެރުމުގެ 72 މިނެއްޓު ކުރިއެވެ. (ވަށްވުރެއްގައި °360 ހުރެފައި، 24 ގަޑިއިރުން ވަށާޖެހޭ ނަމަ، 72 މިނެއްޓު ވާނީ °18 އަށެވެ.) މި ޚިލާފު ނައްތާލުމަށް އެންމެ ރަނގަޅު ގޮތަކީ މި ހިސާބުތައް ދޫކޮށްލާފައި، ސުންނަތަށް ރުޖޫޢަ ވުމެވެ.

ދެތިން ހަތަރު ޤައުމެއްގެ އެތައް މީހުންނެއް ފަތިސް ވާ ވަގުތު ބަލަން ރޭގަނޑު ނުކުމެ ފަތިސްވާ ވަގުތު ބަލައި ޖާނަލްތަކުގައި ޝާއިޢުކޮށްފިއެވެ. މި މީހުންނަށް ފާހަގަ ކުރެވުނީ އެކި މޫސުމުގައި ފަތިސްވަނީ އެކި ”ޑިގްރީ“ ގައި ކަމެވެ. ފަތިސްވާ ވަގުތު ޑިގްރީ އިން ބަލައިގެން ނޭނގޭނޭކަމެވެ. ހޫނު މޫސުމުގައި ފަތިސްވާ އިރާއި ފިނި މޫސުމުގައި ފަތިސްވާއިރު ތަފާތު ކަމެވެ.

އިޝާނަމާދަކީ ވެސް ފެށޭ ވަގުތާ މެދު ޚިލާފު އުފެދޭ ވަގުތެކެވެ. މައްސަލައަކީ މީހުން ސުންނަތް ދޫކޮށްލާފައި ހިސާބަށް ބަރޯސާ ކުރާކަމެވެ. ޝާފިޢީ މަޒުހަބުގެ ޢިޝާނަމާދު ފެށެނީ އުޑުގައި ހުންނަ ރަތްކަން ފިލުމުންނެވެ. މިއީ ބޭނުން ކުރަން ފަސޭހަ މިނެކެވެ. އެންމެންނަށް ފެންނާނޭ ކަމެކެވެ. ނަމަވެސް، މިކަންވެސް ޑިގްރީ އަށް ބަދަލުކުރުމުން…

އަޅުގަނޑު ދެން ދަންނަވާލާނީ ”ދިވެހި ތާރީޚް“ މިނަމުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން 1991 ވަނަ ޗާޕުކުރި ތާރީޚް ފޮތުގެ 134 ވަނަ ޞަފުޙާގައިވާ ވާހަކަ ކޮޅެކެވެ.

thaajuddinnamމި [މުޡްހިރުއްދީނު] ރަސްގެފާނުންގެ ޒަމާނުގައި އަލުން ޙާދިޘްވި ކަންތައްތަކުގެ ތެރެއިން ވެޔޭ.. އިޝާނަމާދު ވަޤުތު އިރު އޮސްފުހުނުމަށް ފަހު އެއް ގަޑި ވިހި މިނެއްޓަށް ފަސްކުޅައިން..އެއީ ޙަސަން ތާޖުއްދީނު އެކަން ބައްލަވާން ފިނިމޫސުމާއި ހޫނު މޫސުމުގައި އަތިރިމައްޗަށް ދަރަޖަފުޅި ހިއްޕަވައިގެން ނުކުންނަވައި އެކަންތައް މުޖައްރިބުކުރައްވައިފައި އޭނާ އަމުރުކުރެއްވި ކަމެކެވެ.. ފުރަތަމަ ދަރަޖަފުޅި ހައްދަވައިފައި ގަޑުވަރުތެރޭގައި ކިޔެވެނި ބޭކަލުންގެ އަށީކުރިމަތީގައި ހުރި ފޯކުއަށީގައި ފުޅި ބަހައްޓަވައި އިރުއޮސްފުހުނުމުން، ފުޅި އަބުރާން އަމުރުކުރެއްވީވެސް ޙަސަން ތާޖުއްދީނު އެވެ.. އެކަންތައް އެހެން ހެއްދެވީ ހިޖުރައިން 1118 ހާހާއި އެއްސަތޭކަ އަށާރަވަނަ އަހަރުއެވެ. އެއީ މި ރަސްގެފާނުންގެ ރަސްކަމުން ތިންވަނަ އަހަރުގައެވެ.. އޭގެ އިހަށް ދިވެހިރާއްޖޭގެ މީހުން އިރުއޮސްފި އެއްގަޑި ހުސްވުމުން ޢިޝާނަމާދު ކޮއްލާނެތޭ..

މަތީގައިވާ ޢިބާރާތްތަކުން ތިޔަ ބޭފުޅުންނަށް ކުރީގެ ޢިލްމުވެރިން މިކަންކަމުގައި އަރާހުރި މިންވަރު އެނގިވަޑައިގަންނަވާނެއެވެ. ޙަސަން ތާޖުއްދީނުގެ ޢިޝާނަމާދުގެ ވަގުތު އެ ބެއްލެވީ އެންމެ މޮޅަށެވެ.  އެ ގަޑިއަކީ މިހާރަށް ވެސް ކަމުދާނޭ ގަޑިއެކެވެ. އިރު އޮއްސޭތާ 1 ގަޑިއިރާއި 20 މިނެއްޓު ފަހެވެ. މިހާރުގެ ކަލަންޑަރުތަކުގައި މިއަށް ވުރެ ފަސް މިނެއްޓު އަވަހެވެ. ޙަސަން ތާޖުއްދީން މިގޮތަށް ބެއްލެވުމުގެ ކުރިން ދިވެހީން  ޢިޝާނަމާދު ކުރަނީ މަޣްރިބު ނަމާދަށް ފަހު އެއް ގަޑިިއިރުފަހުންކަން ”ދިވެހި ތާރީޚް“ މިފޮތުގައި  ވެއެވެ. އޭނާ މިވަގުތު ހޯއްދެވީ ”ދަރަޖަފުޅި“ންނެވެ. އިހުގެ މީހުންގެ މޮޅުކަމާއެވެ؟ މިހެން ދެންނެވިއަސް، ކުރިން ދިވެހިން ޢިޝާނަމާދު ކުރަމުން އައިގަޑިއިރަކީ ވެސް ރަނގަޅު ވަގުތެއްކަމަށް ފެނެއެވެ. އެއީ އެންމެ އިތުބާރު ހުރި ނަމާދު ވަގުތުތައް ހިސާބުކުރާ ’މޫންސައިޓިންގ ޑޮޓް ކޮމް‘ އިން މިހާރު ޑައުންލޯޑުކުރާ ނަމާދު ވަގުތުގައި ވެސް އިޝާނަމާދު ވަގުތު ވަނީ މަޣްރިބު ނަމާދަށް ފަހު އެއް ގަޑިއިރުގެ ގޮތުގައެވެ!

އަޅުގަނޑު މިވާހަކަތައް ދަންނަވާލުމުގެ ބޭނުމަކީ ދެ ނަމާދެއްގެ ވަގުތު ބަޔާންކުރުމަށް، އަދި އެހެނިހެން ވަގުތުތައް ބެލުމަށް ވެސް، އެންމެ ރަނގަޅު ގޮތަކީ ލޮލުން ބެލުންކަން ފާހަގަކޮށްލުމެވެ. ރަތްވިލާ ގެއްލޭ ނުވަތަ ފަތިސް ވާ ވަގުތަކީ ފަލަކީ ޢިލްމުން ހޯދޭނޭ އެއްޗެއް ނޫންކަން ފެންވަރު ރަނގަޅު ފަލަކީ ޢިލްމުވެރިންވެސް ތާއީދު ކުރާނެއެވެ. ސައިންސުން ނުވަތަ ހިސާބުން އުޑުގެ ކުލަތަކާއި އަލިތަކާއި އޭގެ ސިއްރުތައް އެނގެނީ ވަރަށް ކުޑަކޮށެވެ. ކީރިތި ޤުރްއާންގައި ނަމާދު ވަގުތާ ގުޅިގެން ޑިގްރީގެ ވާހަކައެއް އެއްވެސް ގޮތަކަށް ގެންނަވާފައެއް ނުވެއެވެ. ހެއްދެވިފަރާތަށް ކަންތައްތައް ދެނެވޮޑިގަތުން ބޮޑެވެ. ނަމަވެސް، އަޅުގަނޑަށް ފާހަގަ ކުރެވެނީ ސައިންސްވެރިން އެމީހުންގެ ސައިންސަށް ނުކުރާ އިތުބާރު، ބައެއް ޝޭޚުން ސައިންސަށް ކުރާކަމެވެ.

މިއާއެކު އަޅުގަނޑު ފާހަގަކޮށްލާ އަނެއްކަމަކީ، އެކި މަސް ފެށޭ ދުވަސްތައް ބެލުމަށް، އަދި ނަމާދު ވަގުތުތައް ބެލުމަށް ޤައުމީ ފެންވަރުގައި ހަނދުބަލާގެ ހަދައިގެން މިކަންކަން ކުރަންވެއްޖެކަން ފާހަގަކޮށްލުމެވެ. އަހަރަކު އެއްފަހަރު ނަމާދު ވަގުތުތައް ބަލާލުމުން އެ ވަގުތުތައް ފަންސާހަކަށް އަހަރަށް ރަނގަޅުވާނެއެވެ. މިއީ އިސްލާމީ އެހެން ޤައުމުތަކުގައި މިކަން ކުރާ ގޮތެކެވެ. ރާއްޖޭގައި މިފަދަ ފަލަކީ ކޮމިޓީ ބައްދަލުވާ އަޑުއިވެނީ ރޯދަމަސް ފެށޭ ދުވަހާއި ނިމޭ ދުވަސް ބެލުމަށް އެކަންޏެވެ. މިކަން ކުރަނީވެސް މާބޮޑު ރަސްމީ ހަނދުބެލުމެއް ނެތިއެވެ.

ޖަމާޢަތުގައި ނަމާދުކުރާ ވަގުތުތައް ބަދަލުކުރުން

އަޅުގަނޑު މިބައިގައި ދެން ދަންނަވާލާނީ ފަސޭހައަށްޓަކައި، އަދި ޖަމާޢަތުގައި ގިނަ މީހުން ބައިވެރިވުމުގެ ފުރުޞަތު ދިނުމަށްޓަކައި، ޖަމާޢަތުގެ ނަމާދު ކުރާ ވަގުތަށް ބަދަލެއް ގެނައުމަށް ހުށަހަޅާ ހުށަހެޅުމެކެވެ.

އާދެ! އަޅުގަނޑު އެންމެ ފުރަތަމަ ތިޔަ ބޭފުޅުންނާ ކުރާނީ ސުވާލެކެވެ. ރާއްޖޭގައި މިހާރު ނަމާދުކުރާހެން، މިސާލަކަށް ޢިޝާ ނަމާދު، އެއް މިނެއްޓުން ލަސްކުރަމުން ނުވަތަ އަވަސް ކުރުމުން ގެންދިއުމަށް މާތް ﷲ އަންގަވައިގެން ސަލާމް ލެއްވި އިތުރު އެކަލާގެފާނުން އެގޮތަށް އެކަން ކުރެއްވި ކަމަށް ލަފާ ކުރެއްވޭތޯއެވެ؟

އާދެ! ތިޔަ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާނޭ ކަން ޔަޤީންއެވެ. އެހެން އެކަންތައް ކުރެއްވިކަމެއް އެއްގޮކަށްވެސް އެނގިފައެއް ނުވެއެވެ. ޔަޤީން ކަމާއެކު އެނގޭ އެއްޗަކީ މިނެއްޓު ބަލާނޭ ގަޑިއެއް އެ ދުވަސްވަރަކު ނުހުންނާނޭ ކަމެވެ. ދެން އަނެއްކާ އެހެން ސުވާލެކެވެ؟ ހީފުޅުވާގޮތުގައި، ރަސޫލާގެ މިސްކިތްކޮޅުގައި، މަސްޖިދުއްނަބަވީގައި އިއްޔެ ޢިޝާ ނަމާދު ޖަމާޢަތުގައި ކުރީ ކޮން އިރަކުތޯއެވެ؟

އާދެ! މަސްޖިދުއް ނަބަވީ އަށް އިއްޔެ ނަމާދަށް ދިޔަ، މަދީނާގައި ކިޔަވާ ކުއްޖަކު އަޅުގަނޑުގެ ކައިރީގައި ބުނި ގޮތުގައި، މަސްޖިދުއްނަބަވީގައި (އަދި ސަޢުދީގެ އެހެން މިސްކިތްތަކުަގައި) ޢިޝާ ނަމާދު ކުރަންފަށަނީ މަޣްރިބު ނަމާދަށްފަހު 90 މިނެއްޓު ފަހުންނެވެ. ރޯދަމަސް ނަމަ ދެ ގަޑިއިރު ފަހުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޢިޝާ ނަމާދުގެ ވަގުތު ރޯދަ މަހު، އަދިއެހެން މަސްމަހުވެސް ލަސްކޮށްލައެވެ. ލަސްކޮށްލުން ހުއްދައެވެ. މިއީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފައިދާ ހުރި ގޮތެކެވެ. ޢިޝާނަމާދުގެ ޖަމާޢަތް ލަސްކޮށްލުމަށް ތާއީދުކުރާ ޙަދީޘް އެއްވެސް އޮވެއެވެ. އެއީ ބުޚާރީގެ 345 ވަނަ ޙަދީޘް އެވެ. ހަމަ މިހަމައިން، ހޫނު ގަދަނަމަ، މެންދުރު ނަމާދު ލަސްކޮށްލުން ހުއްދަކުރައްވާފައިވާ ޙަދީޘް އެއްވެސް އޮވެއެވެ. އިސްލާމް ދީނަކީ ލުއި ފަސޭހަ ވެގެންވާ ދީނެކެވެ.

އަޅުގަނޑުގެ ހުށަހެޅުމަކީ، ފަތިސް ނަމާދުގެ ޖަމާޢަތް ލަސްކޮށްލަމާތޯއެވެ؟ މިހާރުވެސް ބައެއް މިސްކިތްތަކުގައި، ފަތިސް ނަމާދު ކުރަނީ ބަންގިގޮވާތާ 15 މިނެއްޓު ފަހުންނެވެ. ދެ ގަޑިއަކަށް ފަތިސް ނަމާދުގެ ޖަމާޢަތުގެ ވަގުތު ކަޑައަޅައިފިނަމަ، އެ ޖަމާޢަތުގައި ބައިވެރިވާ މީހުން ގިނަވެފައި މީހުންނަށް ފަސޭހަވާނެކަން ޔަޤީންއެވެ. އިރުވައި މޫސުމުގައި ފަތިސްނަމާދު ޖަމާޢަތުގައި ކުރަން ފަށާނީ ފަތިހު 5:15 ގައެވެ. ހުޅަނގު މޫސުމުގައި ފަތިސް ނަމާދު ޖަމާޢަތުގައި ކުރަން ފަށާނީ 5:00 ގައެވެ. ނަމަވެސް، ވަގުތު ޖެހުމުން ބަންގި ގޮވާނީއެވެ. މިގޮތަށް ހަމަޖެއްސުމުން މީހުންނަށް ސުންނަތް ކުރާނޭ ފުރުޞަތުވެސް ލިބޭނެއެވެ. މި ގަޑީގައި ޖަމާޢަތުގައި ނަމާދުކުރަން ފެށުމުން ޖަމާޢަތް ފެށޭގަޑި އެންމެންނަށް އެނގި އެ ގަޑިއަށް ދިރިއުޅުން ތަރުތީބު ކުރެވިދާނެ އެވެ. އެއީ މީހުންނަށް ފަސޭހަވާނޭ ކަމެކެވެ.

ދިވެހިރާއްޖޭގައި ހުކުރު ކުރަނީ 12:35 ގައެވެ. މި ޒަމާނުގެ ހިސާބުތަކުން ދައްކާގޮތުގައި މާލެއަށް އެންމެ ލަހުން މެންދުރު ވަގުތުވަނީ 12:24 ގައެވެ. އަޅުގަނޑު، ބޭރު ޤައުމުތަކުގައި ދިޔަ ބައެއް މިސްކިތްތަކުގައިވެސް ހުކުރު ނަމާދުކުރަން ފަށަނީ ކަޑައެޅިފައިއޮންނަ އެއް ގަޑިއެއްގައެވެ. މިހެން ނޫންނަމަ، މީހުންނަށް ވަރަށް ދަތިވާނެއެވެ. ބައެއް މީހުން ހުކުރަށް ދަނީ ވަކި ގަޑިތަކަށް ދަތުރު ފަށާ ހުއްޓާ ރޭލާއި ބަހުގައެވެ. މިގަޑީގައި މެންދުރު ނަމާދުގެ ޖަމާޢަތް ފެށުން ކިހިނެއްވާނެތޯއެވެ؟

ދެން ޢަޞްރު ނަމާދެވެ. ޢަޞްރު ނަމާދުގެ ޖަމާޢަތްވެސް މިގޮތަށް ވަކި ގަޑިއަކަށް ހަމަޖެއްސިދާނެއެވެ. 15:45 ގައި ޖަމާޢަތް ފެށޭގޮތަށް ހަމަޖެއްސިދާނެއެވެ. ޖަމާޢަތް ފެށުން ލަސްކުރުމުގައި މަޣްރިބު ނަމާދެއް ލަހެއް ނުކުރެވޭނެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ނަމާދު އަވަސްކުރުމަކީ އަދި ކުރުކުރުމަކީ ސުންނަތެކެވެ. އަޅުގަޑު ކުޑައިރު ދިޔަ މިސްކިތްތަކުގައި މަޣްރިބު ނަމާދުގައި ކިޔަވާނި، މުޅިން ހެން ޥައްޟުޙާ އަށް ވުރެ ފަހުގެ ސޫރަތްތަކެވެ. ސުންނަތް ކުރަންޏާ ކުރާނީ ވެސް ވަރަށް އަވަހަށެވެ. މިހާރުހެން ވަގުތު ވަނުމަށްފަހު،  ދިހަ މިނެއްޓު ވަންދެން ނަމާދު ކުރުން ފަހެއް ނުކުރާނެއެވެ.  ދީނީ ޢިލްމު ކިޔަވާ ކުއްޖަކު އަޅުގަނޑު ގާތުގައި ބުނެފައިވާ ގޮތުން،  ރަސޫލާ ﷺ ގެ ދުވަސްވަރުގައި ޞަޙާބީން މަޣްރިބްނަމާދު ކޮށް އަވަދިވާ އިރު ވެސް ދުނިއުކާ މީހަކު އުކާ ދުނި ގޮސް ޖެހޭތަން އޭނައަށް ފެންނަހައި އަލިކަން ހުންނަކަމަށް ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. އަޅުގަނޑަކީ ދީނީ ޢިލްމުވެރިޔަކަށް ނުވާތީ މި ހަދީސް މިތަނުގައި ތަފްސީރު ކުރާކަށް ނެތީމެވެ.   މިޒަމާނުގެ ބައެއް މުދިމުން މަޣްރިބު ނަމާދު ކުރާ ގޮތުން، މުސްކުޅިން ”ކިޔެވި ކިޔެވިހެން ވަނީ ކާފަރޭ“ ބުނާ ބުނުމަކީ ތެދުހެން ހީވާ ފަހަރުވެސް އާދެއެވެ. މި ވާހަކަ އާ ޖެހިގެން އަދި ކަމާ ނުގުޅޭ އެހެން ވާހަކައެއް ދަންނަވާލާނަމެވެ. އެއީ މުދިމުގެ އަޑުގެ ވާހަކައެވެ. މި ޒަމާނުގައި ބާރުގަދަ އެމްޕްލިފަޔަރު އަގުހެޔޮޮކޮށް ވިއްކާތީ އަޑުފޮށިތަކަށް އަޑުދޫކޮށްފައި ހުންނަނީ މާ ގަދައަށެވެ. އަޅުގަނޑުގެ މޮބައިލް ފޯނުގައި އަޑުގެ ގަދަކަން މިނާ މީޓަރެއް ވެއެވެ. ބައެއް ފަހަރު އަޑު ހުންނަނީ 85 ޑެސިބަލް އަށް ވުރެ މަތީގައެވެ. މިއީ ސައިންސްވެރިން ބުނާގޮތުގައި ގިނައިރު އަހާފިނަމަ، ކަންފަން ބަން ވާނޭ މިންވަރެކެވެ. މި ޙާލަތުގައި މަޑުމައިތިިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މީހުން ނަމާދު ކުރާނީ ކިހިނެއްބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ދެން އަޅުގަނޑުގެ ހިތަށް އަރަނީ އަޅުގަނޑު ފިޔަވައި އެހެންމީހުން ބީރުވީ ބާވައެވެ. މީގެ ދުވަސްކޮޅެއްގެ ކުރިން މާލޭގައި ވަރަށް ގިނައިން އަޑުގަދަ ހަވާ ތަކެއް ކުއްލިކުއްލިއަށް އަރުވާ އުޅުނެވެ. މިފަދަ ގަދަ އަޑުތައް އަޑުއެހުމަކީ ބީރުވާ ކަމެކެވެ. އަޅުގަނޑަށް ހީވަނީ ކަމާ ބެހޭ ފަރާތްތަކުން އަޑުގައި ހުންނަންޖެހޭ މިންވަރު އެބަ ކަޑައަޅަން ޖެހޭ ހެންނެވެ. ދެން މައުޟޫޢުއަށް ރުޖޫޢަވަމާތޯ އެވެ.  މަސްޖިދުއްނަބަވީގައި ޢިޝާނަމާދުގެ ޖަމާޢަތް ލަސްކޮށްލިކަމުގައި ވިއަސް، ރާއްޖޭގެ ޙާލަތުގައި މިކަމުގައި ދައްޗެއް ވެއެވެ. އެއީ މީހުން ވަރަށް ހޭލުންތެރިކުރުވަންޖެހޭ ކަމެކެވެ. ޢިޝާނަމާދުގެ ވަގުތު ވަނުމުން، މަޣްރިބުނަމާދުގެ ވަގުތު ހުސްވެއްޖެކަން މީހުންނަށް އެނގެން ޖެހޭނެއެވެ. ޢިޝާނަމާދު ޖަމާޢަތުގައި ކުރަން ފަށަންދެން މަޣްރިބު ނަމާދު ވަގުތު ނުދާނެކަމާއި ބަންގިގޮވުމުން އެ ވަގުތު ނިމުނީކަން އެނގެން ޖެހޭނެއެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. މި ވެރިންނަށް އަޅުގަނޑު މިދެންނެވި ބަދަލުން މާބޮޑު އަސަރެއް ނުކުރާނެއެވެ. މިކަމުގެ މަންފާ އޮތީ ހަމައެކަނި މިސްކިތަށް ޖަމާޢަތަށްދާ މީހުންނަށް އެކަންޏެވެ. މާލޭގައި މީހުން އުޅޭ ޢަދަދާއި މިސްކިތަށް ޖަމާޢަތަށްދާ ޢަދަދާ މެދު ފިކުރުކޮށްލުމުން، ކޮންމެ ދިހަ ފިރިހެނުންގެ ތެރެއިން އެކަކުވެސް ޖަމާޢަތަށް ނަމާދަށް ދާހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް······ ރަސޫލާ ޒަމާނުގައި ނަމާދުކުރުމުގައި އޮންނަ ލުއިފަސޭހަކަން އެއީ ރަނގަޅުގޮތް ކަމަށް ހަދަމާ ތޯއެވެ؟

ދުނިޔޭގެ ދައުރުވުމަށް ހޭލުންތެރިވުން

ނަމާދު ވަގުތު ތަކަކީ ދުނިޔެ، އޭގެ ތަނޑި ނުވަތަ ނާރެސް ވަށައިގެން އެނބުރޭ އެނބުރުމުން ކަޑައެޅޭ ވަގުތުތަކެކެވެ. މި އެނބުރުމުގެ ސަބަބުން އިރުއަރާ އިރު އޮއްސެއެވެ. އަދި ވިލާތައް ރަތްވެ ހުދުވެ އަލުން ރަތްވެ ގެއްލެއެވެ. މިކަންކަމަކީ ކުރީ ޒަމާންތަކުގައި މީހުން ކޮންމެ ދުވަހަކު ތަޖުރިބާ ކުރާ ކަންކަމެވެ. މީހުންގެ ދިރިއުޅުން ބައްޓަން ކުރަނީ މި ދައުރުވުމަށެވެ.

vertical_sundial_Mihrimah_Mosqueއަހަރުތެރޭގައި، އިރުވަށައިގެން ދުނިޔެ ވާ ދައުރާނާއިން އިރު އަރާ އޮއްސުމުގެ ވަގުތަށް ބަދަލު އާދެއެވެ. ބައެއް ދުވާލު ދިގުވެފައި ރޭގަނޑު ކުރުވެ މިފަދަ ބަދަލުތައް އާދެއެވެ. މިކަންތައްތަކަކީ އެއް އަހަރުން އަނެއް އަހަރަށް ތަކުރާރުވާ ކަންތައްތަކެވެ. މިކަންތައްތަކަށް ހުރިހާ އެންމެން ހޭލުންތެރިވުމަކީ ބޭނުންތެރިކަމެކެވެ. މިއީ ވަގުތުގެ ހުއްޓުމެއް ނެތް ހިނގުމެވެ ··· މަޢާފުކުރައްވާ!  ދުވުމެވެ. ވަގުތުގެ ދުވުން، އިންސާނާ، ޒުވާންކަމުން މުސްކުޅިކަމަށް، އަދި މަރާގާތަށް ގެންދެއެވެ.  އިންސާނާއަށް އިބްރަތް ލިއްބައިދެނިވެ އެތައް އާޔަތްތަކެއް ވަގުތާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވެއެވެ.  والعصر ސޫރަތް، މާތް ﷲ ފައްޓަވާފައިވެސް ވަނީ ވަގުތު ގަންދެއްވައި ހުވާކުރައްވަމުންނެވެ.

އަޅުގަނޑުމެން މިއުޅެން ޖެހޭ މާހައުލުން، ދުނިޔޭގެ ދައުރުވުން އެއްގޮތަކަށް ވެސް މިހާރު އިޙްސާސްކުރެވޭ ވަރެއް ނޫނެވެ. މަދު ފަހަރަކު ނޫނީ އިރުނުވެސް ފެނެއެވެ. ރަތްވިލާ ޢަމްދުން ނުފެނެއެވެ. މާލޭގެ މަގެއް މަތިން އުޑުގައިވާ ތަރިތައް ބެލުމަކީ އުނދަގޫކަމަކަށް ވެފައި ވެއެވެ. ވަޅެއްގެ ތެރޭގައި ހުރެ ބެލީމާ ފެންނަ ފަދައިން ނޫނީ ޢިމާރާތްތަކާ ހެދި އުޑެއް ނުފެނެއެވެ. މައްޗަށް ބަލާލިއަސް، މޫނަށް ޖަހާނީ، ކޮންމެވެސް ބެލްކަނީއެއްގައި ހިއްކަން އަޅާފައިވާ ހެދުންތަކުން އޮހޭ ފެންތިކިތަކެވެ. ނޫނީ ކޮންމެވެސް އެއަރކޮންޑިޝަނަކުން ފައިބާ ފެނެއެވެ.

  ADSC_0650ތަރައްޤީ ވެފައިވާ ޤައުމުތަކުގައި، ދުނިޔޭގެ ދައުރުވުމަށް އަދި އިރުވަށައިގެން ދުނިޔެ ވާ ދައުރާނާއަށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި، ސަންޑަޔަލް ކިޔާ އިރުގެ ދައުރުވުމުން، ދަނޑިއެއްގެ ހިޔަނިން ވަގުތު އަންގައިދޭ ގަލުން ނުވަތަ މަޢުދަނުން ހަދާފައި ހުންނަ ”ގަޑި“ ބަގީޗާ ތަކާއި މައިދާން ތަކުގައި ހުރެއެވެ. މި ފަދަ މުޒައްވަލާ ތަކުގެ ފޮޓޯ މިއާއެކު މިވަނީއެވެ. ބައެއް މިސްކިތް މިސްކިތުގެ ފާރުގައި ވެސް މި ”އިރުގަޑި“ ހުރެއެވެ. މިއީ ވަރަށް ބަރާބަރަށް ހިނގާ، ބެޓެރީ އެއްގޮތަކަށްވެސް ލައްވަން ނުޖެހޭ، ދުވަހަކުވެސް ހަމަކުރަން ނުޖެހޭ ގަޑިއެކެވެ.

patx1ދެބާވަތެއްގެ ސަންޑަޔަލް ހުރެއެވެ. އެއް ބާވަތަކީ ބިމަށް ޖަހާ  ތެދަށް ހުންނަ ދަނޑިއެކެވެ. ދެން އެވަށައިގެން އެޅޭ ހިޔަންޏަށްބިނާކޮށް ގަޑީގެ ޢަދަދުތައް ކުރަހަނީއެވެ. އަނެއް ބާވަތަކީ ދުނިޔޭގެ ތަނޑިއާ ފާޓު ހަމަވާގޮތަށް ބާއްވާފައި އޮންނަ ދަނޑިއެކެވެ. މިވަށައިގެން ގަޑި ޖަހަނީއެވެ. އަޅުގަނޑުގެ އުއްމީދަކީ ކުޑަކުދިންނަށް ދުނިޔޭގެ ”ދުވުން“ އަންގާދިނުމަށްޓަކައ، މިފަދަ ގަޑިއެއް މިކިއުއްވާ ކޮންމެވެސް ބޭފުޅަކު ކޮންމެވެސް ރަށެއް، މަދަރުސާއެއް ނުވަތަ އަތިރި މައްޗެއް ނުވަތަ މައިދާނެއްގައި ހެއްދެވުމެވެ.

730f1d28-c1e5-4963-8525-4cdfba8f939bމިފަދަ މުޒައްވަލާއެއް ކެމްޕަހެއްގައި ހެދުމަށް އަޅުގަނޑު ޚިޔާލު ކުރީމެވެ. މިކަން ކުރާނީ ދޯންޏެއްގެ 8 ފޫޓު ހުންނަ ވަރުގެ ޝާފްޓަކުން ނުވަތަ އެސްއެސް ހޮޅިއަކުންނެވެ. މިކަމަކަށް ބޭނުންވާނީ ހިޔަނި ނޭޅޭ ފަންސާހަކަށް ފޫޓު ހުންނަ ޖާގައެކެވެ. ދިގުހުރަހުގައި 20 ފޫޓު ހުންނަވަރުގެ ވަށްބުރެއްގެ މެދުގައި މި ދަގަނޑު ޖަހައި، މި އިރުގަޑި ހެދިދާނެއެވެ. ކަތިކޮށް އޮންނަ އިރުގަޑިއެއް މިއަށް ވުރެ ކުޑަ ޖާގައެއްގައި ވެސް ހެދިދާނެއެވެ. މިކަމުގެ މަންފާއަކީ މަސްވެރިންނާއި ދަނޑުވެރިންނާއި އެހެންމީހުންނަށް މި ދައުރުވުން އިޙްސާސްވުމުގެ އިތުރަށް ނަމާދު ވަގުތުތައް ވެސް އަންގާދިނުމެވެ. ގަޑިވެސް ފަސޭހައިން ބެލޭގޮތެއް ހެދުމެވެ. މައިދާން ރީތިވުމުގެ އިތުރަށް މިކަމުން ކުދިންނަށް ސައިންސްގެ އުޞޫލުތައް ދަސްވާނެއެވެ. މީހުން އަތުގައި އަޅާގަޑިން ވާވަރު ބެލޭނީ  މިފަަދަ މުޒައްވަލާތަކުން ފެންނަ ވަގުތު ”އީކްއޭޝަން އޮފް ޓައިމް“ އަށް ނިސްބަތްކޮށެވެ.  އިހުގައި ގަޑި ހަމަކުރަނީ ވެސް މިގޮތަށެވެ.

analemma1އިރަކީ ސޯލާ ސިސްޓަމްގައި ހުރިތަނުގައި ހުންނަ އެއްޗެއް ކަމުގައި ވިޔަސް ދުނިޔޭގެ އޯބިޓް ވަށްނުވުމުންނާއި ދުނިޔޭގެ ތަނޑި ކަތިކޮށް އޮންނާތީ އަޅުގަނޑުމެންނަށް އިރު ފެންނާނީ އަހަރުގެ އެކި ދުވަސްވަރު އެއްވަގުތެއްގައި އެކި ތަންތަނުގައި ހުއްޓައެވެ. އިރުގެ މި ”ދުވުން ދުވަނީ ”8“ އަށެއްގެ ބައްޓަމަށް އޮންނަ މަގެއްގައި ކަމަށް ހީވާނެއެވެ. މިމަގަށް އިނގިރޭސި ބަހުން ކިޔަނީ އެނަލެއްމާ (analemma) އެވެ. މި ސާލެއްގެ ގޮތުން އަހަރެއް ވަންދެން ކޮންމެ ހުކުރު ދުވަހު ފަހެއް ޖަހާއިރު، އިރު ހުރިތަނުގެ ފޮޓޯއެއް ނަގައި، އެ ފޮޓޯތަކުގައި އިރުހުރި ތަންތަން އެއްފޮޓޯއަކަށް ގެނެސްފިނަމަ ފެންނާނީ މި ފޮޓޯގައިވާ ފަދަ ގޮތަކަށެވެ.

މި މަޒުމޫނު ކިޔުއްވާފައި، ފުރިހަމަކުރުމުގެ ގޮތުން ބައެއް ކޮމަންޓް ދެއްވި އަލްފާޟިލް ޙައްސާން ޢަބްދުއްރައްޒާޤު އަށާއި އަޙްމަދު ޞާލިޙް އަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެހެނަސް،  މި މަޒުމޫނުގައި އިތުރު ކުށެއް ވާނަމަ، އެ ކަމުން އެފަރާތްތައް ބަރީޢަވެގެން ވެއެވެ. މިހާރު ހުރި ހުރިހާ ކުށަކީ އަޅުގަނޑުގެ ”އުފެއްދުމެވެ.“